ހުކުރު20181102

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ބަލިތައް އަލްޒައިމާ ބަލި: ބަލިޖެހިފައިވާ މީހުންނަށް އަޅާލުމުގައި ބަލަންޖެހޭ ޚާއްޞަ ބައެއް ކަންތައްތައް

އަލްޒައިމާ ބަލި: ބަލިޖެހިފައިވާ މީހުންނަށް އަޅާލުމުގައި ބަލަންޖެހޭ ޚާއްޞަ ބައެއް ކަންތައްތައް

alzheimer-khaasa

1- ވާހަކަ ދެއްކުން            2- ފެންވެރުވުން
3 - ދަތް އުގުޅުވުން          4 - ހެދުން އެޅުވުން
5- ކާން ދިނުން               6- ކަންތައްތައް ކުރުވައި، ކަންކަމުގައި ބައިވެރިކުރުވުން
7- ކަސްރަތު ކުރުން           8- ގަޔަށް ކުޑަކަމު، ބޮޑުކަމުދެވުން
9- ނިދުމަށް ދިމާވާ މައްސަލަތައް     10- ޚިޔާލުތަކާއި، ވަހުމުތައް
11- މަގުއޮޅި ގެއްލޭގޮތްވުން       12- ގޭތެރޭގެ ރައްކާތެރިކަން
13- ޑޮކްޓަރަށ ދެއްކުން       14- ބަލިމީހާއަށް ޒިޔާރަތްކުރުން

1- ވާހަކަ ދެއްކުން

އަލްޒައިމާ ބަލި ޖެހިފައިވާ މީހަކާއި މުޚާތަބުކޮށް ވާހަކަ ދެއްކުމަކީ އެއްގޮތަކުން ބުނާނަމަ ކުރިމަތިވާ ގޮންޖެހުމެކެވެ. އެހެންކަމުން އެފަދަ މީހުންނާއި، ވާހަކަ ދައްކާއިރު ވަރަށް އުދަގޫ ޙާލަތްތައް ކުރިމަތި ވެދާނެ ކަމަށް ވިސްނަން ޖެހޭނެ އެވެ. މިގޮތުން އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދޭށެވެ.

- ކުރު ޖުމުލަ ތަކާއެކު އާދައިގެ ބަހުރުވައިން ވާހަކަ ދައްކާށެވެ. ހަމަމިހެން މަޑުމައިތިރި ކަމާއެކު، ވާހަކަ ދައްކަން އާދަކުރާށެވެ. ބަލިމީހާ އާއި ވާހަކަ ދައްކާއިރު އޭނާގެ މޫނަށް ބަލާށެވެ. އޭރުން ބަލިމީހާގެ އިހްސާސްތައް ދެނެގަންނަށް ފަސޭހަވާނެ އެވެ.

- ކުޑަކުއްޖަކާއި، ވާހަކަ ދައްކާ ބީދައިން ބަލިމީހާއާ މުޚާތަބު ނުކުރާށެވެ. މިގޮތަށް ހެދުމުން ބަލިމީހާ އަށް އެކަން އެގި، ހިތްހަމަ ނުޖެހޭގޮތް ވެއެވެ. ވާހަކަ ދައްކާއިރު ކަންކަމަށް އަމުރުކުރާގޮތަށް ވާހަކަ ދައްކައިގެން ނުވާނެއެވެ. އޭގެ ބަދަލުގައި އޭނާގެ ކިބައިން ކަމަކަށް އެދޭ ގޮތަށް ވާހަކަ ދައްކާށެވެ. މިސާލަކަށް މިވެނި ކަމެއް ނުކުރައްޗޭ ބުނުމުގެ ބަދަލުގައި ދެން އެހެންވިޔަ ނުދޭނީ ދޯ އޭ ބުނެ މުޚާތަބު ކުރެވިދާނެއެވެ.

- ޓީވީ، ރޭޑިއޯ، އަދި އެހެނިހެން އަޑުއެހުމަށް އުދަގޫ ކަންތައްތަކާއި، ވާހަކަ ދައްކާ ވަގުތު ދުރުވާށެވެ. އެއީ މިކަމުގެ ސަބަބުން ބަލިމީހާ އަށް ތިބާ ބުނާއެއްޗެއް ފަސޭހައިން ނަގައި ގަނެވޭނެތީ އެވެ.

- ބަލިމީހާ އަށް އޭނާގެ ފުރިހަމަ ނަމުން މުޚާތަބު ކުރާށެވެ. އަދި ކަމަކާއި، ވާހަކަ ދައްކަން ފެށުމުގެ ކުރިން އޭނާގެ ސަމާލުކަން ތިބާއަށް ހޯދާށެވެ. ވާހަކަ ދައްކާއިރު އަނގަޔަށް އެއްޗެއް ލައިގެން ހުރެ ވާހަކަ ދެއްކުމަކީ ރަގަޅު ކަމެއް ނޫނެވެ. ނުވަތަ ކަމުން ވާހަކަ ދެއްކުމަކީވެސް ރަގަޅު ކަމެއް ނޫނެވެ.

- ސުވާލެއް ކުރުމަށް ފަހު ބަލިމީހާ އެއަށް ޖަވާބު ދާރީވުމަށް އެކަށޭނަ ވަގުތު ދޭށެވެ. ބަލިމީހާ ޖަވާބު ދޭން ފެށުމުން އެވާހަކަ މެދުކަނޑާލާފާއި، ތިބާ ބޭނުންވާ ވާހަކައެއް ބުނަން ނޫޅޭށެވެ.

- ބަލިމީހާ ބުނަން ބޭނުންވާ ބަހެއް ހަދާންނެތިގެން އުޅޭހެން ހީވާނަމަ ރީތިކޮށް އެބަސް ބަލިމީހާ އަށް ބުނެދީ ހަދާން ކޮށްދޭށެވެ. އަދި ކެތްތެރިކަމާއެކު ބަލިމީހާގެ ސުވާލުތަކަށް ޖަވާބު ދާރީ ވާށެވެ.

2- ފެންވެރުވުން

ބަލިޖެހިފައިވާ ބައެއް މީހުން ފެންވަރުވައި ސާފުކުރުމަކީ މާބޮޑު އުދަގުލަކާއި ކުރިމަތި ލާންޖެހޭ ކަމަކަށް ނުވެއެވެ. ނަމަވެސް އަނެއްބައި މީހުންނަށް މިއީ ނުރައްކާތެރި، ކަމަކަށް އޮންނަނީ ވެފައެވެ. ރަގަޅު ރޭވުމެއްގެ މަތީން ފެންވަރުވައި ސާފުކުރުން ކުރިއަށް ގެންދިއުމަކީ ތިބާއާއި، ބަލިމީހާ އަށްވެސް އެންމެ ފައިދާހުރި ގޮތްކަން ޔަގީނެވެ. މިގޮތުން އަންނަނިވި ކަންތައްތަކަށް ސަމާލުކަންދޭށެވެ.

- ބަލިމީހާ އެއްބަސްވާ، އަދި އޭނާ ހަމައަކަށް އެޅިފައި ހުންނަ ގަޑިއެއްގައި ފެންވަރުވަން ރާވައި، ކަނޑައަޅާށެވެ.

- ބައެއް މީހުން ފެންވަރުވައި، ސާފުކުރުމަކީ ކުރަން އުދަގޫ، އަދި ނުރައްކާތެރި ކަމެއްކަން ދަންނާށެވެ. އެހެންކަމުން މަޑުމައިތިރި ކަމާއި، އިޙްތިރާމާއި، ކެއްތެރިކަމާއި، އެކު ކަންތައްތައް ކޮށްދޭށެވެ.

- އެވަގުތަކު ތިބާކުރަން އުޅޭކަމެއް އަކުރުން އަކުރަށް ބަލިމީހާއަށް ކިޔައިދީ އެކަން ކުރުމަށް ރުހުން ހޯދާށެވެ. އަދި އޭނާ އަމިއްލައަށް ކުރެވޭ ކަހަލަ ކަމެއްނަމަ ކުރުމަށް އެދޭށެވެ.

- ކުރިން ތައްޔާރު ވާށެވެ. ފެންވަރުވަން ފެށުމުގެ ކުރިން ބޭނުންވާ ހުރިހާ ސާމާނެއް ފާޚާނާގައި ހުރިތޯ ބަލާށެވެ.

- ފިނިހޫނު މިނަށް ރައްކާތެރިވާށެވެ. މާބޮޑަށް ފިނިފެނުން ފެންވެރުމަކީ ވެސް ރަގަޅުގޮތެއް ނޫނެވެ. އެންމެ އެދެވިގެންވަނީ ތާފަނާ ފެނުން ފެންވެރުވުމެވެ.

- ބަލިމީހާ އެކަނި ފާޚާނާގެ ތެރޭގައި ނުވަތަ ގިފިލީގައި ބަހައްޓާފައި ނުދާށެވެ. މިއީ ކޮންމެ ފަދަ ނުރައްކަލެއް ވެސް ދިމާވެދާނެ ކަމެއްކަން ހަދާންކުރާށެވެ.

- ކޮންމެ ފަހަރަކު ފެންވެރުވުން މުހިއްމެއް ނޫނެވެ. ބައެއް ފަހަރު ސްޕަންޖް ގަނޑެއް ފަދަ ގައި ދޮންނަ އެއްޗެއްގެ އެހީގައި މުޅިހަށިގަނޑު ރީތިކޮށް ސާފުކުރެވިދާނެއެވެ.

3- ދަތް އުގުޅުވުން

ބަލިމީހާ ގެ ދަތްތަކަށް ފަރުވާތެރިވުމަކީ ވެސް މުހިއްމު ކަމެކެވެ. އަންނަނިވި ކަންތައްތަކަށް ސަމާލުވާށެވެ.

- ކޮންމެ ދުވަހަކު ބަލިމީހާގެ ދަތްތައް އުގުޅުވާށެވެ. ދަތްޕިލަ ޖަހައިގެން އުޅޭމީހެއްނަމަ ދަތްޕިލަ ނަގައިގެން ރަގަޅަށް ސާފުކުރުވާށެވެ. ދަތްޕިލަ ރަގަޅަށް ފިޓްވޭތޯ އާއި، ހިރުގަނޑުގައި އެއްވެސް ކަހަލަ ކަމެއް ހުރިތޯ ބަލާށެވެ.

- ބަލިމީހާ އަނގަ ހުޅުވަން އިދިކޮޅު ހަދައިފިނަމަ ހަމައެކަނި ދަތްތަކުގެ ބޭރުން ސާފުކޮށްލާށެވެ. ދަތްތަކަށް އަޅާލުމަށް ބޭނުންވާ އެހީ ދަތުގެ ޑޮކްޓަރެއްގެ ކިބައިން ލިބިގަންނާށެވެ.

- ބަލިމީހާ އަމިއްލަ އަށް ދަތްއުގުޅަން ބުނެފިނަމަ ބުރުހުގައި ބޭސް ޖަހައިދިނުން ފަދަ ކަމަކުން ވިޔަސް ބަލިމީހާ އަށް އެހީތެރިކަން ފޯރުކޮށްދޭށެވެ. އޭރުން ބަލިމީހާ އަށް ހިތްހަމަޖެހުން ލިބޭނެ އެވެ.

4- ހެދުން އެޅުވުން

ހެދުން އެޅުވުމަކީ ވެސް ކުޑަކަމެއް ނޫނެވެ. މިއީވެސް ކެތްކުރަންޖެހޭ އެތައްކަމެއް ކުރިމަތިކުރުވާ ޢަމަލެކެވެ. ލާނެ ހެދުމެއް އިޚްތިޔާރުކުރުން، ހެދުން ލެއްވުން، އަދި ބޭލެއްވުން، ގޮށް އެޅުވުމާއި، ޒިބު އެޅުވުން ފަދަ ކަންތައްތަކުގައި ބައެއް ފަހަރު އުދަގޫތަކާއި ކުރިމަތިލާން ޖެހޭކަމަށް ފާހަގަވެއެވެ. އެހެންކަމުން އަންނަނިވި ކަންތައްތައް އެހީއަކަށް ފުދޭނެ އެވެ.

- ކޮންމެ ދުވަހަކުވެސް އެއްގަނޑިއެއްގައި ހެދުން އަޅުވައި ރީތިކުރަން އާދަކުރާށެވެ. އޭރުން ބަލިމީހާ އަށް އެއީ ކޮންމެ ދުވަހަކު ކުރަންޖެހޭ ކަމެއްކަން އިހްސާސްވެ، އެގަނޑީގައި އެކަންކުރަން ބޭނުންވެގެން އުޅޭނެ އެވެ.

- އަމިއްލައަށް ލެވޭވަރުގެ އެއްޗެއްނަމަ، ނުވަތަ ވީވަރަކަކުން އަމިއްލައަށް ހެދުންލައި ހެދުމަށް ބުނެ، ހިތްވަރު ދޭށެވެ. އެއްގޮތަކަށް ވެސް އަވަސްކުރާށޭ ބުނެ، ބަލިމީހާ އަށް ފިއްތުން ކުރިމަތި ނުކުރާށެވެ.

- ބަލިމީހާ ލާން ބޭނުންވަނީ ކޮންކަހަލަ ހެދުމެއްތޯ ބަލާށެވެ. އަދި އެގޮތުން ބޭނުންވާ ވަކިވައްތަރެއްގެ ހެދުމެއް ހުރިނަމަ އެވައްތަރުގެ ދެތިން ހެދުން ނުވަތަ ގަމީސް ފަދަ ތަކެތި ހޯދާފައި ބާއްވާށެވެ.

- ބަލިމީހާ ލާންޖެހޭ ތަކެތި ތަރުތީބަކުން އަތުރާފައި އެގޭނެ ހެން ބަހައްޓާށެވެ. މިސާލަކަށް އެތެރެއިން ލާ ސާމާނު އެންމެ ފުރަތަމަ އެއަށްފަހު ބޭރުން ލާ ހެދުން ފަދަ ތަކެތި ބެހެއްޓިދާނެއެވެ.

- ބަލިމީހާ ކަމެއް ބޭނުންވެގެން ބުނެފިނަމަ ހަދަންޖެހޭގޮތް ރީތި ބަހުން އަކުރުން އަކުރަށް ކިޔައިދޭށެވެ.

- ލާން އަދި ބާލަން ވެސް ފަސޭހަ ވައްތަރުގެ ހެދުންތައް ބަލިމީހާ އަށް ހޯދައިދޭށެވެ.

5- ކާންދިނުން

މިބަލީގެ ބައެއް މީހުން އަބަދުވެސް ކާން ބޭނުން ވެދާނެއެވެ. އަނެއްބައި މީހުންނަށް ކާންދިނުން ވެސް އޮންނަނީ ތަޙައްމަލު ކުރަން ދަތި އުދަގޫ ކަމަކަށްވެފައެވެ. އަންނަނިވި ކަންތައްތަކުން އެހީ ލިބިގަންނާށެވެ.

- އެކަށޭނަ މާހައުލެއް ކެއުމަށް އިޚްތިޔާރު ކުރާށެވެ. ޓީވީ، ރޭޑިޔޯ ފަދަ ތަކެތި ކާމޭޒު ކައިރީ ނުވަތަ އަޑުއިވޭ، ހިސާބު ނުބަހައްޓާށެވެ. މިގޮތަށް ބެހެއްޓުމުން ކެއުން ދޫކޮށްލާފައި ޓީވީއިން ދައްކަމުންދާ އެއްޗަކަށް ބަލިމީހާގެ ސަމާލުކަން ދޭގޮތްވުމަކީ ވެދާނެ ގޮތެކެވެ.

- ކާނާގެ ތަފާތު ވައްތަރުތައް ހިމެނޭ ގޮތަށް ކެއުން ތައްޔާރު ކޮށްދޭށެވެ. ދުވާލަކު ބޮޑު 3 ކެއުމާއި، އެއްވަރަށް ވަކިވަކިން ކުދި ކުދި ކެއުން ތައްޔާރު ކޮށްދޭށެވެ. އެއީ އެއްފަހަރާ ގިނައިން ކެއުން އުދަގޫކަމަކަށް ވާނެތީ އެވެ.

- ބަލިމީހާ ފެންނަ ހިސާބުގައި ބައެއް ކަހަލަ ކާނާގެ ބާވަތްތައް ބަހައްޓާށެވެ. އޭރުން ބައެއް ފަހަރު އަމިއްލަ އަށް ފެނިގެން ވެސް ކާން އުޅެފާނެއެވެ.

- ބަލިމީހާ އަށް ފަސޭހައިން ފެން ބޮވޭނެ ކަހަލަ ތައްޓެއް ހޯދާށެވެ. އުމުރުން ދުވަސްވީ މީހުންނަށް ބައެއް އާދައިގެ ތަށިން ތުންޖަހައިގެން ބޯއިރު ގަޔަށް ފެންފައިބާގޮތް ވެއެވެ. އެހެން ކަމުން މިފަދަ މީހެއް ނަމަ ތުމެއް ލާފައި އިންނަ ތައްޓެއް ހޯދުން މުހިއްމެވެ.

- އާދަކޮށް ޑޮކްޓަރަށް ދައްކައިގެން ދަތާއި، ހިރުގަނޑުގެ ޞިއްޙަތު ހުރިނެތްގޮތް ބަލައި ދެނެގަންނާށެވެ. އެއްވެސް ކަހަލަ މައްސަލައެއް ހުރިނަމަ އެކަމަށް ފަރުވާ ލިބިގަންނާށެވެ.

6- ކަންތައްތައް ކުރުވައި ކަންކަމުގައި ބައިވެރި ކުރުވުން

ބަލިމީހާއަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި އެކަންކަން ކުރުވަން އުޅުމަކީ ބައެއް ފަހަރު ވަރަށް ޝައުގު ހުންނަ ކަމަކަށް ވެދާނެއެވެ. އާކަމެއް ކުރަން ބަލިމީހާއަށް ދަސްކޮށް ދިނުމުގެ ބަދަލުގައި މިހާރު ވެސް އެމީހާ ދަންނަ ކަމެއް ކުރުވުން ރަގަޅު ކަމުގައި ފެނެއެވެ. އަންނަނިވި ކަންތައްތަކުން އެހީ ލިބިގަނެވިދާނެއެވެ.

- މާގިނަ ކަންތައްތައް އެއްފަހަރާ ކުރުވަން ނޫޅޭށެވެ. ކުދިކުދި ތަފާތު ކަންތައްތަކުގައި ބައިވެރިކޮށް އެކަންތައްތައް ބަލިމީހާ ލައްވައި ކުރުވިދާނެއެވެ. މިގޮތުން ގޭތެރޭގައި ކުރަން ހުންނަ ކުދިކުދި ކަންތައްތަކުގައި ބަލިމީހާ ބައިވެރި ކުރެވިދާނެ އެވެ.

- ކުރަން ބޭނުންވާ ކަމެއް ފެށުމަށް އެހީތެރިވެދޭށެވެ. އަދި އެކަމެއް އެކި މަރުހަލާތަކަށް ބަހާލާށެވެ. ކޮންމެ މަރުހަލާއެއް ނިމުމުން އެމަކަށް މަރުހަބާ ކިޔައި، ހިތްވަރުދޭށެވެ.

- ކަމެއް ފުރިހަމަކުރަމުން ދަނިކޮށް އެއްވެސް ކަހަލަ ބަދަލެއް ( ބައްޔާއި ގުޅިގެން ފެންނަ ) އާދޭތޯ ބަލާށެވެ. އެފަދަ ކަމެއް ކުރިމަތިވެއްޖެނަމަ މަޑުމައިތިރި ކަމާއެކު ކޮންމެވެސް ވާހަކައެއް ދައްކައިގެން އެކަމެއް ރަގަޅުކުރެވޭތޯ އެހީތެރިވެދޭށެވެ.

7- ކަސްރަތު ކުރުން

ކޮންމެ ދުވަހަކު ކަސްރަތު ކުރުމަކީ ބަލިމީހާ އަށާއި، އޭނާ ބަލަހައްޓާ މީހާ އަށް ވެސް ފައިދާތަކެއް ލިބިދޭނެ ކަމެއްކަން ޔަގީނެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް އެހީތެރިވުމުގެ އިތުރުން ކަސްރަތު ކުރާ ވަގުތު ކޮޅަކީ ވެސް ބަލިމީހާ އާއި، އެކިކަންކަމުގައި ޙިއްޞާ ކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދޭށެވެ.

- ބަލިމީހާ އަށް ރަގަޅީ ކޮންކަހަލަ ކަސްރަތެއް ތޯ ބަލާށެވެ. މިގޮތުން ހިގާލުން، ފެތުން، ނެށުން، ޓެނިސް ކުޅުން، އަދި ބަގީޗާ ހެއްދުން ( ބަގީޗާގައި ކުރަން ހުންނަ ކަންތައްތައް ކުރުން ) ފަދަ ކަންތައްތަކަކީ ކުރެވިދާނެ ކަންކަމެވެ.

- ކަސްރަތު ކުރަމުން ދަނިކޮށް މާބޮޑަށް ވަރުދެރަވެ، ނުވަތަ މާބޮޑަށް މާޔޫސްވާގޮތް ވެއްޖެނަމަ ކަސްރަތު ކުރުން ހުއްޓާލާށެވެ. މާބޮޑަށް ބަލިމީހާ ބަދަލުތައް އަންނަށް ފަށައިފިނަމަ ޑޮކްޓަރެއްގެ ކައިރިއަށް ދާށެވެ.

- ކަސްރަތު ކުރަން ފެށުމުގެ ކުރިން އެކަމަށް ތައްޔާރު ވުމަށް ވާރމް އަޕެއް ޖައްސާށެވެ. ނިންމަންވާނީ ރަގަޅަށް ފިނިކޮށްލައި ހަދައިގެންނެވެ.

- 30 މިނިޓް ވަންދެން ކަސްރަތު ކުރަން ނިންމައިފައި ވާނަމަ 10 މިނިޓްގެ ސެޝަން އަކުން ފަށާށެވެ. އެއަށްފަހު ކުރިއަށް ގެންދާށެވެ.

- އެކަށޭނަ ވެއްޓެއް އިޚްތިޔާރު ކުރާށެވެ. މިސާލަކަށް ލޫންދާ، ނުވަތަ ކައްސާލާ ތަޅުންގަނޑެއްގެ މަތީގައި ކަސްރަތު ކުރާކަށް ރަގަޅެއް ނުވާނެއެވެ.

- ކޮޅަށް ތެދުވެހުރުމަށް، ނުވަތަ ތެދުވެ ހަދަން މާބޮޑަށް އުދަގޫނަމަ އެދުގައި ވެސް ހެދިދާނެ ކަސްރަތުތައް ހުރެއެވެ. ކަސްރަތު ކުރުމަކީ ނިދުމަށް ފަސޭހަވާ ކަމެކެވެ.

- ބައެއް މީހުން އެހެން މީހުންނާއި ބައިވެރިވެގެން ކަސްރަތު ކުރަން ބޭނުންވެއެވެ. މިކަހަލަ މީހެއް ނަމަ އެމީހަކާއި އެކު ކަސްރަތު ކްލާހަކަށް ގޮސް ކަސްރަތު ކުރެވިދާނެއެވެ.

8- ގަޔަށް ކުޑަކަމު ނުވަތަ ބޮޑުކަމުދެވުން

ބަލީގައި ދުވަސްވަމުން އަންނަ ވަރަކަށް ތިމާގެ އިޚްތިޔާރަކާއި ނުލައި ފަހަރުވާ ނުހިފެހެއްޓި، ކުޑަކަމުދެވޭގޮތް ވެއެވެ. ބައެއް މީހުންނަށް މަދުން ނަމަވެސް ބޮޑުކަމުދެވޭގޮތް ވެއެވެ. މިއީ ބަލިމީހާ އަށާއި، އަދި ބަލަހައްޓާ މީހާއަށް ވެސް ތަޙައްމަލު ކުރަން އުދަގޫ ކަމަކަށް ވެއެވެ. ބައެއް ފަހަރު މިކަންތައް ދިމާވެފައި ހުރީ އެހެން ބައްޔެއްގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ. އެހެންކަމުން ޑޮކްޓަރާއި، މަޝްވަރާކޮށްގެން އެހެން ސަބަބެއް ހުރިތޯ ވެސް ބެލިދާނެއެވެ. އަންނަނިވި ކަންތައްތަކަށް ސަމާލުކަންދޭށެވެ.

- ވަކި ގަވާއިދެއްގެ ދަށުން ފާޚާނާ އަށް ގެންދާށެވެ. މިސާލަކަށް ކޮންމެ 3 ގަޑިއިރުން 1 ފަހަރު ފާޚާނާ ކުރަން ބުނެވިދާނެއެވެ. ބަލިމީހާ އެކަމަށް ބޭނުންވެގެން މަޑުކުރުމުގެ ބަދަލުގައި އަބަދުވެސް ބަލިމީހާ ކުޑަކަމު، ނުވަތަ ބޮޑުކަމު ޙާޖަތަށް ދާންވެފައި ހުރިތޯ ބަލަންވާނެއެވެ.

- ބަލިމީހާ ފާޚާނާ ކުރަން ބޭނުންވެގެން އުޅޭ ކަމުގެ ނިޝާނެއް ފެނޭތޯ ބަލާށެވެ. މިސާލަކަށް ހަމަހިމޭނުން ނުހުރެވުން، ލައިގެން ހުންނަ އެއްޗެއް ބާލަން އުޅުން ފަދަ ކަމެއް ކުރާނަމަ އޭގެ މާނައަކީ ފާޚާނާއަށް ވަންނަން ބޭނުންވުން ކަމުގައި ވެދާނެއެވެ.

- ބަލިމީހާ އަށް ކުޑަކަމު ދެވުނަސް ނުވަތަ ބޮޑުކަމު ދެވުނަސް އެކަމާއި ހިތްހަމަ ނުޖެހިގެން ނޫޅޭށެވެ. އޭގެ ބަދަލުގައި ބަލިމީހާއަށް ދެން އެފަދަ ގޮތަކަށް ވިޔަނުދޭށޭ ބުނެ ހިތްވަރު ދޭށެވެ.

- ރޭގަނޑުގެ ވަގުތުތަކުގައި މިކަންތައްތައް ކުރިމަތި ވިޔަ ނުދިނުމަށްޓަކައި ހަވީރުގެ ވަގުތުތަކުގައި ކެފޭއިން އެކުލެވޭ ބުއިންތަކާއި، ދުރުހެލިވާށެވެ. މާގިނައިން މިމައްސަލަ ކުރިމަތިވާކަން ފާހަގަވާނަމަ ބަލިމީހާ ނިދާ އެދު ކައިރީގައި ބޮޑު ޕްލާސްޓިކް ތައްޓެއް ފަދަ އެއްޗެއް ބެހެއްޓިދާނެއެވެ.

- ބަލިމީހާ ގޮވައިގެން ތަނަކަށް ދާނަމަ ފަސޭހަ އިން ބޭލޭނެ ފަދަ ހެދުމެއް ލައްވާށެވެ. އޭރުން ކުޑަކަމުދާން ޖެހުނަސް ފަސޭހައިން އެކަން ކުރެވޭނެ މަގު ތަނަވަސްވާނެއެވެ. މީގެ އިތުރުން ބަލިމީހާގެ ހެދުމެއް އެކުގައި ގެންދާ ދަބަހުގައި ބާއްވާށެވެ. އެއީ އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ ހެދުން ބަދަލުކުރުމަށް ޓަކައެވެ.

9- ނިދުމަށް ދިމާވާ މައްސަލަތައް

ރޭގަނޑުގެ ނިދާ ވަގުތަކީ ބަލީގެ އަހުލުވެރިންނަށް ވަރަށް އުދަގޫ ވަގުތަކަށް އޮންނަނީ ވެފައެވެ. އެއީ ވަރަށް ގިނަ މީހުންނަށް ނިދިނައުމުގެ މައްސަލަ ބައްޔާއި ގުޅިގެން ކުރިމަތިވާތީ އެވެ. އަންނަނިވި ކަންތައްތަކުން އެހީ ލިބިގަންނާށެވެ.

- ހަވީރު ގަޑިން ފެށިގެން ބަލިމީހާގެ ރޭގަނޑުގެ ނިދުމަށް ތައްޔާރު ކުރެވިދާނެއެވެ. މިގޮތުން ކޮޓަރީގެ އަލި ފަނޑުކޮށް ބެހެއްޓުން، އަޑުމަޑުކޮށް ގޭތެރެ ބޭއްވުން، އަދި ބަލިމީހާއަށް އުދަގޫ ނުވާނަމަ މަޑުމައިތިރި މިއުޒިކެއް ޖަހާފައި ބެހެއްޓިދާނެއެވެ.

- ކޮންމެ ރެއަކުވެސް އެއްގަނޑިއެއްގައި ނިދަން އޮށޯތުމަށް ބުނާށެވެ. ވަކި ގަވާއިދެއްގެ ދަށުން ނިދަން ދާންވުމުން ކަންތައްކުރުމަކީ ވެސް ލިބޭނެ އެހީއެކެވެ.

- ދުވާލުގެ ވަގުތުތަކުގައި ކޮންމެވެސް ވަރަކަށް ކަސްރަތުކުރުމަށް ބާރުއަޅާށެވެ. ހަމަމިހެން މާގިނައިން ދުވާލު ނުނިދުމަށް އިރުޝާދު ދޭށެވެ.

- ހަވީރުގެ ވަގުތު ތަކު ކެފޭއިން އެކުލެވޭ ބުއިންތަކާއި ދުރުހެލިވާށެވެ. ކެފޭއިން އެކުލެވޭ ބުއިންތައް ހަވީރު ގަޑީގައި ބޯނަމަ ރޭގަނޑު ފާޚާނާ ދާންޖެހުން އިތުރުވެ، އިރުއިރުކޮޅާ ހޭލެވި، ނިދިގެއްލޭގޮތް ވާނެއެވެ.

- ނިދާ ގަނޑީގައި ފަނޑުއައްޔެއް ބަހައްޓާށެވެ. އަދިރި ވުމުން ބިރުގަންނަ ނަމަ ތަންކޮޅެއް އަލިމަޑު ބޮތްކެއް ނިދާ ގަޑިއަށް އިޚްތިޔާރު ކުރެވިދާނެއެވެ.

10- ޚިޔާލުތަކާއި، ވަހުމުތައް

ބަލީގެ ދުވަސްވަމުން އަންނަ ވަރަކަށް އެކިއެކި ޚިޔާލުތަކާއި، ވަހުމުތައް ބަލިމީހާ އަށް ކުރެވޭގޮތް ވެއެވެ. ވުޖޫދު ނުވާ ތަކެތި ފެނުން، އަޑުތައް އިވުން، ވަސްތައް ދުވުން، އަދި ރަހަލުން ފަދަ ކަންތައްތައް ކުރިމަތި ވެއެވެ. އެހެންގޮތަކަށް ބުނާނަމަ އެއްވެސް އެއްޗެއް ނެތަސް ތިމާގެ ވަށައިގެން ކޮންމެވެސް މީހަކު އުޅޭހެން ހީވުން ނުވަތަ ކޮންމެވެސް މީހަކު ވާހަކަ ދައްކާހެން ހީވުން ފަދަ ކަންތައްތައް މެދުވެރި ކުރުވައެވެ. އަންނަނިވި ކަންތައްތަކުން އެހީ ލިބިގަންނާށެވެ.

- ބައެއް ފަހަރު ވުޖޫދު ނުވާ ތަކެތި ފެނުން، އަދި އެކިއެކި ވަހުމުތަކާއި، ޚިޔާލުތައް ކުރެވުމަކީ އެހެން ބައްޔެއްގެ އަލާމާތަކަށް ވެސް ވެދާނެއެވެ. އެހެން ކަމުން ޑޮކްޓަރަށް ދައްކައިގެން އަލްޒައިމާ ބަލި ނޫން އެފަދަ ކަމެއް ކުރިމަތި ކުރުވާ އެހެން ބައްޔެއް ހުރިތޯ ބަލައި އެބައްޔަށް ފަރުވާ ލިބިގަނެވިދާނެ އެވެ.

- ބަލިމީހާ އެއްޗެއް އެބައުޅެޔޭ، އަޑުއިވެޔޭ ފަދަ ބަހެއް ބުނުމުން ތިބާ އެކަމާއި، އިދިކޮޅު ނަހަދާށެވެ. އޭގެ ބަދަލުގައި މަޑުމައިތިރި ކަމާއެކު ވާހަކަ ދައްކައިގެން ބަލިމީހާއަށް އެހެން އެއްޗެއް ނެތްކަން، ވިސްނައިދެވޭތޯ ބަލާށެވެ.

- މިފަދަ ކަމެއް ދިމާވެއްޖެނަމަ ބަލިމީހާ އެހެން ތަނަކަށް ގެންދާށެވެ. މިސާލަކަށް ގޭތެރޭގެ އެހެން ތަނަކަށް ގެންގޮސްގެން ވާހަކަ ދައްކަން އިނުން، ގޮވައިގެން ބޭރަށް ހިގާލަން ދިއުން ފަދަ ކަންތައްތައް ކުރެވިދާނެ އެވެ.

- ޓީވީ އިން މާ ބަލަން އުދަގޫ ކަހަލަ ޕްރޮގްރާމެއް ދައްކާނަމަ ޓީވީ ނިއްވާލާށެވެ. އެއީ ބަލިމީހާ އަށް ބައެއް ފަހަރު ހަގީގަތާއި، ޓީވީ ފެންނަ ޕްރޮގްރާމް ދައްކާ އެއްޗެއް ތަފާތު ކުރަން ނޭގިދާނެތީ އެވެ. މާނައަކީ ޓީވީ އެވަގުތު ފެންނަ ޕްރޮގްރާމަކީ ހަގީގަތެއް ނުވި ނަމަވެސް ބަލިމީހާ އަށް އެއީ ހަގީގަތެއް ކަމަށް ގަބޫލު ކުރެވިދާނެތީ އެވެ.

- ބަލިމީހާ ހުރީ ރައްކާތެރި ގޮތެއްގައިތޯ ބަލައި ޔަގީންކުރާށެވެ. އަދި އެއްވެސް މީހަކަށް ބަލިމީހާ ކޮށްފާނެ ކަމަކުން ގެއްލުމެއް ލިބިދާނެތޯ ބަލާށެވެ.

11- މަގުއޮޅި ގެއްލޭގޮތްވުން

މިއީ މަދުން ނަމަވެސް ބަލީގެ އަހުލުވެރިން އެކަނި ބޭރަށް ގޮސްފިނަމަ ވެދާނެ ގޮތެކެވެ. މިގޮތުން އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދެވިދާނެއެވެ.

- ބަލިމީހާ އަތުގައި ބަލިމީހާ އަކީ ކާކު، ކޮންތާކު އުޅޭމީހެއްކަމާއި، އޭނާގެ ބަލިހާލަތު އެގޭނެ ފަދަ އެއްޗެއް އަޅުވައިފައި ބާއްވާށެވެ. މިގޮތަށް ހެދުމުން އޭނާ ގެއްލިގެން އުޅެނިކޮށް ފެންނަ މީހުންނަށް ވެސް ބަލިމީހާގެ އަހުލުވެރިންނާއި ހަމައަށް ގެންގޮސްދިނުމުގައި އެހީއަކަށް ވާނެއެވެ.

- ބަލިމީހާގެ ފޮޓޯއެއް ނަގައިފައި ނުވަތަ ބަލިމީހާ ފެންނާނެ މަންޒަރެއް ވީޑިއޯ ކޮށްފައި ބާއްވާށެވެ. އޭރުން ގެއްލުނަސް ފުލުހުންގެ އެހީގައި ހޯދަން ފަސޭހަ ވާނެއެވެ.

- ބަލިމީހާ ކުޅުމުގެ ސަބަބުން އޭނާއަށް އަދި އެހެންމީހުންނަށް ގެއްލުމެއް ވެދާނެ ފަދަ އެއްޗެއް ބަލިމީހާގެ އަތުޖެހޭ ހިސާބުގައި ނުބާއްވާށެވެ.

- ގޭގެ ގޭޓް ދޮރު ތަޅުލާފައި ބަހައްޓާށެވެ. އޭރުން ބަލިމީހާ އަށް ގޭގެ އެހެންމީހުންނަށް ނޭގި ގެއިން ނިކުމެގެން ދާން އުދަގޫވާނެއެވެ.

12- ގޭތެރޭގެ ރައްކާތެރިކަން

ބަލިމީހާ ގެ ރައްކާތެރިކަމަށް ޓަކައި ގޭގެތެރޭގައި ތަކެތި އެތުރިފައި ހުންނަން ޖެހޭނީ ވަކިގޮތަކަށެވެ. މިގޮތުން އަންނަނިވި ކަންތައްތަކަށް ސަމާލު ކަން ދެވިދާނެއެވެ.

- ގޭގެ ހުރިހާ ކޮޓަރިތަކެއްގެ ވެސް ތަޅުދަނޑީގެ އިތުރު ކޮޕީއެއް ހަދާފައި ބާއްވާށެވެ. އޭރުން ބަލިމީހާ ކޮޓަރިއެއްގައި އަމިއްލަ އަށް ތަޅުލެވިގެން ހުއްޓަސް ނެރެން ފަސޭހަ ވާނެއެވެ. ބައެއް ފަހަރު މިގޮތަށް ކޮޓަރިއަށް ވަދެ ތަޅުލެވިގެން ހުރެ ބަލިމީހާ ކޮންމެ ފަދަ ނުރައްކާތެރި ކަމެއް ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

- ބަލިމީހާއަށް ޚާއްޞަ ކުރެވިފައިވާ ފާޚާނާގެ ދޮރު އެތެރޭން ތަޅު ނުވަތަ ތަންޑު އެޅުވޭގޮތަށް ނުބަހައްޓާށެވެ. އެއީ ފަހަރުގައި މިކަމުގެ ސަބަބުން ވެސް ބަލިމީހާ އަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ.

- ބޭސް، އަދި އެހެނިހެން ގޭތެރެ އަދި ބަނދިގޭގައި ބޭނުންކުރެވޭ ކެމިކަލް މާއްދާތައް ފަދަ ތަކެތި ވަކި ހަރުގަނޑެއްގައި ތަޅުލާފައި ބަހައްޓާށެވެ. އަދި ހުރިހާ އެއްޗެއްގައި ބޮޑުއަކުރުން އޭގައި ހުރީ ކޮންއެއްޗެއްކަން އެގޭނެހެން ލިޔެފައި ބަހައްޓާށެވެ.

- ވަޅި، ލައިޓަރު، އަލިފާން ފޮށިފަދަ ތަކެތި ބަލިމީހާގެ އަތުޖެހޭ ހިސާބު ނުބަހައްޓާށެވެ. މިތަކެތި ހުންނަންވާނީ ވަކިހަރުގަނޑެއްގައި ނުވަތަ ވަތްގަނޑެއްގައި ތަޅުލެވިފައި އެވެ.

13- ޑޮކްޓަރަށް ދެއްކުން

އާދައިގެ މަތިން ހަމަޖެހިފައިވާ އުޞޫލުން ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިގޮތުން އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދެވިދާނެއެވެ.

- ބަލިމީހާ އެންމެ ހަމަޖެހިފައި ހުންނަ ގަނޑިއެއް ބަލައި، އެގަނޑިއަކާއި ދިމާކޮށް ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ހައްދާށެވެ.

- ޑޮކްޓަރަށް ދައްކަން އުޅޭ ވާހަކަ އެދުވަސް ޖެހުމުގެ ކުރިން ނުވަތަ ދާންކައިރިވުމުގެ ކުރިން ނޫނީ ނުބުނާށެވެ. އަދި ދާންވުމުން ރީތިކޮށް ބުނެކިޔައިދީ އެއްބަސް ކުރުވާށެވެ.

- އެކުގައި އާއިލާގެ އެހެން މެންބަރެއް ގެންދާށެވެ. އޭރުން އެކަކު ބަލިމީހާ އަށް ރައްކާތެރިވާއިރު،އަނެކަކަށް ޑޮކްޓަރާއި މަޝްވަރާކުރެވޭނެ އެވެ.

14- ބަލީގެ އަހުލުވެރިޔާގެ ކައިރިއަށް ޒިޔާރަތްކުރުން

އަލްޒައިމާ ބަލީގެ އަހުލުވެރިންނަށް ޒިޔާރަތް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ޒިޔާރަތް ކުރާ ކޮންމެ މީހަކުގެ ނަމާއި، އެމީހަކާއި ބަލިމީހާ އާއި ހުރި ގުޅުން ފަހަރުގައި ބަލިމީހާ ހަދާން ނުހުރެދާނެއެވެ. އެކަމުގެ މިގޮތަށް ޒިޔާރަތް ކުރުމުން ބަލިމީހާ އަށް ހިތްހަމަޖެހުން ގެނެސްދެއެވެ. މިގޮތުން މީހަކު ބަލިމީހާ އަށް ޒިޔާރަތް ކުރަން އުޅޭނަމަ ވިސްނަންޖެހޭ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

- ބަލިމީހާ އެންމެ ހަމަޖެހިފައި ހުންނަ ގަޑިއެއް ބަލާފައި އައުމަށް ޒިޔާރަތް ކުރަން ބޭނުން ބަޔަކު ކައިރީގައި ބުނާށެވެ. އަދި އަންނަ އިރު ބަލިމީހާ އަށް ފައިދާއެއް ލިބިދާނެ އެއްޗެއް ގެނެވިދާނެއެވެ. މިސާލަކަށް ބަލިމީހާ އަށް ދައްކަން ފޮޓޯ އަލްބަމެއް ނުވަތަ ބަލިމީހާ ކިޔާލަން މަޖައްލާ އެއް ފަދަ ގެނެސްދެވިދާނެއެވެ.

- ބަލިމީހާ އާއި، ވާހަކަ ދައްކަންވާނީ ރީތި ބަހުންނެވެ. މާގިނަ މީހުން އެއްފަހަރާ އައުމަކީ ރަގަޅުގޮތެއް ނޫނެވެ. އަދި ބަލިމީހާ އާއި މާކައިރީގައި ވާހަކަ ދައްކަން ތިބުމަކީ ވެސް ރަގަޅު ގޮތެއް ނޫނެވެ. ހަރުއަޑުން ވާހަކަ ދެއްކުމުގެ ބަދަލުގައި މަޑުމަޑުން ވާހަކަ ދެއްކިދާނެއެވެ.

- ބަލިމީހާ އާއި މުޚާތަބު ކުރަންވާނީ ބަލިމީހާގެ ފުރިހަމަ ނަމުންނެވެ. ނޫނީ އެމީހަކު ބަލިމީހާއަށް އާންމުކޮށް މުޚާތަބުކޮށް އުޅޭ ނަމަކުންނެވެ. މިސާލަކަށް ދައްތަ ބޭބެ ފަދަ ނަންނަމުންނެވެ. ބަލިމީހާއަށް ތިބާއަކީ ކާކުކަން ދެނެގަންނަށް ނޭގިއްޖެ ނަމަ ބުނެ ކިޔައި ހަދާންކޮށްދޭށެވެ.

- ބަލިމީހާ އަށް ކިޔައިދިނުމުން ނޭގުނު ނަމަވެސް ތަކުރާރުކޮށް ކިޔައިދީގެން ވިސްނައިދޭން ނޫޅޭށެވެ. އަދި އެހެން ކޮންމެވެސް ވާހަކައެއް ބަލިމީހާ އާއި، ދައްކާށެވެ. އަދި ބަލިމީހާއަށް ތިމާ ނޭގުނޭ ކިޔާފައި ހިތްހަމަ ނުޖެހިގެން އެކަމުގެ ރުޅިވެރިކަން ހާމަ ނުކުރާށެވެ. އެއީ އެގޮތަށް ދިމާވުމަކީ މިފަދަ ބަލީގެ އަހުލުވެރިންގެ މެދުގައި އާންމު ކަމަކަށް ވާތީއެވެ.

ނޯޓް: މިލިޔުމަކީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެވިފައިވާ ލިޔުމެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.