ބުރާސްފަތި20201119

އާކުރެވުނީ: 08:43:52

Back ކަވާސާ ޢިލްމު ޢިލްމުގެ ބައިތައް މަދުރަސީ ރަނގަޅު ނަތީޖާ ނެރެވުމުގެ އަސްލު: ޝައުޤު އުފެއްދުމާއި ދެމެހެއްޓުން

ރަނގަޅު ނަތީޖާ ނެރެވުމުގެ އަސްލު: ޝައުޤު އުފެއްދުމާއި ދެމެހެއްޓުން

rangalhu-nathyja-aslu-shauqu-12004 ޖޫން 4 ވީ ހުކުރު ދުވަހުގެ ހެނދުނު، އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ ސްކޫލެއްގެ ގޮވަތި ތެރޭގައި ހިނގަމުން ދިޔައީ އަޅުގަނޑުމެން އާއްމުކޮށް ދެކޭ ބާވަތުގެ ކަމެއްނޫނެވެ. ސްކޫލްގައި ކިޔަވައިދެމުން ދިޔައިރު، ބަޔަކުމީހުން ސްކޫލްގެ ފުރަގަހުގައި އޮތް ކުޅޭ ބިން ސާފުކުރަމުން ގެންދިޔައެވެ. އަނެއްބަޔަކު އެތަނުގައި އޮތް ހަޑިވެފައިވާ ފެންގަނޑެއް ސާފުކުރަމުން ގެންދިޔައެވެ. ފެންގަނޑުން އަރައިގެން އައި އެކި ބާވަތްބާވަތުގެ ސޫފާ ސޫފި ތަކާއި،ކުޅޭ ބިމުގެ ބިންގަނޑުން ނިކުމެގެން ދުވާ ފަނި ފަކްސައިގެ ގޮވުމުގެ އަޑާއި އެކުވެފައި އެހުރީ ހަމަ ޔަޤީނުންވެސް، ޒުވާނުންގެ ޖޯޝުން ފުރިފައިވާ ހުނުމުގެއަޑެވެ.

ކޮންމެޔަކަސް، ސްކޫލް ސާފުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން މިދަނީ، ލަންޑަނުގައި އިންޝުއަރެންސް ކުރުމުގެ ޚިދުމަތްދޭ އެންމެ ބޮޑު ކުންފުނީގެ މުވައްޒަފުންނެވެ. އެބައިމީހުންނަކީ ދުވާލުގެ ހަތަރުދަމު، ވައި ފިނިކުރި ކޮޓަރިތަކުގައި މަސައްކަތްކުރާ، ވަރަށް ބޮޑު މުސާރައެއް ލިބޭ ބަޔެކެވެ. ނަމަވެސް މިއަދު އެބައިމީހުން، އެފަދަ ބުރަ، އަދި ހަޑި މަސައްކަތް އެކުރަނީ، ޢާއްމުކޮށް އެމީހުންގެ އޮފީހުގެ މަސައްކަތްވެސް ނުކުރާހާ، ޝައުޤުވެރިކަމާއި ހިތްހަމަ ޖެހުމާއި އެކުގައެވެ!

ކުޑަ އިރުކޮޅެއްގެ ފަހުން ދެތިން ޓީޗަރަކާއިއެކު، ސްކޫލްގެ ޕްރިންސިޕަލް އަދި ކިޔަވާކުދިންވެސް، ކިޔެވުން ދޫކޮށްލާފައި އެތަނަށް ނިކުމެއްޖެއެވެ. ކުޑަކުޑަ ކުދީންގެ ތުއްތު އަޑުވެސް، އެހެނިހެން އަޑުތަކާއި އެކުވެ އިވެން ފަށައިފިއެވެ. އެކުދީންގެ އެދުވަހުގެ ކިޔެވުން ގެއްލިގެން ދާއިރުވެސް ސްކޫލްގެ އިސް ބޭފުޅުންނާއި ޓީޗަރުން ތިއްބެވީ ހިނިތުންވެފައެވެ.

ކަންހިނގަމުން ދިޔަ ގޮތާއިމެދު ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިހުރެ ނޫސްވެރިޔަކު، ޕްރިންސިޕަލްގެ އަރިހުގައި ސުވާލެއް ދެންނެވުމުން ޕްރިންސިޕަލް ޖަވާބު ދެއްވިއެވެ." ވިޔަފާރި ތަކުގައި މަސައްކަތް ކުރާބަޔަކު، ސްކޫލަށް އައިސް، މަސައްކަތް ކުރުމުގެ ފުރުޞަތު ދިނުމުން، ކިޔަވާކުދީންގެ ކިޔެވުމަށް، ސީދާ އަދި އަވަސް، އަސަރުތަކެއް ކުރުވާ. ކުރިއަށްއޮތް އަހަރެއްހާ ދުވަހު، މި މަސައްކަތުން ލިބުނު ތަޖުރިބާތައް ކުދީންގެ ހިތުގައި ހަރުލާފައި ހުންނާނެ. މިއީ ވަރަށްވެސް ފައިދާހުރި ކަމެއް. އަޅުގަނޑުމެންގެ އުއްމީދަކީ މިކަން ކުރިޔަށް ގެންދިޔުން."

"މިފަދަ މަސައްކަތެއްގައި އެންމެން އެކުގައި ބައިވެރިވާން ލިބުނުކަމަށްޓަކައި ވަރަށް އުފާކުރަން، ކުންފުނީގެ ތަފާތު ދާއިރާ ތަކުގައި މަސައްކަތްކުރާ މީހުން، މިފަދައިން އެކުވެރި ކަމާއި އެއްބާރުލުމާއިއެކުމަސައްކަތް ކުރަން ލިބުމަކީ ވަރަށް ނާދިރު ކަމެއް. އަދި ހަމައެފަދައިން، އަޅުގަނޑުމެން ދިރިއުޅޭ މުޖްތަމަޢަށް، އަޅުގަނޑުމެނަށް ކަމެއް ކޮށްދެވޭކަމުގެ އިޙްސާސްކުރެވޭތީ ވަރަށް އުފާވޭ". ކުންފުނީގެ އެކައުންޓްސް ބެލެހެއްޓުމުގައި ހަރަކާތްތެރިވާ މީހަކު ބުންޏެވެ.

ކޮންމެ މީހެއްގެ މޫނުމަތީން ހިނިތުންވުމާއި ހިތް ހަމަޖެހުމުގެ ކުލަވަރު މި ފެންނަނީ ކީއްވެ ބާވައެވެ؟ ސްކޫލް ބަންދު ނޫން ދުވަހެއްގައި، ކިޔެވުމުގެ ބަދަލުގައި، ކުދީން ނުކުމެ ސްކޫލްތެރޭގައި އޮތް މަސައްކަތެއްގައި ބައިވެރިވުމުން ލިބެނީ ކޮން ފައިދާއެއް ބާވައެވެ؟ މަސައްކަތް އޮންނަ ދުވަހެއްގައި، ވިޔަފާރިއެއްގައި މަސައްކަތްކުރާ ބަޔަކު، ސްކޫލެއްގައިއޮތް މަސައްކަތެއްގައި ބައިވެރި ކުރުވުމުން، ވިޔަފާރިކުންފުންޏަށް ވަނީ ކޮން ފައިދާއެއްބާވައެވެ؟

އިސްވެދިޔަ ހުރިހައި ސުވާލުތަކެއްގެ ޖަވާބަކީ "މޯޓިވޭޝަން" އެވެ. ސްކޫލުގެ އިސްވެރީން އުފާކުރަނީ އަންނަންއޮތް ދުވަސްތަކުގައި ކުދީން ކިޔެވުމަށް މޯޓިވޭޓް ވާނޭތީއެވެ. ކުންފުނީގެ ވެރީން އުފާކުރަނީ އަންނަންއޮތް ދުވަސްތަކުގައި މުވައްޒަފުން އެމީހުންގެ އޮފީހުގެ މަސައްކަތްކުރުމުގައި މޯޓިވޭޓްވެފައި ތިބޭނޭތީއެވެ.

މޯޓިވޭޝަން އަކީ އިޤްތިޞާދީ ޢިލްމުވެރިންނާއި އެއްފަދައިން ޢިލްމުލް ނަފްސްގެ ޢިލްމުވެރީންވެސް އެ ކަމަކާއިމެދު، ދިރާސާކުރާ ކަމެކެވެ. ހޯދިފައިވާ ގިނަ ގުނަ ހޯދުންތަކުގެ ނަތީޖާއަށް ވިސްނައި، "މޯޓިވޭޝަންގެ" މާނައެއް ހޯދާއިރު، އެއީ ތިމާގެ ޢަމަލްތައް ބައްޓަން ކުރުމުގެ ބާރެވެ. އެއީ އިންސާނަކު އޭނާ އެދޭ މަޤްޞަދެއް ޙާޞިލްކުރުމަށް ޓަކައި، މަސައްކަތްކުރުމަށް ހިތްވަރުދޭ ބާރެވެ. (އެއިގެ އެންމެ ފުރިހަމަ މާނައެއް ނޫންކަމުގައި ވިޔަސް، މި ލިޔުމުގައި، ދިވެހިބަހުން މޯޓިވޭޝަންގެ މާނައެއްކަމުގައި އަޅުގަނޑު ބޭނުންކުރާނީ "ޝަޢުޤުވެރިކަން" މި ބަހެވެ.) ބައެއްފަހަރަށް މި ބާރު މޫލައި އަންނަނީ ތިމާގެ ޟަމީރުންނެވެ. އެހެނީ ޟަމީރަކީ ތިމާ ޝައުޤުވެރިވާ ކަންކަމާއި، ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި، ތިމާ ފުރިހަމަ ކުރަން ބޭނުންވާ ބޭނުންތަކުގެ މަރުކަޒެވެ. އިންސާނާގެ ޟަމީރުން އުފެދިގެންއަންނަ މިބާވަތުގެ މޯޓިވޭޝަންއަށް ކިޔަނީ "އިންޓްރިންސިކް މޯޓިވޭޝަން"އެވެ. ނުވަތަ އެތެރޭގެ މޯޓިވޭޝަންއެވެ. މީގެ މިސާލަކީ ކިޔަވާކުއްޖަކު ވަކި މާއްދާއެއް ކިޔެވުމަށް ހުންނަ ޝަޢުޤުވެރިކަމެއްގެ ސަބަބުން، އެއްވެސް މީހެއްގެ ބުނުމަކާއި ނުލައި އެމާއްދާއިން ދީފައި ހުންނަ ފިލާވަޅުތައް ދުވަހުން ދުވަހަށް ނިންމުމެވެ. އޭނާ އިނާމެއް ލިބުމަކަށް ނުވަތަ މީހެއްގެ ކިބައިން ރަނގަޅު ބަހެއް ލިބުމަކަށް ނޭދެއެވެ.

އަނެއްބައިފަހަރު މި ބާރު މޫލައިގެން އަންނަނީ އެއިގެ މައްޗަށް ތިމާގެ އެއްވެސް އިޙްތިޔާރެއްނެތް، ކަންތައްތަކެއްގެ މައްޗަށެވެ. މިސާލަކަށް ކޮންމެވެސް މުއައްސަސާއެއްގައި މަސައްކަތްކުރާމީހަކު އޭނާގެ މަސައްކަތް ނިންމަނީ، މުސާރައިގެ ކުރިއެރުމަކަށް އުއްމީދުކުރާތީނަމަ، ނުވަތަ ވެރީންގެ ކިބައިން ތަޢުރީފުގެ ބަހެއް ބޭނުންވެގެންނަމަ، އޭނާގެ މޯޓިވޭޝަން މޫލާފައިވަނީ އޭނާގެ ޟަމީރުން ކަމުގައެއް ނުބުނެވޭނެއެވެ. އޭނާގެ މޯޓިވޭޝަން މޫލާފައިވަނީ ބޭރުން އަންނަންހުރި، އޭނާއަށްޓަކައި އަގުހުރި، ބައެއް ތަކެއްޗާއި ކަންކަމަށެވެ.

އެހެންކަމުން މޯޓިވޭޝަންއަކީ އިންސާނާގެ ޢަމަލްތައް ބައްޓަންކޮއްދޭ ބާރެކެވެ. އެބާރުގެ ބިންގަލަކީ ތިމާއަށް ބާރުފޯރުވޭ، އެތެރޭގެ އެއްޗަކަށްވެސް ވެދާނެއެވެ. ނުވަތަ ތިމާގެ ބާރުފޯރުމެއް ނުވާ ބޭރުގެ އެއްޗަކަށްވެސް ވެދާނެއެވެ.

ބައެއް ކިޔަވާކުދީން ސްކޫލަށް އަންނަނީ އެތެރެފުށުގެ ޝަޢުޤުވެރިކަމާއި އެކުގައެވެ. އަނެއްބައެއް ކުދީން ސްކޫލަށް އަންނަނީ "އަމާކީތީ ފަރަށް ދާ އުޞޫލުން" ނެވެ. އަމިއްލައަށް ޝަޢުޤުވެރިވެގެން އަންނަ ކުދީންގެ ޝަޢުޤުވެރިކަން އިތުރުކުރުވުމާއި، ޝަޢުޤުވެރިކަން ކުޑަ ކުދީން ޝަޢުގުވެރިކުރުވުމަށް މަސައްކަތް ކުރުމަކީ ސްކޫލްތަކުގެ މަސްޢޫލިއްޔަތެކެވެ. އެކިއެކި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޝައުޤުވެރިކަމުގެ މިންވަރުވެސް ހަމަ މިފަދައިން ތަފާތުވެއެވެ. މިހެން ކަންހުރިއިރު، މެނޭޖަރުންނާއި ސްކޫލްތަކުގެ ވެރީންނަށް، ކުދީން ޝައުޤުވެރި ކުރުމަށާއި ޝައުޤުވެރިކަން އިތުރުކުރުމަށް ކުރެވިދާނޭ ކަންތައްތަކެއް ވެއެވެ.

އަބްރަހަމް މަސްލޮވގެ "ހައިރަރކީ އޮފް ނީޑްސް ތިއަރީގައި" ވާގޮތުން، އިންސާނާގެ ބޭނުންތައް ދަރަޖަ ތަކަކަށް ބަހައިލެވިދާނެއެވެ. ތިރީގައިވާ ކުރެހުމުން އެ ފެންނަނީ އިންސާނުންގެ ބޭނުންތައް ބަހައިލެވިދާނޭ ގޮތުގެ ނަމޫނާއެކެވެ.

rangalhu-nathyja-aslu-shauqu-2

މިތިއަރީގައި ވާގޮތުން، އިންސާނާ އަބަދުވެސް މަސައްކަތް ކުރާނީ އެންމެ ދަށް ފެންވަރުގެ ބޭނުންތަށް ފުއްދުމަށްފަހު އެޔާއި ޖެހިގެން ދެން ހުރި ބޭނުންތަށް ފުއްދުމަށެވެ. މިސާލަކަށް ތަނެއްގައި މަސައްކަތް ކުރާމީހަކު، އޭނާގެ މުސާރައިން، ހަށިގަނޑުގެ ބޭނުންތައް ފުދޭނަމަ، ދެން މަސައްކަތް ކުރާނީ، ސަލާމަތްތެރިކަން ހޯދުމަށެވެ. އޭނާ މަސައްކަތްކުރާ މާޙަވްލް ސާފުވުމަށް އެދޭނެއެވެ. ރައްކާތެރި ތަނަކަށް ވުމަށް އެދޭނެއެވެ. އަދި ހަމަ އެބޭނުން ފުރިހަމަ ވުމާއިއެކު، އެއިގެ މަތީގެ ބޭނުންތައް ފުރިހަމަކުރުމަށް މަސައްކަތްކުރާނެތެވެ.

ލިޔުން ފަށަމުން އަޅުގަނޑު ދިން މިސާލުން ފެންނަ ގޮތުގައި، އިންޝޫރެންސް ކުންފުނީގެ މުވައްޒަފުން، އެފަދަ ހަޑި މަސައްކަތް އެ ކުރަނީ އުފަލާއިއެކުގައެވެ. އެބައިމީހުންގެ ދަށުފަންތީގެ ބޭނުންތައް ވަނީ ފުރިހަމަ ވެފައެވެ. ރަނގަޅު މުސާރަ ލިބެޔެވެ. މަސައްކަތުގެ މާހަވްލް ރައްކާތެރިއެވެ. އެމީހުން މިހާރު ބޭނުންވަނީ، ނިޞްބަތްވުމަށާއި ލޯބި ލިބުމަށެވެ. އިޙްތިރާމް ލިބުމަށެވެ. އެހެންކަމުން އެމީހުން ދިރިއުޅޭ މުޖުތަމަޢަށް ރަނގަޅުކަމެއް ކޮއްދީގެން އެ ލިބޭ ރީތި ނަމާއި، އެ ލިބޭ ހިތްހަމަ ޖެހުން ހޯދުމަށްޓަކައި ސްކޫލެއްގެ ކުޅޭބިމެއް ސާފުކުރުންފަދަ މަސައްކަތެއް ކުރުމަކަށްވެސް ޖެހިލުމެއް ނުވެއެވެ. އެކަން ކުރުމުން ލިބުނު ހިތްހަމަޖެހުމުގެ ނަތީޖާއެއްގެ ގޮތުން އެމީހުން މިހާރު ކުރާ މަސައްކަތުގައިވެސް ފަރުވާތެރިކަން އިތުރު ވާނެއެވެ.

ސްކޫލްކުދީންވެސް ސްކޫލަށް އަންނަނީ އެކުދީންގެ ޟަރޫރީ ގިނަ ބޭނުންތަކެއް ފުރިހަމަވެގެންވާ ޙާލުގައެވެ. އެކުދީންނަށް މިހާރު ބޭނުންވަނީ ލޯތްބާއި އެކުވެރިކަމާއި ރަހްމަތްތެރިކަމެވެ. މި ދެންނެވި ކަންތައްތަކަކީ، ކިލާސް ކޮޓަރީގެ ކޮންޓްރޯލް ކުރެވިފައިވާ މާހަވްލްގައި، އެންމެ ފުރިހަމަ ގޮތުގައި، ޙާޞިލްކުރެވޭ ކަންތައްތަކެއްނޫނެވެ. އެހެންކަމުން، ސްކޫލްގެ ތެރޭގައި، އެކި ކުދީންނާއި ބައްދަލުވެ ރަޙްމަތްތެރިކަން ބަދަހިކުރުމަށް ފުރުޞަތެއް ލިބުމުން އެކުދީންނަށް ހިތްހަމަޖެހުން ޙާޞިލް ވެއެވެ. ބޮޑަތިމީހުން ކުރާ މަސައްކަތުގައި ބައިވެރި ވެވުމުން އަމިއްލަ ނަފްސް އަގުކުރަން ދަސްވެއެވެ. ނަތީޖާއެއްގެ ގޮތުން އަންނަންއޮތް ދުވަސްތަކުގައި ކިޔެވުމަށްދޭ، ސަމާލުކަން އިތުރުވެއެވެ.

ވިޔަފާރި ވެރިޔާ އޭނާގެ މުވައްޒަފުންނަށް އެއްދުވަސް "ޗުއްޓީ" އެ ދިނީ އެ މުވައްޒަފުންނަށް ހިތް ހަމަޖެހުން ހޯދައި ދިނުމަށެވެ. ކުދީންގެ ކިޔެވުން ގެއްލިގެންދާއިރު، ޕްރިންސިޕަލް އާއި މުދައްރިސުން ހިނިތުންވެފައި އެތިބީ، އެކުދީންނަށް އެކުދީންގެ ބޭނުމެއް ފުރިހަމަ ކޮއްދެވޭތީއެވެ. ބޭނުންތަށް ފުރިހަމަވަމުން، ހިތްހަމަޖެހުން ލިބެމުންދާ ބަޔަކާއި، އަބަދާއި އަބަދު ހިތުގައި ޝަކުވާއާއި ހަމަނުޖެހުން ވާ ބަޔަކާއި، އެމީހުން ކުރާ މަސައްކަތުގައި، ނުވަތަ ދިރިއުޅުމުގެ އެހެނިހެން ކަންތައްތަކުގައި، އެއްފަދަ ވާނެތޯއެވެ؟

ރާއްޖޭގައި މިއަދު އިވެމުންދާ އެންމެ ޢާއްމު ވާހަކައަކީ މަސައްކަތްކުރާ މީހުންގެ ފަރުވާ ކުޑަ ވާހަކައެވެ. ޚާއްޞަކޮށް ދިވެހީން، ކަމަށް ކަމޭ ނުހިތާ ވާހަކައެވެ. ކިޔަވާކުދީން ކިޔެވުމާއި ދުރުވެ، ގްރޫޕް ހަދައިގެން ނުރަނގަޅު ޢަމަލުތައް ކުރާވާހަކައެވެ.

ވިސްނާލަންވީކަމަކީ، މަސައްކަތުގައި ގެންގުޅޭމީހުން އެމީހުންގެ މަސައްކަތަށް ހިތް ޖެއްސުވުމަށްޓަކައި، މަސައްކަތް ކުރުވާ ފަރާތްތަކުން ކުރަނީ ކޮންކަމެއްތޯއެވެ؟ ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަން ކުރެވެނީ ކިހާ މިންވަރަކަށްތޯއެވެ؟ ހަތަރު އަހަރުން ނުވަތަ ފަސް އަހަރުން އެއްފަހަރު މުސާރައިގެ ކުރިއެރުން ދިނުމުން އެ ނިމުނީތޯއެވެ؟ ކިޔަވާ ކުދީންނަށް ކޮންމެ ޓާރމެއްގައި އެއްފަހަރު ރިޕޯރޓް ފޮތް ދިނުމުން އެ ނިމުނީތޯއެވެ؟ ކުދީން ކިޔެވުމަށާއި ސްކޫލަށް އައުމަށް މޯޓިވޭޓް ކުރުމުގެ މަޤްޞަދުގައި ސްކޫލްގައި ރޭވެނީ ކިތަށް މުބާރާތްތޯއެވެ؟ އެކި ފެންވަރުގެ ކުދީންނަށް ބައިވެރި ވެވޭގޮތަށް ކްލާހުގެ ތެރޭގަޔާއި ބޭރުގައި ހިންގެނީ ކިތައް ޢަދަބީ ހަރަކާތް ތޯއެވެ؟

ގިނަ ސްކޫލްތަކުގައި އިތުރު ހަރަކާތެއް ބޭއްވޭ ނަމަ އެކަމުގައި ބައިވެރި ވެވެނީ މޮޅު ކުދީންނަށެވެ. "ލިމިޓެޑް ކަރިކިޔުލަމް" ގެ ކުދީންގެ މަތީން ހަނދާންވެސް ނުހުރެއެވެ. (މިކުދީންނަކީ ޢާއްމު ގޮތެއްގައި ކިޔެވުމަށް ޝައުޤުވެރިކަން ކުޑަކަމުގައި ފާހުގަކުރެވޭ ކުދީންނެވެ.) އޭގެ ބަދަލުގައި އެކުދީންގެ ފެންވަރުން ކަންތައްތަކެއް ރޭވި ހިންގޭނަމަ އެކުދީންގެ ކިޔެވުމަށް އެއިން ރަނގަޅު އަސަރު ކުރާނެއެވެ. ހަމަ އެފަދައިން މިހާރަށްވުރެ ގިނައިން، ތަންތަނުގައި މަސައްކަތްކުރާ މީހުންނަށް، ޚާއްޞަކޮށް ޒުވާނުންނަށް، އިޖްތިމާޢީ މަސައްކަތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނަމަ، އެމީހުން މަސައްކަތަށް ހުންނަ ޝަޢުޤުވެރިކަން ބޮޑުވާނެއެވެ. މަސައްކަތް ކުރާމީހުންނާއި ކިޔަވާކުދީން، ޝަޢުޤުވެރި ކުރުވުމަކީ މަސައްކަތްކުރުވާ މީހުންނާއި ސްކޫލްގެ ހިންގުމާއި ޙަވާލުވެގެން ތިއްބަވާ ވެރީންނާއި ޓީޗަރުންގެ މަސްޢޫލިއްޔަތެކެވެ. އެބައިމީހުންގެ ބޭނުންތަކުގެ ތެރެއިން ފުރިހަމަ ވެފައިވާ މިންވަރާއި ފުރިހަމަ ނުވެ ވާ މިންވަރު ދެނެގަނެ، އެބޭނުންތައް ފުއްދައިދިނުމަކީ ވެސް އެ ފަރާތްތަކުގެ މަސްއޫލިއްޔަތެކެވެ. އެހެންވެއްޖެ ނަމަ، އެއިގެ ފައިދާ މުޖްތަމަޢުގެ ހުރިހާ ފަރުދުންނަށާއި ޖަމާޢަތް ތަކަށް ލިބޭނެކަން ކަށަވަރެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.