ދީލަތިކަން
- އިސްމާޢީލް ނާޖީ
- 04 ޑިސެމްބަރު 2006
ދީލަތިކަމަކީ ވަރަށް ރީތި ވަރަށް ރަނގަޅު ސިފައެކެވެ. ދީލަތި މީހުން ދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ. އަދި ދީލަތި މީހުންދެކެ މީހުންވެސް ލޯބިވެއެވެ. ދީލަތިކަމަކީ ރަނގަޅު ސިފައަކަށް ވީމާ، އިސްލާމް ދީން ވަނީ އެންމެންވެސް ދީލަތި ވުމަށް ގޮވާލާފައެވެ. ދީލަތިކަމުގެ އިދިކޮޅު ސިފައަކީ ދަހިކަމެވެ. ދަހި ކަމަކީ ވަރަށް ހަޑި ސިފައެކެވެ. އަދި އިސްލާމް ދީން މަނާ ކުރާ ކަމެކެވެ.
ދީލަތި ވުމަށް އިސްލާމް ދީން ގޮވާލާފައި ވެއެވެ. އަދި ހޭދަ ކުރުމަށް ދީން ބާރު އަޅައެވެ. ސަބަބަކީ އެއް ބަޔަކު އަނެއް ބަޔަކަށް އެއްޗެހި ދީ ހެދުމުން، އެ މީހުންގެ ތެރެގައި ލޯތްބާއި އެކުވެރިކަން އުފެދެއެވެ. އޭރުން މުޅި މުޖްތަމަޢް ގައި ވެސް އޮންނާނީ ލޯތްބާއި
އެކުވެރިކަން ފެތުރިފައެވެ. އަދި ޙަސަދަވެރިކަމާއި ނަފްރަތު މީހުންގެ ކިބައިން ފިލައިގެން ދާނެއެވެ. ދީލަތިކަން މުޖްތަމަޢްގައި ފެތުރުނީމާ، މުއްސަނދިން ފަޤީރުން ދެކެ ލޯބިވާނެއެވެ. އަދި ފަޤީރުންނާ އަޅާލާނެއެވެ. އަދި ހަމަ އެހެންމެ ފަޤީރުން ވެސް މުއްސަނދިން ދެކެ ލޯބިވާނެއެވެ. އަދި މުޅި މުޖްތަމަޢްގެ އެއްބައިވަންތަކަން ވަރުގަދަވާނެއެވެ. އޭރުން މުޅި މުޖްތަމަޢަކީ ވަރުގަދަ ފަރުބަދައެއް ކަހަލަ ވަރުގަދަ އެއްޗަކަށް ވާނެއެވެ.
މާތް ﷲ ގެ އިސްމުފުޅުތަކުގެ ތެރެއިން ތި ކުދިންނަށް އެނގެނީ ކިތައް އިސްމުފުޅު ހެއްޔެވެ؟ ''ދީލަތި'' މި މާނަ އޮންނަ ﷲ ގެ އިސްމުފުޅެއް ދަންނަން ހެއްޔެވެ؟ ''އަލްކަރީމް'' އަކީ މާތް ﷲ ގެ އިސްމުފުޅެކެވެ. އޭގެ މާނައަކީ ''ދީލަތިވަންތަ'' އެވެ. މާނައަކީ މާތް އަކީ ދީލަތިވަންތަ ރަސްކަލާނގެއެވެ. މާތް ﷲ އަކީ ނިމުމެއް ނެތް ދީލަތިވަންތަ ކަލާނގެއެވެ. ދުނިޔޭގައި މިވާހާ އެއްޗަކަށް ރިޒުޤު ލިބެނީ އެ ކަލާނގެ ދީލަތިވަންތަ ކަމުގެ ސަބަބުންނެވެ. އަދި އިންސާނުންނަށާއި އަދި ދުނިޔޭގައި ވާހާ އެ ނުން ވެސް ތަކެއްޗަށް ލިބިފައި މިވާހާ ނިޢްމަތްތަކަކީ، މާތް ﷲ ގެ ދީލަތިވަންތަ ކަމުން ލިބިފައިވާ ނިޢްމަތްތަކެކެވެ.
މާތް ﷲ އަކީ ދީލަތިވަންތަ ރަސްކަލާނގެ ކަމުން، އެ ކަލާނގެ އަޅުތަކުންނަކީ ވެސް ދީލަތި ބައެއް ކަމުގައި ވުމަށް، އެ ކަލާނގެ ލޯބިވެވޮޑިގަންނަވައެވެ. އެ ކަލާނގެ ދީލަތިވަންތަ ކަމުން، އަހަރެމެން ހައްދަވައި ބޮޑު ކުރައްވައި، ރިޒުޤު ދެއްވައި، ދުނިޔޭގައި އުޅެވޭނެ ބާރު ދެއްވިއެވެ. ފުރިހަމަ ޞިއްޙަތެއް ދެއްވިއެވެ. ބަލި ވީމާ ޝިފާ ދެއްވައެވެ. ބަނޑުހައިވީމާ ކާނެ މޭވާ އާއި ތަރުކާރީ އާއި ގޮދަނާއި ހަނޑޫފަދަ ތަކެތި ދެއްވިއެވެ. ކަރު ހިއްގައިގަތީމާ ބޯނެ ޖޫހާއި ފެނާއި ކިރާއި މާމުއި ފަދަ އެއްޗެހި ދެއްވިއެވެ.
ކޮންމެ ދިމާއަކަށް އަހަރެމެން ބަލާލިއަސް، މާތް ﷲ ގެ ދީލަތިވަންތަކަން ފެންނަން ހުންނާނެއެވެ. މާތް ﷲ ގެ ދީލަތިވަންތަކަން، ދުނިޔޭގައިވާހާ ތަކެއްޗާއި މީހުންނެއް ޝާމިލްވެއެވެ.
ދީލަތިމީހުން ދެކެ މާތް ﷲ ލޯބިވެވޮޑިގަންނަވައެވެ. ދަހިމީހުން ދެކެ އެ ކަލާނގެ ރުހިވޮޑިނުގަންނަވައެވެ. އަދި ދީލަތި މީހުންގެ މުދަލުގައި، އެ ކަލާނގެ ބަރަކާތް ލައްވައެވެ. އަދި މި ކަމަށް ވުރެ މުހިއްމު ކަމަކީ، ދީލަތި މީހުންނަށްޓަކައި ޤިޔާމަތް ދުވަހު ވަރަށް ގިނަގުނަ ޘަވާބު ލިބުމެވެ. ދީލަތި މީހުންނަށް ލިބޭ ޘަވާބާއި ބެހޭ ގޮތުން މާތް ﷲ ވަޙީ ކުރައްވާފައި ވަނީ: مَّثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللّهِ كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّئَةُ حَبَّةٍ وَاللّهُ يُضَاعِفُ لِمَن يَشَاء وَاللّهُ وَاسِعٌ عَلِيمٌ
މާނައަކީ: ''ތިމާމެންގެ މުދާ، ﷲގ ގެ މަގުގައި ހޭދަކުރާ މީހުންގެ މިސާލަކީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮއްޓަރު ހިމެނޭ، ހަތް ކުރާގަނޑު އުފައްދާ އޮއްޓަރެއްގެ މިސާލެވެ. އަދި ދަންނައެ! ﷲ، އެ ކަލާނގެ އިރާދަކުރައްވައިފި އަޅަކަށް، ގިނަގުނަވި ތަނަވަސްކަން ދެއްވައެވެ. އަދި، ﷲ އަކީ، ނުހަނު ތަނަވަސްކަން ދެއްވަ، ހުރިހާ ކަމެއް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.'' (އަލްބަޤަރާ: 261)
ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ދީލަތިފުޅުކަން:
މީސްތަކުންގެ ތެރެއިން އެންމެދީލަތި ބޭކަލަކީ، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެވެ. މާތްﷲ ގެ މަގުގައި އެއްޗެއް ހޭދަ ކުރެވޭނެ ގޮތެއް ފެނިވަޑައިގެންފިނަމަ، އެ ކަލޭގެފާނު ހޭދަކުރައްވައެވެ. ފައިސާއަށް ބޭނުން ޖެހިފައިވާ މީހަކު ފެނިވަޑައިގެންފިނަމަ، އޭނާގެ ބޭނުން ފުއްދަވައި ދެއްވައެވެ. އިބްނު ޢައްބާސް އަށް، ކީރިތި ރަސޫލާގެ ދީލަތިފުޅުކަން ފެނިވަޑައިގެން ވިދާޅުވެފައި ވަނީ: كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَجْوَدَ النَّاسِ بِالْخَيْرِ وَأَجْوَدُ مَا يَكُونُ فِي شَهْرِ رَمَضَانَ لِأَنَّ جِبْرِيلَ كَانَ يَلْقَاهُ فِي كُلِّ لَيْلَةٍ فِي شَهْرِ رَمَضَانَ حَتَّى يَنْسَلِخَ يَعْرِضُ عَلَيْهِ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْقُرْآنَ فَإِذَا لَقِيَهُ جِبْرِيلُ كَانَ أَجْوَدَ بِالْخَيْرِ مِنْ الرِّيحِ الْمُرْسَلَةِ
މާނައަކީ: ''މީސްތަކުންގެ ތެރެއިން އެންމެ ދީލަތި ބޭކަލަކީ، ކީރިތި ރަސޫލާއެވެ. އަދި އެ ކަލޭގެފާނު އެންމެ ބޮޑަށް ދީލަތިވެވަޑައިގަންނަވަނީ، ރަމަޟާން މަހުގައެވެ. ސަބަބަކީ ރަމަޟާން މަސް ނިމެން ދެން އެ މަހުގެ ކޮންމެ ރެއަކު، ޖިބްރީލްގެފާނު އެކަލޭގެފާނާ ބައްދަލު ކުރައްވައެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޖިބްރީލްގެފާނަށް ޤުރުއާން ކިޔާވިދާޅުވެދެއްވައެވެ. އެ ކަލޭގެފާނާއި ޖިބްރީލްގެފާނު ބައްދަލުވުމުން، ދީލަތި ކަމުގައި އެ ކަލޭގެފާނު، އަވަސް ވަޔަށް ވުރެ ވެސް ދީލައްޗެވެ.'' (ޞަޙީޙުލް ބުޚާރީ: 4711. ޞަޙީޙް މުސްލިމް: 2308)
މި ޙަދީޘުން އަހަރެމެންނަށް އެނގެނީ، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަކީ ވަރަށް ދީލަތި ބޭކަލެއް ކަމެވެ. އަދި ރޯދަ މަހު އެ ކަލޭގެފާނުގެ ދީލަތިފުޅުކަން އިތުރަށް ބޮޑު ކަމެވެ.
އަދި ޖާބިރު ބިން ޢަބްދުﷲ ރިވާ ކުރައްވާފައިވާ ޙަދީޘެއްގައި އޮވެއެވެ: مَا سُئِلَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ شَيْئًا قَطُّ فَقَالَ لَا
މާނައަކީ: ''ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިހު، އެއްޗަކަށް އެދި މީހަކު ދަންނަވައިފިނަމަ، ދުވަހަކު ވެސް ނޫނެކޭ ޙަދީޘް ނުކުރައްވައެވެ.'' (ޞަޙީޙް މުސްލިމް: 2311)
ޞަޙާބީ ބޭކަލުންގެ ދީލަތިފުޅުކަން:
ޞަޙާބީ ބޭކަލުން އެ ބޭކަލުންގެ މުދާ، މާތް ﷲ ގެ މަގުގައި ހޭދަކުރެއްވިއެވެ. އަދި އަތްޕުޅުގައި ހުރި އެއްޗަކުން ބޭނުން ޖެހިފައިވާ މީހުންނަށް ދެއްވިއެވެ. ކޮންމެ ބޭކަލެއް ވެސް ހޭދަ ކުރެއްވީ، އެ ބޭކަލަކަށް ކުޅަދާނަވެވަޑައިގަންނަވާ މިންވަރަކުންނެވެ. މާނައަކީ ވަރަށް ގިނަ ފައިސާއާއި މުދާ ހުންނަ ބޭކަލެއް ވިއްޔާ، ﷲ ގެ މަގުގައި ވަރަށް ގިނައިން ހޭދަކުރައްވައެވެ. މަދުން ހުރި ބޭކަލެއް ވިއްޔާ، މަދުން ހޭދަ ކުރައްވައެވެ. އެ ގޮތުން އަބޫބަކުރުގެފާނަކީ، އެ ދުވަސްވަރު މުސްލިމުންގެ ތެރޭގައި ހުންނެވި މުއްސަނދި ބޭކަލެކެވެ. އެހެންވެ، އެ ކަލޭގެފާނުގެ ހުރިހާ ފައިސާއެއް ހެން ހޭދަ ކުރެއްވީ ﷲ ގެ މަގުގައެވެ. އިސްލާމް ދީން ދިފާޢުކުރަން ޖިހާދު ކުރައްވާށާއި، އިސްލާމްވެގެން ތިބި އަޅުން މިނިވަން ކުރައްވާށެވެ. ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ސުވަރުގެވަޑައިގަތުމުން، މުސްލިމުންގެ ޚަލީފާކަން ކުރެއްވީ އަބޫބަކުރުގެފާނެވެ. ހަމަ އެހެންމެ ޢުޘްމާނުގެފާނަކީ ވެސް މުއްސަނދި ބޭކަލެކެވެ. އެހެންވެ އެ ކަލޭގެފާނު ވެސް ވަރަށް ގިނައިން ދީނަށްޓަކައި މުދާ ހޭދަ ކުރެއްވިއެވެ. ތަބޫކު ހަނގުރާމައިގައި މުސްލިމުންގެ ލަޝްކަރަށް ދިޔަ ޚަރަދުގެ ތިންބައިކުޅަ އެއްބައި ބެލެހެއްޓެވީ، ޢުޘްމާނުގެފާނެވެ. އެ ލަޝްކަރުގެ ޢަދަދަކީ ތިރީސްހާސް މުސްލިމުންނެވެ. ހަމަ އެހެންމެ ޢަބްދުއްރަޙްމާން ބިން ޢައުފު، އަދި ޢުމަރުގެފާނަކީ ވެސް ވަރަށް ދީލަތި ބޭކަލުންތަކެކެވެ.
ހުރިހާ ޞަޙާބީންނަކީ އެއްވަރަކަށް މުއްސަނދި ބޭކަލުންތަކެއް ނޫނެވެ. ޞަޙާބީންގެ ތެރޭގައި އަތްމަތި ދަތި ބޭކަލުން ވެސް ތިއްބެވިއެވެ. ނަމަވެސް އެ ބޭކަލުންގެ ކުޅަދާނަ ކަން ހުރިމިންވަރަކުން ފަޤީރުންނަށް އެހީފޯރުކޮށްދެއްވާ، ބީރައްޓެހިންނަށް މެހުމާންދާރީ ވެވަޑައިގެންނެވިއެވެ.
އިމާމް މުސްލިމް، އެ ކަލޭގެފާނުގެ ޞަޙީޙް މުސްލިމް އޭ ކިޔޭ ޙަދީޘް ފޮތުގައި ގެންނަވާފައިވާ މި ޙަދީޘް ކިޔާލަމާ ހިނގާބަލާށެވެ.
ވީ ގޮތަކީ، އެހީއަކަށް ބޭނުން ވެފައި ހުރި މީހަކު އެއް ދުވަހަކު، ކީރިތި ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަރިހަށް އައިސް، އޭނާ ހުރީ ވަރަށް ބަނޑުހައިވެފައި ކަމަށާއި، އެހީއަކަށް ބޭނުންވާ ވާހަކަ ދެންނެވިއެވެ. އެ ހިނދު އޭނާއަށް ދޭނެ އެއްޗެއް ހުރިތޯ، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަނބިކަނބަލެއްގެ އަރިއަހުން އެއްސެވިއެވެ. ޖަވާބުގައި އެއް އަނބިކަނބަލަކު ދެންނެވީ:
- ކަލޭގެފާނު ރަސޫލު ކަމާއިގެން ފޮނުއްވި ކަލާނގެ ގަންދީ ދަންނަވަން. ފެން ނޫން އެހެން އެއްވެސް އެއްޗެއް ނެތް.
ދެން އެހެން އަނބިކަނބަލެއް އަތްޕުޅުގައި އެއްޗެއް ހުރިތޯ އެއްސެވިއެވެ. އެ ކަމަނާ ވެސް ޖަވާބު ދެއްވީ ހަމަ ކުރީ އަނބިކަމަނާ ވެސް ދެއްވި ޖަވާބެވެ. ކީރިތި -ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އެއްވެސް އަނބިކަނބަލެއް އަތްޕުޅުގައި އެ މީހާއަށް ދޭބެ ކާނެ އެއްޗެއް ނެތުމުން، ދެން ރަސޫލާ ޞަޙާބީންނާ ސުވާލު ކުރެއްވިއެވެ:
- މި މީހާ އަށް މިރޭ މެހުމާންދާރީ ވާނީ ކާކުތަ؟
އަންޞާރީ ޞަޙާބީ ބޭކަލަކު ދެންނެވިއެވެ: އަޅުގަނޑު. ﷲ ގެ ރަސޫލާ.
ދެން އެ ޞަޙާބީ ބަކަލު އޭނާ ގޮވައިގެން ގެއަށް ވަޑައިގަތެވެ. ގެއަށް ވަދެވަޑައިގެންފައި އަނބިކަމަނާއާ ސުވާލު ކުރެއްވިއެވެ:
- ކަމަނާ އަތުގައި ކާނެ އެއްޗެއް އެބަ ހުރިތަ؟
އަނބިމީހާ ބުންޏެވެ:
- ނޫން. ހުރީ އަހަރެމެންގެ ކުދިންކޮޅަށް ވާނެހާ އެތިކޮޅެއް އެކަނި.
ދެން އެ ޞަޙާބީ ބޭކަލު އަނބިކަމަނާ ގާތު ވިދާޅުވީ، ކުދިން ނިންދަވާފައި، މެހުމާން މީހާ ކާން އިށީންނަ ވަގުތު ޖެހުނީމާ، ފުޅިބައްތި ނިއްވާލާ މުޅި ގޭތެރެ އަނދިރިކޮށްލުމަށެވެ. ދެން އަނބިމީހާ މި ގޮތައް ހަދާފައި، މެހުމާނަށް ކާން ދިނެވެ. ގޭތެރެ އަނދިރި ކުރީ ކީއްވެހޭ މިހާރު ތި ކުދިންގެ ހިތުގައި ސުވާލު އުފެދިފައި އޮވެދާނެއެވެ. އާނ... ވީ ގޮތަކީ އަސްލު އެ ތިން މީހުން ކާނެހާ ކާ އެއްޗެއް ނެތީއެވެ. އެހެންވެ އެ މީހުން ހެދި ގޮތަކީ އަނދިރިކޮށްލާފައި، ތިން މީހުން ކާން އިށީނީ ކަމަށް ހެދީއެވެ. ދެން ޞަހާބީ ބޭކަލާއި އޭނާގެ އަނބިކަނބަލުން ފަރީއްނުކުޅައްވައި، މެހުމާނާއަށް ކާން ދެއްވީއެވެ. އަނދިރިވީމާ މެހުމާން ހީ ކުރީ އެ ދެ މީހުން ވެސް ފަރީއްކުޅުއްވި ކަމަށެވެ.
ކުދިންނަށް ކާން ނުދީ މެހުމާނަށް ކާން ދިނީ ކީއްވެގެންތޯ، ކުއްޖަކު ސުވާލު އުފެދިދާނެއެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ކުދިންނަށް ކާން ނުދީ އެ ކުދިން ބަނޑުހައިވެފައި ތިއްބާ ނިންދަވާކަށް ނުވާނެވެ. އެއްވެސް މަންމައެއް ނުވަތަ ބައްޕައެއް ވެސް އެހެން ނު ހަދާނެއެވެ. މި ވާހަކައިގައި އަސްލު ވީ ގޮތަކީ، އެ ކުދިންތީބީ ބަނޑުހައި ނުވާވަރަށް ކައިގެންނެވެ. ތި ކުދިންނަށް ވެސް އެނގޭނެ ފަދައިން ކުޑަ ކުދިންނަކީ، މީހަކު ކާތަން ފެނިއްޖެއްޔާ، އެ އެއްޗެއް ކާން އުޅޭ ބައެކެވެ. އެ ކުދިން ނިންދަވާލަން ޖެހުނީ މިހެންވެއެވެ.
އާނ... ދެން ކޮންމެއަކަސް މި ޞަހާބީ ބޭކަލާއި އެ ކަލޭގެފާނުގެ އަނބިކަމަނާ މިހާ ރަނގަޅަށް މެހުމާނަށް މެހުމާންދާރީ އަދާ ކުރައްވާފައި، އަނެއް ދުވަހު ހެނދުނު އެ ޞަޙާބީ ރަސޫލާ އަރިހަށް ވަޑައިގަތެވެ. ވަޑައިގަތީމާ ރަސޫލާ ޙަދީޘް ކުރެއްވީ، ރޭގައި ކަލޭގެފާނު ކަންތައް ތި ކުރެއްވި ގޮތާ، މާތް ﷲ ވަރަށް ބޮޑަށް ރުހިވޮޑިގެންފިކަމަށެވެ. އަދި އެ ކަމާ ބެހޭ ގޮތުން ޤުރުއާނުގެ އާޔަތެއް ވެސް ﷲ ބާވައިލެއްވިއެވެ. އެ އާޔަތަކީ ޙަޝްރު ސޫރަތުގެ ނުވަ ވަނަ އާޔަތެވެ.
ދީލަތިކަމުގެ ވައްތަރުތައް:
ދީލަތިވުމަކީ ހަމައެކަނި ފަޤީރަކަށް ކާނެ އެއްޗެއް ދިނުމޭ، ފަހަރެއްގައި ވެސް ތި ކުދިން ހީކޮށްގެން ނުވާނެއެވެ. ސަބަބަކީ، ދީލަތިކަމަކީ އޭގައި ވަރަށް ގިނަ ކަންތައްތަކާއި ވައްތަރުތައް ހިމެނޭ ކަމެކެވެ. އެ ގޮތުން މެހުމާންދާރީ އަދާކުރުމަކީ ވެސް ދީލަތިކަމެކެވެ. އަވައްޓެރިއާއަށް ހެޔޮކޮށް ހިތައި، އޭނާއަށް އެހީވުމަކީ ވެސް ދީލަތިކަމެކެވެ. ތިމާގެ މީހުންނަށް އެހީވެ، ހަދިޔާ ދިނުމަކީ ވެސް ދީލަތިކަމެކެވެ. ހަމަ އެހެންމެ މީހުންނަށް ކަންތައް ކޮށްދިނުމަކީ ވެސް ދީލަތިކަމެކެވެ. އެހެން މީހުންނަށް ފައިދާހުރި ކަންކަމުގައި ވަގުތުން ބައެއް ހޭދަ ކުރުމަކީ ވެސް ދީލަތި ކަމެކެވެ. ހިނިތުން މޫނަކާ އެކު މީހުންނާ ބައްދަލު ކުރުމަކީ ވެސް ދީލަތިކަމެކެވެ.
މެހުމާނުންނަށް މެހުމާންދާރީ ރަނގަޅަށް އަދާކުރުމަކީ، ފުރިހަމަ މުއުމިނުންގެ ސިފައެކެވެ. އެހެންވެ ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައި ވަނީ: منْ كانَ يؤمِن بالله واليَومِ الآخِر فلْيُكرِمْ ضَيْفَه
މާނައަކީ: ''ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހަކުވިއްޔާ، މެހުމާނުންނަށް ހެޔޮކޮށް ހިތާށެވެ. (ރިވާކުރެއްވީ: އަލްބުޚާރީ)
ހަމަ އެހެންމެ އަވައްޓެރިންނަށް ހެޔޮކޮށް ހިތުމަކީ ވެސް މުސްލިމުންގެ މައްޗަށް ވާޖިބު ކަމެކެވެ. ބޮޑެތި މީހުންނެކޭ އެއްފަދައިން ކުޑަކުދިން ވެސް އަވައްޓެރިންނަށް ހެޔޮކޮށް ހިތަން ޖެހޭނެއެވެ. ވީމާ އަވައްޓެރިންނަށް އުނދަގޫވާފަދަ އެއްވެސް ކަމެއްކޮށް، އަވައްޓެރިއެއްގެ ކުއްޖަކު ދެރަކޮށް ހަދައިގެން ނުވާނެއެވެ. އެ ކުދިންނާ ތަޅާފޮޅައިގެން ނުވާނެއެވެ. އަވައްޓެރިންގެ މަގުމައްޗަށް ކުނިއަޅައިގެން ނުވާނެއެވެ. އަވައްޓެރިންނަށް އުނދަގޫވާނެ ވަރަށް އަޑުހަރުކޮށްގެން ވެސް ނުވާނެއެވެ.
އަވައްޓެރިންނަށް ހެޔޮކޮށް ހިތުމާ ބެހޭ ގޮތުން ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައި ވަނީ: مَا زَالَ يُوصِينِي جِبْرِيلُ بِالْجَارِ حَتَّى ظَنَنْتُ أَنَّهُ سَيُوَرِّثُهُ
މާނައަކީ: ''އަވައްޓެރިންނަށް ހެޔޮކޮށް ހިއްތެވުމަށް، ޖިބްރީލްގެފާނު ތިމަންކަލޭގަފާނަށް ވަޞިއްޔަތް ކުރެއްވުމުގައި ދެމިހުންނެވިއެވެ. އެހެންވެ އަވައްޓެރިއާއަށް ވާރުތަވެރިއެއްގެ ދަރަޖަ ދެއްވާފާނޭ، ތިމަންކަލޭގެފާނު ހީފުޅު ކުރެއްވީމެވެ.'' (ޞަޙީޙް އަލްބުޚާރީ: 5668 . ޞަޙީޙް މުސްލިމް: 2625)
ހަމަ އެހެންމެ އިސްލާމްދީނުގައި ވަނީ، އަހަރެމެން ކޮންމެ ކުއްޖެއްގެ ތިމާގެ މީހުންނަށް ކަމޭ ހިތައި ހެޔޮކޮށް ހިތަން ވެސް އަމުރު ކުރައްވާފައެވެ. ވީމާ ކޮންމެ ކުއްޖަކު ވެސް އެ ކުއްޖެއްގެ ތިމާގެ އެންމެންނަށް ހެޔޮކޮށް ހިތަންވާނެއެވެ. ބޮޑު މީހެއް ވިއްޔާ ކަމޭހިތަންވާނެއެވެ. ބަލި މީހެއްވިއްޔާ އޯގާތެރިވާންވާނެއެވެ. މުސްކުޅިއެއްވިއްޔާ އަޅާލާންވާނެއެވެ. ހެޔޮ ނަޞޭޙަތް އަޑުއަހަންވާނެއެވެ. ބޭނުންތައް ފުއްދައިދީ، ހޭދަކުރަންވާނެއެވެ. އެގޮތުން މާތް ﷲ ވަޙީ ކުރައްވާފައި ވަނީ: وَآتِ ذَا الْقُرْبَى حَقَّهُ وَالْمِسْكِينَ وَابْنَ السَّبِيلِ وَلاَ تُبَذِّرْ تَبْذِيرًا
މާނައަކީ"ގާތްތިމާގެ މީހާއަށާއި، މިސްކީނާއަށާއި، ހާލުގައި ޖެހިފައިވާ ދަތުރުވެރިއާއަށް، މިއިން ކޮންމެ މީހަކަށްމެ އެމީހެއްގެ ޙައްޤު ދޭށެވެ. އަދި އިސްރާފު ކުރުމަކުން އިސްރާފު ނުކުރާށެވެ. '' (ސޫރަތުލް އިސްރާ: 26)
ދީލަތިކަމުގެ އަދަބު:
ކޮންމެ ހެޔޮ ކަމަކީ ވެސް އެ ކަމެއް ކުރަން ޖެހޭ ވަކި ގޮތްތަކެއް ކަނޑައެޅިފައިވާ ކަންކަމެވެ. އެ ގޮތުން ދީލަތި ކަމަކީ ވެސް އެ ކަން ކުރަން ޖެހޭ ވަކި ގޮތްތަކަކީ އަދަބުތަކެއް ކަނޑައެޅިފައިވާ ކަމެކެވެ. ދީލަތިވުމުގެ އަދަބުތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ، އިސްރާފު ނުކުރުމެވެ. އަނެއް ކަމަކީ ދެއްކުންތެރި ނުވުމެވެ. ދެއްކުންތެރިކަމަކީ އިސްލާމް ދީން ވަރަށް ބޮޑަށް މަނާ ކުރައްވާފައިވާ ކަމެކެވެ. އަދި މީހަކު މީހަކަށް ދީލަތިވީ، ދެއްކުންތެރިކަމުގެ ގޮތުން ނަމަ، އެ ދީލަތި ކަމުން އެއްވެސް ޘަވާބެއް ނުލިބޭނެއެވެ. ދެއްކުންތެރިކަމުގެ މާނައަކީ، ތިމާ އަކީ ވަރަށް ރަނގަޅު ދީލަތި މީހެކޭ މީހުން ލައްވާ ބުނުވަން ކަންތައް ކުރުމެވެ. އެ ކަހަލަ މީހުން އަސްލު ދީލައްޗެއް ނޫނެވެ. ނަމަވެސް ކަންދައްކަން ދީލަތިކަމަށް ހެދެނީއެވެ. އަދި އެ މީހުން ދީލަތިވަނީ ﷲ އަށްޓަކާ ވެސް ނޫނެވެ.
ދީލަތިވުމުގެ އަނެއް އަދަބަކީ، ކަލަނުގޮވުމެވެ. ކަލަ ގޮވުމަކީ އެއީ ގޯސް ސިފައެކެވެ. އެހެންވެ އެއީ ދީނުގައި މަނާ ކަމެކެވެ. ކަލަގޮވުމުގެ މާނައަކީ، އަނެކަކަށް ކޮށްދީފައި ހުންނަ ހެޔޮކަންތަކުގެ ވާހަކަ ފަހުން، ރުޅި އައިމާ ދެއްކުމެވެ. ވީމާ މީހަކަށް އެއްޗެއް ދީފައި ފަހުން އެ މީހާ އާ ދިމާލަށް، ތިމަންނަ މިވެނި އެއްޗެއް ދިނީމެއް ނޫންހޭ ކިޔައި ވާހަކަ ދައްކައިގެން ނުވާނެއެވެ.
ބޭނުން ޖެހިފައިވާ މީހަކަށް ނުވަތަ ފަޤީރަކަށް އެއްޗެއް ދީފައި ނުވަތަ ކަމެއްކޮށްދީފައި، ފަހުން އެ ވާހަކަ ދެއްކުމަކީ އަނެއް މީހާގެ ހިތަށް ތަދުވާނެ ކަމެކެވެ. އަދި އޭނާ ދެރަވާނެ ކަމެކެވެ. މި ކަން މަނާ ކުރައްވައި މާތް ﷲ ވަޙީ ކުރައްވަނީ: يَا أَيُّهَا الَّذِينَ آمَنُوا لا تُبْطِلُوا صَدَقَاتِكُمْ بِالْمَنِّ وَالأَذَى
މާނައަކީ: ''އޭ އީމާންވެއްޖެ މީސްތަކުންނެވެ! އެއްޗެހި ކިއުމާއި އިހާނެތިކޮށް ހިތުމުގެ ސަބަބުން ކަލޭމެންގެ ޞަދަޤާތް ބާޠިލް ނުކުރާށެވެ!'' (ސޫރަތުލް ބަޤަރާ: 264)















