ބުރާސްފަތި20201126

އާކުރެވުނީ: 08:43:52

Back ކަވާސާ ޚަބަރު ޚަބަރުގެ ބައިތައް ރިޕޯޓު އިސްލާމީ ސިޔާސީ ފިކުރާއި ސޫރިޔާގެ އިންޤިލާބު

އިސްލާމީ ސިޔާސީ ފިކުރާއި ސޫރިޔާގެ އިންޤިލާބު

Syria-revolutionލިޔުއްވީ: عبد الرحمن الحاج

ސޫރިޔާގެ އިންޤިލާބަށް ފަހުގައި އިސްލާމީން ވެރިކަމަށް އައުމަކީ ވަރަށް އެކަށީގެންވާކަމެއްކަމުގައި ވަރަށްގިނަ ބަޔަކަށް މިހާރު ޤަބޫލުކުރެވެއެވެ. އެއީ ޢަރަބި ރަބީޢުގައި ގިނަ ޑިކުޓޭޓަރުންތަކެއް ވެއްޓުމަށްފަހު، ނިމިދިޔަ އިންތިޚާބުތަކުގެ ނަތީޖާއިން ދޭހަވާ އަދި ފެންނަ މަންޒަރަކީ އެއީކަމުގައިވާތީއެވެ. ކޮންމެއަކަސް އައު ސޫރިޔާގައި އިންތިޚާބުގެ ނަތީޖާތައް ނުކުންނާނީ މިދެންނެވި ފަދައިން ކަމަށް ޤަބޫލުކުރެވޭތީ، މިހާރުވެސް ޢަލްމާނީންނާއި އިސްލާމީންނާ މެދުގައި ކޯލިޝަންތަކެއްދަނީ ބިނާކުރެވެމުންނެވެ. އެއީ ތޫނިސްގައި އިސްލާމީންގެ އަތްމަތީގައި ކުރެވުނު ކާމިޔާބު ތަޖުރިބާ ސޫރިޔާގައި އިޢާދަކުރުމަށެވެ. އެހެންނަމަވެސް ސޫރިޔާގައި ބިނާކުރެވުނު ކޯލިޝަންތައް އަދިވެސް ދެމެހެއްޓެނެވި ގޮތެއްގައި ބިނާވަމުން އަންނަކަމުގައި ދެންނެވޭކަށް ނެތެވެ.

ނަމަވެސް ސީރިޔާގައި އިސްލާމީ ސިޔާސީ ފިކުރުގެ މުސްތަޤުބަލު ކަނޑައެޅުމަށްޓަކައި ޢަރަބި ރަބީޢުގައި މިނިވަންވި އެހެން ޤައުމުތަކުގެ ޙާލަތުގެ މައްޗަށް ސީރިޔާގެ ޙާލަތު އެރިސްޓޮޓޭލިއަން ޤިޔާސެއްކުރުމަކީ އެންމެ އެކަށީގެންވާ ރަނގަޅު ގޮތެއްނޫނެވެ. އެހެންކަމުން ކުރިމަގުގައި ސީރިޔާގައި އިސްލާމީ ސިޔާސީ ޙަރަކާތުގެ މުސްތަޤުބަލު އޮންނާނެ ގޮތެއް ލަފާކޮށް ދެންނެވުމަށްޓަކައި، ގުޅި ލާމެހިފައިހުރި ސަބަބުތަކަކެއް ބަލައި ދިރާސާކުރުން މުހިއްމެވެ. ސީރިޔާގެ އިންޤިލާބު ފެށިގެން އައުމުގެ ކުރިން އިސްލާމީ ޙަރަކާތުގެ ޠަބީޢަތް ދެނެގަތުންވެސް މުހިއްމެވެ. އަދި އިންޤިލާބުގެ ކުރިން ވެރިކަމުގެ ސިޔާސަތުތަކުން ނުކުތްނަތީޖާތައްވެސް އެގެން ޖެހެއެވެ. އަދި އިންޤިލާބުގެ ސަބަބުން އިސްލާމީ ޙަރަކާތުގެ އޮނިގަނޑަށާއި ފިކުރަށާއި އަދި ސިޔާސީ އުންމީދުތަކަށް އައިނަމަ އައި ބަދަލެއް ދެނެގަތުންވެސް މުހިއްމެވެ.

ބައްޕަ އަސަދާއި އިސްލާމީ ޙަރަކާތްތައް: މުލުން ލުހެލުން

ޙާފިޒުލް އަސަދުގެ ވެރިކަމުގައި އޭނާވަނީ އިޚުވާނުލް މުސްލިމީންއާއި އެޖަމާޢަތުން ބޭރުވެ އުފެދުނު ޖަމާޢަތެއްކަމުގައިވާ "އައްޠަލީޢަތު އަލްމުޤާތިލާ" އަނިޔާވެރި ގޮތެއްގައި އެކީ ނައްތާލާފައެވެ. އައްޠަލީޢަތު އަލްމުޤާތިލާގެ ޙަރަކާތްތައް ޢަމަލީ ގޮތެއްގައި ފެށިގެން ދިޔައީ 1976ގައި އެޙަރަކާތުގެ ބާނީ މަރުވާނުލް ޙަދީދު ޙާފިޒުލް އަސަދުގެ ޖަލެއްގައި މަރާލެވުމަށްފަހުގައެވެ. ޢުޘްމާނީ ޚިލާފަތުގެ ފަހުކޮޅުގައި ފަރަންސޭސި އިސްތިޢުމާރުގެ ދަށުގައި ސީރިޔާވަނިކޮށް އުފެދުނު ކުދިކުދި އިސްލާމީ ތަޖައްމުޢާތްތައް ނުވަތަ ޙަރަކާތްތައް އެއްތަންކޮށް އެއްދިދައެއްގެ ދަށަށް ގެނައީ އިޚުވާނުލްމުސްލިމީންގެ ޙަރަކާތުންނެވެ.

1963ވަނަ އަހަރު ފެށިގެން އައި ދަނޑިވަޅު އިޚުވާނުލްމުސްލިމީން އަކީ ޢަދަދުގެ ގޮތުން ބޮޑު ޖަމާޢަތެކެވެ. އަދި އިސްތިޢުމާރުގެ ވަކިތަކުން ސޫރިޔާ ނެއްޓިގެން އިސްތިޤުލާލިއްޔަތަށްކުރި ދަތުރުގައި، ސިޔާސަތުގައި އިސްލާމީ ފިކުރުގެ މައިބަދައަކީ އިޚުވާނުލް މުސްލިމީންކަމުގައިވަނީ ވެފައެވެ. އެހެންނަމަވެސް ޖަމާޢަތުގެ ބޮޑުކަމާ އަޅާ ބަލާއިރު ސިޔާސީ މަސްރަޙުގައި އެއިރު ޖަމާޢަތަށް ނެރެވޭ ނަތީޖާ ކުޑައެވެ. ގިނަ އެހެން ޖަމާޢަތްތަކަކާ އިޚުވާނުލްމުސްލިމީންގެ އެންމެ ބޮޑު ތަފާތަކީ ދީމުޤުރާތީ އުޞޫލުން ވެރިން އިންތިޚާބުކުރުމުގެ ފިކުރުގައި ޖަމާޢަތުން ހިފަހައްޓާކަމެވެ. އެހެންނަމަވެސް އިސްލާމީ ޚިލާފަތަކަށް ގޮވާލާ އެހެން ޖަމާޢަތެއްކަމުގައިވާ ޙިޒުބުއްތަޙުރީރު ފާހަނގަވީ ރައްޔިތުން މެދުވެރިކޮށް ސިޔާސީ ޙަރަކާތުގައި އުޅުމަށް އިސްކަންނުދޭ ސިއްރު ޙަރަކާތެއްގެ ގޮތުގައެވެ. އެހެނީ އެމީހުން ދީމުޤުރާތީ އުޞޫލުތަކާ ދެކޮޅުހަދައެވެ.

އަދި ސީރިޔާގެ މަސްރަޙުގައި ފެނުނު ސަލަފީ ޙަރަކާތަކީ އެއިރު ޢަރަބި ދުނިޔޭގައި ހިނގަމުން އައި ސަލަފީ ޙަރަކާތްތަކާ ތަފާތު އިޞްލާޙީ ޙަރަކާތެކެވެ. އެއިރުގެ ގިނަ ސަލަފީ ޙަރަކާތްތަކުން ޤަބޫލުކުރި ގޮތުގައި ޒަމާނީ ދައުލަތުގެ ވިސްނުމަކީ ދީނާ ފުށުއަރާ ވިސްނުމެކެވެ. އެހެންނަމަވެސް ސީރިޔާގެ މިފިކުރީ މަދުރަސާއަށް ނިސްބަތްވާ ބޭފުޅުންގެ ވިސްނުންފުޅަކީ ޝައިޚު ޖަމާލުއްދީނުލް ޤާސިމީއާއި ޝެއިޚު ރަޝީދު ރިޟާގެ ފިކުރުން އުފެދިގެން އައި ފިކުރެކެވެ. އެބޭފުޅުންގެ ފިކުރަކީ ޢަޤީދާގައި ސަލަފީވިސްނުމަށް އެކީގައި ތަބާވުމާއެކު ސިޔާސީކަންކަމުގައި ދީމުޤުރާތީ އުޞޫލުތައް ބަލައިގަންނަ ފިކުރެކެވެ. އެހެންކަމުން ސިޔާސީ ކަންކަމުގައި ދީމުޤުރާތީ ގޮތުން ކަންކަން ނިންމުމާ މިފިކުރު ދެކޮޅެއް ނަހަދައެވެ.  (މިއީ އިޚުވާނުލް މުސްލިމީންއާއި މިޞްރުގައި ޙަރަކާތްތެރިވާ ސަލަފީ ސިޔާސީ ޕާޓީތަކުގެވެސް ވިސްނުމެވެ.)

50ގެ އަހަރުތަކުގައި ސީރިޔާގައި ސިޔާސީ ހަމަނުޖެހުމާއި ބަޙުސްތައް ގިނަވުމުގެ ސަބަބުން ރޫޙާނީ ހުސްކަމެއް އުފެދުނެވެ. ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅި ޢާންމުވުމާއި، ދަންނަބޭކަލުން ސިޔާސީ ކަންކަމުގައި މާބޮޑަށް މަޝްޣޫލުވެވަޑައިގެން ރޫޙާނީ ކަންކަން ހަނދާން ނައްތާލެއްވުމަކީ މިހުސްކަން އައުމަށް މެދުވެރިވި ސަބަބުތަކެކެވެ. ކޮންމެއަކަސް މިހުސްކަން ފުރައިދިނުމަށް ބައެއް ޖަމާޢަތްތައް އުފެދިގެންއައެވެ. ޤުބައިސިއްޔާތުގެ ޖަމާޢަތުގެ ނަމުގައި، ޝައިޚު އަޙުމަދު ކަފުތާރޫގެ އަންހެން ދަރިވަރެއްކަމުގައިވާ  މުނީރަތުލް ޤުބައިސިއްޔާ އުފެއްދި ޖަމާޢަތަކާއި، ޖަމާޢަތު ޒައިދުގެ ނަމުގައި އަލް-ޢައްލާމާ އައްޝައިޚު ޢަބުދުލްކަރީމުއް ރިފާޢީ އުފެއްދެވި ޖަމާޢަތް ފަދަ ޖަމާޢަތްތައް ފާހަނގަކޮށްލަން ޖެހެއެވެ. މިޖަމާޢަތްތަކުން މިސްކިތްތަކީ ތަރުބިއްޔަތުގެ މައި މަރުކަޒުތަކެއްކަމުގައި ހެދިއެވެ. ކުރިއެރުމާއި ފިކުރީ ތަރައްޤީގެ ބިންގައި އަޅައިދޭ މައި ޖަގަހަތަކަކީ މިސްކިތްތައްކަމުގައި ހެދިއެވެ. އަދި މިޖަމާޢަތްތަކުގެ ތެރެއިން ގިނަ ޖަމާޢަތްތައް ސިޔާސަތާ ދުރުގައި ޙަރަކާތްތެރިވަމުންދިއައެވެ. އެއީ ޝައިޚު ކަފުތާރޫގެ ޖަމާޢަތް ފިޔަވައެވެ. އެޖަމާޢަތާ ބަޢަޡުގެ ނިޒާމާއި ގުޅުންތަކެއް އޮތެވެ. އެހެނީ ޝައިޚު ކަފުތާރޫއަކީ ސީރިޔާގެ މުފުތީކަން 40 އަހަރުކުރެއްވި ބޭފުޅެކެވެ.

1980ގެ ތެރޭގައި ޙާފިޒުލް އަސަދުގެ އަނިޔާވެރިކަން އިސްލާމީ ޙަރަކާތްތަކުގެ މައްޗަށް ބޮޑުވިއެވެ. އެގޮތުން އިސްލާމީ ޙަރަކާތްތަކުގެ މައި ކޯއްޓޭކަމުގައިވާ ޙަމާގެ ޤަތުލު ޢާންމަކީ އިސްލާމީ ޙަރަކާތް މުލުން ލުހެލައި، ކުޑަކޮށްލުމަށް ޙާފިޒުލް އަސަދު ފެށި މަސައްކަތުގެ  ފެށުމެވ. 1976ގައި އިޚުވާނުލް މުސްލިމީންއިން އިސްނަގައިގެން ސުންނީ މުސްލިމުން ފެށި މިނިވަންކަމުގެ ޙަރަކާތް ޙާފިޒުގެ ކޮއްކޮ ރިފާޢަތުލް އަސަދުގެ އަނިޔާވެރިކަމުގައި 1982ގައި ނިމިގެންދޔައީ، އެރަށް އެކީ ފުޑުފުޑުކޮށްލައި 4000 އެތައްބަޔަކު މަރުވެގެންނެވެ. އަދި މިވަރުން ނިމުނީއެއްނޫނެވެ. ބޭރުގެ ޤައުމުތަކަށް ހިޖުރަކުރި އިސްލާމީ ލީޑަރުން ޝިކާރަކޮށް އެބޭފުޅުން ހިޖުރަކުރެއްވި ޤައުމުތަކުގައި ވެސް އެބޭފުޅުން މެރުމުގެ ސިއްރު އޮޕަރޭޝަންތަކެއް ސީރިޔާގެ ޖާސޫސީ އިދާރާތަކުން ހިންގީއެވެ.  

1999ގެ ފަހުކޮޅުގައި ޙިޒުބުއް ތަޙުރީރުގެ ހުރިހާ ލީޑަރުންތައް ހައްޔަރުކުރިއެވެ. އެޖަމާޢަތަކީ ސިއްރިއްޔާތުގައި ޙަރަކާތްތެރިވަމުން އައި ޖަމާޢަތެކެވެ. 80ގެ ތެރޭގައި ޙުމާގައި ހިންގި ޖަރީމާތަކާއި، އަދި އިސްލާމީ ޙަރަކާތްތެރިން ޝިކާރަކޮށް ކަތިލި ކަތިލުންތަކުން ތަޙުރީރު ޕާޓީ ސަލާމަތްވިއެވެ. އެއީ އިޚުވާނުލްމުސްލިމީންއާ ތަޙުރީރާ ދެމެދު އޮތް ދުޝްމަންކަމެއްގެ ސަބަބުންނެވެ. ކޮންމެއަކަސް ޙާފިޒުގެ ޖާސޫސީ އިދާރާތަކުން ތަޙުރީރު ޕާޓީ އިޚުވާނުން ޝިކާރަކުރުމަށް ބޭނުންކުރުމަށްފަހު 1999ގައި ތަޙުރީރު ޕާޓީވެސް މުލުން ލުހެލީއެވެ. ބޭނުމަކީ ދަރިފުޅަށް ވާރުތައިން ފޯރުކޮށްދޭ ނިޒާމަކީ އިސްލާމީ ސިޔާސީ ޙަރަކާތުގެ ނުރައްކާނެތް، އެޙަރަކާތުގެ އަސަރުވެސް ފޮހެލެވިފައިވާ ނިޒާމަކަށް ހަދައިދިނުމެވެ.

ދަރި އަސަދު: ދީން ކުޅޭކުޅޭ ކަމަކަށް ހެދުން

ބައްޝާރުގެ ވެރިކަމުގައި އިސްލާމީންނާ މެދު މުޢާމަލާތްކުރި ގޮތް އެހެން އެއްވެސް ނިޒާމަކާ އެއްގޮތްކަމުގައި ދެންނެވޭކަށްނެތެވެ. ބައިނަލްއަޤުވާމީ ސިޔާސީ މަސްރަހަށް އަންނަމުން ދިޔަ ބަދަލުތަކާއި ސަރަހައްދުގެ ދައުލަތްތަކުގައި ހިނގަމުންދިޔަ ޙާދިސާތަކާ ގުޅިގެން ބައްޝާރުގެ ސިޔާސަތުތައްވެސް އިންޤިލާބީ ގޮތެއްގައި ދިޔައީ ބަދަލުވަމުންނެވެ. އެއީ ސެޕްޓެމްބަރު 11ގެ ޙާދިސާއާއި 2003ގައި ޢިރާޤު ހިފުމާއި، 2005 ގައި ޙަރީރީ ޤަތުލުކޮށްލުން ފަދަ ޙާދިސާތަކެވެ.

ޙާފިޒުލް އަސަދުގެ ސިޔާސަތުތައް ބައްޓަންކޮށްފައި ހުރީ ގަދަފަދަކަމުން ތިލަފަތްހަމަ ނިޒާމެއް ދެމެހެއްޓުމުގެ މައްޗަށެވެ. އެއީ ދީނީ ޖަމާޢަތްތަކާއި ޠާއިފާތަކާ މުޢާމަލާތްކުރުމުގައެވެ. އޭނާގެ ސިޔާސަތުތަކުގެ އަމާޒަކީ އެއްވެސް ދީނީ އަދި ޤައުމީ ޖަމާޢަތަކަށް ކުރިއަށް ނުކުމެ ޙަރަކާތްތެރިވިޔަ ނުދިނުމެވެ. އެހެންކަމުން ވެރިކަމުގެ މަޤާމްތަކުގައި މެޖޯރިޓީކަމުގައިވާ ސުންނީންނާއި އަދި އެކި ކަހަލަ މައިނޯރިޓީތައް ބައިވެރިކުރިއެވެ.  ނަމަވެސް މިމަޤާމުތަކަކީ ހަމައެކަނި ރަމްޒީ މަޤާމްތަކަކެވެ. ސިޔާސަތުތައް ކަނޑައަޅަމުންދިޔައީ ޙާފިޒުލް އަސަދެވެ. އެހެންނަމަވެސް ޙާފިޒުލް އަސަދުގެ ވެރިކަމުގައި ހުރިހާ ޖަމާޢަތްތަކަކާމެދުވެސް މުޢާމަލާތްކުރެވެމުންދިޔައީ އެއް ގޮތަކަށެވެ. އެއީ ދިރިއުޅުމުގެ ތަފުޞީލާތުތަކުގެ ތެރެއަށް ޖާސޫސީ އިދާރާތައް ވެއްދުމުގެ ސަބަބުންނެވެ. ޙާފިޒުލް އަސަދުގެ ލަނޑުދަޑިއަކީ ތިލަފަތް ހަމަގޮތެއްގައި އެންމެނާ މުޢާމަލާތްކުރުމުގެ ތެރެއިން ސިޔާސީ އިސްތިޤުރާރު ޤާއިމުކުރުމެވެ. އަދި އަމުނު ދަގަނޑުގެ އަނިޔާވެރިކަމުން ދެމެހެއްޓުމެވެ. އެހެންކަމުން އޭނާގެ ނިޒާމުގެ ދެމިއޮތުމަށް ނުރައްކަލަކަށްވެދާނެ ނުވަތަ އޭނާގެ ސިޔާސަތުތަކަށް ފާޑު ކިޔާފާނެ ހުރިހާ ބާރުތަކެއް ނައްތާލިއެވެ. އެގޮތުގެ މަތިން އިސްލާމީ ސިޔާސީ ޙަރަކާތްތައް ނައްތާލީއެވެ. 80ގެ އަހަރުތަކުގައި އިޚުވާނުން މުލުން ލުހެލައި ޤައުމުން ފައްސާލައި ކަތިލުމަށްފަހުގެ 90ގެ ފަހުކޮޅުގައި ސިއްރިއްޔާތުގައި ހިންގަމުން އައި ތަޙުރީރު ޕާޓީވެސް އަނިޔާވެރި ގޮތެއްގައި ފުޑުފުޑުކޮށްލިއެވެ.

ބައްޕަ އަސަދުގެ ސިޔާސަތުތަކާ ދަރި އަސަދުގެ ސިޔާސަތުތައް ވަރަށް ތަފާތެވެ. އޭނާގެ ވެރިކަމުގައި ވަކި ޖަމާޢަތްތަކަކަށާއި ފިރުޤާތަކަށާއި ޠާއިފާތަކަށް ޚާއްޞަ އިމްތިޔާޒުތަކެއް ދޭން ފެށިއެވެ. ގިނަ ފަހަރަށް މިދޭ އިމްތިޔާޒުތަކަކީ އެޖަމާޢަތްތަކާއި ޠާއިފާތަކުގެ ކުޑަ ބޮޑުމިނާ މުނާސަބު ނޫން އިމްތިޔާޒުތަކެކެވެ. އަދި ދީނީ ޖަމާޢަތްތަކާއި ޠާއިފާތަކުގެ ތެރެއިން ގިނަ ޖަމާޢަތްތައް މިއިމްތިޔާޒުތަކުން މަޙުރޫމުވެއެވެ. މިތިލަފަތް ނުވަތަ މިނިޒާމާ ފުށު އަރާގޮތަކަށް ބަޔަކު ކަމެއް ކޮށްފިނަމަ، އެބަޔަކާ މެދު ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިޔަވަޅު އަޅައެވެ. މިސާލަކަށް މިޞްރުގެ މަޝްހޫރު ދާޢީއެއްކަމުގައިވާ ޑރ.ޢަމްރޫ ޚާލިދުގެ ވާހަކަތަކުން އަސަރުކޮށްގެން "ޞުންނާޢުލް ޙަޔާތު"ގެ ނަމުގައި މަސައްކަތްކުރި ޒުވާނުން ޖަލަށްލުމާއި، އައު ޝިޢީ ޖަމާޢަތްތަކަށް ދޭ އިމްތިޔާޒުތަކަށް ފާޑުކީ އިސްލާމީން ހައްޔަރުކޮށް ހަރުކަށި ޙުކުމްތައް އިއްވުން ފާހަނގަކޮށްލަން ޖެހެއެވެ. ގިނަ ޖަމާޢަތްތަކަށް އަނިޔާވެރިކަމާއި ފަސާދައިގެ އިޙުސާސް މި އިމްތިޔާޒުތަކުގެ ސަބަބުން ކުރެވުނެވެ. އަދި އެކަން ދީނީ ލީޑަރުން ފާހަގަކުރަމުންވެސް ދިޔައެވެ.

އިސްލާމީ ޙަރަކާތްތަކާ ޖަމާޢަތްތަކާ މެދު ބައިނަލް އަޤުވާމީ މުޖުތަމަޢުން މުޢާމަލާތްކުރާ ގޮތަށް އައި ބަދަލުގެ ފައިދާވެސް ބައްޝާރުގެ ސަރުކާރުން ނަގަމުން ދިޔައެވެ. ހަރުކަށި ފިޔަވަޅުތަކެއް އިސްލާމީ ހުރިހާ ޖަމާޢަތްތަކާއި ޙަރަކާތްތަކާމެދު ޤައުމުތަކުން އަޅަން ފެއްޓިއެވެ. މިފިޔަވަޅުތައް އެޅުމުގައި، ހަރުކަށި ޖަމާޢަތާއި މެދުމިން ޖަމާޢަތްތަކާއި، ސިއްރު ޖަމާޢަތްތަކާއި ފާޅުގައި ހިނގާ ޙަރަކާތްތަކާއި، ވަޠަނީ ޙަރަކާތްތަކަކީ އުމަމީ ޙަރަކާތްތަކުގެ މެދުގައި ފަރަޤުކުރުމެއްނެތެވެ. މިދުވަސްވަރު އިސްލާމިކު ފޯބިއާ ހުޅަނގު ޔޫރަޕާއި އެމެރިކާގައި އުފެދި ވުޖޫދަށް އައެވެ. އޮބާމާގެ ސަރުކާރުން އަޅަމުންދާ އިޞްލާޙީ ފިޔަވަޅުތަކާއެކުވެސް އަދިވެސް އެމަރުޙަލާގެ އަސަރުތައް ފިލައިނުދެއެވެ. އެގޮތުން ހުޅަނގު ބައެއް ޤައުމުތަކުގައި މޫނުބުރުގާއާއި ބުރުގާއާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި ބައެއް ޤައުމުތަކުގައި މިސްކިތު މުންނާރު އެޅުން މަނާކުރުން ފަދަ ކަންކަމަކީ މި ފޯބިއާގެ މިސާލުތަކެވެ.

ސީރިޔާގެ ވެރިކަމުން އިސްލާމީ ޖަމާޢަތްތަކާމެދު ގެންގުޅެމުން އައި ސިޔާސަތުތަކަށް، ބައްޝާރުގެ ވެރިކަމުގައި ގެނެވުނު ނުވަތަ އައި އެންމެ މުހިއްމު އެންމެ ބޮޑު ބަދަލކީ، އެފަދަ ޖަމާޢަތްތަކާ ގުޅޭ ސިޔާސަތަކީ ދާޚިލީސިޔާސަތުގެ ބައެއްގެ ގޮތުގައި އޮތް އޮތުން ޚާރިޖީ ސިޔާސަތުގެ ބައެއްކަމުގައި ބަދަލުވުމެވެ. އެހެންކަމުން މިމައްސަލާގައި މުޢާމަލާތްކުރާ ގޮތްތަކާއި ނިންމާ ނިންމުންތައް ބިނާވާން ފެށީ ބައިނަލްއަޤުވާމީ ދުނިޔޭގެ އެދުންތަކާއި ބައިންލްއަޤުވާމީ މުޖުތަޢުގެ ނިންމުންތަކުގެ މައްޗަށެވެ. މިއިންޤިލާބީ ބަދަލުގެ ސަބަބުން ސީރިޔާ ސަރުކާރުގެ ސިޔާސަތުތައް މަދު އަހަރުތަކެއްގެ ތެރޭގައި އެތައް ގޮތަކަށް ބަދަލުވަމުން ދިޔައެވެ.

ސޫރިޔާގެ ސިޔާސަތު އެކަށައަޅާ ފަރާތްތަކަށް ޓެރަރިޒަމާ ދެކޮޅު ހަނގުރާމައަކީ ބައިނަލްއަޤުވާމީ މަސްރަޙުގައި ބޭނުންކުރެވިދާނެ އުކުޅެއްކަން ޔަޤީންވުމާއެކީގައި، އިސްލާމީ ޖަމާޢަތްތަކަށް ދިއްކޮށްލި އެކުވެރިކަމުގެ އަތް، ކުއްލި ހަރުކަށި ފިޔަވަޅުތަކަކަށް ބަދަލުވެގެންދިޔައެވެ. އަދި ޢިރާޤުގެ ވެރިކަން ވެއްޓުމާއެކު، ސޫރިޔާގެ ނިޒާމް ދެމިއޮތުމަށް ގޮންޖެހުންތަކެއް އަތުވެދާނެކަން އެގުމުން ސަރުކާރުގެ ސިޔާސަތުތައް ސަލަފީ ޖިހާދީ ޙަރަކާތްތަކާ މެދު ހުޅުވާލެވިގެން ދިޔައެވެ. އަދި އެމީހުންނަށް އެކި ގޮތްގޮތުން އެހީވާން ފެށިއެވެ. އަދި ނިޒާމަށް އެމެރިކާއާއި ހުޅަނގުގެ ފަރާތުން ނުރައްކާތަކެއް އަންނަކަން ޔަޤީންވުމާއެކީ ދީންވެރިކަމުގެ ޞިފަތައް ފާޅުވުމަށް ފުރުޞަތުދެވުނެވެ. ބޭނުމަކި ހުޅަނގަށާއި އެމެރިކާއަށް ޤައުމުގެ އެތެރޭގައި ޙައްދު ފަހަނައަޅާފައިވާ ހަރުކަށި ބަޔަކު ތިބިކަމުގެ މެސެޖުދިނުމެވެ. އަދި ޙަރީރީ މަރާލެވުމާއި ޢިރާޤުގެ މަސްރަޙު ހޫނުވުމާ ގުޅިގެން ވެރިކަމުގެ ކަންކަމުގައި އީރާނުގެ އެހީތެރިކަމަށް ބޭނުންޖެހުމުން، ހަރުކަށިކަމާއެކު ސުންނީ އިސްލާމީ ޙަރަކާތްތަކާމެދު ފިޔަވަޅު އަޅަން ފެށިއެވެ. އަދި ޝިޢީންގެ ޖަމާޢަތްތަކަށް ޚާއްޞަ އިމްތިޔާޒުތަކެއް ހޯދައިދޭން ފެށިއެވެ.

އަދި ގަސްތުގައި ސޫރިޔާގެ ސަރުކާރުން ހިންގި ސިޔާސީ ޕުރޮޕެގަންޑާގެ މުހިއްމު އެއްބަޔަކީ ދީންވެރިކަމުގެ ޞިފަތަކާއި، ހަރުކަށިކަމާ ސީދާގޮތުން ގުޅުވުމެވެ. ފަހަރުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުން ފަށާފައިވާ ޓެރަރިޒަމާ ދެކޮޅު ޙަރަކާތްތަކުގެ ބައެއްކަމުގައި މިސިޔާސަތު ނުވެދާނެއެވެ. އެހެންނަމަވެސް ސީރިޔާގައި މިކަން ކުރަނީ ގަސްތުގައި ރާވައިގެން، ވަކިކަންތައްތަކަކާއި ބަޔަކު އިޚުތިޔާރުކޮށްގެން، ފާޅުގައެވެ. ސޫރިޔާގެ ނިޒާމުގެ ދެމިއޮތުމަށް ނުރައްކާވާ ކޮންމެ ފަހަރަކުވެސް ހުޅަނގަށް ދައްކައިދޭން ބޭނުންވަނީ މިއަނިޔާވެރި ނިޒާމުގެ ބަދަލުގައި އަންނަން އޮތީ "ހަރުކަށި ހައްދުފަހަނައަޅާފައިވާ" ޖަމާޢަތްތަކެއްކަމެވެ. މިކަން ކުރާ ގޮތަކީ ކުއްލިއަކަށް ދީންވެރިކަމުގެ ޞިފަތައް ފާޅުވާ ފާޅުވުމާއި ހަރުކަށިކަމާ ގުޅުވާ، ސޫރިޔާގެ އެކި ސަރަޙައްދުތަކުގައި އެކި ހަރުކަށި ހަތިޔާރު އެޅި ޖަމާޢަތްތައް ޙަރަކާތްތެރިވަމުންދާކަމުގެ ވާހަކަ ފެތުރުމެވެ. 2004ވަނަ އަހަރާއި 2006ވަނައަހަރުގައި މިކަންތައް ސޫރިޔާގެ މީޑިޔާގައި އިންތިހާއަށް ބޮޑުވެގެންދިޔައެވެ. މިއާއެކު، ސައްޔިދާ ޒައިނަބުގައި ޝިޢީ މަޒުހަބުގެ ދީނީ ޞިފަތައް ކުއްލިއަކަށް ފައުޅުވަމުން އިތުރުވަމުން ދިޔަ ދިއުމާއި، އަދި ޝިޢީން ސޫރިޔާއަށް ހިޖުރަކުރާކަމާއި މިހުރިހާ ކަމެއް އޮންނަނީ ސިއްރުކުރެވިފައެވެ. އެއްވެސް ގޮތަކަށް މިއިންކަމެއްގެ ވާހަކަ ނުވެސް ދެކެވެނީއެވެ.

އިސްލާމީ ސިޔާސީ ޙަރަކާތް: އަލުން ފައުޅުވުން:

 ބައްޝާރުލް އަސަދުގެ ވެރިކަމުގައި ސޫރިޔާގެ އެތެރޭގައާއި ބޭރުގައި ހިނގަމުން އައި ކަންކަމުގެ ސަބަބުން އިސްލާމީ ޖަމާޢަތްތަކުގެ ސިޔާސީ ވިސްނުންތަކެއް އުފެދެން ފެށިއެވެ. އަދި އެތަށް އަހަރެއްވަންދެން ފޮރުވިފައި އޮތުމަށްފަހު އިސްލާމީ ސިޔާސީ ޙަރަކާތްތައް އަލުން ފާޅުވާން ފެށިއެވެ. އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ މި ޖަމާޢަތްތަކުގެ ތެރެއިން ގިނަ ޖަމާޢަތްތަކުން މަސައްކަތްކުރަމުން ގެންދިޔައީ މަދަނީ އުސްލޫބުތައް ބޭނުންކޮށްގެން ކަމެވެ. އަދި ދީމުގުރާތީ އުޞޫލުތައް މި ޖަމާޢަތްތަކުން ބަލައިގަނެއެވެ. އެހެންކަމުން އެޖަމާޢަތްތަކަށް ސިޔާސީ ޝަރުޢިއްޔަތު ގިނަފަހަރަށް ލިބެއެވެ. މިއިން ބައެއް ޖަމާޢަތްތަކާ ބައްޝާރުގެ ވެރިކަމުން ސިއްރު ކޯލިޝަންތަކެއް ހަދާފައިވާކަމަށް އަޑު ފެތުރިފައިވެއެވެ.

މިބަދަލުގެ ނަތީޖާއަކަށްވެގެން ދިޔައީ، ސަރުކާރާ ގުޅިފައިވާ ޖަމާޢަތްތަކެއްގެ ގޮތުގައި ނުވަތަ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ އިނދިކޮޅު ޙަރަކާތްތަކެއްގެ ގޮތުގައި އިސްލާމީ ގިނަ ޖަމާޢަތްތަކެއް ސިޔާސީ މައިދާނަށް ހިޖުރަކުރުމެވެ. އެއީ އަވަށްޓެރި ޤައުމުތަކުގައި ހިނގަމުން އަންނަ ކަންކަމާއި ސޫރިޔާ ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުގެ މަތިންނެވެ. މިޖަމާޢަތްތަކުގެ ތެރެއިން އެންމެ މުހިއްމު ޖަމާޢަތްތަކަކީ އަންނަނިވި ޖަމާޢަތްތަކެވެ.

ހ- ސޫރިޔާ ސަރުކާރުގެ ސިޔާސަތުތައް ބަލައިނުގަނެއް އެސިޔާސަތުތަކަށް ފާޑުކިޔާ ދީނީ އިޖުތިމާޢި ޖަމާޢަތްތަކެވެ. (މިބައިގައި ޖަމާޢަތު ޒައިދު، އަދި ދީނީ ލީޑަރުންގެ އެތައް ބަޔަކު ހިމެނެއެވެ.)

ށ- ސޫރިޔާގައި އޮތްވެރިކަން އެކީ ބަދަލުކުރަން ބޭނުންވާ އިސްލާމީ ސިޔާސީ ޖަމާޢަތްތަކެވެ. މީގެތެރޭގައި ދީނީ އަސާސުގެ މަތީގައި އެކަން ބޭނުންވާ ޖަމާޢަތްތަކާއި ދީނީއަދި ޤައުމީ އަސާސެއްގެ މަތީގައި އެކަމަށް އެދޭ ބަޔަކުވެސް ހިމެނެއެވެ. މި ޖަމާޢަތްތަކުގެ މިސާލަކީ: ހަމަނުޖެހުމަށް ގޮވާނުލާ އިސްލާމީންގެ ޖަމާޢަތްތަކާއި ކުރުދީ އިސްލާމީން އަދި ސަލަފީ ޖިހާދީ ޖަމާޢަތްތަކެވެ. މިތަނުގައި ފާހަގަކޮށްލުން އެންމެ މުހިއްމު ނުކުތާއަކީ ސޫރިޔާގެ އެތެރޭގައި އެއްވެސް ޖަމާޢަތަކުން ހަތިޔާރު ބޭނުންކޮށްގެން ޙަރަކާތްތަކެއް ނުހިންގާކަމެވެ. ސަބަބަކީ އެކަމަކީ ސޫރިޔާގެ ޢާންމުން ބަލައިގަންނާނެ ކަމަކަށްނުވާތީއެވެ.

ނ- ދީނީ އިޖުތިމާޢީ ޖަމާޢަތްތަކުގެ ތެރެއިން ބައްޝާރުގެ ނިޒާމަށް އެހީތެރިވާ ގުޅިގެން އުޅޭ ޖަމާޢަތްތަކެވެ. މިފަދަ ޖަމާޢަތްތައް ބޮޑަށް ފާހަގަވަނީ ސަރުކާރުގެ ތެރޭގައި ބައިވެރިވުމުގެ ފުރުޞަތުލިބުމާއެކީ، ސަރުކާރަށް ތާއީދުކުރާ ޖަމާޢަތްތަކެއްގެ ގޮތުގައެވެ. މީގެތެރޭގައި ކަފުތާރިއްޔާ ފަދަ ޖަމާޢަތްތަކާއި، ޝައިޚު ބޫޠީފަދަ ބައެއް ދީނީ ލީޑަރުންވެސް ހިމެނެއެވެ.

އިންޤިލާބުގެ އަލިފާން ރޯވުމާއެކީގައި، ހުރިހާ ދީނީ ޖަމާޢަތްތަކަކުންވެސް ސިޔާސީ ގޮތުން ތިބޭނީ ކޮން ކޮޅެއްގައި ކިހިނެއްކަން ކަނޑައަޅަން ފަށައިފިއެވެ. އެއީ ޤުބައިސިއްޔާތުގެ ޖަމްޢިއްޔާ ފިޔަވައެވެ. އެ ޖަމްޢިއްޔާވަނީ ވަރަށްބޮޑަށް ސިޔާސީކަންކަމުގައި ދުރުގައެވެ. ސަބަބެއްކަމަށް ބެލެވެނީ މިޖަމްޢިއްޔާއަކީ ހަމައެކަނި އަންހެނުންގެ މައްޗަށް އެކުލެވޭ ޖަމްޢިއްޔާއަކަށްވުމާއެކު، ސޫރިޔާ އަންހެނުންގެ ޙާލަތުގެ އަސަރު މިޖަމްޢިއްޔާއަށްވެސްކުރުމެވެ. ސޫރިޔާ އަންހެނުންނަކީ ޢާންމުގޮތެއްގައި ސިޔާސީ ކަންކަމާދުރު ބައެކެވެ.

ޚުލާޞާއަކީ ދީނީ ޖަމްޢިއްޔާ ޖަމާޢަތްތައް ފަހަކަށް އައިސް ސިޔާސަތުގެ ތެރެއަށް ވަންނަން ފެށިކަމެވެ. ސޫރިޔާގައި އޮތް ނިޒާމާ ގުޅިގެންނާއި ނުގުޅި އިދިކޮޅު ޙަރަކާތްތަކުގެ ގޮތުގައެވެ. ސިޔާސީ މަސްރަހާ ދުރުގައި ހަމައެކަނި ދަޢަވީ މަސައްކަތްކުރާ ފަރާތްތަކުން އެކަން އެގޮތުގައި ކުރަނީ މިނިޒާމާމެދު އުންމީދު ގެއްލިފައިވާތީއެވެ. އެހެންކަމުން އީމާންކަމުގެ އެންމެ ދަށްމިންވަރުގައި ހިފަނީއެވެ. ހިތުން ނިޒާމުގެ އަނިޔާވެރިކަމާ ދެކޮޅު ހަދާލުމަށްފަހު ފުއްދާލަނީއެވެ.

ފަގުނޑިއާއި އިންޤިލާބު: އައުތާރީޚެއް:

އިންޤިލާބުގެ ސަބަބުން ސޫރިޔާގެ އިޖުތިމާޢީ އޮނިގަނޑުގެ ތެރޭގައި އައު ފުން ބަދަލުތަކެއް ދިޔައީ އަންނަމުންނެވެ. ސަރުކާރުގެ ސިޔާސަތުތަކުން މި ބަދަލުތަކަށް ދިޔައީ ސީދާގޮތުން އަސަރުކުރަމުންނެވެ. މިއިންޤިލާބުގައި ދަންނަބޭކަލުންނާއި ދީނީ ޖަމާޢަތްތަކުންވަނީ ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައިވެއެވެ. އެއީ ބައެއް ސަރަޙައްދުތަކުގައި އިންޤިލާބުގެ ނިސްބަތުން ސަލްބީދައުރެކެވެ. އަދި އަނެއްބައި ސަރަހައްދު ތަކުގައި އީޖާބީ ދައުރެކެވެ. އިންޤިލާބުގެ ސަބަބުން ސަރުކާރަށް ތާއީދުކުރައްވާ ޢިލްމުވެރިންނާއި އިޖުތިމާޢީ ދީނީ ޖަމްޢިއްޔާތަކަށް މަޖުބޫރުވެފައިވަނީ ސަރުކާރުގެ ދިފާޢުގައި އިހުނަށްވުރެ ބޮޑަށް މަސައްކަތްކުރުމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ޢިލްމުވެރިންނާއި ޖަމްޢިއްޔާތަށް އިހުނަށްވުރެ ބޮޑަށް އިދިކޮޅު ފަރާތްތަކާ ގުޅެމުން ލާމެހެމުންދެއެވެ. މިދަންނަވާ ޖަމާޢަތްތަކާއި ޢިލްމުވެރިންގެ ތާރީޚަށާއި މުޒާހަރާތަކާމެދު އަދި ޢަރަބި ރަބީޢުގެ ފަހުން ޢާންމުންނާމެދު ސަރުކާރުން ގެންގުޅުނު އަނިޔާވެރި ސިޔާސަތުގެ ތާރީޚަށް ބަލައިލުމުން މިދެންނެވި ގޮތަށް އެބޭކަލުންނާއި ޖަމްޢިއްޔާތައް ސަރުކާރާ ދެކޮޅުވެރިވުމަކީ ޣަރީބުކަމެއްކަމުގައި ނުފެނެއެވެ. އެހެންނަމަވެސް ފާހަގަކޮށްލަން ޖެހޭ މުހިއްމު ނުކުތާއަކީ ދީނީ ޢިލްމުވެރިންނާއި، ދީނީ އިޖުތިމާޢީ ޖަމާޢަތްތައް އިންޤިލާބުގައި އަދާކުރަމުންދާ މުހިއްމު ޒަޢާމަތުގެ ދައުރެވެ. އަދި ދީނީ ސިޔާސީ ޖަމާޢަތްތައް މިކަމުގައި އަދާކުރަމުންދަނީ ބެލެހެއްޓުންތެރި މުރާޤިބެއްގެ ދައުރެވެ. އަދިވެސް ސާފުކޮށް އެޙަރަކާތްތައް މި އިންޤިލާބުގައި އަދާކުރާނެ ދައުރު އެގިފައިވާ ކަމުގައި ދެންނެވޭކަށްނެތެވެ.

އިންޤިލާބުގެ ކުރިން ސިޔާސީކަންކަމާ ދުރުގައި ތިއްބެވި ދީނީ ޢިލްމުވެރިންނާއި ދީނީ ޖަމްޢިއްޔާތައް ސިޔާސަތުގެ ތެރެއަށް ވަނުމަށް މެދުވެރި އެންމެ މުހިއްމު ސަބަބެއްކަމުގައި ބެލެވެނީ މުޒާހަރާތައް ފެށުމުން އެކަންކަމާ ސަރުކާރުން މުޢާމަލާތްކުރި އަނިޔާވެރި، ހަރުކަށި ގޮތެވެ. އަދި ހަމައެފަދައިން މުޒާހަރާތައް ފެށިގެން އަންނަ މަރުކަޒުތައްކަމުގައި މިސްކިތްތައް ހިމެނިގެން ދިއުންވެސް ހިމެނެއެވެ. އެއީ ވެރިކަމުގެ ފަރާތުން އެމީހުންގެ ބާރު ފޯރާ ހުރިހާތަނެއްގައި ޖަމާވެ އެއްވެ ނޫޅެވޭނެ ގޮތަށް ކަންކަން ރޭވުމުން ޖަމާވުމަށް އަޅުކަމުގެ ގޯތިތައް ނޫން ރައްކާތެރި ތަނެއް ނެތިވީއެވެ. 2011 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 23ވަނަ ދުވަހު ކުޑަ ސެކިއުރިޓީ ކައުންސިލްއަކުން ތައްޔާރުކޮށް އެކުލަވާލި ރިޕޯޓެއްގައިވާގޮތުން ސަރުކާރުންވަނީ ދީން އެމީހުންގެ އަނިޔާވެރި ޢަމަލުތަކުގައި ބޭނުންކޮށްފައެވެ. މިވެސް ދަންނަބޭކަލުންނާއި ދީނީ ޖަމާޢަތްތައް އިންޤިލާބީ ޙަރަކާތާ ގުޅެން މެދުވެރިވި ސަބަބެކެވެ.

ސަލަފީ ޖިހާދީ ޙަރަކާތް ސަރުކާރުގެ ގުއިރޯނު:

ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުންނަކީ "ޓެރަރިސްޓުން"ނާއި ހަރުކަށި ހަތިޔާރު އެޅި ޖިހާދީންކަމަށް ބުނެ އެމީހުންނާ ދެކޮޅަށް ބަރު ހަތިޔާރު ބޭނުންކުރުމުން ސަރުކާރުގެ ދޮގުވެރިކަން ސާފުވެ، އެބުނާފަދަ އެއްވެސް ޖަމާޢަތެއް ސޫރިޔާގެ އެތެރޭގައި ނެތްކަން ކަށަވަރުވެގެން ހިގައްޖެއެވެ. އަންހެނުންނާއި ކުޑަކުދިން ގިނަ ޢަދަދަކަށް ހިމެނޭގޮތުގައި ސަރުކާރުން މުޒާހަރާކުރި ފަރާތްތަކާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ ކުޑަ ކުޑަ މިންވަރަކީވެސް ޖިހާދީ ޖަމާޢަތްތަކުގެ ޖިހާދީ ރޫޙު ނެރެލާނެ ކަންކަމެވެ. އެހެންނަމަވެސް ސޫރިޔާގެ ޢަސްކަރީ ބާރުތަކުން ވަކިވެ، މުޒާހަރާކުރާ މީހުންގެ ޙިމާޔަތުގައި ނުކުތް ބަޔަކު ނުކުތުމާ ޖެހެންދެން އިންޤިލާބީ ޙަރަކާތް ހިނގަމުންދިޔައީ ޞުލްޙަވެރި މުޒާހަރާކުރުންތަކަކާއި އެއްވުންތަކެއްގެ ގޮތުގައެވެ. އަދި އެންމެ ފަހު ވަގުތާޖެހެންދެންވެސް މުޒާހަރާކުރި މީހުންގެ ފިކުރަކީ  ޞުލްޙަވެރިކަމާއެކު މަދަނީ ޙަރަކާތްތަކެއް ސަރުކާރާ ދެކޮޅަށް ހިންގުމެވެ. މިއީ ޖިހާދީ ޙަރަކާތްތަކުގެ ފިކުރާ ފުށު އަރާ ފިކުރެކެވެ. ޤާނޫނީ މީހުންނާއި ސިޔާސީ ކަންކަން ދިރާސާކުރާ ފަރާތްތަކުގެ ދިރާސާތަކުގެ ޚުލާޞާއަކީ އެބުނާ ޖިހާދީ ހަރުކަށި ތަކުފީރީ  ފިކުރަކީ ސޫރިޔާގައި ވަރަށް ތަދު ފިކުރެއްކަމެވެ. ސޫރިޔާގެ ސަރުކާރުން ދުނިޔެއަށް ދައްކައިދޭ ހަރުކަށި ޖަމާޢަތްތަކަކީ ޚިޔާލީ ފޮލާއެވެ.

ޖަލުތަކުގައި ހައްޔަރުކުރެވިފައިވާ ސަލަފީ ޒުވާނުންގެ މެދުގައި މިދެންނެވި ޖިހާދީ ފިކުރު ފެތުރެން ފަށާފައިވާކަމަށް ދިރާސާތަކުން ދައްކައެވެ. ސަބަބަކީ ޢަދުލު އިންޞާފުގެ އެއްވެސް ޝަރުޠެއް ހަމަނުވާ ގޮތެއްގެ މަތިން ސޫރިޔާގެ ޖަލުތަކުގައި ތަޙުޤީޤުކުރުމެއް، ޝަރީޢަތްކުރުމެއްނެތި ދެމުންދާ ހަރުކަށި އަދަބުތަކެވެ. އެހެންނަމަވެސް މިޞްރާއި ތޫނިސްގައި ޞުލްޙަވެރި މަދަނީ ޙަރަކާތްތަކުގެ ތެރެއިން ސަރުކާރު ބަދަލުވުމާއެކު، އެފަދަ ޒުވާނުންގެ މެދުގައިވެސް މިދެންނެވި ޞުލްޙަވެރި މަދަނީ ޙަރަކާތުގެ ރޫޙު ފެތުރިގެންދިޔައެވެ. އެހެންނަމަވެސް ބައިނަލްއަޤުވާމީ ދުނިޔެއިން ސޫރިޔާގެ ޙާލަތާމެދު އަޅައި ނުލުމުން އަދި މިނިވަން ލަޝްކަރަށް އެހީތެރިކަން ލިބުން ކުޑަވުމުން ސޫރިޔާގެ ތެރެއަށް ހަރުކަށި ޖަމާޢަތްތަކަށް ވަނުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވިފައެވެ. އަދި މަދުންނަމަވެސް އެފަދަ ފިކުރުތަކާއި ޖަމާޢަތްތައް ވަންނަމުން އެބައާދެއެވެ. އެހެނީ ހަތިޔާރާއި ޢަސްކަރީ ތަޖުރިބާއަށް ބޭނުންވެފައިވާ ރައްޔިތަކަށް ކޮންމެ ބަޔަކު އެހީވިޔަސް އެއެހީ ބަލައިގަންނާނެއެވެ.

އިޚުވާނުލް މުސްލިމީން އަބުރާ އައުން ގުޅުންތައް އަލުން ބިނާކުރުން:

1982ގެ އަނިޔާވެރި ޤަތުލު ޢާންމަށް ފަހު ސިޔާސީ ކަންކަމުގައި އިޚުވާނުލް މުސްލިމީންގެ މަސައްކަތްތައް ހުއްޓި އަސަރުވެސް ކުޑަވެގެންދިޔައެވެ. އަދި އިޚުވާނުލް މުސްލިމީންއާއި އެޖަމާޢަތާ ގުޅިފައިވާ އިސްލާމީ ހުރިހާ ސިޔާސީ ޙަރަކާތެއް އަނިޔާވެރި ގޮތެއްގައި ފުހެލުމަށްފަހު، އެޖަމާޢަތްތަކަށް ނިސްބަތްވާ އެންމެން 90ގެ ތެރޭގައި ޤައުމުން ފަހާ ބޭރުކޮށްލިއެވެ. އަދި ބާކީ ތިބި ބަޔަކު ނަމަ ޖަލަށްލައި އަނިޔާތައްދެމުންދިޔައެވެ. މިކަމުގެ ސަބަބުން ސޫރިޔާގެ މަސްރަޙުގައި އިޚުވާނުންގެ ނުފޫޒުނެތިގެން ދިޔައެވެ.

އަދި ޖަމާޢަތް ބައިބައިވެ، ޤައުމުން ބޭރުގައި އެތައް ބަޔެއްގެ ގޮތުގައި ހިގަން ފެށިއެވެ. އަދި ސަރުކާރުން ހިންގި ފުޅާ މީޑިޔާ ޙަރަކާތުގެ ސަބަބުން 1982ގައި ހިނގައި ދިޔަ އަނިޔާވެރި ޢަމަލުތައް އިޚުވާނުލް މުސްލިމީންގެ ކޮޑުގައި އެޅުވުނެވެ. އެހެނީ މިކަމުގައި ސަރުކާރުން އޭގެ ފަހުން އައިހާ ބަޔަކަށް ދެއްކި މަންޒަރަކީ އިޚުވާނުންގެ ސަބަބުން އެކަން ހިގައި ދިޔަކަމުގެ މަންޒަރެވެ. އަދި މިކެމްޕެއިންގެ ސަބަބުން އިޚުވާނުލް މުސްލިމީންއަށް ނިސްބަތްވާ އެތައްލައްކަ ޢާއިލާއަކަށް އުދަގުލާއި ތުރާ ކުރިމަތިވިއެވެ. އެކަހެރިކަމާއި އަމިއްލަ ވަޠަނުގައި ޣަރީބުވެގެން ދިޔައެވެ.

އަދި އިޚުވާނުލް މުސްލިމީން އާމެދު މީގެ 20ވަރަކަށް އަހަރުކުރިން ފެށި މަސައްކަތްތައް މިއަދުވެސް ކުރިއަށް ގެންދެއެވެ. އެގޮތުން ސީރިޔާގެ ޖަލުތަކުގައި ބަންދުވެފައިވާ މީހުންނާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި މަރާލި މީހުންގެ ދަރިންނާއި އެކުދިންގެ ދަރިންވެސް މަދަނީ ޙައްޤުތަކުގެ ތެރެއިން ވަރަށް ގިނަ ޙައްޤުތަކުން މަޙުރޫމުކޮށްފައިވެއެވެ. އަދި ފުލުހުންނާއި ސިފައިންގެ އިސްވެރި ބޭނުން އިރަކު ނަގަން ހުރި އެއްޗެއްކަމުގައި އެމީހުންގެ މުދަލާއި ފައިސާ ހެދިއެވެ. މިކަންކަމުގެ ސަބަބުން އިޚުވާނުލް މުސްލިމީންއާއި އަދި އެހެންވެސް އިސްލާމީ ސިޔާސީ ޙަރަކާތްތަކަށް ނިސްބަތްވާ މީހުންނަށް އެހެން ޤައުމުތަކަށް ހިޖުރަކުރުމަށް މަޖުބޫރުވިއެވެ. އެމީހުންގެ އަތްމަތީގައި އުރުދުނާއި ޚަލީޖުގެ ގިނަ ޤައުމުތަކާއި ޢިރާޤުގައި އިޚުވާނުލް މުސްލިމީންގެ ޙަރަކާތް ފެށިގެންއައެވެ.

އިންޤިލާބުގެ ކުރީކޮޅުގައި އިޚުވާނުންގެ މާބޮޑު އަޑެއް ސޫރިޔާއަކުން ނީވެއެވެ. ނަމަވެސް މުޒާހަރާތަކުގައި އިންޤިލާބީ ކުލަވަރު ޖެހެމުންދިޔަ މިންވަރަކަށް އިޚުވާނުންގެ ނުފޫޒު އިތުރުވަމުންދިޔައެވެ. އިންޤިލާބުގައި ޖަމާޢަތުގެ ދައުރު ފުޅާކުރުމުގެ ގޮތުން އިންޤިލާބީންނަށް އެހީވާނެ ވަކި ޚާއްޞަ ޖަމްޢިއްޔާއެއް އިޚުވާނުލް މުސްލިމީންއިން ޤާއިމުކުރިއެވެ. އަދި ކުރިއްސުރެ އޮތް ފޮރުވިފައިވާ ނިޒާމީ އޮނިގަނޑުތައް ފެންމަތިވާން ފެށިއެވެ. އަދި އިޚުވާނުލް މުސްލިމީން އިން އިންޤިލާބީ ޙަރަކާތް ހިގަމުން އައި ރަށްތައް ގުޅުވާލައިދިނެވެ. އެއްބަޔަކު އަނެއްބަޔަކަށް އެހީވެވޭނެ މަގުތައް ޤާއިމުކުރިއެވެ. މިކަމުގެ ސަބަބުން އިންޤިލާބުގައި އެމީހުންގެ ނުފޫޒު އިތުރުވެފައިވެއެވެ.

ސޫރިޔާގައި އިސްލާމީ ސިޔާސީ ފިކުރުގެ މަންޒިލް:

އިންޤިލާބު ފެށުމާއެކު، ސޫރިޔާގެ ދީނީ ލީޑަރުން ޖަމާޢަތްތައް އިންޤިލާބާ އެކުގައި ޙަރަކާތްތެރިވާ ފަރާތްތަކާއި އިންޤިލާބާ ދެކޮޅު ފަރާތްތަކަށް ބެހިގެންދިޔައެވެ. އެއީ ކުރިއްސުރެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔަމުން އައި ޖަމާޢަތްތައް ސާފު އިދިކޮޅު ހަރަކާތްތަކެއްގެ ގޮތުގައި ފެނުނީއެވެ. އަދި އިހުއްސުރެ ސަރުކާރުގެ ތައްޕާހުގައި އުޅެމުންއައި ލީޑަރުންނާއި ޖަމާޢަތްތައް އެމަގުގައި މެކުހަށް ޖެހީއެވެ.

އިންޤިލާބުގެ ޙަރަކާތްތަކަށް ބަލައިލުމަށްފަހުގައި އިންޤިލާބު ފެށިގެން އަހަރެއް ފާއިތުވެގެން ދިޔައީ އިސްލާމީ މުފައްކިރު ޖައުދަތު ސަޢީދުގެ ފިކުރުތަކުގެ މައްޗަށް ބިނާވެފައިވާ جماعة اللاعنف ގެ އުޞޫލުތަކުގެ މަތީގައިކަމަށް ބުނެވިދާނެއެވެ. އެހެންނަމަވެސް އެއްއަހަރު ފާއިތުވެގެން ދިޔައިރު، މުޒާހަރާކުރަމުންދިޔަ މީހުންނާ ދެކޮޅަށް ރޭވުންތެރިކަމާއެކު، ސަރުކާރުން ހިންގި ޤަތުލު ޢާންމުތަކާއި ސަރުކާރުގެ އަނިޔާވެރި ސިޔާސަތުތަކުގެ ސަބަބުންނާއި ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ޙަރަކާތްތައް ލަސްކަމުން، ތިމާމެންގެ ފުރާނައިގެ ޙިމާޔަތުގައި ހަތިޔާރު އުފުލުން އިންޤިލާބީންނަށްވެސް މަޖުބޫރުވިއެވެ. މިދެންނެވި ޞުލްޙަވެރި އިސްލާމީ ޙަރަކާތް ހަރުކަށި ޙަރަކާތަށް ހަތިޔާރާއެކީ ނުކުންނަން މަޖުބޫރުވުމާއެކުވެސް، ސޫރިޔާގެ މަދަނީ ޖަމާޢަތްތަކުގެ އެހީތެރިކަމާއެކު، އިންޤިލާބުގެ މަދަނީ، ޞުލްޙަވެރި ރޫޙު ޙިމާޔަތްކުރުމަށް އެޖަމާޢަތުން މަސައްކަތްކުރެއެވެ.

އެހެންނަމަވެސް ސަރުކާރުގެ އަނިޔާވެރިކަން އިތުރުވަމުންދާ މިންވަރަކަށް އިންޤިލާބީންގެ މެދުން ހަރުކަށި ފިކުރުތައް އުފަންވުމުގެ ފުރުޞަތު ދާނީ ފުޅާވަމުންނެވެ. އެހެންކަމުން މިޙާލަތުގައި އެފަދަ ޙަރަކާތްތަކަށް ފުރުޞަތު ނުދިނުމަށްޓަކައި ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ޙަރަކާތްތަކުގެ ދުވެލި އަވަސްކުރުން ލާޒިމެވެ.

އިޚުވާނުލް މުސްލިމީންއަށް ބަލާއިރު އެމީހުންގެ ފިކުރު ހުރީ އެހެނިހެން ސިޔާސީ ފިކުރުތަކާ ގުޅިގެން ވަޠަނީ ރޫޙެއްގައި އިންތިޤާލީ މަރުޙަލާ ނިންމާލުމުގެ ވިސްނުމެވެ. އެހެންނަމަވެސް ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރަމުންދަނީ އިޚުވާނުލް މުސްލިމީން ފަދަ ސިޔާސީ މަދަނީ ޙަރަކާތްތައް ބޭރު ދުނިޔެއަށް ނުފެންނާނެ ގޮތް ހަދައި ހަރުކަށި ހަރަކާތްތައް ބޭރަށް ދެއްކުމެވެ. މިގޮތުން ޖަލުތަކުގައި ތިބި ހަތިޔާރު އެޅި ހަރުކަށި ހަރަކާތްތަކަށް ނިސްބަތްވާ ފަރާތްތައް ޖަލުތަކުން ގަސްތުގައި ނެރެމުންދެއެވެ. އެގޮތުން مصطفى ست مريم مزيك ނުވަތަ އަބޫމޫޞްޢަބުއްސޫރީވެސް މިހާރުވަނީ ދޫކޮށްލާފައެވެ. މިކަންކަމުގެ ބޭނުމަކީ އިންޤިލާބީ ޙަރަކާތުގެ މޫނުމަތި ދުނިޔޭގެ ކުރިމަތީގައި ބަދަލުކޮށްލުމެވެ. އެހެންކަމުން މިމަރުޙަލާގައި ސޫރިޔާގެ އިސްލާމީ ޙަރަކާތްތެރިންނަށް ކުރިމަތިވެފައިވަނީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ޤައުމު ބައިބައިވިޔަ ނުދީ އިންޤިލާބީންގެ މެދުގައި ހަމަނުޖެހުން ހިނގިޔަނުދީ މިމަރުޙަލާ ކާމިޔާބުކުރުމެވެ.

*ސޫރިޔާގެ އިސްލާމީ ޙަރަކާތްތައް ދިރާސާކުރައްވާ ބޭފުޅެއް.

މަޞްދަރު: އަލްޖަޒީރާ ރިސާޗް ސެންޓަރ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.