ހޮނިހިރު20140726

އާކުރެވުނީ: 08:30:27

Back ކަވާސާ ކުޑަކުދިންގެ ކުޑަކުދިންގެ ބައިތައް ކީރިތިރަސޫލާ ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހުގައި ކުޑަކުދިން

ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހުގައި ކުޑަކުދިން

atfaalކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވެވަޑައިގެންފައިވަނީ، މީސްތަކުންނަށް ހެޔޮފުޅު، މީހުންނާ ހެޔޮކޮށް މުޢާމަލާތު ކުރައްވާ ބޭކަލެއް ކަމުގައެވެ. އެހެންވެ އެކަލޭގެފާނުގެ އަޚްލާޤަކީ އެއީ ހެޔޮ ނަމޫނާއެއްކަމުގެ މިސާލު ވެސް ޖެހެއެވެ. ކީރިތި ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަޚްލާޤްފުޅަށް މަދަޙަ ކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައި ވަނީ: وَإِنَّكَ لَعَلَى خُلُقٍ عَظِيمٍ

މާނައަކީ: ''އަދި ހަމަކަށަވަރުން ކަލޭގެފާނީ މަތިވެރި ޚުލްޤެއްގެ ވެރި ބޭކަލެކެވެ.''( އަލްޤަލަމް:4)

ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކުޑަކުދިންނަށް ވެސް ވަރަށް އޯގާތެރިވެވަޑައިގަތެވެ. އަދި އެ ކުދިން އުފާވާނެ ގޮތްގޮތަށް ކަންތައް ކުރެއްވިއެވެ.

އެގޮތުން އެ ކަލޭގެފާނު ކުޑަކުދިން އުފުއްލަވައި، ބޮސްދެއްވައި، އަދި އެކަލޭގެފާނުގެ ދަރިކަލުން އަވަހާރަވުމުން އެކަމާ ކީރިތިކުރައްވައެވެ. އަދި ކުޑަކުދިންނާމެދު އޯގާތެރިކޮށް ކަންތައް ކުރުމަށާ، ކުދިންނަށް ރީތި ރަނގަޅު ނަން އިޚްތިޔާރު ކުރުމަށް، ޞަޙާބީންނަށް ނަޞޭޙަތްތެރިވެވަޑައިގަތެވެ. ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކުޑަކުދިން ތަރުބިއްޔަތު ކުރެއްވި ގޮތަށް ރަނގަޅަށް، އެހެން މީސްމީހުން ވެސް އެ މީހުންގެ ކުދިން ކުދިން ރަނގަޅަށް ތަރުބިއްޔަތު ކުރުމަށް އެންގެވިއެވެ.

 

އަނެއްކޮޅުން ކުޑަކުދިން ވެސް ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ދެކެ ވަރަށް ލޯބިވެއެވެ. ޒައިދް ބިން ޙާރިޘާ އޭ ކިޔޭ ކުއްޖަކު ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ދެކެ ލޯބިވީވަރުން އެ ކުއްޖާގެ މަންމައާއި ބައްޕަ ގާތު އުޅުމައް ވުރެ އިސްކަން ދިނީ، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަރިހު އުޅުމަށެވެ. އަދި ކުޑަކުދިން ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ހަމަ އެހާމެ އިޙްތިރާމް ވެސް ކުރެއެވެ.

އިސްލާމްދީނަށް ގޮވާލައްވަން ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ފެއްޓެވީއްސުރެ، ތަފާތު އެތަކެއް ކުޑަކުދިން ވަނީ އިސްލާމް ދީނުގައި ފާހަނގަ ކުރެވޭ މޮޅެތި ކުދިންތަކަކަށް ވެފައެވެ. އެ ގޮތުން ޢަލީގެފާނު ވަނީ އެކަލޭގެފާނުގެ ޢުމުރުފުޅުން އެންމެ ދިހަ އަހަރުގައި އިސްލާމްވެވަޑައިގެންފައެވެ. އަދި ޒައިދްބިން ޘާބިތު ވެސް ވަރަށް ހަގު ޢުމުރުފުޅެއްގައި، ކީރިތި ރަސޫލާއަށް -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ބާވައިލެއްވޭ ވަޙީ ލިޔުއްވަން ފެއްޓެވިއެވެ. އަދި އަނަސް ބިން މާލިކް ވެސް ގާތްގަނޑަކަށް ޢުމުރުން ދިހަ އަހަރުގައި، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަރިހުގައި އުޅުއްވައި އެކަލޭގެފާނަށް ޚިދުމަތް އަރުއްވަން ފެއްޓެވިއެވެ.

ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޙަޔާތްޕުޅުގައި، އެކަލޭގެފާނު ދެއްވި ރަނގަޅު ތަރުބިއްޔަތާއި ދެއްވި ހިތްވަރުގެ ސަބަބުން އެތަކެއް ކުޑަކުދިން ވަނީ، ފަހުން އިސްލާމީ އުއްމަތަށް ނުހަނު ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި އަބްޠާލުންތަކަކަށް ވެވަޑައިގެންފައެވެ. އޭގެތެރޭގައި ޚަލީފާއިންނާއި، މުޖާހިދުންނާއި، ޢިލްމުވެރިން ވެސް ހިމެނިވަޑައިގަންނަވައެވެ. އިސްލާމްދީން ދެކޭ ގޮތުގައި މިއަދުގެ ކުޑަކުދިންނަކީ މާދަމާގެ ބަޠަލުންނެވެ. މިއަދުގެ ކުޑަކުދިންނަކީ ވެސް ކީރިތި ރަސޫލާ ތަރުބިއްޔަތު ކުރެއްވި ކުޑަކުދިން ހިނގި މަގުން ހިނގަން ޖެހޭ ބައެކެވެ. އެ ގޮތުން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އެ ބޭކަލުންގެ ސިޔަރަތު ދަސްކުރުމެވެ.

ޢަލީގެފާނު:

ޢަލީގެފާނުގެ ފުރިހަމަ ނަންފުޅަކީ ''ޢަލީ ބިން އަބީ ޠާލިބް ބިން ޢަބްދުލް މުއްޠަލިބް'' އެވެ. ޢަލީގެފާނަކީ، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ބޮޑުބޭބޭފުޅު އަބޫޠާލިބް ގެ ދަރިކަލެކެވެ. ޢަލީގެފާނު ބޮޑުފުޅުވެވަޑައިގަތީ ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ގެކޮޅުގައި، އެކަލޭގެފާނުގެ ބެއްލެވުމުގެ ދަށުންނެވެ.

އެންމެ ފުރަތަމަ އިސްލާމްވެވަޑައިގަތް ތިން ބޭކަލުންގެ ތެރޭގައި ޢަލީގެފާނު ހިމެނިވަޑައިގަންނަވައެވެ. އަދި ހަމައެހެންމެ ޢަލީގެފާނަކީ ތުއްޕުޅު އިރުއްސުރެ ވެސް ވަރަށް ހިތްވަރުފުޅު ގަދަ ބޭކަލެކެވެ. މިކަން އެނގޭ އެއް ހާދިސާއަކީ، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ސިއްރިއްޔާތުގައި މަދީނާއަށް ހިޖުރަ ކުރައްވަން އޮތް ރޭ، ފާރަލައިގެން ތިބި މުޝްރިކުންނަށް އޮޅުވާލައްވަން، ކީރިތި ރަސޫލާގެ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ދާންކޮޅުގައި އަވަހާރަލެއްޕެވުމެވެ. ގެކޮޅުގައި ހުންނެވީ ކީރިތި ރަސޫލާއޭ ހިތައި މުޝްރިކުން އެތެރެއަށް ވަދެގަނެ، ހަމަލާދީފިއްޔާ އަވަހާރަވެދާނެ ކަމުގެ ބިރުފުޅެއް ޢަލީގެފާނު ވަޑައިނުގަތެވެ. ހަމަ އެހެންމެ އުޙުދު ހަނގުރާމައާއި ޚަންދަޤު ހަނގުރާމަ ފަދަ ބޮޑެތި ހަނގުރާމަތަކުގައި ވެސް ޢަލީގެފާނު ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަރިހުގައި ބައިވެރިވެވަޑައިގަތެވެ. ޚަންދަޤު ހަނގުރާމައިގައި މުޝްރިކުންގެ އެންމެ ވަރުގަދަ ފަހުލަވާނު ކަމުގައިވާ ޢަމްރު ބިން ޢަބްދު ވައްދު އާ ކުރިމަތިލައްވާ އޭނާ ބަލިކޮށްލެއްވިއެވެ. އަދި ޚައިބަރު ހަނގުރާމައިގައި މުސްލިމް ލަޝްކަރުގެ ދިދަ އުފުއްލެވީ ވެސް ޢަލީގެފާނެވެ.

ޢަލީގެފާނު މަޝްހޫރުވެވަޑައިގެންފައި ވަނީ ވަރަށް ބަސްމޮށުންތެރި، ޢިލްމުވެރި ބޭކަލެއްގެ ގޮތުގައެވެ. އަދި އެކަލޭގެފާނަކީ ސުވަރުގެވަންތަވެރިން ކަމުގެ އުފާވެރި ޚަބަރު، ދެއްވާފައިވާ ދިހަ ބޭކަލުންގެ ތެރެއިން އެއް ބޭކަލެވެ. އަދި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ދަރިކަނބަލުން ފާޠިމަތުގެފާނާއި ކާވެނި ބައްލަވައިގެން، ޙަސަނުގެފާނާއި ޙުސައިނުގެފާނު ލިބިވަޑައިގަތެވެ. ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ނަސްލުފުޅު ދެމެހެއްޓެވީ އެ ދެބޭކަލުންނެވެ. ޢަލީގެފާނަކީ މުސްލިމުންގެ ޚަލީފާވެސް މެއެވެ. އެކަލޭގެފާނުގެ ޚިލާފަތު ހަތަރު އަހަރުވަންދެން ދެމިއޮތެވެ. ޢަލީގެފާނު އަވަހާރަވީ ހިޖުރައިން 40 ވަނަ އަހަރުއެވެ.

އުސާމާ ބިން ޒައިދު:

އުސާމާ ބިން ޒައިދު އުފަންވެވަޑައިގެންފައި ވަނީ، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ރަސޫލުކަމާއިގެން ފޮނުއްވުނުތާ ހަތަރުވަނައަށް ވީ އަހަރު، މައްކާގައެވެ. އުސާމާ ބިން ޒައިދް ބޮޑުފުޅުވީ އިސްލާމްދީނުގެ ހިޔާވަހިކަމުގައެވެ. ކުރީގައި ޢަރަބިން އަޅުކަން ކުރަމުން އައި ޝިރުކު ދީނަށް ދުވަހަކު ވެސް އުސާމާބިން ޒައިދް ނު އުޅުއްވައެވެ. އެހެނީ އުސާމާ ބިން ޒައިދް ގެ ބައްޕާފުޅަކީ ''ޒައިދް ބިން ޙާރިޘާ'' އެވެ. އެކަލޭގެފާނަކީ އެންމެ ފުރަތަމަ އިސްލާމްވެވަޑައިގަތް ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އަދި އުސާމާ ބިން ޒައިދް ބޮޑުފުޅުވީ، އެކަލޭގެފާނުގެ މައިންބަފައިން ވެސް އުޅުއްވަމުން އައި، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ގެކޮޅުގައެވެ.

ތުއްޕުޅު އިރުއްސުރެ ވެސް އުސާމާ އަކީ ހިތްޕުޅުވަރުގަދަ ކުޅަދާނަ އަސްވާރެކެވެ. މާތް ﷲ ގެ މަގުގައި ޖިހާދުކުރައްވަން ލޯބިކުރެއްވިއެވެ. އެގޮތުން ޢުމުރުފުޅުން އެންމެ ތޭރަ އަހަރުގައި ބަދުރުހަނގުރާމައިގައި ބައިވެރިވެވަޑައިގަންނަވަން ނުކުންނެވިއެވެ. ނަމަވެސް ޢުމުރުފުޅު ހަގުކަމުން، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަލޭގެފާނު އަނބުރާ ފޮނުވާލެއްވިއެވެ. ދެން އެކަލޭގެފާނު ހަށިކޮޅުގައި ބާރުޖެހި، ހަނގުރާމަ ކުރެއްވޭވަރު ވީމާ، ޚަންދަޤު ހަނގުރާމައިގައި ބައިވެރިވެވަޑައިގަތެވެ. އަދި މުއުތާ ހަނގުރާމައިގައި ވެސް ބައިވެރިވެވަޑައިގަތެވެ. އެ ހަނގުރާމައިގައި އެކަލޭގެފާނުގެ ބައްޕާފުޅު ޝަހީދުވިއެވެ.

ޢުމުރުފުޅުން އަށާރަ އަހަރުގައި، ޝާމުކަރައާ ދިމާލަށް ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ފޮނުއްވެވި ލަޝްކަރެއްގެ އަމީރުކަން ވެސް އުސާމާ ކުރެއްވިއެވެ. އެ ލަޝްކަރު އެނބުރި އައީ ނަޞްެރު ހޯދައިގެންނެވެ.

އުސާމާގެ ބައްޕާފުޅު ޒައިދު ބިން ޙާރިޘާ ދެކެ ލޯބިވެވަޑައިގަތް ވަރަށް، ކީރިތި ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އުސާމާ ދެކެވެސް ލޯބިވެވަޑައިގަތެވެ. ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޢާއިލާގެ ބޭކަލަކަށް ދެއްވާ ލޯބި އުސާމާއަށް ވެސް ދެއްވިއެވެ. އެއްދުވަހަކު ޢަލީގެފާނުގެ ދަރިކަލުން ޙަސަނުގެފާނާއި އުސާމާ އުފުއްލަވައިގެން ހުންނަވާފައި، އެ ދެބޭކަލުން ދެކެ އެކަލޭގެފާނު ލޯބިވެވަޑައިގަންނަވާ ވާހަކަ ޙަދީޘްކުރެއްވިއެވެ. އުސާމާ އަވަހާރަވީ ހިޖުރައިން 54 ވަނަ އަހަރުއެވެ.

ޢަބްދުﷲ ބިން ޢުމަރު :

ޢަބްދުﷲ ބިން ޢުމަރު އަކީ ޢުމަރުގެފާނުގެ ދަރިކަލެކެވެ. މަންމާފުޅަށް ކިޔަނީ ޒައިނަބް ބިންތު މަޡްޢޫން އެވެ. އަދި އެއީ އުއްމުލް މުއުމިނީން ޙަފްޞާ ބިންތު ޢުމަރުގެ ކޮއްކޯފުޅެވެ. އުފަންވެވަޑައިގަތީ ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ރަސޫލުކަމާއިގެން ފޮނުއްވުނުތާ ތިން އަހަރު ފަހުންނެވެ. ވީމަ އެއީ ހިޖުރައިގެ ދިހަ އަހަރު ކުރިއެވެ. ޢުމުރުފުޅުން އެންމެ ތިން އަހަރު ނުވަތަ ހަތަރު އަހަރުގައި، ބައްޕާފުޅު ޢުމަރުގެފާނު އިސްލާމްވެވަޑައިގަތުމުން، ޢަބްދުﷲ ބިން ޢުމަރު ވެސް އިސްލާމްވެވަޑައިގަތެވެ. ދެން ޢުމުރުފުޅުން ދިހަ އަހަރުގައި މަދީނާއަށް ހިޖުރަކުރެއްވިއެވެ.

ޢަބްދުﷲ ބިން ޢުމަރު ބޮޑުފުޅުވެވަޑައިގަތީ ޞާލިޙް ގެއެއްގައެވެ. ރަނގަޅު ތަރުބިއްޔަތަކާއެކުގައެވެ. ތުއްޕުޅުއިރުއްސުރެ ވެސް ޖިހާދުކުރުމަށާއި ޢިލްމަށް ލޯބިކުރެއްވިއެވެ. ޢުމުރުފުޅުން ހަނގުކަމުން ބަދުރު ހަނގުރާމައާއި އުޙުދު ހަނގުރާމައިގައި، އެކަލޭގެފާނަށް ބައިވެރިވެވަޑައިނުގަނެވުނެވެ. ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަރިހުގައި ބައިވެރިވެވަޑައިގަތް ފުރަތަމަ ހަނގުރާމައަކީ ޚަންދަޤު ހަނގުރާމައެވެ. އޭރު ޢުމުރުފުޅަކީ އެންމެ ފަނަރަ އަހަރެވެ. އަދި އޭގެ ފަހުން މުއުތާ، ޔަރްމޫކް، އަދި މައްކާ ފަތަޙަ ކުރުމާއި ފަހުން މިޞްރު ފަތަޙަ ކުރުމުގައި ވެސް ބައިވެރިވެވަޑައިގަތެވެ.

ޢަބްދުﷲ ބިން ޢުމަރު (އިބްނު ޢުމަރު) މަޝްހޫރުވެވަޑައިގެންފައި ވަނީ، ވަރަށް ގަދަޔަށް، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ސުންނަތުގައި ހިއްޕަވާ ބޭކަލެއްގެ ގޮތުގައެވެ. ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އުޅުއްވާ ގޮތް ބައްލަވައި، ޙަދީޘްކުރައްވާ ވާހަކަފުޅުތައް ކަނުލާއަޑު އައްސަވަން، ޢަބްދުﷲ ބިން ޢުމަރު ވަރަށް ސަމާލުކަން ދެއްވިއެވެ. އެހެންވެ ފަހުން ކީރިތި ރަސޫލާގެ އެންމެ ގިނަ ޙަދީޘް ރިވާކުރެއްވި އެއް ބޭފުޅަކީ ޢަބްދުﷲ ބިން ޢުމަރުއެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން 73 ވަނަ އަހަރުއެވެ. އޭރު ޢުމުރުފުޅަކީ އަށްޑިހަ ތިން އަހަރުފުޅެވެ. އަވަހާރަވި އިރު ނުވަ ދަރިކަލުންނާއި އެއް ދަރިކަނބަލުން ތިއްބެވިއެވެ.

ޢަބްދުﷲ ބިން ޢައްބާސް :

ޢަބްދުﷲ ބިން ޢައްބާސް އަކީ ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ބޮޑުބޭބެފުޅު ޢައްބާސްގެފާނުންގެ ދަރިކަލެކެވެ. މަންމާފުޅަކީ ލުބާބާ ބިންތު އަލްޙާރިޘްއެވެ. އުފަންވެވަޑައިގަތީ ހިޖުރައިގެ ތިން އަހަރު ކުރިން މައްކާގައެވެ. އިބްނު ޢައްބާސް ގެ މަންމާފުޅާއެކު، ވަރަށް ތުއްޕުޅު އިރު އިސްލާމްވެވަޑައިގަތެވެ. އަދި މައްކާ ފަތަޙަވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ބައްޕާފުޅާއި މަންމާފުޅު އަރިހުގައި މަދީނާއަށް ހިޖުރަކުރެއްވިއެވެ.

މަދީނާއަށް ވަޑައިގަތުމަށް ފަހު، އިބްނު ޢައްބާސް ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަރިހުން ދީނުގެ ކަންތައްތައް އުނގެނިވަޑައިގަތެވެ. އަދި ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ސުވަރުގެ ވަޑައިގަންނަވަންދެން (ގާތްގަނޑަކަށް ތިރީސް މަސް ވަންދެން) އެ ގޮތުގައި ދެމިހުންނެވިއެވެ. ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ސުވަރުގެވަޑައިގަތް އިރު އިބްނު ޢައްބާސްގެ ޢުމުރުފުޅަކީ ތޭރަ އަހަރެވެ.

އިބްނު ޢައްބާސަކީ ވަރަށް މޮޅަށް ކީރިތި ޤުރުއާން ދެނެވަޑައިގަންނަވާ ބޭކަލެކެވެ. އަދި ޤުރުއާނުގެ މާނަކުރެއްވުމަށާއި ތަފްސީރު ޢިލްމަށް ވެސް އެންމެ މޮޅު ބޭކަލަކީ އިބްނު ޢައްބާސް އެވެ.

ހަމަ އެހެންމެ އިބްނު ޢައްބާސް ވަރަށް ގިނަ ޙަދީޘް ވެސް ރިވާކުރައްވާފައި ވެއެވެ. އެގޮތުން އޮންނަ ވަރަށް މަޝްހޫރު އެއް ޙަދީޘަކީ:
كُنْتُ خَلْفَ رَسُولِ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏يَوْمًا فَقَالَ يَا غُلَامُ ‏ ‏إِنِّي أُعَلِّمُكَ كَلِمَاتٍ احْفَظْ اللَّهَ يَحْفَظْكَ احْفَظْ اللَّهَ تَجِدْهُ تُجَاهَكَ إِذَا سَأَلْتَ فَاسْأَلْ اللَّهَ وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ  وَاعْلَمْ أَنَّ الْأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ وَلَوْ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ ‏ ‏رُفِعَتْ الْأَقْلَامُ ‏  وَجَفَّتْ الصُّحُفُ

ޙަދީޘްގެ ތަފްޞީލީ މާނަ: ''އަހަރެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ފަހަތްޕުޅުގައި (ސަވާރީގައި) ހުއްޓާ، އެ ކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އޭ ފިރިހެން ކުއްޖާއެވެ. ތިމަންކަލޭގެފާނު އެއްޗެއް އުނގަންނަވައިދެއްވާނަމެވެ. މާތް ﷲ ގެ ޙުކުމްތަކަށް ރައްކާތެރިވެ، އަދި ނަހީކުރެއްވި ކަންތަކާ ދުރުހެލިވާށެވެ. އޭރުން މާތް ﷲ ދުނިޔެއާއި އާޚިރަތުގައި ކަލޭ ރައްކާތެރިކޮށްދެއްވާނެއެވެ. މާތް ﷲ ގެ ޙުކުމްތަކަށް ރައްކާތެރިވެ، ނަހީކުރެއްވި ކަންތަކާ ދުރުހެލިވާށެވެ. އޭރުން މާތް ﷲ ކަލެއާއެކު އެހީތެރިވެވޮޑިގަންނަވާނައެވެ. ކަލޭ ކަމަކަށް ނުވަތަ އެއްޗަކަށް އެދޭނެމަ، އެ ކަމެއް ނުވަތަ އެ އެއްޗެއް މާތް ﷲ ގެ ކިބަފުޅުފުން އެދޭށެވެ. އަދި ކަލޭ ވާގިއަކަށް އެދޭނަމަ ވެސް މާތް ﷲ ގެ ކިބަފުޅުފުން އެދޭށެވެ. އަދި ދަންނާށެވެ! މުޅި އުއްމަތުގެ މީހުން އެއްވެގެން ކަލެއަށް މަންފާއެއް ދޭން އުޅުނަސް، އެއީ މާތް ﷲ ކަލެއަށް މެދުވެރިކުރައްވާ ލިޔުއްވާފައިވާ ކަމެއް ނޫންނަމަ، އެ މަންފާއެއް ނުދެވޭނެއެވެ. އަދި އެ މީހުން އެއްވެގެން ކަލެއަށް ގެއްލުމެއް ދޭން އުޅުނަސް، އެއީ މާތް ﷲ ކަލެއަށް މެދުވެރިކުރައްވާ ލިޔުއްވާފައިވާ ކަމެއް ނޫންނަމަ، އެ ގެއްލުމެއް ނުދެވޭނެއެވެ. ދުނިޔޭގައިވާނެހާ ކަމެއް ލައުޙުލް މަޙްފޫޡުގައި ލިޔެވި ނިމިއްޖެއެވެ. '' (ރިވާކުރެއްވީ ތިރުމިޛީ)

މި ޙަދީޘް ގައި ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ތުއްޕުޅު އިބްނު ޢައްބާސަށް އުނގަންނަވައިދެއްވާފައި ވަނީ ވަރަށް ވެސް މުހިއްމު ފިލާވަޅެކެވެ. ވީމީ ތި ކުދިން ވެސް މި ފިލާވަޅު ނިކަން ރަނގަޅަށް ހަނދާން ބަހައްޓަންޖެހޭނެއެވެ.

އިބްނު ޢައްބާސް ގެ މޮޅުކަމުން، ''އުއްމަތުގެ ބޮޑު ޢިލްމުވެރިއާ'' ''ޤުރުއާން މާނަކުރާ މީހާ'' ފަދަ ލަޤަބުތަށް ވެސް ޢިލްމުވެރިން ވަނީ އިބްނު ޢައްބާސަށް އަރުވާފައެވެ.

އެކަލޭގެފާނު އަވަހާރަވީ ޠާއިފްގައި، ހިޖުރައިން 68 ވަނަ އަހަރުއެވެ. އޭރު ޢުމުރުފުޅަކީ 71 އަހަރެވެ.

ޒައިދް ބިން ޘާބިތު:

ޒައިދް ބިން ޘާބިތު ގެ ބައްޕާފުޅު ވަނީ އެކަލޭގެފާނު ތުއްޕުޅު އިރު އަވަހާރަވެފައެވެ. އެހެންވެ ބޮޑުފުޅުވީ ޔަތީމެއްގެ ގޮތުގައެވެ. ނަމަވެސް އެކަލޭގެފާނުގެ މަންމާފުޅު ''ނައްވާރު'' އެކަލޭގެފާނަށް ރަނގަޅު ތަރުބިއްޔަތެއް ދެއްވިއެވެ. ޒައިދް ބިން ޘާބިތު އަކީ މަދީނާގެ އަހުލުވެރިއެކެވެ. އެހެންވެ ޒައިދް ބިން ޘާބިތު އިސްލާމްވެވަޑައިގަތީ ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- މަދީނާއަށް ހިޖުރަކުރެއްވުމުންނެވެ. އެއީ ކަލޭގެފާނުގެ ޢުމުރުފުޅުން އެގާރަ އަހަރުގައެވެ. ތުއްޕުޅު އިރުއްސުރެ ވެސް ޖިހާދު ކުރައްވަން ލޯބިކުރެއްވިއެވެ. އެހެންވެ ބަދުރު، އަދި އުޙުދު ހަނގުރާމައިގައި ބައިވެރިވެވަޑައިގަންނަވަން އުޅުއްވިއެވެ. ނަމަވެސް ޢުމުރުފުޅު ހަނގުކަމުން، ކީރިތި ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެ ކަލޭގެފާނު އަނބުރާ ފޮނުވާލެއްވީއެވެ. ދެން ފަހުން ޚަންދަޤު ހަނގުރާމައިން ފެށިގެން ޖިހާދުގައި ބައިވެރިވަޑައިގަންނަވަން ފެއްޓެވިއެވެ.

ޒައިދް ބިން ޘާބިތު އަކީ ޢިލްމުގައި ފުންނާބު އުސް ބޭކަލެކެވެ. ޤުރުއާން ހިތްޕުޅުން ދަސްކުރެއްވިއެވެ. އަދި ކީރިތި ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަމުރުފުޅަށް ޤުރުއާން ލިޔުއްވުމުގެ މަސައްކަތް ވެސް ކުރެއްވިއެވެ. އަދި ބޭރުގެ ރަސްރަސްކަލުންނާއި ވެރިންނަށް ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ދީނަށް ގޮވާލައްވަން ވެގެން، އެ މީސްމީހުންގެ ބަހުން ފަތްކޮޅު ލިޔުއްވަން، އަދި ބޭރުން އަންނަ ފަތްކޮޅުތައް ކިޔާދޭނެ މީހަކަށް ބޭނުންޖެހިވަޑައިގަތެވެ. އެ ހިނދު ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޒައިދް ބިން ޘާބިތު ގެންނަވާފައި، ''ސިރިޔާނީ'' ބަސް ދަސްކުރައްވަން އެންގެވިއެވެ. ޒައިދް ބިން ޘާބިތަކީ ވިސްނުނުފުޅު ތޫނު ބޭކަލަކަށް ވީމާ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ސިރިޔާނީ ބަސް ދަސްކުރެއްވިއެވެ. ދެން ފަހުން ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަމުރުފުޅަށް ޤުރުއާން ވެސް، ޒައިދް ބިން ޘާބިތު ލިޔުއްވިއެވެ.

ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ސުވަރުގެވަޑައިގަތުމުން، އަބޫބަކުރުގެފާނު ކީރިތި ޤުރުއާން ލިޔެވިފައި ހުރި ވަކިވަކި ލިޔުންތައް އެއް މުޞްޙަފެއްގައި އެއްކުރެއްވިއެވެ. މުހިއްމު މި މަސައްކަތް ކުރައްވަން އަބޫބަކުރުގެފާނު އިޚްތިޔާރު ކުރެއްވީ ވެސް، ޒުވާން ޒައިދު ބިން ޘާބިތެވެ.

އަހަރެމެންނަށް މިއަދު ފެންނަން މި އޮތް ގޮތަށް އެއް ފޮތެއްގައި ޤުރުއާން އެއްކުރެއްވުމުގެ، މަތިވެރިކަން ޙައްޤުވަނީ ފުރަތަމަ އަބޫބަކުރުގެފާނަށެވެ. އެއީ އެކަން ކުރަން އަމުރު ކުރެއްވީ އެކަލޭގެފާނު ކަމަށް ވާތީއެވެ. ދެން ޢުމަރުގެފާނަށެވެ. އެއީ ޤުރުއާން ހިތުދަސް މީހުން ޔަމާމާ ހަނގުރާމައިގައި ޝަހީދުވެގެންދާލެއް ގިނަކަމުން، ޤުރުއާން ދަސް މީހުން ހުސްވެދާނެ ކަމުގެ ބިރުފުޅުގަނެ، ޤުރުއާން އެއް ފޮތެއްގައި އެއްކުރައްވަން އިރުޝާދު ދެއްވީ އެކަލޭގެފާނު ކަމަށް ވާތީއެވެ. ދެން ޒައިދް ބިން ޘާބިތަށެވެ. އެއީ އެ ބުރަ މަސައްކަތް ޢަމަލީ ގޮތުން ކުރެއްވީ އެކަލޭގެފާނު ކަމަށް ވާތީއެވެ. ވީމާ މި އެންމެ ބޭފުޅުންނާއި އަދި ހުރިހާ ޞަޙާބީބޭކަލުންނަކީ ވެސް، އަހަރެމެން ޝުކުރުވެރިވުން ޙައްޤު އަދި ހެޔޮ ދުޢާކުރަން ޖެހޭ ބޭކަލުންނެވެ.

ޒައިދް ބިން ޘާބިތު އަވަހާރަވީ ހިޖުރައިން 45 ވަނަ އަހަރުއެވެ.

އަނަސް ބިން މާލިކް :

އަނަސް ބިން މާލިކް އުފަންވެވަޑައިގަތީ ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- މަދީނާއަށް ހިޖުރަކުރެއްވުމުގެ ދިހަ އަހަރު ކުރިންނެވެ. ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- މަދީނާއަށް ވަޑައިގަތުމުން، އަނަސް ބިން މާލިކްގެ މަންމާފުޅު އެކަލޭގެފާނާއިގެން، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަރިހަށް ވަޑައިގަތެވެ. އަދި ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ޚިދުމަތް އަރުވާނެ ޚާދިމެއްގެ ގޮތުގައި އަނަސްގެފާނު ޤަބޫލު ކުރެއްވުމަށާއި، އަދި އަނަސްގެފާނަށް ހެޔޮ ދުޢާކޮށް ދެއްވުމަށް އެދި ދެންނެވިއެވެ. އެ ހިނދު އަނަސްގެފާނަށް ދިގު ޢުމުރުފުޅަކާއި ތަނަވަސްކަމާއި ގިނަ ކުދިންތަކެއް ރިޒުޤުކުރެއްވުމަށް، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ދުޢާކުރެއްވިއެވެ. ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކުރެއްވި މި ދުޢާގެ ސަބަބުން، އަނަސްގެފާނު ސަތޭކަ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ދިރިހުންނެވިއެވެ. އެހެންވެ ޞަޙާބީބޭކަލުންގެ ތެރެއިން އެންމެ ފަހުން އަވަހާރަވި ޞަޙާބީ ބޭކަލަކީ ވެސް އަނަސް ބިން މާލިކްގެފާނެވެ. އަދި އެކަލޭގެފާނުގެ ދަރިކަލުންނާއި ދަރިކަނބަލުންނާއި ކާފަދަރިކަލުންނާއި މާފަދަރިކަލުން އެތައް ސަތޭކައަކުން ގުނުނެވެ. އަދި މަދީނާގެ އެންމެ މުއްސަނދި ތަނަވަސް ބޭކަލަކަށް ވެސް ވެވަޑައިގަތެވެ.

އަނަސްބިން މާލިކް ދިހަ އަހަރު ވަންދެން، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ޚިދުމަތް އެރުވުމުގައި ދެމިހުންނެވިއެވެ. އަދި މި ދިހަ އަހަރު ތެރޭގައި ދުވަހަކު ވެސް ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ-ޚާދިމެއްގެ ގައިގައި ނުޖައްސަވާކަމަށާއި، ޚާދިމަކަށް އެއްޗެއް ވިދާޅުނުވާކަމަށް ވެސް، އަނަސްބިން މާލިކް ވިދާޅުވެފައިވެއެވެ.

ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ޚިދުމަތް އެރުވުމުގައި އަނަސްބިން މާލިކް ހޭދަކުރެއްވި ދިހަ އަހަރު ތެރޭގައި، އަނަސް ބިން މާލިކްގެފާނަށް، ކީރިތި ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ފުރިހަ އިސްލާމީ ތަރިބިއްޔަތު އުނގަންނަވައިދެއްވިއެވެ. އަދި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަރިހު ހޭދަކުރެއްވި މި ދިގު މުއްދަތުގެ ސަބަބުން، ވަރަށް ގިނަ ޙަދީޘް ވެސް އަނަސްގެފާނު ރިވާކުރެއްވިއެވެ.

އަނަސްގެފާނަކީ އިސްލާމްދީނުގެ މަގުގައި އެތަކެއް ހަނގުރާމައެއްގައި ޖިހާދު ކުރެއްވި ބޭކަލެކެވެ. ބަދުރު ހަނގުރާމަ، ޙުދައިބިއްޔާ ޞުލްޙައާއި، މައްކާ ފަތަޙަކުރެއްވުމާއި، ޙުނައިން ހަނގުރާމައާއި، ޚައިބަރު ހަނގުރާމައިގައި، އަނަސްގެފާނު ކީރިތި ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަރިހު ބައިވެރިވެވަޑައިގަތެވެ.

އަނަސްގެފާނު އަވަހާރަވީ ބަޞްރާގައި، ހިޖުރައިން 93 ވަނަ އަހަރުއެވެ.

ޙަސަނު ބިން ޢަލީ :

ޙަސަނުގެފާނުގެ ބައްޕާފުޅަކީ ޢަލީ ބިން އަބީ ޠާލިބް އެވެ. މަންމާފުޅަކީ ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ދަރިކަނބަލުން، ފާޠިމަތުގެފާނެވެ. ޙަސަނުގެފާނު އުފަންވެވަޑައިގަތީ ހިޖުރައިން ތިންވަނަ އަހަރުގެ ރަމަޟާން މަހު، މަދީނާގައެވެ. ޙަސަންގެފާނަށް، ޢަލީގެފާނު ފުރަތަމަ ދެއްވި ނަމަކީ ''ޙަރްބު'' އެވެ. ނަމަވެސް އެ ނަމުގެ މާނައަކީ އެހާ ރަނގަޅު ނޫން މާނައަކަށް ވީމާ، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ''ޙަސަނު'' މި ނަން ދެއްވީއެވެ.

ޙަސަނުގެފާނު ބޮޑުފުޅުވެވަޑައިގަތީ، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ބެއްލެވުމުގެ ދަށުންނެވެ. އަދި ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އާ ސިފަފުޅުގެ ގޮތުން އެންމެ ވައްތަރު ބޭފުޅަކީ ވެސް ޙަސަނުގެފާނެވެ. ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ-، ޙަސަނުގެފާނު ދެކެ ވަރަށް ބޮޑަށް ލޯބިވެވަޑައިގަންނަވައެވެ. އެގޮތުން އަބަދު ވެސް ޙަސަނުގެފާނު އުފުއްލަވައި ބޮސްދެއްވައި، ޙަސަނުގެފާނާ އެކު ކުޅިވަރުކުޅުއްވައި ހައްދަވައެވެ. ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ނަމާދުގެ ސަޖިދައިގައި އޮންނަވަނިކޮށް ބައެއްފަހަރު ޙަސަންގެފާނު ވަޑައިގެން، އަސް ދުއްވާ ކުޅިވަރު ކުޅުއްވަން، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ބުރަކަށިފުޅަށް އަރާވަޑައިގަންނަވައެވެ. ދެން ޙަސަނުގެފާނު ފައިބައިވަޑައިގަންނަވަން ދެން ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެހެން ސަޖިދައިގައި އޮންނަވައެވެ. އަދި ބައެއްފަހަރު ޙަސަނުގެފާނާއި ޙުސައިނުގެފާނު އުފުއްލަވައިގެން، މިންބަރުގައި ޚުޠުބާ ދެއްވަން ވެސް ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ހުންނަވައެވެ.

ޙަސަންގެފާނަކީ ވަރަށް އަޚްލާޤު ހެޔޮ، އަޅުވެރި، ޢިލްމުވެރި ބޭކަލެކެވެ. އަދި ހަމަ އެހެންމެ ހިތްވަރުގަދަ އަސްވާރެއް ވެސް މެއެވެ.

ޢަލީގެފާނު ޝަހީދުވުމުން، މުސްލިމުން ޚަލީފާއަކަށް ޙަސަނުގެފާނަށް ބައިޢަތު ހިފިއެވެ. ނަމަވެސް މުސްލިމުންގެ މެދުގައި ބައިބައިވުން ނު އުފެދޭނެ، އަދި މަސްލަހަތު ބޮޑު ގޮތަކީ، މުޢާވިޔަތުގެފާނު ޚަލީފާކަމަށް އިސްވެވަޑައިގަތުން ކަމަށް ފެނިވަޑައިގަތީމާ، ޙަސަނުގެފާނު ޚަލީފާކަން ދޫކޮށްލެއްވިއެވެ. އެއީ ހިޖުރައިން 41 ވަނަ އަހަރުގައެވެ. އެ އަހަރަކީ މުސްލިމުންގެ ސަފު އެއްބައިވެ، އަރާރުންތައް ނައްތާލެވުނު އަހަރަށް ވީމާ އެ އަހަރަށް ދެވިފައިވާ ނަމަކީ ''ޖަމާޢަތުގެ އަހަރު'' އެވެ.

ޙަސަނުގެފާނު އަވަހާރަވީ ހިޖުރައިން 50 ވަނަ އަހަރުގައެވެ.

ޙުސައިނު ބިން ޢަލީ :

ޙުސައިނުގެފާނުގެ ބައްޕާފުޅަކީ ވެސް ޢަލީ ބިން އަބީ ޠާލިބް އެވެ. އަދި މަންމާފުޅަކީ ކީރިތި ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ދަރިކަނބަލުން، ފާޠިމަތުގެފާނެވެ. އުފަންވެވަޑައިގަތީ ހިޖުރައިން ހަތަރުވަނަ އަހަރު މަދީނާގައެވެ. ޙަސަނުގެފާނެކޭ އެއް ގޮތަށް ޙުސައިނުގެފާނު ދެކެވެސް ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އިންތިހާއަށް ލޯބިވެވަޑައިގަނެއެވެ.

ޙުސައިނުގެފާނާއި ޙަސަނުގެފާނު ފެނިވަޑައިނުގަނެ ކުޑަ ދުވަސްކޮޅެއް ވިޔަސް، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ފާޠިމަތުގެފާނުގެ ގެކޮޅަށް ވަޑައިގެން އެ ދެބޭކަލުން ދެކެވަޑައިގަންނަވައެވެ. ނުވަތަ ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަރިހަށް އެ ދެބޭކަލުން ގެންނަވައެވެ. ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ ''ތިމަންކަލޭގެފާނު ދެކެ ލޯބިވާ މީހަކުނަމަ، ޙުސައިންގެފާނު ދެކެ ލޯބިވާށެވެ.'' އެވެ.

ޙަސަނުގެފާނެކޭ އެއްގޮތަށް ޙުސައިނުގެފާނު ވެސް ބޮޑުފުޅުވީ ސީދާ، ކީރިތި ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އިރުޝާދު ދެއްވުމުގެ ދަށުންނެވެ. އެހެންވެ، ހުރިހާ ރީތި ރަނގަޅު އަޚްލާޤެއް ޙުސައިނުގެފާނަށް ލިބިވަޑައިގަތެވެ. އަދި ޢުޘްމާނުގެފާނުގެ ޚިލާފަތުގައި ޖިހާދު ކުރެއްވުމުގައި ބައިވެރިވެވަޑައިގަތެވެ. އަދި ފަހުން ޢަލީގެފާނު އަރިހުގައި ޚަވާރިޖުންނާ ދެކޮޅަށް ކުރެވުނު ޖިހާދުގައި ވެސް ބައިވެރިވެވަޑައިގަތެވެ.

ޙުސައިނުގެފާނު ޝަހީދުވީ މުސްލިމުންގެ މެދުގައި އުފެދުނު ފިތުނަގަނޑެއްގެ ތެރޭގައި، ހިޖުރައިން 61 ވަނަ އަހަރުގެ ޢާޝޫރާ ދުވަހުއެވެ. ޢާޝޫރާ ދުވަހަކީ އެއީ މުޙައްރަމް މަހުގެ ދިހަވަނަ ދުވަހެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.