ބުދަ20201125

އާކުރެވުނީ: 08:43:52

ބަނޑުހިކުން

bandu_hikun

ބަނޑުހިކުމަކީ ކޮބާ؟

އާންމުގޮތެއްގައި ބޮޑުކަމުދިއުމުގެ އާދަ އަދި ދެވޭ މިންވަރު އެކިމީހުންނަށް ތަފާތެވެ. ބައެއްމީހުން ދުވާލަކު ދެފަހަރު ބޮޑުކަމުދާ އިރު އަނެއްބައި މީހުންނަށް 3-2 ދުވަހުން އެއްފަހަރު ދެވެއެވެ.

''ބަނޑުހިކުން'' މިބަސް ބުނެވެނީ ޢާންމުކޮށް ދެވޭ ވަރަށް ވުރެ މަދުން ބޮޑުކަމުދާން ޖެހުމުން، ނުވަތަ ބޮޑުކަމުދާތަކެތި ހަރުކޮށް ހުރުމުގެ ސަބަބުން ބޮޑުކަމުދާން އުދަގޫވުމުން، ދެވޭ މިންވަރު މަދުވުމަށް ނިސްބަތްކޮށެވެ.2  ދުވަހުން އެއްފަހަރު ނަމަވެސް، ބޮޑުކަމުދާ އިރު އެއްވެސް އުދަގުލެއްނެތި ފަސޭހަ ކަމާއި އެކު ބޮޑު ކަމު ދެވޭނަމަ އެއީ ބަނޑުހިކުން ކަމުގައެއް ނުބެލެވޭނެ އެވެ.

ބަނޑުހިކެނީ ކީއްވެ؟

ބަނޑުހިކުން ކުރިމަތިކުރުވާ އެންމެ މައިގަނޑު އެއްސަބަބަކީ ބޮޑުކަމުދާން ޖެހޭ ހިނދު، ނުވަތަ އެކަމަށް އާދަވެފައިވާ ވަގުތު ބޮޑުކަމު ނުގޮސް ހިފަހައްޓައިގެން ހުރުމެވެ. މިގޮތަށް ހުރުމުން ނަޖިސް ގޮހޮރުގައި ހަރުލާގޮތްވެ ނުވަތަ ޖަމާވާގޮތް ވެއެވެ. މިހެން ހަރުލާހުރުމުން އެއިން ފެން ހަށިގަނޑަށް ދެމި، ނަޖިސްހިކި، ހަރުވެ، ބޭރުކުރަން އުދަގޫވާގޮތް ވެއެވެ.

ބަނޑުހިކުން މެދުވެރިވާ ދެވަނަ ސަބަބަކީ ބޮޑުގޮހޮރުގެ ހަރަކާތް ހިނގުން ލަސްވުމެވެ. ގޮހޮރުގެ ހަރަކާތް ހިގުން ލަސްވުމަށް މެދުވެރިވާ ސަބަބުތަކެއް ވެއެވެ. އޭގެ ތެރޭގައި ފައިބަރ އެކުލެވޭ ކާނާ ބޭނުންކުރުން މަދުވުމާއި، ޕްރޮޓީން އެކުލެވޭ ކާނާ ( މަސް، ބިސް ފަދަ ) ބޭނުންކުރުން ގިނަވުމާއި، އަދި ދިޔާތަކެތި ބުއިންމަދުވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ބަނޑުހިކުން މެދުވެރިކުރުވާ އެހެނިހެން ބައެއް ސަބަބަތުކަކުގެ ތެރޭގައި، ހާސްވެ، ފިކުރުބޮޑުވުން، ހެލިފެލިވެ އުޅުން މަދުވުން، މާބަނޑުވުން، ބަރާބަރަށް ނުކެއުން، ބައެއް ބާވަތުގެ ބޭސް ބޭނުންކުރުންފަދަ ކަންކަން ހިމެނެއެވެ. އަދި ހަކުރު ބަލި އަދި ފުރަގަސްފަރާތު ބައްޔާއި މިނޫނަސް އެހެން ބަލިތައް ޖެހުމުން ބަނޑުހިކުން ކުރިމަތި ކުރުވައެވެ.

ކުޑަކުދިންނާއި ބަނޑުހިކުން

ބަނޑުހިކުން މެދުވެރިވަނީ ބޮޑުކަމުދާ ތަކެތި ހަރުވެ، ބޭރުކުރަން އުދަގޫވުމުންނެވެ. ބައެއް މައިންބަފައިން އެމީހުންގެ ކުޑަދަރިފުޅު ބޮޑުކަމުދަނީ ކިތައް ފަހަރުތޯ ނުވަތަ ބޮޑުކަމުދޭތޯ ބަލަން ބޭނުންވެއެވެ. އެއީ އެމީހުންނަށް ހީވެފައި އޮންނަނީ ޞިއްޙަތު ސަލާމަތުން ހުރި ކުއްޖެއް ނަމަ ކޮންމެ ދުވަހަކު ބޮޑުކަމުދާން ޖެހޭނެ ކަމަށެވެ. މިއީ ހަގީގަތެއް ނޫނެވެ. ކުޑަދަރިފުޅަށް ފަސޭހަ ކަމާއި، އެކު ބޮޑުކަމުދެވޭނަމަ ބޮޑުކަމުދެވެނީ ކިތައް ފަހަރުތޯ ކިތައް ދުވަހުން ތޯ ބެލުމަކީ މުހިއްމު ކަމެއް ނޫނެވެ. އެއީ ތަބީއީ ގޮތެއްގައި ބޮޑެތި މީހުންނެކޭ އެއްގޮތަށް ކުޑަކުދިންނަށް ވެސް ދުވާލެއްގެ މައްޗަށް ނުވަތަ ހަފްތާއެއްގެ ތެރޭގައި ބޮޑުކަމުދެވޭ މިންވަރު ތަފާތު ވާތީ އެވެ.

ތުއްތު ދަރިފުޅު އެންމެ ކުޑައިރު ދުވާލަކު 4-1 ފަހަރާއި ދެމެދުގެ މިންވަރަކަށް ދިޔާކޮށް ނުވަތަ މަޑުކޮށް ހުންނަ ބޮޑުކަމުދާ ތަކެތި ބޭރު ކުރެއެވެ. ގާތުން ދޭ ދުވަސްވަރު އާންމު ގޮތެއްގައި މިމިންވަރު އިތުރުވެއެވެ. ބައެއް ކުދިން ގާތުން ދޭ ނިމޭތަނާހެން ބޮޑުކަމުދެއެވެ. ކުޑަދަރިފުޅު ބޮޑުވަމުން އަންނަ ވަރަކަށް ބޮޑު ކަމުދެވޭ މިންވަރު މަދުވެ، ބޮޑުކަމުދާ ތަކެތީގެ ގިނަމަދުމިން އިތުރުވެއެވެ. ބޮޑެތި މީހުންނެކޭ އެއްގޮތަށް ކުޑަކުދިންނަށް ވެސް ބޮޑުކަމުދެވޭ މިންވަރު އެއްކުއްޖަކު އަނެއްކުއްޖަކާއި ތަފާތެވެ. އުމުރުން 3 ނުވަތަ 4 އަހަރުގެ ކުއްޖަކު ނަމަ ގިނަވެގެން ދުވާލަކު 3 ފަހަރު ވެސް ބޮޑުކަމު ހިގައިދާނެއެވެ. އަދި މަދުވެގެން ހަފްތާ އަކު 3 ފަހަރު ވެސް ބޮޑުކަމު ހިގައިދާނެ އެވެ.

ކުޑަކުދިންނަށް ބޮޑުކަމުދެވޭ ''ތަބީއީ'' ބައިވަރު ގޮތްތައް ވާކަން ދެނެގަތުމަކީ ކޮންމެ މައިންބަފަޔަކަށްމެ މުހިއްމު ކަމެކެވެ. ބައެއް ކުދިންނަށް ބޮޑުކަމުދާން އުދަގޫވުމަކީ ތަބީއަތުގައި ވެސް ވެދާނެ ކަމެކެވެ. މިފަދަ ކުދިން ބޮޑުކަމުދާއިރު، މޫނު މަތި ރަތްވެ، ބޮޑުކަމުދާން ބާރުލުމަކީ ވެދާނެ ގޮތެކެވެ. ނަމަވެސް ބޮޑުކަމުދާ ތަކެތި މަޑުކޮށް ހުރެފައި، ކުޑަދަރިފުޅަށް އެހެން ކަހަލަ އުދަގުލެއް ވާކަން ފާހަގަ ނުވާނަމަ މިއީ މައްސަލައެއް ނޫނެވެ.

ކުޑަކުދިންނަށް ބަނޑުހިކުން މެދުވެރިކުރުވާ ކަންތައް ތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

- ކާނާ ބަދަލުކުރުން: ޚާއްޞަކޮށް ބޮޑެތި މީހުން ބޭނުންކުރާ ކާނާ ދޭން ފެށުމުން .

- އެކަށޭނަ ވަރަށް ދިޔާތަކެތި ބޯން ނުދެވުން

- ބޮޑުކަމު ދޭތޯ ބަލައި ނުލައި އަޅާނުލާ ދޫކޮށްލުން

- އާންމު ދިރިއުޅުމަށް ބަދަލުއައުން: މިސާލަކަށް ސްކޫލަށް ދާންފެށުން، ދަތުރަކު ދިއުން

- ބައެއް ކަހަލަ ބޭސްތަކާއި އަދި މިނޫން ބައެއް ކަންތައްތައް

އުމުރުން ދުވަސްވުމާއި ބަނޑުހިކުން

އުމުރުން 60އަށް ވުރެ މަތީ އުމުރުގެ މީހުންގެ މެދުގައި ބަނޑުހިކުން އާންމުކަން ފާހަގަ ކުރެވިފައި ވެއެވެ. އެއީ މިއުމުރުގައި ހެލިފެލި އުޅުން މަދުވުމާއި، އަބަދު އެއްތަނެއްގައި އިށީދެ ނުވަތަ އޮށޯވެ ތިބުމާއި، ބޭސް ބޭނުންކުރާ މިންވަރު މިއުމުރުގައި އިތުރުވުން ފަދަ ކަންކަމުގެ ސަބަބުންނެވެ. އުމުރުން ދުވަސްވުމުން ކާތަކެތި ބޭނުންކުރެވޭ މިންވަރު މަދުވުމާއި، އަދި ހަޖަމުކުރާ ނިޒާމްގެ ބައިތަކުގައިވާ މަޑުމަސްތަކުގެ މަސައްކަތް ހިނގުން ދަށްވެ، ގޮހޮރު ފަހަނައަޅައި ބޮޑުކަމުދާ ތަކެތި ދިއުން ލަސްވުން ފަދަ ކަންކަމަކީ ވެސް މިއުމުރުގައި ބަނޑުހިކުން މެދުވެރިވުމުގައި އެހީވެދޭ ކަންކަމެވެ. އަދި މިއުމުރުގެ މީހުންގެ މެދުގައި ފުރަގަސްފަރާތުގައި ބޮޑުކަމުދާ ތަކެތި ތާށިވުމުގެ މައްސަލަ އާންމު ކަންވެސް ފާހަގަކުރެވިފައި ވެއެވެ.

ބަލިވެއިނުމާއި ބަނޑުހިކުން

މިއީ ބަލިވެ އިންނަ 50އިންސައްތަ އަންހެނުންނަށް ދިމާވާ މައްސަލަ އެކެވެ. މާބަނޑު އަންހެނުންނަށް ބަނޑު ހިކުން މެދުވެރިވަނީ ބަލިވެ އިނުމާއި ވިދިގެން މައިމީހާގެ ރަހިމު ބޮޑުވެ، ފުޅާވުމުން ފުރަގަސްފަރާތް ނުވަތަ ރެކްޓަމް އަށް އަށް ފިތޭގޮތްވުން، ބަލިވެ އިނުމާއި ވިދިގެން ހަށިގަނޑުގައި އިތުރުވާ ޕްރޯޖެސްޓީރޯން ހޯރމޯންގެ ސަބަބުން ކާތަކެތި ހަޖަމުކުރާ ނިޒާމްގައި ހަރަކާތްކުރުން ދަށްކޮށްލުން، ފަދަ ކަންކަމުގެ ސަބަބުންނެވެ. އިސްވެ ބުނެވުނު ގޮތަށް ހަޖަމުކުރާ ނިޒާމްގައި ކާތަކެތި ހިގުން ނުވަތަ ހަރަކާތްކުރުން ދަށްވުމުން ކާތަކެތި ގޮހޮރުގައި ހުންނަ މިންވަރު އިތުރުވެ، ފެންހަށިގަނޑަށް ދަމާ މިންވަރު އިތުރުވެގެން ދެއެވެ.

ނަތީޖާއެއްގެ ގޮތުން ގޮހޮރުގައި ހުރި ތަކެތި ހަރުވެ، ބޭރުވާން އުދަގޫ ވެއެވެ. ބަލިވެ އިނުމާއި ވިދިގެން ބަނޑުހިކުން މެދުވެރިވުމުގެ މައިގަނޑު ސިއްރަކީ މިއީ އެވެ. މީގެ އިތުރުން ބަލިވެ އިނުމާއި ވިދިގެން ބައެއް ފަހަރު ބޭހެއްގެ ގޮތުގައި ދަގަނޑުގެ ބައި ހަށިގަނޑަށް ފޯރު ކޮށް ދިނުމަކީ ވެސް ބަނޑުހިކުން މެދުވެރި ކުރުވާ ކަމެކެވެ.

ބަނޑުހިކުން މެދުވެރިވުމުން ފެނިދާނެ އަލާމާތްތަކަކީ ކޮބާ؟

ބަނޑުހިކުން މެދުވެރިވުމުން ކުރިމަތިވާ އުދަގޫތަކުގެ ތެރޭގައި ބަނޑުގައި ރިއްސުން، ބަނޑުގައި ވައިހެނދި ފުފުން، މާގިނައިން ވައިބޭރުކުރެވުން، ކާހިތްނުވުން، މޭނުބައިކުރުން، އަދި ބޮލުގައި ރިހުން ފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން ބޮޑުކަމުދެވެން އުޅޭހެން އިހްސާސްކުރެވުން، ބޮޑުކަމުދެވުނަސް ގޮހޮރު ހުސްނުވެ ހުންނަހެން ހީވުން، އަދި ބޮޑުކަމުދިއުމުގެ ތެރޭގައި ފުރަގަސްފަރާތުގައި ރިއްސުން ފަދަ ކަންތައްތައް ވެސް ބައެއް މީހުންނަށް ކުރިމަތިވެއެވެ. ބައެއްހާލަތްތަކުގައި ފުރަގަސްފަރާތު ދޮރުގެ ވަށައިގެންވާ ހިސާބުގައި، ހިރުވައި، ފާރުއުފެދޭގޮތް ވެސް ވެއެވެ.

ބަނޑުހިކުމުން ރައްކާތެރިވާނީ ކިހިނެއް؟

ބަނޑުހިކުމުން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތައް ކުރުމަށް ސަމާލުކަން ދޭށެވެ.

1- ބޮޑުކަމުދާން ބޭނުންވާ ހިނދު ހިފަހައްޓައިގެން ހުރުމުގެ ބަދަލުގައި ވީއެންމެ އަވަހަކަށް ބޮޑުކަމުދިއުމާއި، އަދި ބޮޑުކަމުދިއުމަށް ވަކިވަގުތެއް އާދަކުރެވޭތޯ ބަލާށެވެ. މިސާލަކަށް ބޮޑުކަމުދާ ވަގުތަކީ ހެދުނުގެ ނާސްތާ އަށް ފަހު އޮންނަ ވަގުތު ކޮޅު ކަމުގައި ކަނޑައަޅައި އެގޮތަށް އަމަލުކުރެވިދާނެ އެވެ. ބޮޑުކަމު ނުގޮސް ހިފަހައްޓައިގެން ހުރުމުން، ނަޖިސް ގޮހޮރުގައި ހަރުލާގޮތް ނުވަތަ ޖަމާވާގޮތް ވެއެވެ. މިހެން ހަރުލާހުރުމުން އެއިން ފެން ހަށިގަނޑަށް ދެމި، ނަޖިސްހިކި، ހަރުވެ ބޭރުކުރަން އުދަގޫވާގޮތް ވެއެވެ.

2- ގިނަގިނައިން ފެނާއި ދިޔާތަކެތި ބުއިމަށް އާދަކުރާށެވެ. މިގޮތުން ދުވާލަކު މަދުވެގެން 8 ނުވަތަ 10ތަށި ފެންބުއިމާއި އެކު، ތަރުކާރީ އަދި މޭވާ ޖޫސް، ބޭނުންކުރާށެވެ. ޚާއްޞަކޮށް ޕްރޫން ޖޫސް، އަދި މާމުއި ފަދަ ތަކެތި ބޭނުންކުރުމަކީ ބަނޑުހިކުމުން ރައްކާތެރިވުމުގައި އެހީތެރިވެދޭ ކަންކަމެވެ. ޚާއްޞަކޮށް ހެދުނު ގަޑީގައި ގިނައިން ފެންބުއިމަކީ ރަގަޅު ކަމެކެވެ.

3- ދިޔާތަކެތީގެ ގޮތުގައި ކަޅުސައި، ކޮފީ، އަދި ކޯލާ ފަދަ ކެފޭއިން އެކުލެވޭ ބުއިންތައް ބޭނުންކުރުމާއި ދުރުހެލި ވާށެވެ. ހަމަ މިހެން ބަނގުއާވީގެ އަސަރު އެކުލެވޭ ބުއިންތައް ބޭނުން ނުކުރާށެވެ. އެއީ މިފަދަ ބުއިންތައް ބޭނުންކުރުމުގެ ސަބަބުން ހަށިގަނޑުން ފެން ހުސްވުން ފަދަ ކަމެއް މެދުވެރިވެދާނެތީ އެވެ.

4- ފައިބަރ އެކުލެވޭ ކާނާ ބޭނުންކުރުމަށް ޚާއްޞަ އަހައްމިޔަތު ކަމެއް ދިނުމަކީ އެދެވިގެންވާ ކަމެކެވެ. ފައިބަރ އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި، އާފަލު،އެޕްރިކޮޓް، ޕިއާޒް،ޕީޗް، ޕްރޫން، ދޮންކެޔޮ، ތޮރާ، ޒުވާރި، މުގު، ބްރޮކޮލީ، ކޮލި ފްލާވަރ، ފެހިފަތް، ޕާން ފަދަ ތަކެތި ހިމެނެއެވެ. ފައިބަރ އެކުލެވޭ ކާނާ ބޭނުންކުރާއިރު އެދެވިގެންވަނީ މަޑުމަޑުން ފައިބަރ އެކުލެވޭ ކާނާގެ ބާވަތްތައް އިތުރުކުރަމުން ގެންދިއުމެވެ. އެއީ މަޑުމަޑުން ފައިބަރ އެކުލެވޭ ބާވަތްތައް ކާނާ އަށް އިތުރުކުރުމުން މައިދާ އެއަށް ހޭނި ދެއެވެ. އެހެނީ ކުއްލިއަކަށް މާގިނައިން ފައިބަރ އެކުލެވޭ ކާނާ ބޭނުންކޮށްފިނަމަ ގޭސް އުފެދުމަކީ ވެދާނެ ގޮތެކެވެ.

5- ކަސްރަތު ކުރުން: ތަފާތު ވައްތަރުގެ ކަސްރަތު ތައް ކުރުމަކީ ވެސް ވަރަށް ފައިދާ ހުރި ކަމެކެވެ. މިގޮތުން ފެތުން، ކޮންމެވެސް ބާވަތެއްގެ ކަސްރަތެއް ލިބޭފަދަ ކުޅިވަރެއް ކުޅުން، ފަދަ ކަންތައް ކުރެވިދާނެ އެވެ. ދުވާލަކު މަދުވެގެން ބައިގަޑިއިރު ހިގާލުން، ނުވަތަ ދުވެލުން ފަދަ ކަންކަމަކީ ވެސް މިގޮތުން ކުރެވިދާނެ ކަންތައްތަކެވެ.

6- ހަކުރު، އަދި ފެޓް އެކުލެވޭ ކާނާގެ ބާވަތްތައް ބޭނުންކުރުމާއި ދުރުހެލިވާށެވެ.

7- ރެއަކާއި ދުވާލުގެ ތެރޭގައި ކާން އޮންނަ ވަގުތު ތަކުގައި ބަރާބަރަށް ކާން އާދަކުރާށެވެ. މިގޮތުން ދުވާލަކު މަދުވެގެން 3 ނުވަތަ 4 ފަހަރު އާދައިގެ މަތިން ކެއުމަކީ ރަގަޅު ކަމެކެވެ. އެހެނީ ބަރާބަރަށް ކެއުމުން ގޮހޮރުގައި ކާތަކެތި ހުއްޓި ނެތި، ދައުރުވުމަށް ބާރު އަޅައިދެއެވެ.

ނޯޓް: މިބުނި އެއްވެސް ކަމަކުން ބަނޑުހިކުމުގެ މައްސަލައަށް ފަރުވާއެއް ނުލިިބިއްޖެނަމަ ޑޮކްޓަރެއްގެ އިރުޝާދު ހޯދާށެވެ. ޚާއްޞަގޮތެއްގައި މާބަނޑު ދުވަސްވަރު ބަނޑުހިކުން ކުރިމަތިވެއްޖެ ނަމަ ޑޮކްޓަރެއްގެ މަޝްވަރާއެއް ނުހޯދައި ބޭހެއް ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއްނޫނެވެ. ހަމަމިހެން ގަބޫލުކުރަން ޖެހޭ އަނެއް ކަމަކީ ބަނޑުހިކުން މިއީ ބައްޔެއް ނޫނެވެ. އެކަމަކު މިއީ އަލާމާތެކެވެ. ނުވަތަ ކުރިމަތިވާ އުދަގުލެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.