ހުކުރު20200703

އާކުރެވުނީ: 08:43:52

ހެޕަޓައިޓިސް އޭ

viral-hepatitis-a-1ވައިރަސްގެ ސަބަބުން ފުރަމޭ ދުޅަވުން = ހެޕަޓައިޓިސް އޭ

ހެޕަޓައިޓިސް(Hepatitis) އަކީ ފުރަމޭ ދުޅަވުމެވެ. ވައިރަލް ހެޕަޓައިޓިސް (Viral Hepatitis) އަކީ ވައިރަހެއްގެ ސަބަބުން މޭގަނޑު ނުވަތަ ފުރަމޭ ދުޅަވުމެވެ. އެންމެ ގިނައިން ފުރަމޭ ދުޅަވަނީ ވައިރަސްތަކުގެ ސަބަބުންނެވެ. ވައިރަސްގެ ސަބަބުން މޭގަނޑު ދުޅަވުން(Viral Hepatitis) އަކީ ދުނިޔޭގެ ނިސްބަތުން ކުރިމަތިލާންޖެހިފައިވާ ވަރަށް ބޮޑު ޞިއްޙީ މައްސަލައެއް ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިން ވަނީ ފާހަގަކޮށްފައެވެ. ބައިނަލް އަގްވާމީ ފެންވަރުގައި މިމައްސަލައަށް ސަމާލުކަން ހޯދުމަށްޓަކައި 2010 ވަނަ އަހަރުގެ މެއި މަހުގައި ބޭއްވުނު ވޯލްޑް ހެލްތު އެސެމްބްލީ ގައި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 28 ވަނަ ދުވަސް "ދުނިޔޭގެ ހެޕަޓައިޓިސް ދުވަސް"(World Hepatitis Day) ގެ ގޮތުގައި ފާހަކުރުމަށް ކަނޑައަޅާފައި ވެއެވެ. އެގޮތުން ދުނިޔޭގައި ފުރަތަމަ ފަހަރަށް ދުނިޔޭގެ ހެޕަޓައިޓިސް ދުވަސް ފާހަގަކޮށްފައިވަނީ 28 ޖުލައި 2011 ގައެވެ.

ހެޕަޓައިޓިސް އަކީ ފުރަމޭ ދުޅަވުމެވެ. އެންމެ ގިނައިން މޭގަނޑު ދުޅަވާން ދިމާވަނީ ވައިރަސް އެއްގެ ސަބަބުންނެވެ. މޭގަނޑު ދުޅަކުރާ ނުވަތަ ހެޕަޓައިޓިސް ޖައްސާ މައިގަނޑު 5 ވައްތަރެއްގެ ވައިރަސް ހުރެއެވެ. އެއީ:-
•  ހެޕަޓައިޓިސް ވައިރަސްގެއޭ
•  ހެޕަޓައިޓިސް ވައިރަސް ބީ
•  ހެޕަޓައިޓިސް ވައިރަސް ސީ
•  ހެޕަޓައިޓިސް ވައިރަސް ޑީ
•  ހެޕަޓައިޓިސް ވައިރަސް އީ
•  ހެޕަޓައިޓިސް ވައިރަސް ޖީ

ނޯޓް : ހެޕަޓައިޓިސްގެ ވައްތަރު ތަކުގެ ތެރެއިން އެންމެ ނުރައްކާތެރިކަން ބޮޑު ވައްތަރު ތަކަކީ ހެޕަޓައިޓިސް ބީ ، އަދި ހެޕަޓައިޓިސް ސީ އެވެ. އެއަށްފަހު ހެޕަޓައިޓިސް އޭ އެވެ. އެހެންކަމުން މި 3 ވައްތަރުން ޖެހޭ ހެޕަޓައިޓިސް އާއި ބެހޭގޮތުން މި ބްލޮގްގައި ވަކިން ލިޔުންތައް ހިމަނާފައި ވާނެއެވެ. މިލިޔުމުގައި ބަލާލާނީ ދެންހުރި ވައިރަސްތަކުގެ މައްޗަށެވެ.

ހެޕަޓައިޓިސް އޭ

ތަޢާރަފް

ހެޕަޓައިޓިސް އޭ (Hepatitis A) އަކީ ފުރަމޭ ނުވަތަ މޭގަނޑަށް ޖެހޭ ގައިންގަޔަށްއަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މިއީ މޭގަނޑު ދުޅަކުރާ ވައިރަސް ތަކުގެ ތެރެއިން ހެޕަޓައިޓިސް އޭ ވައިރަސް(Hepatitis virus A) ގެ ސަބަބުން މޭގަނޑު ދުޅަވުމެވެ. މޭގަނޑު ދުޅަވުން އެންމެ އާންމުކޮށް ކުރިމަތިކުރުވާ 3 ވައިރަހުގެ ތެރޭގައި ހެޕަޓައިޓިސް އޭ ވައިރަސް ހިމެނެއެވެ. ހެޕަޓައިޓިސް ބީ އަދި ހެޕަޓައިޓިސް ސީ އާއި ޚިލާފަށް ހެޕަޓައިޓިސް އޭ ގެ ސަބަބުން ދާއިމީގޮތެއްގައި މޭގަނޑު ދުޅަވުން ކުރިމައްޗެއް ނުކުރުވައެވެ. މޭގަނޑު ދުޅަވެ ބޮޑުވިޔަސް، ދާއިމީ ބައްޔަކަށް ބަދަލުނުވެ ފަސޭހަވެދެއެވެ. ހެޕަޓައިޓިސް ޖެހުމުން އެމީހެއްގެ ހަށިގަނޑުގައި ދިފާޢީ ބާރު އުފައްދައި މުޅި އުމުރަށް އެބަލިން ރައްކާތެރިކޮށް ދެއެވެ. މިއީ ފަސޭހަ ކަމާއެކު ފެތުރޭ ބައްޔަކަށްވުމާއެކު، ހެޕަޓައިޓިސް އޭ ބައެއް ފަހަރު ހަލުވިކަމާއެކު އާބާދީގެ ތެރޭގައި ފެތުރިގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ތަރައްގީވަމުން އަންނަ ގައުމުތަކުގައި މިބަލި ކުޑަކުދިންގެ ތެރޭގައި އާންމުއިރު، ތަރައްގީވެފައިވާ ގައުމުތަކުގައި މިބަލި ބޮޑަށް އާންމުވެފައިވަނީ ބޮޑެތި މީހުންގެ ތެރޭގައެވެ. މިއީ ދެޖިންސްގެ މީހުންނަށް ވެސް ހަމަހަމަ އުސޫލަކުން ޖެހޭ ބައްޔެއްކަން ފާހަގަ ކުރެވެއެވެ. އަދި ތޮށްޖެހިފައިވާ އާބާދީތަކާއި، ރައްކާތެރިކަމާއެކު ސާފުބޯފެން ނުލިބޭ ހިސާބުތަކުގައި ބަލި ފެތުރޭ މިންވަރު އަވަހެވެ.

ހެޕަޓައިޓިސް އޭ ޖެހޭ ސަބަބު އަދި ފެތުރޭގޮތް

viral-hepatitis-a-2ހެޕަޓައިޓިސް އޭ ވައިރަސް(Hepatitis A virus) އަކީ ހެޕަޓައިޓިސް އޭ ޖައްސާ ވައިރަހެވެ. މިއީ ޕައިކޮނަވައިރަސް އެކެވެ. މާނައަކީ މިވައިރަހުގެ ވިރާސީ ބަހާގެ ގޮތުގައި ހިމެނެނީ " ރައިބޯނިއުކްލިކް އެސިޑް"(Ribonucleic acid) އެވެ. ހެޕަޓައިޓިސް އޭ ވައިރަހަކީ ހޫނު، ކްލޮރިން، އަދި ފޯމަލީން ފަދަ ކެމިކަލްތަކުން މަރާލެވިދާނެ ވައިރަހެކެވެ.

ހެޕަޓައިޓިސް އޭ ގައިންގަޔަށް އަރަނީ ބަލީގެ ޖަރާސީމާއި ތަޣައްޔަރުވެފައިވާ ފެނާއި، ކާބޯތަކެތީގެ ސަބަބުންނެވެ. ބަލި ޖައްސާ ޖަރަސީމާއި ތަޣައްޔަރުވެފައިވާ ލޭ، ބޮޑުކަމު ނަޖިހުގެ ސަބަބުންވެސް މިބަލި ފެތުރެއެވެ. މީގެ އިތުރުން ބަލީގެ ޖަރާސީމުގައި ބީހި، އެޖަރާސީމު ނޭގުމުގެ ތެރޭގައި ގައިގައި ހޭކި އުގުޅުމަކީ ވެސް މިބަލި ޖެހޭނެ ކަމެކެވެ. ހެޕަޓައިޓިސް އޭ ޖެހިފައިވާ މީހުންނާއި އެކުގައި މަސައްކަތްކުރުމަކުނ މިބައްޔެއް ނުޖެހޭނެ އެވެ.

ވައިރަސް ހަށިގަނޑަށް ވަންނަނީ އަނގަ އަދި ހަޖަމުކުރާ ނިޒާމުގެ ބަތާނަ ފުށުގެ ތެރެއިންނެވެ. އެއަށްފަހު 6-2 ހަފްތާގެ މުއްދަތެއްގެ ތެރޭގައި މޭގަނޑަށް ވާޞިލްވެއެވެ. ބަލީގެ އުދަނގޫތައް ފެންނަން ފަށަނީ މޭގަނޑުގެ ތެރޭގައި މިވައިރަސްތައް ގިނަވެ، އިތުރުވާން ފެށުމުންނެވެ. މޭގަނޑުގެ ތެރޭގައި މިވައިރަސް އިތުރުވެ ގިނަވުމަށް މޭގަނޑުގެ ސެލްތަކުގައި ހުންނަ ރައިބޯސޯމް ގެ ބޭނުން ހިފައެވެ. ހަޖަމުކުރާ ނިޒާމުގެ ތެރެއަށް މިވައިރަސްތައް ދޫކުރަނީ މޭގަނޑުން އުފައްދައި ދޫކުރާ ބައިލްގެ ތެރެއިންނެވެ. ބަލިޖެހޭ ގިނަމީހުންގެ މޭގަނޑަށް މާބޮޑު ގެއްލުމެއް ނުލިބި ފަސޭހަވެދެއެވެ.

ހެޕަޓައިޓިސް އޭ ވައިރަސް މައިގަނޑު ގޮތެއްގައި ފެންނަނީ ބަލިޖެހިފައިވަ މީހާގެ ބޮޑުކަމު ނަޖިހުންނެވެ. ބަލިގައިންގަޔަށް އަރަނީ ބަލިޖެހިފައިވާ މީހާގެ ބޮޑުކަމު ނަޖިހާއި ތަޣައްޔަރުވެފައިވާ އަތް، ނުވަތަ އިގިލި ސަލާމަތުންހުރި މީހާގެ އަނގަޔަށްލުމުންނެވެ. މިގޮތަށް ބަލި ފެތުރުމަށް ކިޔަނީ "ބޮޑުކަމުން ނަޖިހުން-އަގަޔަށް ބަލިފެތުރުން"(Faeco-oral transmission) މިހެންނެވެ.

ހެޕަޓައިޓިސް އޭ ފެތުރޭ ބައެއް ގޮތްތައް ތިރީގައި މިވަނީ އެވެ.

• ބަލިޖެހިފައިވާ މީހާގެ ބޮޑު ނަޖިހާއި ތަޣައްޔަރުވެފައިވާ ކާބޯތަކެތިން : މިސާލަކަށް ވައިރަސްހުރި ބޮޑުކަމު ނަޖިހާއި ތަޣައްޔަރުވެފައިވާ ކާބޯތަކެތި ކައިބޮއި ހަދައިފިނަމަ އެމީހަކަށް ބަލިޖެހިދާނެއެވެ. ފާޚާނާ ކުރުމަށް ފަހު ރަގަޅަށް އަތްނުދޮވެ، ކާތަކެތީގައި އަތްލުމުން ކާތަކެތި ވައިރަހާއި ތަޣައްޔަރު ކުރުވައެވެ. އަދި އެކާތަކެތި އެހެންމީހަކު ކައިފިނަމަ އެމީހަކަށް ބަލިޖެހިދާނެއެވެ.

• ބަލީގެ ޖަރާސީމާއި ތަޣައްޔަރުވެފައިވާ ފެންބުއިން
• ބަލިޖެހިފައިވާ ނަޖިހާއި ތަޣައްޔަރުވެފައިވާ ކޯރަކުން ހިފާފައިވާ ފަރުމަސް ފަދަ ތަކެތި ރަގަޅަށް ނުކައްކައި ނުވަތަ ރޮލާ ކައިފިނަމަ އެމީހަކަށް ބަލިޖެހިދާނެ އެވެ.
• ބަލީގެ ޖަރާސީމާއި ތަޣައްޔަރުވެފައިވާ ލޭއެޅުން
• ބަލިޖެހިފައިވާ މީހަކާއެކު އަނގަ، ނުވަތަ ފުރަގަސްފަރާތް ބޭނުންކޮށްގެން ޖިންސީގުޅުން ހިންގުން

ބަލީގެ ވައިރަސް ހަށިގަނޑަށް ވަންނަތާ 1 ހަފްތާ ފަހުން އެމީހެއްގެ ފުށުން ބަލިފަތުރަން ފަށާނެ އެވެ. އަލާމާތްތައް ނުފެނުނަސް އެމީހެއްގެ ފުށުން ބަލި ފަތުރާނެކަން ހަދާންކުރަން ޖެހޭނެ އެވެ.

ހެޕަޓައިޓިސް އޭ ޖެހުމުގެ ފުރުޞަތު ބޮޑު ފަރާތްތައް

• ހެޕަޓައިޓިސް އޭ ޖެހިފައިވާ މީހަކާ އެއްގެއެއްގައި އެކުގައި އުޅޭމީހުން
• ހެޕަޓައިޓިސް އޭ ޖެހިފައިވާ މީހުންނާއެކު ޖިންސީގުޅުންހިންގާ މީހުން
• ތަރައްގީވަމުން އަންނަ ގައުމުތަކަށް އާންމުކޮށް ދަތުރުކުރާ މީހުން
• އެއްޖިންސުން ގުޅުން ހިންގާ މީހުން
• މަސްތުވާ ތަކެތި ބޭނުންކުރާ މީހުން
• މަސައްކަތުގެ މާހައުލުގައި ބަލިޖެހިފައިވަ މީހަކާ އެކު އުޅޭމީހުން

ހެޕަޓައިޓިސް އޭ އަލާމާތްތައް

ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު (Incubation period): ބަލީގެ ޖަރާސާމް ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތިކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން ހެޕަޓައިޓިސް އޭ ވައިރަސް ބަލިމީހާގެ ހަށިގަނޑަށް ވަނުމާއި، އަލާމާތްތައް ފާޅުވުމާއި ދެމެދު 40-15 ދުވަހާއި ދެމެދުގެ މުއްދަތެއް ހޭދަވެއެވެ.

ހެޕަޓައިޓިސް އޭ ޖެހޭ ގިނަ މީހުންގެ ފުށުން އެއްވެސް އަލާމާތެއް ނުފެންނާނެއެވެ. ބައެއް ފަހަރު ވަރަށް ކުޑަކޮށް އުދަގޫތައް ފެނިލާފައި އެއީ ހެޕަޓައިޓިސް އޭ ކަން ފާހަގަ ނުވެވެސް ހިގައިދާނެ އެވެ. ކުޑަކުދިންނަށްވުރެ ބޮޑެތި މީހުންގެ ފުށުން ބަލީގެ އަލާމާތްތައް ފެނުމުގެ ފުރުޞަތު ބޮޑެވެ. ބަލީގެ އަލާމާތްތައް ނުފެނުނު ނަމަވެސް އެމީހާގެ ފުށުން ބަލީގެ ޖަރާސީމު އަދި ބަލި ފަތުރަމުން ގެންދާނެއެވެ. އާންމު ގޮތެއްގައި ހެޕަޓައިޓިސް އޭގެ އުދަނގޫތައް ދެމިހުންނަނީ ގާތްގަނޑަކަށް 2 މަސް ދުވަހުގެ މުއްދަތަށް ކަމަށްވިޔަސް ބައެއް ފަހަރު މިމުއްދަތު 9 މަސްދުވަހުގެ މުއްދަތަށް ދިގުދެމި ދިއުމަކީ ވެދާނެ ގޮތެކެވެ.

ހެޕަޓައިޓިސް އޭ ޖެހުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި:-

• މޭނުބައިކުރުން
• ހޮނޑުލުން
• ބޭރަށްހިންގުން
• ހުންއައުން
• ކާހިތްނުވުން
• ވަރުބަލިވެ ވާޅުވުން
• ގައިން ބިހިނެގުން، ގައިކެހުން
• މީހާ ރީނދޫވުން : ގައިގެ ހަމުގެ ކުލަޔާއި ލޯ ރީނދޫވެފައިހުރުން
• ބަނޑުގައި ރިހުން : ރިހުން ހުންނާނީ ބަނޑުގެ ކަނާތް ފަރާތުން މަތިން މޭގަނޑު އޮންނަ ހިސާބުގައެވެ.• ބޮޑުކަމުދާ ތަކެތީގެ ކުލަ ފަނޑުވުން
• ކުޑަކަމުދާއިރު ގަދަ ރީނދޫ ކުލައިގައި ހުރުން ނުވަތަ ކުޑަކަމުދާ އެއްޗެތީގެ ކުލަ ގަދަވެފައިހުރުން

ނުރައްކާތައް
• މޭގަނޑު ގުރުޑުވެ ހުލިވުން• މޭގަނޑުގައި ލަކުނުލުން • ހަށިގަނޑުން ފެންހުސްވުން : މިއީ އާދަޔާ ޚިލާފަށް ހޮނޑުލައި ބޭރަށްހިންގުމުން މެދުވެރިވާ ކަމެކެވެ. އެގޮތުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-• ވަރަށް ބޮޑަށް ކަރުހިއްކުން• ކުޑަކަމު ފާހާނާކުރަންޖެހޭލެއް މަދުވުން،ނުވަތަ ކުޑަކަމުދެވޭލެން މަދުވުން،• ހަންގަނޑު ހިކި،ދޫވެ، ނިކަމެތިވުން،• އަނގަޔާއި ދޫ ހިކިފައި ހުރުން• ލޯވަޅުވަނުން • ވަރުބަލިކަން އިހްސާސްވުން، • ބޯއެނބުރުން، ބޮލުގައ ރިހުން• ކުޑަކަމުދާތަކެތީގެ ކުލަ ގަދަކޮށް ހުރުން • އަވަސް އަވަހަށް ފުންކޮށް ނޭވާލުން• ވިންދު ބަލިވުން / ލަސްލަހުން ވިންދު ޖެހުން • ލޭދަށްވުން / ލޭގެ ޕްރެޝަރު ދަށްވުން• ވާނުވާ ނޭގުން

 ހެޕަޓައިޓިސް އޭ ޖެހިފައިވާ މީހަކު ކޮންމެހެން ޑޮކްޓަރަށް ދައްކަންޖެހޭ ބައެއް ޙާލަތްތައް

• 2-1 ދުވަހަށް ދިގުމުއްދަތަކަށް މޭނުބައިކޮށް ހޮނޑުލެވުން ދެމިހުރުން
• ދިޔާތަކެތި ބުއިމަށް ނުކުޅެދުން ، އެކަށޭނަވަރަށް ދިޔާތަކެތި ނުބުއިން
• ހަމާއި ލޯރީނދޫވެ، މުޅިމީހާ ރީނދޫވުން
• ދަށްބަނޑުގައި ރިހުން
• ކުޑަކަމުދާ ތަކެތީގެ ކުލަގަދަވުން
• ވާނުވާ ނޭގުން

ހެޕަޓައިޓިސް އޭ ދެނެގަތުން

ހެޕަޓައިޓިސް އޭ ޖެހިފައިވާ ކަން ދެނެގަތުމަށް ލޭގެ ޓެސްޓެއް ހެދެއެވެ. މިޓެސްޓުގެ އެހީގައި ހެޕަޓައިޓިސް އޭ އެންޓިޖަން، އަދި ހެޕަޓައިޓިސް އޭ އާއި ދެކޮޅަށް ހަށިގަނޑުގައި ދިފާޢީ ބާރު (ހަށިދަމަނަތައް) އުފެދިފައިވާ ވޭތޯ ދެނެގަނެވޭނެ އެވެ. އަދި މީގެ އިތުރުން ލޭގެ ޓެސްޓުގެ އެހީގައި މޭގަނޑުގެ މަސައްކަތް ހުރިނެތްގޮތް ބަލައި ދެނެގަނެވެއެވެ. މާބޮޑަށް ހޮނޑުލެވި ބޭރަށްހިންގުން ކުރިމަތިވެފައިވާނަމަ، ހަށިގަނޑުގައިވާ ލޮނުގެ ބަޔަށް ބަދަލު އައިސްފައިވޭތޯ ވެސް ބަލާނެއެވެ.

ހެޕަޓައިޓިސް އޭގެ ފަރުވާ

ހެޕަޓައިޓިސް އޭ ޖެހުމުން ބަލީގެ ކުރީކޮޅު ގިނައިން އަރާމުކުރުމާއި ދިޔާތަކެތި ގިނައިން ބުއިން މުހިއްމެވެ. ކަސްރަތު ކުރުމާއި، ފުރިހަމައަށް ނިދުމާއި، ރަގަޅުކާނާ ބޭނުންކުރުމަކީ ވެސް ސަމާލުކަން ދޭންޖެހޭ ކަންކަމެވެ. ގިނައިން ދިޔާތަކެތި ބުއިމަކީ ހަށިގަނޑުން ފެސްހުސްވުމަށް ހުރަސްއަޅާނެ ކަމެކެވެ. މޭގަނޑަށް ގެއްލުން ދެނިވި ކަންތައްތަކާއި ދުރުހެލިވާން ޖެހެއެވެ. އެގޮތުން ބަނގުރާ ބުއިން މަސްތުވާތަކެތި ބޭނުންކުރުން ފަދަ އަމަލުތަކާ ދުރުހެލިވާން ޖެހެއެވެ. ޕެނަޑޯލް ފަދަ ބޭސްތައް ހެޕަޓައިޓިސް ޖެހިފައި ތިބޭ މީހުން ބޭނުންކުރުމަކީ ރަގަޅު ކަމެއް ނޫނެވެ. ހޮނޑުލެވި ބޭރަށްހިންގާނަމަ ބައެއް ފަހަރު އެދުމަތިކޮށްގެން ފަރުވާދޭން ޖެހެއެވެ. އަދި ކުރިމަތިވާ އުދަނގޫތައް ކުޑަކުރުމަށް ބޭސް ދެވެއެވެ.

ހެޕަޓައިޓިސް އޭ އިން ރައްކާތެރިވުން

ހެޕަޓައިޓިސް އޭ އިން ރައްކާތެރިވުމަށް ވެކުސިނެއް ތައްޔާރު ކުރެވިފައިވެއެވެ. މީގެ އިތުރުން ވެސް ހެޕަޓައިޓިސް އިން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދެވިދާނެ އެވެ.

(ހ) - ގިނަގިނައިން އަތްދޮވުން : ސައިބޯނި ބޭނުންކޮށްގެން އަތްދޮވެ ހެދުމަކީ އަތުގައި ހަރުލައި ތަތްވެފައި ހުންނަ ލޮލަށް ނުފެންނަ ކުދިކުދި ޖަރާސީމްތައް ނެތިކޮށްލާނެ ކަމެކެވެ. އަތަށް ފެންކޮޅެއް އަޅައިލުމުން އަތްދޮވެވުނީ ކަމަށް ބަލައިގެން ނުވާނެއެވެ. އޭގެ ބަދަލުގައި އެންމެ މަދުވެގެން 20 ސިކުންތު ވަންދެން ފެންއަޅައި ސައިބޯނި ލައިގެން އަތްދޮންނަށް ވާނެއެވެ.

އަތްދޮވުމުގައި މުހިއްމުކަން ދޭންޖެހޭ އެއްކަމަކީ ކާން ފެށުމުގެ ކުރިން ސާބޯނިލައިގެން ރަގަޅަށް އަތްދޮވުމާއި، ފާޚާނާކޮށް ނިމިގެން ވެސް ސައިބޯނި ލައިގެން ރަގަޅަށް އަތްދޮވުމެވެ. މީގެ އިތުރުން ތުއްތު ދަރިފުޅަކު ގެންގުޅޭ މައިމީހާ އެތުއްތު ދަރިފުޅަށް ތަފާތު ކަންތައްތައް ކޮށްދޭން ފެށުމުގެ ކުރިން ރަގަޅަށް ސާބޯނި ލައިގެން އަތްދޮވުމަކީ މުހިއްމު ކަމެކެވެ.

(ށ) - ކާތަކެތި ރަގަޅަށް ދޮވެގެން ނުވަތަ ކައްކައިގެން ބޭނުންކުރުން: މިގޮތަށް ދޮވުމުން އެފަދަ ކާތަކެތީގެ ބޭރުގައި ހަރުލާފައި ހުންނަ ޖަރާސީމް ނެތިދިއުމަށް އެހީތެރި ވެދެއެވެ. ހަމަމިހެން ކައްކަންޖެހޭ ކާތަކެތި ރަގަޅަށް ކައްކައިގެން ކެއުމުން މިސާލަކަށް މަހުގެ ކުރަޑި، އެއްގަމު މަސް، ސޮސެޖް ފަދަ ތަކެތި ރަގަޅަށް ކައްކައިފިނަމަ އެފަދަ ތަކެތީގައި ހިމެނޭ ޖަރާސީމްތައް މަރުވެދެއެވެ.

ބައެއް ތަރުކާރީ އާއި މޭވާފަދަ ކާނާ ބޭނުން ކުރާއިރު ރަގަޅަށް ދޮވެގެން ނުވަތަ ހޫނު ފެނުން ދޮވެގެން ބޭނުން ކުރާށެވެ. އަނެއްބައި ތަރުކާރީ ފެނުކައްކައިގެން ވަރަށް ރަގަޅަށް ރޯ ފިލުވައިގެން ކާށެވެ. ގެރިމަސް ނުވަތަ ކަނޑުމަސް ވެސް ގިނައިރު ކެއްކުމަށްފަހު ތާޒާކަންމަތީ ހުއްޓާ ކާށެވެ. ފެން ނުވަތަ ކައްކާ ތަކެތި 85 ޑިގްރީ ސެލްޒިއަސް އަށް ހޫނުކޮށްފިނަމަ، އޭގައި ހެޕަޓައިޓިސް އޭ ވައިރަސް ހުރި ނަމަވެސް މަރުވެދާނެ އެވެ.

(ނ) - ރައްކާތެރި ގޮތުގައި ބޯފެން ބޭނުންކުރުން

ރައްކާތެރި ގޮތުގައި ބޯފެން ބޭނުންކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
- ކައްކައިގެން ބޯފެން ބޭނުންކުރުން: ބޯފެން ކައްކައިގެން ބޭނުންކުރުމަކީ ފެނުގައި ހުރެދާނެ ބެކްޓީރިޔާ ވައިރަސް ފަދަ ޖަރާސީމްތައް މަރާ ނައްތާލާނެ ކަމެކެވެ.- ފުޅީގައި ބަންދުކުރި ފެން ބޭނުންކުރުން އަދި ގަނޑުފެންވެސް ކެއްކިފެނުގައި ތައްޔާރުކޮށްގެން ބޭނުންކުރާށެވެ.- ސާފު ބޯފެން ލިބޭނޭ ވަޞީލަތެއް ހަމަޖެހިފައި ހުރުން- ފެންވަރާށާއި، އެހެނިހެން ކަންކަމުގައި ބޭނުންކުރެވޭ ފެންވަޅުތަކަށް ކްލޮރިން އެޅުން: މިގޮތަށް ކްލޮރިން އެޅުމުން ފެނުގައި އެކުލެވޭ ޖަރާސީމްތަކުގެ ދިރުން ނައްތާލައެވެ.

(ރ) - ޢާންމު ސާފުތާހިރު ކަމަށް ރައްކާތެރިވުން : އާންމު ސާފު ތާހިރުކަމަށް ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ކުނިބުނި އެކަށޭނަ ގޮތެއްގައި ނައްތާލުން ، އަދި ނަޖިސް އެކަށޭނަ ގޮތެއްގައި ނައްތާލެވޭނެ ނިޒާމެއް ގާއިމްކުރުން ހިމެނެއެވެ. މިސާލަކަށް އަތިރިމައްޗަށް ބޮޑުކަމު ނުދިއުން، ގޯތިތެރެއަށް ވެސް ކުޑަކުދިން ބޮޑުކަމުދިޔަ ނުދިނުން ފަދަ ކަންތައް ކުރެވިދާނެ އެވެ. އެއީ މިފަދަ ކަންކަމަކީ ތަފާތު ބަލިތައް ފެތުރުމަށް އެހީތެރިވެދޭ ކަންކަމަށްވާތީ އެވެ.

(ބ) – އެހެނިހެން ކަންތައްތައް : އެގޮތުން އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދެވިދާނެ އެވެ.

• ލޭއެޅުމުގެ ކުރިން އަބަދުވެސް ހެޕަޓައިޓިސް އޭ ޓެސްޓުކޮށްފައިވާ ލޭއެޅުން : ދިވެހިރާއްޖޭގައި ޞިއްޙީ ޚިދުމަތްދޭ ހުރިހާ މަރުކަޒުތަކުން ވެސް ލޭއަޅަނީ ޓެސްޓުކޮށްފައެވެ. ދިވެހިރާއްޖެއިން ބޭރުން ބޭސްފަރުވާއާއި އޮޕަރޭޝަން ކުރަން ދާނަމަ، މިފަދަ ވަޞީލަތްތައް ލިބެންހުންނަ ތަންތަނުން ނޫނީ ލޭއެޅުމަކީ ރަގަޅު ކަމެއް ނޫނެވެ.

• ބަލިޖެހިފައިވާ މީހުންނާއެކު ރައްކާތެރި ގޮތުގައި އަނބިފިރިކަމުގެ ގުޅުންހިންގުން : ޖިންސީ ގުޅުން ހިންގާއިރު ހުރަސް ބޭނުންކުރުމުން އެކަކު ގައިން އަނެކަކު ގަޔަށް ބަލިއެރުން ކުޑަކުރެވެއެވެ.

ހެޕަޓައިޓިސް އޭ އިން ރަައްކާތެރިކޮށްދޭ ވެކްސިން

ހެޕަޓައިޓިސް އޭ އިން ރައްކާތެރިވުމަށް ހެޕަޓައިޓިސް އޭ ވެކްސިން(Hepatitis A vaccine) ގެ ނަމުގައި ވެކުސިނެއް އުފައްދާފައި ވެއެވެ. އަދި މިހާރު ހެޕަޓައިޓިސް އޭ އަދި ހެޕަޓައިޓިސް ބީ އިން ރައްކާތެރިވުމަށް ދެބައްޔަށް ބޭނުންކުރެވޭނެ އެއް ވެކުސިނެއް ވެސް ތަޢާރަފްކޮށްފައި ވެއެވެ. ހެޕަޓައިޓިސް އޭ ވެކްސިން ގެ ދެޑޯޒު ދެވެއެވެ. ދެވަނަ ޑޯޒު ދޭނީ ފުރަތަމަ ޑޯޒު ދިންތާ 18-6 މަހުގެ މުއްދަތެއް ހޭދަވުމަށްފަހު ގައެވެ. އެހެން ވެކްސިންތަކާ އެކުވެސް މިވެކްސިން ދެވިދާނެ އެވެ. ވެކްސިން ދޭތާ 4-2 ހަފްތާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ހަށިގަނޑުގައި ބައްޔާއި ދެކޮޅަށް ދިފާޢީ ބާރު އުފައްދައެވެ. ވެކްސިންގެ ސަބަބުން ގާތްގަނޑަށް 20 އަހަރު ދުވަހުގެ މުއްދަތަށް ހަށިގަނޑުގައި އުފެދޭ ދިފާޢީ ބާރު ދެމިހުރެއެވެ. މިވެކްސިން ވައިރަސް އަށް ހުށަހެޅުމުގެ ކުރިން ދިނުން މުހިއްމެވެ. ވައިރަސް ހުށަހެޅުމަށްފަހު ދިން ނަމަވެސް މިވެކްސިން އިން ފައިދާ އެއް ނުކުރާނެ އެވެ. އެއް އަހަރުން ދަށުގެ ކުދިންނަށް މިވެކްސިން ދިނުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

އެމެރިކާގެ ސީޑީސީ އިން އަންނަނިވި ފަރާތްތަކަށް މިވެކްސިން ދިނުމަށް ލަފާދީފައި ވެއެވެ.

• އުމުރުން އެއް އަހަރުން މަތީގެ ކުޑަކުދިން

• މަސައްކަތުގެ ގޮތުން ވައިރަސް ހުށަހެޅިދާނެ ފަދަ ތަންތަނުގައި މަސައްކަތްކުރާ މީހުން

• ތަރައްގީވަމުން އަންނަ ގައުމުތަކަށް ދަތުރުކުރާ ފަރާތްތައް

• އެއްޖިންސުން ގުޅުންހިންގާ ފިރިހެނުން

• މަސްތުވާތަކެތި ބޭނުންކުރާ މީހުން

• ލޭގަނޑުކުރާ މާއްދާ މަދުވުމުގެ ސަބަބުން ލޭއަޅާމީހުން

އިމިޔޫން ސީރަމް ގްލޯބިޔުލިން

ކުރިން ބަލިޖެހިފައިނުވާ މީހަކު ވައިރަސް އަށް ހުށަހެޅިއްޖެނަމަ، އިމިޔޫން ސީރަމް ގްލޯބިޔުލިން ދެވިދާނެއެވެ. މީގައި ވައިރަސް އަށް ހަލާކުކޮށްލުމުގެ ބާރު އެކުލެވޭ ހަށިދަމަނަތައް ހުރެއެވެ. މިމާއްދާ ދެނީ އިންޖެކްޝަނެއްގެ ގޮތުގައި އެންމެ ފަހަރަކު އެވެ. ވައިރަސް އަށް ހުށަހެޅޭތާ އެންމެ ލަސްވެގެން 2 ހަފްތާގެ ތެރޭގައި މިމާއްދާ ދޭންވާނެ އެވެ. 2 އަހަރުން ދަށުގެ ކުދިންނަށް ވެސް ރައްކާތެރިކަމާއެކު ދެވިދާނެއެވެ. މާބަނޑު މީހުންނާއި ގާތުންކިރުދޭ މައިންނަށް ވެސް ދެވިދާނެ އެވެ. އިމިޔުނޯގްލޯބިޔުލިން ގެ ސަބަބުން އުފެދޭ ދިފާޢީ ރައްކާތެރިކަން، ދެމިހުންނަނީ ގާތްގަނޑަކަށް 3 މަސް ދުވަހުގެ މުއްދަތަށެވެ.

މައުލޫމާތު :-

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.