ބުރާސްފަތި20201119

އާކުރެވުނީ: 08:43:52

ކީރިތި ރަސޫލާގެ ބޭފުޅުންތައް

abnaa-1ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޚަދީޖަތު ބިންތު ޚުވައިލުދު އާ ކާވެނިބައްލަވައިގަތީ، އެކަލޭގެފާނުންގެ ޢުމުރުފުޅުން ފަންސަވީސް އަހަރުގައެވެ. މާނައަކީ ރަސޫލުކަމާއިގެން ފޮނުއްވުމުގެ ފަނަރަ އަހަރު ކުރިންނެވެ. ޚަދީޖަތުގެފާނަކީ، ޚުލްޤުފުޅާއި ހެޔޮފުޅުކަމުން، އެފަދަ ދެވަނައެއް ނެތް ބޭކަނބަލެކެވެ. އެކަމަނާ، ކީރިތި ރަސޫލާއަށް ވަރަސް ހެޔޮކޮށް ހިއްތަވައެވެ. އަދި ރަސޫލާގެ ޤަދަރުފުޅަށް ބަހައްޓަންޖެހޭ އިޙްތިރާމު ބަހައްޓަވައެވެ. އަދި އެކަމަނާ އުޅުއްވަމުން ދިޔައީ ވަރަށް ހިތްޕުޅުހަމަޖެހިވަޑައިގެން، އުފާފުޅުގައެވެ. ކީރިތި ރަސޫލާއަށް ލިބިވަޑައިގަތީ ޖުމުލަ ހަތް ބޭފުޅުންނެވެ. އެއީ ފިރިހެން ތިން ބޭފުޅުންނާއި ހަތަރު އަންހެން ބޭފުޅުންނެވެ.

މި ހަތް ބޭފުޅުންގެ ތެރެއިން ހަ ބޭފުޅުންގެ މަންމާފުޅަކީ ޚަދީޖަތުގެފާނެވެ. އިބްރާހީމް އޭ ކިއުނު ދަރިކަލުންގެ މަންމާފުޅަކީ މާރިޔަތުލް ޤިބްޠިއްޔާއެވެ.

ޚަދީޖަތުގެފާނު ރައްކައުވެވަޑައިގަތް ފިރިހެން ބޭކަލުންނަކީ، އަލްޤާސިމް އާއި ޢަބްދުﷲ އެވެ. މި ދެ ބޭކަލުން ވަނީ ތުއްޕުޅުއިރު އަވަހާރަވެފައެވެ.

ނަމަވެސް ހަތަރު އަންހެން ދަރިކަނބަލުން ބޮޑުފުޅުވެވަޑައިގަތެވެ. ބައްޕައެއްގެ ފަރާތުން ކުދިންނަށް ލިބޭނެ ހުރިހާ ލޯތްބަކާއި އަޅާލުމެއް، ކީރިތި ރަސޫލާ އެ ކަނބަލުންނަށް ދެއްވިއެވެ. މަންމައެއްގެ ފަރާތުން ލިބޭނެ ހުރިހާ އޯގާތެރިކަމަކާއި ކުލުނެއް ޚަދީޖަތުގެފާނު އެ ކަނބަލުންނަށް ދެއްވިއެވެ. އަދި އެ ކަނބަލުން ބޮޑުފުޅުވެވަޑައިގަތީ، ކީރިތި ރަސޫލާ އެ ކަނބަލުންނަށް އުނގަންނަވައި ދެއްވާ ރީތި އަޚްލާޤުފުޅާ އެއްގޮތަށެވެ. އެހެންވެ އެކަނބަލުން ވެވަޑައިގަތީ ވަރަށް ޞާލިޙް ހެޔޮލަފާ ދަރިކަނބަލުންތަކަކަށެވެ.

އަދި ބޮޑުފުޅުވެވަޑައިގަތީމާ އެ ހުރިހާ ބޭކަނބަލުން ވެސް ޤުރައިޝުވަންހައިގެ ރަނގަޅު ފިރިހެންބޭކަލުންތަކަކާ ކާވެނިބައްލަވައިގަތެވެ. ދެން ކީރިތި ރަސޫލާގެ ހަޔާތްޕުޅުގައި ތިން އަންހެން ދަރިކަނބަލުން އަވަހާރަވިއެވެ. އެއީ ޒައިނަބް، ރުޤައްޔާ، އަދި އުއްމުކުލްޘޫމް އެވެ.

ތިރީގައިމިވަނީ ކީރިތި ރަސޫލާއާއި ޚަދީޖަތުގެފާނަށް ލިބިވަޑައިގަތް ހަ ދަރިކަލުން ތަރުތީބުންނެވެ.

1- އަލްޤާސިމް : އުފަންވެވަޑައިގަތްތާ މަދު ދުވަސްކޮޅެއްފަހުން ވަނީ އަވަހާރަވެފައެވެ. ކީރިތި ރަސޫލާއާށް ''އަބުލް ޤާސިމް'' މި ކުންޔާ ދެވުނީ މި ނަމަށް ނިސްބަތް ކޮށެވެ.

2- ޒައިނަބް : ޒައިނަބް އަކީ ކީރިތި ރަސޫލާގެ އެންމެ ދޮށީ ދަރިކަނބަލުންނެވެ. އިސްލާމްދީން އައުމުގެ ކުރިން، އެކަމަނާގެ، ބޮޑު ދައިތަ ހާލާ ބިންތު ޚުވައިލިދުގެ ދަރިކަލެއް ކަމުގައިވާ އަބުލްޢާޞް ބިން ރަބީޢުއާ ކާވެނިބައްލަވައިގަތެވެ. ރަސޫލާ ރަސޫލު ކަމާއިގެން ފޮނުއްވުމުން ޒައިނަބް އިސްލާމްވެ ވަޑައިގަތުމުންވެސް އަބުލް ޢާޞް އިސްލާމްވެވަޑައިނުގަތެވެ. ނަމަވެސް އޭރު އަދި މުސްލިމް އަންހެނުން، ކާފިރުންނާއި ކައިވެނި ކުރިން ޙަރާމް ނުވާތީ އެ ގޮތުގައި ތިއްބެވީއެވެ.

ކޮންމެއަކަސް ބަދުރު ހަނގުރާމައިގެ މުޝްރިކުންގެ ލަޝްކަރު ތެރޭގައި، ޒައިނަބްގެ ފިރިކަލުންވެސް މަޖްބޫރު ކަހަލަ ގޮތަކަށް ބައިވެރިވެވަޑައިގަތެވެ. އަދި މުޝްރިކުން ބަލިވިއިރު އަސީރުވެވަޑައިގަތެވެ. އަބުލް ޢާޞް އަސީރު ކުރެވުމާއި ވިދިގެން، އެކަލޭގެފާނު މިނިވަން ކުރައްވަން ފައިސާގެ ގޮތުގައި، ކައިވެނި ކުރެވުނު ދުވަހު ޚަދީޖަތުގެފާނު ދެއްވާފައި އޮތް ފަށެއް ޒައިނަބް ފޮނުއްވިއެވެ.

އެ ފަށް ފެނިވަޑައިގަތުމުން، އެކަމާ ރަސޫލާ ހިތްޕުޅަށް އަސަރު ކޮށް، ޒައިނަބްގެ ފިރިކަލުން މިނިވަންކުރަން ފެނޭތޯ މުސްލިމުން ކައިރިން އެއްސެވުމަށްފަހު އެކަމާ އެންމެން އެއްބަސްވުމުން، އަބުލް ޢާޞް މިނިވަން ކުރެވުނެވެ. ނަމަވެސް މައްކާއަށް ގޮސް ވީ އެންމެ އަވަހަކަށް ޒައިނަބް ފޮނުވައި ދިނުމަށް ޝަރުޠުކުރެވުނެވެ. ދެން ފަހުން ޒައިނަބް މަދީނާއަށް ހިޖުރަކުރައްވައި، ކީރިތި ރަސޫލާ އަރިހު އުޅުއްވިއެވެ.

ހިޖުރައިން ހަވަނަ އަހަރު ޝާމުކަރައިން އައި ޤާފިލާއަކަށް މުސްލިމުން ހަމަލާދިނެވެ. ކަން ދިމާކުރި ގޮތުން އެ ޤާފިލާގައި އަބުލް ޢާޞް ވެސް ހުންނެވިއެވެ. ދެން އަބުލް ޢާޞް ފިއްލަވައިގެން މަދީނާއަށް ވަޑައިގެން، ޒައިނަބްގެ ގެކޮޅަށް ގޮސް އަމާންކަން ހޯއްދެވިއެވެ. އަދި ރަސޫލާ އެކަލޭގެފާނަށް އަމާންކަން ދެއްވައި މެޙްމާންދާރީ އަދާކުރުމަށް އެންގެވިއެވެ. އަދި އަބުލް ޢާޞް އިސްލާމްނުވާހާ ހިނދަކު، ޒައިނަބަށް ޙަލާލް ނުވާނެކަން ވެސް އެންގެވިއެވެ.

ދެން އަބުލް ޢާޞް މައްކާއަށް އެނބުރިވަޑައިގެން މީސްމީހުންގެ މުދާތައް އޭގެ ވެރިންނާ ހަވާލުކުރައްވައި އިސްލާމްވެވަޑައިގަތްކަން އިޢްލާންކުރެއްވިއެވެ. އަދި މަދީނާއަށް ހިޖުރަކުރައްވައި ޒައިނަބްގެފާނު އަރިހު އުޅުއްވަން ފެއްޓެވިއެވެ. ެދެމަފިރިން އަލުން އެއްތަންވިތާ އަހަރެއްހާ ދުވަސް ފަހުން، އާލާސްކަނފުޅެއްގައި ޒައިންބް އަވަހާރަވިއެވެ. އެއީ ހިޖުރައިން 8 ވަނަ އަހަރުގައެވެ. ޒައިނަބް އުފަންވެވަޑައިގެންފައި ވަނީ ހިޖިރައިގެ 23 އަހަރު ކުރީގައެވެ. ވީމާ އަވަހާރަވި ޢުމުރުފުޅަކީ 31 އަހަރުފުޅެވެ.

ޒައިނަބް އަވަހާރަވިއިރު އުމާމާ އޭ ކިޔޭ ތުއްޕުޅު އަންހެން ދަރިކަނބަލެއް ހުންނެވިއެވެ. ކީރިތި ރަސޫލާ އުމާމާ ދެކެ ވަރަށް ލޯބިވެވަޑައިގަތެވެ. އެގޮތުން އެކަލޭގެފާނު ނަމާދަށް ހުންނަވާއިރު ވެސް އުމާމާ އުފުއްލަވައިގެން ހުންނަވައެވެ. ދެން ސަޖިދައަށް ވަޑައިގަންނަވަންވީމާ، އުމާމާ ބިންމަތީ ބަހައްޓަވާފާ އަނެއްކާވެސް ތެދުވެވަޑައިގަންވަމުން އުފުއްލަވައެވެ.

3- ރުޤައްޔާ : ރަސޫލާ ރަސޫލު ކަމާއިގެން ފޮނުއްވުމުގެ ކުރިން، ރުޤިއްޔާ ކައިވެނި ބައްލަވައިގެން ހުންނެވީ، ރަސޫލާގެ ބޮޑުބޭބެ އަދި ރަސޫލާއާއި އެންމެ ދުޝްމަން، އަބޫލަހަބްގެ ދަރިއެއްކަމުގައިވާ ޢަތަބާ އާއެވެ. ނަމަވެސް ސޫރަތުލް މަސަދް ބާވައިލެއްވުމުން، އަބޫ ލަހަބް އިހުނަށްވުރެ ދުޝްމަންވެ، ރުޤިއްޔާ ވަރި ކުރަން، އޭނާގެ ދަރިއަށް މަޖްބޫރު ކުރިއެވެ.

ދެން ޢުޘްމާންގެފާނާއި ކައިވެނި ކުރައްވަންދެން ރުޤައްޔާ ހުންނެވީ އެކަމަނާގެ ބައްޕާފުޅު، ކީރިތި ރަސޫލާ، އަރިހުގައެވެ. ކައިވެންޏަށްފަހު މާ ގިނަ ދުވަސްތަކެއް ނުވެ، ޢުޘްމާނުގެފާނު އަރިހުގައި ރުޤިއްޔާ ޙަބްޝުކަރައަށް ހިޖުރަ ކުރެއްވިއެވެ. އިސްލާމް ދީނުގައި އެންމެ ފުރަތަމަ ހިޖުރަ ކުރި މީހުންގެ ތެރޭގައި މި ދެބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ނަޖާޝީގެ މެހުމާންދާރީގައި ތިއްބެވި ދުވަސްވަރު، ޢަބްދުއްﷲ އޭ ކިޔޭ ދަރިކަލަކު ލިބިވަޑައިގަތެވެ. އެނބުރި މައްކާއަށް ވަޑައިގަންނެވިތާ ގިނަ ދުވަހެއް ނުވެ، މަންމާފުޅު ޚަދީޖަތުގެފާނު އަވަހާރަވިއެވެ. އަނެއްކާވެސް މުޝްރިކުންގެ އުނދަގޫ ބޮޑުވުމުން ޢުޘްމާންގެފާނާއި ރުޤިއްޔާ މަދީނާއަށް ހިޖުރަ ކުރެއްވިއެވެ. މި ގޮތަށް ދެ ހިޖުރަ ކުރެއްވުމުން ''ދެ ހިޖުރައިގެވެރި އަންހެނާ'' ގެ ލަޤަބު ރުޤައްޔާއަށް ދެވުނެވެ.

މަދީނާއަށް ހިޖުރަކުރައްވައި، މަދީނާގައި އުޅުއްވަނިކޮށް، ދަރިފުޅު ޢަބްދުﷲ އަވަހާރަވިއެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ އެންމެ ހަ އަހަރެވެ. މިކަމާ ރުޤައްޔާ ވަރަށް ހިތާމަކުރެއްވިއެވެ. ފުލުފުލުގައި ލިބިވަޑައިގަތް ހިތާމަފުޅުގައި އުޅުއްވަނިކޮށް އާލާސްކަންފުޅެއް ޖެހިވަޑައިގަތެވެ. އޭރު އެއީ ބަދުރު ހަނގުރާމައަށް މުސްލިމުން ތައްޔާރުވަމުން ދިޔަ ވަގުތެވެ. ހަނގުރާމައިގެ ނަޞްރުގެ ޚަބަރު މަދީނާއަށްލިބުނު އިރު އެކަމަނާ އަވަހާރަވެއްޖެއެވެ. އެއީ ހިޖުރައިން 2 ވަނަ އަހަރުގައެވެ. އުފަންވެވަޑައިގަތީ މައްކާގައި ހިޖުރައިގެ 20 އަހަރު ކުރިންނެވެ. ވީމާ އެކަމަނާ އަވަހާރަވި އިރު ޢުމުރުފުޅަކީ 22 އަހަރެވެ.

4- އުއްމު ކުލްޘޫމް : ރަސޫލާ ރަސޫލު ކަމާއިގެން ފޮނުއްވުމުގެ ކުރިން، އުއްމު ކުލްޘޫމް ކައިވެނި ބައްލަވައިގެން ހުންނެވީ، އަބޫލަހަބްގެ އެހެން ދަރިއެއްކަމުގައިވާ ޢުތައިބާ އާއެވެ. ރުޤިއްޔާގެ ކައިވެނު ރޫޅާލެވުނު ގޮތަށް މިކައިވެނިވެސް ރޫޅުނެވެ. ޢުޘްމާނުގެފާނު ކައިވެނި ބައްލަވައިގެން ހުންނެވި ރުޤިއްޔާ އަވަހާރަވުމުން، ރުޤިއްޔާގެ ކޮއްކޮ ކަމުގައިވާ އުއްމު ކުލްޘޫމާއި، ޢުޘްމާނުގެފާނު ކައިވެނި ބައްލަވައިގެތެވެ. ޢުޘްމާނުގެފާނަށް ޛުއްނޫރައިން ނުވަތަ ''ދެ އަލިކަމުގެ ވެރިއާ'' މި ލަޤަބު ދެވިފައިވަނީ، ކީރިތި ރަސޫލާގެ ދެ ދަރިކަނބަލުންނާއި ކައިވެނި ބައްލަވައިގަތީމައެވެ.

އުއްމު ކުލްޘޫމް އަވަހާރަވީ ހިޖުރައިން ނުވަވަނަ އަހަރުގައެވެ.

5- ފާޠިމަތު : ފާޠިމަތުގެފާނަކީ ރަސޫލާގެ ދަރިކަނބަލުންގެ ތެރެއިން އެންމެ ހަނގު ދަރިކަނބަލެވެ. އެކަމަނާ އުފަންވެވަޑައިގަތީ ހިޖުރައިގެ އަށާރަ އަހަރު ކުރިންނެވެ. ކީރިތި ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވުނު އިރު އެކަމަނާގެ ޢުމުރުފުޅަކީ ފަސް އަހަރެވެ. ތުއްޕުޅު އިރު އެކަމަނާގެ ބައްޕާފުޅާއި މަންމާފުޅާއި އަދި ދައްތައިންގެ ލޯއްބާއި އަޅާލުން ލިބިވަޑައިގަތެވެ. އެހެންވެ އެކަމަނާ ތުއްޕުޅު ދުވަސްވަރު އުޅުއްވީ ވަރަށް އުފަލާއެކުގައެވެ. އަދި ތުއްޕުޅު އިރު އިސްލާމްވެވަޑައިގަނެ، ކީރިތި ރަސޫލާއަށް މުޝްރިކުން ދެމުން ދިޔަ އަނިޔާއިން އެ ކަލޭގެފާނު ސަލާމަތް ކުރައްވަން މަސައްކަތް ކުރެއްވިއެވެ.

މަދީނާއަށް ހިޖުރަކުރެއްވުމަށް ފަހު ހިޖުރައިން ދެވަނަ އަހަރު ފާޠިމަތުގެފާނު ޢަލީގެފާނާއި ކާވެނިބައްލަވައިގަތެވެ. އޭރު އެކަމާނާގެ ޢުމުރުފުޅަކީ އަށާރަ އަހަރެވެ. ފާޠިމަތުގެފާނު އުޅުއްވީ ވަރަށް އާދައިގެ ދިރިއުޅުމެކެވެ. ޚާދިމާއަކު ގެންނާހާ ތަނަވަސްކަން ނެތީމާ، ފެން ގެނައުމާއި، އުޑިއެނބުރުން ފަދަ ގޭތެރޭގެ ހުރިހާ ކަމެއް ކުރައްވަނީ ވެސް ފާޠިމަތުގެފާނު އަމިއްލަފުޅަށެވެ.

ހިޖުރައިން ތިންވަ އަހަރު ފާޠިމަތުގެފާނާއި ޢަލީގެފާނަށް، ފިރިހެން ދަރިކަލަކު ލިބިވަޑައިގަތެވެ. މިކަމާ ކީރިތި ރަސޫލާ ވަރަށް އުފާވެވަޑައިގަތެވެ. ކީރިތި ރަސޫލާ އެ ދަރިކަލަށް ދެއްވި ނަމަކީ ޙަސަން އެވެ. އަދި ޙުސައިންގެފާނުގެ އިސްތަށިފުޅުތުރުކުރައްވައި އޭގެ ބަރުދަން ހުރި ރިހިން ޞަދަޤާތް ވެސް ކުރެވުނެވެ.

ދެން ހިޖުރައިން ހަތަރުވަނަ އަހަރުގެ ޝަޢްބާން މަހު، ޙުސައިންގެފާނު ލިބިވަޑައިގަތެވެ. މިފަހަރު ވެސް ކީރިތި ރަސޫލާ ވަރަށް އުފާވެވަޑައިގަތެވެ.

ދެން ހިޖުރައިން ފަސްވަނަ އަހަރު ފާޠިމަތުގެފާނު ފުރަތަމަ ދަރިކަނބަލުންނާއިގެން ރައްކާވެވަޑައިގަތެވެ. އެ ދަރިކަނބަލަށް ކީރިތި ރަސޫލާ ދެއްވި ނަމަކީ ''ޒައިނަބް'' އެވެ. އަދި އޭގެ ދެ އަހަރުފަހުން ފާޠިމަތުގެފާނަށް އިތުރު ދަރިކަނބަލެއް ލިބިވަޑައިގަތެވެ. އެއީ ''އުއްމުކުލްޘޫމް''އެވެ.

ކީރިތި ރަސޫލާއާ އެންމެ ވައްތަރު ސިފަތަކެއް ލިބިވަޑައިގެންފައި ވަނީ ވެސް ފާޠިމަތުގެފާނަށެވެ. އަދި ރަސޫލާ ޙަދީޘްކުރައްވާފައި ވަނީ އެކަމަނާއަކީ މުއުމިން އަންހެނުންގެ ސައްޔިދާކަމަށެވެ. އަދި ދުނިޔޭގެ ހުރިހާ އަންހެނުންގެ ތެރެއިން ވެސް އެންމެ މާތް ހަތަރު އަންހެނުންގެ ތެރޭގައި އެކަމަނާ ހިމެނިވަޑައިގަންނަވާކަމަށް ރަސޫލާ ޙަދީޘްކުރައްވާފައި ވެއެވެ. އަނެއް ތިން ބޭކަނބަލުންނަކީ މަރްޔަމްގެފާނާއި އާސިޔަތުގެފާނާއި(ފިރުޢައުނުގެ އީމާންވެވަޑައިގަތް އަނބިކަނބަލުން) ޚަދީޖަތުގެފާނެވެ.

ފާޠިމަތުގެފާނު އަވަހާރަވީ ކީރިތި ރަސޫލާ ސުވަރުގެވަޑައިގަތްތާ ހަމަސް ދުވަސް ފަހުންނެވެ. އެއީ ހިޖުރައިން އެގާރަވަނަ އަހަރުގެ ރަމަޟާންމަހުގައެވެ. އަވަހާރަވި އިރު އެކަމަނާގެ ޢުމުރުފުޅަކީ ގާތްގަނޑަކަށް ނަވާވީސް އަހަރެވެ.

6- ޢަބްދުއްﷲ : ތުއްޕުޅު އިރުވަނީ އަވަހާރަވެފައި .

7- އިބްރާހީމް : އިބްރާހީމްގެ މަންމާފުޅަކީ މިޞްރުގެ ޖާރިއާއެއް ކަމުގައިވާ މާރިއާ އެވެ. މި ކަލޭގެފާނުވެސް ވަނީ ތުއްޕުޅުއިރު އަވަހާރަވެފައެވެ. މިއީ ކީރިތި ރަސޫލާގެ އެންމެ ތުއްޕުޅު ދަރިކަލުންނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.