އާދީއްތަ20201129

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ބަލިތައް އަލްޒައިމާ ބަލި: ބައްޔާއި އެކުވެސް އާދައިގެ ދިރިއުޅުމެއް ހޭދަކުރުމަށް ކުރެވިދާނެ ކަންތައްތައް

އަލްޒައިމާ ބަލި: ބައްޔާއި އެކުވެސް އާދައިގެ ދިރިއުޅުމެއް ހޭދަކުރުމަށް ކުރެވިދާނެ ކަންތައްތައް

alzheimer-aadhiageހަދާން ބަލިވުމުގެ މައްސަލަ ކުރިމަތިވެފައިވާނަމަ ޢަމަލު ކުރާނީ ކިހިނެއް؟
އެދުވަހަކު ކުރަންޖެހޭ ކަންތައްތައް ރާވާލާނީ ކިހިނެއް؟
އަމިއްލައަށް ގެއްލުނަ ނުދިނުމަށް ހަދާނީ ކިހިނެއް؟
މީހުންނާއި މުޚާތަބު ކުރާނީ ކިހިނެއް؟

އަލްޒައިމާ ބައްޔާއި އެކު ދިރިއުޅެން ޖެހުމަކީ ހަޔާތުގައި ދިމާވާ ގޮންޖެހުމެކެވެ. އެހެން ކަމުން އަލްޒައިމާ ބަލި ޖެހިފައިވާ ނަމަވެސް ތިމާއާއި، އާއިލާގެ މެންބަރުން އަދި ރައްޓަހިންގެ އެހީތެރިކަމާއި، އެއްބާރު ލުމާއި، އެކު އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމެއް ހޭދަކުރެވިދާނެއެވެ. މިގޮތުން ތިރީގައި މިވާ ކަންތައްތަކުން އެހީ ލިބިގަނެވިދާނެ އެވެ.

ހަދާން ބަލިވުމުގެ މައްސަލަ ކުރިމަތިވެފައިވާނަމަ ޢަމަލުކުރާނީ ކިހިނެއް؟

- އަބަދުވެސް ނޯޓްފޮތެއް ގެންގުޅޭށެވެ. އެއީ ނަމާއި، އެޑްރެސް، ފޯން ނަންބަރު، އަދި އެޕޮއިންޓްމަންޓް ތައް، ތިމާއަށް ކުރެވޭ ޚިޔާލުތަކާއި، އެހެނިހެން މުހިއްމު މައުލޫމާތުތައް، ބޭނުންވުމުން ނޯޓް ކުރުމަށްޓަކައެވެ.

- ގެޔާއި، ގޯތިތެރޭގައި ހުންނަ މުހިއްމު ތަކެތީގައި ނަންޖަހައި ލޭބަލް ހަރުކޮށްފައި ބަހައްޓާށެވެ. އޭރުން އެއީ ކޮންއެއްޗެއްކަން ދެނެގަންނަށް ފަސޭހަވާނެއެވެ.

- ގޭތެރެ، ބަދިގެ ފަދަ ތަންތާގައި ހުރި އަލަމާރި، ހަރުގަނޑު، ކަބަޑް ފަދަ ތަކެތީގެ އެތެރޭގައި ހުރީ ކޮންއެއްޗެއްކަން އެގޭނެހެން ބޭރުގައި ލިޔެފައި ބަހައްޓާށެވެ.

- މުހިއްމު ފޯނު ނަންބަރުތައް ބޮޑުއަކުރުން ލިޔެ، ފޯނު ކައިރީގައި ފާރުގައި ނުވަތަ ބިތެއްގައި ހަރުކޮށްފައި ބަހައްޓާށެވެ.

- އެދުވަހަކު ކުރަންޖެހޭ ކަންތައްތަކާއި، ކުރަންޖެހޭ ވަގުތު، ހަދާންކޮށްދިނުމަށް ރައްޓައްސެއް ނުވަތަ އާއިލާގެ މެންބަރެއްގެ ކިބައިން އެދޭށެވެ. ކާގަޑި، ބޭސް ކާންޖެހޭ ވަގުތު، އަދި އެޕޮއިންޓްމަންޓެއް އޮތްނަމަ އޭގެ ވަގުތާއި އޮތްކަން ހަދާންކޮށްދިނުމަށް ބުނެވިދާނެ އެވެ.

- މުހިއްމު ތާރީޚްތަކާއި، ދުވަސްތައް ހަދާންކުރުމަށް އަކުރު ބޮޑުކޮށް ހަދައިފައި ހުންނަ ކަލަންޑަރެއް ބޭނުންކުރާށެވެ. އަދި އެފަދަ ދުވަސްތައް މާކަރެއް ފަދަ އެއްޗަކުން ބޮޅުއަޅައި ފާހަގަކޮށްފައި ބަހައްޓާށެވެ.

އެދުވަހަކު ކުރަންޖެހޭ ކަންތައްތައް ރާވާލާނީ ކިހިނެއް؟

- ކުރާހިތްވާ ކުރަންބޭނުންވާ ކަންތައްތައް ބަލާށެވެ. އަދި އެއީ ތިމާކުރުން ރައްކާތެރި، ތިމާއަށް ކުރެވިދާނެ ކަމެއްތޯ ބެލުމަށްފަހު އެކަމެއް ކުރާށެވެ.

- ކަންތައްތައް ފަސޭހައިން ރަގަޅަށް ކުރެވޭނީ ތިމާގެ ނަފްސު އެކަމަށް ތައްޔާރުވެއްޖެ ކަމަށް ޔަގީންވުމުންނެވެ. މާނައަކީ ތިމާހުރީ އެފަދަ ކަމެއްކުރެވިދާނެ ފަދަ ގޮތެއްގައިކަން އަމިއްލައަށް އިހްސާސްވުމުންނެވެ.

- ހަމަޖެހިގެން ކަންތައްތައް ކުރެވޭތޯ ބަލާށެވެ. މާއަވަސް އަރުވާލައިގެން ކުރަން ބޭނުންވާ ކަންތައްތައް ކޮށް ނިންމަން ނޫޅޭށެވެ. އަދި އެހެންމީހަކު ތިމާކުރާ ކަންތައްތައް އަވަސްކުރަން އުޅުނަ ނުދޭށެވެ.

- ކަމެއް ކުރަން ފެށުމަށްފަހު އެކަމެއް މާއުދަގޫވެ، ކުރިއަށް ނުދާގޮތް ވެއްޖެނަމަ އެކަމެއް ހުއްޓާލުމަށް ފަހު އެކަށޭނަ ވަރަކަށް އަރާމްކޮށްލާށެވެ.

- ކުރަން ބޭނުންވާ ކަމެއްގައި އެއްވެސް މީހެއްގެ އެހީތެރިކަން ބޭނުންވެއްޖެ ނަމަ މީހެއްގެ ކިބައިން އެހީއަށް އެދޭށެވެ.

އަމިއްލައަށް ގެއްލުނަ ނުދިނުމަށް ހަދާނީ ކިހިނެއް؟

- ބޭރަށް މިސާލަކަށް ހިގާލަން، ވިޔަފާރިކޮށްލަން ދާން ބޭނުންނަމަ ކޮންމެވެސް މީހެއްގެ ކިބައިން ތިބާއާއި، އެކުގައި ދިއުމަށް އެދޭށެވެ.

- ދާން ބޭނުންވާ ތަނެއް ހަދާން ނެތިއްޖެނަމަ އެކުގައި ދާމީހާގެ އެހީހޯދާށެވެ. އަދި ހަދާން ބަލިވުމުގެ މައްސަލަ ހުރުމުން ހަދާންނެތެނީ ކަމުގައި ބުނެ ކިޔައިދޭށެވެ.

- އެކަނި ދާނަމަ އަތުގައި ތިމާގެ ނަމާއި، އެޑްރެސް، އާއިލާ މީހުންގެ ފޯނު ނަންބަރު ލިޔެފައި އޮންނަ އެއްޗެއް ގަނޑިއެއް ނުވަތަ އުޅާއެއްގެ ސިފައިގައި އޮންނަ އެއްޗެއްހެން އަޅާފައި ބާއްވާށެވެ. އޭރުން ގެއްލިގެން އުޅުނަސް މީހެއްގެ އެހީގައި ތިމާގެ އަހުލުވެރިންނާއި ހަމައަށް ވާޞިލްވެވިދާނެއެވެ.

މީހުންނާއި މުޚާޠަބުކުރާނީ ކިހިނެއް؟

- އަބަދުވެސް ލަސްލަހުން އިހްތިރާމާއި އެކު ވާހަކަ ދައްކަން އާދަކުރާށެވެ. މާ އަވަހަށް ވާހަކަ ދެއްކުމަކީ ނަގައިގަންނަށް އުދަގޫވާނެ ކަމެކެވެ.

- މުޚާޠަބުކުރާމީހާ ވާހަކަ ދައްކާނީ މާމަޑުން ނުވަތަ އަވަސްކޮށް ކަމުގައި ވާނަމަ ލަސްލަހުން، އަޑުއިވޭ ވަރަށް ވާހަކަ ދެއްކުމަށް ބުނާށެވެ. އެމީހާ ބުނިއެއްޗެއް ނޭގުނުނަމަ އަލުން ތަކުރާރު ކުރުމަށް އެދޭށެވެ.

- މާއަޑުގަދަ މާހައުލެއްގައި ވާހަކަ ދައްކަން ނުތިބޭށެވެ. އޭގެ ބަދަލުގައި ސާފުވައި ލިބޭ، ހަމަ ހިމޭން ޖައްވެއް އިޚްތިޔާރު ކުރެވިދާނެ އެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.