Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ބަލިތައް އަލްޒައިމާ ބަލި: ކާނާ އަދި ކެއުން

އަލްޒައިމާ ބަލި: ކާނާ އަދި ކެއުން

alzheimer-keun
* ސަމާލުކަން ދޭންޖެހޭ އަސާސީ ބައެއް ކަންތައްތައް
* ބަނޑުހިކުމުން ރައްކާތެރިވުން
* ކެއުން
* އަނގަތެރެ ހިކޭނަމަ ހަދާނީ ކިހިނެއް؟

ހަށިގަނޑަށް ފައިދާހުރި ހަމަހަމަ ކެއުމެއް (ކާނާގެ ހުރިހާ ބާވަތެއް ލިއްބައިދޭ) އިޚްތިޔާރު ކުރުމަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް ވަރަށް މުހިއްމު ކަމެކެވެ. ރަގަޅު ކާނާއަކީ ހަށިގަނޑުގައި ބާރުޖެއްސުމާއި، ހަށިގަނޑު ފުރިހަމަ ގޮތެއްގައި މަސައްކަތްކުރުމަށް ވަރަށް ބޭނުންތެރި އެއްޗެކެވެ.

ސަމާލުކަން ދޭންޖެހޭ އަސާސީ ބައެއް ކަންތައްތައް

- ތަފާތު ބާވަތްތަކުގެ ކާނާ ކެއުމުގައި ހިމަނާށެވެ.

- ފައިދާހުރި ކާނާ، އަދި ކަސްރަތުގެ އެހީގައި ހަށިގަނޑުގެ ބަރުދަން އެކަށޭނަ ވަރެއްގައި ބެހެއްޓޭތޯ ބަލާށެވެ.

- ކޮލެސްޓެރޯލް މަދުން ހިމެނޭ ކާނާގެ ބާވަތްތައް އިޚްތިޔާރު ކުރާށެވެ.

- ހަކުރު އެކުލެވޭ ފޮނިކާނާގެ ބާވަތްތައް ބޭނުންކުރުން ވަކި މިންވަރެއްގައި ހިފަހައްޓާށެވެ.

- ލޮނު އެކުލެވޭ ކާނާ މެދުމިންވަރެއްގައި ބެހެއްޓޭތޯ ބަލާށެވެ.

- ދުވާލަކު 8 ތަށީގެ ފެން ނުވަތަ ދިޔާތަކެތި ބޯން އާދަކުރާށެވެ. ފެނުގެ އިތުރުން މޭވާ އަދި ތަރުކާރީ ޖޫހަކީ ފައިދާހުރި ބާވަތްތަކެވެ.

- ކޮފީ، ކަޅުސައި ފަދަ ކެފޭއިން އެކުލެވޭ ބުއިންތަކާއި ދުރުހެލިވާށެވެ.

- ބޭނުންކުރެވޭ އެއްވެސް ކާނާއެއްގެ ސަބަބުން ކަމުންގެންދާ ބޭހަށް އެއްވެސް އަސަރެއް ކޮށްދާނެތޯ ޑޮކްޓަރާއި މަޝްވަރާކޮށްގެން ބަލައި ސާފުކުރާށެވެ.

ބަނޑު ހިކުމުން ރައްކާތެރިވުން

- ފައިބަރު މަތީ އަދަދަކަށް އެކުލެވޭ ކާނާގެ ބާވަތްތައް ބޭނުންކުރާށެވެ. މިގޮތުން މޭވާ ތަރުކާރީ ޚިޔާރު ކުރެވިދާނެއެވެ. މޭވާތަރުކާރީގައި ފައިބަރުގައި ބައި ބޮޑަށް ހުންނަނީ އޭގެ ތޮށީގައެވެ.

- ދުވާލަކު މަދުވެގެން 8 ތަށި ފެން ނުވަތަ ދިޔާތަކެތި ބޯށެވެ. ފެނުގެ އިތުރުން މޭވާ އަދި ތަރުކާރީ ޖޫހަކީ ފައިދާހުރި ބާވަތްތަކެވެ. ފެނާއި، ފައިބަރު އަކީ ގޮހޮރުގެ ހަރަކާތް އިތުރުކޮށްދޭ މާއްދާތަކެކެވެ.

- އެކަށޭނަ ވަރަކަށް ކޮންމެ ދުވަހަކު ވެސް ކަސްރަތުކުރާށެވެ. މިގޮތުން ކޮންމެ ދުވާލަކު 20 މިނިޓްވަރު ހިގާލުން، ނުވަތަ ގޭގައި ކުރެވޭ ކަހަލަ އާދައިގެ ލުއި ކަސްރަތެއް ކޮށްލެވިދާނެ އެވެ.

- ބޮޑުކަމުދާން ޖެހުމުން ނުގޮސް ނުހުންނާށެވެ. ބޮޑުކަމުދާން ޖެހިފައި ހުރިނަމަ ނުގޮސް ހިފަހައްޓައިގެން ހުރުމަކީ އެއްގޮތަކަށް ވެސް ރަގަޅު ގޮތެއް ނޫނެވެ.

- ކޮންމެހެން ބޭނުން ޖެހިއްޖެނަމަ ހަރުވެފައި ހުރި ބޮޑުކަމުދާތަކެތި މަޑުކޮށްދޭނޭ މާއްދާއެއް ނުވަތަ ''ލެކްޒޭޓިވް'' އެއް ނެގިދާނެ އެވެ. ނަމަވެސް ޑޮކްޓަރެއްގެ އިރުޝާދު ނެތި 2 ހަފްތާއަށްވުރެ ގިނަދުވަހު މިގޮތަށް ބޮޑުކަމުދިއުމަށް ބޭސް ބޭނުންކުރުމަކީ ރަގަޅު ކަމެއް ނޫނެވެ.

ކެއުން

- ކާން ތައްޔާރުވުމުން އެހެން ކަންކަން ކުރަން ނޫޅޭށެވެ. އެންމެ އެދެވިގެންވަނީ ކާތަކެއްޗަށް އިންސާފު ކުރަން ފެއްޓުމެވެ.

- ކާމޭޒު ދޮށަށް ދިއުމަށްފަހު ކާން ހެދިފައި ހުރި ތަކެއްޗަށް ސަމާލުކަން ދޭށެވެ. އެހެންކަންކަމާއި، ތަކެއްޗާއި މެދު ވިސްނުން ދޫކޮށްލާށެވެ. މިސާލަކަށް ކާއިރު، ލަވަ އަޑުއެހުން، ޓީވީ ބެލުން ފަދަ ކަންތަކާއި، ދުރުހެލި ވެވިދާނެ އެވެ.

- ލަސްލަހުން ކާށެވެ. މާއަވަސް އަވަހަށް ކެއުމަކީ ރަގަޅު ކަމެއް ނޫނެވެ.

- ހަރު އޮއްޓަރު ހުރި ތަކެތި ކާން ތައްޔާރުކޮށްފައި ހުރިނަމަ ކުދިކުދި އެތިކޮޅަށް ބައިކުރާށެވެ. އެއަށްފަހު މަޑުމަޑުން ހަފަމުން ކާށެވެ. ނުހަފައި ދިރުވުމަކީ ރަގަޅުގޮތެއް ނޫނެވެ.

- މާގިނައިން އެއްފަހަރާ އަގަޔަށް ނުލާށެވެ. އަނގަޔަށް ލާންވާނީ ކެވޭވަރު ބަލައިގެންނެވެ. މިސާލަކަށް ސަމުސަލެއް ނުވަތަ ބައިސަމުސާވަރު ރަގަޅުވާނެއެވެ.

އަނގަތެރެ ހިކޭނަމަ ހަދާނީ ކިހިނެއް؟

އުމުރުން ދުވަސްވާވަރަކަށް ކަރުހިއްކުން އިހްސާސް ވާލެއް ކުޑަވަމުން ދެއެވެ. ނަތީޖާއެއްގެ ގޮތުން އަނގަތެރެ ހިކިފައި ގިނައިރު ތަކެއްގައި ހުންނަ ގޮތްވެއެވެ. ބައެއް ކަހަލަ ބޭސްތަކުގެ ސަބަބުން ވެސް އަނގަތެރެ ހިކުން މެދުވެރި ކުރުވައެވެ. އަނގަތެރެ ހިކޭނަމަ އަންނަނިވި ކަންތައްތަކުން އެހީ ލިބިގަނެވިދާނެއެވެ.

- ދުވާލަކު މަދުވެގެން 8 ތަށި ފެން ނުވަތަ ދިޔާތަކެތި ބޯށެވެ. ފެނުގެ އިތުރުން މޭވާ އަދި ތަރުކާރީ ޖޫހަކީ ފައިދާހުރި ބާވަތްތަކެވެ. ހުން އައިސްފައި ހުންނަގޮތް ވާނަމަ ދިޔާތަކެތި ބޯ މިންވަރު އިތުރުކުރަން ޖެހޭނެއެވެ.

- ޕާން، ބިސްކޯދު ފަދަ ތަކެތި ބޭނުންކުރާނަމަ ހޫނު ކިރުތައްޓަކައި ލައި ފޯކޮށްގެން ކާށެވެ.

- ކޮންމެ ފަހަރަކު ކާއެތިކޮޅު ހަފާލުމަށް ފަހު ކުޑަ ފެންފޮދެއް ބޯލާށެވެ. އޭރުން އަނގަތެރޭގައި ތެތްކަން އިތުރުވުމުގެ އިތުރުން ކާތަކެތި ދިރުވަން ފަސޭހަވެގެން ދެއެވެ.

- ހަރުކޮށް ހުންނަ ކާއެއްޗެއް ނަމަ އެތަކެތި މަޑުކުރުމަށް ( ކާއެއްޗެއްގެ ބާވަތަށް ބަލާފައި) ސޯސް، ދިޔާ ޗީޒް ނުވަތަ ބަޓަރު ފަދަ މާއްދާއެއް އޭގެ ތެރެއަށް ނުވަތަ މައްޗަށް އެޅިދާނެ އެވެ.

- ކޮމާޝަލް މައުތު ވޮޝް (އަނގަ ދޮންނަ ފެނެއް ) ބޭނުން ނުކުރާށެވެ، މިފަދަ ފެނުގައި ބަނގުއާވި އެކުލެވުމުގެ ސަބަބުން އިތުރަށް އަނގަތެރެ ހިކޭގޮތްވެއެވެ. އެހެންކަމުން ބަނގުއާވި އެއްކުރުމަކާއި ނުލައި ހަދާފައި ހުންނަ އަނގަދޮންނަ ފެނެއް އިޚްތިޔާރު ކުރެވިދާނެއެވެ.

Comments