އާދީއްތަ20171203

އާކުރެވުނީ: 09:46:14

Back ކަވާސާ ކުޑަކުދިންގެ ކުޑަކުދިންގެ ބައިތައް ނަބީބޭކަލުން އާދަމް ޢަލައިހިއްސަލާމް ... އެންމެންގެ ބައްޕަ

އާދަމް ޢަލައިހިއްސަލާމް ... އެންމެންގެ ބައްޕަ

adam2ހުރިހާ ޒަމާނެއްގައި، ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި، ހުރިހާ އިންސާނުންނަކީ ވެސް އެއް ބައްޕައަކާއި އެއް މަންމައެއްގެ ދަރިންނެވެ. އެއީ ''އާދަމްގެފާނު'' އަދި ''ޙައްވާގެފާނު'' އެވެ.

އާދަމްގެފާނަކީ މާތް ﷲ އުފެއްދެވި އެންމެ ފުރަތަމަ މަޚްލޫޤެއް ނޫނެވެ. އާދަމުގެފާނަށް ވުރެ ކުރިން، މާތް ﷲ، އުޑުތަކާއި ބިންތަކާއި މަލައިކަތުންނާއި ޖިންނީން އުފެއްދެވިއެވެ. ﷲ މަލާއިކަތުން ހައްދަވާފައި ވަނީ ނޫރުންނެވެ. ޖިންނީން އުފެއްދެވީ އަލިފާނުންނެވެ.

ނަމަވެސް އާދަމުގެފާނު ހެއްދެވީ މަށިންނެވެ. މާތް ﷲ ވަނީ އެކަލާނގެ އަތްޕުޅުން އާދަމްގެފާނު އުފެއްދެވުމުގެ މަތިވެރި ޝަރަފު އާދަމްގެފާނަށް ދެއްވާފައެވެ. މަށިން އާދަމުގެފާނު ހެއްދެވުމަށް ފަހު، ދެން މާތް ﷲ އާދަމްގެފާނުގެ ހަށިކޮޅުގައި ރޫޙު އެޅުއްވިއެވެ. އެ ހިނދު އާދަމްގެފާނަށް ދިރުން ލިބިވަޑައިގަތެވެ.

 

ބައެއް ކުދިން ހެ ހިތުގައި ''އާދަމް'' މި ބަހުގެ މާނައަކީ ކޮބައިތޯ ސުވާލު އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ، އާދަމް އޭ ކިއުނީ، ''އަދީމް'' އިން (ބިންމަތި ނުވަތަ ބިންމަތީ ހުންނަ ވެލި) އުފެއްދެވުނީމައެވެ. އަދި އާދަމް އޭ ކިއުނީ ކަޅު ކުލަ (އަދްމާ) އަށް ނިސްބަތްކޮށް ކަމަށްވެސް ބުނެވެއެވެ. ނޫނީ އަދީމް (އޮޅަލި) އަށް ނިސްބަތްކޮށް ކަމަށްވެސް ބުނެވެއެވެ. ބުނެވޭ ގޮތުގައި އާދަމްގެފާނަކީ އޮޅަލި ކުލައެއްގެ ވެރި ބޭފުޅެކެވެ. ނަމަވެސް މިއިން އެއްވެސް ވާހަކަ އަކީ މުޅިން ޔަޤީން ވާހަކަތަކެއް ނޫނެވެ.

adam1

ދެން އާދަމްގެފާނަށް ސަޖިދަ ޖެއްސެވުމަށް ހުރިހާ މަލާއިކަތްބޭކަލުންނާއި އަދި އިބިލީހަށް، މާތް ﷲ އަމުރު ކުރެއްވިއެވެ. އެއީ އާދަމްގެފާނަށް ދެއްވި ޝަރަފެއްގެ ގޮތުންނެވެ. މާތް ﷲ ގެ އަމުރުފުޅަށް ކިޔަމަންވުމުގެ ގޮތުން، ހުރިހާ މަލާއިކަތްބޭކަލުން ސަޖިދަ ޖެއްސެވިއެވެ. ނަމަވެސް އިބިލީސް ސަޖިދަ ނުޖެއްސެވެ. އެއީ އިބިލީސްގެ ކިބައިގައި ހުރި ބޮޑާ ކަމާއި ކިބުރުވެރިކަމެއްގެ ސަބަބުންނެވެ.

ސަޖިދަ ނުޖަހަން އިބިލީސް ދެއްކި ބަހަނާ، މާތް ﷲ އަހަރެމެންނަށް އަންގަވާފައިވެއެވެ. وَإِذْ قُلْنَا لِلْمَلآئِكَةِ اسْجُدُواْ لآدَمَ فَسَجَدُواْ إَلاَّ إِبْلِيسَ قَالَ أَأَسْجُدُ لِمَنْ خَلَقْتَ طِيناً

މާނައަކީ: ''އަދި ތިމަންރަސްކަލާނގެ މަލާއިކަތުންނަށް އެންގެވި ހިނދެވެ. ތިޔަބައި މީހުން އާދަމުގެފާނަށް ސަޖިދަކުރާށެވެ! ދެން އިބިލީސް މެނުވީ އެންމެން ސަޖިދަކުޅައެވެ. އިބިލީސް ދެންނެވިއެވެ. އިބަރަސްކަލާނގެ މަށީން ހައްދަވާފައިވާ މީހަކަށް ތިމަން ސަޖިދަކުރާނެތޯއެވެ'' (އަލްއިސްރާ:61)

އަދި ބޮޑާކަމާއި ކިބުރުވެރިކަމާ އެކު، އޭނާ ސަޖިދަ ނުޖެހި ސަބަބު ވެސް ބުންޏެވެ. އެ ވާހަކަ ބަޔާން ކުރައްވަމުން މާތް ﷲ ވަޙީ ކުރައްވާފައި ވަނީ: قَالَ مَا مَنَعَكَ أَلاَّ تَسْجُدَ إِذْ أَمَرْتُكَ قَالَ أَنَاْ خَيْرٌ مِّنْهُ خَلَقْتَنِي مِن نَّارٍ وَخَلَقْتَهُ مِن طِينٍ

މާނައަކީ: ''މާތް ކަލާނގެ ވަޙީކުރެއްވިއެވެ. ތިމަންރަސްކަލާނގެ ކަލެއަށް އަމުރުކުރެއްވި ހިނދު، ސަޖިދަ ނުޖަހައި މަނާވެގަތީ ކީއްވެހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ތިމަން އެކަލޭގެފާނަށްވުރެ މޮޅެވެ. އެހެނީ އިބަރަސްކަލާނގެ ތިމަން އުފެއްދެވީ އަލިފާނުންނެވެ. އަދި އެކަލޭގެފާނުން އިބަރަސްކަލާނގެ އުފެއްދެވީ މަށީންނެވެ. '' (އަލްއަޢްރާފް: 12)

މާތް ﷲ އަށް އެންމެ ފުރަތަމަ ނުކިޔަމަންތެރި ވި މަޚްލޫޤަކީ، އިބިލީސް އެވެ. އިބިލީހަކީ ވަރަށް ކިބުރުވެރި ބޮޑާ އެއްޗެކެވެ. ތިމާ އަކީ ވެސް މާތް ﷲ ހެއްދެވި މަޚްލޫޤެއް ކަމާއި، ވީމާ މާތް ﷲ އަމުރު ކުރެއްވި ކޮންމެ ކަމެއް ކުރަން ޖެހޭނެކަން، އިބިލީސް ހަނދާން ނައްތާލިއެވެ. އިބިލީސްގެ ބޮޑާކަމާއި ނުކިޔަމަންތެރިކަމުގެ ނަތީޖާއަކަށް ވީ، ސުވަރުގެއިން ނެރެލެވުމެވެ.

މި ހިސާބުން ވެސް އިބިލީސްގެ ނުލަފާ ކަމަށް ހުއްޓުމެއް ނައެވެ. އިބިލީސްގެ ހިތުގައި ހަސަދަވެރިކަން ކެކިއަރަން ފެށިއެވެ. އާދަމުގެ ދަރިންނަށް ގެއްލުމާއި ހަލާކު ދިނުން އެއީ އިބިލީސްގެ މަޤްޞަދަކަށް ހެދިއެވެ. އަދި ޤިޔާމަތް ދުވަހާ ޖެހެން ދެން ހުރެވޭވަރުގެ ދިގު ޢުމުރެއް ދެއްވުމަށް، މާތް ﷲ ޙަޟްރަތުގައި އިބިލީސް ދެންނެވިއެވެ. އެ ހިނދު މާތް ﷲ ދެނެވޮޑިގެންވާ ޙިކްމަތަކަށްޓަކައި، އިބިލީހަށް ދިގު ޢުމުރު ދެއްވިއެވެ.

ދެން އިބިލީސް އެންމެ ފުރަތަމަ ކުރި ކަމަކީ، އާދަމުގެފާނަށް ވަސްވާސް ދީގެން، މާތް ﷲ މަނާ ކުރައްވާފައިވާ ކަމެއް އާދަމްގެފާނު ލައްވާ ކުރުވަން އުޅުމެވެ. އާދަމުގެފާނު ލައްވާ އިބިލީސް ކުރުވަން އުޅުނީ ކޮންކަމެއްކަން އެނގޭހެއްޔެވެ؟

އިބިލީސް ދުވަރުގެއިން ނެރެ ބޭރުކޮށްލެވުމަށް ފަހު، އާދާމުގެފާނާއި ޙައްވާގެފާނު ވަރަށް އުފާވެރި ދިރިއުޅުމެއް ސުވަރުގޭގައި އުޅުއްވަމުން ގެންދެވިއެވެ. ސުވަރުގޭގެ އެކިވައްތަރު ވައްތަރުގެ މީރު މޭވާ ފަރީއްކުޅުވުމުގެ ހުއްދަ ވެސް އެ ދެކަނބަލުންނަށް، މާތް ﷲ ދެއްވިއެވެ. ނަމަވެސް ވަކި އެންމެ ގަހަކުން މޭވާ ފަރީއްކުޅެއްވުން އެ ދެކަނބަލުންނަށް، މާތް މަނާ ކުރެއްވިއެވެ.

ދެން އިބިލީސް ހެދި ގޮތަކީ، މި މަނާ ގަހުން މޭވާ ފަރީއްކުޅުއްވާށޭ ކިޔައި، އާދަމުގެފާނަށް ވަސްވާސްދޭން ފެށީއެވެ. ވަރަށް ރަނގަޅު ހެޔޮ ނަޞޭޙަތް ދޭ ކަމަށް ހެދިގެން ގޮސް، ފާޑުފާޑުގެ ވާހަކަ ދައްކަން ފެއްޓިއެވެ. ތިމަންނަ މި ދެނީ ހަމަ ހެޔޮ ނަޞޭޙަތޭ ކިޔައި ހުވާވެސް ކުރަން ފެށިއެވެ. މި ހެން ދަމުން ގޮސް އިބިލީސް ބުނީ ކީކޭކަން ބަލާލަން މި އާޔަތް ކިޔާލަމާ ހިނގާށެވެ! وَقَالَ مَا نَهَاكُمَا رَبُّكُمَا عَنْ هَـذِهِ الشَّجَرَةِ إِلاَّ أَن تَكُونَا مَلَكَيْنِ أَوْ تَكُونَا مِنَ الْخَالِدِينَ

މާނައަކީ: ''އަދި އެ ދެކަނބަލުންނަށް އޭނާ ދެންނެވިއެވެ. މަލާއިކަތުންގެ ބަޔަކަށް ނުވަތަ ޚުލޫދުވެ ދެމިތިބޭ ބަޔަކަށް ތިޔަދެކަނބަލުން ވެދާނޭކަން ފިޔަވައި، ތިޔަ ދެކަނބަލުން ހައްދަވައި ބޮޑުކުރެއްވި ކަލާނގެ، ތިޔަ ދެކަނބަލުން މި ގަހާއި ގާތްވެވަޑައިގަތުން މަނާކުރެއްވީ ކޮން ސަބަބަކަށްޓަކައި ހެއްޔެވެ؟'' (އަލްއަޢްރާފް: 20)

ކޮންމެއަކަސް އިބިލީސްގެ މަކަރުވެރިކަމާއި ނުބައި ރޭވުންތެރިކަމުގެ ކުރިމަތީގައި، އާދަމުގެފާނާއި ޙައްވާގެފާނު އެ ވަގުތު ބަލިކަށިވެވަޑައިގަތެވެ. ކެނޑިނޭޅި އިބިލީސް ދެމުން ދިޔަ ނުބައި ނަޞޭޙަތަކީ، ކެހިވެރި ރޭވުމެއް ކަމެއް އެ ދެކަނބަލުންނަށް އެނގިވަޑައި ނުގަތެވެ. އެންމެފަހުން އާދަމުގެފާނާއި ޙައްވާގެފާނު، މަނާ ގަހުން މޭވާ ފަރީއްކުޅުއްވައިފިއެވެ. މު ކުށުގެ ނަތީޖާއަކަށް ވީ، އެ ދެ ކަނބަލުން ސުވަރުގެއިން ނުކުމެވަޑައިގެން، މި ބިމަށް އަންނަންޖެހިވަޑައިގަތުމެވެ.

އާދަމްގެފާނާއި ޙައްވާގެފާނު މި ބިމަށް ވަޑައިގަތީމާ ވެސް، އިބިލީސް އެ ދެކަނބަލުން ދޫކޮށެއްނުލިއެވެ. ދެން ވެސް ދިޔައީ ހަމަ، އާދަމްގެފާނާ ދެކޮޅަށް ރޭވުންތައް ރާވަމުންނެވެ. އާދަމުގެ ފާނުގެ ނަސްލުން އަންނަ ހުރިހާ އިންސާނުން މަގު ފުރައްދައި އެންމެންނަކީ ފާފަކުރާ ބައެއް ކަމުގައި ހެދުމަކީ، އިބިލީސްގެ ލަނޑު ދަނޑިއެވެ. އަދި އާދަމުގެ ދަރިންގެ މެދުގައި ޢަދާވާތްތެރި ކަމާއި ރުޅިވެރިކަން ފަތުރަން ވެސް ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައެވެ. އެ ގޮތުން ކުރި ކަމަކީ، އާދަމުގެފާނުގެ ދަރިކަލުންގެ މެދުގައި ފިތުނަ އުފައްދަން ފެއްޓީއެވެ. ޤާބީލް އާއި ހާބީލް އަކީ އާދަމްގެފާނުގެ ދެ ދަރިކަލުންނެވެ. މި ދެ ދަރިކަލުންގެ މެދުގައި ފިތުނަ އުފެއްދުމުގައި އިބިލީސް ކާމިޔާބު ހޯދިއެވެ. މި ކަންތައް ވީ ގޮތް ތި ކުދިންނަށް އެނގޭހެއްޔެވެ؟ ތިރީގައި މިވާ ބައި ކިޔާލާށެވެ. އޭރުން އެނގިދާނެއެވެ.

ޙައްވާގެފާނު އާލާސްވެއިންނަވާ ކޮންމެ ފަހަރަކު ދެ ނިބުލާއިގެން ރައްކާވެވަޑައިގަންނަވައެވެ. ކޮންމެ ފަހަރަކު ވެސް ދެ ޖިންސުގެ ދެ ކުދިންނެވެ. އެންމެ ފުރަތަމަ ރައްކާވެވަޑައިގަތީ ''ޤާބީލު'' އާއި އޭނާގެ އަންހެން ކޮއްކޮ ''ޤްލީމާ'' އާއިގެންނެވެ. ދެން ''ހާބީލް'' އާއި އޭނާގެ އަންހެން ކޮއްކޮ ''ލަބޫދާ'' އާއިގެންނެވެ.

މި ކުދިންތައް ބޮޑުވީމާ، އާދަމުގެފާނަށް މާތް ﷲ އަމުރު ކުރެއްވީ ކޮންމެ ފިިރިހެން ދަރިކަލަކު އަނެއް ނިބުލުގެ އަންހެން ދަރިކަނބަލުންނާއި ކާވެނިކޮށްދެއްވުމަށެވެ. މާނައަކީ ޤާބީލާއި ލަބޫދާ އާއެވެ. އަދި ހާބީލާއި ޤްލީމާ އާއެވެ. ނަމަވެސް ޤާބީލް މި ކަމާ ދެކޮޅު ހަދަން ފެށިއެވެ. އަދި އޭނާގެ ނިބޫ ޤްލީމާ އާ ކާވެނި ކުރަން ފައިވިއްދާލިއެވެ.

އެއީ މާތް ﷲ ހުއްދަ ކުރައްވާފައި ވާ ގޮތެއް ނޫންކަން، އާދަމުގެފާނު ޤާބީލަށް ވިސްނަވާދެއްވޭތޯ ވަރަށް މަސައްކަތް ކުރެއްވިއެވެ. ދެން އާދަމުގެފާނު އެ ބޭކަލުންނަށް އެންގެވީ، ދެބޭކަލުން ކުރެ ކޮންމެ ބޭކަލަކު ވެސް މާތް ﷲ އަށް ޤުރުބާނެއް އަދާ ކުރުމަށެވެ. އެ ދެ ޤުރުބާނުގެ ތެރެއިން މާތް ﷲ ޤަބޫލު ކުރެއްވި ޤުރުބާނެއް ކުރި މީހަކީ އެއީ ޤްލީމާ އާ ކާވެނި ކުރެވޭނެ މީހާ ކަމަށް ވެސް ވިދާޅުވިއެވެ.

އެހިނދު ހާބީލް އަވަސްވެވަޑައިގަތީ، އޭނާގެ އަތްޕުޅުގައި ހުރި ކަންބަޅިތަކުގެ ތެރެއިން އެންމެ ފަލަ އެންމެ މޮޅު ކަންބަޅި، މާތް ﷲ އަށް ޤުރުބާން ކުރައްވާށެވެ. އަނެއްކޮޅުން ޤާބީލް ޤުރުބާން ކުރީ އޭނާ އަތުގައި ހުރި ގޮވާންތަކުގެ ތެރެއިން އެންމެ ދެރަ، އެންމެ އަގެއް ނެތް އެއްޗެހީގެ ބޮނޑިއެވެ.

adam2Image3ދެ މީހުން ވެސް ގޮސް ދެ މީހުންގެ ޤުރުބާން، ފަރުބަދައެއްގެ މަތީގައި ބަހައްޓާފައި، ވާ ގޮތެއް ބަލަން ދުރުގައި ބަލަހައްޓައިގެން ތިއްބެވެ. ކުއްލިއަކަށް ފެނުނީ ވަރަށް އަޖައިބު މަންޒަރެކެވެ. ފެނުނީ، އުޑުން އަލިފާންގަނޑެއް އެ ފަރުބަދައާ ދިމާލަށް އައިސް، ހާބީލް ގެ ޤުރުބާން ކާލިތަނެވެ. އެ ވެގެން ދިޔައީ، މާތް ﷲ އެ ޤުރުބާން ޤަބޫލު ކުރެއްވުމުގެ ޢަލާމާތަކަށެވެ. އަނެއްކޮޅުން ޤާބީލް ބެހެއްޓި ޤުރުބާނާ އަލިފާން ކައިރި ނުވެ، އެ ހުރިގޮތަށް ހުއްޓެވެ. މާނައަކީ، ހާބީލް ގެ ޤުރުބާން މާތް ﷲ ޤަބޫލު ކުރައްވުމެވެ. އަދި ޤާބީލް ގެ ޤުރުބާން ޤަބޫލު ނުކުރެއްވުމެވެ.

ޤާބީލް ވަރަށް ރުޅިވެރިކަމާއެކު ހާބީލާ ދިމާލަށް ބަލާލާފައި ހަޅޭކެއްލަވައިގަންނަމުން ބުންޏެވެ:

- ކީއްވެގެންތަ ކަލޭގެ ޤުރުބާން ޤަބޫލު ކުރެވިފައި އަހަރެންގެ ޤުރުބާން ޤަބޫލު ނުކުރެވުނީ...؟!

ހާބީލް މަޑުމައިތިރި ކަމާއެކު ޖަވާބު ދިނެވެ:

- މާތް ﷲ ޤަބޫލުކުރައްވާކަން ކަށަވަރީ، ތަޤްވާވެރީން ގެ ކިބައިން.

އެ ހިނދު ޤާބީލް ގެ ރުޅިގަނޑު ކެކި އަރައިގަތެވެ. އަދި ބުންޏެވެ:

- އަހަރެން ކަލޭ މަރާލާނަން.

ހަމަ ކުރިން ހާ މަޑުމައިތިރިކަމާއެކު ހާބީލް ޖަވާބު ދިނެވެ:

- އަހަރެން މަރާލަން ކަލޭ އަތް ދިއްކުރިއަސް، ކަލޭ މަރާލަން އަހަރެން އަތް ދިއް ނުކުރާނަން!. ޢާލަމްތައް ހައްދަވައި ބޮޑުކުރެއްވި މާތް ﷲ ދެކެ އަހަރެން ބިރުވެތިވަން.

މިހާ މަޑުމައިތިރި ކަމާއެކު، މިހާ ރަނގަޅު ޖަވާބެއް ހާބީލް ދިނުމުން ވެސް، ޤާބީލް އައިސްފައި ހުރި ރުޅިއާއި ޙަސަދަ މަޑުވާގޮތެއް ނުވިއެވެ. އަދި އޭނާގެ ހަވާ ނަފްސަށް ތަބާވެ، އިބިލީސްގެ ވަސްވާހަށް ހެއްލި، ކޮއްކޮ ހާބީލް ޤަތުލުކޮށްލިއެވެ.

Image4ވީނުވީ ރޭކާލި އިރު، އޭނާގެ ކޮއްކޮ ހާބީލް އޮތީ މަރުވެފައެވެ. ހަދާނެ ގޮތެއް ވެސް ނޭނގިފައި ޤާބީލް ހާބީލްގެ ފުރާނަ ނެތް މަސްގަނޑު ކުރިމަތީ ބަލަހައްޓައިގެން ހުއްޓެވެ. އޭނާ ވިސްނަމުން ދިޔަހާ ވެސް ކަމަކީ، މަރުވެފައިވާ ހާބީލްގެ ހަށިގަނޑު ފޮރުވާނެ ގޮތަކާ މެދުގައެވެ. އެކަމަކު އެކަން ކުރާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ. މިހެން ހުއްޓާ، މާތް ﷲ ދެ ކާޅު ފޮނުއްވެވިއެވެ. އެއީ މަރުވެފައިވާ ހާބީލްގެ ހަށިގަނޑު ވަޅުލާނެ ގޮތް ޤާބީލަށް ދަސްކޮށްދެއްވަން ވެގެންނެވެ. ދެން އެ ދެ ކާޅު ތޮޅެމުން ތޮޅެމުން ގޮސް އެކަތި މަރުވީމާ، އަނެއް ކާޅު، ވަޅެއް ކޮނެފައި މަރުވެފައި އޮތް ކާޅު ވަޅުލިއެވެ. ހައިރާން ކަމާއެކު މި މަންޒަރު ބަލަން ހުރެފައި ޤާބީލް އޭނާގެ ބޮލުގައި ދެ އަތުން ހިފާފައި، ހަޅޭކެއްލަވައިގަންނަމުން ބުންޏެވެ:

- އޭ ހުރި ހިތާމައެއްގެ ބޮޑުކަމާ! މި ކާޅު ފަދައިންވެ، އަހަރެންގެ އަޚާގެ މަސްގަނޑު ނިވާކުޅައުމަށް ވެސް އަހަރެން ނުކުޅެދެނީތަ؟

Image5އެންމެފަހުން، ހާބީލް ވަޅުލާނެ ގޮތެއް ޤާބީލަށް، އެނގުނެވެ. ކުޑަކުޑަ އެކަން ވެސް އެނގުނީ، ބަލިކަށި ކާޅެއްގެ ކިބައިންންވެ. މިއިން ވެސް އެނގެނީ ޤާބީލްގެ ނިކަމެތިކަމާއި، ބަލިކަށިކަމެވެ.

ޤާބީލް އޭނާގެ ކޮއްކޮ ހާބީލަށް ހެދިގޮތް އާދަމްގެފާނަށް އެނގިވަޑައިގަތުމުން އެކަމާ ވަރަށް ހިތާމަ ކުރައްވާ ކީރިތި ކުރެއްވިއެވެ. އެހެނީ ހާބީލަކީ ބައްޕައަށް ކިޔަމަންތެރި ޞާލިޙް ދަރިއެކެވެ. ދެން ކޮންމެ އަކަސް، މަރުވި ދަރިކަލުންގެ ބަދަލެއްގެ ގޮތުން މާތް ﷲ އަނެއްކާ ވެސް އާދަމްގެފާނަށް ދަރިކަލެއް ރިޒުޤުކުރެއްވިއެވެ. އެއީ ''ޝީޘް'' ގެފާނެވެ. އަދި އޭގެ ފަހުން ވެސް ވަރަށް ގިނަ ދަރިކަލުންނާއި ދަރިކަނބަލުން، އާދަމްގެފާނާއި ޙައްވާގެފާނަށް ލިބިވަޑައިގަތެވެ. ދެން ޝީޘް ގެފާނުގެ ނަސްލުން އިންސާނީ ދަރިފަސްކޮޅު ފެތުރިގެން ދިޔައެވެ. އަހަރެމެންނަކީ ވެސް އެ ނަސްލުން އައިސްފައި ތިބި ބައެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.