ހޮނިހިރު20180217

އާކުރެވުނީ: 01:24:30

Back ކަވާސާ ޢިލްމު ޢިލްމުގެ ބައިތައް ޓެކްނޮލޮޖީ ކޮމްޕިއުޓަރ ވައިރަސްއަށް ބަލާލުމެއް

ކޮމްޕިއުޓަރ ވައިރަސްއަށް ބަލާލުމެއް

virus2ކޮމްޕިއުޓަރާއި އޭގެ ބޭނުންތައް ޢާއްމުވަމުން އަންނަވަރަކަށް، ' ކޮމްޕިއުޓަރަށް ބަލިޖައްސާ ' ތަފާތުވައްތަރުތަކުގެ، ނުރައްކާތެރި ވައިރަސްތަކުގެ ވާހަކަ އަޑުއިވޭ މިންވަރު އަންނަނީ ގިނަވަމުންނެވެ.

މިދާއިރާގެ ހޭލުންތެރިކަން އެކަށީގެންވާގޮތެއްގައި ލިބިފައިނުވާ މީހުނަށް، ވައިރަހޭ ބުނުމުން، އެއީ އިންސާނުންނަށް ބަލިޖައްސާ ވައިރަސްފަދަ ދިރޭ އެއްޗިހިތަކެއްގެ ގޮތުގައިވެސް ހީކުރެވެއެވެ. މިއީ މުޅިން ރަނގަޅު ހީއެއްކަމަށްނުވިއަސް ދިރޭއެއްޗިއްސަށް ބަލިޖައްސާ އޯގަނިކް ވައިރަސްތަކާއި، ކޮމްޕިއުޓަރ ވައިރަސް ޙިއްޞާވާ ބައެއް ކަންކަންއެބަހުއްޓެވެ. ތިރީގައި އެވަނީ މިގޮތުން ފާހަގަކޮށްލެވޭ ކަންކަމެވެ.

- އޯގަނިކްވައިރަސްތައް ހަށިގަނޑުގެ ސެލްތަކުގެ ވަޒީފާތައް ބަދަލުކުރާފަދައިން ކޮމްޕިއުޓަރ ވައިރަސް، ކޮމްޕިއުޓަރަށް އަޅާފައިހުންނަ ޕްރޮގްރާމުތަކުގެ މަސައްކަތް ބަދަލުކުރެއެވެ.

- އޯގަނިކްވައިރަސް ހަށިގަނޑުގެ ތެރޭގައި ވިހައި، އޭގެ ޢަދަދު އިތުރުކުރާފަދައިން، ކޮމްޕިއުޓަރ ވައިރަސްވެސް ނަކަލުތައް އުފައްދައިގެން އަމިއްލައަށް އޭގެ ޢަދަދު އިތުރުވެއެވެ.

- ހަށިގަނޑުގެ ސެލްއަކަށް ކޮންމެ ވައިރަހަކުންވެސް އަސަރުކުރަނީ އެއްފަހަރުއެވެ. މީގެމާނައަކީ ހަމަ އެވައިރަހުން އެސެލްއަށް ދެވަނަފަހަރަށް ގެއްލުމެއްނުލިބޭނެއެވެ. ކޮމްޕިއުޓަރ ޕްރޮގްރާމްތަކަށްވެސް، ވައިރަހުގެ އަސަރުކުރަނީ މިކަހަލަ ގޮތަކަށެވެ.

- ހަށިގަނޑަށް ވައިރަސްވަނަސް އޭގެ އަސަރުތައް ނުފެނި ދުވަސްތަކެއް ނަގާފާނެއެވެ. ހަމަ އެފަދައިން ކޮމްޕިއުޓަރ ޕްރޮގްރާމަކަށް ވައިރަސް އެރިޔަސް އޭގެ ގެއްލުން ނުފެނި ދުވަސްތަކެއްވަންދެން ހުރެދާނެއެވެ.

- ދެވައްތަރުގެ ވައިރަހަށްވެސް، އޭގެ އޮނިގަނޑު، ނުވަތަ ސިފަބަދަލުކުރުމުގެ ކުޅަދާނަކަން ލިބިގެންވެއެވެ.

ކޮމްޕިއުޓަރ ވައިރަހަކީ ކޮބާ؟

ވައިރަހަކީވެސް އެހެން ޕްރޮގްރާމްތަކެކޭ އެއްފަދައިން އުފައްދާފައިހުންނަ ކޮމްޕިއުޓަރ ޕްރޮގްރާމެކެވެ. އެކަމަކު ވައިރަސް ޕްރޮގްރާމެއްގެ ބޭނުމަކީ ކޮމްޕިއުޓަރ ސިސްޓަމަށް ވީހާވެސް ބޮޑަށް މައްސަލަތައްކުރިމަތިކުރުވާ، ބޮޑެތިގެއްލުންތައް ދިނުމެވެ. މިމަޤްޞަދު ޙާޞިލްކުރުމަށްޓަކައި އެހެން ޕްރޮގްރާމްތަކާއި ގުޅުމުގެ ޤާބިލްކަން ވައިރަސް ޕްރޮގްރާމަށް ދޭންޖެހެއެވެ.

ކޮޕީތައް އުފައްދަމުންގޮސް، އޭގެ ޢަދަދު އިތުރުކޮށް، އެހެން ޕްރޮގްރާމުތަކަށް ޙަމަލާދިނުމުގެ ފުރުޞަތުވެސް ވައިރަހަށް ހޯދައިދެވެއެވެ. ހަމައެފަދައިން ސިސްޓަމްގެ މެމޮރީގައި ( ހަނދާނުގައި )ވެސް ވައިރަސް ވަކިހިއްޕާލައެވެ.

ޑިސްކްތަކުންނާއި، މުވާސަލާތުކުރުމަށް ގެންގުޅޭ ތަފާތު ވަސީލަތްތަކުން، އެއްކޮމްޕިއުޓަރުން އަނެއްކޮމްޕިއުޓަރަށް، ވައިރަހަށް ދަތުރުކުރެވިދާނެއެވެ. އެހެންކަމުން، ކޮމްޕިއުޓަރ ވިއުގައެއްގެ ތެރެއިން، ޤައުމަކުން ފެންނަ ވައިރަހެއް، އެހެންޤައުމުތަކުގައި އިސާހިތެއްގެ ތެރޭގައި ފެތުރިދާނެއެވެ.

ވައިރަސްގެ ބައެއް ވައްތަރުތައް

2000މ. ވަނައަހަރުގެ މެއިމަހުގެ 4 ވަނަ ދުވަހު ފިލިޕީންސްއިން ފުރަތަމަ ފެނުނު 'އައިލަވްޔޫ' ވައިރަހަކީ ފަހަކަށް ވަރަށްބޮޑަށް ފެތުރުނު، މަޝްހޫރު ވައިރަހެކެވެ. ނަމަވެސް އޭގެ އުފެއްދުމަށްބަލާއިރު، އޭގެފަހުން ޢާއްމުވި މެލީސާ ވައިރަހަކީ މާ ހިމުން އެއްޗެކެވެ. އައިލަވްޔޫ ވައިރަހުގެ ފާހަގަކޮށްލެވޭ ކަމަކީ އެއަށް ލިބިފައިވާ އަވަހަށް ފެތުރިގަތުމުގެ ކުޅަދާނަކަމެވެ. އީމެއިލްއިން މިވައިރަސް އަންނައިރު، މެއިލްގެ ސުރުޚީއަކަށް އޮންނަނީ އައިލަވްޔޫ ( އަހަރެން ކަލާދެކެ ލޯބިވަމެވެ. ) އެވެ. މިމެއިލް ހުޅުވުމުން ވައިރަސްގެ އަސަރު ސިސްޓަމްއަށް ކުރަންފަށައެވެ. އަދި އީމެއިލްގެ އެޑްރެސް ބުކްގައި ހުންނަ ހުރިހާ އެޑްރެސްތަކަކަށް، އެސުރުޚީ ޖަހާފައިވާ މެއިލްއެއްގެ ތެރެއިން މިވައިރަސް ވާޞިލުވެއެވެ. އައިލްޔޫގެ ގެއްލުން ލިބެނީ ވިންޑޯޒް ބޭނުންކުރާ ސިސްޓަމްތަކަށާއި، ވެބް ބްރޯޒަރ އެއްގެ ގޮތުގައި އިންޓަރނެޓް އެކްސްޕްލޯރަރ ބޭނުންކުރާ ކޮމްޕިއުޓަރުތަކަށެވެ.

26 އޭޕްރީލް 1986މ. ގައި ކުރީގެ ރޫސީވިލާތުގެ ޔުކްރެއިންގައި ހިނގައިދިޔާ ' ޗަރްނަބީލް ރިއެކްޓަރ' ގެ ޙާދިސާއާއި ގުޅުވައިގެން ހަދާފައިވާ ޗަރްނަބީލް ވައިރަހަކީވެސް ފާހަގަކޮށްލެވޭ ވައިރަހެކެވެ. މިވައިރަސް އެކްޓިވޭޓްވަނީ ނުވަތަ މަސައްކަތްކުރަނީ ކޮންމެއަހަރެއްގެވެސް އޭޕްރީލްމަހުގެ 26 ވަނަ ދުވަހުއެވެ. ތަޖުރިބާކާރުން ދެކޭގޮތުގައި މިއީ ވަރަށް ރަނގަޅަށް ފަރުމާކުރެވިފައިވާ ވައިރަސް ޕްރޮގްރާމެކެވެ. ނަމަވެސް ވަކި ދުވަހަކަށް މަސައްކަތްކުރާގޮތަށް ހަދާފައިވާ، މިޒާތުގެ ވައިރަސްތަކުން ސަލާމަތްވުމަށް، އެދުވަސްކައިރިވުމުން، ކޮމްޕިއުޓަރުގެ ތާރީޚުބަދަލުކޮށްލުން ފުދެއެވެ. ކޮންމެއަހަރެއްގެ މާރޗްމަހުގެ 26ވަނަ ދުވަހު 'މަސައްކަތަށް ނުކުންނަ ' މައިކަލް އެންޖެލޯ އަކީވެސް މިކަހަލަ ވައިރަހެކެވެ. މިއީ މަޝްހޫރު ކުރެހުންތެރިޔާ މައިކަލް އެންޖެލޯގެ އުފަންދުވަހަށް ނިސްބަތްކޮށް ތައްޔާރުކޮށްފައިވާ އެއްޗެކެވެ.

ޓްރޯޖަން ހޯރސް ވައިރަސްތައް އުފައްދާފައިވަނީ ގްރީކް ގްރީކްމީހުން ހަނގުރާމަތަކުގެ ސިފައިންވަދެ ފިލާތިބޭ، ލަކުޑިން ހަދާފައިވާ ބިޔަ އަސްތަކުން އައިޑިޔާ ނަގައިގެންނެވެ.

ވައިރަސް އުފައްދާމީހުންގެ ބޭނުމަކީ ބައެއް ފަހަރަށް ، މަޖަލަށް އެހެން މީހަކަށް ގެއްލުމެއް ދިނުމެވެ. ނަމަވެސް ޢިލްމީ މައިދާނުގައި އިންސާނުން ހޯދަމުން އަންނަ ކުރިއެރުންތައް ހުއްޓުވުމަށާއި، ޢުދުވާނީ ބޭނުންތަކަށްވެސް މިކަހަލަ ޕްރޮގްރާމުތައް ފަތުރާމީހުން ވަރަށް ގިނައެވެ. މިޒަމާނުގައި ގާތްގަނޑަކަށް ބޮޑެތި ހުރިހާ ކަމެއްވެސް ކުރަނީ ކޮމްޕިއުޓަރ ގެ ޙިއްޞާއާއި އެކުކަމަށްވުމާއިއެކު، ހަނގުރާމަތަކުގައިވެސް ބޭނުންކުރެވިދާނެ 'ނުރައްކާތެރިކަން ބޮޑު ހަތިޔާރެއް' ގެ ގޮތުގައި ކޮމްޕިއުޓަރ ވައިރަސް މާނަކުރެވެއެވެ.

ރައްކާތެރިވުން

ވައިރަސް ޕްރޮގްރާމުތަކާއި އިދިކޮޅަށް މަސައްކަތްކުރާ އެންޓި-ވައިރަސް ޕްރޮގްރާމުތައް ހުރެއެވެ. އެހެންކަމުން ވައިރަހުން ސަލާމަތްވުމަށްޓަކައި، އަބަދުވެސް އެންޓި-ވައިރަސް ޕްރޮގްރާމެއް ކޮމްޕިއުޓަރަށް އަޅާފައި ބެހެއްޓުމަކީ ބުއްދިވެރިކަމެކެވެ. އަދި ޤަވާޢިދުން ޕްރޮގްރާމު އަޕްޑޭޓް ( އެންމެފަހުގެ ގޮތަށް ބަދަލުކުރުން ) ކުރަމުން ގެންދަން ޖެހޭނެއެވެ. އެއީ ވަރަށް އަވަސް އަވަހަށް މުޅިން އައު ވައިރަސްތައް ފެތުރެމުން އަންނާތީއެވެ.

ތިރީގައި އެވަނީ މީގެ އިތުރުން ވައިރަހުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

- ކޮންފަރާތަކުން އައި މެއިލްއެއްކަން މުޅިން ގައިމުނުވާ މެއިލްތައް ނުހުޅުވުން.

- ގޮތްނޭނގޭ ޑިސްކްތައް ބޭނުން ނުކުރުން

- ބޭނުމެއްނެތި އިންޓަރ ނެޓުން އެއްޗިހި ޑައުންލޯޑް ނުުކުރުން.

- މުހިއްމު ފައިލްތަކުގެ ކޮޕީތައް، ސީ.ޑީ، ފްލޮޕީ، ޕެންޑްރައިވް ކަހަލަ އެއްޗިއްސަށް ނަގާފައި ރައްކާކޮށްފައި ބެހެއްޓުން. އޭރުން ވައިރަސް އެރިޔަސް ފަހުން މިފައިލްތައް ބޭނުންކުރެވޭނެއެވެ.

- ވަކި ތާރީޚެއްގައި މަސައްކަތްކުރާ ވައިރަސްތައް މަސައްކަތްފަށާ ދުވަހާއި ދިމާކޮށް ކޮމްޕިއުޓަރގެ ތާރީޚު ބަދަލުކޮށްލުން.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.