Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތައުބާވާމީހުން ތައުބާ ވުމުން ދުނިޔެއާއި އާޚިރަތުގައި ލިބޭ ފައިދާ

ތައުބާ ވުމުން ދުނިޔެއާއި އާޚިރަތުގައި ލިބޭ ފައިދާ

1thaubaa-liby-faaidhaa- ތައުބާވާ މީހުން ދެކެ، ﷲ ލޯބިވެވޮޑިގަންނަވައެވެ. ތިމަންނަ ތައުބާވެއްޖެނަމަ، ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ތިމަންނަ ދެކެ ލޯބިވެވޮޑިގަންނަވާނެ ޔަޤީންވުމަށް ވުރެ ބޮޑު އުފަލެއް ކޮބައިހެއްޔެވެ؟

إِنَّ اللّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ
 

މާނައަކީ: ''ހަމަ ކަށަވަރުން ﷲ ، އެ ކަލާނގެ ކިބައަށް ތައުބާވެގަންނަ މީހުން ދެކެ ލޯބިވެ ވޮޑިގަންނަވަތެވެ. އަދި ޠާހިރުވެ ސާފު ޠާހިރުކަން މަތީ، އުޅޭ މީހުން ދެކެވެސް އެކަލާނގެ ލޯބިވެ ވޮޑިގަންނަވާމެއެވެ.'' (އަލްބަޤަރާ 222)

2- ދުނިޔެއާއި އާޚިރަތުގައި ވެސް ކާމިޔާބާއި ދިންނެވުން ލިބުން އޮތީ ތައުބާ ވެގެންނެވެ. ތައުބާ ނުވާ މީހުންނަށް ފާފަ ކުރުމަށް ފަހު ތައުބާ ނުވާ މީހުންނަށް، ޙުޖްރާތު ސޫރަތުގެ 11 ވަނަ އާޔަތުގައި މާތް ﷲ ދެއްވާފައިވާ ސިފައަކީ '' އަނިޔާވެރިން '' ނެވެ.

وَتُوبُوا إِلَى اللَّهِ جَمِيعاً أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ

މާނައަކީ: ''އަދި އޭ މުއުމިނުންނޭއެވެ. ތިޔަބައި މީހުން އެންމެން އެކުގައި، މާތް ﷲ ގެ ކިބައަށް ތައުބާވާށެވެ. ތިޔަބައި މީހުންނަށް ނަސީބު ލިބި ދިންނަވާތޯއެވެ.'' (އައްނޫރް:31)

 

3- ތައުބާ ވުމުން، އެމީހެއްގެ ފާފަތައް ﷲ ފުއްސަވައި ދެއްވައެވެ.

وَإِنِّي لَغَفَّارٌ لِّمَن تَابَ وَآمَنَ وَعَمِلَ صَالِحاً ثُمَّ اهْتَدَى

މާނައަކީ: ''އަދި ހަމަ އެފަދައިން ތިމަންރަސްކަލާނގެ އަކީ، ތައުބާވެގެން ތިބެ، އީމާންވެ، ރަނގަޅު ޢަމަލުތައް ކޮށް، އެއަށްފަހު ތެދުމަގުގައި ތިބެއްޖެ މީހުންނަށް ގިނަގިނައިން ފާފަ ފުއްސަވާ ކަލާނގެއެވެ.'' (ޠާހާ:82)

4- ތައުބާވުން، ﷲ ގެ ރުއްސެވުން ލިބި، ކުރެވިފައިވާ ކުށްފާފަތައް ހެޔޮކަންތަކަށް ބަދަލުވެގެން ދެއެވެ.

إِلَّا مَن تَابَ وَآمَنَ وَعَمِلَ عَمَلاً صَالِحاً فَأُوْلَئِكَ يُبَدِّلُ اللَّهُ سَيِّئَاتِهِمْ حَسَنَاتٍ وَكَانَ اللَّهُ غَفُوراً رَّحِيماً 

މާނައަކީ: ''ތައުބާވެ، އީމާންވެ، ހެޔޮ ޢަމަލަކުން ޢަމަލު ކުރަ މީހަކު މެނުވީއެވެ. ފަހެ އަބައި މީހުންނާ މެދު މާތް ﷲ، އެބައިމީހުންގެ ކުށްފާފަތައް ހެޔޮކަންތަކަށް ބަދަލު ކުރައްވާނެތެވެ. މާތް ﷲ އީ ފާފަ ފުއްސަވާ ރަޙްމަތްވަންތަ ކަލާނގެ ކަމުގައި ވެއެވެ.'' (އަލްފުރްޤާން: 70)

ކުށް ފާފަތައް ހެޔޮކަންތަކަށް ބަދަލު ވުމުގެ މާނައަކީ، ނުބައި ކަމެއް ރަނގަޅު ކަމަކަށް ބަދަލު ވުމެއް ނޫނެވެ. އޭގެ މާނައަކީ ކުރިން ކާފިރެއްގެ ގޮތުގައި ލިޔެވިފައި ހުއްޓާ މުއުމިނަކަށް، މުނާފިޤެއްގެ ގޮތުގައި ލިޔެވިފައި ހުއްޓާ އިޚްލާޞްތެރިއަކަށް، ބަދަލު ކުރެއްވުމެވެ. ފާފަވެރިއެއްގެ ގޮތުގައި ހުއްޓާ، ފާފަވެރި ނޫން މީހަކަށް ބަދަލުވުމެވެ. އަބޫ ހުރައިރާ ވިދާޅުވެފައި ވަނީ އެއީ، އާޚިރަތް ދުވަހު އޭނާގެ ނުބައިކަންތަކަށް ވުރެ ހެޔޮކަންތައް އިތުރުވުން ކަމަށެވެ. ޤުރްޠުބީ ވިދާޅުވެފައި ވަނީ، ފުރިހަމަ ތައުބާއެއް ވެއްޖެނަމަ، އޭނާގެ ކޮންމެ ފާފައެއްގެ ބަދަލުގައި ޘަވާބެއް ދެއްވުމަކީވެސް، ﷲ ގެ ދީލަތިފުޅު ކަމުން ދުރު ކަމެއް ނޫން ކަމަށެވެ.

ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެސް ވަނީ، ނުބައި ކަމެއް ކުރެވިއްޖެއްޔާ އޭގެ ބަދަލުގައި ރަނގަޅު ކަމެއް ކުރުމަށެވެ.

 

5- ތައުބާ ވުމުން ފާފަތައް ފޮހެވި ސުވަރު ވަދެވެއެވެ.

يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَّصُوحاً عَسَى رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّئَاتِكُم وَيُدْخِلَكُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ
  

މާނައަކީ: ''އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައި މީހުން މާތް ﷲ ގެ ކިބަފުޅަށް ތެދުވެރިކަމާ އެކު ތައުބާ ވާށެވެ. އެއީ ތިޔަބައި މީހުން ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާނގެ ތިޔަބައި މީހުންގެ ކުށްތައް ޢަފޫ ކުރައްވާނޭ ކަމަށާއި، އެތަންތާނގެ ދަށުން ފެން އާރުތައް ހިނގަ ހިނގާ ހުރި ސުވަރުގެތަކަކަށް ތިޔަބައި މީހުން ވެއްދުމަށްޓަކައެވެ.'' (އައްތަޙްރީމް:8)

 

6- ތައުބާ ވުމުން ދުނިޔޭގައި ލިބިދާނެ ޢަޛާބާއި މުޞީބާތްތަކުން ސަލާމަތް ވެއެވެ.

وَمَا كَانَ اللّهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ وَمَا كَانَ اللّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ

މާނައަކީ: ''ނަމަވެސް ކަލޭގެފާނު އެ މީހުންގެ ތެރޭގައި ހުންނެވިހާ ހިނދަކު، އެމީހުންނަށް ﷲ ޢަޛާބެއް ނުދެއްވާނެތެވެ. އަދި އެ މީހުން، ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރަނިކޮށް ވެސް، ﷲ އެ މީހުންނަށް ޢަޛާބެއް ނުދެއްވާހުށިމެއެވެ.'' (އަލްއަންފާލް: 33)

 

7- ތައުބާވުމުން މުދަލާއި ދަރިން ލިބި ތަނަވަސްކަން ލިބެއެވެ. އަދި، އަދި އެތަނަކަށް ވާރޭގެ ދަތިކަން ކުރިމަތި ނުވެއެވެ.

قُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّاراً * يُرْسِلِ السَّمَاء عَلَيْكُم مِّدْرَاراً * وَيُمْدِدْكُمْ بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَاراً

މާނައަކީ: ''ފަހެ ތިމަން ކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައި މީހުން ހެއްދެވި ރަސްކަލާނގެ ޙަޟްރަތަށް އިސްތިޣްފާރު ކޮށް ދަންނަވާށެވެ. ހަމަ ކަށަވަރުން ވެސް، އެކަލާނގެ އީ، ފާފަ ފުއްސަވާ ރަސްކަލާނގެއެވެ. * އޭރުން އެ ކަލާނގެ ތިޔަބައި މީހުންނަށް އުޑުން ވާރޭ ފޮނުއްވަވާނެއެވެ. * އަދި އެ ކަލާނގެ ތިޔަބައި މީހުންނަށް މުދަލާއި ދަރިން ދެއްވާނެއެވެ. އަދި ތިޔަބައި މީހުންނަށްޓަކާ ބަގީޗާތަކާއި ފެން އާރުތައް ލައްވާނެތެވެ.'' (ނޫޙް:10،11،12)

 

8 - ތައުބާ ވުމުން، ސުވަރުގޭގެ މަތިވެރި ނިޢްމަތް ލިބެއެވެ. މިއަށް ވުރެ ބޮޑު އެދުމެއް އިންސާނަކަށް އޮންނާނެހެއްޔެވެ؟

فَخَلَفَ مِن بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيّاً * إِلَّا مَن تَابَ وَآمَنَ وَعَمِلَ صَالِحاً فَأُوْلَئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ شَيْئاً

މާނައަކީ: ''ނަމަވެސް އެ އުރެންނަށް ފަހު ނުބައި ވެގެން ވީ ބަޔަކު ދުނިޔޭގައި އުޅުނެވެ. އެ ނުބައި މީހުން ނަމާދު އަޅާލައި، ޝަހުވާނީ އެދުންތަކަށް ތަބާވިއެވެ. ފަހެ އެފަދަ މީހުން ލަސްތަކެއް ނުވެ، ހަލާކުވެ ހިނގައިދާ ހުށިމެއެވެ. * އޭގެ ތެރެއިން ތައުބާވެ އީމާންވެ ހެޔޮ ޢަމަލު ކުޅައުން މަތީ ދެމިތިބެއްޖެ މީހުން މެނުވީއެވެ. ފަހެ މިގޮތުގައި ދެމިތިބެއްޖެ މީހުން، ސުވަރުގޭގެ ބަގީޗާތަކަށް ވަންނެއެވެ. އަދި މި މީހުންނަށް އެއްވެސް ގެއްލުމެއް ދެރައެއް، ނުލިބޭނެއެވެ. މަރްޔަމް:59، 60)

Comments