ބުރާސްފަތި20201126

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ބަލިތައް އަލްޒައިމާ ބަލި: ބައްޔަށް މަގުފަހިކުރާ ކަންތައްތައް

އަލްޒައިމާ ބަލި: ބައްޔަށް މަގުފަހިކުރާ ކަންތައްތައް

alzheimer-magufahi* ސިކުނޑީގައި ވަނީ ކިހިނެއް؟
* ބަލީގެ މަރުހަލާތައް
* މަގުފަހިކުރާ ކަންތައްތައް

އަލްޒައިމާ ބަލި ޖެހެނީ ކީއްވެގެން ކަން ކަނޑައެޅިގެން އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް މިބަލި ކުރިމަތިވުމުގައި ގުޅި ލާމެހިފައިވާ އެތައް ކަމެއް ޝާމިލްވާ ކަން ފާހަގަވެއެވެ.

ސިކުނޑީގައި ވަނީ ކިހިނެއް؟

އަލްޒައިމާ ބަލީގެ އަހުލުވެރިންގެ ސިކުނޑިން އާދަޔާ ޚިލާފު އައިބުތައް ވަނީ ފާހަގަކުރެވިފައެވެ. ނަމަވެސް މިގޮތުން ހުންނަ ކަންކަމަކީ ކަނޑައެޅިގެން ބަލި މެދުވެރިވުމުގެ އަސްލުކަން އަދި ބުނެދޭން ބަލި ދިރާސާކޮށް ހޯދާ ފަރާތްތައް ވެސް ވަނީ ނުކުޅެދިފައެވެ.

''ނިއުރޯފިބްރިލަރީ ޓޭންގްލްސް''(Neurofibrilary tangles) އޭ ކިޔޭ އޮޅިފައިވާ އެއްޗެއް ނާރުން އުފެދެއެވެ. ''ބީޓާ އަމައިލޮއިޑް''(Beta-amyloid) އޭ ކިޔާ ޕްރޮޓީން އެއް ޖަމާވެ، ''އަމައިލޮއިޑް ޕްލޭކް''(Amyloid plaque) ކިޔާ ޕެޗްތަކެއް ސިކުނޑީގައި އުފެދެއެވެ. މިބުނި ''ޓޭންގްލްސް'' އަދި ''ޕްލޭކް'' ތައް ގުޅިގެން އޭގެ ވަށައިގެން ސަލާމަތުން ހުރި ސިކުނޑީގެ ސެލްތައް ހަލާކުކޮށްލައެވެ. ނަތީޖާއެއްގެ ގޮތުން ސިކުނޑި ހިނދި އޭގެ ސައިޒުން ކުޑަވާން ފަށައެވެ. މީގެ އިތުރުން ސިކުނޑިން ''ނިއުރޯ ޓްރާންސްމިޓަރ''(Neurotransmitter) ތައް އުފައްދާ މިންވަރު މަދުކޮށްލައެވެ. އެއްނާރުން އަނެއް ނާރަށް މެސެޖްތައް ފޮނުވުމުގައި ނިއުރޯ ޓްރާންސްމިޓަރ އަކީ މުހިއްމު އެއްޗެކެވެ. ސިކުނޑީގެ ސެލްތަކުން އުފައްދާ ނިއުރޯ ޓްރާންސްމިޓަރ ތަކުގެ ތެރޭގައި ''އަސީޓައިލް ކޮލިން''، ''ސިރޮޓޮނިން''، އަދި ''ނޯއެޕިނެފްރިން'' ހިމެނެއެވެ.

މިބަދަލުތަކާއި ގުޅިގެން ހަދާން ބަލިވުން، ވިސްނުން ކޮށިވުން، އަދި ސިކުނޑިން ބާރުފޯރުވާ އެހެން ބައެއް މަސައްކަތްތަކަށް ބުރޫއަރާ ގޮތްވެއެވެ. މިބަދަލުތައް ބައެއް މީހުންނަށް ކުރިމަތިވެފައި އަނެއްބައި މީހުންނަށް ކުރިމަތިނުވަނީ ކީއްވެގެންކަން އަދި ހޯދިފައެއް ނުވެއެވެ. އާންމުގޮތެއްގައި ބަލިޖެހުމަށްފަހު މީހާ ދިރިހުންނަނީ 10-8 އަހަރާއި ދެމެދުގެ މުއްދަތެއްގައި ކަމަށް ވަނީ ފާހަގަވެފައެވެ. ނަމަވެސް ބައެއް މީހުންނަށް މިމުއްދަތު ތަފާތުވުމަކީ ވަރަށް ގާތްކަމެކެވެ.

ބަލީގެ މަރުހަލާތައް

ބައްޔާއި ގުޅިގެން ކުރިމަތިވާ އުދަގޫތައް މައިގަނޑު 3 މަރުހަލާ އަކަށް ބަހާލެވިފައި ވެއެވެ. އެއީ ފުރަތަމަ މަރުހަލާގައި ފެންނަ އަލާމާތްތައް، މެދު މަރުހަލާގެ ތެރޭގައި ފެންނަ އަލާމާތްތައް، އަދި ފަހު މަރުހަލާގައި ފެންނަ އަލާމާތްތައް މި 3 މަރުހަލާއެވެ.

1- ފުރަތަމަ މަރުހަލާ
މިމަރުހަލާގައި އަންނަނިވި ކަންތައްތައް ކުރިމަތިވެދާނެއެވެ.

- ތިމާހުރީ ކޮންތަނެއްގައި ކަމާމެދު، އަރައިރުންވެ، ޝައްކު އުފެދި، ފަސޭހައިން ގެއްލޭގޮތްވުން.
- އަމިއްލައަށް ކަންތައްތައް ކުރަން ފަށައިގަންނަށް އުދަގޫވުން.
- އާ، ނުވަތަ ބީރައްޓަހި ކަންތައްތައް ކުރުމަށް އިދިކޮޅު ހެދުން.
- އެކިކަންކަމަށް އިޖާބަދިނުން، އަދި ކަންކަން ދެނެގަނެވުން ލަސްވުން.
- އާންމުކޮށް ވާހަކަ ދައްކާ މިންވަރަށްވުރެ، ލަހުން ވާހަކަ ދެއްކުން.
- ފައިސާ ފަދަ ތަކެތީގައި ހިފައިހަދަން އުދަގޫވުން.
- ކަންކަމަށް ނިޔާ ކަނޑައަޅަން ނޭގުން.
- އުޅުމަށް ބަދަލު އައުން.

2- މެދު މަރުހަލާ
މިމަރުހަލާގައި އަންނަނިވި ކަންތައްތައް ކުރިމަތިވެދާނެއެވެ.

- ތިމާގެ މީހުންނާއި، ގާތްރައްޓަހިން ދެނެގަންނަށް އުދަގޫވުން.
- އެއްތާކު މަޑުން ނުހުރެވުން.
- ކިޔުން، ލިޔުން، އަދި ގުނުން ފަދަ ކަންކަމުގައި މައްސަލަތަކާއި ކުރިމަތިވުން.
- ރަގަޅު ގޮތަކަށް ކަމެއް ވިސްނައިގެން ރާވަން ނޭގުން.
- ހެދުން އެޅުމުގައި އުދަގުލާއި ކުރިމަތިވުން.
- ފަސޭހައިން ރުޅިއައުން.
- އެހެން މީހުންނާއި މެދު ވަހުމާއި، ޝައްކު އަދި ތުހުމަތު އުފެދުން.
- ވަގުތު އޮޅޭގޮތްވުން.

3- ފަހު މަރުހަލާ
މިމަރުހަލާގައި އަންނަނިވި ކަންތައްތައް ކުރިމަތިވެދާނެއެވެ- ފެންވެރުން، ކެއުން، ހެދުން އެޅުން ފަދަ ކަންތައްތައް ހަދާން ނެތުން.
- އަމިއްލައަށް ފާޚާނާ އަށް ދާން ނޭގުން އަދި ހަރަކާތްކުރަން ނޭގުން.
- ކާތަކެތި ހަފައި، ދިރުވަން ނޭގުން، އަދި ބައެއް ފަހަރު ކެއުމަށް އިދިކޮޅު ހެދުން.
- ހިގަން، ނުވަތަ ހަށިގަނޑު ހަމަ ހިފަހައްޓަން ނޭގުން: ނަތީޖާއެއްގެ ގޮތުން ވެއްޓޭގޮތް ވުން.
- ހަވީރުގަޑީގައި ވާނުވާ ނޭގި ކަންކަމާއި މެދު ޚިޔާލު ތަފާތުވުން: މިގޮތަށް ވުމަށް ''ހަދު އޮއްސުން'' އޭ ކިޔައެވެ.
- އަމިއްލަ ގަޔަށް ކުޑަކަމު، ނުވަތަ ބޮޑުކަމު ދެވޭގޮތްވުން.
- ހަށިގަނޑުގެ ބަރުދަން ލުއިވުން.
- މާގިނައިން ނިދުން..

އަލްޒައިމާ ބައްޔަށް މަގުފަހިކުރާ ކަންތައްތައް

1- އުމުރު: އުމުރުން ދުވަސްވާ ވަރަކަށް އަލްޒައިމާ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު އިތުރު ކުރުވައެވެ. އެމެރިކާ ފަދަ ގައުމުތަކުގައި އުމުރުން 65 އަހަރުން މަތީގެ %10 މީހުންނަކީ އަލްޒައިމާ ބަލީގެ އަހުލުވެރިން ކަމުގައި ބުނެވެއެވެ. އަދި އުމުރުން 85 އަހަރުން މަތީގެ %50 މީހުންނަކީ މިބަލިވެސް ތަހައްމަލު ކުރަން ޖެހިފައިވާ މީހުންކަމުގައި ބުނެވެއެވެ.

2- ޖިންސް: އަލްޒައިމާ ބަލި ފިރިހެނުންނަށް ވުރެ އަންހެނުންނަށް ޖެހޭ މިންވަރު އިތުރުކަން ވަނީ ފާހަގަ ކުރެވިފައެވެ.

3- އާއިލާގައި ބަލި ވާރުތަވަމުން އައުން: ވަރަށް މަދުން ނަމަވެސް މިބަލި ވާރުތަވާ ކަމަށްވަނީ ފާހަގަ ކުރެވިފައެވެ. ޚާއްޞަކޮށް އުމުރުން 65 އަހަރުވުމުގެ ކުރިން މިބަލީގެ އުދަގޫ ދިމާވެއްޖެ ނަމަ އެއީ އާއިލާގެ ފަރާތުން ކޮންމެވެސް ސިފައެއްގައި ވާރުތަވެފައިވުން ކަމުގައި ބެލެވެއެވެ.

4- ޑައުން ސިންޑްރޯމް: ޑައުން ސިންޑްރޯމް ޖެހިފައި ތިބޭ މީހުންނަށް އެމީހުންގެ އުމުރުން 30 ނުވަތަ 40 ގެ އަހަރުތަކުގެ ތެރޭގައި އަލްޒައިމާ ބަލީގެ އުދަގޫތައް ކުރިމަތި ކުރުމަކީ ވެދާނެ ގޮތެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ނަމަވެސް މިބަލި ހުންނަ މީހުންނަށް ވެސް އަލްޒައިމާ ބަލީގެ އުދަގޫތައް ކުރިމަތި ކުރުވަނީ ކީއްވެގެން ކަން އަދި ހޯދިފައެއް ނުވެއެވެ.

5- ބޮލަށް އަނިޔާއެއް ލިބުން: ބޮލަށް ލިބޭ ބައެއް ކަހަލަ ނުރައްކާތެރި ގެއްލުން، ހާނީއްކަ، ނުވަތަ އަނިޔާއާއި، ކޮންމެވެސް މިންވަރަކަށް އަލްޒައިމާ ބައްޔާއި ގުޅުން ހުންނަ ކަމަށް ބައެއް ދިރާސާތަކުން ވަނީ ދައްކާފައެވެ.

6- ވެށީގައި އެކުލެވޭ ވިހަތައް: އެލްމިނިއަމް ފަދަ މާއްދާތަކަށް ދިގުމުއްދަތަކަށް ހުށަހެޅުމަކީ އަލްޒައިމާ ބަލި ކުރިމަތިވުމުގެ ފުރުސަތު އިތުރުކުރާ ކަމެއްކަމަށް ބަލީގެ ދިރާސާކުރާ ފަރާތްތަކުން ތުހުމަތު ކުރެއެވެ.

7- އެޕޯލިޕޯޕްރޮޓީން-އީ4 ވިރާސީ ބަހާ ހުރުން: ޚާއްޞަކޮށް މިބަހާ ދޮން އަދި އޭޝިޔާ ނަޞްލުގެ މީހެއްގެ ގައިގައި ހުރިނަމަ އެމީހަކަށް އަލްޒައިމާގެ ބަލިޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ވަނީ އެގިފައެވެ.

8- ހަކުރު ބަލި: ހަކުރު ބަލި ހުރުމަކީ ވެސް އަލްޒައިމާ ޖެހުމަށް މަގުފަހިކުރާ ކަމެއްކަމަށް ބައެއް ދިރާސާތަކުން ވަނީ ދައްކާފައެވެ.

9- ހޯރމޯންގެ ފަރުވާ ލިބިގަންނަމުން ދިއުން: އުމުރުން 65 އަހަރުވުމަށް ފަހު އެސްޓްރޯޖެން އަދި ޕްރޯޖެސްޓީރޯން ހޯރމޯންގެ ފަރުވާ ލިބިގަންނަމުން ދާނަމަ އެމީހަކު އަލްޒައިމާ ބައްޔަށް ހުށަހެޅުމުގެ ފުރުޞަތު އިތުރުކަމަށް ފަހުގެ ދިރާސާއެއް ބުނެއެވެ.

10- ދުންފަތުގެ އިސްތިއުމާލު ކުރުން: ބައެއް ދިރާސާތަކުގައި ވަނީ ދުންފަތުގެ އިސްތިއުމާލު ކުރާނަމަ އަލްޒައިމާ ބައްޔަށް ހުށަހެޅުމުގެ ފުރުޞަތު އިތުރުވެދާނެ ކަމަށް ބުނެފައެވެ.

11- ހޯމޯސިސްޓެއިން ގެ މިންވަރު މަތިވުން: ހޯމޯސިސްޓެއިން އަކީ އާންމުގޮތެއްގައި މަދު މިންވަރަކަށް ލޭގައި އެކުލެވޭ އެމިނޯ އެސިޑެކެވެ. ވިޓަމިންބީ12 އަދި ފޮލިކް އެސިޑް މަދުވުމަކީ ލޭގައި ހޯމޯސިސްޓެއިންގެ މިންވަރު މަތިވެގެންދާނެ ކަމެކެވެ. މިއެސިޑްގެ މިންވަރު މަތި ނަމަ އަލްޒައިމާ ބަލި ޖެހުމުގެ ފުރުޞަތު އިތުރުކަމަށް ބައެއް ދިރާސާތައް ބުނެއެވެ.

12- ބައެއް އެހެންކަންތައްތައް: ލޭގެ ޕްރެޝަރ މައްޗަށް ދިއުން އަދި ލޭގެ ކޮލެސްޓެރޯލް ގެ މިންވަރު މަތިވުން ފަދަ ކަންކަމަކީ އަލްޒައިމާ ބަލި ކުރިމަތިވުމުގެ ފުރުސަތު އިތުރުކޮށްދާނެ ކަމެއްކަމަށް ފަހުގެ ބައެއް ދިރާސާތައް ބުނެފައިވެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.