Back ކަވާސާ ޢިލްމު ޢިލްމުގެ ބައިތައް މަޢްލޫމާތު ކަޢުބާ ހުރި ފަރާތް ހޯދިދާނެ 2 ދުވަސް

ކަޢުބާ ހުރި ފަރާތް ހޯދިދާނެ 2 ދުވަސް

qibla-hoadhun1

އަޅުގަނޑުމެން ދިރިއުޅެމުން މިދާ ބިމަކީ ވަށް އެއްޗެއް ކަމަށްވާތީ، ކިތަންމެ ޖައްވު ސާފުވެފައި ދެމެދުގައި އެއްޗެއް ނެތް ކަމުގައިވިޔަސް، ހަމަ ބިމުގެ ވަރަށް ކައިރި ހިސާބެއް ނޫނީ ނުފެނެއެވެ. 30 ވަރަކަށް ކިލޯ މީޓަރ ދުރުވެސް އޮންނަނީ ނުފެނިފައެވެ. އަލީގެ ޠަބީޢަތުގައި، އިންސާނާގެ ލޮލަށް ފެންނަ އަލި ދަތުރު ކުރަނީ އަލި އުފެދުނު މަސްދަރުން ފެށިގެން ނުވަތަ ރިފްލެކްޓް ކުރި ތަނުން ފެށިގެން ސީދާ މަގު ތަކުންނެވެ. އަދި ޓްރާންސްޕޭރެންޓް ނޫން މާއްދާއެއްގެ ތެރެއިން އެ އަލި ފުރޭނިގެން ނުދާތީ އެ އަލި ދަތުރުކުރަނީ ދުރުގައި ހަމަބިމުގައި ހުންނަ މީހަކަށް ފެންނަވަރަށް ވުރެން މަތިންނެވެ.

އެހެންކަމުން ހަމަބިމުގައި ހުރެގެން ބިންމަތިން ނުފެންނަހާ ދުރު، އުސްތަނަކަށް އެރުމުން ފެންނާނެއެވެ. ހަމަ އެހެންމެ ބިންމަތީގައި ހުރެގެން ބަލާއިރު، ދުރުގައި ހުންނަ އުސްތަންތަން، ތިރި ތަންތަނަށްވުރެ ދުރަށް ފެންނާނެއެވެ. އަދި އުސްވާވަރަކަށް ދުރަށް ފެންނަމުން ވެސް ދާނެއެވެ. މިހެން ދެންނެވިނަމަވެސް ބިމުގެ ގާތްގަޑަކަށް 4 ބައި ކުޅަ 1 ބަޔަށްވުރެން ދުރު ފެނުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

އެހެންކަމުން ތަނެއް ދުރަށް ދައްކަން ބޭނުންނަމަ އެތަނެއް އުސް ކުރެވިދާނެއެވެ. މިސާލަކަށް އުސް އެންޓެނާ އެއް ޖެހިދާނެއެވެ. އަދި އޭގެ ކޮޅުގައި ދުރަށްފާޅުވާނެފަދަ އަލި ކުލައެއް ނުވަތަ އަލިވާނެ ފަދަ އެއްޗެއް ހުރުމުން ބޮޑަށް ފާޅުވާނެއެވެ. އެހެންކަމުން އިރަކީ އެންޓެނާއެއްގެ ކޮޅުގައި ހުރި ބޮއްކަކަށްވީނަމަ އެ އެންޓެނާ ހުރި ގައުމު ނުވަތަ ތަން ނުފެނުނު ކަމުގައި ވިޔަސް ފެންނަން (އެންޓެނާގެ ކޮޅުގައި) ހުރި ބޮކި ހުރި ފަރާތަށް ކުރިމަތިލުމުން އެއެންޓެނާ ހުރި ގައުމަށް ނުވަތަ ތަނަށް ކުރިމަތި ލެވުނީއެވެ. ވީމާ އިރު ފެންނަން ހުރި ކޮންމެ ވަގުތެއްގައިވެސް އެ އިރު ހުރި ފަރާތައް ކުރިމަތިލުމުން އެތަނެއްގެ ބޯމަތީގައި އިރުހުރި ފަރާތަކަށް ނުވަތަ ތަނަކަށް ކުރިމަތިލެވުނީއެވެ.

މިބިމުގައި ހިމެނޭ ކޮންމެ ތަނެއްގެ ބޯމައްޗަށް އިރު ނައިކަމުގައި ވިޔަސް، ގާތްގަޑަކަށް 23.5 ޑިގްރީ އުތުރާއި ގާތްގަޑަކަށް 23.5 ޑިގްރީ ދެކުނާއި ދެމެދުގައިވާ ކޮންމެ ތަނެއްގެ ބޯމައްޗަށް ކޮންމެ މީލާދީ އަހަރެއްގެ ތެރޭ ދެފަހަރު އިރު އާދެއެވެ. މިދެންނެވި ޑިގްރީ ތަކަކީ މުޅިން ޘާބިތު އެއްޗަކަށް ނުވިއަސް ބަދަލުވަމުން އަންނަނީ ވަރަށް މަޑުމަޑުން ކަމަށްވާތީވެ، ޒަމާންތަކެއްވަންދެން މިއީ ޘާބިތު އެއްޗެއްގެ ގޮތުގައި ބެލެވިދާނެ ކަމަށް ސައިންސްވެރިން ދެކެއެވެ.

މުސްލިމުން ނަމާދު ކުރާއިރު ކުރިމަތިލާފަރާތް ކަމަށްވާ ސަޢޫދީ ޢަރަބިޔާގެ މައްކާގައިވާ ކަޢުބާ ވެސް ވަނީ 23.5 ޑިގްރީ އުތުރާއި 23.5 ޑިގްރީ ދެކުނާއި ދެމެދުގައި ކަމުން ކަޢުބާ ގެ ބޯމައްޗަށް ކޮންމެ މީލާދީ އަހަރެއްގެ ދެފަހަރު އިރު އާދެއެވެ. ކަޢުބާ (21.42 ޑިގްރީ އުތުރު) ގެ ބޯމައްޗަށް އިރު އަންނަނީ ކޮންމެ އަހަރެއްގެވެސް މޭ މަހު 28 ވަނަ ދުވަހު ރާއްޖެގަޑިން މެންދުރު ފަހު 2 ގަޑި 18 ގަ އާއި ޖުލައި މަހު 16 ވަނަ ދުވަހު ރާއްޖެގަޑިން މެންދުރު ފަހު 2 ގަޑި 26 ގައެވެ.

މިބިމުގެ މަތީފަށަލައަކީ ބައިބަޔަށް ބެހިފައި އަދި މަޑުމަޑުން ދަތުރުކުރަމުންވެސް ދާ ބައިތަކެއްކަމުން ދިގު ޒަމާންތަކެއްގެ ތެރޭ ކަޢުބާ ހިމެނޭބައިވެސް ފާހަގަ ކުރެވޭ ދުރުމިނަކަށް ދަތުރުކޮށްފާނެއެވެ. މިހެން ވެއްޖެނަމަ މިދެންނެވި ޑިގްރީގައި ކަޢުބާ ނެތި އަދި މިދެންނެވި ތާރީޚުތަކަކީ ކަޢުބާގެ ބޯމައްޗަށް އިރު އަންނަ ދުވަސްތައް ނޫންކަމަށްވެސް ވެދާނެއެވެ. ނަމަވެސް ސައިންސްވެރިން ދެކޭ ގޮތުގައި ފާހަގަ ކުރެވޭ ބަދަލު ތަކެއް އަންނާނީ ވަރަށް ދިގު ޒަމާންތަކެއްގެ ތެރޭގައި ކަމުން، ޒަމާންތަކެއްވަންދެން ނުވަތަ ބަދަލުތަކެއް އައިސްފިކަން ފާހަގަ ކުރެވެންދެން، ކޮންމެ އަހަރަކުވެސް 28 މޭ  ގައި މެންދުރު ފަހު    2 ގަޑި 18 ވާ އިރު  އާއި، 16 ޖުލައި  ގައި  މެންދުރު ފަހު    2 ގަޑި 26 ވާ އިރު، އިރު ހުރި ފަރާތަށް ކުރިމަތި ލުމުން ކަޢުބާ ހުރި ފަރާތަށް ކުރިމަތިލެވޭނެއެވެ.

ވީމާ މި 2 ދުވަހު މެންދުރުފަހު މިވަގުތުތަކުގައި އިރު ހުރި ފަރާތަކީ ތިމާ ނަމާދު ކުރަން ކުރިމަތިލާ ފަރާތްތޯ، ނުވަތަ ތިމާ ނަމާދު ކުރާ މިސްކިތް ބިނާ ކުރެވިފައި ހުންނަނީ މިވަގުތު ތަކުގައި އިރު ހުރި ފަރާތަށް ކުރިމަތިވާ ގޮތަށްތޯ، ޔަޤީންކޮށްލެވިދާނެއެވެ.

އެހެން ޤައުމުތަކުގެ ބޯމައްޗަށް ނުވަތަ ބޯމައްޗާއި އެންމެ ކައިރިއަށް އިރު އަންނަދުވަސް ބެލުމަށްޓަކައި މިލިންކަށް ފިތާލުމުން ޑައުންލޯޑް ކުރެވޭ އެކްސެލް ޝީޓްގައި، ބިމުގެ މެދުރޮނގުން ފެށިގެން އުތުރު ކަމުގައިވިޔަސް ނުވަތަ ދެކުނު ކަމުގައިވިޔަސް، އެޤައުމެއް އޮންނަ ހިސާބު ޑިގްރީ އިން ޖަހާށެވެ.

Comments