އާދީއްތަ20181111

އާކުރެވުނީ: 08:43:52

ޖަރުމަނު ހިމަބިހި

german-measles-1ތަޢާރަފް

ޖަރުމަނު ހިމަބިހި(German measles) އަކީ ވައިރަސް އަކުން ޖެހޭ ގައިންގަޔަށްއަރާ ބައްޔެކެވެ. މިއީ ހިމަބިއްސާއި ވައްތަރު ގޮތެއް ހުންނަ ބައްޔެކެވެ އާންމު ގޮތެއްގައި މިއީ ދިގުމުއްދަތަކަށް ދެމިގެންދާ ނުރައްކާތެރި ބައްޔެއް ނޫނެވެ. މިބައްޔަށް "ރޫބެއްލާ"(Rubella) އަދި " 3ދުވަހުގެ ހިމަބިހި"(3-days measles) ވެސް ކިޔައެވެ.

ސަބަބު

ޖަރުމަނު ހިމަބިހި ޖެހެނީ "ރޫބެއްލާ ވައިރަސް"(Rubella virus) ގެ ސަބަބުންނެވެ. މިއީ "ޓޮގާ ވައިރަސް"(Toga virus) އާއިލާއަށް ނިސްބަތްވާ ވައިރަހެކެވެ.

ބަލި ފެތުރޭގޮތް

ޖަރުމަނު ހިމަބިހި މައިގަނޑު ގޮތެއްގައި ފެތުރެނީ ބަލިޖެހިފައިވާ މީހާގެ، އަނގަ، ނޭފަތް، ލޮލުން ބޭރުވާ ދިޔައިންނެވެ. އެހެންކަމުން ބަލިފެތުރިދާނެ ގޮތްތައް ތިރީގައި މިވަނީ އެވެ.
• ވާހަކަ ދެއްކުން، ހުނުން، ކެއްސާ ކިނބިިހއެޅުމުގެ ތެރޭގައި ބޭރުވެގެންދާ ވައިރަސް ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ނޭވާލުމުގެ ޒަރީޢާއިން ވާޞިލްވުން : ބަލިޖެހިފައިވާ މީހާ ކެއްސާ ކިނބިހިއެޅުން ފަދަ ކަންތައްތައް ފުރިހަމަ ކުރުމުގެ ތެރޭގައި އެތައް ބައިވަރު ވައިރަހެއް ވައިގެ ތެރެއަށް ދޫކުރެއެވެ. މިވައިރަސްތައް ލޮލަށް ނުފެނުނު ނަމަވެސް ވައިގެ ތެރޭގައި ދައުރުވަމުންދާނެ އެވެ. އަދި މިގޮތަށް ދައުރުވަމުން ގޮސް ސަލާމަތުންހުރި މީހާގެ ހަށިގަނޑަށް ނޭވާލުމުގެ ޒަރީޢާއިން ބަލީގެ ވައިރަސް ވާޞިލްވެއްޖެނަމަ، އެމީހަކަށް ބަލިޖެހިދާނެ އެވެ.

• ބަލިޖައްސާ ޖަރާސީމާއި އަތް ތަޣައްޔަރުވުމަށްފަހު، އަތްދޮވެ، ލޯ، ނޭފަތް، އަނގައިގައި އަތްލުން : ބަލިމީހާ ކެއްސާއި ކިނބިހިއެޅުން ފަދަ ކަންތައްތަކުގެ ތެރޭގައި އަނގަ، ނޭފަތް، ލޯ ފަދަ ތަންތަނުން ބޭރުވާ، ކުޅާއި، ދިޔަ ފަދަ ތަކެތިން އެމީހާ ގެންގުޅޭ ތަކެއްޗާއި، ކައިރީގައި ހުންނަ ގޮޑި މޭޒު ފަދަ ތަކެތި، އަދި ކޮޓަރީގައި ހުންނަ ތަކެތި ، ބަލީގެ ވައިރަސް އާއި ތަޣައްޔަރުކުރުވައެވެ. އަދި މިހާލަތުގައި ބަލިމީހާ އެފަދަ އެއްޗެއް ތަނެއްގައި އަތްލައިފިނަމަ، އެމީހެއްގެ އަތް ޖަރާސީމާއި ތަޣައްޔަރު ކުރުވައެވެ. އަދި ޖަރާސީމާއި އަތް ތަޣައްޔަރުވެފައި ވަނިކޮށް އަތްނުދޮވެ، ލޯ، ނޭފަތް، އަދި އަނގައިގައި އަތްލައިފިނަމަ، ބަލީގެ ޖަރާސީމު ނުވަތަ ވައިރަސް ސަލާމަތުންހުރި މީހާގެ ހަށިގަނޑަށް ވާޞިލްވާނެ އެވެ.

• ބަލިމީހާ ބޭނުންކޮށްފައިވާ ކާބޯތަކެތި ސަލާމަތުންހުރި މީހަކާ ހިއްސާ ކުރުން : ބަލިޖެހިފައިވާ މީހާ ކާބޯތަކެތި ބޭނުންކުރުމުގެ ތެރޭގައި އެމީހާގެ އަނގައިން ބޭރުވާ ދިޔަ ނުވަތަ ކުޅުން އެކާއެއްޗެއް ތަޣައްޔަރުވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. އަދި އެފަދަ ޙާލަތުގައި ބަލިމީހާ ބޭނުންކޮށްފައިވާ ކާއެއްޗެއް (މިސާލަކަށް އާފަލެއްގެ އެއްބައި ބަލިމީހާ ބޭނުންކޮށްފައިވަނިކޮށް) ސަލާމަތުންހުރި މީހާ ބޭނުންކޮށްފިނަމަ، އެމީހަކަށް ބަލިޖެހިދާނެ އެވެ.

• މާބަނޑު މީހާގެ ފުށުން ބަނޑުގައިވާ ދަރިފުޅަށް : މާބަނޑުމީހަކަށް ޖަރުމަނު ހިމަބިހި ޖެހިއްޖެނަމަ ބަނޑުގައިވާ ދަރިފުޅަށް ބަލީގެ އަސަރު ފޯރައެވެ.

އަލާމާތްތައް

german-measles-2ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު (Incubation period): ބަލީގެ ޖަރާސާމް ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތިކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން ޖަރުމަނު ހިމަބިހީގެ ޖަރާސީމު ހަށިގަނޑަށް ވަނުމަށްފަހު އޭގެ އަލާމާތްތައް ފެންނަށް 3-2 ހަފްތާވަރު ނަގައެވެ.

ބަލިފަތުރާ މުއްދަތު (Infectious period): ބައެއް މީހުންނަށް ބަލީގެ ވައިރަސް ހަށިގަނޑަށް ވާޞިލްވިޔަސް، ބަލީގެ އަލާމާތްތައް ނުފެނި ހިގައިދާނެ އެވެ. ނަމަވެސް މިފަދަ މީހުންގެ ފުށުން ވެސް އެހެންމީހުންނަށް ބަލި ފެތުރޭނެ އެވެ. ބަލި އެހެން މީހުންގެ ގަޔަށް ފަތުރަނީ ބިހިތައް ނެގުމުގެ 7 ދުވަސް ކުރިން ފެށިގެން ބިހިތައް ނެގުމަށްފަހު އަންނަ 7-5 ދުވަހުގެ ނިޔަލަށް އޮންނަ މުއްދަތުގެ ތެރޭގައެވެ. ބަލި ޖެހުމުން މުޅި އުމުރަށް އެމީހާގެ ހަށިގަނޑުގައި ބަލިން ދިފާޢުވުމުގެ ބާރު އުފައްދައި ދެއެވެ.

ޖަރުމަނު ހިމަބިހީގެ އަލާމާތްތައް

ޖަރުމަނު ހިމަބިހި ޖެހުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި:-
- ޖަރުމަނު ހިމަބިހީގައި ފެންނަ އެންމެ ފާހަގަ ކުރެވޭ އަލާމާތްތަކަކީ : ބިހިނެގުން، ގޮށްލުން، އަދި އާދައިގެ ވަރަކަށް ހުންއައުމެވެ.
- ހުން ހުންނާނީ އާދައިގެ ވަރަކަށެވެ. އާންމު ގޮތެއްގައި 38.5 ޑިގްރީ ސެލްޒިއަސް އަށްވުރެ ދަށްވާނެއެވެ.
- ގޮށްލުން : އެގޮތުން ކަންފަތާއި ބޮލުގެ ފަހަތުގައި، ހުންނަ ލިމްފް ގްލޭންޑް ތައް ދުޅަވެ، ގޮށްލާނެއެވެ. ބައެއް ފަަހަރު ހަށިގަނޑުގެ އެކި ހިސާބުތަކުގައި ގޮށްލައިފާނެ އެވެ. ހަފްތާއެއްގެ ތެރޭގައި ދުޅަތިރިވެ، ކުރިން ހާލަތަށް ގޮށްތައް ރުޖޫޢަވާނެ އެވެ.
- ބިހި : ބިހި ފުރަތަމަ ނަގަނީ ކަންފަތުގެ ފަހަތުގައެވެ. ދެން މޫނުގައެވެ. އޭގެ ފަހުން ކަދުރާ އާއި މޭމަތީގައެވެ. އަދި އޭގެ ފަހުން މުޅި ހަށިގަނޑަށް ފެތުރިގެން ދެއެވެ. މިބިހިތައް ހުންނަނީ ހިމަބިހީގައި ހުންނަ ކަހަލަ ގޮތަކަށް ރަތް ކުލައަކަށެވެ. 5-3 ދުވަހުގެ މުއްދަތަކަށް ބިހިތައް ދެމިހުރެއެވެ.
- ބޮޑެތި ކުދިންނާއި ޒުވާނުންނަށް ފަހަރުގައި ކަރުތެރެ ހަލާކުވުން، ގައިގައިރިހުން، އަދި ލޮލުގައި ރިހުން ކުރިމަތިވެދާނެ އެވެ. އަދި ގައިން ބިހި ނުނަގައިދާނެ އެވެ. ކުޑަކުދިންނަށް ހަމައެކަނި ބިހި ނަގައިފައި އެހެން އުދަނގުލެއްގެ އަސަރު ނުފެނި ހިގައިދާނެ އެވެ.
- ނޭފަތުން ފެންއައުން،ކެއްސުން، ވަރުބަލިވުން، ބޮލުގައި ރިހުން ފަދަ އުދަގޫތައް ވެސް ބައެއް މީހުންނަށް މެދުވެރި ވެއެވެ

ނުރައްކާތައް

(ހ) – އުފެދުމުގައި ޖަރުމަނު ހިބިހިޖެހުން : މިއީ އުފަންވާއިރު މައިމީހާގެ ފުށުން ތުއްތު ދަރިފުޅަށް ޖަރުމަނު ހިމަބިހި ޖެހިފައި ވުމެވެ. މިކަމާ ބެހޭ ތަފްޞީލް މާބަނޑު ދުވަސްވަރު ޖަރުމަނު ހިމަބިހިޖެހުން މިބައިގައި އެވަނީ އެވެ.

(ށ) – ސިކުނޑި ދުޅަވުން : މިއީ ވެސް ޖަރުމަނު ހިމަބިހި ޖެހޭ މީހުންނަށް ވަރަށް މަދުން ނަމަވެސް ދިމާވާ މައްސަލަ އެކެވެ.

(ނ) – ހުޅުތައް ދުޅަވެ ރިހުން : ބައެއް އަންހެންކުދިންނާއި، މީހުންނަށް ހުޅުތަކުގައި ރިހުން މެދުވެރި ވެއެވެ. އެގޮތުން އަތުގެ އަތުގެ ކުޑަހުޅު، އަދި އިގިލިތަކުގެ ކުދިކުދި ހުޅުތަކުގައި ތަދުވެ، ރިއްސާކަން ފާހަގަ ކުރެވެއެވެ.

(ރ) – ކަންފަތުގައި ޖަރާސީމު އެޅުން : މިއީ ވެސް މަދުން ނަމަވެސް ބަލި ދިގުލައި ދިއުމުން މެދުވެރިވާ ކަމެކެވެ.

މާބަނޑު ދުވަސްވަރާއި ޖަރުމަނު ހިމަބިހި

ޖަރުމަނު ހިމަބިއްސަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ. މިބަލީގެ އަލާމާތްތައް އެކި ހާލަތުގައި ތަފާތު ވުމަކީ ވެދާނެ ގޮތެކެވެ. ބައެއް ފަހަރު ކުޑަކޮށް ހުންއައުމާއެކު ގައިގެ އެކި ހިސާބުގައި ބިހިނަގައިފާނެއެވެ. ވަކިން ޚާއްޞަކޮށް މޫނުގައި ބިހިނެގުން އިތުރުވާނެ އެވެ. ހުޅުތަކުގައި ރިއްސުމާއެކު ހަށިގަނޑުގައި (ޚާއްޞަކޮށް ކަނދުރާގައި) ގޮށްލުމަކީ ވެސް ވެދާނެ ގޮތެކެވެ. ބަލި ރަގަޅުކުރުމަށް ވަކި ބޭހެއް ބޭނުންކުރާކަން ނުޖެހެއެވެ. ބަލިޖެހުމުން ދެވަނަ ފަހަރު ބަލި ޖެހުނު ނުދިނުމަށްޓަކައި ހަށިގަނޑުގައި ހަށިދަމަނަތައް އުފައްދާނެ އެވެ. މިއީ ބަލިން ދިފާޢުކޮށްދޭ މާއްދާ ތަކެކެވެ. އާންމު ގޮތެއްގައި ބަލިވެއިނދެ ޑޮކްޓަރަށް ދައްކާއިރު ޖަރުމަނު ހިމަބިއްސާއި ދެކޮޅަށް ހަށިގަނޑުގައި ދިފާޢީބާރު އުފެދިފައިވޭތޯ ބަލާނެ އެވެ.

މާބަނޑު ދުވަސްވަރު ޖަރުމަނު ހިމަބިހި ޖެހުމަކީ އެކަމުގެ އަސަރު ބަނޑުގައިވާ ދަރިފުޅަށް ކުރާނެ ކަމެކެވެ. މިއީ ދަރިފުޅުގެ ހަށިގަނޑުގައި ޢައިބުތައް އުފައްދާނެ ކަމެކެވެ. މާބަނޑުމީހާއަށް ޖަރުމަނު ހިމަބިހި ޖެހުމުން ދަރިފުޅަށް ލިބޭ ގެއްލުން ބަރޯސާވަނީ ބަނޑުގައި އޮންނަ ތުއްތު ދަރިފުޅަށް ވީދުވަހަށެވެ. މާބަނޑުވުމަށްފަހު ފުރަތަމަ 3 މަހުގެ ތެރޭގައި މިބަލި ޖެހިއްޖެނަމަ 60-50 އިންސައްތަ ތުއްތު ދަރިފުޅަށް ގެއްލުން ވުމުގެ ފުރުޞަތު އޮވެއެވެ. 20 ހަފްތާގެ ފަހުން މާބަނޑު މީހާއަށް ޖަރުމަނު ހިމަބިހި ޖެހިއްޖެނަމަ ދަރިފުޅަށް ލިބޭ ގެއްލުން ކުޑަވާނެ އެވެ. ނުވަތަ ދަރިފުޅަށް ގެއްލުން ލިބުމުގެ ފުރުޞަތު ކުޑަ އެވެ.

އެގޮތުން މާބަނޑު ދުވަސްވަރު މައިމީހާއަށް ޖަރުމަނު ހިމަބިިހ ޖެހިއްޖެނަމަ، ބަނޑުގައިވާ ދަރިފުޅަށް " އުފެދުމުގައި ޖަރުމަނު ހިމަބިހިޖެހުން"(Congenital rubella syndrome) ކިޔާ ބަލީގެ ހާލަތެއް މެދުވެރި ކުރުވައެވެ.

މިހާލަތުގައި ތުއްތު ދަރިފުޅަށް މެދުވެރިވާނެ ކަންތައްތަކުގެ ތެރޭގައި:-

• ލޯ: ލޮލުގައި ފުސްހެދުން، ލޮލުގެ ޕްރެޝަރު މަތިވުން، ލޮލުގެ އަލިދުލި ހަލާކުވުން

• އެތެރެހަށީގެ ގުނަވަންތައް : މޭގަނޑު ބޮޑުވުން، ހުންކޮށި ބޮޑުވުން، ރީނދޫވުން

• ނާރުތައް : ސިކުނޑީގެ ބާރުދިއުން، ވިސްނުންކޮށިވުން، ބީރުވުން، ވިހާއިރު ބޯކުޑަވުން

• ހިތް : އުފެދުމުގައި ހުންނަ ހިތުގެ މައްސަލަތައް

• ކަށި: ކަށިތައް ހަލާކުވުން

• ލޭ : ލޭގަނޑުކުރާ މާއްދާތައް މަދުވުން، ޕާޕިޔުރާ

• ބޮޑުނުވުން

މައިމީހާއަށް ދިމާވެދާނެ އުދަނގޫތަކުގެ ތެރޭގައި:-
• ބައިގެންދިއުން
• ބަނޑުގައި މަރުވުން ނުވަތަ ވިހެއުމުގެ ތެރޭގައި މަރުވުން

މާބަނޑުވުމަށްފަހު ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ޖަރުމަނު ހިމަބިހި ޖެހިފައިވާ މީހަކާއި ގައިގޯޅިވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ވާނެއެވެ. އެއީ މިފަދަ ހާލަތުގައި ކުރިމަތިވެދާނެ އެތައް ކަމެއް ހުރެދާނެތީ އެވެ.
- ޑޮކްޓަރަށް ބަލިވެއިން މީހާއަކީ ޖަރުމަނު ހިމަބިހިން ރައްކާތެރިވެފައިވާ މީހެއްކަން ކަށަވަރުކޮށްދިނުން

- ބަލިވެއިން މީހާއަކީ ޖަރުމަނު ހިމަބިއްސަށް ޓެސްޓްކުރެވިފައިވާ މީހެއްކަން ނޭގުން : އެހެންވެއްޖެނަމަ ލޭގައިވާ ހަށިދަމަނައިގެ ވައްތަރުތައް ދެނެގަތުމަށް ލޭގެ ޓެސްޓް ހެދިދާނެ އެވެ. މިޓެސްޓްގެ ނަތީޖާއިން މާބަނޑު މީހާވަނީ ޖަރުމަނު ހިމަބިހިން ރައްކާތެރިވެފައިކަން އެނގޭނަމަ، ކުޑަ ދަރިފުޅަށް ނުރައްކަލެއް ނެތެވެ. ބަލިވެއިންމީހާ ވަނީ ޖަރުމަނު ހިމަބިހިން ރައްކާތެރިނުވެކަން އެނގޭނަމަ، ކަނޑައަޅާ ދުވަސްކޮޅެއްގެ ފަހުން (ގާތްގަނޑަކަށް 6 ހަފްތާ ފަހުން) ދެވަނަ ފަހަރަށް ޓެސްޓް ހަދާން އިރުޝާދު ދޭނެ އެވެ. ދެވަނަ ފަހަރަށް ޓެސްޓް ހަދާއިރު ވެސް، ބައްޔާއި އިދިކޮޅު ހަށިދަމަނަ ލޭގައި ނެތްނަމަ އޭގެ މާނައަކީ މާބަނޑުމީހާއަށް އަދި ޖަރުމަނު ހިމަބިހި ނުޖެހެނީ އެވެ. އެހެންކަމުން ބަނޑުގައިވާ ދަރިފުޅަށް މިހާލަތުގައި ގެއްލުމެއް ނުވާނެ އެވެ. ނަމަވެސް ވިހެއުމަށްފަހު ވެކްސިން ދޭންޖެހޭނެ އެވެ. ދެވަނަ ޓެސްޓުން ޖަރުމަނު ހިމަބިހި ޖެހިފައިވާކަމަށް ދައްކާނަމަ، ބަނޑުގައިވާ ދަރިފުޅަށް ޖަރުމަނު ހިމަބިހި ޖެހުމުގެ ޢައިބުވުމުގެ ފުރުޞަތު ބޮޑެވެ.

ދެނެގަތުން

(ހ) ކުޑަކުދިންނާއި ބޮޑެތި މީހުން : ބައެއް ފަހަރު "ރޫބެއްލާ ޓެސްޓް"(Rubella test) ކިޔާ ލޭގެ ޓެސްޓެއް ހަދަން ޖެހިދާނެ އެވެ. މިއީ ރޫބެއްލާ ވައިރަސް އާއި ދެކޮޅަށް ހަށިގަނޑުގައި ދިފާޢީބާރު އުފެދިފައިވޭތޯ ބެލުމަށް ހަދާ ޓެސްޓެކެވެ. މިޓެސްޓް ހެދުމުގެ ބޭނުމަކީ:-

- ފަހުގެ ދުވަސްވަރެއްގައި ރޫބެއްލާ ވައިރަސްގެ ސަބަބުން ބައްޔެއް ޖެހިފައިވޭތޯ ބެލުން

- ޖަރުމަނު ހިމަބިހިން ދިފާޢުވުމަށް ވެކްސިން ދީފައިވޭތޯ ބެލުން

- ޖަރުމަނު ހިމަބިއްސާއި ދެކޮޅަށް ހަށިގަނޑުގައި ދިފާޢީބާރު އުފެދިފައިވޭތޯ ބެލުން

ޖަރުމަނު ހިމަބިހި ޖެހިފައިވާ މީހަކާއި ގައިގޯޅިވި ފަހުން، އެބަލީގެ އުދަނގޫތައް ފެނިއްޖެނަމަ، ޓެސްޓް ކުރުމަކާއި ނުލައި ވެސް ފެންނަ އަލާމާތްތަކަށް ބަލައިގެން، ބަލި ދެނެގަނެވިދާނެ އެވެ.

(ށ) – މާބަނޑު މީހުން : މާބަނޑުމީހުންނަށް މާބަނޑު ދުވަސްވަރު ރޫބެއްލާ އިންފެކްޝަން އާއި ދެކޮޅަށް ހަށިގަނޑުގައި ދިފާޢީ ބާރު އުފެދިފައިވޭތޯ ބެލުމަށް ( ކުރިން ބަލިޖެހިފައިނުވާނަމަ، އަދި ކުރިން އެމްއެމްއާރު ވެކްސިން ދީފައިނުވާނަމަ) މިޓެސްޓް ހަދަން ޖެހިދާނެ އެވެ. އެގޮތުން ޓެސްޓް ހަދާއިރު ބަލާނީ ރޫބެއްލާ އިންފެކްޝަން އާއި ދެކޮޅަށް ހަށިގަނޑުގައި ހަށިދަމަނަ އުފެދިފައިވޭތޯ އެވެ. އެގޮތުން :-

- ހަށިދަމަނަ ނުހުރެއްޖެނަމަ : ޓެސްޓް ނެގެޓިވް ވީއެވެ. މާނައަކީ ތިބާގެ ހަށިގަނޑުގައި ޖަރުމަނު ހިމަބިހިން ދިފާޢުވުމުގެ ބާރުނެތުމެވެ. މިހާލަތުގައި އިމިޔުނޯގްލޯބިޔުލިން ޖަހަން ޖެހޭނެ އެވެ. މިއީ ބަލީގެ ނުރައްކާ ކުޑަކޮށްދީ ޢައިބު އުފެދުމުގެ ފުރުޞަތު ކުޑަކޮށްދޭ ކަމެކެވެ.

- ހަށިދަމަނަ ހުރެއްޖެނަމަ : ޓެސްޓް ޕޮޒިޓިވް ވީއެވެ. މާނައަކީ ތިބާގެ ހަށިގަނޑުގައި ޖަރުމަނު ހިމަބިހިން ދިފާޢުވުމުގެ ބާރު ހުރުމެވެ. މިހާލަތުގައި 6 ހަފްތާ ފަހުން އަނެއްކާ ވެސް ޓެސްޓް ރިޕީޓްކޮށްލެވިދާނެ އެވެ.

german-measles-3(ނ) – ތުއްތުކުދިން : ތުއްތު ކުއްޖަކު އުފަންވާއިރު ޢައިބުތައް ހުރެއްޖެނަމަ، އެޢައިބުތައް ހުރީ ޖަރުމަނު ހިމަބިހީގެ ސަބަބުންތޯ ބަލައި ޔަގީންކުރުން މުހިއްމެވެ. މިކަން ބިނާވެފައި އޮންނަނީ ތުއްތުދަރިފުޅުގެ ހަށިގަނޑުގައި ބަލައިހޯދާ ބެލުންތަކާއި، މައިމީހާގެ ފުށުން ލިބޭ މައުލޫމާތު ތަކުގެ މައްޗަށެވެ. ޖަރުމަނު ހިމަބިހިކަން ޔަގީންވާ ހިނދުން ފެށިގެން ދެންތިބި މީހުންނަށް ބަލި ފެތުރުން ހުއްޓުވޭނެ ގޮތްތައް ހޯދައި އެގޮތަށް އަމަލުކުރަން ޖެހޭނެ އެވެ.

ޖަރުމަނު ހިމަބިހީގެ ސަބަބުން ތުއްތު ކުދިންނަށް ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ ބީރުވުން ކަމަށްވާތީ، އުފަންވާ ހުރިހާ ކުދިންގެ އަޑުއިވުން ހުރިނެތްގޮތް ޓެސްޓްކުރުމަށް ބައެއް ޑޮކްޓަރުން އިރުޝާދު ދެއެވެ. އެގޮތުން އަޑުއިވުމުގައި މައްސަލައެއް ހުރިކަން ފާހަގަވެއްޖެނަމަ، ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ޖަރުމަނު ހިމަބިހީގެ އަސަރު ހުރިތޯ ބަލަންޖެހެއެވެ. މިއީ އިތުރު ޢައިބުތައް ހުރިތޯ ބަލައި ޔަގީންކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

މީގެ އިތުރުން ބައެއް ފަހަރު ވައިރަސް ހައްދައި ދިރުވައެވެ. އެއީ ބަލިޖެހުނީ ކޮންކަހަލަ ވައިރަސްއަކުންކަން ޔަގީންކުރުމަށެވެ.

ފަރުވާ

ބަލީގެ އުދަނގޫތައް ދިމާވަނީ ވަރަށް އާދައިގެ މިންވަރަކަށްވާތީ ހަގީގަތުގައި މިބައްޔަށް މާބޮޑު ފަރުވާއެއް ބޭނުމެއް ނުވާނެ އެވެ. ދިމާވެފައިވާ އުދަނގޫތަކަށް ހައްލެއް ހޯދުމުން ފުދޭނެ އެވެ. ޖަރުމަނު ހިމަބިހީގެ ފަރުވާ އަމާޒުކުރެވެނީ ދިމާވާ އުދަނގޫތަކަށް ފަރުވާކުރުމަށެވެ. އެގޮތުން :-
- ވީވަރަކުން އަރާމުކުރާށެވެ. އަދި ގިނައިން ދިޔާތަކެތި ބޯށެވެ. ކުޑަކުއްޖެއްނަމަ ގިނައިން ދިޔާތަކެތި ދޭށެވެ. ބޭނުމަކީ ހަށިގަނޑުން ފެންހުސްވިޔަ ނުދިނުމެވެ.

- ހުންތިރިކުރުމަށާއި، ތަދުކެނޑުވުމަށް ކުޑަކުދިންނާއި، ބޮޑެތި މީހުންނަށް ވެސް ޕެނަޑޯލް ދެވިދާނެ އެވެ. 20 އަހަރުން ދަށުގެ ކުދިންނަށް އެސްޕިރިން ދިނުމަކީ ރަގަޅުކަމެއް ނޫނެވެ. އެއީ އެކަމުގެ ސަބަބުން "ރޭޒް ސިންޑްރޯމް" ކިޔާ ބައްޔެއްގެ މައްސަލަ ފެންމަތިވެގެން އަތުވެދާނެތީ އެވެ.

- މާބަނޑުވުމަށްފަހު، ޖަރުމަނު ހިމަބިހި ޖައްސާ ވައިރަސްއަށް ހުށަހެޅި(ބަލިޖެހިފައިވާ މީހަކާއި ގައިގޯޅިވުން)، އަދި ޖަރުމަނު ހިމަބިއްސާއި ދެކޮޅަށް ދިފާޢުވުމަށް ވެކްސިން ކުރިން ޖަހާފައިނުވާނަމަ، ޑޮކްޓަރަކާއި މަޝްވަރާ ކުރާށެވެ. މިހާލަތުގައި "އިމިޔުނޯގްލޯބިޔުލިން"(Immunoglobulin) ދެއްވާނެ އެވެ. އިމިޔުނޯގްލޯބިޔުލިން އަކީ ޖަރުމަނު ހިމަބިހިން ދިފާޢުކޮށްދޭ އެއްޗެއް ނޫނެވެ. ނަމަވެސް އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ކުޑަކޮށްދީ، ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ޢައިބުތައް އުފެދުމުގެ ފުރުޞަތު ކުޑަކޮށް ދެއެވެ. ނަމަވެސް އެއްކޮށް ޢައިބުތައް އުފެދުމުން ރައްކާތެރިކޮށް ނުދީފާނެކަން ހަދާންކުރަން ޖެހެއެވެ.

ރައްކާތެރިވުން

ޖަރުމަނު ހިމަބިހިން ރައްކާތެރިވުމަށް ކުރެވޭ އެންމެ މުހިއްމު ކަމަކީ އެމްއެމްއާރު ވެކްސިން ދިނުމެވެ.

އެމްއެމްއާރު ވެކްސިން

އެމްއެމްއާރު ވެކްސިން(MMR vaccine) އަކީ ހިމަބިހިން ރައްކާތެރިވުމުގެ ގޮތުން އުމުރުން 15-12 މަހާ ދެމެދު (13ވަނަ މަހުގައި) ނުވަތަ 18 މަހުގައި ދެވޭ ވެކްސިނެކެވެ. މިވެކްސިނަކީ ތަފާތު 3 ބައްޔަކުން ރައްކާތެރިވެ، ހިމާޔަތް ކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ. އޭގެ ތެރޭގައި ހިމެނެނީ ކޯފުއްޕި، ހިމަބިހި، އަދި ޖަރުމަނު ހިމަބިހި މި 3 ބައްޔެވެ. މިވެކްސިންގެ ބޫސްޓަރ ޑޯޒެއްގެ ގޮތުގައި އުމުރުން އުމުރުން 5-3 (ނުވަތަ 6-4 އަހަރާދެމެދު) އަހަރާއި ދެމެދުގައި ދެއެވެ. ސަބަބަކީ ބައެއް ފަހަރު އެންމެ ޑޯޒެއް ދިނުމުން އެދެވޭގޮތެއްގައި ހަށިގަނޑުގައި ބައްޔާއި ދެކޮޅަށް ދިފާޢުވުމުގެ ބާރު އުފައްދައިނުދޭތީ އެވެ.

އުމުރުން 13 މަސްވުމުން އެމްއެމްއާރު ވެކްސިން ދިނުމަކީ އެދެވިގެންވާ ކަމެކެވެ. ރާއްޖޭގައި މިވެކްސިން ދެނީ އުމުރުން 18 މަހުގައެވެ. ބައެއް ގައުމުތަކުގައި ދެވަނަ ޑޯޒެއް އުމުރުން 5-3 (ނުވަތަ 6-4 އަހަރާދެމެދު) އަހަރާއި ދެމެދުގައި ދެއެވެ. ސަބަބަކީ ބައެއް ފަހަރު އެންމެ ޑޯޒެއް ދިނުމުން އެދެވޭގޮތެއްގައި ހަށިގަނޑުގައި ބައްޔާއި ދެކޮޅަށް ދިފާޢުވުމުގެ ބާރު އުފައްދައިނުދޭތީ އެވެ. އަދި އެހެން ބައެއް ގައުމުތަކުގައި ބޫސްޓަރ ޑޯޒް އުމުރުން 14-11 އަހަރާއި ދެމެދުގައި ވެސް ދީއުޅެއެވެ.

މާބަނޑު މީހުންނަށް އެމްއެމްއާރު ވެކްސިން ދިނުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.އަދި ވެކްސިން ދިނުމަށްފަހު 1 މަސް ފާއިތުވުމުގެ ކުރިން ބަލިވެ އިނުމަކީ ވެސް ރަގަޅު ކަމެއް ނޫނެވެ. ގާތުން ކިރުދޭ މައިމީހާއާއި އަދި ގާތުން ކިރުދޭ ދަރިފުޅަށް ވެސް އެމްއެމްއާރު ވެކްސިން ދެވިދާނެ އެވެ.

ޖަރުމަނު ހިމަބިހިން ރައްކާތެރިވުމަށް ކުރެވިދާނެ އެހެނިހެން ކަންތައްތައް

(ހ) - ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން : އެގޮތުން ރުމާލަކުން ނުވަތަ ޓިޝޫ އަކުން އަނގަޔާއި ނޭފަތް ރަގަޅަށް ނިވާކުރެވިދާނެއެވެ. މިއީ ބަލި ކައިރީގައި ތިބޭމީހުންގެ ހަށިގަނޑަށް ފެތުރުން ކުޑަކުރެވޭނެ ގޮތެކެވެ. އަނގަޔާއި ނޭފަތް ނިވާކުރުމަށް ފޮތި ރުމާލަށްވުރެ ރުބޮޑަށް ބޭނުންކުރަން ރަގަޅީ ޓިޝޫ ފަދަ އެއްޗެކެވެ. އެއީ ބޭނުންކޮށް ނިމުމުން ފަސޭހައިން ނައްތާލެވޭނެތީއެވެ.އަދި އެފަދަ އެއްޗެއް ބޭނުންކުރާނީ އެންމެ ފަހަރަކު ކަމަށްވާތީ އެވެ. ރުމާލެއް ޓިޝޫ އެއް އެއްޗެއް ނެތްނަމަ އަތް އަޅައިގެން ނަމަވެސް އަނގަޔާއި ނޭފަތް ނިވާކުރުމަކީ މުހިއްމު ކަމެކެވެ. އަދި އެފަދަ ޙާލަތުގައި ވަގުތުން އަތްދޮވެ ސާފުކުރަން ޖެހޭނެއެވެ.

(ށ) - ބަލިޖެހިފައިވާ މީހުންނާއި މާބޮޑަށް ގައިގޯޅިވެ ނޫޅުން : ބަލިޖެހިފައިވާ މީހުން ކެއްސާ ކިނބިހި އަޅާއިރު ބޭރުވާ ޖަރާސީމް ވަރަށް ފަސޭހައިން ކައިރީގައި ތިބޭ މީހުންގެ ހަށިގަނޑަށް ވާޞިލްވާގޮތް ވެއެވެ. އެގޮތުން އެފަދަ މީހުންނާއި ސަލާމް ކުރުމާއި، މާގިނައިރު އެކުގައި ވާހަކަ ދައްކަން ހޭދަކުރުމަކީ ވެސް ބަލި ސަލާމަތުން ހުރި މީހާގެ ގަޔަށް ނަގުލުވެދާނެ ކަމެކެވެ.

ޖަރުމަނު ހިމަބިއްސާއެކު ކުޑަ ދަރިފުޅު އުފަންވިނަމަ، ކުރިން ބަލިނުޖެހި، ނުވަތަ ވެކްސިން ޖަހާފައިނުވާ މީހުން އެކުޑަ ދަރިފުޅު އުރައި ހެދުމަކީ ރަގަޅު ކަމެއް ނޫނެވެ. ގޭގައި ވެސް އާންމު ޞިއްޙަތަށް ރައްކާތެރިވުމާއެކު އަތް ދޮވުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.

(ނ) - ބަލިވެއްޖެނަމަ ގޭގައި މަޑުކުރުން: ބަލިވެއްޖެނަމަ ދެންތިބި މީހުންގެ ޞިއްޙަތަށް ރައްކާތެރިވުމުގެ ގޮތުން އާންމުން އެއްވެއުޅޭތަންތަނަށް ނުދިއުން ބުއްދިވެރިއެވެ. މިސާލަކަށް މަސައްކަތްކުރަން އޮފީހަށް ދިއުން، ސުކޫލަށްދިއުން، ފަދަ ކަންތައްތައް ދެތިން ދުވަސްވަންދެން ހުއްޓާލެވިދާނެއެވެ. އެހެން ކަމުން މަޖުބޫރު ޙާލަތެއްގައި ނޫނީ ބޭރަށް ނުދާށެވެ. ކުޑަކުދިން ޖަރުމަނު ހިމަބިހި ޖެހިފައިވާ ދުވަސްވަރު ސުކޫލަށް ފޮނުވުމަކީ ރަގަޅު ކަމެއް ނޫނެވެ. އެއީ ޖަރުމަނު ހިމަބިއްސަކީ ފަސޭހަ ކަމާއެކު ގައިންގަޔަށްއަރާ ބައްޔަކަށްވާތީ އެވެ. އެހެންކަމުން ބަލީގެ ބިހިތައް ފެންނަ ދުވަހުން ފެށިގެން 7 ދުވަސްވަންދެން ބޭރަށް ނުގޮސް ގޭގައި މަޑުކުރުމަކީ ބުއްދިވެރި ގޮތެކެވެ.

(ރ) – ބަލިމީހާ އެހެން މީހުންނާއި ވަކިން ގެންގުޅުމާއި، ބަލިމީހާ ބޭނުންކުރާ ތަކެތީގައި ވީވަރަކުން އަތްނުލުމާއި އެތަކެތި ކޮންމެ ދުވަހަކު ދޮވެ ސާފުކުރުން : ބަލިޖެހިފައިވާ މީހުން، އެހެންމީހުންނާއި ވަކި ކޮޓަރި އެއްގައި ބޭތިއްބުމަކީ މުހިއްމު ކަމެކެވެ. އަދި ކެއިން ބުއިމަށް ބޭނުންކުރާ ތަކެތި ވެސް ވަކިން ގެންގުޅުން މުހިއްމެވެ. ބަލިމީހާ ބޭނުންކުރާ ރުމާ، ސޮނިފޮތި، ތުވާލި، ބެޑްޝީޓް، ރަޖާ ، ފަދަ ތަކެތި ކޮންމެ ދުވަހަކު ދޮވެ ސާފުކުރުމާއި، އަދި އެހެންމީހުން ބަލިމީހުން ބޭނުންކުރާ މިފަދަ ތަކެތި ބޭނުންނުކުރުން މުހިއްމެވެ. ބޮޑަށް ރަގަޅުވާނީ ނޭފަތް ފޮޅުން ފަދަ ކަންކަމަށް ޓިޝޫ ބޭނުންކުރުމަށްފަހު ނައްތައިލުމެވެ.

މައުލޫމާތު :-
• "ރައްކާތެރި މައިވަންތަކަމަށް މަގެއް"– ޢަބުދުއްސައްތާރު ޢަބުދުލް ޙަމީދު(ނޯޓް:މިފޮތް ބާޒާރަށްއަދި ނިކުމެފައެ ނުވެއެވެ)
• އިންޓަނެޓްގެ ބައެއް މެޑިކަލް ވެބްސައިޓްތައް
• ބައެއް މެޑިކަލް ފޮތްތައް

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.