އާދީއްތަ20201011

އާކުރެވުނީ: 08:43:52

ހިމަބިހި

himabihi1ހިމަބިހި(Measles) ނުވަތަ ހިމަ ބިއްސަކީ ވައިރަސް އެއްގެ ސަބަބުން ޖެހޭ ގައިންގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މިބަލި ޖައްސަނީ ޕެރަމިކްސޯ ވައިރަސް(Paramyxovirus) ގެ ތެރޭގައި ހިމެނޭ މީސްލް ވައިރަސް(Measles) ގެ ސަބަބުންނެވެ. އާންމު ގޮތެއްގައި މިބުނި ވައިރަސް އަކީ ނޭވާލާ ނިޒާމަށް ބަލި ޖައްސުވާ ވައިރަސް އެކެވެ.

ގިނައިން ޖެހެނީ ކުޑަކުދިންނަށް ކަމަށްވިޔަސް އާންމުކޮށް ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ހިމަބިހި ޖެހިދާނެ އެވެ. އެއްފަހަރު ހިމަބިހި ޖެހުމުން މުޅި އުމުރަށް އެމީހާ ހިމަބިހިން ދިފާޢުކޮށް ދެއެވެ. 1963 ވަނަ އަހަރު ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ތަޢާރަފްކުރި ފަހުން ހިމަބިހި ޖެހޭ މިންވަރު ނިސްބަތުން ދަށްވެގެން ގޮސްފައި ވެއެވެ.

ސަބަބު

ހިމަބިހި ޖެހެނީ "މީސްލްސް ވައިރަސް"(Measles) ގެ ސަބަބުންނެވެ. މިއީ ޕެރަމިކްސޯ ވައިރަސް(Paramyxovirus) ގެ ތެރޭގައި ހިމެނޭ "މޯބިލިވައިރަސް"(Morbillivirus) ގެ ވައްތަރެކެވެ. މިއީ އާރުއެންއޭ ވައިރަސް އެކެވެ. އިންސާނުންގެ ހަށިގަނޑަކީ މިވައިރަސް ގެ ނަސްލު ދަމަހައްޓުމަށް ހިޔާވަހިކަން ހޯދާ ހިޔާވެއްސެވެ. އެއްވެސް އެހެން ދިރޭއެއްޗެއްގައި މިވައިރަސް ރިޒާވަރެއްގެ ގޮތުން ހުންނަކަން ހޯދިފައެއް ނުވެއެވެ.

ގައިންގަޔަށް އެރުން

ބަލިޖެހިފައިވާ މީހާގެ ފުށުން އެހެން މީހުންގެ ގަޔަށް ބަލި ފަތުރަނީ ބައްޔާއި ގުޅިގެން ގައިގައި ނަގާ ބިހިތައް ފެނުމުގެ 5 ދުވަސް ކުރިންނާއި، އަދި ބިހިތައް ފެނުމަށްފަހު 5 ދުވަސް ހަމަވުމާއި ދެމެދުގައި އޮންނަ މުއްދަތުގެ ތެރޭގައެވެ. މިއީ ހިމަބިހީގެ ބަލި ފަތުރާ މުއްދަތު (Infectious period)އެވެ. ހިމަބިހި ޖެހިފައި ތިބޭ މީހުންނާއި، އެކުއުޅޭ 90 އިންސައްތަ މީހުންނަށް ހިމަބިހި ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ބުނެވެއެވެ.

ހިމަބިހީގެ ވައިރަސް ހިޔާވަހިކަން ހޯދައިގެން ތިބެނީ ބަލިޖެހިފައި ހުންނަ މީހާގެ ކަރާއި، ނޭފަތުގެ އެތެރެއިން ލެވިފައިވާ ތެތް ދުލި ފަށަލަަ އިގެ ތެރޭގައެވެ. އެހެންކަމުން ބަލިޖެހިފައިވާ މީހާ ކެއްސައި، ކިނބިހި އެޅުމުގެ ތެރޭގައި، ވައިގެ ތެރެއަށް ވައިރަސްތައް ބޭރުވެގެން ދެއެވެ. އަދި ނޭވާލުމުގެ ޒަރީޢާއިން ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ވައިރަސް ވާޞިލްވެ، އެމީހަކަށް ބަލި ޖައްސުވައެވެ.

ހަމަ މިހެން ވައިރަސް އާއި ތަޣައްޔަރުވެފައިވާ އެއްޗަކަށް މިސާލަކަށް ބަލިމީހާ ގެންގުޅޭ ޓިޝޫ، ރުމާ، ތުވާލި ފަދަ އެއްޗެއްގައި އަތްލުމަށްފަހު، ސަލާމަތުން ހުރި މީހާ އަތްނުދޮވެ، އަނގަޔަށް އަތްލައިފިނަމަ އެމީހަކަށް ބަލިޖެހިދާނެ އެވެ. ވައިރަސް އާއި ތަޣައްޔަރުވެފައިވާ ތަކެތީގައި ހީވާގިކަމާއެކު ވައިރަސް 2 ގަޑިއިރުގެ މުއްދަތަށް ދިރިދެމި ހުރެއެވެ. ހަމަ މިހެން ކެއްސާއި ކިނބިހިއެޅުމުގެ ތެރޭގައި ވައިގެ ތެރެއަށްދާ ވައިރަސް ވެސް ރައްކާތެރިކަމާއެކު 2 ގަޑިއިރެއްހާއިރު ދިރިހުރެއެވެ.

ހިމަބިހި ފެތުރެނީ :-

   • ބަލިމީހާ ކެއްސާ ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވާ ޖަރާސީމު ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ވާޞިލްވުން

   • ޖަރާސީމާއި ތަޣައްޔަރުވެފައިވާ އެއްޗެއްގައި އަތްލެވުމަށްފަހު، އަތްނުދޮވެ، ނޭފަތް، އަނގަ ނުވަތަ ލޮލުގައި އަތްލުން

   • ބަލިޖެހިފައިވާ މީހާ ބޭނުންކޮށްފައިވާ ކާބޯތަކެތި އަނެކާ ބޭނުންކުރުން : މަދުން ނަމަވެސް މިގޮތަށް ހިމަބިހި ޖެހެއެވެ.

ހިމަބިހި ޖެހުމުގެ ފުރުޞަތު ބޮޑު ފަރާތްތައް

   • ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެފައިވާ ކުޑަކުދިންނާއި މީހުން : އެގޮތުން ލޭގެ ކެންސަރާއި، އޭޑްސް ފަދަ ބަލިތަކާއި، އަދި ސްޓީރޮއިޑް ފަދަ ބޭސް ބޭނުންކުރުމުގެ ސަބަބުން ދިފާޢީ ބާރު ދެރަވެފައިވާ މީހުންނަށް ފަސޭހައިން ހިމަބިހި ޖެހޭގޮތް ވެއެވެ.
   • ހިމަބިހި އާންމު ހިސާބުތަކަށް ދަތުރުކޮށްއުޅޭމީހުން : ހިމަބިއްސަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށްވާތީ، ހިމަބިހި އުޅޭ ހިސާބަކަށް ދަތުރުފަތުރުކުރާ މީހުންނަށް ފަސޭހައިން ހިމަބިހި ޖެހެއެވެ.
   • ކާނާ ގޯސްވުން ކުރިމަތިވެފައިވާ ކުޑަކުދިންނާއި މީހުން
   • ވިޓަމިން އޭ ހަށިގަނޑުގައި މަދުވެފައިވާ ކުޑަކުދިންނާއި މީހުން
   • މާބަނޑު މީހުން

ފެންނަ އަލާމާތްތައް

ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު (Incubation period): ބަލީގެ ޖަރާސާމް ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތިކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން ހިމަބިހި ޖައްސާ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު އޭގެ އަލާމާތްތައް ފެނުމާއި ދެމެދު، 8-12 ދުވަހާއި ދެމެދުގެ މުއްދަތެއް ހޭދަވެއެވެ. ބައެއް ފަހަރު 7-21 ދުވަހާއި ދެމެދުގެ މުއްދަތެއް ހޭދަވުމަކީ ވެސް ހުރުމަކީ ވެދާނެ ގޮތެކެވެ.މިމުއްދަތަކީ ހަށިގަނޑުގައި ވައިރަސްތައް ގިނަވެ އިތުރުވާ މުއްދަތެވެ.

ބަލިފަތުރާ މުއްދަތު (Infectious period): އެހެން މީހުން ގަޔަށް ބަލި ފަތުރަނީ ބައްޔާއި ގުޅިގެން ގައިގައި ނަގާ ބިހިތައް ފެނުމުގެ (2-4 ދުވަސް) ނުވަތަ 5 ދުވަސް ކުރިން ފެށިގެން، އަދި ބިހިތައް ނަގަށް ފެށުމަށްފަހު އަންނަ ފުރަތަމަ 5 ދުވަހާއި ދެމެދު ހޭދަވާ މުއްދަތުގެ ތެރޭގައެވެ. މިއީ ހިމަބިހީގެ ބަލި ފަތުރާ މުއްދަތު (Infectious period)އެވެ.

ހިމަބިހީގެ އަލާމާތްތައް

ހިމަބިހި ޖެހުމުން އެންމެ ފުރަތަމަ ފެންނަ އަލާމާތަކީ ގަދަޔަށް ހުން އައުމެވެ. އާންމު ގޮތެއްގައި ހިމަބިހި ޖެހުމުން އަންނަ ހުން ހުންނަނީ 38 ޑިގްރީ ސެލްޒިއަސް އަށްވުރެ މަތީގައެވެ. ބައެއް ފަހަރު ހުންގަދަވެގެން ގޮސް 40 ޑިގްރީ ސެލްޒިއަސް އަށް ވެސް އަރައެވެ. އެއަށްފަހު ފެންނަ އަލާމާތްތަކުގެ ތެރޭގައި ނޭފަތުން އަރިދަފުސް ނުވަތަ ފެންއައުން، ކިނބިހިއެޅުން، ކަރުތެރެ ހަލާކުވެ ފާރުވުން، ކެއްސުން، ވަރުބަލިވުން، ނުތަނަވަސްވުން، ގައިގައި ނުވަތަ މަސްތަކުގައި ރިހުން، އަދި ކާހިތްނުވުން ފަދަ ކަންތައްތައް ހިމެނެއެވެ. ވަރަށް ގިނަ ފަހަރު ލޯރަތްވެ،ލޮލަށް ލޭއެރި، ހިރުވައި، ދުޅަވެ، އައްޔަށް ތަހައްމަލު ނުކުރެވޭގޮތް (އަލިވުމުން އުދަނގޫވުން) ދިމާވެއެވެ. މަދުން ނަމަވެސް ހަށިގަނޑުގެ އެކި ހިސާބު ތަކުގައި ގޮށްލުމަކީ ވެދާނެ ގޮތެކެވެ.

himabihi3މަތީގައި ބަޔާންކުރެވުނު އަލާމާތްތައް 3-5 ދުވަހާއި ދެމެދުގެ މުއްދަތަކަށް ދެމިހުރެއެވެ. މިއަލާމާތްތައް ފެންނަ މަރުހަލާ ނިމޭ ހިސާބުގައި (ގާތްގަނޑަކަށް ހިމަބިހި ޖެހޭތާ 4 ވަނަ ދުވަސް ހާތާގައި ) އަނގައިގެ ތެރޭގައި ކުދިކުދި ރަތްއަޅި ކުލައިގެ ތިކިތަކެއް (އަޅިނޫކުލައިގެ) ނުވަތަ ލައްތަކެއް ހުންނަ އެއްޗެތި ތަކެއް ފާޅުވެއެވެ. މިރަތްތިކިތަކަށް ކިޔަނީ "ކޮޕްލިކް ސްޕޮޓް"(Kopliks spot) އެވެ. މިރަތްތިކިތައް ނަގާފައި ހުންނަނީ ކޮލުތެރޭގައެވެ. އަނގައިގެ ތެރޭގައި މި ތިކިތައް ހުންނައިރު ހީވާނީ "ވެލިފުށް" ތަކެއް ހުންނަ ހެންނެވެ. ގާތްގަނޑަކަށް 18 ގަޑިއިރުގެ ތެރޭގައި މި ރަތްތިކިތައް ފިލައިގޮސް، ރަތް ކުލައަކަށް ހުންނަ ކުދިކުދި ބިހިތަކެއް ހަށިގަނޑުން ފާޅުވާން ފަށައެވެ. މިބިހިތައް ހުންނަނީ ތުންބިހި ނުވަތަ ފެންބިހި ތަކެއްގެ ސިފައިގައެވެ.

ހަށިގަނޑުގައި ނަގާ ރަތް ކުލައިގެ ބިހިތައް ފުރަތަމަ ނަގަނީ ނިއްކުރި މަތިން ގޮސް ބޮލުގެ އިސްތަށި ފެށިފައި ހުންނަ ހިސާބުންނެވެ. އެއަށްފަހު، މޫނާއި، ކަރު އަދި ކަންފަތުގެ ފަހަތުގައެވެ. އެއަށްފަހު 3-2 ދުވަހުގެ ތެރޭގައި، ބުރަަކަށި، މޭމަތި، އަތް، އަތްތިލަ، ފައި، ފައިތިލަ، އަދި މުޅި ހަށިގަނޑަށް ބިހިތައް ފެތުރިގެން ދެއެވެ. މިބިހިތައް ނަގާ ދުވަސްވަރު ހުން ހުންނަ މިންވަރު 40 ޑިގްރީ ސެލްޒިއަސް އަށް މަތިވެގެން ދެއެވެ. ނަމަވެސް 2 ދުވަހެއްގެ ތެރޭގައި ކުރިން ހުރި މިންވަރަށް ހުން އަނބުރާ ރުޖޫއަ ވެއެވެ. ހިމަބިހި ޖެހުމުން ހަށިގަނޑުގައި ނަގާ ބިހިތައް ގާތްގަނޑަކަށް 4-7 ދުވަހުގެ މުއްދަތަށް ދެމިހުރެއެވެ. ކޮންމެވެސް ވަރަކަށް ބައެއް ފަހަރު ބިހިތައް ހިރުވައި ކަހާގޮތް ވެއެވެ. އެއަށްފަހު ބިހިތައް ތިރިވެ، ރަގަޅުވެދެއެވެ. ބިހިތައް ތިރިވެ ދިއުމުން ބައެއް ފަހަރު ހަށިގަނޑުގައި މުށިކުލައިގެ ލައްތަކެއް ހުރެދާނެ އެވެ. ނަމަވެސް މަޑުމަޑުން މިލައްތައް ވެސް ފިލައި ނެތިދެއެވެ. ބިހިތައް ތިރިވެ، ފިލައި، ނެތިދާން ފަށަނީ ބިހިތައް ފެންނަށް ފެށި ތަރުތީބުންނެވެ. މާނައަކީ އެންމެ ފުރަތަމަ ބިހިތައް ތިރިވެ ފިލާނީ، މޫނާއި ކަރުންނެވެ. ބިހިތައް ފުރަތަމަ ނަގާ ދުވަސްވަރު ބިހިތަކަށް ފިއްތާލުމުން ހަންގަނޑުގެ ކުލަ ހުދުވެގެން (ފަނޑުވެގެން) ދާނެއެވެ. ނަމަވެސް ދެތިން ދުވަސް ފަހުން މިބުނި ގޮތަށް ހަންގަނޑަށް ނުވަތަ ބިހިތަކަށް ފިއްތާލުމުން ހަންގަނޑުގެ ކުލަ ފަނޑުވެގެނެއް ނުދާނެ އެވެ.

އާންމު ގޮތެއްގައި ހިމަބިހި ޖެހުމަށްފަހު، އޭގެ ސަބަބުން އިތުރު ނުރައްކާތަކާއި ދިމާނުވާނަމަ، 7-10 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި އެބަލީގެ އުދަނގޫތައް ފިލައިގޮސް ރަގަޅުވެދެއެވެ.

ނުރައްކާތައް

ހިމަބިހި ޖެހި ރަގަޅުނުވެ، ގިނަ ދުވަސްވުމުން ބައެއް ފަހަރު ނުރައްކާތެރި މައްސަލަތައް ފެންމަތިވެގެން އާދެއެވެ. އާންމު ގޮތެއްގައި މިއުދަނގޫތައް 5 އަހަރުން ދަށުގެ ކުދިންނާއި، 20 އަހަރުން މަތީގެ މީހުންނާއި ،ދިފާޢީ ބާރު ދަށް މީހުންނަށް، އަދި ކާނާ ގޯސްވުން ކުރިމަތިވެފައިވާ ކުދިން ނުވަތަ ރަގަޅުކާނާ ނުލިބޭ ކުދިންނަށް، ކުރިމަތިވާ މިންވަރު އިތުރުކަން ވަނީ ފާހަގަ ކުރެވިފައެވެ. ހިމަބިހި ޖެހޭ 30 އިންސައްތަ މީހުންނަށް މިއިން ކޮންމެވެސް އުދަނގުލެއް ކުރިމަތިވާކަމަށް ދިރާސާ ތަކުން ދައްކައެވެ.

(ހ) – ނޭވާލާ ނިޒާމަށް ދިމާވާ މައްސަލަތައް : ނޭވާލާ ނިޒާމަށް ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި، ލަގޮނޑި ދުޅަވުން، ނިއުމޯނިޔާ ޖެހުން، ވައިނޮޅި ދުޅަވުން، ފުއްޕާމޭގެ ތެރޭގައި ހުންނަ ކުދި ވައިކޮތަޅުތައް ދުޅަވުން، އަދި ކަންފަތުގެ މެދުބައިގައި ޖަރާސީމު އެޅުން ފަދަ ކަންތައްތައް ހިމެނެއެވެ. ނިއުމޯނިޔާ ޖެހުމުން ދިމާވެދާނެ އުދަނގޫ ތަކުގެ ތެރޭގައި ނޭވާކުރުވުން، ނޭވާލާން އުދަނގޫވުން، މޭގައި ރިހުން ފަދަ ކަންތައްތައް ހިމެނެއެވެ.

(ށ) – ލޮލަށް ދިމާވާ މައްސަލަތައް : ލޮލަށް ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި، ލޮލުރޯގާ ޖެހުން(Conjunctivitis) ، ލޮލުގެ ކުރިމަތީގައި އިންނަ ސާފު ކަވަރު ނުވަތަ ލޮލުގެ ހާމަދުލި(Cornea) އޭ ކިޔޭ މަޑު ޖެލީކޮޅެއްފަދަ ސާފު ބައި ދުޅަވުން، އަދި އެބައި(ލޮލުގެ ހާމަދުލި) އާދަޔާ ޚިލާފަށް މަޑުވުން، ލޮލުގެ ހާމަ ދުލީގައި ފާރުހެދުން(Corneal ulcer) ، ލޯދުޅަވުން އަދި ލޯއަނދިރިވުން ފަދަ ކަންތައްތައް ހިމެނެއެވެ. އާންމު ގޮތެއްގައި ރޯނާވެ، ލޯއަދިރިވުމުގެ މައްސަލަ ދިމާވަނީ ވިޓަމިން އޭ މަދުވުން ކުރިމަތިވުމާއެކު ހިމަބިހި ޖެހުމުންނެވެ. މީގެ އިތުރުން ލޮލުނާރަށް ހިމަބިހީގެ ވައިރަސްގެ އަސަރު ކުރުމަކީ ވެސް ލޯއަނދިރިވުން މެދުވެރިކުރުވާ ސަބަބެކެވެ. 3 ވަނަ ދުނިޔޭގެ ގައުމުތަކުގައި ލޯއަދިރިވުން ދިމާވާ މައިގަނޑު ސަބަބަކީ ވެސް ހިމަބިހި ޖެހުމެވެ. ތަފާތު ހިސާބުތަކުން ދައްކާގޮތުގައި މިފަދަ ގައުމުތަކުގައި އަހަރަކު 60 ހާސް ކުދިންނަށް ހިމަބިހި ޖެހިގެން ލޯއަދިރިވެއެވެ. މަދުން ނަމަވެސް ހިމަބިހި ޖެހުމުން ލޯއަވަރުވުން ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. މިއީ ހިމަބިހީގެ ވައިރަސްގެ އަސަރު ލޮލުގެ ނާރާއި މަސްތަކަށް ކުރުމުން މެދުވެރިވާ ކަމެކެވެ.

(ނ) – ހަޖަމުކުރާ ނިޒާމަށް ދިމާވާ މައްސަލަތައް : ހަޖަމުކުރާ ނިޒާމަށް ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި، އަނގަ ފާރުވުން، އަދި ބޭރަށްހިންގުން ފަދަ ކަންތައްތައް ހިމެނެއެވެ. ބޭރަށްހިންގުމަކީ ހިމަބިހި ޖެހޭ މީހުންނަށް އެންމެ އާންމުކޮށް ދިމާވާ އެއް ނުރައްކަލެވެ. ގާތްގަނޑަކަށް މިބަލިޖެހޭ މީހުންގެ ތެރެއިން 8 އިންސައްތަ މީހުންނަށް ބޭރަށްހިންގުމުގެ މައްސަލަ ދިމާވެއެވެ. މީގެ އިތުރުން މޭގަނޑު ދުޅަވުމުގެ މައްސަލަ ވެސް މަދުންނަމަވެސް ކުރިމަތިވެއެވެ.

(ރ) – ނާރުތަކުގެ ނިޒާމަށް ދިމާވާ މައްސަލަތައް : ސިކުނޑިއާއި ނާރުތަކުގެ ނިޒާމަށް ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި ސިކުނޑި ދުޅަވުން، ވާގިއެރުން، ފިޓުޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ. ބައެއް ހޭވެރިކަން ގެއްލި ފުރާނަ އަށް ނުރައްކާވުމަކީ ވެސް ވެދާނެ ގޮތެކެވެ. ސިކުނޑި ދުޅަވުން ކުރިމަތިވާ މީހުންގެ ތެރެއިން 15 އިންސައްތަ މީހުން ދުނިޔެ ދޫކުރާ ކަމަށް ތަފާތު ހިސާބުތައް ދައްކައެވެ. ސިކުނޑި ދުޅަވުމުގެ މައްސަލަ އާންމުކޮށް ދިމާވަނީ ހިމަބިހިޖެހިގެން ހަމުން ނަގާ ބިހިތައް ފެންނަތާ ގާތްގަނޑަކަށް ހައެއްކަ ދުވަސް ފަހުންނެވެ. ސިކުނޑި ދުޅަވުން ކުރިމަތިވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ބޮލުގައި ރިހުން، ހޮނޑުލުން، ތާއްޔަށްޖެހުން، ކަރުހަރުއެރުން، ވާގިއެރުން، އަދި ހޭވެރިކަން ގެއްލުން ހިމެނެއެވެ.

(ބ) - ހަށިގަނޑުން ފެންހުސްވުން : އެގޮތުން ހަށިގަނޑުން ފެން ހުސްވުމުގެ އަލާމާތްތައް ފާހަގަކޮށް އެކަންކަން ދެނެގަތުން މުހިއްމެވެ. އެގޮތުން ކުޑަކުއްޖެއްގެ ފުށުން ފެން ހުސްވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-
o ރޯއިރުގައި އަނގައާއި ދޫ ހިކިފައި ހުރުން
o ރޯވަގުތުގައި ކަރުނަ ނެތުން
o ނެޕީ ބަދަލުކުރުމަށްފަހު ތިންގަޑިއިރުވާއިރުވެސް ނެޕީ ތެމިފައި ނެތުން
o ބަނޑާއި ލޯ އަދި ކޯމަތި ހިނދިފައި ނުވަތަ ވަޅުވަދެފައިވުން
o ސިކުނޑިވަޅު ހިނދި އަޑިއަށްދިއުން
o ހުން ވަރަށް ގަދަކޮށް ހުރުން
o އުނދަގޫތަކެއްވާތީ އުޅުން
o ހަންގަނޑު ހިކިވެ،ދޫވެ، ނިކަމެތިވުން
o ބަރުދަން ލުއިވުން

ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ހިމަބިހި ޖެހޭ މީހުންގެ ތެރެއިން ކޮންމެ 4 މީހުންގެ ތެރެއިން އެކަކު މަރުވާ ކަމަށް ދިރާސާ އަކުން ވަނީ ހާމަވެފައެވެ. އެފްރިކާގެ ގައުމު ތަކުގައި ކުޑަކުދިންނަށް ލޯއަނދިރިވުން މެދުވެރިވުމުގެ މައިގަނޑު ސަބަބެއް ކަމުގައި ބެލެވިފައިވަނީ ވެސް ހިމަބިހި ޖެހުމެވެ. ދުނިޔޭގައި ހިމަބިހި ޖެހިގެން އަހަރަކު 1 މިލިޔަން ކުޑަކުދިން މަރުވާ ކަމަށް ތަފާތު ހިސާބުތަކުން ދައްކައެވެ.

މާބަނޑު ދުވަސްވަރާއި ހިމަބިހި

މާބަނޑު ދުވަސްވަރު ހިމަބިހިޖެހިއްޖެނަމަ ބަނޑުގައިވާ ތުއްތު ދަރިފުޅަށް އޭގެ އަސަރު ކުރުމަކީ ވެދާނެ ގޮތެކެވެ. އެގޮތުން ކުރިމަތިވެދާނެ ކަންތައްތަކުގެ ތެރޭގައި:-

• ބައިގެންދިއުން
• ބަނޑުގެ ތެރޭގައި ތުއްތު ދަރިފުޅު މަރުވުން
• ދުވަސްނުފުރާ ވިހެއުން
• ތުއްތު ދަރިފުޅުގެ ބަރުދަން ލުއިވުން

މާބަނޑު ދުވަސްވަރު ހިމަބިހިޖެހިގެން ބަނޑުގައިވާ ދަރިފުޅުގެ ހަށިގަނޑުގައި ޢައިބު އުފެދުމުގެ ފުރުޞަތު ވަރަށް ކުޑަ އެވެ. ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ޢައިބު އުފެދެނީ މާބަނޑު ދުވަސްވަރު ހިމަބިހީގެ ވައްތަރެއް ކަމުގައިވާ "ޖަރުމަނު ހިމަބިހި"(German measles) ޖެހުމުންނެވެ.

ބަލި ދެނެގަތުން

ހިމަބިހި ހުރިކަން އާންމު ގޮތެއްގައި ދެނެގަނެވެނީ ބަލިޖެހިފައިވާ މީހަކާއި މާގައިގޯޅިކޮށް އުޅުނުތޯ ބެލުން، ބަލީގެ އަލާމާތްތައް ހުރިތޯ ބެލުން، އަދި ޚާއްޞަކޮށް ބައްޔާއި ގުޅިގެން ހަށިގަނޑުގައި ނަގާ ބިހިތައް ހުރިތޯ ބަލައިގެންނެވެ. އަދި މީގެ އިތުރުން 3 ދުވަހަށްވުރެ ދިގުމުއްދަތަކަށް 38 ޑިގްރީއަށް ވުރެ މަތީގައި ހުން ހުރިތޯ ވެސް ބަލައެވެ.

ބައެއް ފަހަރު ލޭގެ ޓެސްޓެއް ވެސް ހަދަން ޖެހިދާނެ އެވެ. އެއީ ހިމަބިހިތޯ ޔަގީންކުރުމަށާއި، އަދި އެހެން ބައްޔެއްގެ ސަބަބުން ކުރިމަތިވާ އުދަނގޫ ތަކެއްތޯ ދެނެގަތުމަށްޓަކައެވެ. ބަލި ޔަގީންކުރުމަށް ބައްޔާއި ދެކޮޅަށް ހަށިގަނޑުގައި ހަށިދަމަނަ އުފެދިފައި ހުރިތޯ ބަލަންޖެހެއެވެ. ނޭފަތުން ނުވަތަ އަނގައިގެ ތެރެއިން ފައިބާ ދަވަ، އަރިދަފުސް ފަދަ އެއްޗެއް ނަގައިގެން އެ ވަކި މީޑިއަމް އެއްގައި ހައްދައި ދިރުވައިގެން ވައިރަސް ހުރިތޯ ދެނެގަނެވެއެވެ. ބައެއް ހާލަތުގައި ނިއުމޯނިޔާގެ އަސަރު ހުރިތޯ ޔަގީންކުރުމަށްޓަކައި މޭގެ އެކްސްރޭ އެއް ވެސް ނަގަން ޖެހިދާނެ އެވެ.

ޑޮކްޓަރަށް ދައްކާނީ ކޮންއިރަކު؟

އާންމު ގޮތެއްގައި ގިނަ ކުޑަކުދިންނާއި މީހުންނަށް ހިމަބިހި ޖެހުނަސް ވަރަށް އަވަހަށް މާބޮޑު ނުރައްކާތަކެއް ކުރިމަތި ކުރުވުމަކާ ނުލައި ރަގަޅު ވެއެވެ. ގޭގައި ވީވަރަކުން އަރާމުކުރުމާއި، ގިނައިން ދިޔާތަކެތި ބޭނުންކުރުން، އަދި ދިމާވެފައިވާ އުދަނގޫތަކަށް ޑޮކްޓަރު ދީފައިވާ ބޭސްތައް ގަވާޢިދުން ބޭނުންކުރަމުން ގެންދިއުން ރަގަޅުވާނެ އެވެ. ނަމަވެސް ގޭގައި މިކަންކަން ފުރިހަމަކުރަމުން ދަނިކޮށް ކުއްޖާގެ ޙާލަތު ގޯސްވާނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދައްކަންވާނެ އެވެ. އެގޮތުން އަންނަނިވި ކަމަކުން ކުރެ ކަމެއް ފާހަގަވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުން މުހިއްމެވެ.
   • ނިދިއައިސް، ތާއްޔަށްޖެހުން
   • ފިޓުޖެހުން
   • ނޭވާލާން އުދަނގޫވުން
   • ހަށިގަނޑުން ފެންހުސްވުމުގެ އަލާމާތްތައް ފެނުން

ބަލީގެ ފަރުވާ

ހިމަބިއްސަށް ފަރުވާކުރުމަށް ދެވޭ ވަކި ޚާއްޞަ ބޭހެއް ނުވަތަ މިބައްޔަށް ވަކި ޚާއްޞަ ފަރުވާ އެއް ނޯވެއެވެ. ހިމަބިއްސަށް އާންމުކޮށް ފަރުވާކުރެވެނީ ގޭގައެވެ. އެއީ ބަލީގެ ޙާލަތު ގޯސްވެ، ނުރައްކާތެރ ިޙާލަތަކަށް ބަދަލުވެފައި ނުވާނަމަ އެވެ. ބައްޔާއި ގުޅިގެން ކުރިމަތިވާ ނުރައްކާތެރި އުދަނގޫތައް މެދުވެރި ނުވާނަމަ، އާންމު ގޮތެއްގައި 2 ހަފްތާގެ ތެރޭގައި ބަލި ފަސޭހަވެ ދެއެވެ. ނުރައްކާތެރި ހާލަތުގައި ހޮސްޕިޓަލުގައި އެދުމަތިކޮށްގެން ފަރުވާ ދޭން ޖެހެއެވެ.

ހިމަބިހި ޖެހުމުން އެންމެ އެދެވިގެންވަނީ ރަގަޅަށް އަރާމުކުރުމެވެ. ހިމަބިހި ޖެހިފައިވާނަމަ އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދޭށެވެ.

(ހ) – ގިނައިން ދިޔާތަކެތި ބުއިން : ވީވަރަކުން ގިނައިން ދިޔާތަކެތި ބޯށެވެ. ނުވަތަ ދޭށެވެ. ގަދަޔަށް ހުންނައިރު އެކަށޭނަ ވަރަށް ދިޔާތަކެތި ނުބޯނަމަ، ވަރަށް ފަސޭހައިން ހަށިގަނޑުން ފެން ހުސްވާގޮތް ވެއެވެ. މިގޮތުން ބޭނުންކުރެވިދާނެ ދިޔާތަކެތީގެ ތެރޭގައި، ލޮނު ޕެކެޓް، ފެން، ކުރުނބާފެން، ސައި، މޭވާ ޖޫސް، އަދި ލުނބޯހުތު ފަނި ފަދަ ތަކެތި ހިމެނެއެވެ. ހިމަބިހިޖެހުމަކީ ހަށިގަނޑުން ފެންހުސްވުން މެދުވެރިވާ ކަމަކަށްވާތީ ވީހާ ވެސް ގިނައިން ދިޔާތަކެތި ދިނުން މުހިއްމެވެ.

(ށ) – ގޭގައި ތަދުކެނޑުވުމަށާއި ހުން ތިރިކުރުމަށް ހުންނަ ބޭސްތައް ބޭނުންކުރެވިދާނެ އެވެ. 20 އަހަރުން ދަށުގެ ކުދިންނަށް އެސްޕިރިން ފަދަ ތަކެތި ދިނުމަކީ ރަގަޅު ކަމެއް ނޫނެވެ. އެއީ އެސްޕިރިންގެ ސަބަބުން "ރޭޒް ސިންޑްރޯމް" ކިޔާ ބައްޔެއް ފެންމަތިވެގެން އަންނާތީ އެވެ. މީގެ އިތުރުން "ލޫކްވާރމް ވޯޓަރ" ބޭނުންކޮށްގެން ސްޕަންޖު ބާތު ދިނުމަކީ ހުންތިރިކޮށްދޭ ކަމެކެވެ.

(ނ) – ލޮލަށް އަރާމާއި ފަސޭހަކަން ހޯދައިދޭށެވެ. ލޯ ގަދަ އައްޔަށް ނާޒުކުނަމަ، މާގިނައިން ޓީވީ ބެލުމަކީ ރަގަޅު ކަމެއް ނޫނެވެ. ކޮޓަރީގެ ކުޑަ ދޮރުތައް ވެސް މާބޮޑަށް ހުޅުވާފައި ނުބަހައްޓާށެވެ. ކޮޓަރީގެ ދޮރުފޮތި ތައް ދަމާފައި ބެހެއްޓުމާއެކު، ކޮޓަރީގައި ފަނޑުއަލިކަމެއް ބެހެއްޓުން ރަގަޅެވެ. މިގޮތަށް ހެދުމުން އަލީގެ ސަބަބުން ލޮލަށްވާ އުދަނގޫ ކުޑަކޮށްދޭނެ އެވެ.

(ރ) – ވީވަރަކުން އަރާމުކުރާށެވެ. ބަލިވުމުން އަރާމުކުރުމުން ބަލި ފަސޭހަވުން އަވަސްވާނެ އެވެ.

(ބ) – އުމުރުން 1 އަހަރުން މަތީގެ ކުދިންނަށް ލުބޯހުތް ސައިސަމުސަލަކާއ، 2 ސައިސަމުސާ މާމުއި ތާފަނާ ފެންތައްޓަކަށް އަޅައިގެން ރަގަޅަށް ގިރުވުމަށްފަހު ދެއްވާށެވެ. މިއީ ރޯގާގެ އުދަނގޫ ލުއިކޮށްދޭނެ ކަމެކެވެ. އުމުރުން 1 އަހަރުން ދަށުގެ ކުދިންނަށް މާމުއި ދިނުމަކީ ރަގަޅު ކަމެއް ނޫނެވެ.

އާންމު ގޮެތެއްގައި ހިމަބިހީގެ ފަރުވާގެ ގޮތުގައި އެންޓިބަޔޮޓިކް ބޭނުމެއް ނުކުރެއެވެ. ނަމަވެސް ބަލީގެ ހާލަތު ގޯސްވެ ގިނަ ދުވަސްވުމުން ކުރިމަތިވާ ފުއްޕާމޭގައި ޖަރާސީމް އެޅުން، އަދި ކަންފަތުގައި ޖަރާސީމު އެޅުން ފަދަ ކަންކަމަށް އެންޓިބަޔޮޓިކް ބޭނުންކުރަން ޖެހިދާނެ އެވެ.

ވިޓަމިން އޭ

ހިމަބިހީގެ ސަބަބުން ބައެއް ފަހަރު ހަށިގަނޑުގައި ވިޓަމިން އޭ އެކުލެވޭ މިންވަރު ދަށްކޮށް ލައެވެ. ނަތީޖާއެއްގެ ގޮތުން ލޯހިކުން އަދި ލޯއަނދިިރވުން ފަދަ ކަންތައްތައް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ވިޓަމިން އޭ ގުޅަ ބޭސް ނުވަތަ ކެޕްސޫލް އަންނަނިވި ޙާލަތްތަކުގައި ބޭނުންކުރެވިދާނެ އެވެ.

- ހިމަބިހިޖެހިފައިވާ އުމުރުން 6 މަހާއި 2 އަހަރާއި ދެމެދުގެ ކުޑަކުދިން
- ހިމަބިހި ޖެހުމަށްފަހު ވިޓަމިން އޭ މަދުވެ ދިފާޢީ ބާރު ދަށްވެފައިވާ ކުޑަކުދިން
- ވިޓަމިން އޭ މަދުވެފައި ވަނިކޮށް ހިމަބިހި ޖެހިފައިވާ ކުޑަކުދިން

ވިޓަމިން އޭ ބޭނުންކުރުމަކީ ހިމަބިހީގެ ސަބަބުން ދިމާވާ ނުރައްކާތައް މެދުވެރިވުމުގެ ފުރުޞަތު ކުޑަކޮށްދޭ ކަމެކެވެ. އާންމު ގޮތެއްގައި ވިޓަމިން އޭ ދެވެނީ ވިޓަމިން އޭ މަދުވުން(Vitamin A deficiency) ކުރިމަތިވެފައިވާ ކުދިންނަށެވެ. ދިވެހިރާއްޖޭގައި ކޮންމެ 6 މަހުން އެއްފަހަރު ތުއްތު ކުދިންނަށް ވިޓަމިން އޭ ކެޕްސޫލް ދެމުން ގެންދެއެވެ. ހިމަބިހި ޖެހިފައިވާ ކުދިންނަށް ވިޓަމިން އޭ ކެޕްސޫލް 2 ފަހަރު ދޭން ޖެހެއެވެ. އެގޮތުން ދެވަނަ ކެޕްސޫލް ދޭނީ ފުރަތަމަ ކެޕްސޫލް ދިންތާ 24 ގަޑިއިރު ވުމަށް ފަހުގައެވެ. ހިމަބިހިޖެހިފައިވާ ކުދިންނާއި މީހުންނަށް ވިޓަމިން އޭ ކެޕްސޫލް ދިނުމަކީ އެކަމުގެ ސަބަބުން، ލޮލަށް ލިބޭ ގެއްލުންތައް ކުޑަކޮށްދީ އެކަމުން ރައްކާތެރިކޮށްދޭނޭ ކަމެކެވެ. އަދި ހިމަބިހިޖެހޭ ކުދިންގެ ތެރެއިން މަރުވާ ނިސްބަތް 50 އިންސައްތަ ވިޓަމިން އޭ ކެޕްސޫލް ދިނުމުން ދަށް ކުރެވިފައިވާކަން ފާހަގަ ކުރެވެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާގޮތުން ހިމަބިހި ޖެހޭ ހުރިހާ ކުދިންނާއި، މީހުންނަށް ވެސް އެކުއްޖެއްގެ އުމުރަށް ބަލާފައި، އަންނަނިވި ގޮތަށް ވިޓަމިން އޭ ދޭންޖެހޭނެ އެވެ.

- 6 މަހުން ދަށުގެ ކުޑަކުދިން : ދުވާލަކު 50 ހާސް އިންޓަނޭޝަނަލް ޔުނިޓް – 2 ޑޯޒް ފުރިހަމަވަންދެން

- 6-11  މަހާއި ދެމެދުގެ ކުޑަކުދިން : ދުވާލަކު 100 ހާސް އިންޓަނޭޝަނަލް ޔުނިޓް – 2 ޑޯޒް ފުރިހަމަވަންދެން

- 1 އަހަރުން މަތީގެ ކުޑަކުދިންނާއި މީހުން : ދުވާލަކު 200 ހާސް އިންޓަނޭޝަނަލް ޔުނިޓް – 2 ޑޯޒް ފުރިހަމަވަންދެން

- ވިޓަމިން އޭ މަދުވުން ކުރިމަތިވެފައިވާ ކުދިން : ފުރަތަމަ 2 ޑޯޒް އުމުރާ ގުޅޭގޮތުން އަދި 3 ވަނަ ޑޯޒް 2 ވަނަ ޑޯޒް ދިންތާ 4-2 ހަފްތާގެ ފަހުން

ހިމަބިހިޖެހިފައިވާ މީހަކާއި ގައިގޯޅިވުން ނުވަތަ އެފަދަ މީހަކާއެކު އުޅުން

ހިމަބިހިޖެހިފައިވާ ނުވަތަ ހިމަބިހީގެ ވެކްސިން ޖަހާފައިވާ މީހަކު، ހިމަބިހި ޖެހިފައިވާ މީހަކާއި ގައިގޯޅި ވިޔަސް އެއީ މައްސަލައެއް ނޫނެވެ. ނުވަތަ އެއީ ބިރުގަންނަންވީ ކަމެއް ނޫނެވެ. ސަބަބަކީ އެމީހާގެ ހަށިގަނޑުގައި ވެކްސިން ދިނުމުގެ ސަބަބުން، ނުވަތަ ކުރިން ހިމަބިހި ޖެހުމުގެ ސަބަބުން ހިމަބިއްސާއި ދެކޮޅަށް ދިފާޢުވުމުގެ ބާރު ހުންނާނެތީ އެވެ. ނަމަވެސް މިފަދަ ގޮތަކަށް ދިފާޢުވުމުގެ ބާރު ނެތް (ކުރިން ހިމަބިހި ނުޖެހި، އަދި ވެކްސިން ވެސް ޖަހާފައިނުވާ) މީހަކު، ހިމަބިހި ޖެހިފައިވާ މީހަކާއި ގައިގޯޅިވެއްޖެނަމަ، ވީއެންމެ އަވަހަކަށް ހިމަބިހީގެ ވެކްސިން ޖެހުމަކީ މުހިއްމު ކަމެކެވެ. އަދި މިގޮތުން ހިމަބިއްސާ ހުށަހެޅުނުތާ (ބަލިމީހާއާއި ގައިގޯޅިވިތާ) 3 ދުވަހުގެ ތެރޭގައި ވެކްސިން ދެވިއްޖެނަމަ ފަހަރުގައި ބަލިން ރައްކާތެރިކޮށްދީފާނެ އެވެ. އަދި ހިމަބިއްސަށް ހުށަހެޅުނުތާ 6 ދުވަހުގެ ތެރޭގައި އިމިޔޫނޯގްލޯބިޔުލިން ދީފިނަމަ، ފަހަރުގައި އެއިން ރައްކާތެރިކަމެއް ލިބުމަކީ ވެސް ވެދާނެ ކަމެކެވެ. އެމެރިކާގެ ސީޑީސީ އިން ލަފާދޭ ގޮތުގައި ހިމަބިހި ޖެހިފައިވާ މީހާއެކު އެއްގޭބިސީއެއްގައި އުޅޭމީހުން، ދިފާޢީ ބާރު ދަށްވެފައިވާ މީހުން އަދި މާބަނޑު މީހުންނަށް އިމިޔޫނޯގްލޯބިޔުލިން ދެވިދާނެ އެވެ. އަދި ހިމަބިހި ވަބާއެއްގެ ސިފައިގައި ފެތުރެމުންދާއިރު އެކަން ކޮންޓްރޯލްކުރުމަށް އިމިޔޫން ގްލޯބިޔުލިން ދިނުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

ބަލިން ރައްކާތެރިވުން

ހިމަބިހިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިއްމު ކަމަކީ އެބަލިން ރައްކާތެރިވުމަށް ތައްޔާރުކޮށްފައި ހުންނަ ވެކްސިން ދިނުމެވެ. މީގެ އިތުރުން ބަލިފެތުރޭ ގޮތްތަކުން ދުރުހެލިވެ ހުރުމަކީ ވެސް މުހިއްމު ކަމެކެވެ.

ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދިނުން

ހިމަބިިހން ރައްކާތެރިވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ ހިމަބިހިން ރައްކާތެރިވުމަށް ބޭނުންކުރެވޭ ވެކްސިން ޖެހުމެވެ. އެގޮތުން ހިމަބިހިން ރައްކާތެރިވުމަށް ކުޑަކުދިންގެ އުމުރުން 9 މަހުގައި މީސްލްސް ވެކްސިން(Measles vaccine) ދިނުމަކީ މުހިއްމު ކަމެކެވެ. ބައެއް ގައުމުތަކުގައި މީސްލްސް ވެކްސިންގެ ދެވަނަ ޑޯޒެއް ވެސް ދެއެވެ. އުމުރުން 18 މަހުގައި އެމްއެމްއާރު ވެކްސިން ދެއެވެ. މީގެ އިތުރުން ބައެއް ގައުމުތަކުގައި މިހާރު ކޯފުއްޕި، ހިމަބިހި، ޖަރުމަނު ހިމަބިހި، އަދި ފާނަ ބަސަނދުން ރައްކާތެރިކޮށްދޭ، އެމްއެމްއާރުވީ ވެކްސިން(MMRV vaccine) ވެސް ދީއުޅެއެވެ. ފަހުން މިބުނެވުނު އެމްއެމްއާރުވީ ވެކްސިން އުމުރުން 12 އަހަރުން މަތީގެ ކުދިންނާއި މީހުންނަށް ދިނުން އެދެވިގެނެއް ނުވެއެވެ. އަދި ތަންކޮޅެއް ކުރިން އެމްއާރު ވެކްސިން (MR vaccine) ގެ ނަމުގައި ހިމަބިހި އަދި ޖަރުމަނު ހިމަބިހިން ރައްކާތެރިކޮށްދޭ ވެކްސިނެއް ދީއުޅުނެވެ. ދިވެހިރާއްޖޭގެ ގައުމީ ވެކްސިން ޕްރޮގްރާމްގައި ހިމަނައިގެން މީސްލްސް ވެކްސިން އަދި އެމްއެމްއާރު ވެކްސިން ގަވާޢިދުން މިހާރު ދެމުން ގެންދެއެވެ.

އެމްއެމްއާރު ވެކްސިން

އެމްއެމްއާރު ވެކްސިން(MMR vaccine) އަކީ ހިމަބިހިން ރައްކާތެރިވުމުގެ ގޮތުން އުމުރުން 15-12 މަހާ ދެމެދު (ނުވަތަ 18 މަހުގައި) ދެވޭ ވެކްސިނެކެވެ. މިވެކްސިނަކީ ތަފާތު 3 ބައްޔަކުން ރައްކާތެރިވެ، ހިމާޔަތް ކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ. އޭގެ ތެރޭގައި ހިމެނެނީ ކޯފުއްޕި، ހިމަބިހި، އަދި ޖަރުމަނު ހިމަބިހި މި 3 ބައްޔެވެ. މިވެކްސިންގެ ބޫސްޓަރ ޑޯޒެއްގެ ގޮތުގައި އުމުރުން އުމުރުން 5-3 (ނުވަތަ 6-4 އަހަރާދެމެދު) އަހަރާއި ދެމެދުގައި ދެއެވެ. ސަބަބަކީ ބައެއް ފަހަރު އެންމެ ޑޯޒެއް ދިނުމުން އެދެވޭގޮތެއްގައި ހަށިގަނޑުގައި ބައްޔާއި ދެކޮޅަށް ދިފާޢުވުމުގެ ބާރު އުފައްދައިނުދޭތީ އެވެ.

މާބަނޑު މީހުންނަށް އެމްއެމްއާރު ވެކްސިން ދިނުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.އަދި ވެކްސިން ދިނުމަށްފަހު 1 މަސް ފާއިތުވުމުގެ ކުރިން ބަލިވެ އިނުމަކީ ވެސް ރަގަޅު ކަމެއް ނޫނެވެ. ގާތުން ކިރުދޭ މައިމީހާއާއި އަދި ގާތުން ކިރުދޭ ދަރިފުޅަށް ވެސް އެމްއެމްއާރު ވެކްސިން ދެވިދާނެ އެވެ.

އުމުރުން 13 މަސްވުމުން އެމްއެމްއާރު ވެކްސިން ދިނުމަކީ އެދެވިގެންވާ ކަމެކެވެ. ރާއްޖޭގައި މިވެކްސިން ދެނީ އުމުރުން 18 މަހުގައެވެ. ބައެއް ގައުމުތަކުގައި ދެވަނަ ޑޯޒެއް އުމުރުން 5-3 އަހަރާއި ދެމެދުގައި ދެއެވެ. ސަބަބަކީ ބައެއް ފަހަރު އެންމެ ޑޯޒެއް ދިނުމުން އެދެވޭގޮތެއްގައި ހަށިގަނޑުގައި ބައްޔާއި ދެކޮޅަށް ދިފާޢުވުމުގެ ބާރު އުފައްދައިނުދޭތީ އެވެ.

އުމުރުން 13 މަހަށްވުރެ ހަގުކުއްޖަކު ހިމަބިއްސަށް ހުށަހެޅިއްޖެނަމަ ބަލިން ރައްކާތެރިވުމަށް ކުރެވޭނެ މަސައްކަތް (އެމްއެމްއާރު ވެކްސިން ދިނުން) ބަރޯސާވެގެން ވަނީ އެކުއްޖާއަށް 6 މަސްވުމާއި ނުވުމުގެ މައްޗަށެވެ. އުމުރުން 13-6 މަހާއި ދެމެދުގެ އުމުރުގެ ކުއްޖަކު ހިމަބިއްސަށް ހުށަހެޅިއްޖެނަމަ އެބަލިން ރައްކާތެރިކޮށް ދިނުމުގެ ގޮތުން، އެކުއްޖާއަށް އެމްއެމްއާރު ވެކްސިން ދޭންޖެހޭނެ އެވެ. މިގޮތުން އުމުރުން އެއް އަހަރުވުމުގެ ކުރިން ކުއްޖާއަށް އެމްއެމްއާރު ވެކްސިން ދިން ނަމަވެސް އާންމު އުޞޫލުގެ މަތިން އެކުއްޖާއަށް އެމްއެމްއާރު ވެކްސިންގެ ދެޑޯޒު ( އުމުރުން 13މަސް އަދި އުމުރުން 5-3 އަހަރާއި ދެމެދު) ދޭންވާނެ އެވެ.

މަންމައަށް ކުރިން ހިމަބިހިޖެހިފައިވާ ނަމަ، ލިބޭ ދަރިފުޅަށް ރަހިމުގައި އޮއްވައި، ހިމަބިހިން ރައްކާތެރިކޮށްދޭ ހަށިދަމަނަތައް ވާޞިލްވާނެ އެވެ. އެގޮތުން ދަރިފުޅަށް މައިމީހާގެ ފުށުން ލިބޭ ދިފާޢީ ބާރު ގާތްގަނޑަކަށް 6 މަސް ދުވަހުގެ މުއްދަތަށް ދެމިހުރެއެވެ. ވީމާ މިފަދަ މައިންނަށް ލިބޭ ކުދިން، އުމުރުން 6 މަހުގެ ކުރިން ހިމަބިއްސަށް ހުށަހެޅުނު ނަމަވެސް އެމްއެމްއާރު ވެކްސިން ދޭކަން ނުޖެހޭނެ އެވެ. ނަމަވެސް މައިމީހާއަށް ކުރިން ހިމަބިހި ޖެހިފައިނުވާނަމަ، އަދި އުމުރުން 6 މަހުގެ ކުރިން ހިމަބިއްސަށް ހުށަހެޅިއްޖެނަމަ، އެކުއްޖަކަށް "އިމިޔޫނޯގްލޯބިޔުލިން" ދެވިދާނެ އެވެ. މިއީ ކުރުމުއްދަތަކަށް ބަލިން ރައްކާތެރިކޮށްދޭނެ މާއްދާ އެކެވެ.

ހިޔުމަން އިމިޔުނޯގްލޯބިޔުލިން

ހިމަބިހި ޖެހިފައިވާ މީހުންނަށް ރައްކާތެރިވުމުގެ ގޮތުން ހިޔުމަން އިމިޔޫނޯގްލޯބިޔުލިން(Human Immunoglobulin) ދެވެއެވެ. މީގެ ސަބަބުން ބަލީގެ މުއްދަތު ކުރުކޮށް ބަލިން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. އެއް ފަހަރު ހިމަބިހި ޖެހިއްޖެނަމަ ދެވަނަ ފަހަރު އެމީހަކަށް ހިމަބިހި ޖެހުމަކީ ވަރަށް ނާދިރު ކަމެކެވެ.

ހިޔުމަން އިމިޔުނޯގްލޯބިޔުލިން އަންނަނިވި ފަރާތްތަކަށް ދެވިދާނެ އެވެ.
- ހަށިގަނޑުގެ ދިފާޢީބާރު ދަށްވެފައިވާ ފަރާތްތައް
- 6 މަހާއި 1 އަހަރާއި ދެމެދުގެ ކުޑަކުދިން
- ކުރިން ހިމަބިހި ޖެހިފައިނުވާ މީހުންނަށް ލިބިފައިވާ 6 މަހުން ދަށުގެ ކުޑަކުދިން
- މާބަނޑު މީހުން

ހިމަބިހިން ރައްކާތެރިވުމަށް ކުރެވިދާނެ އެހެނިހެން ކަންތައްތައް

(ހ) - ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން : އެގޮތުން ރުމާލަކުން ނުވަތަ ޓިޝޫ އަކުން އަނގަޔާއި ނޭފަތް ރަގަޅަށް ނިވާކުރެވިދާނެއެވެ. މިއީ ބަލި ކައިރީގައި ތިބޭމީހުންގެ ހަށިގަނޑަށް ފެތުރުން ކުޑަކުރެވޭނެ ގޮތެކެވެ. އަނގަޔާއި ނޭފަތް ނިވާކުރުމަށް ފޮތި ރުމާލަށްވުރެ ރުބޮޑަށް ބޭނުންކުރަން ރަގަޅީ ޓިޝޫ ފަދަ އެއްޗެކެވެ. އެއީ ބޭނުންކޮށް ނިމުމުން ފަސޭހައިން ނައްތާލެވޭނެތީއެވެ.އަދި އެފަދަ އެއްޗެއް ބޭނުންކުރާނީ އެންމެ ފަހަރަކު ކަމަށްވާތީ އެވެ. ރުމާލެއް ޓިޝޫ އެއް އެއްޗެއް ނެތްނަމަ އަތް އަޅައިގެން ނަމަވެސް އަނގަޔާއި ނޭފަތް ނިވާކުރުމަކީ މުހިއްމު ކަމެކެވެ. އަދި އެފަދަ ޙާލަތުގައި ވަގުތުން އަތްދޮވެ ސާފުކުރަން ޖެހޭނެއެވެ.

(ށ) - ބަލިޖެހިފައިވާ މީހުންނާއި މާބޮޑަށް ގައިގޯޅިވެ ނޫޅުން : ބަލިޖެހިފައިވާ މީހުން ކެއްސާ ކިނބިހި އަޅާއިރު ބޭރުވާ ޖަރާސީމް ވަރަށް ފަސޭހައިން ކައިރީގައި ތިބޭ މީހުންގެ ހަށިގަނޑަށް ވާޞިލްވާގޮތް ވެއެވެ. އެގޮތުން އެފަދަ މީހުންނާއި ސަލާމް ކުރުމާއި، މާގިނައިރު އެކުގައި ވާހަކަ ދައްކަން ހޭދަކުރުމަކީ ވެސް ބަލި ސަލާމަތުން ހުރި މީހާގެ ގަޔަށް ނަގުލުވެދާނެ ކަމެކެވެ.

(ނ) - ބަލިވެއްޖެނަމަ ގޭގައި މަޑުކުރުން: ބަލިވެއްޖެނަމަ ދެންތިބި މީހުންގެ ޞިއްޙަތަށް ރައްކާތެރިވުމުގެ ގޮތުން އާންމުން އެއްވެއުޅޭތަންތަނަށް ނުދިއުން ބުއްދިވެރިއެވެ. މިސާލަކަށް މަސައްކަތްކުރަން އޮފީހަށް ދިއުން، ސުކޫލަށްދިއުން، ފަދަ ކަންތައްތައް ދެތިން ދުވަސްވަންދެން ހުއްޓާލެވިދާނެއެވެ. އެހެން ކަމުން މަޖުބޫރު ޙާލަތެއްގައި ނޫނީ ބޭރަށް ނުދާށެވެ. ކުޑަކުދިން ހިމަބިހި ޖެހިފައިވާ ދުވަސްވަރު ސުކޫލަށް ފޮނުވުމަކީ ރަގަޅު ކަމެއް ނޫނެވެ. އެއީ ހިމަބިއްސަކީ ފަސޭހަ ކަމާއެކު ގައިންގަޔަށްއަރާ ބައްޔަކަށްވާތީ އެވެ.

(ރ) – ބަލިމީހާ އެހެން މީހުންނާއި ވަކިން ގެންގުޅުމާއި، ބަލިމީހާ ބޭނުންކުރާ ތަކެތީގައި ވީވަރަކުން އަތްނުލުމާއި އެތަކެތި ކޮންމެ ދުވަހަކު ދޮވެ ސާފުކުރުން : ބަލިޖެހިފައިވާ މީހުން، އެހެންމީހުންނާއި ވަކި ކޮޓަރި އެއްގައި ބޭތިއްބުމަކީ މުހިއްމު ކަމެކެވެ. އަދި ކެއިން ބުއިމަށް ބޭނުންކުރާ ތަކެތި ވެސް ވަކިން ގެންގުޅުން މުހިއްމެވެ. ބަލިމީހާ ބޭނުންކުރާ ރުމާ، ސޮނިފޮތި، ތުވާލި، ބެޑްޝީޓް، ރަޖާ ، ފަދަ ތަކެތި ކޮންމެ ދުވަހަކު ދޮވެ ސާފުކުރުމާއި، އަދި އެހެންމީހުން ބަލިމީހުން ބޭނުންކުރާ މިފަދަ ތަކެތި ބޭނުންނުކުރުން މުހިއްމެވެ. ބޮޑަށް ރަގަޅުވާނީ ނޭފަތް ފޮޅުން ފަދަ ކަންކަމަށް ޓިޝޫ ބޭނުންކުރުމަށްފަހު ނައްތައިލުމެވެ.

މައުލޫމާތު :-

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.