އާދީއްތަ20181104

އާކުރެވުނީ: 08:43:52

ހީމަޓޫރިއާ

hematuria

ހީމަޓޫރިއާ އަކީ ކޮބާ ؟

ހީމަޓޫރިއާގެ މާނައަކީ ކުޑަކަމުދާތަކެތީގައި ލޭހުރުމެވެ.

އަންހެނުންގެ ކުރިމަތިފަރާތް ނުވަތަ ވެޖައިނާއިން ބޭރުވާ ލޭ ބައެއްފަހަރު ކުޑަކަމުދާތަކެތީގައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ފިރިހެނުންގެ ހަށިގަނޑުގައި ކުޑަކަމުދާތަކެތި ދައުރުވާ މަގު ( ޔުރެތުރާ )ގެ ޒަރީއާ އިން ކުޑަކަމުދާތަކެއްޗާއި، މަނަވީ ހައިވާން ބޭރުވެއެވެ.

ފިރިހެނުންނަށް ރިޢާޔަތްކުރާއިރު ކުޑަކަމުދާ ތަކެތީގައި ލޭހުރުމަކީ ''ޕްރޮސްޓޭޓް ގްލޭންޑް''ގެ މައްސަލައަކާއި ގުޅިގެން ކުރިމަތިވާކަމަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ބޭހާއި، ބީޓުރޫޓް ފަދަ ކާނާ ބޭނުންކުރުމުން ކުޑަކަމުދާ ތަކެތީގެ ކުލައަށް ބަދަލު އާދެއެވެ.

ކުޑަކަމުދާތަކެތީގެ ތެރޭގައި ލޭ ހުރިކަން ފާހަގަ ނުވެ ދިއުމަކީ ވެދާނެކަމެކެވެ. ނަމަވެސް ލެބޯޓަރީ ޓެސްޓުތަކުގެ އެހީގައި ލޭ ހުރިކަން ޔަގީން ކުރެވިދާނެއެވެ. ކުޑަކަމުދާތަކެތީގައި އާދަޔާޚިލާފަށް ލޭހުރިކަން ފާހަގަވެއްޖެނަމަ އަވަސް ފަރުވާއެއް ހޯދުމަކީ އެދެވިގެންވާ ކަމެކެވެ.

 ހީމަޓޫރިއާ ކުރިމަތިކުރުވާ ސަބަބުތަކަކީ ކޮބާ ؟

ކުޑަކަމުދާތަކެތީގެ ތެރޭގައި ލޭހުރުން މެދުވެރިކުރުވާ ވަރަށް ގިނަ ސަބަބުތަކެއް ވެއެވެ. އެންމެ ފާހަގަކޮށްލެވޭ ސަބަބުތަކުގެ ތެރޭގައި ގުރުދާ(ކިޑްނީ)އާއި، ކުޑަކަމުދާތަކެތި އުފައްދާ ބޭރުކުރާ ނިޒާމުގައި އިންފެކްޝަން އެއް ހުރުން ހިމެނެއެވެ. ލޭބޭރުވާން ދިމާވާ އައިބެއް ( ބްލީޑިންގ ޑިސްއޯޑަރ ) ހުރުން ފަދަ ކަންކަމަކީ ވެސް ކުޑަކަމުދާ ތަކެއްޗާއި އެކު ލޭބޭރުވުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

(ހ) ކުޑަކަމުދާތަކެތި އުފައްދާ ބޭރުކުރާ ނިޒާމާއި ގުޅޭ ސަބަބުތައް

1- ގުރުދާގައި ނުވަތަ މަސާނާގައި ހިލައުފެދުން

2- ގުރުދާއާއި، މަސާނާއާއި، ޔުރެތުރާ ގައި އިންފެކްޝަން އުފެދުން

3- ގުރުދާއާއި، މަސާނާއާއި، ޔުރެތުރާގައި އިންފްލެމޭޝަން އުފެދުން ( ގްލޯމެރޫލޯނެފްރައިޓިސް )

4- ގުރުދާ ނުވަތަ މަސާނާއަށް ކެންސަރު ޖެހުން

5- ޚިތާނުކުރުން، އޮޕަރޭޝަން ކުރުން ފަދަ ކަމެއްގެ ތެރޭގައި ގުރުދާއަށް ގެއްލުން ލިބުން

6- ޕޮލި ސިސްޓިކް ކިޑްނީ ( އުފެދުމުގައި ގުރުދާ ވައިކޮތަޅުތަކެއްގެ ސިފަޔަށް ހުރުން )

7- ގުރުދާ ފޭލްވުން

8- ޕޯސްޓް-ސްޓްރެޕްޓޯކޯކަލް ގްލޯމެރޫލޯނެފްރައިޓިސް

9- ސަލިސައިލޭޓް އަދި ބާބިޗިއުރޭޓް ފަދަ ބޭސްތަކުގެ ސަބަބުން ގުރުދާއަށް އަސަރު ކުރުން

(ށ) ބްލަޑް ޑިސްއޯޑަރއާއި ގުޅޭ ސަބަބުތައް

1- ހީމޯފީލިއާ ނުވަތަ ޕާޕިއުރާ

2- ސިކްލް ސެލް ބަލި

3- ގަނޑުވެފައިވާ ލޭގެ އެތިކޮޅުތައް ގުރުދާގައި ހުރުން

4- ލޭގައި ޕްލޭޓްލެޓްސް މަދުވުން

5- ވަރފަރިން ފަދަ ބޭސްތައް ބޭނުންކުރުން

(ނ) އެހެނިހެން ސަބަބުތައް

1- ލޭ މައްޗަށް ދިއުން

2- ވިޓަމިން ސީ އަދި ވިޓަމިން ކޭ މަދުވުން

 ކުޑަކަމުދާ ތަކެތީގައި ލޭހުރުމުން ކުރިމަތިވެދާނެ އަލާމާތް ނުވަތަ އުދަގޫ ތަކަކީ ކޮބާ ؟

އާދަޔާ ޚިލާފަށް ހަށިގަނޑުގެ ބަރުދަން ލުއިވުން، ކުޑަކަމުދާއިރު ދިލަނަގައި ރިއްސުން، އަވަސް އަވަހަށް ކުޑަކަމުދާން ޖެހުން މިއީ ހީމަޓޫރިއާގެ ސަބަބުން ކުރިމަތިވެދާނެ ބައެއް އުދަގޫތަކެވެ. މީގެ އިތުރުން އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް މެދުވެރިވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފަޔާއި، އިރުޝާދު ހޯދުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

(ހ) ހީކެރުވުން، ހުންއައުން، ބޯއެބުރުން، ހޮޑުލެވުން، ދަށްބަނޑުގައި ރިހުން

(ށ) ކުޑަކަމުދާން އުދަގޫވުން

(ނ) ކުޑަކަމުދާ ތަކެއްޗާއި އެކު ގަނޑުވެފައިވާ ލޭގެ އެތިކޮޅުތައް ބޭރުވުން

 ހީމަޓޫރިއާގެ ފަރުވާ އަކީ ކޮބާ ؟

ހީމަޓޫރިއާގެ ފަރުވާ ބިނާވެފައި އޮންނަނީ އޭގެ ސަބަބުގެ މައްޗަށެވެ. ކުޑަކަމުދާ ތަކެތީގައި ލޭހުންނަށް ދިމާވީ ކުޑަކަމުދާތަކެތި އުފައްދާ ބޭރުކުރާ ނިޒާމުގެ މައްސަލައަކާއި ގުޅިގެންކަމުގައި ވާނަމަ އެކަމަށް ޚާއްޞަ އެންޓިބަޔޮޓިކް ބޭނުންކުރެވިދާނެއެވެ. ކުޑަކުދިންނަށް ދިމާވާ މިފަދަ ހާލަތްތަކުގައި ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދިނުމަކީ މުހިއްމު ކަމެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.