ބުރާސްފަތި20180920

އާކުރެވުނީ: 08:43:52

ﷲ އަށް އީމާންވުން

eman1ﷲ އަށް އީމާންވުމަކީ، އީމާންކަމުގެ ހަ ރުކުނުގެ ތެރެއިން ފުރަތަމަ ރުކުނެވެ. މީގެ އިތުރަށް ހިމެނޭ ރުކުންތަކަކީ: މަލާއިކަތްބޭކަލުންނަށް އީމާންވުން، ބާވައިލެއްވި ފޮތްތަކަށް އީމާންވުން، ރަސޫލުބޭކަލުންނަށް އީމާންވުން، އާޚިރަތް ދުވަހަށް އީމާންވުން، ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުން، މިއެވެ.

ﷲ އަށް އީމާންވުމުގެ މާނައަކީ، އެއްކައުވަންތަ އިލާހެއް ވާ ކަން ހިތުގެ އަޑިން ޤަބޫލުކުރުމެވެ. އެ ކަލާނގެ އަކީ، މިއޮތް ބޮޑު ކައުނު ހެއްދެވި ކަލާނގެއެވެ. ދުނިޔޭގައިވާހާ ކަނޑުތަކާއި ކޯރުތަކާއި، ފަރުބަދަތަކާއި ގަސްތަކާއި، ޖަނަވާރާއި ދޫނި ސޫފާސޫފި ހެއްދެވީ ވެސް އެ ކަލާނގެ ކަން ޤަބޫލު ކުރުމެވެ. އަދި އަހަރެމެން

ހައްދަވައި، އަހަރެމެންނަށް ރިޒުޤު ދެއްވަނީ ވެސް އެ ކަލާނގެ ކަން ޤަބޫލު ކުރުމެވެ.

 

މި ދުނިޔޭގައި އަހަރެމެންނަށްޓަކައި، މާތް ﷲ އުފައްދަވާފައިވާ މަޚްލޫޤާތު ފެނެއެވެ. އެ ކަމަކު މި ދުނިޔޭގައި އަހަރެމެންނަށް މާތް ﷲ ނުފެންނާނެއެވެ. ނަމަވެސް މި ދުނިޔޭގައި ވާހާ އެއްޗަކީ، މާތް ﷲ ވޮޑިގެންވާ ކަމާއި، އެ ކަލާނގެ ޤުދުރަތްތެރިކަން ދަލީލުކޮށްދޭ އެއްޗެކެވެ.

ނުފެންނަ ވަރަށް ގިނަ އެއްޗެހި އެއީ ވާ އެއްޗެއް ކަމަށް އަހަރެމެން ޤަބޫލު ކުރަމެވެ. މިސާލަކަށް ތި ކުދިންނަށް ވައި ފެނޭހެއްޔެވެ؟ އެކަމަކު ވައި ޖެހިފައި ގަހުގެ ފަތްތައް ހެލެން ފެށީމާ، ވައި އެއީ ވާ އެއްޗެއްކަން އެނގެއެވެ. އަހަރެމެންނަށް ކަރަންޓެއް ވެސް ނުފެނެއެވެ. އެކަމަކު ކަރަންޓުން އައިސްގެން ބޮކި ދިއްލުނީމާ، އެ ނަރުގައި ކަރަންޓު ހުރިކަން އެނގެއެވެ. އަހަރެމެން ކޮންމެ ދުވަހަކު މި ކާ ކާއެއްޗެއްސާއި ބޯއެއްޗެހީގައި ހުންނަ ވިޓަމިންސް ފަދަ އެއްޗެހި ވެސް ހަމަ ލޮލުން އަހަރެމެންނަކަށް ނުފެނެއެވެ. ނަމަވެސް އެއީ ވެސް ވާ އެއްޗެއް ކަމަށް އަހަރެމެން ޤަބޫލު ކުރަމެވެ. ނުފެންނަ އެއްޗެހި އެއީ ވާ އެއްޗެއް ކަން އަހަރެމެންނަށް އެނގެނީ ބުއްދިންނެވެ. ލޮލަށް ފެނިގެނެއް ނޫނެވެ.

މާތް ﷲ ވަޙީ ކުރައްވަނީ: لا تُدْرِكُهُ الأَبْصَارُ وَهُوَ يُدْرِكُ الأَبْصَارَ وَهُوَ اللَّطِيفُ الْخَبِير

މާނައަކީ: '' އެ ކަލާނގެ ޒާތުފުޅު (މިދުނިޔޭގައި) ލޯތަކަކަށް ނުފެންނާނެއެވެ. އެ ކަލާނގެ އެ ލޯތައް ދެކެވޮޑިގެންވެއެވެ. އެ ކަލާނގެއީ އޯގާވަންތަ ރަސްކަލާނގެއެވެ. ކަންތައްތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.'' (އަލްއަންޢާމް:103)

މާތް ﷲ އަކީ އެއްކައުވަންތަ ރަސްކަލާނގެއެވެ. އެ ކަލާނގެއަށް އެއްވެސް ޝަރީކަކު (ބައިވެރިއަކު) ނުވެއެވެ. މި ކައުނު ހިނގަމުން މިދަނީ ހަމަ އެކަނި މާތް ﷲ ގެ އިރާދަފުޅުގެ ދަށުންނެވެ. މާތް ﷲ ވަޙީ ކުރައްވަނީ: قُلْ هُوَ اللَّهُ أَحَدٌ  * اللَّهُ الصَّمَدُ   *  لَمْ يَلِدْ وَلَمْ يُولَدْ   * وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ

މާނައަކީ: ''ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ މާތް ﷲ އެވެ. * އަދި، އެންމެހައިތަކެތި އެކަލާނގެ ރަސްކަންފުޅަށް ބޭނުންތެރިވެގެންވާ، އަދި އެހެން އެއްވެސް އެއްޗަކަށް އެ ކަލާނގެ ރަސްކަންފުޅު ބޭނުންވެވޮޑިގެންނުވާ މާތް ﷲ އެވެ. * އެ ކަލާނގެ ރަސްކަންފުޅަށް ދަރިކަލަކު ލިބިވަޑައިނުގަނެއެވެ. އަދި އެ ކަލާނގެ ރަސްކަންފުޅު އެހެން އެއްވެސް ފަރާތަކަށް އުފަންވެވޮޑިގެންފައި ނުވެއެވެ. * އެފަދަވެގެންވާ ހަމައެކައްޗެއް ވެސް، އެ ކަލާނގެ ރަސްކަންފުޅަށް ނުވެއެވެ. '' (އަލްއިޚްލާޞް: 1-4)

ކައުނުގައި އެއް އިލާހަށް ވުރެ ގިނަ އިލާހުން ތިބޭނަމަ ވާނެ ގޮތަކީ، އެ އިލާހުންތަކުގެ މެދުގައި އަރާރުން އުފެދޭ ގޮތްވާނީއެވެ. ކޮންމެ އިލާހަކު ވެސް ބޭނުންވާނީ އަނެއް އިލާހުގެ މައްޗަށް ގަދަވެގަންނާށެވެ. މިހެން މިކަން އޮވެއްޖެނަމަ ވާނެ ގޮތަކީ، ކައުނުގެ ނިޒާމް ގެއްލި، ކައުނު ހަލާކުވެގެން ހިނގައިދާނެއެވެ. މި ކަމަށް އިޝާރަތް ކުރައްވައި މާތް ﷲ ވަޙީ ކުރައްވަނީ: مَا اتَّخَذَ اللَّهُ مِن وَلَدٍ وَمَا كَانَ مَعَهُ مِنْ إِلَهٍ إِذًا لَّذَهَبَ كُلُّ إِلَهٍ بِمَا خَلَقَ وَلَعَلَا بَعْضُهُمْ عَلَى بَعْضٍ سُبْحَانَ اللَّهِ عَمَّا يَصِفُونَ

މާނައަކީ: ''މާތް ﷲ، އެއްވެސް ދަރިކަލަކު، ދަރިކަނބަލަކު ބޭނުންފުޅެއް ނުކުރައްވަތެވެ. އަދި އެ ކަލާނގެ ރަސްކަންފުޅާއެކު އެހެން އެއްވެސް އިލާހަކު ނެތެވެ. އެހެންވީނަމަ، ކޮންމެ އިލާހަކުމެ، އެ އިލާހަކު ހެދިތަކެއްޗާއިގެން ހިނގައްޖައީހެވެ. އަދި އޭގެތެރެއިން އެއް އިލާހަކު އަނެއް އިލާހަކަށް ވުރެން މަތިވެރިވެގެން ހިނގައްޖައީހެވެ. އެބައިމީހުން ސިފަކުރާގޮތްތަކުން މާތް ﷲ ހުސް ދުރުވެވޮޑިގެންވެއެވެ. '' (އަލްމުއުމިނޫން: 91)

މާތް ﷲ އަށް އީމާން ވުމަކީ ކޮންމެ މަޚްލޫޤެއްގެ ނަފްސުގައި ވެސް ވާ ފިޠްރީ ޝުޢޫރެކެވެ. އޭނާގެ ނަފްސުގެ އެންމެ ފުނުން އެކަން އިޙްސާސްވާނެ ކަމެކެވެ. އިންސާނަކަށް ހައްލު ނުކުރެވޭނެ، ދަތި އުނދަގޫތަކާ ކުރިމަތިވުމުން ކޮންމެ އިންސާނަކު ވެސް ދުޢާ ކުރާނީ، އޭނާ ހެއްދެވި އިލާހަށެވެ.

މި ކައުނުގައި ވާހާ އެއްޗެއް ވެސް ދަލީލުކޮށް ދެނީ، މަތިވެރިވަންތަ ޚާލިޤަކު ވޮޑިގެންވާކަމެވެ. އަދި އިންސާނާގެ ފިޠްރަތު ޤަބޫލު ކުރާ ގޮތަކީ ވެސް، ﷲ ވޮޑިގެންވާނެ ކަމެވެ.

ނަމަވެސް ބައެއް މީހުންގެ ކިބައިގައި ހުންނަ ކިބުރުވެރިކަމާއި އަނިޔާވެރިކަމުގެ ސަބަބުން އެ މީހުން މި ފިޠްރަތާއި ގަސްދުގައި ޚިލާފުވެއެވެ. އަދި ﷲ ވޮޑިގެން ނުވާކަމަށް ބުނެ ދޮގުތައް ހަދައެވެ. އެފަދަ މީހުންނަށް ކިޔޭ ނަމަކީ މުލްޙިދުންނެވެ.

ﷲ ވޮޑިގެންވަނީ ކޮންތާކު؟

އަހަރެމެން މި އުޅޭ ބިމަކީ ވަށް ބޯޅައެއްގެ ސިފައިގައި ވާ އެއްޗެކެވެ. ދެން ބިމުގެ ވަށައިގެން މި ވަނީ އޭގެ ނިމުމެއް އަހަރެމެންނަށް ނޭނގޭ ފާޟާއެކެވެ. 6 ބިލިއަން އިންސާނުންނާއި، އެތަކެއް ސަތޭކަ ބިލިއަން ޖަނަވާރަކާއި އަދި ބޮޑެތި ފަރުބަދަތަކާއި ކޯރުތަކާއި، ޖަންގަލިތައް ހިމެނޭ މި ދުނިޔެ އަކީ، ފަޟާއަށް ނިސްބަތްކޮށް ބަލާއިރު ވަރަށް ކުޑަ އެއްޗެކެވެ. ސަހަރާއެއްގައި ވާ ވެލިފުކެއް އެ ސަހަރާއަށް ނިސްބަތް ކުރުމެކޭ އެއްފަދައެވެ.

އަހަރެމެން މާތް ﷲ އަށް ދުޢާ ދަންނަވަންވެއްޖެނަމަ، އުޑާ ދިމާއަށް މައްޗަށް އަތް އުފުލާލަމެވެ. އަދި ކޮންމެ މީހެއް ގާތުގައި، މާތް ﷲ ވޮޑިގެންވަނީ ކޮންތާކުހޭ އެހިޔަސް އޭނާ އެޖަވާބު ދޭނީ، އެ ކަލާނގެ ވޮޑިގެން ވަނީ އުޑުގައި ކަމަށެވެ.

މާތް ﷲ ވޮޑިގެންވަނީ އުޑުގައިކަން ޤަބޫލު ކުރުން، އެއީ އިންސާނާގެ ފިޠުރަތުގައި މާތް ﷲ ލައްވާފައިވާ ކަމެކެވެ. ނަމަވެސް ހުރިހާ ތަނެއްގައި ވެސް އެ ކަލާނގެ ދެނެވޮޑިގަތުން ވެއެވެ. މާނައަކީ މި ކައުނުގައި ވާހާ ކަމެއް އެކާލާނގެ ބައްލަވައިވޮޑިގެންވެއެވެ. އަދި ދެނެވޮޑިގެންވެއެވެ. މާތް ﷲ އުޑުގައި ވޮޑިގެން ވިޔަސް، އެއީ ކިހިނެއްކަން އަހަރެމެންނަކަށް ނޭނގެއެވެ. ސަބަބަކީ އެ ކަލާނގެއާ އެއްގޮތް އެހެން އެއްވެސް އެއްޗެއް ނުވާތީއެވެ.

ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޙަޔާތްޕުޅުގައި، މީހަކު ގެންގުޅުނު އަންހެން ޖާރިއާއެއް އުޅުނެވެ. ދެން ވީ ގޮތަކީ އެއް ދުވަހަކު އެ ޖާރިއާ ބަލަހައްޓަމުން ދިޔަ ކަންބަޅިތަކުގެ ތެރެއިން ކަންބަޅިއެއް، ހިޔަޅެއް އައިސް ކާލިއެވެ. އެ ކަމާ ޖާރިއާގެ ޞާހިބު މީހާ ވަރަށް ރުޅިއައެވެ. އަދި މީހުންގެ ގައިގައި ޖެހުމަކީ ގޯސް ކަމަކަށް ވާ ހިނދު ވެސް، އެ މީހާ އެ ޖާރިއާގެ ގައިގައި ޖެއްސެވެ. ދެން މި ޚަބަރު ރަސޫލާ އަރިހަށް ގެންދެވުނެވެ. އެ ހިނދު ރަސޫލާ ޖާރިއާ ގެންނަވާފައި ސުވާލު ކުރެއްވިއެވެ:

- ﷲ ވޮޑިގެންވަނީ ކޮންތާކު؟

ޖާރިއާ: ﷲ ވޮޑިގެންވަނީ އުޑުގައި.

ދެން ރަސޫލާ ސުވާލު ކުރެއްވިއެވެ:

- ތިމަންކަލޭގެފާނަކީ ކާކުތަ؟

ޖާރިއާ: ކަލޭގެފާނަކީ ﷲ ގެ ރަސޫލާ.

ދެން ކީރިތި ރަސޫލާ އެ ޖާރިއާގެ ޞާހިބު މީހާއަށް އެންގެވީ، އެ ޖާރިއާ އަކީ މުއުމިނެއް ކަމަށެވެ. އަދި އޭނާ މިނިވަން ކުރުމަށް ވެސް އެންގެވިއެވެ.

ﷲ އަހަރެމެން ބައްލަވައިވޮޑިގެންވޭ:

ހުރިހާ ވަގުތަކު ވެސް ﷲ އަހަރެމެން ބައްލަވައިވޮޑިގެންވެއެވެ. އަދި އަހަރެމެން ވާ ކޮންމެ ތަނެއްގައި އެ ކަލާނގެ އަހަރެމެން ކުރާ ކަންތައް ދެކެވޮޑިގެންވެއެވެ. އަދި އަހަރެމެން ބުނާ ކޮންމެ އެއްޗެއް އައްސަވާވޮޑިގެންވެއެވެ. އަދި އަހަރެމެން ކުރާ ކޮންމެ ކަމެއް ދެނެވޮޑިގެންވެއެވެ. ކަމެއް އަހަރެމެން ކިތަންމެ ސިއްރު ކުރިއަސް، އަދި އަހަރެމެން ހިތަށް އަރާ އެއްޗެހި ވެސް، އެ ކަލާނގެ ދެނެވޮޑިގެންވެއެވެ.

އަހަރެމެން ﷲ ދެކެ ލޯބިވެ އަދި ކިޔަމަންތެރިވަމެވެ:

މާތް ﷲ ހުރިހާ އިންސާނުން އުފައްދަވާފައި ވަނީ އެއް ބައްޕައަކާއި އެއް މަންމައަކުންނެވެ. އެއީ އާދަމްގެފާނާއި ޙައްވާގެފާނެވެ. އަދި ދުނިޔޭގައިވާހާ އެއްޗެއް، މާތް ﷲ އުފެއްދެވީ، އިންސާނުންނަށްޓަކައެވެ. އަދި އެ މީހުންގެ އުފަލައްޓަކައެވެ.

ވީމާ އިންސާނުންގެ ކުލައާއި ނަސްލާއި ވާހަކަ ދައްކާ ބަސް މިހާރު ކިތަންމެ ތަފާތަސް، ހުރިހާ އިންސާނުންނަކީ ވެސް އެއް އަސްލަކުން އައިސްފައި ތިބި ބައެކެވެ. އަދި އެ މީހުންގެ ވެރިރަސްކަލާނގެ އަކީ އެއްކައުވަންތަ މާތް ﷲ އެވެ. ވީމާ އެ ކަލާނގެއަށް ޝުކުރުވެރިވެ، އެ ކަލާނގެ އަމުރު ކުރައްވާ ކޮންމެ އަމުރަކަށް ކިޔަމަން ގަތުމަކީ ހަމަ ކޮންމެ އިންސާނަކަށް ވެސް ވާޖިބު ކަމެކެވެ. އަބަދު ވެސް އިންސާނުންނަށް، މާތް ﷲ ރުހިވޮޑިގަންނަވަނީ ހެޔޮ ގޮތެވެ. އެހެންވެ، އިންސާނުންނަށް ގެއްލުން ހުރި އެއްވެސް ކަމަކަށް އެ ކަލާނގެ އަމުރު ނުކުރައްވައެވެ. އެ ކަލާނގެ މަނާ ކުރައްވާފައިވާ ކަންތަކަކީ، އެއިން އިންސާނުންނަށް ގެއްލުން ހުންނަ ކަންތަކެވެ. އަދި ކުރަން އަމުރު ކުރައްވާފައި ވަނީ އިންސާނުންނަށް ފައިދާ ހުންނަ ކަންތަކެވެ.

އަހަރެމެން ކުރާ ކަންތައް ރަނގަޅަށް ކޮށް، ކުރާ ކޮންމެ ކަމެއް އެންމެ ފުރިހަމައަށް ކުރަނީ، އެއީ މާތް ﷲ އެކަން ބައްލަވައިވޮޑިގެންވާކަން އަހަރެމެންނަށް އެނގޭތީއެވެ. އަދި މާތް ﷲ އަށް ކިޔަމަންތެރިވެ އެ ކަލާނގެއަށް އަޅުކަން ކުރުމުގެ ގޮތުން އަހަރެމެން ކުރާ ހެޔޮކަންތައް، އެ ކަލާނގެ ބައްލަވައިވޮޑިގަތުމަކީ އަހަރެމެން އުފާ ވެސް ވާކަމެކެވެ.

ޢާއިޝަތުގެފާނު ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހުން ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ. إنَّ اللهَ يُحِب إذا عَمِل أحَدَكُم عَمَلا أن يُتقِنَه

މާނައަކީ: ''ތިޔަބައިމީހުންގެ ތެރެއިން މީހަކު ކަމެއް ކޮއްފިއްޔާ އެ ކަމެއް ފުރިހަމައަށް ކުރުމަކީ، މާތް ﷲ ލޯބިވެވޮޑިގަންނަވާ ކަމެކެވެ.''

ހެއްދެވި ފަރާތަކީ ﷲ :

eman2މި ކައުނާއި ކައުނުގައި ވާހާ އެއްޗެއް ހެއްދެވީ މާތް ﷲ އެވެ. އެ ކަލާނގެ މި ހުރިހާ އެއްޗެއް ވެސް ހައްދަވާފައި ވަނީ ވަކި ޙިކުމަތަކަށްޓަކައެވެ. އަދި ވަކި ނިޒާމެއްގެ ދަށުންނެވެ. ކައުނުގައިވާ މިހުރިހާ އެއްޗެއް އެކަތި އަނެކައްޗާއި ގުޅިގެން ވަކި ނިޒާމަކުން ހިނގަމުން ދިއުމަކީ، މާތް ﷲ ގެ ކުޅަދުންވަންތަ ކަމުގެ ހެއްކެކެވެ. އިރު ދަތުރު ކުރަމުން ދަނީ ވަކި ފަލަކެއްގައި ވަރަށް ނާޒުކު ނިޒާމެއްގެ ދަށުންނެވެ. ހަނދު ދަތުރު ކުރަމުން ދަނީ ބިން ވަށައިގެން ނަމަވެސް ބިމުގައި ނުޖެހި އަބަދު ވެސް ވަކި ދުރުމިނެއްގައި ހުރެގެންނެވެ. ކޮންމެ ދުވަކު ވެސް ވަކި ވަގުތެއް ޖެހުމުން އިރު އޮއްސުނީމާ ރޭގަނޑު އާދެއެވެ. އަދި ވަކި ވަގުތެއް ޖެހުމުން އިރު އެރުމުން ދުވާލުވެއެވެ. ދުނިޔެ ހެއްދެވީއްސުރެ ވެސް މިކަން ހިނގަމުން ދަނީ މި ގޮތަށެވެ. ތިއިން ކުއްޖަކު މަދަރުސާއަށް ދާންވެގެން ތެދުވާ އިރު އެ ދުވަހު އިރު ނާރާއި ލަސްވެއްޖިއްޔާ ދެން ވާނެ ގޮތް ނިކަން ވިސްނާލަ ބަލާށެވެ. ނަމަވެސް މިއީ ވުން މުސްތަޙީލު ކަމެކެވެ.

އިންސާނުންގެ އިތުރުން ދުނިޔޭގައި މާތް ﷲ ވަނީ ޖިންނީން ވެސް ލައްވާފައެވެ. ޖިންނީންގެ ތެރޭގައި ވެސް މުސްލިމް ޖިންނިއާއި އަދި ކާފިރު ޖިންނި އުޅެއެވެ. އަދި ޖިންނިއަކީ ރަނގަޅު މުސްލިމުންނަށް ގެއްލުން ދެވޭނެ ބައެއް ވެސް ނޫނެވެ. ހަމަ އެހެންމެ ތަފާތު ބާވަތްތަކުގެ ގަސްގަހާ ގެއްސާއި މަސްމަހާ މެއްސާއި ދޫނި ސޫފާސޫފި ވެސް މާތް ﷲ ވަނީ މި ބިމުގައި ލައްވާފައެވެ. އަދި ކޮންމެ މަޚްލޫޤަކަށް ބޭނުންވާނެ ކާނާ ވެސް ލައްވާފައި ވެއެވެ. މި ހުރިހާ އެއްޗެއް ވެސް ހެއްދެވީ މާތް ﷲ އެވެ.

ﷲ އަކީ ކުޅަދުންވަންތަ ރަސްކަލާނގެ:

މާތް ﷲ ގެ ކުޅަދުންވަންތަކަން، އެ ކަލާނގެ އުފައްދަވާފައިވާ ކޮންމެ މަޚްލޫޤަކުން ވެސް ފެނެއެވެ. ﷲ ގެ ކުޅަދުންވަންތަކަން ދައްކައިދޭ ވަރަށް ގިނަ ހެކިތައް އަހަރެމެންގެ ވަށައިގެން އެބަ ވެއެވެ. އެ ހުންނަ އުސް ފަރުބަދަތަކަކީ، ދުނިޔެ އެނބުރޭ އިރު ދުނިޔޭގެ ވަޒަން ހިފެހެއްޓުމަށް ވަރަށް މުހިއްމު އެއްޗެކެވެ. މި ފެންނަ އިރަކީ، އެއިން އަހަރެމެންނަށް އައްޔާއި، އަދި ބޭނުންވާ ހޫނާއި ހަކަތަ ލިއްބައިދޭ އެއްޗެކެވެ. ވަށައިގެން މިވާ މާ ތަކަކީ، އެއިން ހިތްހަމަޖެހުން ލިބި އަދި މީރު ވަސް ލިއްބައިދޭ އެއްޗެކެވެ. މި ހުންނަ ހުރިހާ ގަސްގަހާ ގެއްސަކީ އެއް ބިންގަނޑަކުން ފަޅާ، އެއް ފެނެއް ދީގެން ބޮޑު ކުރާ އެއްޗެކެވެ. ނަމަވެސް އޭގެ ކުލައާއި، މޭވާ ތަފާތެވެ. އަދި އެއް މޭވާގެ ތެރޭގައި ވެސް ތަފާތު ރަހަ ހުރެއެވެ. އަހަރެމެންގެ ލޮލަށް ފެނުމާއި، ކަންފަތަށް އަޑު އިވުމާއި، ހަންގަނޑުން އިޙްސާސް ވުމާއި، ދުލުން ރަހަ ބެލުމާއި، ނޭފަތުން ވަސް ބެލުމަކީ، މާތް ﷲ ގެ ކުޅަދުންވަންތަކަން ވަރަށް ރަނގަޅަށް އެނގޭ ކަންކަމެވެ. އަދި އުޑުގައި ވާ އެތަކެއް ބިލިއަން ތަރިތައް އެކަތި އަނެކައްޗާއި މުޑި ނާރާ ދަތުރު ކުރުމާއި، އަހަރެމެންގެ މި ދުނިޔެ މިވާ ގެލެކްސީގެ ޕްލެނެޓްތައް، އަބަދު ވެސް ވަކި ފަލަކެއްގައި ދަތުރު ކުރުމާއި، ވާރޭ ވެހުމާއި، އިންސާނާ އުފެދި ބޮޑުވުމާއި، އަދި އިންސާނުން އުފެދޭ ގޮތަކީ ވެސް، ހައިރާން ކުރަނިވިފަދައަކުން ވާ ކަންތަކެވެ. އަދި އެއީ މާތް ﷲ ގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކެކެވެ.

ރިޒުޤު ދެއްވަނީ ﷲ :

ދުނިޔޭގައިވާހާ ކުޑަ ބޮޑު ހުރިހާ ދިރޭ އެއްޗަކަށް ރިޒުޤު ދެއްވަނީ މާތް ﷲ އެވެ. ހުރިހާ އިންސާނުންނާއި، ދޫނިސޫފާސޫއްޕާއި، ގަސްގަހާގެއްސާއި، އެންމެ ކުޑ ޖަރާސީމާއި ވައިރަސް ފަދަ އެއްޗަށް ވެސް ރިޒުޤު މިންވަރު ކުރައްވަނީ މާތްﷲ އެވެ. އަދި މި މިހުރިހާ ތަކެތި ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދެއްވައި، ކާނާ ހޯދާނެ ގޮތް ދަސްކޮށް ދެއްވީ ވެސް ﷲ އެވެ.

ﷲ އަކީ އެކަލާނގެ ޚަލްޤުތަކުންނަށް އޯގާތެރިވަންތަ ރަސްކަލާނގެ:

މާތް ﷲ ގެ ރަޙްމަތްފުޅަކީ ވަރަށް ތަނަވަސް އެއްޗެކެވެ. އެހެންވެ އަހަރެމެން ބަލާލި ކޮންމެ ދިމާއަކުން ވެސް ފެންނާނީ، އެ ކަލާނގެ ރަޙްމަތްފުޅެވެ. އެކަލާނގެ ރަޙްމަތްފުޅު ކުދިބޮޑު ހުރިހާ މަޚްލޫޤާތުތަކެއް ޝާމިލުވެއެވެ. އެ ގޮތުން މާތް ﷲ ވަޙީ ކުރައްވަނީ: وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ

މާނައަކީ: ''ތިމަންރަސްކަލާނގެ ރަޙްމަތް ހުރިހާ އެއްޗަކަށްމެ ތަނަވަސްވެގެންވެއެވެ. '' (ސޫރަތުލް އަޢްރާފް: 156)

ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރައްވާފައި ވަނީ: جَعَلَ اللَّهُ الرَّحْمَةَ مِائَةَ جُزْءٍ، فَأَمْسَكَ عِنْدَهُ تِسْعَةً وَتِسْعِينَ جُزْءًا، وَأَنْزَلَ فِي الْأَرْضِ جُزْءًا وَاحِدًا، فَمِنْ ذَلِكَ الْجُزْءِ  يَتَرَاحَمُ الْخَلْقُ، حَتَّى تَرْفَعَ الْفَرَسُ حَافِرَهَا عَنْ وَلَدِهَا خَشْيَةَ أَنْ تُصِيبَهُ

މާނައަކީ: ''މާތް ﷲ، ސަތޭކަ ބަޔަށް ރަޙްމަތް ބައްސަވާލެއްވެވިއެވެ. އަދި އެ ކަލާނގެ ޙަޟްރަތުގައި އޭގެ ތެރެއިން ނުވަދިހަ ނުވަ ބައި ބެހެއްޓެވިއެވެ. އަދި ބިމަށް އެއް ބައި ފޮނުއްވެވިއެވެ. ހުރިހާ ޚަލްޤުތަކުން އެއްބަޔަކު އަނެއްބަޔަކަށް ރަޙްމަތް ބަހައްޓަނީ އެ ބައިންނެވެ. އަންހެން އަސް އޭތީގެ ދަރީގެ ގައިގައި ޖެހިދާނެކަމަށްޓަކާ ފައި އުފުލާލަނީ ވެސް އެ ރަޙްމަތުގެ ސަބަބުންނެވެ.'' (ޞަޙީޙުލް ބުޚާރީ: 5654)

ވީމާ އިންސާނުން އެއްބަޔަކު އަނެއްބަޔަކަށް ބަހައްޓާ ރަޙުމަތަކީ ވެސް، އެއީ މާތް ﷲ މިންވަރު ކުރައްވައިގެން ވާ ކަމެކެވެ.

ﷲ ގެ އިސްމުފުޅުތައް:

މާތް ﷲ އަށް ވަރަށް ގިނަ އިސްމުފުޅުތަކާއި ސިފަފުޅުތަކެއް ވެއެވެ. އިންސާނުންނަށް ނިސްބަތްކޮށް ވާހަކަ ދައްކާއިރު އަހަރެމެން ބޭނުންކުރާ ލަފްޒަކީ ''ނަން'' ނުވަތަ ''ނަންފުޅު'' އެވެ. ނަމަވެސް ﷲ އަށް ނިސްބަތްކޮށް ބޭނުންކުރާއިރު އަހަރެމެން ބޭނުން ކުރާ ލަފްޒަކީ ''އިސްމުފުޅު'' އެވެ. ﷲ އަށް ވާ އިސްމުފުޅުތަކާއި ސިފަފުޅުތަކަކީ އެކަލާނގެ ޒާތުފުޅާއި އެކަށީގެންވާ، އަދި އެއްވެސް އުނިކަމެއް ނެތް އިސްމުފުޅުތަކަކާއި ސިފަފުޅުތަކެކެވެ. މާތް ﷲ އަކީ ހުރިހާ އުނިސިފައަކުން ހުސްޠާހިރުވަންތަ ރަސްކަލާނގެއެވެ. އަހަރެމެންނަށް ވަރަށް ގިނައިން އަޑި އިވޭ '' ސުބުޙާނަﷲ '' މި ޖުމްލައިގެ މާނައަކީ، މާތް ﷲ އަކީ ''ހުރިހާ އުނިސިފައަކުން ހުސްޠާހިރުވަންތަ ރަސްކަލާނގެއެވެ.'' މާތް ﷲ އަށް ވަރަށް ގިނަ އިސްމުފުޅުތަކެއް ވެއެވެ. ނަމަވެސް މިފަހަރު ދިހަ އިސްމުފުޅު ދަސްކުރެވޭތޯ ބަލަމާ ހިނގާށެވެ.

1- ﷲ (ﷲ) 2- އައްރަޙީމް (ރަޙްމަތްވަންތަ) 3-އަލްކަރީމް (ދީލަތިވަންތަ) 4- އަލްޢަލީމް (ދެނެވޮޑިގަންނަވާ) 5-އަލްބަޞީރް (ބައްލަވާވޮޑިގެންވާ)

6- އަލްޤާދިރް (ކުޅަދުންވަންތަ) 7- އައްރައްޒާޤް (ހުރިހާ ރިޒުޤެއް ދެއްވާ ރަސްކަލާނގެ) 8- އައްސަމީޢް (އައްސަވާވޮޑިގެންވާ) 9- އަލްވާޙިދް (އެއްކައުވަންތަ) 10- އަލްޣައްފާރް (ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ)

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.