ގިނިހިލައެއް ވެއްޓުމުން ލިބޭނެ ގެއްލުން ބަލާލަން ބޭނުންތަ؟
- ޢަބްދުއްސައްތާރު ޢަބްދުލް ޙަމީދު
- 14 އެޕްރީލް 2004
އެމެރިކާގެ އެރިޒޯނާ ޔުނިވަރސިޓީގެ ދެ ޕްރޮފެސަރުންނާއި، ދަރިވަރެއް ގުޅިގެން، ބިމަށް ގިނިހިލައެއް ވެއްޓިއްޖެކަމަށްވާނަމަ، ލިބޭނެ ގެއްލުންތަކާއި، އޭގެ އަސަރުތައް ފޯރާނެ ސަރަޙައްދުތައް، ބަލާލެވޭނެ ޕްރޮގްރާމެއް ނުވަތަ ކަލްކިއުލޭޓަރ އެއް އުފައްދައިފިއެވެ.
'އިމްޕެކްޓް އިފެކްޓް '' ނަމުން ނަންދެވިފައިވާ މިޕްރޮގްރާމް ދާދިފަހުން ވަނީ، އިންޓަރ ނެޓަށް ލެވިފައެވެ. ސައިޓަށް ޒިޔާރަތްކުރާ މީހުންނަށް، ބިމުގައި ޖެހޭނެކަމަށް އެމީހުން ލަފާކުރާ ހިލައެއްގެ ބޮޑުމިނާއި، ބިމުގައި ޖެހޭނެކަމަށް އެމީހުންނަށް ފެންނަ ތަނެއް މިކަލްކިއުލޭޓަރގައި ޖެހުމުން،
އޭގެސަބަބުން އުފެދޭނެ ވަޅުގަނޑުގެ ބޮޑުމިނާއި، އަންނަ ހެލުން ނުވަތަ ތެޅުމުގެ ބާރާއި، އެކަމުން އުފެދޭނެ ހަކަތައާއި، މިއިން ކޮންމެ ކަމަކަށް ނަގާނެ ވަގުތުތައް، ހިސާބުކޮށްދެއެވެ.
މިޕްރޮގްރާމުގެ ބޭނުމަކީ، ޢިލްމުވެރިންނަށާއި، ބަހުސްކުރާމީހުންނާއި، ނޫސްވެރިންނަށް، މިކަހަލަ ހާދިސާއެއްގެ ސަބަބުން، ދުނިޔެއަށް ލިބިދާނެ ގެއްލުންތައް، ވަޒަންކޮށްލުމުގައި އެހީތެރިވެދިނުމެވެ. ނަމަވެސް، ކުރިއަށް ޑެކޭޑް ( ޑެކޭޑްއަކީ ކޮންމެ ދިހައަހަރެއް )،ނުވަތަ ޤަރުނުތަކެއްގައި ނަމަވެސް، ދުނިޔޭގެ ޙަޟާރަތު ފަނާކޮށްލަނިވިފަދަ، ބޮޑު ގިނިހިލައެއް ބިމަށް ވެއްޓިދާނެކަމަކަށް ފަލަކީ ޢިލްމުވެރިން ދެކެވަޑައެއް ނުގަންނަވައެވެ. ޑައިމީޓަރުގައި، އެންމެ ކިލޯމީޓަރ އެއް ހުންނަ ވަރުގެ ގިނިހިލައެއްވެސް، ކުރިއަށް އޮތްތާގައި، ބިމުގައި ޖެހިދާނެކަމަށް އޮތް އިޙްތިމާލު ( ޕޮސިބިލިޓީ ) މިލިއަނަކުން އެކަކަށްވުރެ ބޮޑެއް ނޫނެވެ.
އިމްޕެކްޓް އިފެކްޓްސް ފަރުމާކުރި، ދެ ޕްރޮފެސަރުންނަކީ، ޖޭ މިލޯޝްއާއި، ގަރެތު ކޮލިންސްއެވެ. މިކަމުގައި ބައިވެރިވި ދަރިވަރަކީ، ރޮބަޓް މާކަސްއެވެ.
ގިނިހިލައަކުން، ބިމަށް ލިބިދާނެ ގެއްލުންތަކާއި، އޭގެ ކުޑަބޮޑުމިން، މިޕްރޮގްރާމުން ލަފާކުރާނީ، މިކަހަލަ ހިތައް ވެއްޓިގެން މިހާރު ދުނިޔޭގައި ހެދިފައިވާކަމަށް ބުނާ ވަޅުގަނޑުތަކާއި، ނިއްކްލިޔަރ ގޮއްވުންތަކުން ލިބިފައިވާ މަޢްލޫމާތުތަކުގެ އެހީގައެވެ.
ކުރިން ހިނގާފައިވާ ގިނިހިލައިގެ މުހިންމު ހާދިސާތަކުގެ ނަމޫނާތައްވެސް، މިސައިޓުން ބެލެން ހުރެއެވެ. އޭގެތެރޭގައި އެރިޒޯނާއަށް ވެއްޓުނު ގިނިހިލައިގެ ހާދިސާއާއި، ޑައިނަސޯރތައް ފަނާވެގެން ދިޔަ، ޗެކޮސްލޭބް ގެ ހާދިސާ ހިމެނެއެވެ.
ޕްރޮގްރާމްގެ ސައިޓަށް ވަޑައިގަތުމަށް، މިތަނަށް ފިއްތަވާލައްވާށެވެ.
މަޢްލޫމާތު : ސްޕޭސް. ކޮމް















