އާދީއްތަ20201129

އާކުރެވުނީ: 08:43:52

Back ކަވާސާ ޚިޔާލު ޚިޔާލުގެ ބައިތައް ޚިޔާލު ތިންބާރު ފަދައިން ވަކިވަމުންދާ އެހެން ބާރެއްގެ ވާހަކަ

ތިންބާރު ފަދައިން ވަކިވަމުންދާ އެހެން ބާރެއްގެ ވާހަކަ

thinbaaruދިވެހިރާއްޖޭގެ ސިޔާސީ ނިޒާމުގައި ތިންބާރު ވަކިވެގެން ދިޔައީ މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީން ކަމުގައި ގިނަބަޔަކު ޤަބޫލު ކުރެއެވެ. އެހެން ޤަބޫލުކުރަންޖެހެނީ ސަބަބުތަކެއްވެސް ހުރުމުންނެވެ. މިޤާނޫނު އަސާސީގެ ކުރިންވެސް، ޤާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރުތައް ހަރަކާތްތެރިވިނަވަމެސް، މިހާރުގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާފަދަ ބާރުތައް ވަކިކުރުމެއް ކުރީގެ ޤާނޫނު އަސާސީތަކުގައި ނެތެވެ.

މިލިޔުމަކީ ދައުލަތް ހިންގުމުގެ ތިންބާރު ވަކިކުރުމުގެ މައްޗަށް ނުވަތަ އެކަން ރާއްޖޭގައި އޮތްގޮތުގެ މައްޗަށް ލިޔެވޭ ލިޔުމެއް ނޫނެވެ. މިތާނގައި ވާހަކަ ދެއްކޭތޯ މަސައްކަތްކުރަން މިއުޅެނީ ދިވެހިންގެ ތެރެއިން ވަކިވަމުންދާ އެހެންބާރެއްގެ މައްޗަށެވެ.

ސިޔާސީ ޕާރޓީތައް އުފެދި ދައުލަތް ހިންގުމުގެ ބާރުތައް ޤާނޫނު އަސާސީގައި ވަކިން ބަޔާންކުރެވި، މިނިވަން މުއައްސަސާތައް އުފެދި، ދިވެހި ސިޔާސީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވުމުން ދިވެހިންގެ ތެރެއިން ގިނަބައެއްގެ ވިސްނުމާއި ފިކުރަށްވެސް ވަނީ ބޮޑު ބަދަލުތަކެއް އައިސްފައެވެ. މިގޮތުން އައި އެންމެ ބޮޑު ބަދަލެއްކަމަށް ފާހަގަވަނީ ގިނަބައެއްގެ ވިސްނުމުގެ ބާރު އެމީހުންގެ ކިބައިން ވަކިކޮށް އެހެންބަޔަކާއި ހަވާލުކޮށްފައިވުމެވެ. ޤާނޫނު އަސާސީގައި ވަކިކޮށްފައިވަނީ ދައުލަތް ހިންގުމުގެ މައިގަނޑު ތިންބާރެވެ. ނަމަވެސް ހެއްދެވިފަރާތުން އިންސާނުންނަށް ދެއްވާފައިވާ އެންމެ އަގުބޮޑު ނިޢުމަތްކަމުގައިވާ ބުއްދިކުރުމުގެ ބާރުވެސް ވަރަށް ގިނަ ބަޔަކުވަނީ އެމީހުންގެ އަމިއްލަ އިޚްތިޔާރުގައި، އެމީހުންގެ ކިބައިން ވަކިކޮށް އެހެންބަޔަކާއި ހަވާލުކޮށްފައެވެ.

އިތުރު ތަފްސީލުތަކަކަށް ނުދިޔަނަމަވެސް، މިކަމަކީ ވަރަށް ހާމަކޮށް ދިވެހި މުޖުތަމަޢުގެ މިހާރުގެ ޙާލަތުން އެންމެނަށްވެސް ފެންނަށް އޮތްކަމެކެވެ. ކިތަންމެ ރަނގަޅުވާހަކައެއްވެސް، ވަކިބަޔަކު ބުނެފިނަމަ ޤަބޫލުނުކުރާމީހުން ވަރަށް ގިނައެވެ. ހަމަ އެގޮތަށް ވަކިބަޔަކު ބުނެފިނަމަ ކޮންމެފަދަ ދޮގެއްވިއަސް ޤަބޫލުކުރާ އެތައްބަޔަކު އުޅެއެވެ. ވަކިބަޔަކު ނުވަތަ ވަކިމީހަކު ބުނީތީ ވަކިގޮތަކަށް ކަމެއް ޤަބޫލުކުރުމަށްފަހު، ދުވަސްކޮޅެއްފަހުން، ހަމަ އެބަޔަކު ނުވަތަ އެމީހަކު އެހެންގޮތަކަށް އެވާހަކަ ބުނެފިނަމަވެސް އެކަން ހިތުގެ އަޑިން ޤަބޫލުކުރާ އެތައްބަޔަކު އުޅެއެވެ. ޙަޤީޤަތް ހާމައަށް ފެންނަން އޮތަސް ނުވަތަ، ނުވަތަ ތިމާ ބުއްދިއިސްކޮށް ފިކުރު ހިންގާލައިފިނަމަ ވަރަށް ފަސޭހައިން ޙަޤީޤަތް ހާމަވާނެފަދަ ކަމެއްގައި ނަމަވެސް އެގޮތް އިޚްތިޔާރުކުރާތަން ވަރަށް މަދުންނޫނީ ނުފެނެއެވެ. މިޙާލަތު، ވިސްނުމުގެ ބާރު އެހެންބަޔަކާއި ޙަވާލުކޮށްފައިވުން ފިޔަވައި އިތުރުގޮތަކަށް ސިފައެއް ނުކުރެވެއެވެ.

މިޙާލަތަކީ ހަމައެކަނި ސިޔާސީ ވިސްނުމުގައި އޮތްކަމެއްނޫނެވެ. ދީނީ ކަންކަމުގައިވެސް، މިއީ ޢާއްމުކަމެކެވެ. ދީނީކަންކަން ބަލައިގަތުމާއި ނުގަތުމުގައި ވިސްނުމުގެ ބާރު އެހެންބަޔަކާއި ޙަވާލުކުރުމަކީ ވަރަށްކުރީއްސުރެ އަށަގެންފައިވާ ޢާދައެކެވެ. ބައެއް ޢިލްމުވެރިން މުޤައްދަސްކުރުމާއި، އެނޫން ޢިލްމުވެރިނަށް ހަޑިހުތުރު ބަސްތައް ބުނުންފަދަ ކަންކަމީ ބައެއް "ދީނީކުދިން"ގެ ތެރޭގައި އޮންނަ ޢާދައެކެވެ. ފިޤުހީ އެތައްހާސް މައްސަލަތަކަކުން ވަކިކަމެއްގައި ތިމާ ޤަބޫލުކުރާ ގޮތްނޫން ގޮތަކަށް ފަތުވާއެއް ދެއްވާފައިވާ ޢިލްމުވެރިއަކުނަމަ، އެބޭފުޅަކީ ސުމަކަށްވުރެ ދަށުދަރަޖާގައިވާ މީހަކުކަމުގައި ހަދާތަން ފެނެއެވެ. އެފަދަ ބޭފުޅުންނަށް އިޝާރާތްކޮށް ވާހަކަދައްކާއިރު، ޅަވިޔަނި ބަހުރުވަ ބޭނުންކުރާ ޙާލަތުވެސް އާދެއެވެ. އޭގެތެރެއިން ބައެއް ބޭފުޅުންނަކީ ދުނިޔެ ދޫކޮށްފައިވާ ބޭފުޅުންނަށް ވިއަސް ވަރިހަމަ އެވެ. އަދި ﷲގެ ޙަޟްރަތުގައި އެބޭފުޅަކަށްހުރި މަޤާމު އަޅުގަނޑުމެނަށް ނޭނގުނަސްވެސް ވަރިހަމައެވެ.

ފިޤުހީ ޚިލާފުތަކަކީ ޢިލްމުވެރިންގެ މެދުގައި އޮތް އެއްޗެކެވެ. އެކަން އެނޫންގޮތަކަށް ބަދަލުކުރުމަކީ ވާނެކަމެއް ނޫނެވެ. ޢިލްމުވެރިން އިޚްތިލާފުވަނީ ހަމަ ތިއްބަވާފައި ތިމާއަށް ފެންނަނީ މިވެނިގޮތަކަށޭ ވިދާޅުވެގެނެއް ނޫނެވެ. ޝަރްޢީ ދަލީލުތައް ދޭހަކުރުމާއި، ޙުކުމްތައް ނެންގެވުމުގައި އެކިބޭފުޅުން ގެންގުޅުއްވާ މިންގަނޑުތަކާއި ގޮތްތައް ތަފާތުވުމަކީ އިޚްތިލާފުވާ އެއްސަބަބެވެ.

ދިވެހި މުޖުތަމަޢުގެ މިހާރުގެ ޙާލަތަށް ބަލާއިރު، ދީނި ޙުކުމްތައް ބަލައިގަތުމުގައިވެސް، ތިމާއަށް ﷲ ދެއްވި ވިސްނުމުގެ ބާރު އިހުމާލުކޮށްފައިވާތަން ފެންނަން އެބައޮތެވެ. ދީނީ ހުރިހައިކަމަކީ އެކަންކަން އެނގުމަށް ބޮޑެތި ޢިލްމުވެރިންނަށް ވާންޖެހޭ ކަންކަމެއްނޫނެވެ. ވަރަށް ތިލަކޮށް ވިސްނާލުމުންވެސް، ސާފުވާނެ ކަންކަން ހުރެއެވެ. މިދީން ބާވައިލެއްވީ ހަމައެކަނި ޢިލްމުވެރިންނަކަށެއް ނޫނެވެ. ދީންވެރިއަކަށް ވުމަށްޓަކައި ކޮންމެމީހަކު "ޝެއިޚް"އަކަށް ވާކަށް ނުޖެހެއެވެ. މީގެމާނައަކީ ޢިލްމާއި، ޢިލްމުވެރިންގެ މަތިވެރިކަން ކުޑަވުމެއްނޫނެވެ. ހަމަކޮންމެ ކަމެއްގައި ޝޭޚެއްގެ ބަސްހޯދާކަށް ނުޖެހެއެވެ. އެއްވެސް ޢިލްމުވެރިއަކީ މަޢުޞޫމު މުޤައްދަސް ބައެއްނޫނެވެ.

ސިޔާސީ ކަންކަމުގައިވެސް،އަދި ފިޤުހީ މައްސަލަތަކުގައިވެސް، ބުއްދީގެ ދައުރު އިހްމާލުކޮށްލައިގެން ނުވާނެއެވެ. މަޝްހޫރު ޢިލްމުވެރިއެއްކަމުގައިވާ އިބްނު އަލްޖަޥްޒީ ވިދާޅުވެފައިވާ ފަދައިން ބުއްދިއަކީ ތިމާއަށް މަގުދައްކާ އަލިކަމެކެވެ. އަނދިރީގައި ހިނގާފައިދާމީހާ، އަލިކަންދޭ ވޮށެއް ލިބިފައިވާއިރުވެސް އޭގެ ބޭނުން ނުކުރާނަމަ އެއީ ހެޔޮ ނުވިސްނޭ މޮޔައެކެވެ. މާތް ނަބިއްޔާ –ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަރިހުން މީހަކު ސުވާލު ދެންނެވިހިނދު އަމިއްލަހިތާއި ސުވާލުކުރުމަށް އެމީހާއަށް ނަސޭޙަތް ދެއްވާފައިވެއެވެ. އެކަމުން އެނގޭ އެއްޗަކީ ކޮންމެ ކަމެއްގައި މީހެއްގެ ބަސްހޯދަން ނުޖެހޭކަމެވެ.

މީހާ މުކައްލަފަކަށްވެ، ޒިންމާތަކެއް އުފުލަންޖެހުން ބިނާވެފައި އޮންނަނީ ބުއްދީގެ މައްޗަށެވެ. ގައިބާރު ކިތަންމެ ވަރުގަދަޔަސް، އަދި ބުރުސޫރަ ކިތަންމެ ރީތިނަމަވެސް ބުއްދިނެތްނަމަ އެމީހަކީ ތަކްލީފުތައް އުފުލަންޖެހޭ މީހަކަށް ނުވާނެއެވެ. މުކަލައްފަކަށްވަނީ ބުއްދީގެ ސަބަބުންނެވެ. މާނައަކީ ދެއްވާފައިވާ ބުއްދީގެ ބޭނުން ހިފަންޖެހޭނެއެވެ. އެއީ، އެހެންބަޔަކާއި އެކަން ހަވާލުކޮށްފައި ތިމާއަށް ހުރެވެން އޮތްކަމެއްނޫނެވެ.

ކީރިތި ޤުރްއާނަކީ ވިސްނައި ފިކުރު ކުރުމަށް ބާރުއަޅުއްވާފައިވާ މަތިވެރިފޮތެކެވެ. އެހެން އެއްވެސް ދީނެއްގެ މުޤައްދަސްފޮތުގައި ނުވާމިންވަރަށް ބުއްދި އިސްކުރުމަށާއި ފިކުރުހިންގުމަށް ޤުރްއާނުގައި ބާރުއަޅުއްވާފައިވެއެވެ. އެހެންކަމުން އެފޮތަށް އީމާންވާމީހުން ވާންޖެހޭނީ ބުއްދި އިސްކޮށް ޙައްޤު ދެނެގަންނަ ބަޔަކަށެވެ. ވިސްނުމުގެ ބޭނުންނުކޮށް އެހެންމީހުން ބުނާހާގޮތަކަށް އުޅޭމީހުންނަކީ ކާމިޔާބު ލިބޭނެބައެއްނޫންކަން ކީރިތި ޤުރްއާނުން އެނގެއެވެ. "ތިމަންމެން ތަބާވީ، ތިމަންމެންގެ ތެރެއިން ވެރިންނަށާއި ބޮޑުންނަށޭ،އެމީހުން ތިމަންމެނަށް މަގު އޮޅުވާލީއޭ" ޤިޔާމަތްދުވަހު ބުނާމީހުންނަށް އެހެންބުނެ ސަލަމާތްވެވެން ނޯންނާނެކަން ކީރިތި ޤުރްއާނުގެ މޫރިތި އާޔަތްތަކުން އެނގެއެވެ.

ވިސްނުމުގެ ބާރަކީ އެކަން އެހެންބަޔަކާއި ހަވާލުކޮށް، އެއްވެސްމީހަކަށް ފަރުޖެއްސެން އޮތްކަމެއް ނޫންނެވެ. ޤިޔާމަތްދުވަހު ސުވަރުގެއާއި ނަރަކައަށް މީހުން ވެއްދޭއިރު، ބުއްދިފަސްކޮށް، ބާޠިލަށް ގޮވާލާމީހުންގެ ބަސް ޤަބޫލުކުރި މީހުންނަށް ކާމިޔާބެއް ނުލިބޭނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.