އާދީއްތަ20181111

އާކުރެވުނީ: 08:43:52

Back ކަވާސާ ޢިލްމު ޢިލްމުގެ ބައިތައް މަޢްލޫމާތު ކޮލަމްބަސްއަށް އެމެރިކާއަށް ދެވުނީ އޮޅިގެން..

ކޮލަމްބަސްއަށް އެމެރިކާއަށް ދެވުނީ އޮޅިގެން..

clum_1ކްރިސްޓޮފަރ ކޮލަމްބަސް އުފަންވީ 1445މ. ވަނަ އަހަރުގައެވެ. އޭނާގެ ބައްޕައަކީ ޕޯޗްގަލްގެ ފެހުންތެރިއެކެވެ.

ކޮލަމްބަސްއަކީ ނުރައްކާތަކާއި ކުރިމަތިލައި ކާމިޔާބުހޯދުމަށް ލޯބިކުރި މީހެކެވެ. އަދި އަބަދުވެސް ކަނޑުތަކުގެ ބިއްދޮށުގައި ފޮރުވިފައިވާ ތަންތަން ހޯދުމަށް އޭނާ ޝަވްޤުވެރިވިއެވެ. މިގޮތުން އޭނާގެ އެއްމެ ބޮޑު އުއްމީދަކަށްވެފައި އޮތީ ސްޕޭނުން ފެށިގެން ހަވާދުގެ 'މުއްސަނދިކަން' ލިބިފައިވާ އިންޑިއާއަށް، ދަތުރުކުރާނެ އައު ކަނޑުމަގެއް ހޯދުމެވެ.

ސްޕޭނުގެ ރަސްގެފާނު ފަރޑިނަންޑް އާއި ރާނީ އިޒަބެލްގެ ބެއްލެވުމުގެ ދަށުން އިންޑިއާއަށް ކޮލަމްބަސްކުރި ފުރަތަމަ ދަތުރުފެށީ 3 އޮގަސްޓް 1492މ. ވީ ހުކުރު ދުވަހުއެވެ.މިދަތުރުގައި ލަކުޑިން ބަނދެފައިވާ 3 ގުރާބު ބައިވެރިވިއެވެ. އެއީ ޕިންޓާ އާއި، ނީނާއާއި، ސެންޓާ މާރިޔާ އެވެ. ދަތުރުގެ ފަޅުވެރިންގެ ޢަދަދަކީ 87 އެވެ. ގުރާބުތަކުގެ ކުރީގައި މަގުދައްކަން އޮތީ، ކޮލަމްބަސް ކައްޕިތާނަކަށް ހުރި ސެންޓާ މާރިޔާ އެވެ.

ކޮލަމްބަސް ދުށް ގޮތުގައި، ރަނުގެ ކަންޒުތަކުން ފުރިފައިވާ، އޭޝިއާގެ އިރުމަތީ އައްސޭރިއާއި، އިރުމަތީގެ ރަށްތައް އޮންނާނީ ޔޫރަޕްގެ ހުޅަނގުގައެވެ. އެހެންކަމުން، ބޯޓުތަކާއިގެން އޭނާ ފުރަތަމަ މިސްރާބުޖެހީ، ސްޕޭނުގެ އައްސޭރިފަށުން، ކެނެރީ ޖަޒީރާތަކުގެ ސޭން ސެބަސްޓިއަން ކިޔާ ރަށާއި ދިމާއަށެވެ. އެއަށްފަހު، ހުޅަނގަށް ގޮސް، އެޓްލާންޓިކް ކަނޑުގެ މެދަށެވެ. އެޓްލާންޓިކް ކަނޑުގެ ބޮޑުބައެއް ކަޑައްތުކުރުމުގައި، އިރުމަތިން ޖެހެމުން ދިޔަ ގަދަ ވައި ކޮލަމްބަސްއަށް ވަރަށް ބޮޑަށް އެހީތެރިވެދިނެވެ.

މިގޮތަށް މަހެއްހާދުވަހު ދުއްވުނުއިރުވެސް، އޭނާއަކަށް ހިކިފަސްތަނެއް ނުފެނުނެވެ. އެހާ ހިސާބުން، ދަތުރުގެ ބައިވެރިން މަގު ގެއްލުނީ ކަމަށްބަލައި، ދެން އެނބުރި ޤައުމަށް ނުދެވިދާނެކަމަށް ހާސްވެ، ބިރުގަންނަން ފަށައިފިއެވެ. އެކަމަކު ޙިސާބުތައް މުރާޖަޢާކުރުމަށްފަހު، ކޮލަމްބަސް ނިންމީ ދަތުރުކުރިއަށް ގެންދިއުމަށެވެ. އަދި މިކަން ކާމިޔާބުވެއްޖެނަމަ، ރަސްގެފާނު ދެއްވާނެކަމަށް ވަޢްދުކުރައްވާފައިވާ އިނާމުގެ ބޮޑުކަން ހަނދާންކޮށްދީ، ކޮންމެ ގޮތެއްވިޔަސް ދަތުރު ހުއްޓާ ނުލުމަށް ފަޅުވެރިންނަށް، ކޮލަމްބަސް ހިތްވަރު ދޭން ފެއްޓިއެވެ.

އިރުމަތީ އިންޑިއާއަށް ދިއުމަށްޓަކައި، ހުޅަނގަށް ދަތުރުކުރަން ނިންމުމަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި ކޮލަމްބަސްއަށް ހެދުނު ވަރަށް ބޮޑު ގޯހެކެވެ. ނަމަވެސް، މިކަމުގެ ސަބަބުން، ވަރަށް މުހިއްމު ހޯދުމަކަށް ކޮލަމްބަސް އަށް މަގުދައްކައި ދިނެވެ. އެއީ ފުރަތަމަ ފަހަރަށް އެމެރިކާ ކޮންޓިނެންޓަށް ދަތުރުކުރެވުމެވެ.

ކޮލަމްބަސް މެދުތެރޭ އެމެރިކާގެ ރަށްތަކުގައި

ކިނާރީ ޖަޒީރާތަކުން ފުރިތާ ގާތްގަނޑަކަށް 37 ދުވަސްފަހުން، އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު ހެނދުނު، ދަތުރުބަލަހައްޓަންހުރި މީހާ ބާރަށް ގޮވަން ފެށިއެވެ.'' ހިކިފަސްތަނެއް! ހިކިފަސްތަނެއް!'' އެވަގުތުން ފެށިގެން، ގުރާބުތައް އެދިމާއަށް ދަތުރުކުރަމުންގޮސް، އަނެއް ދުވަހު އެތަނަށް ދެވިއްޖެއެވެ. މިރަށަށް ކޮލަމްބަސް ދިން ނަމަކީ 'ސެން ސެލްވަޑޯރ' އެވެ.

މިރަށާއި ބެހޭގޮތުން ދަތުރުނާމާގައި ކޮލަމްބަސް ލިޔެފައިވެއެވެ.'' އައު ރަށުން އަހަންނަށް ފެނުނީ އޮރިޔާމަށްތިބި ބައެކެވެ. އެމީހުންގެ ސިފަތައް ޢަޖާއިބުވެފައި، ބީރަށްޓެއްސެވެ. އެމީހުންގެ ނޭފަތް ތޮރުފާފައި، ރަން ބޮޅެއް ކޮންމެ މީހެއްގެވެސް ނޭފަތުގައި އެލުވާފައި ހުއްޓެވެ. އަދި އަހަރެމެންނަށް މިއާދެވުނީ، އަގުބޮޑު ޖަވާހިރުތަކުން މުއްސަނދިވެފައިވާ ބިމަކަށްކަން އެނގުނެވެ. މިތަނުން ރަނާއި ފައިދާހުރި އެއްޗިހިތައް އަހަރެމެންނަށް ލިބޭނެއެވެ.''

އޮކްޓޯބަރ 17ގައި ކޮލަމްބަސް ލިޔެފައިވެއެވެ.'' މިހުރިހާ ދުވަހެއް ވަންދެން އަދިވެސް އަހަރެމެން މިތިބީ އިންޑިއާގައެވެ.'' ކޮލަމްބަސް އަށް ހީވެފައި އޮތްގޮތުގައި އެމީހުންނަށް އެދެވުނު ހިސާބަކީ، އޭޝިއާގެ އިރުމަތީ އައްސޭރިއެވެ.ނަމަވެސް ޙަޤީޤަތުގައި އެމީހުންނަށް އެދެވުނު ހިސާބަކީ މެދުތެރޭ އެމެރިކާގެ މަލަމައްޗެވެ. މީގެ ހެއްކަކީ، ދަތުރުކުރިއަށް ގެންދިއުމުން، ކެރީބިއަން ކަނޑުގެ ރަށްތަކާއި، ކިއުބާގެ އުތުރު އައްސޭރިއާއި، ކައިރީގައިވާ އެހެން ސަރަޙައްދުތަކަށް ކޮލަމްބަސް އަށް ދެވިފައިވުމެވެ.

އަލަށް ދެވުނު ބިމުން ފެނުނު ވެށްޓާއި، ޤުދުރަތީ ރީތިކަމާއިމެދު، ކޮލަމްބަސް ވަރަށް ބޮޑަށް ޢަޖާއިބުވިއެވެ. އޭނާގެ ލިއުންތަކުން ދަންމަރުކޮށްދޭ ގޮތުގައި، އެއިރުވެސް އޭނާއަށް ހީވެފައި އޮތީ، އާދެވުނު ހިސާބަކީ އިރުމަތީ އޭޝިއާ ކަމަށެވެ.

ދަތުރުފެށިތާ، 8 މަސްދުވަސް ފަހުން، ލިބުނު ބޮޑު ކާމިޔާބާއިގެން، ކޮލަމްބަަސް އެނބުރި ސްޕޭނަށް އައެވެ. އޭނާއަށް 'އުތުރު އިންޑިއާގެ ރަށްތަކަށް ދެވުމުން' ރަސްގެފާނު ފާރޑިނަންޑްވެސް ހުންނެވީ ވަރަށް އުފަލުންނެވެ.

އެމެރިކާކަން ނޭނގި، ދެފަހަރު ކޮލަމްބަސް އެމެރިކާއަށް ދިޔައެވެ!

ފަހުން އައި 10 އަހަރުދުވަހުގެ ތެރޭގައި، ކޮލަމްބަސް މެދުތެރޭ އެމެރިކާއަށް އެއީ އެމެރިކާކަން ނޭނގި 2ފަހަރު ނުވަތަ އެއަށްވުރެ ގިނައިން ދަތުރުކުރިއެވެ. އެކަމަކު ފަހުގެ ދަތުރުތަކުގައި، މިދެވޭ ހިސާބަކީ އިންޑިއާގެ އިރުމަތީ ރަށްތައް ކަމާއިމެދު، ކޮލަމްބަސްގެ ހިތުގައި ޝައްކު އުފެދެން ފެށިއެވެ. ނަމަވެސް، ޝައްކު ޔަޤީނަކަށް ބަދަލުކޮށް، މިކަމުގެ ޙައްލަކާއި ހަމައަކަށް އޭނާއަކަށް ނާދެވުނެވެ. ' އައު ދުނިޔެ 'އަށް ކޮލަމްބަސް ކުރި 3 ވަނަ ދަތުރުގެ ދަތުރުނާމާގައި އައު ކޮންޓިނެންޓަކަށް އިޝާރާތްކުރާފަދަ ވާހަކަތަކެއް އޭނާ ލިޔެފައިވެއެވެ. 1498މ. ވަނަ އަހަރުގެ އޮގަސްޓް 14 ގައި އޭނާ ލިޔެފައިވެއެވެ.'' އަހަންނަށް ހީވާ ގޮތުގައި މިތަނަވަސް ކޮންޓިނެންޓަކީ، އަހަރެމެންގެ ވިސްނުމަށް ފޮރުވިފައިވާ އައު ބިމެކެވެ.''

1502މ.ގައި މިހިސާބަށް ކޮލަމްބަސް ކުރި 4ވަނަ ދަތުރުގައި، އޭޝިއާގެ އިރުމަތީ އައްސޭރިއަށް ދެވޭނީ މިރަށްތަކުގެ ތެރެއިން ދަތުރުކޮށްގެން ކަމަށް އޭނާއަށް ހީވާން ފެށިއެވެ. އެހެންކަމުން، ކޮސްޓަރިކާއާއި، ހޮންޑިއުރާސްއާއި ޖެމެއިކާއާއި ހަމައަށް ދަތުރުކުރިއަށް ގެންދިޔައެވެ. ނަމަވެސް، ގުރާބު ޣަރަޤުވުމުގެ ސަބަބުން، ދަތުރު ކުރިއަށް ނުގެންދެވި، 12 ދުވަސްވަންދެން ޖެމެއިކާގައި ކޮލަމްބަސް މަޑުކުރިއެވެ. އެއަށްފަހު ސްޕޭނުން ފޮނުވި، އުޅަނދެއްގައި އެނބުރި ސްޕޭނަށް ކޮލަމްބަސް ދިޔައީއެވެ. ޖެމެއިކާއަކީ އޭނާއަށް އާދެވުނު އެއްމެ ފަހު ހިސާބެވެ.

އެމެރިކާކަން ނޭނގި ދެފަހަރަށް އެތަނަށް ދަތުރުކޮށް، އައު ކޮންޓިނެންޓެއް ނޭނގިނަމަވެސް، ހޯދައިދިނުމަށްފަހު، ކޮލަމްބަސް ދުނިޔެއަށް އަލްވަދާޢު ކިއީ،1506މ. ވަނައަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހުއެވެ.

އަމްރީގޯ ކޮލަމްބަސްގެ ދަތުރުތައް ފުރިހަމަކުރުން

ކޮލަމްބަސްގެ ދަތުރުތަކަށްފަހު، އޭނާއަށް ހީވެފައި އޮތް ގޮތް ގައިމުކުރުމަށްޓަކައި، އައު ދަތުރުވެރިއަކު، އެހިސާބަށް ދަތުރުކުރަން ފެށިއެވެ. އޭނާއަށް އެމެރިކާގެ މެދުތެރެއަށް ވާޞިލުވެވުމުން، އަނެއްކާވެސް އިތުރު ތަންތަން ހޯދުމަށް، ބްރެޒިލްގެ އައްސޭރިފަށާއި ހަމައަށް، ދެވެންދެން، ދަތުރުކުރިއަށް ގެންދިޔައެވެ. އެހާ ހިސާބުން މިއީ މުޅިން އައު ކޮންޓިނެންޓެއްގެ މަލަމަތިކަން، އޭނާއަށް ކަށަވަރުވިއެވެ. މި ދަތުރުވެރިޔާއަކީ އެމެރިކާގެ ނަން އެމީހަކަށް ނިސްބަތްވާ އަމްރީގޯ ވަސްޕޫޗީ އެވެ. އަމްރީގޯއަށް އެމެރިކާ ޔަޤީންކަމާއިއެކު ހޯދުނުކަމުގެ ޝަރަފު ލިބުނުކަމުގައިވިޔަސް، މިކަމަށް އޭނާއަށް މަގުކޮށައިދިނީ ކޮލަމްބަސް ކަމާއިމެދަކު ދެބަސްވެވޭކަށް ނެތެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.