އާދީއްތަ20181104

އާކުރެވުނީ: 08:43:52

Back ކަވާސާ ކުޑަކުދިންގެ ކުޑަކުދިންގެ ބައިތައް މަޢްލޫމާތު ފަލަކީ ޢިލްމުގައި މުސްލިމުންގެ ބައިވެރިވުން

ފަލަކީ ޢިލްމުގައި މުސްލިމުންގެ ބައިވެރިވުން

falakee-ilmu-muslimun1މުސްލިމުންގެ ގާތުގައި ފަލަކީ ޢިލްމު ކުރިއަރައިގެން ދިއުމުގައި އިސްލާމުދީންނަށް މުހިއްމު ދައުރެއް ލިބިގެންވެއެވެ. މުސްލިމުން އެންމެފުރަތަމަ އިރުއެރުމުގެ ކުރިން، ފަތިސް ނަމާދުކުރުމަށްޓަކައި ފަޖުރުގެ ވަގުތު ބަލައެވެ. އެއަށްފަހު ރޭގަނޑުވުމުން ޢިޝާ ނަމާދުކުރުމަށްޓަކައި އެކަމުގެ ޢަލާމާތްތަކަށް ބަލައެވެ. އެދެނަމާދުގެ ދެމެދުގައިވާ ވަގުތުތައް ބެލުމަށްޓަކައިވެސް، އިރުގެ ޙަރަކާތްތައް މުސްލިމުން މުތާބަޢާކުރެއެވެ. އެއީ މެންދުރުނަމާދާއި، ޢަޞްރުނަމާދާއި، މަޣްރިބު ނަމާދުގެ ވަގުތުތަކެކެވެ. ކޮންމެ ނަމާދެއްވެސް ވަގުތަށް އަދާކުރެވޭނީ މިވަގުތުތައް ރަނގަޅަށް އެނގިގެންކަމަށްވާތީއެވެ.

ރޯދަ ހިފަން ފައްޓަނީވެސް، ރަމަޟާން މަހުގެ ހަނދު ފެނުމުންނެވެ. އަދި ރޯދަ ހިފުން ހުއްޓާލައި ޢީދުކުރަނީވެސް، ހަނދުގެ ޙަރަކާތަށް ބަލައިގެންނެވެ. އޭނާ ކޮންމެތަނެއްގައިހުރެ ނަމާދުކުރަންޖެހުނު ކަމުގައިވީނަމަވެސް، ކަޢްބާ ހުންނަ ދިމާ ބަލަންޖެހެއެވެ. އެހެންކަމުން ބިމުގައި އޭނާ އެހުރިތަނެއް ދެނެގަންނަންޖެހެއެވެ. އުތުރާއި ދެކުނާއި ހުޅަނގާއި އިރުމަތި ފަރާތް އެނގެންޖެހެއެވެ.

 

ޤުރުއާން ކިޔަމުންދާއިރު، އޭނާގެ ބޯމަތީގައިވާ ފަޒާއާއިމެދު ރަނގަޅަށް ވިސްނައި ފިކުރުކުރުމަށް އަންގަވާފައިވާ އާޔަތްތައް ފެނެއެވެ. އެއާޔަތްތަކުގައި އުޑުތަކާއި ބިންތައް އުފެއްދެވި ގޮތާއިމެދު ވިސްނާ ފިކުރުކުރުމަށް އަންގަވާފައިވެއެވެ. އަދި ހަމައެފަދައިން ޤުރުއާނުގައި ވަކި ޕްލެނެޓްތަކަކާއި ތަރިތަކެއްގެ ނަންތައްވެސް އައިސްފައިވާތަން ފެނިގެންދެއެވެ. މިސާލަކަށް އައްނަޖްމު ސޫރަތުގެ 49 ވަނަ އާޔަތެވެ.

މުސްލިމު ޚަލީފާއިންގެތެރެއިން، ފަލަކީ ޢިލްމަށް އެންމެފުރަތަމަ ސަމާލުކަން ދެއްވި ބޭފުޅަކީ، އަބޫ ޖަޢްފަރުލް މަންޞޫރެވެ. އޭނާއަކީ ޢައްބާސީ ޚަލީފާއެކެވެ. ބޭރުބަސްބަހުން މިދާއިރާގައި ލިޔެފައިވާ ފޮތްތައް ތަރުޖަމާކުރުމަށް ބާރުއަޅުއްވައި އެކަންތައް ކުރާ ފަރާތްތަކަށް އޭނާ ފައިސާއާއި އިނާމުދެއްވާ ހެއްދެވިއެވެ. އޭނާގެ ދައުރުގައި މިފަދަ ބައެއް ފޮތްތައް ޢަރަބިބަހަށް ތަރުޖަމާކުރެވިފައިވެއެވެ. ޢިލްމުތައް ފެތުރުއްވުމުގައި، އޭނާ ކުރެއްވި މަސައްކަތް، އޭނާގެ ފަހުން ވަޑައިގެންނެވި ޚަލީފާއިންވެސް ކުރެއްވިއެވެ. ޔޫކްލީޑްސްއާއި، އާރކިމީޑީސްއާއި، ބަތުލައިމޫސް ފަދަ ކުރީގެ ގްރީކު ޢިލްމުވެރިންގެ ފޮތްތަކާއި ލިޔުއްވުންތައް މިދައުރުގައި ތަރުޖަމާކުރެވުނެވެ.

ފަލަކީ ޢިލްމުގައި، މުސްލިމުންގެތެރެއިން ވަރަށް މަޝްހޫރު ޢިލްމުވެރިން އުފެދިފައިވެއެވެ. އޭގެތެރޭގައި މުޙައްމަދު އަލްބައްތާނީ ހިމެނެއެވެ. އޭނާއަކީ، ބަތުލައިމޫސްގެ ބައެއް ކުށްތައް ރަނގަޅު ކުރައްވައި، މިދާއިރާގައި ކުރިން މީހަކު ހޯދާފައިނުވާ ނަތީޖާތަކާއި ހަމައަށް ވާޞިލުވެވަޑައިގެންނެވި ބޭފުޅެކެވެ.

މުޙައްމަދު އަލްފަރްޣާނީއަކީ، ހިޖްރައިން 4 ވަނަ ޤަރްނުގައި އުޅުއްވި މަޝްހޫރު ފަލަކީ ޢިލްމުވެރިއެކެވެ. އަހަރުގެ ފުރިހަމަ ދިގުމިނާއި، ރޭގަނޑާއި ދުވާލުގެ ދިގުމިން ކަނޑައެޅުމުގަޔާއި، ޕްލެނެޓްތަކާއި ތަރިތަކުގެ ޙަރަކާތްތަކާއިބެހޭގޮތުން، އޭނާ ވަރަށް އަގުހުރި ދިރާސާތަކެއް ކުރައްވާފައިވެއެވެ.

އަލްޙާކިމް ބިއަމްރިﷲ އަލްފާޠިމީގެ ވެރިކަމުގައި އުޅުއްވި، އިބްނު ޔޫސުފް އަލްމިޞްރީއަކީ، އިރުކޭތައާއި ހަނދުކޭތައާއިބެހޭގޮތުން ދިރާސާކުރެއްވި ޢިލްމުވެރިއެކެވެ. ލޮންގިޓިއުޑިނަލް ރޮނގުތައް ކަނޑައެޅުމުގައިވެސް އޭނާ މަސައްކަތް ފާހަގަކޮށްލެވެއެވެ. އިބްނު ޔޫނުސްގެ ޒަމާނުގައި، އަބުލްވަފާއުލް ބޫޒްޖާތީ ކިޔާ ޢިލްމުވެރިއަކުވެސް އުޅުއްވިއެވެ. އޭނާވަނީ، ފުރިހަމަ ފަލަކީ ޖަދުވަލްތަކެއް ހެއްދެވުމުގެ ސަބަބުން މަޝްހޫރުވެވަޑައިގެންފައެވެ.

އައްޒައިޖުއް ޞާބިއު: ފަލަކީ ފޮތްތަކުގެ މަތީފަޑީގައި

falakee-ilmu-muslimun2އަލްބައްތާނީ ލިޔުއްވި އައްޒައިޖުއް ޞާބިއު އަކީ، މުސްލިމު ފަލަކީ ޢިލްމުވެރިން ލިޔުއްވިފޮތްތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއްފޮތެވެ. މިފޮތުކީ މިޢިލްމަށް ވަރަށް އަސަރުފޯރުވި ފޮތެކެވެ. މީލާދީން 12 ވަނަ ޤަރްނުގައި ލެޓިންބަހަށް މިފޮތް ތަރުޖަމާކުރެވުނެވެ. ޔޫރަޕުގައިވެސް، މީގެ އެތައް ޗާޕުތަކެއް ކުރެވިފައިވެއެވެ.

ފަލަކީ ދާއިރާގައި މިފޮތް ބެލެވެނީ ބޮޑު އިންސައިކްލޮޕީޑިއާއެއްގެ ގޮތުގައެވެ. އޭގައި ބައްތާނީ، ފަލަކުގެ ދާއިރާ ހާމަކުރައްވައި، އުތުރު ތަނޑީގެ އުސްމިނާއި، ޕްލެނެޓްތަކުގެ ދުރުމިން ބަލާނެގޮތްތަކާއި، އިރުއަހަރުގެ ދިގުމިނާއި، ހަނދާއި ޕްލެނެޓްތައް ދަތުރުކުރާ މަގުތަކާއި، އިރުކޭތަ ހިފާގޮތާއި، ބުރުޖުތަކުގެ ފެށުމާއި އަދި އެނޫންވެސް މުހިއްމު މަޢްލޫމާތުތައް، ވަރަށް ފާޅުކަންބޮޑުގޮތަކަށް، ޓޭބަލްކޮށް، ފުރިހަމަ ހިސާބުތަކާއިއެކު ހިމަނުއްވާފައިވެއެވެ.

އޮބްސަވޭޓްރީތައް ބިނާކުރުން

ފަލަކީ ބަހުސްތައް ކުރުމަށް މުސްލިމުން، އޮބްސަވޭޓްރީތައްވެސް ހަދާފައިވެއެވެ. މިފަދަ ތަނެއް އިސްލާމީ ވެރިކަމުގައި އެންމެފުރަތަމަ ބިނާކުރެއްވި ބޭފުޅަކީ، ޢައްބާސީ ޚަލީފާ އަލްމައުމޫންއެވެ. އޭނާއަކީ، ޢިލްމަށާއި ޢިލްމުވެރިންނަށް ލޯބިކުރައްވައި، ހިތްވަރު ދެއްވި ޚަލީފާއެކެވެ. ދިމިޝްޤުގެ ޤާސިޔޫން ފަރުބަދަމަތީގައާއި، ބަޣްދާދުގެ އައްޝަމާސިއްޔާގައި އޮބްސަވޭޓްރީ ބިނާކުރުމަށް އޭނާ އެންގެވިއެވެ. އޭނާގެ ވެރިކަމުގައާއި، އޭނާ އަވަހާރަވުމަށްފަހުގައިވެސް، އިސްލާމީ ދައުލަތުގެ އެކި ހިސާބުތަކުގައި މިފަދަ ބިނާތައް ކުރެވިފައިވެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.