ޕްލެނެޓްތަކާއި އިރާ ހުރި ދުރުމިން ހަނދާނުގައި ބެހެއްޓިދާނެ ގޮތެއް
- އަޙްމަދު މުސްލިމް
- 14 ޖުލައި 2010
އިރުގެ ނިޡާމުގައި ހިމެނޭ ޕްލެނެޓް ތަކާއި އިރާ ހުންނަ ދުރުމިން އަހަރު ތެރޭގައި ބަދަލުވަމުންދާތީވެ، އާންމުކޮށް އެ ދުރުމިނުގެ ގޮތުގައި މާނަ ކުރެވެނީ އަހަރު ތެރޭގައި ހުންނަ އެވްރެޖް ދުރުމިނެވެ. މިޕްލެނެޓް ތަކާއި އޭގެ ތަރުތީބު މިއަދު ސްކޫލުތަކުން ނިމޭ ދަރިވަރުންގެ ހިތުގައި ވަރަށް ގިނަފަހަރަށް ހުރި ނަމަވެސް އިރާއި އެއިން ކޮންމެ ޕްލެނެޓަކާ ހުންނަ ދުރުމިން ހަނދާނުގައި ބެހެއްޓުމަކީ ގިނަމީހުންނަށް ފަސޭހަކަމަކަށް ނުވެދާނެއެވެ. ނަމަވެސް މީގެ 238 ވަރަކަށް އަހަރު ކުރިން 1772 ވަނަ އަހަރު ޖަރުމަނު ގެ ޖޯހަން އެލާޓްބޯޑް ލިޔުއްވި ޤާނޫނަކީ މިދުރުމިންތައް (ގާތްކުރާ މިނަކަށް) ހޯދާލެވޭ، ހަނދާނު ގައި ބަހައްޓަން ފަސޭހަ ޤާނޫނެއްކަމަށްފެނެއެވެ.
މިގޮތަށް ދުރުމިން ބަލާލުމަށް އަންނަނިވި ޢަދަދުތައް ތަރުތީބުން ހިތުގައި ބަހައްޓަން ޖެހެއެވެ. ![]()
މިޢަދަދުތައް ހިތުގައި ބެހެއްޓުމަށް، އެންމެ ފުރަތަމަ ދެ ޢަދަދަކީ 0، 3 ކަން އެނގުމަށް ފަހު ދެވަނަ ޢަދަދަށް ފަހު އަންނަ ކޮންމެ ޢަދަދެއް ހޯދުމަށް ކުރީގެ އޮތް ޢަދަދު ދޭކާ ގުނަކުރާށެވެ.
އެއަށް ފަހު އެއިން ކޮންމެ ޢަދަދަކަށް 4 އެއްކުރާށެވެ. އެއިރުން ވާނީ:![]()
އެއަށް ފަހު 10 އަކުން އެއިން ކޮންމެ ޢަދަދެއް ގެއްލާށެވެ. ނުވަތަ އެއިން ކޮންމެ ޢަދަދެއްގެ އެންމެ ކަނާތް ފަރާތުގައިވާ އަކުރުގެ ކުރިއަށް ޕޮއިންޓެއްޖަހާށެވެ. އެއިރުން ވާނީ:-![]()
މީގެ މާނައަކީ އެންމެ ފުރަތަމަ ޕްލެނެޓާއި އިރާ ދެމެދު ހުންނަ ދުރުމިނަކީ0.4 އެސްޓްރޯނޮމިކަލް ޔުނިޓެވެ. ދެވަނަ ޕްލެނެޓާ ދެމެދު ހުންނަނީ 0.7 އެސްޓްރޯނޮމިކަލް ޔުނިޓެވެ. މިގޮތަށް ހުރިހައި ޕްލެނެޓްތަކުގެ ދުރުމިން ހޯދުމުން 5 ވަނަ ޕްލެނެޓް ޖުޕިޓަރ ވާންޖެހެނީ2.8 އެސްޓްރޯނޮމިކަލް ޔުނިޓް ދުރުގައި ކަމަށް ވިއަސް ޖުޕޓަރ ވަނީ 6 ވަނަ ޕްލެނެޓް ވާންޖެހޭ ދުރުމިނުގައެވެ. ނަމަވެސް 1781 ވަނަ އަހަރު މިޤާނޫނު ބުނާ ދުރުމިނާ ވަރަށް ކައިރިން ޕްލެނެޓް އޫރާނިއަސް ހޯދުމާއި އެކު ޕްލެނެޓްތަށް ހޯދުމަށް މިޤާނޫނު ދައްކާ ދުރުމިން ހޯދަންވެސް ފެށުނެވެ.
ނަތީޖާ އެއްގެ ގޮތުން 1801 ވަނަ އަހަރު ޕްލެނެޓަކަށް ވުރެން ކުޑަ ހިލަގަނޑެށް 5 ވަނަ ޕްލެނެޓް ހުންނަންޖެހޭ ދުރުމިނުންފެނުނެވެ. އަދި މިއަދު މިފަދަ 9000 އަށް ވުރެ ގިނަ ހިލަ މިދުރުމިނުން ފެނިފައިވާތީވެ މި ސަރަހައްދަށް އެސްޓްރޮއިޑް ބެލްޓްގެ ނަންވެސް ވަނީ ދެވިފައެވެ. އެހެންކަމުން މިޤާނޫނު ދައްކާ ދުރުމިނުގައި ވާ 5 ވަނަ ޕްލެނެޓަކީ އެސްޓްރޮއިޑް ބެލްޓް ކަމަށް ބެލުމުން އަދިވެސް މިޤާނޫނު ރަނގަޅު ކަމަށް ބެލެވިދާނެއެވެ.
ނަމަވެސް އަޅުގަނޑުމެން މިއަދު 8 ވަނަ ޕްލެނެޓް ކަމަށް ބަލަމުން ދާ ޕްލެނެޓް ނެޕްޓޫން ވަނީ 9 ވަނަ ޕްލެނެޓް ވާންޖެހޭ ދުރުމިން ކަމަށް މިޤާނޫނު ދައްކާ ދުރުމިނުގައެވެ.
ނޯޓް: އެސްޓްރޯނޮމިކަލް ޔުނިޓް (ވިޙުދަތް ފަލަކިއްޔާ) އަކީ ބިމާއި އިރާއި ދޭތެރޭ ހުންނަ އެވްރެޖް ދުރުމިނެވެ. އެއީ ގާތްގަޑަކަށް 150,000,000 ކިލޯމީޓަރެވެ.
އެހެންކަމުން ޖުޕިޓަރ އަކީ 6 ވަނަ ޕްލެނެޓް ކަމަށާއި އަދި ނެޕްޓޫން އަކީ 9 ވަނަ ޕްލެނެޓްކަމަށް ބެލުމުން މިޤާނޫނަކީ އިރުގެ ނިޡާމުގައި މިއަދު ހޯދިފައިވާ ޕްލެނެޓް ތަކާއި އިރާ ދެމެދު ގާތްގަނޑަކަށް ހުންނާނެ ދުރުމިން ހޯދާލެވޭ، އަދި ހަނދާނުގައި ބަހައްޓަން ފަސޭހަ ޤާނޫނެކެވެ.
















