ބުދަ20201125

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ބަލިތައް އަލްޒައިމާ ބަލި: ބައްޔަށްދެވޭ ފަރުވާ

އަލްޒައިމާ ބަލި: ބައްޔަށްދެވޭ ފަރުވާ

alzheimer-faruvaaއަލްޒައިމާ ބައްޔަށް ފަރުވާއެއް ވޭތަ؟
އަލްޒައިމާ ބައްޔަށް ފަރުވާކުރެވެނީ ކިހިނެއް؟
އަލްޒައިމާ ބައްޔަށް ފަރުވާކުރުމަށް ބޭނުންކުރެވޭ ބައެއް ބޭސްތައް

އަލްޒައިމާ ބައްޔަށް ފަރުވާއެއް ވޭތަ؟

އަދި މިހާތަނަށް މި ބައްޔަށް ފަރުވާއެއް ހޯދިފައެއް ނުވެއެވެ. އަދި ބަލީގެ ނުރައްކާތެރިކަން ކުޑަކުރެވޭނެ ގޮތެއްވެސް ހޯދިފައެއް ނުވެއެވެ. އަދި ބަލިން ރައްކާތެރިވެވޭނެ ގޮތެއްވެސް ހޯދިފައެއް ނެތެވެ. ސަބަބަކީ ބަލި ޖެހުމަށް މެދުވެރިވާ އަސްލު ސަބަބުތައް އަދިއަދަން ދާންދެންވެސް ހޯދިފައިނުވާތީ އެވެ.

ނަމަވެސް އަލްޒައިމާ ބައްޔާއި ގުޅިގެން ކުރިމަތިވާ ބައެއް ކަހަލަ އުދަގޫތައް ރަގަޅުކުރުމަށް ނުވަތަ އެކަންތައްތައް ކުޑަކުރުމަށް އެހީވެދޭ ބައެއް ކަހަލަ ބޭސްތައް ހުރެއެވެ. ބަލީގެ ކުރީކޮޅު މިފަދަ ބޭސްތައް ބޭނުންކޮށްފިނަމަ މާބޮޑު އުދަގުލެއްނެތި ދިރިއުޅުމަކީ އެކަށީގެންވާ ކަމެކެވެ. އަލްޒައިމާ ބައްޔާއި ގުޅިގެން ކުރިމަތިވާ ހާސްވެކަންބޮޑުވުން، ނިދިނައުން، ފަދަ ކަންތަކަށް ދީއުޅޭ ބޭސްތައްވެސް ހުރެއެވެ.

އަދި މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާތީ ބަލީގެ އަހުލުވެރިންނަށް ބޭނުންވަނީ އެހެންމީހުންގެ އޯގާތެރިކަމާއި، ލޯތްބާއި، ކުލުނާއި، އަޅާލުމާއި، އެއްބާރުލުމާއި، ހިތްވަރު ދިނުމެވެ. މިގޮތުން އާއިލާގައި އަލްޒައިމާ ބަލީގެ އަހުލުވެރިއަކު ހުރިނަމަ އެމީހަކަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭނެ އެވެ.

ކަސްރަތު ކުރުން، ފައިދާހުރި ކާނާ ބޭނުންކުރުން، ހިގާބިގާވެ، ހެލިފެލިވެ އުޅުން، އިޖްތިމާޢީ ކަންކަމުގައި ބައިވެރި ހެދުން، ފަދަ ކަންތައްތަކަކީ އެހީއަކަށް ވާނެ ކަންތައްތަކެވެ. ހަމަމިހޭން އުފާވެރި ވެއްޓެއްގައި ވަގުތު ހޭދަކޮށްލަން ލިބުމަކީވެސް އަލްޒައިމާ ބަލީގެ އަހުލުވެރިޔާ އަށް ވަރަށް ހިތްހަމަޖެހުން ލިބިދޭނެ ކަމެއްކަން ކަށަވަރެވެ.

އަލްޒައިމާ ބައްޔަށް ފަރުވާ ކުރެވެނީ ކިހިނެއް؟

އަލްޒައިމާ ބަލީގެ އުދަގޫތައް ކުޑަކުރުމަށްދެވޭ ފަރުވާ ބަރޯސާވަނީ އަންނަނިވި ކަންތައްތަކުގެ މައްޗަށެވެ.
- އުމުރު، އަދި މާޒީއާއި، މިހާރުގެ ޞިއްޙީ ޙާލަތު.
- ބަލިޖެހިފައިވާ މިންވަރު.
- ބައެއް ކަހަލަ ބޭސް، ޓެސްޓްތައް، އަދި ފަރުވާތައް ބަލިމީހާއަށް ތަޙައްމަލު ކުރެވޭ މިންވަރު.
- ބަލީގެ ނުރައްކާތެރިކަން ލަފާކުރެވޭގޮތް.
- ބަލިމީހާ އިސްކަންދޭ ނުވަތަ އަހައްމިއްޔަތުދޭ ކަންތައްތައް.

އަލްޒައިމާ ބައްޔަށް ފަރުވާކުރުމަށް ބޭނުންކުރެވޭ ބައެއް ބޭސްތައް

1- އެރިކެޕްޓް( Aricept)
އަލްޒައިމާ ބައްޔަށް ފަރުވާކުރުމަށް އެންމެފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ ބޭހެވެ. މިބޭހުގެ ސަބަބުން ''އަސީޓައިލް ކޮލިން'' ބައިބައިވެގެން ދިއުން ކުޑަކުރުވައެވެ. މިބުނި މާއްދާއަކީ ސިކުނޑީގެ ސެލްތައް އެކަތި އަނެކައްޗާއި، މުޢާމަލާތު ކުރުމުގައި އެހީތެރިވެދޭ ކެމިކަލް އެކެވެ. މިބޭހުގެ ޖެނެރިކް ނަމަކީ ''ޑޮނެޕެޒިލް'' އެވެ.

މިބޭސް ހަގީގީ ސިފައެއްގައި އަލްޒައިމާއަށް ފަރުވާއަކަށް ނުފުދެއެވެ. އެކަމަކު ހަދާންނެތުން ފަދަ ކަންތައްތައް ކުރިމަތިވުން ކުޑަކުރުވައެވެ. މިބޭސް ބޭނުންކުރުމުގެ ނަތީޖާ އެންމެ ރަގަޅުގޮތުގައި ފެންނަނީ ބަލީގެ ކުރީކޮޅުގައި ބޭސް ބޭނުންކުރެވިއްޖެ ނަމަ އެވެ.

ބޭހުގެ ސަބަބުން ކުރިމަތިވެދާނެ ނުރަގަޅު އަސަރުތަކުގެ ތެރޭގައި ބޭރަށް ހިންގުން، ހޮނޑުލުން، މޭނުބައިކުރުން، ވަރުބަލިވުން، ނިދިނައުން، އަދި ހަށިގަނޑުގެ ބަރުދަން ލުއިވުން، ފަދަ ކަންތައްތައް ހިމެނެއެވެ.

2- އެކްޒެލަން އަދި ރެމިނައިލް( Reminyl/ ނޮލެޝޭ)
މިބޭސްތައް ވެސް ''އަސީޓައިލް ކޮލިން'' ބައިބައިވެގެން ދިއުން ކުޑަކުރުވައެވެ. މިބޭސް ބޭނުންކުރުމުގެ ނަތީޖާ ވެސް އެންމެ ރަގަޅުގޮތުގައި ފެންނަނީ ބަލީގެ ކުރީކޮޅުގައި ބޭސް ބޭނުންކުރެވިއްޖެ ނަމަ އެވެ. ބޭހުގެ ސަބަބުން ކުރިމަތިވެދާނެ ނުރަގަޅު އަސަރުތައް ކުރިން ބުނެވުނު އެރިކެޕްޓް އާއި އެއްގޮތެވެ. އެކްޒެލަން ގެ ޖެނެރިކް ނަމަކީ ''ރިވަސްޓިގްމިން'' އެވެ. ރެމިނައިލްގެ ޖެނެރިކް ނަމަކީ ''ގަލަންޓަމިން'' އެވެ.

2005 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ބައްޔާއި ގުޅޭ ދިރާސާއެއް ހެދުމުގެ ތެރޭގައި ރެމިނައިލް ބޭނުންކުރަމުން ދިޔަ 13 މީހަކު މަރުވުމާއި ގުޅިގެން އެބޭސް ބޭނުންކުރުން ހުއްޓާލެވުނެވެ. އެމީހުންތައް މަރުވެފައިވަނީ ހާޓްއެޓޭކް ޖެހިގެންނާއި. ސްޓްރޯކް ޖެހިގެންކަމަށް ވަނީ އެގިފައެވެ.

3- ނޭމެންޑާ( Namenda)
މިބޭސް ބޭނުންކުރެވެނީ އަލްޒައިމާ ބަލީގެ އާދައިގެ ޙާލަތްތަކާއި، އަދި ނުރައްކާތެރި ޙާލަތްތަކުގައެވެ. މިބޭހަކީ ސިކުނޑީގައި ހިމެނޭ ''ގޫޓަމޭޓް'' ކިޔާ ކެމިކަލް މެސެންޖަރއެއް ރެގިއުލޭޓްކުރުމެވެ. ކަންކަމާއި، އެއްޗެތި ދަސްކޮށް ހަދާންކުރުމުގައި ދައުރެއް ގޫޓަމޭޓް އަދާކުރެއެވެ. މިގޮތުން ސިކުނޑީގައިވާ ނާރުސެލްތަކަށް ވަކި ކަހަލަ ކެމިކަލް އެއް ވަކި މިންވަރަކަށް ވަނަދިނުމަށްޓަކައި ގޫޓަމޭޓް އަދާކުރަނީ '' ދޮރު ފާރަވެރިއެއް'' ގެ ރޯލެވެ. ގޫޓަމޭޓްގެ މަސައްކަތް ނޭމެންޑާ ކޮންޓްރޯލް ކުރެއެވެ. މިބޭހުގެ ޖެނެރިކް ނަމަކީ ''މެމަންޓިން'' އެވެ.

ނޭމެންޑާ ކުރިން ބުނެވުނު ބޭސްތަކާއި އެކު ބޭނުންކުރުމުން ލިބިދޭ ނަތީޖާ ރަގަޅު ކަމަށް ދައްކައެވެ. މިބޭސް ބޭނުންކުރުމުން ކުރިމަތިވެދާނެ ނުރަގަޅު އަސަރުތަކުގެ ތެރޭގައި މާބޮޑަށް ވަރުބަލިވުން، ކަންކަމާއި، ޚިޔާލު ތަފާތުވެ ސިކުނޑި އަރައިރުންވުން، ބޮލުގައި ރިހުން އަދި ބޯއެބުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

4- ކޮގްނެކްސް( Cognex)
މިބޭސް ވެސް ''އަސީޓައިލް ކޮލިން'' ބައިބައިވެގެން ދިއުން ކުޑަކުރުވައެވެ. މިބޭހުގެ ޖެނެރިކް ނަމަކީ ''ޓެކްރީން'' އެވެ. މިބޭސް ބޭނުންކުރުމުން ކުރިމަތިވެދާނެ ނުރަގަޅު އަސަރު ތަކުގެ ތެރޭގައި މޭނުބައިކޮށް ހޮނޑުލުން، ބަނޑުގައި ރިހުން، ބޭރަށް ހިންގުން، ހަޖަމުކުރަން އުދަގޫވުން، އަދި ހަންގަނޑުގައި ބިހިތަކެއް ނެގުން ފަދަ ކަންތައްތައް ހިމެނެއެވެ.

މިބޭސް ބޭނުންކުރުމުން ފުރަމޭ އަށް ގެއްލުން ލިބުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ފުރަމޭ އަށް ގެއްލުން ލިބޭތޯ ދެނެގަތުމަށް ޓަކައި ދޭތެރެ ދޭތެރެއިން ފުރަމޭ މަސައްކަތްކުރާގޮތް ބެލުމަށް ޓެސްޓްތައް ހަދަން ޖެހެއެވެ. ނަމަވެސް މިބޭހުން ކުރިމަތިވާ ކުރިން ބުނި ނުރަގަޅު އަސަރުތަކުގެ ސަބަބުން މިބޭސް ބޭނުންކުރެވެނީ ވަރަށް މަދުންކަން ފާހަގަ ކުރެވެއެވެ.

މިބައްޔަށް ފަރުވާއެއް ހޯދުމަށްޓަކައި މިހާރުވެސް ދަނީ ކެނޑިނޭޅި މަސައްކަތް ކުރެވެމުންނެވެ. އާބޭސްތަކާއި، އާވެކްސިނެއް އުފެއްދޭތޯ ވެސް ދަނީ މަސައްކަތް ކުރެވެމުންނެވެ. އެހެންކަމުން މިބައްޔަށް އަލިމަގެއް ފެންނާނެ ކަމުގެ އުއްމީދުގައި އެތައް ހާސްބަޔަކު މިހާރުވެސް ދަނީ އިންތިޒާރު ކުރަމުންނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.