ބުރާސްފަތި20180920

އާކުރެވުނީ: 08:43:52

ޖަމަލު : ސަހަރާގެ ސަވާރީ

jamalu1ޖަމަލަކީ އޮޅު ޖަނަވާރެކެވެ. އިންސާނުން މީގެ އެތައް ހާސް އަހަރެއްގެކުރިން ފެށިގެން އަންނަނީ އޭގެ ބޭނުންކުރަމުންނެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ މިޖަނަވާރަށް، ޢަޖާއިބުކުރަނިވި ކުޅަދާނަކަން ދެއްވާފައިވެއެވެ. އޭގެ ސަބަބުން، ގަސްޖަހާގެއްސާއި ފެން، ވަރަށް މަދުންނޫނީ ނުހުންނަ، މުޅިން ވެލި ހުންނަ ބޮޑެތި ސަހަރާތަކުގައި، އެތައް ދުރުމިނަކަށް ދަތުރުކޮށް އުޅުމުގެ ޤާބިލުކަން ޖަމަލަށް ލިބިގެންވެއެވެ.

ސަހަރާއަކީ، ވަރަށް ހޫނުވެސް ގަދަތަނެކެވެ. އަދި ރޭގަނޑު އެހާ ފިނިވެސްވާތަނެކެވެ. އަދި ވަރަށް ގިނައިން، ބާރުވަޔާއިއެކު ވެލީގެ ޠޫފާންތައްވެސް އައިސްއައިސް ހުންނަ ވެއްޓެކެވެ.

 

ޖަމަލު އުފައްދަވާފައިވާގޮތާއިމެދު ވިސްނާ ފިކުރުކުރުމަށް، ޤުރުއާނުގައި ﷲ އަޅުގަނޑުމެންނަށް އަންގަވާފައިވެއެވެ. أَفَلَا يَنظُرُونَ إِلَى الْإِبِلِ كَيْفَ خُلِقَتْ

އާޔަތުގެ މާނަ: ''ފަހެ، އެބައި މީހުން ޖަމަލަށް ނުބަލަނީހޭ؟ އެ ޖަމަލު ހެއްދެވިގެންވަނީ ކޮންފަދައަކުންހޭ؟'' ( އަލްޣާޝިޔާ 17)

ޖަމަލަށްބަލާލައިފިނަމަ އަޅުގަނޑުމެންގެ ނަޒަރު އެންމެ ފުރަތަމަ ހުއްޓޭ އެއްކަމަކީ، އޭގެ ހަށިގަނޑުގެ ބޮޑުކަމެވެ. އޭގެ ބާރުގަދަ ހަށިގަނޑާއި، އުސްކަމެވެ. އަދި އެއީ ކަރުވެސް ދިގު ޖަނަވާރެކެވެ. މިކަންކަމުގެ އިތުރުން، އަޅުގަނޑުމެންނަށް އިތުރު ޙައިރާންކަން ގެނެސްދޭ ޙަޤީޤަތްތަކެއް، އަދި މިއަށްވުރެ ފުންކޮށް ވިސްނާލާ ބަލާލުމުން ޖަމަލުން ފެނިގެންދެއެވެ.

ޖަމަލުގެ ހަށިގަނޑު

ޖަމަލެއްގެ ބަރުދަނުގައި ގާތްގަނޑަކަށް 450 އާއި 650 އާއި ދެމެދުގެ ޢަދަދަކަށް ކިލޯގްރާމު ހުރެއެވެ. ފަހަރެއްގައި ބައެއް ޖަމަލުތައް މިއަށްވުރެވެސް ބަރުވެދާނެއެވެ. ޖަމަލުގެ ހަށިގަނޑުގެ އުސްމިނުގައި، ދެ މީޓަރު ހުރެއެވެ. މިބަރު ހަށިގަނޑު އުފުލައިދެނީ، ދިގު 4 ފައިންނެވެ. ފައި އެހާ ދިގުކޮށް ހުރުމުން، ސަހަރާގެ ވެލިގަނޑުގެ ގަދަ ހޫނާއި ދުރުގައި، ޖަމަލުގެ ހަށިގަނޑު ބާއްވައިދެއެވެ. ހަމަ އެގޮތަށް، ދުރު ފިޔަވަޅުތައް އަޅާށާއި، ލުއި ޙަރަކާތްތަކަށް ފަސޭހަކޮށްދެއެވެ.

jamalu2ޖަމަލުގެ ފައިގެ ނިމޭ ހިސާބު ނުވަތަ މޮއްގަނޑު ހުންނަނީ ވަރަށް ފަތާކޮށެވެ. މިބައިގައި ފެޓްއާއި، ދެމޭ ފައިބަރތަކާއި، ހަމުގެ ވަރަށްބޯ ފަށަލައެއްވެއެވެ. މިކަމުގެ ސަބަބުން، ސަހަރާގެ ގަނބާގޮތަށް ހުންނަ މަޑުވެލިތަކުގެ މަތީގައި، ފަސްގަނޑުގެތެރެއަށް ގަނބައިގެން ނުގޮސް، ހިނގާ ދުވެހެދުމުގެ ޤާބިލުކަން ޖަމަލަށް ލިބެއެވެ. ޖަމަލު ވެލިގަނޑުގައި ހިނގާއިރު، ފައިގެ މިބައި، އަދި އިތުރަށް ފަތާވެސްވެއެވެ. ވެލީގެ އިތުރުން، ހޫނުގަދަ ހިލަތައް މަތީގައިވެސް، ފައިގެ މިބައިގެ އެހީގައި ޖަމަލަށް ފަސޭހަކަމާއިއެކު، ޙަރަކާތްކުރެވެއެވެ.

ޖަމަލުގެ ބޯ ހުންނަނީ ދިގުއަކަ ބައްޓަމަށެވެ. ބޮލުގެ ސައިޒަށް ބަލާއިރު، އެއީ މެދު ސައިޒެކެވެ. ޖަމަލުގެ ދެލޯ ވަރަށްބޮޑުވާނެއެވެ. ދުވާލާއި ރޭގަނޑުވެސް ޖަމަލަށް ތަންތަން ސާފުކޮށް ފެނެއެވެ. ވަރަށްދިގު އެސްފިޔަތަކަކުން މިދެލޯ ޙިމާޔަތްކުރެއެވެ. މިދިގު އެސްފިޔަތަކުގެ ސަބަބުން، ވެލިންނާއި ގަދަ ހޫނުން ލޯ ސަލާމަތްކޮށްދެއެވެ.

ޖަމަލުގެ ކަންފަތަކީ ކުޑަކަންފަތެކެވެ. ކަންފަތުގެ ސަލާމަތަށްވެސް، ކެހެރިތައް ވަށައިގެންވެއެވެ. ޖަމަލުގެ އަޑުއެހުމުގެ ޙިއްސުވެސް ވަރަށް ގަދައެވެ.

jamalu3ޖަމަލުގެ ނޭފަތް ހުންނަނީ ބޮލުގެ ކުރީކޮޅުގައެވެ. ނޭވާލާ ހޮޅިއަށް ވެލި ވަނަ ނުދިނުމަށް، ނޭފަތް ވަށައިގެންވެސް ކެހެރިތައް ލެވިގެންވެއެވެ. އަދި، ބޭނުން އިރަކު ނޭފަތް ލައްޕާ ހުޅުވުމަށްޓަކައި، ނޭފަތް ކައިރީގައި ވަރަށް ބާރުގަދަ މަސްތައް ވެއެވެ.

އެހެންވީމާ، ތޫފާނެއްގެ އިޙްސާސްވެއްޖެނަމަ، ޖަމަލު ލޯ މަރައެވެ. ކަންފަތްވެސް ވެލި ނުވަންނަގޮތަށް ބަހައްޓައެވެ. ނޭފަތްވެސް ބަންދުކޮށްލައެވެ.

ޖަމަލުގެ އުސްކަމާއި، އޭގެ ހަށިގަނޑުގެ ބިޔަކަމަށްޓަކައި، ﷲ މިޖަނަވާރަށް ދެއްވާފައިވަނީ ދިގު ކަރެކެވެ. ސަހަރާގެ ތެރޭގައި ހެދޭ ގަސްގަހުން ކެއުމަށް، ނުވަތަ ބިންމަތިން ކެއުމަށް، މިކަމުގެ ސަބަބުން، ޖަމަލަށް ފަސޭހަވެއެވެ.

ޖަމަލުގެ ހަށިގަނޑުގައި ހުންނަނީ ވަރަށް ބޯ ހަމެކެވެ. ވެއްޔާ، ފިނިހޫނުމިނަށް އަންނަ ބަދަލުތަކަށް ކެތްކުރުމުގެ ކުޅަދާނަކަން މިކަމުގެ ސަބަބުން ޖަމަލަށް ލިބެއެވެ.

އެހެނިހެން ޖަނަވާރުތަކާއި ޖަމަލާއި ވަކިކޮށްދޭ އެންމެބޮޑު ފާހަގައަކީ، އޭގެ ބުރަކަށީގައިވާ ގޮންގަނޑެވެ. މިއީ ވަރަށްގިނަ ސަރުބީ ނުވަތަ ފެޓް ރައްކާކުރެވިފައިވާ، ޕިރަމިޑެއްގެ ބައްޓަމަށް ހުންނަ ތަނެކެވެ.

ގޮންގަނޑަކީ ޖަމަލަށް ވަރަށް ފައިދާކޮށްދޭ ތަނެކެވެ. އެސޮރު ބަނޑުހައިވުމުން، ނުވަތަ މާބޮޑަށް ފެންބޮވައިގަތުމުން، އެއަށް ބޭނުންވާ ބައި ހޯދުމަށްޓަކައި، ގޮންގަނޑުގައި ރައްކާކުރެވިފައިވާ ސަރުބީ ކާނާއަށާއި ފެނަށް ބަދަލުކޮށްލައެވެ. މިކަމުގެ ސަބަބުން، ނުކައި ނުބައި، އެތައް ދުވަހަކު އުޅުމުގެ ފުރުޞަތު ޖަމަލަށް ލިއްބައިދެއެވެ. އިރުގެ ހޫނު ގަދަ ދޯދިތައް، އަންނަގޮތަށްއައިސް، ސީދާ ހަށިގަނޑަށް ނޭޅޭގޮތްވެސް ގޮންގަނޑުގެ ސަބަބުން ވެއެވެ.

ޖަމަލުގެ ކާނާ

ޖަމަލުގެ ކާނާއަކީ، ކުދިކުދި އިންސެކްޓްސްއާއި، ވިނައާއި ފަތްޕިލާވެއްޔާ، އެކި ވައްތަރުގެ އޮށްޓަރާ މޭވާއެވެ. ކަށިފަޅާފައި ހުންނަ ގަސްގަސްވެސް، ޖަމަލަށް ކެވެއެވެ. ހިކިފަތްވެސް ޖަމަލު ކައެވެ.

ﷲ މިޖަނަވާރަށް ވަރަށް ވަރުގަދަ ދަތްތަކެއް ދެއްވާފައިވެއެވެ. ޚާއްޞަކޮށް، ތިރީ ދަތްޕިލައިގެ ބާރު މާގަދައެވެ. އޭގެ އަނގަ ހައްދަވާފައިވަނީ، އޭތި ކާ ހުރިހާ އެއްޗެއް ރަނގަޅަށް ކުދިކޮށް، ހަޖަމުކުރުމަށް އެންމެ އެކަށީގެންވާގޮތަށެވެ. ޖަމަލަކީ، ކާއެއްޗިހި މައިދާއަށް ދިއުމަށްފަހު އަނެއްކާ އެއެއްޗިހި އަނގަޔަށް ރުޖޫޢަކުރުމުގެ ބާރު ލިބިފައިވާ ވައްތަރުގެ ޖަނަވާރެކެވެ. އެއީ މަޢިދާއިން އަނގަޔަށް ޖެނެސް އަނެއްކާވެސް ރަނގަޅަށް ހަޖަމުކުރަން ފަސޭހަކުރުމަށްޓަކައި ހެފުމަށް ކުރެވޭ ކަމެކެވެ.

ފެންނުބޮއި ކަރުހިއްކުން ތަޙައްމުލުކުރުން

ކަރުހިއްކުން ނުވަތަ ފެންނުބައި ގިނައިރުހުރުން ތަޙަމުލު ކުރުމުގައި ޖަމަލަށް ޢަޖާއިބުކުރަނިވި ކުޅަދާނަކަމެއް، ﷲ ދެއްވާފައިވެއެވެ. ޖަމަލަކީ މިކަމުގައި މިސާލުވެސް ޖެހޭ އެއްޗެކެވެ. ފިނިމޫސުމާ ރަބީޢު މޫސުމުގައި، ގާތްގަނޑަށް 2 މަހާއި 4 މަހާއި ދެމެދުގެ މުއްދަތަކަށް، އެއްގޮތަކަށްވެސް ފެންނުބޮއި ، ގަސްގަހުގެ ފަތްކައިގެން ޖަމަލަށް ހިފަހައްޓާލެވިދާނެއެވެ.

ގަދަ ހޫނުގައި، ހޫނު މޫސުމުގައިވެސް، 6 ދުވަހާއި 10 ދުވަހާއި ދެމެދުގެ މުއްދަތަކަށް، ފެންނުބޮއި ޖަމަލަށް އުޅެވިދާނެއެވެ. ބައެއްފަހަރު، މިމުއްދަތު ދެ ހަފުތާ ނުވަތަ އެއަށްވުރެވެސް ދިގުވެދެއެވެ.

މިހެން މިކަންވަނީ، އެހެނިހެން ޖަނަވާރުތަކަށް ލިބިގެންނުވާފަދަ ޚާއްޞަ ސިފަތަކެއް ޖަމަލަށް ﷲ ދެއްވާފައިވާތީއެވެ. ޖަމަލަށް، އޭގެ ހަށިގަނޑުގައިވާ ފެން، ވަރަށްކުޑަކުޑަ މިންވަރަކަށްމެނުވީ ބޭރުނުކޮށް ހިފަހައްޓާލެވެއެވެ. ޖަމަލު އަނގަޔަކުން ނޭވާއެއްނުލައެވެ. ކިތަންމެ ހޫނުގަދަވިއެއްކަމަކު، ތަލި ހިއްކައިގަނެގެން ދޫބޭރަށްނެރެއެއް ނޫޅެއެވެ. އެހެންވީމާ، އަނގައިގެން ފެން އާތްވަށްވެގެން ބޭރަށް ދިއުން މިކަންކަމުގެ ސަބަބުން ކުރިމައްޗެއްނުވެއެވެ.

ޖަމަލުގެ ކިޑްނީންވެސް، ފެން އިޤްތިޞާދުކުރުމުގައި މުހިއްމު ދައުރެއް އަދާކުރެއެވެ. ދެކިޑްނީންވެސް ވަރަށް މަދު މިންވަރެއްނޫނީ ބޭރެއްނުކުރެއެވެ.

ޖަމަލުގެ ޙައިރާންވާންޖެހޭ އަނެއްކަމަކީ، އެހާ ގަދަ ހޫނުގައިވެސް، ވަރަށްވަރަށް ކުޑަ މިންވަރަކަށް މެނުވީ ދާނުހިއްލާކަމެވެ. ގާތްގަނޑަކަށް، ޖަމަލުގެ ހަށިގަނޑުގެ އެތެރޭގެ ހޫނުމިން 41 ޑިގްރީއަށް އެރުމުންނޫނީ ޖަމަލު ދަލެއް ނުހިއްލާނެއެވެ.

ޖަމަލުގެ ފައިދާ

ޖަމަލަކީ އިންސާނުންނަށް ނުހަނު ގިނަގުނަ ފައިދާކޮށްދޭ ޖަނަވާރެކެވެ. އިންސާނުންނަށް އެއްތަނުން އަނެއްތަނަށް ދަތުރުފަތުރުކުރުމަށާއި، އެއްޗިހި އުފުލުމަށް ޖަމަލުގެ ބޭނުންހިފައެވެ. ދަތުރުކުރުމަށް ގެންގުޅޭ ޖަމަލަކަށް ގާތްގަނޑަކަށް ގަޑިއަކު 10 ކިލޯމީޓަރުގެ ރާސްތާގެ ބާރުމިނުގައި ދަތުރުކުރެވިދާނެއެވެ. އަދި އެއްވެސް ވަރުބަލިކަމެއްނެތި، ދުވާލަކު ގާތްގަނޑަކަށް 100 ކިލޯމީޓަރުގެ ދުރުމިން މިފަދަ ޖަމަލުތައް ކަޑައްތުކުރެއެވެ.

އެއްޗިހި އުފުލަން ގެންގުޅޭ ޖަމަލެއްނަމަ، ގާތްގަނޑަކަށް 150 ކިލޯގްރާމާއި 300 ކިލޯގްރާމާއި ދެމެދުގެ ބަރުދަން އުފުލެއެވެ.

ސިފައިންނާއި ފުލުހުންވެސް، ބައެއް ޤައުމުތަކުގައި، އެމީހުންގެ މަސައްކަތުގައި ޖަމަލަށް ސަވާރުވެގެން އުޅެއެވެ. ލުއި އަދި ދުވެލި ބާރު ޖަމަލު، ޖަމަލުރޭސް ޖެހުމުގައި ބޭނުންކުރެވެއެވެ. ޖަމަލު މަހާ، ކިރާ، ކެހެރިއާ، ހަންގަނޑުންވެސް އިންސާނުންނަށް އެތައް ފައިދާއެއް ލިބެއެވެ.

jamalu4އޭގެ ކިރަކީ، ރަހަ މީރު، ބުއިމަށާއި ހަޖަމުކުރުމަށް ފަސޭހަ އެއްޗެކެވެ. އޭގައި ފެޓް މަދުކަމުން، މަޢިދާއަށް ފަސޭހަވެއެވެ. ހަމަ އެފަދައިން މަތީ ދަރަޖައަކަށް، ޕްރޮޓީންއާ ވިޓަމިންއާ މިނެރަލްވެސް ޖަމަލު ކިރުގައި އެކުލެވެއެވެ. ޚާއްޞަކޮށް ކެލްސިއަމްއެވެ.

އެކިވިހައާއި ބެކްޓީރިއާއާއި ދެކޮޅު މާއްދާތަކާއި، ދިފާޢީ ބާރު ވަރުގަދަކޮށްދޭ މާއްދާތައްވެސް ޖަމަލު ކިރުގައިވެއެވެ. އެކިއެކި ބަލިތައް، ވަކިން ޚާއްޞަކޮށް، ބަނޑާއި ލިވަރގެ ބަލިތަކައް ފަރުވާކުރުމަށްވެސް ޖަމަލު ކިރު ދެވެއެވެ. އެގޮތުން އެއްފަހަރަކު، ބަޔަކު މީހުން ރަސޫލާގެ އަރިހަށް އައިސް އެމީހުންގެ ބަނޑަށް ޖެހިފައިވާ ބައްޔެއް ރަނގަޅުނުވެގެން އެވާހަކަ ދެންނެވުމުން، ޖަމަލުގެ ކިރާއި އޭގެ ކުޑަކަމުދާ އެއްޗިހި ބުއިމަށް އެންގެވިއެވެ. އެމީހުން އެގޮތަށް ޢަމަލުކުރުމުން ﷲ ގެ އިޛްނަފުޅާއިއެކު އެބަލި ރަނގަޅުވިކަމަށް ހަދީސްއެއްގައިވެއެވެ.

ޖަމަލުގެ ހަންގަނޑާއި، އޭގެ ކެހެރި ބޭނުންކޮށްގެން އެކި ވައްތަރުވައްތަރުގެ ފޮތިފޭރާމާއި ހަންފޭރާން ތައްޔާރުކުރެވެއެވެ.

ބަލިވެއިނުމާއި ގާތުން ކިރުދިނުން

ޖަމަލަކީ، ވިހައި ކިރުދީ އުޅޭ ޖަނަވާރެކެވެ. ނުވަތަ މެމަލް އެކެވެ. ޖަމަލުގެ އަންހެން އެތި، ބަލިވެ އިންނަ ދުވަސްވަރު، އެކަމުގެ ދިގުމިން ގާތްގަނޑަކަށް އަހަރަކަށް ދެމިގެންދެއެވެ. އަދި ބައެއްފަހަރު 13 ވަރަކަށް މަސްވެސް ވެއެވެ.

ޖަމަލު ވިހާއިރު ވިހަނީ، ޢާންމުގޮތެއްގައި އެންމެ ޖަމަލެކެވެ. ވަރަށް މަދުން، ނާދިރު ފަހަރެއްގައިމެނުވީ ދޭއްޗެއް ނުވިހައެވެ. އަލަށް އުފަންވާ ޖަމަލުގެ ބަރުދަނުގައި، އުފަންވާއިރު ހުންނަނީ ގާތްގަނޑަކަށް 25 ކިލޯގްރާމާއި 50 ކިލޯގްރާމާއި ދެމެދެވެ. އުސްމިނުގައި ހުންނަނީ ގާތްގަނޑަކަށް 90 ސެންޓިމީޓަރެވެ. ޖަމަލު އުފަންވާތާ ގާތްގަނޑަކަށް ދެގަޑިއެއްހާއިރު ފަހުން، އޭގެ ފައިމައްޗަށް ތެދުވުމުގެ ބާރުލިބެއެވެ. ޅަޖަމަލަށް އެސޮރުގެ މަންމަ ގާތްގަނޑަކަށް 1 އަހަރު ދުވަސްވަންދެން ގާތުން ކިރުދެއެވެ. ޖަމަލެއްގެ އެވްރެޖް ޢުމުރަކީ 30 އަހަރެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.