Back ކަވާސާ ޢިލްމު ޢިލްމުގެ ބައިތައް ޓެކްނޮލޮޖީ ވިންޑޯސް 7 ބީޓާ : ތަޖުރިބާ ކޮށްލަން ރަނގަޅު ފުރުޞަތެއް

ވިންޑޯސް 7 ބީޓާ : ތަޖުރިބާ ކޮށްލަން ރަނގަޅު ފުރުޞަތެއް

windows-7-betaމައިކްރޯ ސޮފްޓުން އެކުންފުނީގެ އާ އޮޕަރޭޓިންގ ސިސްޓަމް ތަޖުރިބާ ކޮށްލުމުގެ ދޮރު މިހާރު ވަނީ ޢާއްމުކޮށް ހުޅުވާލާފައެވެ. މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ދެހަފްތާގެ މުއްދަތަށް މައިކްރޯސޮފްޓް ވެބްސައިޓު އިން ވިންޑޯސް 7 ބީޓާ ހިލޭ ޑައުންލޯޑް ކުރުމުގެ ފުރުސަތު މިހާރު ވަނީ ތަނަވަސްވެފައެވެ.

ވިންޑޯސްގެ 7 ގެ ބީޓާ ވަރޝަން ޢާއްމުކުރެވަފައި ވަނީ މައިކްރޯސޮފްޓްގެ އެންމެ ފަހުގެ އޮޕަރޭޓިން ސިސްޓަމްގެ ދުވެލި ލަސްވުމުން އާ ވިންޑޯސް އަކަށް އެތަށް ބަޔަކު ބޭނުންވެފައި ތިބި ދަޑިވަޅެއްގައެވެ. މައިކްރޯސޮފްޓުން ހީކޮށްފައިވާ މިންވަރަށް ވުރެ މާ ގިނަ ޢަދަދެއްގެ ބަޔަކު ވިންޑޯސް 7 ޑައުންލޯޑް ކުރަން ބޭނުންވެފައި ތިބުމުގެ ނަތީޖާއަކަށްވީ ވިންޑޯސް 7 ބީޓާ ޢާއްމުކުރުން އެއްދުވަހަށް ލަސްކޮށްލަން ޖެހުމެވެ. ލަސްކޮށްލަން ޖެހުނީ ޖެނުއަރީ ނުވަވަނަ ދުވަހު ވެބްސައިޓަށް ބާރުބޮޑުވެ މައްސަލަތަކެއް ކުރިމަތިވުމުގެ ސަބަބުންނެވެ.

ވިންޑޯސް 7 ބީޓާ ގެ 32 ބިޓް ވަރޝަން 5 ބަހަކުން އައިސްފައިވެއެވެ. އެއީ އިގިރޭސި، ޢަރަބި، ޖަރުމަން، ހިންދީ އަދި ޖަޕާން ބަހުންނެވެ. 64 ބިޓްގެ ހިންދީ ވަރޝަން އެއް ނެރެވިފައެއް ނުވެއެވެ.

ވިންޑޯސް 7 އެޅުމަށްޓަކައި ބޭނުންވަނީ ގާތްގަޑަކަށް ވިސްޓާއަށް ވެސް ބޭނުންވި މިންވަރުގެ ހާރޑްވެއަރ ތަކެކެވެ. ވިންޑޯސް ވިސްޓާއަށް ދިމާވި މިންވަރަށް ވުރެ ރިސޯސްމަދުވުމުގެ މައްސަލަ މިސިސްޓަމްގައި މަދެވެ. އަދި މިހާރު ޢާއްމުކުރެވިފައިވާ ބީޓާ ވަރޝަންވެސް ވިސްޓާ އަށްވުރެ މާހަލުވި ކަމަށް ތަޖްރިބާކުރާ ފަރާތްތަކުން ދަނީ ހާމަކުރަމުންނެވެ.

ވިންޑޯސް 7 ބީޓާ ނެރެވިފައި މިވަނީ ހަމައެކަނި ތަޖްރިބާ ކުރުމަށް ކަމަށްވިޔަސް ފުރިހަމަ ވަރޝަންގައި ހިމެނޭނެ ހުރިހާ ޚާއްޞިއްޔަތުތަކެއް މީގައި ހިމެނިފައިވާނޭ ކަމަށް އެކުންފުނީން ވަނީ ހާމަކޮށްފައެވެ. މިވަރޝަންގައި މުޅިން އަލަށް ހިމެނިފައިވާ ކަންތައްތަކުގެ ތެރޭގައި ވިންޑޯސް ޓާސްކްބަރ އަށް ގެނެވިފައިވާ ބަދަލް ހިމެނެއެވެ. މިބަދަލްގެ ސަބަބުން ވިންޑޯސް ބޭނުންކުރާ ފަރާތްތަކަށް ބޮޑުފަސޭހައެއް ލިބިގެންދާނެއެވެ. އަދި މިބަދަލަކީ ބަލާލަންވެސް ހިތްގައިމު ބަދަލެކެވެ. މީގެ އިތުރުން ހޯމްގްރޫޕް ނެޓްވޯކިންގ ފަދަ އާކަންތައްތައް ވިންޑޯސް 7 ގައި ހިމެނިވެފައިވެއެވެ. 2009 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 1 ވަނަ ދުވަހަކީ ބީޓާ ގެ މުއްދަތު ހަމަވާދުވަސް ކަމަށް މައިކްރޯސޮފްޓުން ވަނީ އަންގާފައެވެ.

Comments