ހުކުރު20171110

އާކުރެވުނީ: 09:46:14

Back ކަވާސާ ޢިލްމު ޢިލްމުގެ ބައިތައް މަދުރަސީ ފުރިހަމަ ތަޢުލީމީ ނިޡާމެއް ބިނާވެފައި އޮންނަންޖެހޭނެ އަސާސްތައް

ފުރިހަމަ ތަޢުލީމީ ނިޡާމެއް ބިނާވެފައި އޮންނަންޖެހޭނެ އަސާސްތައް

thauleemee-nizaamމިހާރަކަށް އައިސް، އެންމެ އާޢްމުކޮށް ނޫސް މަޖައްލާތަކުގެ ފަލަ ސުރުޚީގައި އޮންނަ އެއް މައުޟޫޢުއަކީ، ތަޢުލީމީ ދާއިރާގެ މައްސަލަތަކުގެ ވާހަކައެވެ. މައްސަލަތަކުގެ ގިނަވާހަކައެވެ. މައްސަލަތަކުގެ ސީރިއަސްކަން ބޮޑުވާހަކައެވެ. އަދި، ބައެއްފަހަރު، ނަމަވެސް މަދުފަހަރަކު، ކަމުގެ އަސްލާއިމެދުވެސް (ލިޔުންތެރިޔާއަށް ފެންނަ ގޮތެއްގެ މައްޗަށް ބިނާކޮށް) އަލި އަޅުވާލެވިފައިވާތަން ފެނެއެވެ. ނަމަވެސް، އަޅުގަނޑު ހިތުން، ކަމުގެ އަސްލު ހޯދުމަށް އަދިވެސް، މިޒަމާނުގެ 'ރިސާރޗް މެތަޑް' ބޭނުންކޮށްގެން މާބޮޑު، އެދެވޭ މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.

އެހެންކަމުން، އެހެން ލިޔުންތެރީންނެކޭ އެއްފަދައިން، އަޅުގަނޑުވެސް، އަޅުގަނޑުގެ އަމިއްލަ ޚިޔާލަށާއި، ތަޢުލީމީ ފަލްސަފަރުންގެ ނަޒަރިއްޔާތަކުން އަޅުގަނޑަށް މިހާތަނަށް އެނގިހުރި އެއްޗެއްގެ މައްޗަށް ބިނާކޮށް، އަޅުގަނޑު ދެކޭގޮތް ހާމަކޮށްލާހިއްވީ އެވެ.

ބަހުގެ މާނައަށް ބަލާއިރު، ޢަރަބި ބަހުގައި، 'ތަޢުލީމު' ގެ މާނައަކީ، 'ޢިލްމު (އެއީ، ކޮންމެ ބާވަތެއްގެ ޢިލްމެއް ނަމަވެސް) އުނގަންނައި ދިނުމެވެ'. މިގޮތުން ބަލާއިރު، 'ތަޢުލީމީ މަރުކަޒެއް'ގެ އެންމެ އިސް ވާޖިބަކީ، ޢިލްމު އުނގަންނައި ދިނުމެވެ. މިހެން ކަމަށްވާނަމަ، މަދަރުސާގެ ދައުރު ފުދޭވަރަކަށް 'ފަސޭހަޔޭ' ދެންނެވިދާނެއެވެ. ނަމަވެސް، ހަޤީޤަތަކީ، މިއެއް ނޫނެވެ. މަދަރުސާއަކީ، ހަމައެކަނި ޢިލްމު އުނގަންނައިދޭ މަރުކަޒެއްނޫނެވެ. އެހެންނަމަ، މަދަރުސާތަކުގައި މިއޮންނަ 'އިތުރު ހަރަކާތްތަކަކީ' އެއްވެސް މާނައެއް ނެތްކަމެކެވެ. ހަޤީޤަތުގައި، މަދަރުސާއަކީ، ޢިލްމުގެ އިތުރުން އިންސާނާގެ ޝަޚުޞިއްޔަތާއި ހެދިބޮޑުވުމަށް ބޭނުންވާ އެހެނިހެން ބަހާތަކަށް ތަމްރީނާއި ތަރުބިއްޔަތު ލިބިދޭންޖެހޭ ގޮވައްޗެކެވެ. މިގޮތުން ބަލާއިރު، ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި، މިކަމަށް، ސަމާލުކަމެއް ނުދެޔޭ ބުނެވޭކަށް ނެތެވެ. އަދި ކިޔެއްތަ، އެހެން ބުނުންވާނީ، ގޯހަކަށެވެ. ކުރިން ބުނެވުނުހެން، މަދަރުސާތަކުގައި ހިންގާ ތަފާތު ކުޅިވަރާއި އަދަބީ ހަރަކާތްތަކަކީ، އިންސާނާގެ ހެދި ބޮޑުވުމާއި ޝަޚްޞިއްޔަތު ފުރާފުރިހަމަކުރުމުގެ މަޤްޞަދުގައި ހިންގޭކަންކަމެވެ. އެހެންވީއިރު، ދެން ތަޢުލީމީ ނިޡާމަށް ދިމާވެގެން މިއުޅޭ މައްސަލައަކީ، ކޮބައިހެއްޔެވެ؟

 

އާދެ، ޙަޤީޤީ މައްސަލަ އެނގޭނީ، ފަށަމުންވެސް ދެންނެވުނު ފަދައިން، ކަމުގެ އަޞްލަށް ވާޞިލުވުމަށް ދިރާސާކޮށް ހޯދާ ބަލައިގެންނެވެ. ސަބަބު ހޯދުމަށް 'ޑައިގްނޯޒް' ކޮށްގެންނެވެ. އަދި، މިމަސައްކަތް އެންމެ އެދެވޭގޮތުގައި ކުރެވޭނީ، ތަޢުލީމީ ނިޡާމް ވިލަރެސްކޮށް ހިންގާ ފަރާތަކަށެވެ. ކަމުގެ ތަޖުރިބާހުރި ޒިންމާދާރު ފަރާތަކަށެވެ. ނަމަވެސް، ފަލްސަފީ ނަޒަރަކުން ބަލާނަމަ، އަޅުގަނޑުދެކޭ ގޮތުގައި، އަޅުގަނޑުމެންގެ ތަޢުލީމީ ނިޡާމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަދި ގޮންޖެހުމަކީވެސް، އަޅުގަނޑުމެންގެ ތަޢުލީމީ ނިޡާމްގެ އަސާސްތައް އަދިވެސް ފުރިހަމަ ނުވާކަމެވެ. ފުރިހަމަ ނޫންކަމެވެ. އަދި މިކަމުގެ ސަބަބުން ދެން ދިމާވާ އެހެނިހެން މައްސަލަތަކެވެ.

ނިކަން ވިސްނަވާށެވެ. އަޅުގަނޑުމެންގެ މަދަރުސާތަކުގައި ސަމާލުކަން މިދެވެނީ، ކުރިން ބުނެވުނުހެން، މައިގަނޑު ދެ ކަމަކަށެވެ. ތަޢުލީމު ދިނުމަށާއި (ޢިލްމު އުނގަންނައިދިނުން، ނުވަތަ 'އެޑިޔުކޭޝަން') އަދި، އިތުރު ހަރަކާތްތަކުގެ ތެރެއިން ހަށިގަނޑަށް ތަރުބިއްޔަތު ދިނުމެވެ. ތަޢުލީމީ ދާއިރާގައި ކިޔާއުޅޭގޮތުންނަމަ، 'ފިޒިކަލް އެޑިޔުކޭޝަން' އަށެވެ. ނަމަވެސް، ނަފުސާނީ ޢިލްމުވެރިން ވިދާޅުވާގޮތުގައި، އިންސާނާގެ 'ޝަޚުޞިއްޔަތު' ފުރިހަމަވެ، ހެދިބޮޑުވުމަށްޓަކައި މައިގަނޑު ތިން ކަމެއް ފުރިހަމަވާންޖެހެއެވެ. ފުރަތަމަ ކަމަކީ، އޭނާގެ ހަށިގަނޑު ފުރާފުރިހަމަވުމެވެ. މިކަން ޙާޞިލްވާނީ، ޙަރަކާތްތެރިވެ އުޅުމުގެ ތެރެއިން ނުވަތަ 'ސައިކޯމޯޓަރ ޑޮމެއިން' ގެތެރެއިންނެވެ. މިޢީ، ކުރިން ބުނެވުނު 'ފިޒިކަލް އެޑިޔުކޭޝަންގެ' މަޤްޞަދެކެވެ.

ދެވަނަ ކަމަކީ، އޭނާގެ ވިސްނުން ފުރިހަމަވުމެވެ. މިކަން ކާމިޔާބުވާނީ، މަޢުލޫމާތު ފޯރުކޮށްދިނުމާއި، ވިސްނުން ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތުގެތެރެއިންނެވެ. އާދެ، 'ކޮގްނިޓިވް ޑޮމެއިން' ގެތެރެއިންނެވެ. މިޢީ، 'ތަޢުލީމޭ' ބުނުމުން ޢާއްމުކޮށް އަޅުގަނޑުމެންނަށް ދޭހަވާ މާނައެވެ.

އަދި، ތިންވަނަ ކަމަކީ، އޭނާގެ އަދަބުވެރިކަމާއި އަޚުލާޤު ފުރިހަމަވެ، ކަންކަމާމެދު ދެކޭގޮތް ތަހުޒީބުވެ އަޤީދާ ވަރުގަދަވުމެވެ. މިއީ، އަދަބާއި، އަޚްލާޤް، ޝޫޢޫރާއި އަޤީދާ ވަރުގަދަކޮށް ތަރައްޤީކުރުމަށް އަމާޒުކޮށްގެން ކުރެވޭ ކޮންމެ މަސައްކަތެއްގެ ތެރެއިން ('އެފެކްޓިވް ޑޮމެއިން'ގެ ތެރެއިން) ކުރެވިދާނެކަމެކެވެ. މިސާލަކަށް، ކުއްޖާއަށް، 'ދީނީ ތަރުބިއްޔަތު' ފޯރުކޮށްދީ، އަދި އޭނާގެ މާދަރީ ބަހާއި އަދަބިއްޔާތު އަދި ޘަޤާފަތާއި ބެހޭ ހޭލުންތެރިކަން އިތުރުކޮށްދިނުމެވެ. މިއީ، އޭނާގެ ވިސްނުން ތަރައްޤީކޮށްދިނުމުގެ އިތުރުން، އޭނާގެ އަޚުލާޤު ރިވެތިވެ، ޤައުމިއްޔަތުގެ ރޫޙު އާލާވާނެކަމެކެވެ. އަދި އޭނާ ކަންކަމާމެދު ދެކޭގޮތާއި (އެޓިޓިއުޑް) އަދި ޤަބޫލުކުރާގޮތް ނުވަތަ 'ބިލީފް' ބައްޓަންކޮށްދީ އަދި ދީނީ އަޤީދާވެސް ހަރުދަނާ ކޮށްދޭނެ ކަމެކެވެ.

ނަމަވެސް، މިތިން ދާއިރާ ނުވަތަ 'ޑޮމެއިން' އަށް ބަލާއިރު، ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެންގެ މަދަރުސާތަކުގައި، އިސްކަން މިދެވެނީ، ހަމައެކަނި ވިސްނުން ތަރައްޤީކުރުވުމަށެވެ. އާދެ، ކޮގްނިޓިވް ޑޮމެއިން އަށެވެ. އަދި، ޚާއްސަކޮށް ފަށާ ތަޢުލީމުގެ މަރުޙަލާގައި، ކުއްޖާގެ ހަށިގަނޑުގެ ދުޅަހެޔޮކަމަށްވެސް (ސައިކޯމޮޓޮރ ޑޮމެއިން އަށް) ފުދޭވަރެއްގެ ސަމާލުކަމެއް ދެވިފައިވެއެވެ. ނަމަވެސް، ހިތާމަޔަކީ، ކުއްޖާގެ ކިބާގައި އަދަބު އަޚުލާޤު އަށަގެންނެވުމާއި ޝުޢޫރު ތަރައްޤީކޮށް އަޤީދާ ވަރުގަދަކުރުމުގެބައި، ނުވަތަ 'އެފެކްޓިވް ޑޮމެއިން' މުޅީންހެން އިހުމާލުކުރެވިފައި ވުމެވެ. ތެދެކެވެ. މުދައްރިސުން އެބޭފުޅުންގެ ފިލާވަޅު ނަންގަވައިދެއްވުމުގެ ތެރެއިން، ކުދީންނަށް ރަގަޅުގޮތާއި ނުބައިގޮތް ބުނެނުދެއްވައެކޭ ނޫނެވެ. އަދި 'އިތުރު ޙަރަކާތްތަކުގެ ތެރެއިން' މިކަން ހާޞިލުވުމަށް އުންމީދުކޮށް އެކަން ނުކުރައްވާ ވާހަކައެއް ވެސް ނުމެ ދަންނަވަމެވެ.

ނަމަވެސް، ކުއްޖާގެ ކިބާގައި، ވަރުގަދަ އަޤީދާއެއްގެ މައްޗަށް ބިނާވެފައިވާ އަޚްލާޤާއި ސުލޫކުގެ ރީތި ސިފަތައް އަށަގެންނެވުމަށްޓަކައި 'ރަސްމީ މުޤައްރަރު' ނުވަތަ 'ފޯމަލް ކަރިކިޔުލަމް'ގެ ތެރެއިން ޢަމަލީ މަސައްކަތްތަކެއް ކުރެވެޔެކޭ ދެންނެވޭކަށް ނެތެވެ. އިތުރު ޙަރަކާތުގެ ތެރެއިންވެސް، އެކަން ޙާޞިލުވާންވީ މިންވަރަށް ހާޞިލުވަމުންދެޔެކޭ ނުދެންނެވޭނެއެވެ. ސަބަބަކީ، ގިނަފަހަރަށް އެފަދަ ޙަރަކާތްތައް ހިންގެނީ މާބޮޑު ރޭވުންތެރިކަމެއް ނެތިއެވެ. ހަމައެކަނި، 'ކޮށްލާ މަޖަލެއްގެ' ގޮތުގައެވެ. ނުވަތަ ނަމަކަށް ކަމެއް ކުރުމުގެ ގޮތުގައެވެ. އަދި، އެފަދަ ޙަރަކާތްތަކުން ކުދީންގެ ކިބާގައި ހަރުލާ ސިފަތައް މިނާ، ވަޒަންކުރެވޭނެ އެއްވެސް ގޮތެއް ނެތިއެވެ.

ތެދެކެވެ. ފުޓުބޯޅަ މުބާރާތެއް ނިމި ތައްޓާ ޓްރޮފީ ދެވޭ ޙަފުލާގައި، އެންމެ ގިނަ ލަނޑުޖެހި ކުއްޖަކު ނުހޮވަޔެކޭ ނޫނެވެ. އަދި، 'ފެއަރ ޕްލޭ ޓީމެއް' ނުހޮވަޔެކޭވެސް ނޫނެވެ. މިއީވެސް ހަމަ ރަނގަޅުކަންކަމެވެ. އެހެނީ، އެކަންކަމުންވެސް ކުދީންގެ ހުނަރު ފާހަގަކޮށް އެކަން ކުރި އެރުވުމަށް މަސައްކަތް ކުރެވޭތީއެވެ. ނަމަވެސް، އަދި މިވަރަކުން، ފުއްދާލެވޭކަށް ނެތެވެ. މިވަރުން ފުދޭނަމަ، މިހާރު، އަޅުގަނޑުމެންނަށް އަޑުއިވި، ފެންނަމުން މިދާފަދަ އަޚުލާޤީ މައްސަލަތައް ސުކޫލުތަކުގައި ފެންމަތިވެގެން ނުވާނެއެވެ. މިފަދަ އަޚުލާޤީ މައްސަލަތަކުގައި، އެއްކަލަ 'ފެއަރ ޕްލޭ ޓީމުގައި' ހިމެނުނު ކުދީން ހިމެނޭނަމަ، އޭގެ މާނައަކީ، އެކުދީން ކުޅޭބިމުގައި އެދެއްކި ފެއަރ ޕްލޭއަކީ، ހަމައެކަނި، އެ މަޤާމު ހޯދުމަށް ކުރި މަސައްކަތެކެވެ. އެކުދީންގެ ކިބާގައި އަޚުލާޤީ ސިފަ، ކުޅިވަރު މުބާރާތުގެ ތެރެއިން ލާފައި، ހަރުލާފައެއް ނުވެއެވެ. މީގެ ސަބަބަކީ، އަދި މިއިން ދައްކައިދެނީ، އަޅުގަނޑުމެންގެ ތަޢުލީމީ ނިޡާމުގައި، އަޚުލާޤީ ތަޢުލީމު ނުވަތަ 'ތައުދީބު' (މޯރަލް އެޑިޔުކޭޝަން) އެންމެ އެދެވޭގޮތަކަށް އަދި ނުދެވޭކަމެވެ.

ކަންމިހެން އޮތްއިރު، މިކަމުގެ ޙައްލަކީ، ކޮބާހެއްޔެވެ؟ މިކަމުގެ ޙައްލަކީ، އަޅުގަނޑުދެކޭގޮތުގައި، އަޅުގަނޑުމެންގެ ރަސްމީ މުޤައްރަރުގައި، ތަޢުލީމުގެ އިތުރުން، ތައުދީބުގެ ބައި (މޯރަލް އެޑިޔުކޭޝަން) ހިމެނުމެވެ. ނަމަވެސް، ތައުދީބު ނުވަތަ އަދަބަކީ، އެހެނިހެން ގިނަ މާއްދާތައްހެން ހަމައެކަނި މަޢުލޫމާތު ފޯރުކޮށްދީގެން ފަރުޖެއްސޭނެ ކަމެއް ނޫނެވެ. އެހެނީ، އަދަބަކީ، ސިފައެކެވެ. އެއީ، ކުއްޖާގެ ކިބާގައި އަށަގެންނުވެންޖޭހޭ، ކުއްޖާ އެޔަށް ހޭނި، އެކަމަށް އާދަވާން ޖެހޭނެ ސިފައެކެވެ. ވީމާ، އަދަބު އަށަގެންނެވުމަށްޓަކައި، އަޚުލާޤީ ހަމަތަކާއި، ދީނުގައި އޮންނަ އުޞޫލުތަކާއިބެހޭ ޞައްޙަ މަޢުލޫމާތު ކުއްޖާއަށް ފޯރުކޮށްދިނުމާއިއެކު، އެކަމާގުޅޭގޮތުން ތަމުރީނު ދޭންޖެހެއެވެ. މިގޮތުން، ދެވޭ ތަމުރީނަކީ، އޭގެ ސަބަބުން ކުއްޖާގެ ކިބާގައި އެ އަމާޒުކުރެވޭ ސިފަޔެއް ނުވަތަ ސިފަތަކެއް އަށަގެންނުވޭނެ މަސައްކަތަކަށް ވާންޖެހޭނެއެވެ. އެހެންކަމަށްވާނަމަ، މިފަދަ ތަމުރީނަކީ ކޮބައިބާވައެވެ؟

އަދަބު އަށަގެންނެވުމުގެ ގޮތުން ކުއްޖާއަށްދެވޭ ތަމުރީނަކީ، ކޮންމެހެން 'ކަމެއް ކުރާށޭ' ކިޔާފައި ޙާވާލުކުރެވޭ މަސައްކަތަކަށް ވާކަށް ނުޖެހެއެވެ. އަދި، ގިނަ ފަހަރު އެކަން އެގޮތަކަށް ނުވެސް ކުރެވޭނެމެއެވެ. ސަބަބަކީ، ކުރިން ދެންނެވުނުހެން، އަދަބަކީ، 'މަޢުނަވީ' ސިފައަކަށްވެފައި، ބޭރުފުށުން އަބަދުވެސް ފެންނާނެ ސިފައަކަށް ނުވާކަމެވެ. އެސިފަ ފާޅުވާނީ ތަފާތު ޙާލަތްތަކުގައި، ހަމައެކަނި ކުއްޖާގެ އުޅުމުންނެވެ. އަދި ކަރުދާހުގައި ދެވޭ އިމްތިޙާނަކުން ވަޒަންކުރެވޭނެ އެއްޗެއް ކަމުގައި އެސިފަ ނުވެއެވެ. މިހެންކަމުން، ކުއްޖާގެ އަދަބުވެރިކަން ވަޒަންކުރުމަށްޓަކައި، އޭނާގެ އުޅުން ހުންނަގޮތް ބެލުން މުހިއްމެވެ. އަދި، އޭނާގެ އުޅުން ގޯސްނަމަ، ރަނގަޅުގޮތް ބުނެދީ، އެގޮތަށް އޭނާ ހޭނުމަށް ކުރެވޭ މަސައްކަތަކީ، އަދަބު އަށަގެންނެވުމުގެ ގޮތުންދެވޭ ތަމުރީނެވެ.

މިގޮތުން، ކުއްޖާގެ ކިބާގައި ސާފުތާހިރުކަމާއި، ތެދުވެރިކަމާއި، އަނެކުންނަށް އިޙުތިރާމްކުރުމާއި އަދި މިނޫންވެސް އަޚުލާޤީ އަދި އިޖުތިމާޢީ މާތް ސިފަތައް އަށަގެންނެވުމަށްޓަކައި އެކުދީން ޢަމަލުތައް ހުންނަގޮތް ބެލުމަކީ މުހިއްމުކަމެކެވެ. އެއްކުއްޖަކު އަނެއްކުއްޖަކާއި ކުރާ މުޢާމަލާތުގައާއި، މުދައްރިސާއިމެދު ކުރެވޭ މުޢާމަލާތުގައި، އެކުއްޖާގެ އަދަބުވެރިކަން ހުންނަ މިންވަރު ބެލުމަކީ، މިބީދައިން ކުރެވިދާނެކަމެކެވެ. މިސާލެއްގެ ގޮތުން، އެހެންކުއްޖަކު މުދައްރިސާއި ކުރާ ސުވާލަކާއި މެދު، ހީ، ސަމާސާކޮށް، މަލާމާތްކުރާނަމަ، އެއިން އެދައްކައިދެނީ، އެފަދައިން ޢަމަލުކުރާ ކުއްޖެއްގެ ކިބާގައި އެހެން ކުދީންނަށް އިޙުތިރާމްކުރުމުގެ ސިފަ ނެތްކަމެވެ. ކުއްޖާގެ ޔުނީފޯމުންނާއި އޭނާގެ އެހެނިހެން ތަކެތި (މިސާލަކަށް، ފޮތް ފަންސޫރު އަދި ދަބަސް) ގެންގުޅޭގޮތުން އެކުއްޖެއްގެ ސާފުތާހިރުކަން ވަޒަންކުރެވޭނެއެވެ. ކުއްޖަކު އިމްތިޙާނެއްގައި ނަކަލުކުރުމަށް މަސައްކަތްކޮށްފިނަމަ، އެއިން އެދައްކައިދެނީ، އެކުއްޖެއްގެ ކިބާގައި ތެދުވެރިކަންނެތް މިންވަރެވެ. އަދި، ޙަވާލުކުރެވޭ ފިލާވަޅުތައް ޙަވާލުކުރެވޭ ދުވަހަކަށް ނިންމުމަށް ކުއްޖަކު ގަދައަޅާ މަސައްކަތްކުރާނަމަ، އެއިން އެދައްކައިދެނީ، އެކުއްޖެއްގެ ޒިންމާދާރުކަމާއި، ކިޔެވުމަށްދޭ އަހަންމިއްޔަތެވެ.

ވުމާއެކު، އަޚުލާޤީ ތަރުބިއްޔަތުގައި، ދެވޭ ތަމުރީނަކީ، ކުއްޖާގެ އުޅުން އިސްލާޙުކުރުމަށް ކުރެވޭ މަސައްކަތެވެ. އަދި މި މަސައްކަތުގައި، ކުއްޖާ އުޅުމާއި ގުޅޭގޮތުން ބައެއްފަހަރު 'އަދަބުދޭން' ޖެހޭ ފަހަރުވެސް އަންނާނެއެވެ. ނަމަވެސް، އެފަދަ ދަނޑިވަޅުގައިވެސް މުދައްރިސުގެ ޙިކުމަތުޢަމަލީގެ މުހިއްމުކަން ބޮޑުވާނެއެވެ. އަދި، މުދައްރިސުންނާއި، މަދަރުސާގެ އަހުލުވެރީން އަދި ޢާއިލާގެ މެންބަރުންނާއި ބެލެނިވެރީން، އަދި ހަމަ މުޅިމުޖުތަމަޢުގެ ހުރިހާ އަފުރާދުން އެކުދީންނަށް ރިވެތި ނަމޫނާ ބަޔަކަށްވުމަކީ، ކޮންމެހެން ބޭނުންކަމެކެވެ. އަޅުގަނޑުވެސް، އެއްބަހެވެ. މިއީ، އެއްވެސް ޙާލެއްގައި ފަސޭހަކަމަކަށް ނުވާނެއެވެ. ނަމަވެސް، މިހާރު މިއޮތް ޙާލަތު ރަގަޅުކުރަން ބޭނުންނަމަ، މިގޮތަށް ނުވިސްނައި އަދި ޢަމަލުކުރެވޭތޯ ހިއްމަތެއްނުކޮށް ފަރުޖެއްސޭނެ ގޮތެއްވެސް ނެތެވެ.

މިހާހިސާބުން އުފެދޭ ސުވާލަކީ، ''ތަމުރީނަކީ''، މިދެންނެވުނު ބީދައިން ކުއްޖާގެ އުޅުން ނުވަތަ އަޚުލާޤާއި ސުލޫކް އިސްލާޙުކުރުމަށް އެކަނި، ކުރެވޭ މަސައްކަތްބާވައެވެ؟ ނޫނެކެވެ. އެއްވެސް ޝައްކެތްނެތް ގޮތުގައި، މިގޮތަށް ''ތަމުރީނު'' މާނަކުރެވޭނަމަ، ތަމުރީނުގެ ދާއިރާ ވަރަށް ހަނިވީއެވެ. ޙަޤީޤަތުގައި، ކޮންމެ މާއްދާއެއް ކިޔަވައިދިނުމުގައިވެސް، ތަމުރީނުގެ މުހިއްމުކަން ބޮޑެވެ. އެހެން ނަމަވެސް، ދެވޭ ތަމުރީނުގެ ބާވަތް ތަފާތު ވެދާނެއެވެ. މިސާލަކަށް، ފިޝަރީޒް ސައިންސް ކިޔަވާކުއްޖަކަށް މަސްކަނޑަން ދަސްކޮށްދިނުން މިއީވެސް ތަމުރީނެކެވެ. އަދި، ހިސާބު ޢިލްމުފަދަ މާއްދާއެއް ކިޔަވާކުއްޖަކަށް އެޢިލްމެއްގެ ބޭނުން، ޢާއްމު ދިރިއުޅުމުގައި ހިފަން ދަސްކޮށްދިނުމަކީވެސް ތަމުރީނެކެވެ. ތަމުރީނުގެ ބާވަތް ހިސާބަކަށް ތަފާތުވިނަމަވެސް، މަޤްޞަދަކީ، ކުއްޖާގެ ކިބާގައި ދިރިއުޅުމަށް ބޭނުންވާނެ ހުނަރުތައް ނުވަތަ ހުނަރުވެރިކަން އަށަގެންނެވުމެވެ. އަދި މުޖުތަމަޢުގައި އަނެކުންގެ އިޙުތިރާމާއި ޤަދަރު ލިބޭފަދަ މީހެއްކަމުގައި ވުމަށްޓަކައި ބޭނުންވާ އަދަބުވެރިކަމާއި އަޚުލާޤީ ސިފަތައްވެސް ކުއްޖާގެ ކިބާގައި އަށަގެންނެވުމެވެ.

ނަމަވެސް، ހިތާމަޔަކީ، މިއިން އެއްވެސް ތަމުރީނަކީ، އަޅުގަނޑުމެންގެ ތަޢުލީމީ ނިޡާމުގައި އެދެވޭ ސަމާލުކަމެއް އަދި ދެވިފައިވާ ދާއިރާއެކޭ ބުނެވެން ނެތްކަމެވެ. އެހެނީ، މަދަރުސާ ނިންމާ ގިނަކުދީންގެ ކިބާގައި މިދެންނެވިފަދަ ދިރިއުޅުމަށް ބޭނުންވާ ހުނަރުތަކުގެ އިތުރުން ވަޒީފާއަށް ބޭނުންވާފަދަ ހުނަރުތައްވެސް ނުހުންނާތީއެވެ. އަދި އަދަބެއް އަޚުލާޤެއްވެސް ބައެއްކުދީންގެ ކިބާގައި ނުހުންނާތީއެވެ.

ނަމަވެސް، މިހާރު ތަޢާރަފުވަމުންމިދާ 'ވޮކޭޝަނަލް ޓްރެއިނިން' އަކީ، ދިރިއުޅުމަށް ބޭނުންވާނެ ހުނަރުތައް ކުދީންނަށް މިހާރަށްވުރެ އެދެވޭ ގޮތަށް ލިބިދިނުމާއި، ވަޒީފާގެ ބާޒާރަށް ކުދީން ތައްޔާރުކުރުމުގައި ފުދޭވަރެއްގެ ދައުރެއް އަދާކުރެވިދާނެ ކަމެއްކަމަށްފެނެއެވެ. އަދި، 'ކެޑޭޓް'، 'ސްކައުޓް' އަދި 'ގާލްގައިޑް' ފަދަ ޙަރަކާތްތަކުން ކުދީންނަށް ލިބިދޭ ހުނަރަކީވެސް، މިދަނޑިވަޅުގައި ހަނދާން ނައްތާލައިގެން ވާނެ ކަމެއް ނޫނެވެ. ނަމަވެސް، މިފަދަ ޙަރަކާތްތައް ހިންގުމުގައި ވިސްނަންޖެހޭނެ ވަރަށް މުހިއްމު ދެކަމެއް އެބަ އޮތެވެ. އެއްކަމަކީ، އެފަދަ ޙަރަކާތްތަކުގައި ބައިވެރިވާ ކުދީންގެ އަދަދު އިތުރުކުރުމެވެ. ރާއްޖެތެރޭގެ ގިނަ މަދަރުސާތަކުގައިވެސް އެފަދަ ޙަރަކާތްތަކަށް ފުރުޞަތު ދިނުމެވެ. މިއާއެކު، ވިސްނަންޖެހޭ އަނެއް ކަމަކީ، އެފަދަ ޙަރަކާތްތައް ރާވާ ހިންގުން ހަރުދަނާކުރުމާއިި، ދިވެހި ޘަޤާފަތާއި އާދަކާދަ އަދި އިސްލާމީ އަޚުލާޤާއި ފުށުނާރާނެހެން ހިންގުމެވެ. ނޫންނަމަ، އޭގެ ސަބަބުން، ކުއްޖާގެ ހުނަރުވެރިކަން އިތުރުވިނަމަވެސް، އަދަބު އަޚުލާޤަށް އަދި ޤައުމިއްޔަތަށް ނޭދެވޭ އަސަރު ފޯރުމަކީ އެކަށީގެން ވާކަމެކެވެ. މިހެން މިދަންނަވަންޖެހެނީ، އެފަދަ ބައެއް ޙަރަކާތްތަކަކީ، 'ހުޅަނގުގެ' ޘަޤާފީކުލަ އޭގައި ޖެހިފައިވާ ޙަރަކާތްތަކަށް ވާތީއެވެ.

ވީމާ، ޚުލާޞާކޮށް ބުނާނަމަ، އަޅުގަނޑުމެންގެ ތަޢުލީމީ ނިޡާމު ބިނާވެފައި އޮންނަންޖެހޭނެ އަސާސަކީ، ހަމައެކަނި 'ތަޢުލީމު' (އޭގެ ހަނި ދާއިރާގައި) ކަމަށްވެގެން ނުވާނެއެވެ. ތަޢުލީމާއެކު، ތައުދީބާއި، ތަމުރީނު އަދި ފުޅާމާނާގައި ތަރުބިއްޔަތު ނުދެވޭނަމަ، ތަޢުލީމީ ނިޡާމުން އުފެއްދޭ ދަރިވަރުންނަކީ، ޢިލްމުހުރިނަމަވެސް، ޙިލްމެއްނެތް، އަދަބެއް އަޚްލާޤެއް އަމުދުން ނެތް ބަޔަކަށް ނޫނީ ނުވާނެއެވެ. އެފަދަ ބަޔެއްގެ ސަބަބުން، މުޖުތަމަޢަށާއި ޤައުމަށް އެންމެ އެދެވޭ މަންފާކުރާނެކަމަކަށް ނުބެލެވެއެވެ.

ޤައުމު ތަރައްޤީވާނީ، ޤައުމުގެ ރައްޔިތުންވެސް ހޭލުންތެރިވެ އިސްލާމީ ރިވެތި ތަހުޒީބުން ޒީނަތްތެރިވެގެންނެވެ. ހުނަރުވެރި ޤާބިލުބަޔަކަށް ވެގެންނެވެ. ދުޅަހެޔޮ ޞިއްޙަތެއްގެވެރި، އުފެއްދުންތެރި ބަޔަކަށްވެސް ވެގެންނެވެ. މިކަންކަން ޙާޞިލުވާނީ، 'ފުރިހަމަ' ތަޢުލީމީ ނިޡާމެއް އޮވެގެންނެވެ. ތަޢުލީމު، ތައުދީބު، ތަމުރީނު، އަދި ތަރުބިއްޔަތު ފުރިހަމަ މާނާގައި ލިބިދީގެންނެވެ. ފުރިހަމަ ތަޢުލީމީ ނިޡާމެއް ބިނާވެފައި އޮންނަންޖެހޭނެ އަސާސްތަކަކީ، މިދެންނެވީ އެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.