ހުކުރު20200918

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ބަލިތައް ފުރަގަސްފަރާތު ބައްޔަކީ ކޮބާ

ފުރަގަސްފަރާތު ބައްޔަކީ ކޮބާ

furagas-faraathu-bali-2ފުރަގަސްފަރާތު ބަލީގެ ވައްތަރުތަކަކީ ކޮބާ؟
ފުރަގަސްފަރާތު ބަލި ޖެހިފައިވާ މިންވަރު ބަހާލެވިދާނެ ދަރަޖަތަކަކީ ކޮބާ ؟
ފުރަގަސްފަރާތު ބަލި ޖެހުމުން ފެނިދާނެ އަލާމާތްތަކަކީ ކޮބާ؟
ފުރަގަސްފަރާތު ބަލި ޖެހުމަށް މެދުވެރިވާ ސަބަބުތަކަކީ ކޮބާ ؟

ފުރަގަސްފަރާތު ބަލި ޖެހުމުން ދެވިދާނެ ފަރުވާ އަކީ ކޮބާ؟
ފުރަގަސްފަރާތު ބައްޔަށް ދެވޭ ބައެއް ފަރުވާ :
ފުރަގަސްފަރާތު ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟

ފުރަގަސްފަރާތު ބައްޔޭ ބުނެވެނީ ބޮޑުކަމުދާ ދޮރު ނުވަތަ ފުރަގަސްފަރާތް ހިމެނޭ ހިސާބުގައިވާ ލޭހޮޅިތައް ނުވަތަ ލޭނާރުތައް ދެމި، ފުޅާވެ ފުއްޕުމަށް ނިސްބަތް ކޮށެވެ. ފުރަގަސްފަރާތު ބައްޔަށް ''ޕައިލްސް'' ނުވަތަ ''ހެމޮރޮއިޑްސް'' އޭ ވެސް ކިޔައި އުޅެއެވެ. މިބަލީގެ އުދަގޫ އާންމުކޮށް ކުރިމަތިވަނީ 20އަހަރާއި 50އަހަރާއި ދެމެދުގެ މީހުންނަށެވެ. އާބާދީގެ 50އިންސައްތަ މީހުންނަށް ފުރަގަސްފަރާތު ބަލީގެ އުދަގުލާއި އެމީހުންގެ ހަޔާތުގެ ކޮންމެ ވެސް ދުވަސްވަރެއްގައި ކުރިމަތިލާންޖެހޭ ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ.

ފުރަގަސްފަރާތު ބަލީގެ ވައްތަރުތަކަކީ ކޮބާ؟

ފުރަގަސްފަރާތު ބަލީގެ ދެވައްތަރެއް ވެއެވެ.

(1) އިންޓަރނަލް ޕައިލްސް:

މިވައްތަރުގައި ފުއްޕާފައި ހުންނަ ލޭނާރުތައް ހުންނަނީ އެތެރޭގައެވެ. ބޭރަށް ފެންނާކަން ނުހުރެއެވެ. މިހާލަތުގައި ފުއްޕަނީ ފުރަގަސްފަރާތު ދޮރުގެ ތިރީބައިގައިވާ '' އިންޓަރނަލް ހެމޮރޮއިޑަލް ޕްލެކްސަސް'' އޭ ކިޔޭ ލޭނާރު ފުންޏެކެވެ. މިގޮތަށް ފުއްޕާފައިވާ ލޭނާރުތައް ހުންނަނީ ގޮހޮރުގެ އެތެރެއިން ލެވިފައިވާ ތެތްދުލިފަށް(މިއުކޯޒާ) އިން ފޮރުވިފައެވެ.

(2) އެކްސްޓަރނަލް ޕައިލްސް:

މިއީ ފުއްޕާފައިވާ ލޭހޮޅިތައް ބޭރަށް ނިކުމެ، ފެންނަށް ހުރުމެވެ. މިހާލަތުގައި ފުއްޕަނީ ފުރަގަސްފަރާތު ދޮރުގެ ވަށައިގެންވާ ހަންގަޑަށްވުރެ ކުޑަތަންކޮޅެއް އެތެރޭގައިވާ ''އެކްސްޓަރނަލް ހެމޮރޮއިޑަލް ޕްލެކްސަސް'' އޭ ކިޔޭ ލޭނާރު ފުންޏެކެވެ. ފުއްޕާފައިވާ ލޭނާރުތައް ހުންނަނީ ހަމައެކަނި ހަމުގެ ފަށަލައަކުން ފޮރުވިފައެވެ.

ފުރަގަސްފަރާތު ބަލި ޖެހިފައިވާ މިންވަރު ބަހާލެވިދާނެ ދަރަޖަތަކަކީ ކޮބާ ؟

* ފުރަގަސްފަރާތު ބަލީގެ އެތެރެއަށް ލޭނާރުތައް ފުއްޕާފައި ހުންނަ ވައްތަރު ނުވަތަ ''އިންޓަރނަލް ޕައިލްސް'' އެކި ދަރަޖަތަކަށް ބަހާލެވިފައި ވެއެވެ.

furagas-faraathu-baliފުރަތަމަ ދަރަޖައިގައި ފުއްޕާފައި ހުންނަ ލޭނާރު ތައް ހުންނަނީ ފުރަގަސްފަރާތު ދޮރުގެ އެތެރޭގައެވެ. ދެވަނަ ދަރަޖައިގައި ފުއްޕާފައިވާ ލޭނާރުތައް ބޮޑުކަމުދިއުމުގެ ތެރޭގައި ބޭރަށް ނިކުމެއެވެ. އަދި ބޮޑުކަމުދެވި ނިމުމުން އޭގެ ޒާތުގައި އަމިއްލައަށް އެތެރެއަށް ރުޖޫޢަވެއެވެ. ތިންވަނަ ދަރަޖައިގައި ވެސް ފުއްޕާފައިވާ ލޭނާރުތައް މިގޮތަށް ބޭރަށް ނިކުމެއެވެ. ނަމަވެސް އެތެރެއަށް ވަންނާނީ ހަމައެކަނި އިގިލިން ނުވަތަ އެއްޗަކުން އޮއްބާލުމުންނެވެ. ހަތަރުވަނަ ދަރަޖައިގައި ފުއްޕާފައިވާ ލޭހޮޅިތައް އަބަދުވެސް ބޭރަށް ނިކުމެ، ފެންނަށް ހުރެއެވެ.

ބަޔާންކުރެވުނު ހަތަރު ދަރަޖައިގެ ތެރެއިން ފުރަގަސްފަރާތު ބަލީގެ އެންމެ ނުރައްކާތެރި ދަރަޖަ ކަމުގައި ބެލެވެނީ 3ވަނަ ދަރަޖައެވެ.

ނޯޓް: ފުގަސްފަރާތް ފޭބުން ނިސްބަތް ކުރެވެނީ ފަހުން މިބުނި ވައްތަރަށެވެ. އެއީ ފުއްޕާފައިވާ ލޭހޮޅިތައް ބޭރަށް ނިކުމެ ފެންނަށް ހުރުމެވެ.

ފުރަގަސްފަރާތު ބަލި ޖެހުމުން ފެނިދާނެ އަލާމާތްތަކަކީ ކޮބާ؟

މިބަލީގެ އަލާމާތްތައް ފާހަގަނުވެ ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ފުރަގަސްފަރާތު ބަލި ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ފުއްޕާފައިވާ ލޭނާރުތައް ބޭރަށް ނިކުމެ ފެންނަށް ހުރުން، ފުރަގަސްފަރާތުގައި ހިރުވުން، ކެހުން، ފާރުވުން، ރިއްސުން، އަދި ފުރަގަސްފަރާތުން ލޭއައުން ފަދަ ކަންތައްތައް ހިމެނެއެވެ. ފުރަގަސްފަރާތުން ލޭއައުން ބޮޑަށް އާންމުކަމަށް ފާހަގަކުރެވިފައިވަނީ ''އެތެރެއަށް ލޭނާރު ފުއްޕާފައި ހުންނަ ވައްތަރު'' ނުވަތަ ''އިންޓަރނަލް ޕައިލްސް'' ގައެވެ. ބޮޑުކަމުދިއުމުގެ ކުރިންނާއި، ބޮޑުކަމުދިއުމުގެ ތެރޭގައި، އަދި އޭގެ ފަހުން ވެސް ފުރަގަސްފަރާތުން ލޭއައުމަކީ އެކަށީގެންވާ ކަމެކެވެ. މާގިނައިން ލޭބޭރުވާނަމަ ދުވަސްކޮޅެއްގެ ތެރޭގައި ލޭދަށްވުން ނުވަތަ އެނީމިއާ ކުރިމަތިވާގޮތް ވެއެވެ. ބައެއްފަހަރު ބޮޑުކަމު ގޮސް ނިމުމުން ވެސް، އަދިވެސް ބޮޑުކަމުދާ އެއްޗެހި ހުސްނުވެ ހުންނަހެން އިހްސާސްވުން، ގޮހޮރު ނުވަތަ ރެކްޓަމް ފުރިފައި ހުންނަހެން އިހްސާސްވުން ފަދަ ކަންތައް ދިމާވެއެވެ. ނާދިރު ފަހަރަކު ފުރަގަސްފަރާތް ހިމެނޭ ހިސާބުގައި އިންފެކްޝަން އަށަގަތުމަކީ ވެދާނެކަމެކެވެ.

ފުރަގަސްފަރާތު ބަލި ޖެހުމަށް މެދުވެރިވާ ސަބަބުތަކަކީ ކޮބާ ؟

މިބަލި ޖެހޭ ވަކި ސަބަބެއް ކަނޑައެޅިގެން ބުނާކަން ނޭގެއެވެ. ނަމަވެސް ފުރަގަސްފަރާތު ބައްޔާއި ފުރަގަސްފަރާތު ދޮރު ހިމެނޭ ހިސާބުގެ އެތެރޭ ޕްރެޝަރ މަތިވުމާއި ގުޅުމެއް ވާކަމަށް ވަނީ ސާބިތުވެފައެވެ. މިގޮތުން ޕްރެޝަރ އިތުރުކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) ދިގުމުއްދަތަކަށް ބަނޑުހަރުވުން:

މިގޮތަށް ބަނޑުހަރުވުމުން ބޮޑުކަމުދާ ކޮންމެ ފަހަރަކު ބާރުލާން ޖެހުމުން ލޭހޮޅިތަކަށް ޕްރެޝަރ އިތުރުވެ، ފުއްޕާގޮތް ވެއެވެ.

(ށ) މާބަނޑު ދުވަސްވަރު ފުރަގަސްފަރާތު ބަލި ޖެހުން:

މިކަން ކުރިމަތި ވަނީ ރަހިމުގައި ދަރިފުޅު ބޮޑުވަމުން އަންނަ އިރު ހިތަށް ލޭފޮނުވައިދޭ ބޮޑުލޭހޮޅިއެއް ކަމަށް ''އިންފީރިއާ ވީނަކެވާ''އަށް ރަހިމުން ފިއްތާތީއެވެ. މާބަނޑުވުމުން ކުރިމަތިވާ ފުރަގަސްފަރާތު ބަލީގެ އުދަގޫ ވިހެއުމަށް ފަހު ދުވަސްކޮޅެއްގެ ތެރޭގައި ފިލައިދެއެވެ.

(ނ) ވިރާސީގޮތުން ފުރަގަސްފަރާތު ބަލި ޖެހުން:

މިހާތަނަށް ހޯދި ހޯދުން ތަކުން އެގިފައިވާގޮތުގައި އެއްއާއިލާ އެއްގެ މެމްބަރުންގެ މެދުގައި މިބަލި ޖެހޭ މިންވަރު އިތުރެވެ. މާނައަކީ އާއިލާގެ މީހުންގެ ތެރެއިން ދޮއްޓަށް ތިބި މީހުންނަށް ފުރަގަސްފަރާތު ބަލި ޖެހިފައިވާނަމަ ހަގަށް ތިބި މީހުންނަށް ވެސް މިބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމެވެ. އުފެދުމުގައި ލޭހޮޅީގެ ފާރުގައި ދެރަކަމެއް ހުރުމަކީ މިބަލި ޖެހުމަށް މަގުފަހިވާ ކަމެކެވެ.

(ރ) ކުޑަކަމުދާއިރު ބާރުލާންޖެހުން:

ޚާއްޞަކޮށް ޕްރޮސްޓޭޓް ގްލޭންޑް ގެ މައްސަލަ ހުންނަ ފިރިހެނުންނަށް މިގޮތަށް ކުޑަކަމުދާއިރު ބާރުލާންޖެހުމުން އެހިސާބުގައިވާ ލޭހޮޅިތަކުގެ ޕްރެޝަރ އިތުރުވެ ފުއްޕާގޮތްވެއެވެ.

(ބ) ޕެލްވިސް އަދި ބޮޑުގޮހޮރުގެ ހިމެނޭ ހިސާބުގައި ކެންސަރު އުފެދުން.

(ޅ) މާބޮޑަށް ފަލަވުން ނުވަތަ ބަރުދަން އިތުރުވުން .

ފުރަގަސްފަރާތު ބަލިޖެހުމަށް މެދުވެރިވާ މިނޫން އެހެން ބައެއް ސަބަބު ތަކުގެ ތެރޭގައި ދިގުމުއްދަތަކަށް ކެއްސާތީ އުޅެން ޖެހުން، ދިގުމުއްދަތަކަށް ބޭރަށްހިންގުން ކުރިމަތިވުން، އަދި ކުޑަކަމުދާއިރު ބާރުލާން ޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ.

ނޯޓް: ގިނަމީހުނަށް ހީވެފައި އޮންނަ ގޮތާއި ޚިލާފަށް ގިނައިރު ކޮޅަށް ހުރުން، ނުވަތަ އެއްތާކު އިށީދެގެން އިނުން، ފަދަ ކަންތައްތަކަކީ ފުރަގަސްފަރާތު ބަލި ޖެހުމަށް މެދުވެރިކުރުވާ ސަބަބުތަކެއް ނޫނެވެ.

ފުރަގަސްފަރާތު ބަލި ޖެހުމުން ދެވިދާނެ ފަރުވާ އަކީ ކޮބާ؟

ފުރަގަސްފަރާތު ބައްޔަށް އޮތް އެންމެ ރަގަޅު ފަރުވާ އަކީ އެކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ބަލައި ދުރާލާ އެކަމަށް ވިސްނައި އެގޮތަށް އަމަލުކުރުމެވެ. ޚާއްޞަކޮށް ބަނޑުހަރުވެގެން ދިޔަ ނުދީ ބެހެއްޓުމަށް ފައިބަރ އިން މުއްސަދިވެފައިވާ ކާނާ ބޭނުންކުރުމާއި، ދިޔާތަކެތި ގިނަގިނައިން ބުއިން އަދި ކަސްރަތުކުރުމަކީ ވަރަށް މުހިއްމު ކަންތައްތަކެވެ.

ބޮޑުކަމުދެވި ނިމުމުން ކޮންމެ ފަހަރަކު އާދައިގެ ސާބޯންޏަކާއި ތާފަނާފެން ބޭނުންކޮށްގެން ފުރަގަސްފަރާތް ހިމެނޭ ހިސާބު ރަގަޅަށް ސާފުކުރާށެވެ. އެއަށްފަހު ސާފު ފޮތިގަނޑަކުން ނުވަތަ ތެތްޓިޝޫއެއް ފަދަ އެއްޗަކުން ފުރަގަސް ފަރާތް ފުހެލާށެވެ. މިގޮތަށް ހެދުމުން ދުޅަތިރިކޮށް، ހިރުވުން ކުޑަކޮށްދެއެވެ. ހައިޑްރޯކޯޓިޒޮން ފަދަ ކްރީމެއް ފުރަގަސްފަރާތު ދޮރުގެ ވަށައިގެން އުގުޅުމުން ރިހުން ކުޑަކޮށްދެއެވެ.

ތާފަނާ ފެން ނުވަތަ ކޮންމެވެސް ވަރަކަށް ހޫނުކަންއެކުލެވޭ ފެން ހުރި ޓަބަކަށް އެރިގެން ފެންވަރުން،ނުވަތަ އެފަދަ ޓަބަކަށް އެރި 15ވަރަކަށް މިނިޓް ވަރު ހޭދަކުރުން އަދި ގަނޑުފެން ގަނޑެއް ފަދަ އެއްޗެއް ބޭރަށް ނިކުމެފައިވާ ބައިގައި ޖެއްސައިގެން ބޮޑިތާންކުރުން ފަދަ ކަންކަމަކީ ފުރަގަސްފަރާތު ބަލީގެ ސަބަބުން އެހިސާބުގައި އުފެދިފައިވާ ރިހުމާއި،ދުޅަ ތިރިކޮށްދޭނެ ކަންކަމެވެ.

ތަދުކެޑުވުމަށްޓަކައި އުފައްދާފައި ހުންނަ ބޭސްތަކުގެ ތެރެއިން ''ކޮޑެއިން'' އެކުލެވޭ ބޭސް ބޭނުންކުރުމަކީ ރަގަޅު ކަމެއްނޫނެވެ. އެއީ މިބުނި ވައްތަރުގެ ބޭހުގެ ސަބަބުން ބަނޑުހަރުވުން ކުރިމަތިވެ، ފުރަގަސްފަރާތު ބަލި އިތުރަށް ގޯސްވާގޮތް ވެއެވެ.

ފުރަގަސްފަރާތު ބައްޔަށް ދެވޭ ބައެއް ފަރުވާ :

ފުރަގަސްފަރާތު ބައްޔަށް ދެވޭ ބައެއް ފަރުވާގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(1) ފުއްޕާފައިވާ ބަޔަށް ޖެހުމަށް ޚާއްޞަ އިންޖެކްޝަނެއް ޖެހުން (Injection Sclerotherapy) ކެމިކަލް އެކުލެވޭ މިއިންޖެކްޝަން ޖެހުމުން ފުއްޕާފައިވާ ބައި ގަނޑުވެ، ހިނދި، ނުވަތަ ބެދި ފަސޭހަ ވެގެން ދެއެވެ. މިވައްތަރުގެ އިންޖެކްޝަން ޖެހުމަކީ ބަލިމީހާއަށް މާ ވޭންހުރި ކަމެއް ނޫނެވެ. 1ނުވަތަ 2 ފަހަރު މިކަހަލަ އިންޖެކްޝަނެއް ޖަހަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

(2) ރަބަރު ބޭންޑެއް އަޅުވައިގެން ފައިބާފައި ހުރިބައި ވައްޓާލުން (Rubber  Band Ligation)މިފަރުވާ ދިނުމުގައި ފައިބާފައި ހުރި ބައި ނުވަތަ ފުއްޕާފައިވާ ލޭނާރުބައިގެ ބުޑުގައި އެކަމަށް ޚާއްޞަކުރެވިފައިވާ އިންސްޓްރްމަންޓް ތަކެއްގެ އެހީގައި ރަބަރު ބޭންޑެއް އެޅުވެއެވެ. މިބޭންޑް އެޅުވުމުން ފުއްޕާފައިވާ ބަޔަށް ހަށިގަނޑުން ލޭފޯރުވުން ކުޑަކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ދުވަސްކޮޅެއްގެ ތެރޭގައި އެބައި ހިނދި، ވެއްޓި ބޮޑުކަމުދާތަކެއްޗާއި އެކު ބޭރުވެގެން ދެއެވެ. އާންމުގޮތެއްގައި މިގޮތަށް ބޭންޑް އަޅުވާތާ 5-2ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ފައިބާފައި ހުރިބައި ވެއްޓިގެންދެއެވެ. ބައެއްފަހަރު ކޮންމެ ވެސް ވަރަކަށް ތަދު އިހްސާސްވުމަކީ ބޭންޑް އަޅުވާފައި ހުންނަ މުއްދަތުގައި ވެދާނެ ކަމެކެވެ. އެހެންކަމުން މިމުއްދަތުގައި ވީވަރަކުން އަރާމްކުރުމަކީ އެދެވިގެންވާ ކަމެކެވެ.

(3) ކްރަޔޯސާޖަރީ ހެދުން: (Cryosurgery) މިއީ ފައިބާފައި ހުރިބައި ފިނިކޮށްގެން މަރާލުމެވެ.

(4) އައްޔެއް ބޭނުންކޮށްގެން ލޭގަނޑުކޮށްލުން: (Infrared Coagulation) މިގޮތުން އިންފްރާރެޑް ދޯދި ބޭނުންކޮށްގެން ފުއްޕާފައިވާ ލޭހޮޅީގައިވާ ދައުރުވާ ލޭ ގަނޑުކޮށްލައެވެ. ނަތީޖާއެއްގެ ގޮތުން އެބައި ހިނދި ފަސޭހަ ވެގެން ދެއެވެ. އާންމުކޮށް މިފަރުވާ ބޭނުންކުރަނީ އެތެރެއަށް ފުއްޕާފައި ހުންނަ ވައްތަރު ރަގަޅު ކުރުމަށެވެ.

(5) އޮޕަރޭޝަން ކޮށްގެން ފުއްޕާފައިވާ ބައި ނެގުން: (Haemorrhoidectomy) މިއޮޕަރޭޝަން ކުރަން އައްސިކޮށްގެން ހޭނައްތަން ޖެހެއެވެ. އޮޕަރޭޝަންކޮށްގެން ފުއްޕާފައިވާ ބައި ނެގުމަށްފަހު ރަގަޅުވުމަށް އާންމުގޮތެއްގައި 6ހަފްތާގެ މުއްދަތެއް ނަގައެވެ. މިއީ އާންމުކޮށް 3ވަނަ ދަރަޖައިގެ ހާލަތުގައި ކޮންއުޅޭ އޮޕަރޭޝަނެކެވެ.

ފުރަގަސްފަރާތު ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟

(ހ) ގިނަ އަދަދަކަށް ފައިބަރ އެކުލެވޭ ކާނާ ބޭނުންކުރުން : މިގޮތުން ރޯމޭވާ، ތަރުކާރީ ފަދަ ބާވަތްތައް ބޭނުން ކުރެވިދާނެއެވެ.

(ށ) ބަނޑުހަރުވެފައިވާ ނަމަ އެކަން ރަގަޅު ކުރުމަށް ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދުން

(ނ) ގަވާއިދުން ކޮންމެ ދުވަހަކުމެ ކަސްރަތު ކުރަން އާދަކުރުން

(ރ) ބަރުދަން އިތުރުވިޔަ ނުދިނުން: މާބޮޑަށް ފަލަނަމަ ބަރުދަން ލުއިކުރެވޭތޯ ބަލާށެވެ.

(ބ) ގިނަގިނައިން ފެނާއި އެހެނިހެން ހަށިގަނޑަށް ފައިދާހުރި ދިޔާތަކެތި ބޭނުންކުރުން.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.