Back ކަވާސާ ޢިލްމު ޢިލްމުގެ ބައިތައް ޓެކްނޮލޮޖީ ކުށްކުރާމީހުން ދެނެގަތުމުގައި ބަސް ބޭނުންކުރެވިދާނެތަ؟

ކުށްކުރާމީހުން ދެނެގަތުމުގައި ބަސް ބޭނުންކުރެވިދާނެތަ؟

finger_printއަޅުގަނޑުމެން އުޅެމުން މިދާ މުޖުތަމަޢަކީ ވެސް ތަފާތު ބާވަތްތަކުގެ ކުށްކުރާމީހުން އުޅޭ ތަނެކެވެ. މިއީ މިއަދު އަޅުގަނޑުމެންނަށް ދެބަސްނުވެވޭނެ ޙަޤީޤަތެކެވެ. ވުމާއެކު، ކުށްކުރުން ހުއްޓުވުމުގައި އަޅުގަނޑުމެން ވާހަކަދައްކައި މިއުޅޭ ބަސް ބޭނުންކުރެވިދާނެތޯ މީހަކު އަހައިފިނަމަ، ބުނާނީ ކީކޭ ހެއްޔެވެ؟ އެއީ، ކުރެވިދާނެ ކަމެއް ކަމުގައި ހީވާނެ ހެއްޔެވެ؟ އަދި، ކުރެވިދާނެ ކަމެއް ނަމަވެސް، އެއީ، މާ މުހިއްމު ކަމެކޭ ބުނެވިދާނެ ހެއްޔެވެ؟

މިސުވާލުގެ ޖަވާބު ހޯދާލުމަށް ނޯތު ކެރޮލީނާގެ ސްޓޭޓް ޔުނިވަރސިޓީގެ ޕްރޮފެސަރ. ރޮބާޓް ރޮޑްމަން ބުނުއްވާ އެއްޗެއް ބަލާލަމާ ހެއްޔެވެ؟ ރޮޑްމަން އަކީ، އެ ޔުނިވާރސިޓީގެ ޑިޕާރޓްމަންޓް އޮފް ކޮމްޕިޔުޓަރ ސައިންސްގެ ޕްރޮފެސަރ އެއްގެއިތުރުން، ބަހުގެ ޢިލްމުގެ މާހިރެއް މެއެވެ. ބަސް ދިރާސާކުރަށްވާ، ބަހުގެ ތަފާތު ބޭނުންތަކާއިމެދު ފޮތް ލިޔުއްވާ ބަހުގެ ޢިލްމުވެރިއެކެވެ.

ރޮޑްމަން ވިދާޅުވާގޮތުގައި، ބައެއް ބާވަތުގެ ކުށްތައް ކުރާމީހުން ދެނެގަތުމުގައި، ބަސް ބޭނުންކުރުމަކީ، މިހާރުވެސް ކުރަމުން އަންނަ ކަމެކެވެ. މިސާލަކަށް، ކާކުކަން ނޭނގޭ މީހަކު، ފާޑުފާޑުގެ ސިޓީފޮނުވައި ބިރުދައްކަމުން ދާނަމަ، އެސިޓީގައިވާ ލިޔުން ދިރާސާކޮށްގެން އެއީ ކާކުކަން ހޯދިދާނެއެވެ. މިގޮތަށް ބަސް ބޭނުންކޮށްގެން ކުށްކުރާމީހުން ދެނެގަތުމުގެ ޢިލްމަށް މިހާރު ދެވިފައިވާ ނަމަކީ، 'ފޮރެންސިކް ލިންގުއިސްޓިކްސް' (Forensic linguistics) އެވެ.

ފޮރެންސިކް ލިންގުއިސްޓިކްސް އަކީ، އަދި ވަރަށް އާ ދާއިރާއެއް ނަމަވެސް، ބަހުގެ ބޭނުންކޮށްގެން ކުށްކުރާމީހުން ދެނެގަނެވޭނަމަ، އެއީ ވަރަށް މުހިއްމު ދާއިރާއެކެވެ. އަދި، ޚާއްސަކޮށް ޓެރަރިޒަމްގެ ކުށްތަކުގައި ޓެރަރިސްޓުން ދެނެގަތުމަށް ބަސް ބޭނުންކުރުން މިހާރުވެފައިވަނީ، ވަރަށް ޝަޥްޤުވެރިކަން ދެވެމުން އަންނަ ކަމެއްކަމުގައި ވެސް ރޮޑްމަން ވިދާޅުވެއެވެ. އަދި، ޖާސޫސީ މަސައްކަތްކުރާ ފުލުހުންގެ މެދުގައިވެސް، ފޮރެންސިކް ލިންގުއިސްޓިކްސް މިހާރުދަނީ ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދަމުންނެވެ. އެހެންކަމުން، ތިރީގައި މިވަނީ، ފޮރެންސިކް ލިންގުއިސްޓިކްސް އާއި ބެހޭގޮތުން ޕްރޮފެސަރ. ރޮޑްމަން ލިޔުއްވާފައިވާ މަޒުމޫނެއްގެ ޚުލާސާ ތަރުޖަމާއެކެވެ. މަޒުމޫނުގެ ނަމަކީ، ފަށަމުން އަޅުގަނޑު ހުށަހަޅައިލި ސުވާލެވެ. ވުމާއެކު، މަޒުމޫނާއިގެން ކުރިޔަށް ވަޑައިގަން ނަވާށެވެ.

ކުށްކުރާމީހުން ދެނެގަތުމުގައި ބަސް ބޭނުންކުރެވިދާނެތަ؟

(ތަރުޖަމާއެއް ނަމަވެސް ތަފުޞީލު ދިނުމަށްޓަކައި އިތުރު މަޢުލޫމާތު ހިމަނާފައި)

ޑރ. ރޮބާޓް ރޮޑްމަން

ބަހުގެ ޢިލްމު (ނުވަތަ linguistics) ގެ ދާއިރާގައި މަސައްކަތް ކުރާމީހުން ތިބާގެ ޚިޔާލަށް ދުވަހަކުވެސް ނާންނަ އެތައް ކަމެއްކުރެއެވެ. މިސާލަކަށް ބުނާނަމަ، އަންނަނިވި ޙާލަތާއިމެދު ވިސްނާލާށެވެ:

ރެޔަކީ، އަނދިރި ތޫފާނީ ރެޔެކެވެ. ޕާޓީން ނިމިގެން ތިބާ ނުކުމެއްޖެއެވެ. އަދި، ކާރަށް އަރައި ޑްރައިވަރު ސީޓުގައި އިށީނދެ، އިންޖީނު ސްޓާޓް ކޮށްލައިފިއެވެ. އެހިނދު، ކާރު ބުނެފިއެވެ. ފަހަކާއި ހަމަޔަށް ގުނުއްވާށެވެ. ދެންކުރެވޭނެ ކަމެއް ނެތެވެ. އެކަން ނުކުރަނީހެއް ކާރު ސްޓާޓެއް ނުވާނެއެވެ. އެހެންކަމުން، ތިބާ ގުނަން ފަށައިފިއެވެ: 'އެކެއް، ދޭއް، ތިނެއް، ހަތަރެއް، ފަހެއް!' 'މަޢާފުކުރައްވާ! ތިބާ ތިޔައިންނެވީ މާގިނައިން ރާބައްލަވައިގެން!' މިހެން ބުނުމާއެކު، ކާރުގެ އިންޖީނު ނިވިއްޖެއެވެ...

ކާރުގެ ކޮމްޕިޔުޓަރަށް ތިބާ މަސްތުވެފައި އިންކަމެއް އެނގުނީ، ކިހިނެއް ހެއްޔެވެ؟ އެއީ، ތިބާގެ އަޑު ތަހުލީލުކޮށް ގެންނެވެ. ތިބާގެ އަޑުވެސް ތިބާޔާއި ބެހޭ އެތައް ކަމެއް ބުނެދެއެވެ. ތިބާ އުޅެ ބޮޑުވީ ކޮންތަނެއްގައި ކަމާއި، ތިބާގެ އިޙުސާސްތަކާއި، ތިބާ ދޮގުހަދާނަމަ އެކަމާއި، އަދި ޚުދު ތިބާއަކީ ކާކުކަން ތިބާގެ އަޑު ބުނެދެއެވެ. އަޑު ތަހުލީލުކުރުމަކީ، ބަހުގެ މާހިރުން ކޮށް އުޅޭ ކަމެކެވެ. އެއީ، ފޮރެންސިކް ލިންގުއިސްޓިކްސް (Forensic linguistics) އެވެ ކިޔާ ޢިލްމެއްގެ ބައެކެވެ. ފޮރެންސިކް ލިންގުއިސްޓިކްސް އަކީ، ޤާނޫނާއި ޤަޥާޢިދު، ކުށްކުރާ މީހުން ދެނެގަތުމާއި، އަދި ކޯޓުތަކުގައި ބަހުގެ ބޭނުން ޢަމަލީ ގޮތުން ކުރުމުގެ ޤާބިލުކަން ހޯދައިދޭ ޢިލްމެވެ. އެއީ، އެފަދަ ގޮތްތަށް ހޯދައި އެކަން ޢަމަލީގޮތުން ތަންފީޒުކުރުމާއި ބެހޭ ޢިލްމެވެ.

ނަމަވެސް، ކޮމްޕިޔުޓަރު މީހަކު ދައްކާ ވާހަކައެއްގައި ހިމެނޭ އަޑު ތަހުލީލުކުރަނީ، ކިހިނެއް ހެއްޔެވެ؟ ކޮމްޕިޔުޓަރު އަޑު ތަހުލީލުކުރުމުގައި ހަދާގޮތަކީ، ތިބާ ދައްކާވާހަކަ ކުދިކުދި ބައިތަކަށް ބަހާލައި، ސޮފްޓްވެއަރގެ އެހީގައި އެ ވާހަކަ ދެއްކި މީހަކީ ތިބާކަން ދެނެ ގަންނަނީއެވެ. މިދެންނެވި ސޮފްޓްވެއަރ އަކީ، އޭގައި 'ވޮއިސް ޕްރިންޓް' ('އަޑުގެ ނިޝާން') އެކުލެވޭ އެއްޗެކެވެ. އަދި، އަޑުގެ ނިޝާން ދެނެގަނެވޭނެ ޤާބިލުކަން ހުންނަ އެއްޗެކެވެ. އަޑުގެ ނިޝާނަކީ، ހަމަ 'އިނގިލީގެ ނިޝާން' (ފިންގަރ ޕްރިންޓް) އެކޭ އެއްފަދަ އެއްޗެކެވެ. އިނގިލީގެ ނިޝާން ތަހުލީލު ކުރުމުގައި ވެސް ކޮމްޕިޔުޓަރުން ހަދާގޮތަކީ، އެ އިނގިލީގެ ނިޝާނަކާއި އެހެން މީހުންގެ އިނގިލީގެ ނިޝާންތަކާއި އަޅާބަލަނީ އެވެ. އަދި، އެ އިނގިލީގެ ނިޝާނުގެ ވެރިފަރާތާއި ދިމާވަންދެން ކޮމްޕިޔުޓަރު ސޮފްޓްވެއަރ އެ މަސައްކަތް ކުރިޔަށް ގެންދެއެވެ. އަޑު ތަހުލީލުކުރުމުގައި ވެސް ކޮމްޕިޔުޓަރު މަސައްކަތް ކުރަނީ ހަމަ މިގޮތަށެވެ. އެހެންކަމުން، އިނގިލީގެ ނިޝާނުގެ މަޢުލޫމާތު ސޮފްޓްވެއަރ އަށް ޚަޒާނާކުރެވޭ ގޮތަށް، އަޑުގެ ނިޝާން ވެސް، ކޮމްޕިޔުޓަރުގެ މަޢުލޫމާތުގެ ޚަޒާނާ (Base Data) ގައި ރައްކާކުރެވިފައި ހުންނަން ޖެހެއެވެ. ނަމަވެސް، އިނގިލީގެ ނިޝާނާއި އަޑުގެ ނިޝާނާއި ހުންނަ ތަފާތަކީ، މީހެއްގެ އިނގިލީގެ ނިޝާނަކީ، ދުވަހަކުވެސް އެއަށް ބަދަލު އަންނާނެ އެއްޗެއް ނޫނެވެ. އޭނާ އުފަންވީންސުރެ މަރުވުމާ ހަމަޔަށް ވެސް ބަދަލެއް ނައިސް ހުންނަ އެއްޗެކެވެ. ނަމަވެސް، އަޑުގެ ނިޝާނަކީ، މީހާގެ ޢުމުރަށް އަންނަ ބަދަލާއެކު، އަދި ސިއްޙަތަށް އަންނަ ބަދަލަކާއެކު، ބަދަލު ވާ އެއްޗެކެވެ. އެހެންކަމުން، އަޑުގެ ނިޝާނަކީ، މިދެންނެވި ސަބަބަށްޓަކައި އިނގިލީގެ ނިޝާން ހާ ބަރާބަރު އެއްޗެއް ނޫނެވެ. ނަމަވެސް، އެއީ ވެސް، އިނގިލީގެ ނިޝާނެކޭ އެއްފަދައިން، އަދި ބައެއް ފަހަރު އެއަށް ވުރެ ވެސް ބޮޑަށް (މިސާލަކަށް، އިނގިލީގެ ނިޝާން ނުލިބިއްޖެ ހިނދެއްގައި) ކުށް ކުރާމީހުން ދެނެގަތުމުގައި ނުވަތަ ހޯދުމުގައި މުހިއްމު ދައުރެއް ކުޅޭ އެއްޗެކެވެ. މިދަންނަވާ ޙާދިސާތަކުން ދޭހަވާނެ ފަދައިން ނެވެ.

އުސާމާ ބިން ލާދިންގެ އަޑުކަމަށް ލަފާކުރެވޭ އަޑެއް ހިމަނައި ރިކޯޑްކޮށް ފައިވާ ކެސެޓް ޓޭޕެއްގެ ޙަޤީޤަތް، 2002 ވަނަ އަހަރުގެ ފަހުކޮޅު، އަޑު ތަހުލީލުކޮށްގެން ހޯދިފައި ވެއެވެ. އެއީ، އަލްޤައިދާ ގެ ޒަޢީމުގެ އަޑުތޯ ނުވަތަ އެހެން މީހެއްގެ އަޑުތޯ ބެލިފައި ވެއެވެ. މިކަން ކުރުމަށްޓަކައި، ބިން ލާދިންގެ އަޑުކަމަށް ކުރީން އަލްޤައިދާގެ ފަރާތުން ވެސް ޔަޤީންކޮށްދީފައިވާ ބިން ލާދިންގެ 14 ވޮއިސް ޕްރިންޓް (އަޑުގެ ނިޝާން) އާއި، ޢަރަބި އެހެން 16 ފިރިހެނުންގެ ވޮއިސް ޕްރިންޓްއާއި ކޮމްޕިޔުޓަރު ސޮފްޓްވެއަރގެ އެހީގައި ދިރާސާކޮށް ފައިވެއެވެ. މިދިރާސާއިން ދެއްކިގޮތުގައި، ކޮމްޕިޔުޓަރ ސޮފްޓްވެއަރ އެހުރިހާ އަޑުގެ ނިޝާންތަކެއް ދެ ބަޔަށް ބަހާލިއެވެ. އަދި 2002 ވަނަ އަހަރު ފެނުނު ޓޭޕުގައި ވަނީ، ބިން ލާދިންގެ އަޑު ނޫންކަމުގައި ކޮމްޕިޔުޓަރ އަޑު ތަހުލީލުކުރުމަށް ފަހު ނިންމިއެވެ. މި ނިންމުމަކީ، އަލްޤައިދާއިން ބުނަމުން އައި ގޮތާއި އެއްގޮތް ނިންމުމެކެވެ. އެމީހުން ބުނެފައިވަނީ، އެއީ ބިން ލާދިންގެ އަޑު ނޫން ކަމުގައެވެ. ކޮންމެ އަކަސް، ކޮމްޕިޔުޓަރުގެ މި ނިންމުމަކީ، 'ރަގަޅު' ނިންމުމަކަށް ވިޔަސް ނުވަތަ ނުވިޔަސް، އެ މަސައްކަތް ވެގެން ދިޔައީ، މުޅި ދުނިޔެއަށް ވެސް، އެފަދަ (ކާކުކަން ނޭނގޭ) އަޑު ތަހުލީލު ކުރުމުގައި، ފޮރެންސިކް ލިންގުއިސްޓިކްސް ގެ މުހިއްމުކަން ދޭހަވެގެން ދިޔަ ކަމެއް ކަމުގައެވެ.

މިފަދަ އެހެން މިސާލެއް ވެސް ދަންނަވާލިޔަދޭށެވެ. ނަމަވެސް، މިފަހަރު އަޑު ތަހުލީލު ކުރުމެއް ނޫނެވެ. ލިޔުން ތަހުލީލުކުރުމެވެ. އާދެ، މިސާލަކީ، މަޝްހޫރު، ޑޯގް ކްލަބުގެ މެމްބަރުންނަށް ކާކުކަން ނޭނގޭ މީހެއްގެ ފަރާތުން ލިބެމުންދިޔަ ޓެރަރިޒަމްގެ ސިޓީތަކެކެވެ. މިދަންނަވާ ޑޯގް ކްލަބަކީ، ޝާލޮކް ހޯމްސްގެ ވާހަކާގައި އުޅޭ ކަހަލަ ކްލަބެއް ނޫނެވެ. ހަމަ ހަޤީޤީ ކްލަބެކެވެ. މި ކްލަބުގެ މެމްބަރުންނަށް ކާކުކަން ނޭނގޭ މީހަކު ފޮނުވަމުން ދިޔަ ސިޓީތަކުގައި ވަނީ، އެމީހުންގެ ޒާތީ ކަންކަމާއި ބެހި، ތަފާތު އިންޒާރުތައްދީ އަދި ކްލަބުތެރޭގެ މަސްލަޙަތު ގެއްލޭފަދަ ވާހަކަ ތަކެވެ. ނަމަވެސް، އެ ވާހަކަތަކުގައި ކްލަބުގެ ސިއްރުތައް ހިމެނޭތީ، އެއީ ކްލަބުގެ މެމްބަރަކު ކުރާ ނުވަތަ އެފަދަ މެމްބަރަކު އަޑީގައި ހުރެގެން މީހަކު ލައްވާ ކުރުވާ ކަމެއްކަން އެނގުނެވެ. އެހެންކަމުން، ކްލަބުގެ މަސްއޫލުވެރިޔާ ނިންމީ އެ ސިޓީތައް ފޮރެންސިކް ލިންގުއިސްޓަކާއި ޙަވާލުކޮށް އެ މައްސަލަ ސީރިއަސްކޮށް ބެލުމަށެވެ. އެހެންކަމުން، އެފަދަ ލިންގުއިސްޓަކަށް އެ ސިޓީތައް ދެއްކުނެވެ. އަދި، އެ ލިންގުއިސްޓްގެ އެދުމުގެ މަތީން ކްލަބުގެ ކޮންމެ މެމްބަރަކު ކުރިން ލިޔެފައިވާ ސިޓީތަކުން ސިޓީއެއް އޭނާ ތަހުލީލުކުރުމަށް ދެއްކިއެވެ. ދެން، އެ ސިޓީތަކުގައިވާ ލިޔުންތެރިކަމުގެ އުސްލޫބާއި، ސްޕެލިންގ، އަދި ލިޔުންތެރިކަމުގެ ނިޝާންތައް ބޭނުންކޮށްފައިވާ ގޮތް (punctuation) ބަލައި، ކާކުކަން ނޭނގޭގޮތުން ފޮނުވާފައިވާ ސިޓީތައް ލިޔެފައިވަނީ، އެ ކްލަބުގެ ހަޒާންދާރު ކަމަށް ނިންމުނެވެ. އަދި، އޭނާ އާއި ސުވާލުކުރުމުން އޭނާ އެކަމަށް އިޢުތިރާފު ވިއެވެ. ނަތީޖާއެއްގެ ގޮތުން، އޭނާ ކްލަބުން ވަކިކުރެވުނެވެ.

މި ޙާދިސާއިން ދޭހަވީ ފަދައިން، ލިޔުމެއް ޢިބާރާތް ކޮށްފައިވާ ގޮތަށާއި، ބޭނުންކޮށްފައިވާ އުސްލޫބަށާއި، ބޭނުންކޮށް ފައިވާ ބަސްކޮށާރަށާއި، ބަހުގެ ހަމަތަކަށާއި، ޖުމުލަތަކުގެ ދިގުކުރުމިނަށް ބަލައި، އަދި އަތުން ލިޔެފައިވާ ލިޔުމެއް ނަމަ، އެލިޔެފައިވާ ގޮތަށް ބަލައި، އެ ލިޔުމެއްގެ މުސަންނިފު ދެނެގަނެވިދާނެއެވެ. މިއީ، މީގެ ކުރިންވެސް، ކާކުކަން ނޭނގޭގޮތަށް ލިޔެފައިވާ ސަރުކާރުގެ ބައެއް ރަސްމީ ލިޔުންތަކުގެ މުސަންނިފުން ހޯދުމުގައި ފޮރެންސިކް ލިންގުއިސްޓުން މަސައްކަތް ކޮށްފައިވާ ގޮތެވެ. އަދިވެސް އެހެން މިސާލެކެވެ...

2001 ވަނަ އަހަރު އެމެރިކާއަށް ދެވުނު ޙަމަލާއަށް ފަހު، އެމެރިކާ ސަރުކާރުގެ ބައެއް މުވައްޒަފުންނަށާއި އަދި ބައެއް ވުޒާރާތަކަށް ލިބެމުންދިޔަ އެންތްރަކްސް ޖަރާސީމުގެ އިންޒާރު ދެވިފައިވާ 'ބިރުވެރި' ސިޓީތަކުގެ މަތިން ހަނދާން އެބަހުރި ހެއްޔެވެ؟ އެއިރު އެންމެންގެ ހިތުގައިވެސް އުފެދިފައިވީ އެއް ސުވާލެކެވެ. އެ ސިޓީތަކަކީ، އެމެރިކާއިން ބޭރު (ބިދޭސީ) ބަޔަކު ފޮނުވަމުން ދިޔަ ސިޓީތަކެއްތޯ - އަދި އެހެންނަމަ، އެއީ، ސެޕްޓެމްބަރ 11 ގެ ޙަމަލާއާއި ގުޅުން ހުރި ބަޔެއްތޯ ކުރެވެމުން ދިޔަ ސުވާލެވެ. މި ސިޓީތައް ތަޙުލީލުކޮށް ދިރާސާކުރުމަށްފަހު، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ އަމީރު ޢާއްމަށް ފޮނުވި ރިޕޯޓުގައި ވަނީ، އެސިޓީތައް ލިޔެފައިވަނީ، ރޯމަން އެލްފަބެޓް އާއި މާ އަހުލުވެރިވެފައި ވާ ބައެއްކަމަށެވެ. އެއީ، ޢަރަބި ބަހުން ލިޔެ އުޅޭ ޢަރަބީންނަށް ވުރެ، އިނގިރޭސި ބަސް ފަދަ ރޯމަން އަކުރުން ލިޔެއުޅޭ ބަހެއްގެ އަހުލުވެރި ބަޔަކު ލިޔެފައިވާ ސިޓީތަކެއް ކަމުގައެވެ. އަދި، ފޮރެންސިކް ލިންގްއިސްޓުން ބުނި ގޮތުގައި، އެ ސިޓީތަކުގައިވާ (ބަހުގެ ހަމަތަކާއި ޚިލާފަށް ލިޔެފައިވާ) ކުށް ޖުމުލަތަކާއި، ސްޕެލިންގ ނުބައިކޮށް ލިޔެފައިވާ ލަފުޒުތަކަކީ، އެލިޔުނު ބަޔަކު، ޢަރަބީންގެ ބޮލުގައި އެކަން އެޅުވުމަށް ޖަހާފައި ހުރި މަޅިއެއް ކަމަށެވެ. ޙަޤީޤަތުގައި، ފަހުން އެނގުނު ގޮތުގައި، އެ ސިޓީތައް ލިޔެފައި ވަނީ، އިނގިރޭސި ބަހުން ވާހަކަ ދައްކާ، އެމެރިކާގައި އުޅެމުންދިޔަ މީހެކެވެ.

މިދެންނެވުނީ، ޓެރަރިޒަމްގެ ބައެއް ކުށްތަކުގައި، ފޮރެންސިކް ލިންގްއިސްޓުން ކޮށްފައި ހުރި ބައެއް މަސައްކަތެވެ. ނަމަވެސް، މިނޫނަސް، ތަފާތު އެތައް ދާއިރާ އެއްގައި، ފޮރެންސިކް ލިންގުއިސްޓިކްސްގެ ބޭނުން ކުރެވެއެވެ. މިސާލަކަށް، އަދަބީ ލިޔުންތެރިކަމުގައި ދަރިވަރުން އިންޓަނެޓާއި އެހެނިހެން ވަޞީލަތްތަކުން ހޯދާ މަޢުލޫމާތު އެކުދީންގެ އަމިއްލަ ޚިޔާލުގެ ގޮތުގައި ހުށަހަޅައި ނަކަލު ކުރަމުން ދާކަން (Plagiarism)، ފޮރެންސިކް ލިންގްއިސްޓިކްސްގެ އެހީގައި ދެނެ ގަނެވެއެވެ. ކުރިން ދެންނެވި މިސާލުތަކުގައި ވާގޮތަށް، ލިޔުން ތަޙުލީލުކޮށް ދިރާސާ ކޮށްގެން އެއީ އެކުއްޖެއްގެ އަމިއްލަ މަސައްކަތްތޯ ބެލުމުގެ ޤާބިލުކަން ފޮރެންސިކް ލިންގުއިސްޓިކްސް މިހާރުވަނީ ހޯދައިދީފައެވެ. މިބާވަތުގެ ކޮމްޕިޔުޓަރ ސޮފްޓްވެއަރތައް ވެސް މިހާރު ވަނީ އުފައްދާފައެވެ.

މިގޮތުން، ދުނިޔޭގެ މަޝްހޫރު ޔުނިވަރސިޓީތަކުގައި (މިސާލަކަށް، ހަވާޑް އަދި މެލްބަން ޔުނިވަރސިޓީގައި) މިހާރު ބޭނުންކުރާ އެންމެ ކާމިޔާބު ސޮފްޓްވެއަރ އަކީ، ޓާންއިޓްއިން (Turnitin) އެވެ. މިފަދަ ސޮފްޓްވެއަރތައް މަސައްކަތް ކުރާ ގޮތަކީ، ކުއްޖާ ހުށަހެޅި މަޒުމޫނު ކޮމްޕިޔުޓަރަށް ސްކޭންކޮށް، ސޮފްޓްވެއަރ އާއި ޙަވާލުކުރުމުން، ސޮފްޓްވެއަރ އިން އިންޓަނެޓުގައާއި އަދި އޮންލައިން ލައިބްރަރީތަކުގައި ވާ ލިޔުންތަކާއި އަޅާބަލައި، ނަކަލު ކޮށްފައި ހުންނަ މިންވަރު ދެނެގަނެއެވެ. އަދި، އެ މަޒުމޫނާއި ބެހޭގޮތުން ރިޕޯޓެއް ތައްޔާރު ކުރެއެވެ. މިރިޕޯޓުގައި، އެކުއްޖަކު، ނަކަލު ކޮށްފައި ހުރި ޖުމުލަތަކާއި، އޭގެ އަޞްލު ދައްކައި ދީފައި ހުރެއެވެ. އަދި، އެއްބައި ނަކަލުކޮށްފައި އަނެއްބައި އަމިއްލަ ޢިބާރާތުން ބަދަލުކޮށްފައި ހުންނަ ޖުމުލަތައް ވެސް ދެނެގަނެ، އެ ޖުމުލަތައް ނަކަލު ކޮށްފައި ވަނީ ކިހާ މިންވަރަކަށް ކަން އިންސައްތައިން ބުނެދީފައި ހުރެއެވެ. އަދި، ޖުމުލައިގެ ޢިބާރާތްކުރުން ތަފާތު ނަމަވެސް، ޚިޔާލުގެ ގޮތުން އެއްގޮތް ޖުމުލަތައް ވެސް ވަކިން ފާހަގަ ކޮށްފައި ހުރެއެވެ. ކޮމްޕިޔުޓަރު މި މަސައްކަތަށް ނަގަނީ، ޖުމުލަ ގޮތެއްގައި އެންމެ 50 ސިކުންތެވެ. (ޓާންއިޓްއިން އާއި ބެހޭ އިތުރު މަޢުލޫމާތު www.Turnitin.comއިން ލިބިލައްވާނެއެވެ).

އަދި، ފޮރެންސިކް ލިންގުއިސްޓިކްސްގެ އެހީގައި ތައްޔާރުކޮށްފައިވާ މިދެންނެވި ފަދަ ސޮފްޓުވެއަރތަކުން، ހަމައެކަނި، ނަކަލު ކުރުން ދެނެގަންނަނީ އެއް ނޫނެވެ. އޭގެ އިތުރުން، މުދައްރިސުން އެބޭފުޅުންގެ މާކްސް ދޭ މިންގަނޑު (criteria marking) ސޮފްޓްވެއަރ އަށް އެޅުމުން، ސޮފްޓްވެއަރ އިން އެ ޕޭޕަރުތައް ބަލައި މާކްސް ވެސް ދެއެވެ. އަދި، ބޭނުންނަމަ، މުދައްރިސް އަމިއްލަޔަށް ވެސް، ސޮފްޓްވެއަރ ބޭނުންކޮށްގެން މާކު ކުރެވިދާނެއެވެ. މިކަމަށް ބޭނުންވާ ނިޝާންތައް ވެސް ސޮފްޓްވެއަރ ގައި ހުރެއެވެ. މިސާލަކަށް، ސްޕެލިން ގޯސް ނަމަ، އެކަން އެންގުމަށްޓަކައި އެ ލަފުޒެއްގެ ކައިރީގައި 'sp' މިހެން ލިޔެވެން ހުރެއެވެ. މީގެ އިތުރުން، ޤާނޫނީ ދާއިރާފަދަ، ފަންނީ ބަސް ބޭނުންކުރާ ދާއިރާތަކުގައި، ފަންނީ ބަހުން ލިޔެފައި ހުންނަ ލިޔެ ކިޔުންތައް، އެ ލިޔެކިޔުންތަކުގައިވާ މާނަ ނުގެއްލޭނެހެން އާދައިގެ ބަހުން ޢިބާރާތްކުރުމުގެ ޤާބިލުކަން ވެސް، މިދެންނެވި ފަދަ ބައެއް ސޮފްޓްވެއަރ ގައި ހުރެއެވެ. އަދި، ޤާނޫނީ ދާއިރާގައި، ތަރުޖަމާ ކުރެވޭ ލިޔުންތައް އޭގެ އަޞްލާއި އެއްގޮތްތޯ ބަލައި ފާސްކުރުމަށް ވެސް، މިފަދަ ސޮފްޓްވެއަރތައް އެބަ ބޭނުން ކުރެވެއެވެ.

މިހާރު ތިބާ އަޖާއިބު ވެއްޖެ ނޫން ހެއްޔެވެ؟ ނަމަވެސް، މިދެންނެވީ ހުސް ޙަޤީޤަތެވެ. ބަހާއިބެހޭ ޢިލްމަކީ، އޭގެ ޒާތުގައި ވެސް މުހިއްމު ޢިލްމެކެވެ. އަދި، ޓެކްނޮލޮޖީ އާއި އެކުވުމުން، އޭގެ މުހިއްމު ކަން އަޅުގަނޑު ނުދެންނެވިޔަސް މިހާރު ތިބާއަށް އިޙުސާސް ކުރެވޭނެއެވެ. މީގެ ފަހުން، ކުށް ކުރާމީހުން ހޯދައި އެމީހުން ބަލިކުރުމުގައި މަސައްކަތް އެކުރާ، ފިލްމުތަކުން އެފެންނަ ސަމައްތަރު ހެޔޮ، ކަސްރަތީ ހަށިގަނޑުގެވެރި ކުޅަދާނަ ބަޠަލުންނާއި މެދު ޙައިރާން ނުވާށެވެ. ނަމަވެސް، އެ ބަޔެއްގެ އަގުހުރި ވަގުތުތައް ކޮމްޕިޔުޓަރެއްގެ ކައިރީގައި ހޭދަކޮށް، ބަހުގެ ޢިލްމު ބޭނުންކޮށްގެން ބޮޑެތި އަރަތްތައް ޙައްލުކުރަމުން އެދާ ތޫނުފިލި ލިންގުއިސްޓުންނާއި މެދު އަޖާއިބުވާށެވެ!

Comments