ހުކުރު20201127

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ބަލިތައް އަލްޒައިމާ ބަލި ޖެހިފައިހުރިތޯ ބަލައި ދެނެގަތުން

އަލްޒައިމާ ބަލި ޖެހިފައިހުރިތޯ ބަލައި ދެނެގަތުން

alzheimer-dhenegathun

 

1- ބަލިމީހާގެ ޞިއްޙީ ޙާލަތު 31- އެމް.އާރު.އެސް.އައި
2- ސިކުނޑީގެ ޙާލަތު ދެނެގަތުން
3- ހަށިގަނޑު ޓެސްޓްކުރުން
4- މޭމަތީގެ އެކްސް-ރޭ ނެގުން
5- ލެބޯޓަރީގެ ތަޙްލީލުތައް
6- ސީ.ޓީ ސްކޭން
7- އެމް.އާރު.އައި
8- އީ.އީ.ޖީ
9- އީ.ސީ.ޖީ
10- ނިއުރޯ ސައިކޮލޮޖިކަލް ޓެސްޓް
11- ޕެޓް ސްކޭން
12- ސްޕެކްޓް ސްކޭން
13- އެމް އާރު އެސް އައި

އަލްޒައިމާ ބައްޔަކީ އޭގެ ކުރީކޮޅު ގިނަ ފަހަރު ދެނެގަނެވޭ ބައްޔެއް ނޫނެވެ. އެހެންގޮތަކަށް ބުނާނަމަ ބަލިހުރިކަން އެގުމަކާއި، ނުލައި އޭގެ އުދަގޫތައް އިތުރުވަމުން އަންނަ ބައްޔެކެވެ. ވަރަށް ގިނަ ޑޮކްޓަރުން، ނަރުހުން، އަދި ބަލިމީހުންނާއި، އެމީހާގެ ތިމާގެ މީހުން، އަލްޒައިމާ ބަލީގެ އުދަގޫތައް ކުރިމަތިވާން ފެށުމުން އެއީ މުސްކުޅިވުމުން ކުރިމަތިވާ ކަމެއް ކަމަށް ނިންމައި، އެކަމާއި އަޅާނުލައި ދޫކޮށްލާތަން އާދެއެވެ.

އަލްޒައިމާގެ އެންމެ މައިގަނޑު އަލާމާތް ނުވަތަ އުދަގޫ ކަމުގައި ބެލެވިފައިވާ ''ހަދާން ނެތުން'' ކުރިމަތި ކުރުވާ އެހެން ކަންކަމަކީ ގިނަ ފަހަރު ފަރުވާކޮށްގެން ރަގަޅު ކުރެވޭ ކަންތައްތަކެވެ. ނަމަވެސް އަލްޒައިމާ އަކީ އަދި ފަރުވާއެއް ހޯދިފައިވާ ބައްޔެއް ނޫނެވެ. އެހެން ކަމުން ހަދާންނެތުން ފަދަ ކަންތައްތައް ކުރިމަތިވާން ފަށައިފިނަމަ އޭގެ ސަބަބު ވީހާވެސް އަވަހަކަށް ހޯދައި ދެނެގަތުމަކީ މުހިއްމު ކަމެކެވެ. މީގެ އިތުރުން އަލްޒައިމާ ބައްޔާއި ގުޅިގެން ކުރިމަތިވާ ބައެއް ކަހަލަ އުދަގޫ ތަކަކީ އެކަށޭނަ ފަރުވާ ލިބިއްޖެ ނަމަ ރަގަޅު ކުރެވޭނެ ކަންތައްތަކެވެ.

އަލްޒައިމާ ބަލި ހޯދައި ދެނެގަތުމަށް އަންނަނިވި ކަންތައްތަކަކީ އެހީއަކަށް ފުދޭނެ ކަންތައްތަކެވެ.

1- ބަލިމީހާގެ މާޒީއާއި، މިހާރުގެ ޞިއްޙީ ހާލަތު

ބަލިމީހާގެ މާޒީގައި ކުރިމަތިވެފައި ހުރި ކަންތައްތައް މިސާލަކަށް ޖެހުނު ބަލިތައް، ކުރެވުނު އޮޕަރޭޝަންތައް، ފަދަ ކަންތައްތައް އެގުމަކީ ބަލިމީހާގެ ޞިއްޙީ ހާލަތު ހުރިނެތްގޮތް ކަނޑައެޅުމަށް މުހިއްމު ކަމެކެވެ. ހަމަމިހެން ބަލިމީހާ އަށް ފަރުވާނެ ކުރާނެގޮތް ކަނޑައެޅުމާއި، އަދި އެމީހާގެ ޙާލަތު މުސްތަގުބަލްގައި މޮނީޓަރ ކުރާނެގޮތް ކަނޑައެޅުމަށް ވެސް މިއީ މުހިއްމު ކަމެކެވެ.

މިގޮތުން ބަލިމީހާގެ ޙާލަތު ދެނެގަތުމަށްޓަކައި ޑޮކްޓަރުން ވަރަށް ގިނަ ސުވާލުތައް ކުރައްވާނެއެވެ. މިގޮތަށް އަންނަނިވި ކަންތައްތަކާއި، ގުޅޭ ސުވާލުތައް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

- ބަލިމީހާ ކާކުކަން ދެނެގަތުމަށް ބޭނުންވާ މައުލޫމާތު: ނަން އެޑްރެސް އުޅޭތަން ފަދަ މައުލޫމާތު.

- ކުރިމަތިވާ އުދަގޫތަކުގެ މައުލޫމާތު.

- އެހެން އުދަގުލެއް ވޭތޯ ބެލުން.

- އެއްވެސް ބައްޔެއް މިހާރު ހުރިތޯ ބެލުން : މިސާލަކަށް ހަކުރު ބަލި، ލޭގެ ޕްރެޝަރ މައްޗަށް ދިއުން.

- ކުރިން ބޭނުންކޮށްފައި ބޭސްތަކުގެ މައުލޫމާތު: ބޭސް ބޭނުންކުރި ދުވަސްވަރާއި، ކީއްވެގެން ކަން.

- މިހާރުގެ ޞިއްޙީ ޙާލަތު.

- ނަފްސާނީ ޙާލަތު: ކައިވެނިކޮށްގެން ހުރިތޯ ބެލުން، ދިރިއުޅުމުގެ ޙާލަތު.

- ވިސްނުމުގެ ފެންވަރާއި، ސިކުނޑީގެ ޙާލަތު ދެނެގަތުން.

- އާއިލާގެ ޙާލަތު: އެއްވެސް ކަހަލަ ބައްޔެއް އާއިލާގެ މެންބަރުންގެ ތެރޭގައި ހުރިތޯ ބެލުން.

2- ސިކުނޑީގެ ހާލަތު ދެނެގަތުން

މިއީ ވިސްނުމުގެ ފެންވަރު ހުރިނެތްގޮތް ބެލުމަށް ކުރެވޭ ވަރަށް ކުރު ޓެސްޓެކެވެ. މި ޓެސްޓް ކުރުމުގައި ކުދިކުދި މައްސަލަތައް ޙައްލުކުރާނެގޮތް، ކަންކަމަށް ސަމާލުކަންދޭ މިންވަރު، އެއްޗެތި ގުނުން، އަދި ކަންކަން ހަދާން ހުރިނެތް މިންވަރު ބެލުން ފަދަ ކަންތައްތައް ކުރުވައެވެ. މިކަންކަމުގެ ސަބަބުން ސިކުނޑީގެ ގެއްލުން ލިބިފައިހުރީ ކޮންހިސާބަކަށްތޯ ކަނޑައަޅަން އެގެއެވެ.

3- ހަށިގަނޑު ޓެސްޓްކުރުން

މިއީ ހަށިގަނޑުގެ ޖިސްމާނީ ޙާލަތު ދެނެގަތުމަށް ހަށިގަނޑުގެ އެކި ހިސާބުތައް ބަލައި ޗެކްކުރުމެވެ. މިގޮތުން އަންނަނިވި ތަންތަނާއި، ކަންތައްތައް ބަލައި، ޗެކްކުރެވެއެވެ.

- ފިނިހޫނުމިން، ލޭގެ ޕްރެޝަރ، ހިތުގެ ތެޅުން، އަދި ނޭވާލުން.

- އިސްކޮޅާއި، ބަރުދަން.

- ހަންގަނޑާއި، އުރަމަތި.

- ބޮލާއި، ލޯ، ކަންފަތާއި، ނޭފަތް.

- އަނގަޔާއި، ކަރުތެރެ.

- ބަނޑާއި، ދަށްބަނޑު.

- ހިތާއި ފުއްޕާމޭ.

- ކަށިތަކާއި، މަސްތައް.

- ނާރުތަކާއި، ހަރަކާތްތައް.

- ޖިންސީ ގުނަވަން ހިމެނޭ ސަރަހައްދު.

- ފުރަގަސްފަރާތް.

4- މޭމަތީގެ އެކްސް-ރޭ ނެގުން

އެކްސް-ރޭ އަކީ ދަށް ޑޯޒެއްގެ ރޭޑިއޭޝަން ބޭނުންކޮށްގެން ހަށިގަނޑު ސޫރަ ކުރަހާލުމަށް ބޭނުން ކުރެވޭ ޓެސްޓެކެވެ. ވައިނޮޅީގެ ކަފިދުޅަވުން ފަދަ ކަންތަކުން ފެށިގެން ގޮސް، ބިދިފައިވާ ކަށީގެ ޙާލަތު ދެނެގަތުމަށް ވެސް އެކްސް-ރޭ ގެ ބޭނުން ހިފައެވެ. މޭމަތީގެ އެކްސް-ރޭ ނަގަނީ ހިތާއި، ފުއްޕާމޭ، އަދި އަރިކަށިތަކުގެ ޙާލަތު ދެނެގަތުމަށްޓަކައެވެ. އަލްޒައިމާ ބައްޔާއި، އެއްގޮތް އަލާމާތްތައް މެދުވެރިކުރުވާ އެހެން ކަމެއް ހުރިތޯ ބެލުމަށް މިޓެސްޓް ފަހަރުގައި ހަދައިފާނެއެވެ.

5- ލެބޯޓަރީ ތަޙްލީލުތައް

ލެބޯޓަރީ ތަޙްލީލު ތަކަކީ ވަރަށްގިނަ ބަލިތައް ދެނެގަތުމަށް އެހީތެރިވެދޭ ކަމެކެވެ. މިގޮތުން ހަށިގަނޑުގެ އެކި އެކި ޓިޝޫތަކާއި، ހަށިގަނޑުގެ އެކިބައިތަކުން އުފައްދާ ދިޔަ ފަދަ ތަކެތި ތަޙްލީލު ކުރެވެއެވެ. މިގޮތުން އެންމެ އާންމު ގޮތެއްގައި ޓެސްޓް ކުރެވެނީ ލޭ އަދި ކުޑަކަމުދާ ތަކެއްޗެވެ.

ލޭގެ ޓެސްޓްތައް ހެދެނީ ލޭގައި އެއްވެސް ކަހަލަ މާއްދާއެއް މަދުތޯ، ލޭގެ ސެލްތަކުގެ ވައްތަރުތައް ހުރީ ކިހާމިންވަރެއްގައިތޯ، ނުވަތަ އެއްވެސް ކަހަލަ ޢައިބެއް ހުރިތޯ ދެނެގަތުމަށްޓަކައެވެ. ހަމަމިހެން އަލްޒައިމާ ބަލީގެ އަހުލުވެރިންގެ ކިބައިގައި ހުރެދާނެ ކަމަށް ޝައްކު ކުރެވޭ ވަކިބާވަތެއްގެ ވިރާސީ ބަހާ އެއް ހުރިތޯ ނުވަތަ ނެތްތޯ ބެލުމަށް ވެސް ލޭ ޓެސްޓް ކުރެވެއެވެ. ކުޑަކަމުދާ ތަކެތި ޓެސްޓްކުރެވެނީ އެއްވެސް ކަހަލަ މާއްދާއެއް އުނިތޯ ނުވަތަ ގިނަތޯ ބެލުމަށްޓަކައެވެ. މަދުން ނަމަވެސް ސިކުނޑިއާއި، ސްޕައިނަލް ކޯޑްގެ ވަށައިގެން ހުންނަ ދިޔަ ނަގައިގެން ޓެސްޓް ކުރެވެއެވެ.

6- ސީޓީ ސްކޭން (Computerized tomography / CT scan)

ސީޓީ ސްކޭން އަކީ ކުރުމުއްދަތެއްގެ ތެރޭގައި އެކި އޭންގަލް ތަކުން ހަށިގަނޑުގެ ބައިވަރު އެކްސް-ރޭ ނަގައިދޭ ޓެކްނޮލޮޖީ އެކެވެ. މިގޮތުން އެކްސް- ރޭ ގެ އެހީގައި ނެގޭ ސޫރަތައް އެއަށްފަހު ކޮމްޕިއުޓަރަށް ނެގެއެވެ. ސީޓީ ސްކޭންގެ އެހީގައި އަލްޒައިމާ ބަލީގެ ފަހުކޮޅު ސިކުނޑިއަށް އަންނަ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ސިކުނޑި ކުޑަވެ، ހިނދުން ފަދަ ކަންތައްތައް ދެނެގަނެވެއެވެ.

7- އެމް އާރު އައި(Magnetic Resonance imaging)

މިއީ އެކްސް-ރޭ ބޭނުންކުރުމަކާއި، ނުލައި ހަށިގަނޑުން ވަރަށް ސާފު ސޫރަތައް އުފައްދައިދޭ ޓެސްޓެކެވެ. މި ސޫރަ ނުވަތަ ފޮޓޯތައް އުފެއްދުމަށް އެކްސް-ރޭ ގެ ބަދަލުގައި ބޭނުންކުރެވެނީ މެގްނެޓިކް ރޭޑިއޯ ވޭވް ތަކެކެވެ. ޓިއުމަރ އަދި ސްޓްރޯކް ފަދަ ''ޑިމެންޝައާ'' މެދުވެރިކުރުވާ ކަންތައްތައް ދެނެގަތުމަށް އެމް އާރު އައި އަކީ ބޭނުންތެރި ޓެސްޓެކެވެ. އަލްޒައިމާ ބައްޔާއި ގުޅިގެން ސިކުނޑިއަށް އަންނަ ބަދަލުތައް ވެސް މިޓެސްޓްގެ އެހީގައި ހޯދައިގަނެވެއެވެ.

8- އީ އީ ޖީ(Electroencephalography)

މިއީ ސިކުނޑީގައި ހިގާ ކަރަންޓްގެ މަސައްކަތް ތަޙްލީލުކޮށްގެން ސިކުނޑީގެ މަސައްކަތް މިނެކިރާލާ ޓެކްނީކް އެކެވެ. ކަރަންޓްގެ މަސައްކަތް ހިގާނުހިގާގޮތް ބެލެނީ ބޮލުގެ ނާށިގަނޑާއި ގުޅާލެވޭ ޚާއްޞަ އިލެކްޓްރޯޑް ތަކެއްގެ އެހީގައެވެ. ބޮޑެތި މީހުންނާއި، ކުޑަކުދިންނަށް ވެސް ނުރައްކަލެއް ނެތި ތަކުރާރުކޮށް މިޓެސްޓް ހެދިދާނެ އެވެ. ސިކުނޑިއަށް އަންނަ ބަދަލުތައް ދެނެގަތުމަށް މިއީ ފައިދާހުރި ޓެސްޓެކެވެ. އާންމުގޮތެއްގައި އީ އީ ޖީ ބޭނުންކުރެވެނީ ސިކުނޑިއަށް މެސެޖްތައް ބަލައިގަތުން، ޖަޒުބާތު، ހަދާން، އަދި ބަހުރުވަ ނުވަތަ ބަސްމޮށުންތެރިކަން ހުރިނެތްގޮތް ޓެސްޓްކުރުމަށެވެ. ހަމަމިހެން އަލްޒައިމާ ބައްޔާއި ގުޅިގެން ކުރިމަތިވާ ބައެއް އުދަގޫތައް ދެނެގަތުމުގައި ވެސް މިޓެސްޓްގެ އެހީ ލިބިގަނެއެވެ.

9- އީ ސީ ޖީ(Electrocardiogram)

މިއީ ހިތުގައި ހިންގާ ކަރަންޓްގެ މަސައްކަތް ދެނެގަނެ ރިކޯޑް ކުރުމެވެ. މިގޮތުން ހިތުގައި ހިންގާ ކަރަންޓްގެ މަސައްކަތް ކުދިކުދި ގޮޅިޖަހާފައި ހުންނަ ގަނޑެއްގައި، ގުދުލާފައި ހުންނަ ރޮގުތަކެއްގެ ސިފައިގައި ނުވަތަ ގްރާފެއްގެ ސިފައިގައި ދައްކައިދެއެވެ. މިއިން ހިތާއި ބެހޭ މުހިއްމު މައުލޫމާތު ޑޮކްޓަރަށް ލިއްބައިދެއެވެ. މިސާލަކަށް ހިތުގެ ތެޅުމާއި، ވިންދު ޖަހާ މިންވަރު ދެނެގަނެވެއެވެ.

10- ނިއުރޯ ސައިކޮލޮޖިކަލް ޓެސްޓް

ހިތުގެ ސައިޒު ބޮޑުވުން، ލޭފޮނުވުން ދަށްވުން، އަދި ކުރިން ހާރޓް އެޓޭކެއްގެ ސަބަބުން ގެއްލުމެއް ލިބިފައިވާނަމަ އެކަން މިޓެސްޓްގެ އެހީގައި ދެނެގަނެވެއެވެ. އަލްޒައިމާ ބައްޔާއި އެއްގޮތް އަލާމާތްތައް މެދުވެރިކުރުވާ އެހެންބަލިތައް ދިރާސާ ކުރުމަށް މިޓެސްޓްގެ ބޭނުން ހިފުމަކީ އެކަށީގެންވާ ކަމެކެވެ.

މިޓެސްޓްގެ އެހީގައި އިންސާނާގެ ސިކުނޑިއާއި، އޭނާގެ އުޅުމާއި، މިޒާޖް އަދި ސްލޫކާއި، ހުރި ގުޅުން ދެނެގަނެވެއެވެ. މިޓެސްޓް ބޭނުންކުރެވެނީ ހަދާން ހުރުން، ވިސްނުން، ނަންނަމާއި ބަސްބަސް ހަދާންކުރުން، އެކި ބަހުރުވަ ދެނެގަތުން ފަދަ ކަންތައްތަކުގައި މައްސަލަ ކުރިމަތިވާގޮތް ވެއްޖެނަމަ އެވެ. އެހެންކަމުން ވިސްނުމާއި، ޖަޒުބާތު، އަދި އުޅުމަށް ބަދަލު ގެނުވާ ހާލަތްތައް ދެނެގަނެ، ފަރުވާކުރުމުގައި މިޓެސްޓްގެ ބޭނުން ހިފައެވެ.

ބަޔާންކުރެވުނު ފަދަ ހާލަތްތަކުގެ ތެރޭގައި އަލްޒައިމާ ބަލި، ހާސްވެ ކަންބޮޑުވުމާއި، ހިތްހަމަ ނުޖެހުން ފަދަ ނަފްސާނީ މައްސަލަތައް، ބައެއް ކަހަލަ ބޭސް ބޭނުންކުރުމުން ކުރިމަތިވާ މައްސަލަތައް، ސްޓްރޯކް ޖެހުން، ޓިއުމަރު އުފެދުން ފަދަ ކަންތައްތައް ހިމެނެއެވެ.

ނޯޓް: ތިރީގައިވާ ކަންތައްތައް ބޭނުންކުރެވެނީ އަދި ބަލި ދިރާސާކުރުމަށެވެ. އާންމުކޮށް ބަލި ދެނެގަތުމަށް އަދި ބޭނުމެއް ނުކުރެއެވެ.

11- ޕީ އީ ޓީ(ޕެޓް) ސްކޭން (Positron-Emission TomographyPET scan)

މިއީ ސިކުނޑިއާއި، ހިތް، ފުއްޕާމޭ އަދި އެހެނިހެން އެތެރެ ހަށީގެ ގުނަވަންތައް ޓެސްޓްކުރެވޭ ''ތްރީ ޑައިމެންޝަނަލް '' ސޫރަ އުފައްދައިދޭ ޓެކްނީކް އެކެވެ. މި ސްކޭންގެ އެހީގައި ގުނަވަންތައް އޭގެ މަސައްކަތް އަދާކުރަމުންދާ ގޮތް ބަލާލެވެއެވެ. ވަކިން ޚާއްޞަކޮށް ހިތުގެ ވަށައިގެންވާ ލޭހޮޅިތަކަށް ޖެހޭ ބަލިތަކާއި، އަދި ކެންސަރު ދެނެގަތުމަށް ޕެޓް ސްކޭން ބޭނުންކުރެވެއެވެ. ޕެޓް ސްކޭންގެ އެހީގައި ސިކުނޑީގެ ވަކި ހިސާބެއް ބަލައިގެން ހަށިގަނޑުގައި ވާގިއެރުން ކުރިމަތިވާން އުޅެނީ ކޮންތަނެއްގައި ކަން ދެނެގަނެވެއެވެ. ހަމަމިހެން ތުރުތުރު އަޅާ ބަލި، އަދި އަލްޒައިމާ ބަލި ފަދަ ބަލިތަކުގެ ޙާލަތު ދެނެގަނެވެއެވެ. ހަމަމިހެން މިވައްތަރު ސްކޭންގެ އެހީގައި ދުޅަހެޔޮ މީހެއްގެ ސިކުނޑި މަސައްކަތް ކުރަމުންދާގޮތާއި، އަލްޒައިމާ ޖެހިފައި ހުރިމީހެއްގެ ސިކުނޑި މަސައްކަތްކުރާ ގޮތުގެ ތަފާތު ދައްކައިދެއެވެ.

12- ސްޕެކްޓް ސްކޭން (Single Photon Emission Computed Tomography Scane)

މިއީ ހިތާއި، ސިކުނޑި ފަދަ ބޮޑެތި ގުނަވަންތަކުގެ ''ތްރީ ޑައިމެންޝަނަލް'' ސާފު ޞޫރަތައް އުފައްދައިދޭ ޓެކްނިކް އެކެވެ. މިޓެސްޓް ހެދުމަށް ވަރަށް ކުޑަ މިންވަރެއްގެ ރޭޑިއޯ އެކްޓިވް މާއްދާއެއް ހަށިގަނޑަށް އިންޖެކްޝަންގެ ސިފައިގައި ފޯރުކުރެވެއެވެ. ހަށިގަނޑަށް ފޯރުކޮށްދެވުނު ރޭޑިއޯ އެކްޓިވް މާއްދާއިން އުފައްދާ ހަކަތަ ޚާއްޞަ ކެމެރާއަކުން ހޯދައިގަނެ، ޞޫރަތަކެއް އުފައްދައެވެ. މިޓެސްޓްގެ އެހީގައި ސިކުނޑީގެ އެކި ހިސާބުގައި ލޭދައުރުވާގޮތް ދެނެގަނެ، ސިކުނޑިން އަދާކުރާ ބައެއް ކަހަލަ މަސައްކަތްތައް ހުރިނެތްގޮތް ދެނެގަނެއެވެ. މިގޮތުން އަލްޒައިމާ ބައްޔާއި ގުޅިގެން އަންނަ ބަދަލުތައް ވެސް މިޓެސްޓްގެ އެހީގައި ދެނެގަތުމަކީ އެކަށީގެންވާ ކަމެކެވެ.

13- އެމް އާރު އެސް އައި(Magnetic Resonance Spectroscopy Imaging)

މިއީ ރޭޑިއޯ އެކްޓިވް މާއްދާއެއް ބޭނުން ކުރުމަކާއި ނުލައި، ސިކުނޑީގައި ބައެއް ކަހަލަ މާއްދާތައް ހުރިނެތްގޮތް ބެލުމަށް ބޭނުންކުރެވޭ ޓެސްޓެކެވެ. ކުރިން ބުނި އެމް އާރު އައި ހެން މިޓެސްޓް ގައި ވެސް ހަށިގަނޑުގެ ބޭނުންވާ ހިސާބެއްގެ ސޫރަ ކުރަހައިދެއެވެ. މިޓެސްޓްގެ އެހީގައި، ސިކުނޑީގައި އުފެދޭ ޓިއުމަރު، ސްޓްރޯކް ޖެހުން، ފިޓްޖެހުން، ހާސްވެ ކަންބޮޑުވުން، އަލްޒައިމާ ބަލި، އަދި ސިކުނޑިއަށް ކުރިމަތިވާ އެހެން ބަލިތަކާއި ގުޅިގެން އަންނަ ބަދަލުތައް ހޯދެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.