އަންގާރަ20201013

އާކުރެވުނީ: 08:43:52

ތައުބާވުމުގެ ޙުކުމް

thaubaa-hukumޤުރުއާނާއި ސުންނަތުގައި ވެސް ވަނީ ތައުބާ ވުމަށް، އެންމެހާ މީސްތަކުންނަށް ގޮވާލާފައިވެއެވެ. ސޫރަތުއް ނޫރް ގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ: وَتُوبُوا إِلَى اللَّهِ جَمِيعاً أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ 

މާނައަކީ: ''އަދި އޭ މުއުމިނުންނޭއެވެ. ތިޔަބައި މީހުން އެންމެން އެކުގައި، މާތް ﷲ ގެ ކިބައަށް ތައުބާވާށެވެ. ތިޔަބައި މީހުންނަށް ނަސީބު ލިބި ދިންނަވާތޯއެވެ.''

މި އާޔަތުގައި މާތް ﷲ، ހުރިހާ މުއުމިނުންނަށް ވެސް އަންގަވާފައި އެ ވަނީ ތައުބާ ވުމަށެވެ. އަދި ދިންނެވުން ގުޅިފައި ވަނީ ވެސް ތައުބާއާއި ކަން މި އާޔަތުން އެނގެއެވެ. ވީމާ ދިންނެވުން ލިބުން އޮތީ ﷲ ރުހިވޮޑި ނުގަންނަވާ، ސިއްރާއި ފާޅުގައިވާ ކަންތައް ކުރުން ދޫކޮށް، ﷲ އަށް ކިޔަމަން ގަތުމުންނެވެ.

އަދި މިކަންތައް ދޫކޮށް ﷲ އަށް ރުޖޫޢަ ވުމުންނެވެ. ހަމަ އެހެންމެ މި އާޔަތުން ދޭހަކޮށް ދޭ އަނެއް ކަމަކީ ކޮންމެ މުއުމިނަކީ ވެސް ތައުބާ ވާން ޖެހޭނެ މީހެއް ކަމެވެ. އަދި ތައުބާ ވާން ޖެހޭ މީހުންނަށް ''މުއުމިނުން'' ގެ ސިފަ ދެވިފައި ވާތީ އެއިން ޔަޤީން ކޮށް ދެނީ އަދި ފާފައެއް ކުރެވުނަސް އެ މީހާ އަކީ ވަގުތުން ދީނުން ބޭރުވާނެ މީހެއް ނޫން ކަމެވެ.

ސޫރަތުލް ހޫދު ގެ 90 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވަނީ: وَاسْتَغْفِرُواْ رَبَّكُمْ ثُمَّ تُوبُواْ إِلَيْهِ إِنَّ رَبِّي رَحِيمٌ وَدُودٌ

މާނައަކީ: ''އަދި ތިޔަބައި މީހުންގެ ޞާޙިބުވަންތަ ކަލާނގެ ޙަޟްރަތުން، ތިޔަބައި މީހުންގެ ފާފަ ފުއްސެވުމަށް އެދޭށެވެ. އެއަށް ފަހު އެކަލާނގެ ކިބައަށް ތިޔަބައި މީހުން ތައުބާވާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަކީ ރަޙީމްވަންތަ އޯގާތެރިވަންތަ ރަސްކަލާނގެއެވެ.''

ސޫރަތުލް ބަޤަރާ ގެ 160 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ : إِلاَّ الَّذِينَ تَابُواْ وَأَصْلَحُواْ وَبَيَّنُواْ فَأُوْلَـئِكَ أَتُوبُ عَلَيْهِمْ وَأَنَا التَّوَّابُ الرَّحِيمُ

މާނައަކީ: ''އެބައި މީހުންގެ ތެރެއިން ތައުބާވެ، އިޞްލާޙު ކޮށް، ބަޔާންކުޅަ މީހުން މެނުވީ، އެހެން މީހުންނަށެވެ. އެފަދަ މީހުންނަށް ތިމަން ރަސްކަލާނގެ ތައުބާ ލައްވާ ހުށީމެވެ. ފަހެ ތިމަން ރަސްކަލާނގެ އަކީ ތައުބާ ލައްވާ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.''

އަދި ސޫރަތުއް ތަޙްރީމް ގެ 8 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ: يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَّصُوحاً عَسَى رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّئَاتِكُمْ وَيُدْخِلَكُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ

މާނައަކީ: ''އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައި މީހުން މާތް ﷲ ގެ ކިބަފުޅަށް ތެދުވެރިކަމާ އެކު ތައުބާ ވާށެވެ. އެއީ ތިޔަބައި މީހުން ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާނގެ ތިޔަބައި މީހުންގެ ކުށްތައް ޢަފޫ ކުރައްވާނޭ ކަމަށާއި، އެތަންތާނގެ ދަށުން ފެން އާރުތައް ހިނގަ ހިނގާ ހުރި ސުވަރުގެތަކަކަށް ތިޔަބައި މީހުން ވެއްދުމަށްޓަކައެވެ.''

ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނީ: يَا أَيُّهَا النَّاسُ تُوبُوا إِلَى اللَّهِ فَإِنِّي أَتُوبُ فِي الْيَوْمِ إِلَيْهِ مِائَةَ مَرَّةٍ

މާނައަކީ: ''އޭ އެންމެހާ މީސްތަކުންނެވެ. ތިޔަބައި މީހުން ﷲ އަށް ތައުބާވާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު ދުވާލަކު، އެކަލާނގެއަށް ސަތޭކަފަހަރު ތައުބާ ވަމެވެ.'' (ޞަޙީޙް މުސްލިމް ގެ ޛިކްރު، ދުޢާ، ތައުބާ އިސްތިޣްފާރު ބާބު)

މި އާޔަތްތަކާ ޙަދީޘްފުޅުގައި ވާ އަމުރު ކުރުމުގެ ޢިބާރާތް ތަކަކީ، ތައުބާ ވުމަކީ ވާޖިބު ކަމެއް ކަން ދޭހަކޮށް ދޭ ހެއްކެކެވެ.

ޤުރުޠުބީ ވިދާޅު ވަނީ: ''ތައުބާ ވުމަކީ މުއުމިނުންގެ މައްޗަށް އޮތް ފަރުޟެއް ކަމަށް، މުޅި އުއްމަތް ވެސް އިއްތިފާޤުވެއެވެ. ''އަދިވެސް ވިދާޅުވީ''ތައުބާ ވުމަކީ ކޮންމެ މީހެއްގެ މައްޗަށް ވެސް އޮތް ފަރުޟު ޢައިނެކެވެ. ހުރިހާ ޙާލަތެއްގައި ހުރިހާ ޒަމާނެއްގައެވެ.''

ޝައިޚުލް އިސްލާމް އިބްނު ތައިމިޔާ ވިދާޅު ވަނީ: ''ކޮންމެ އަޅަކުވެސް ތައުބާ ވުމަކީ، ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ.''

ޝައްކެތް ވެސް ނެތް ގޮތުގައި އިންސާނުންނަކީ ކުށް ކުރެވޭ ބައެކެވެ. އެކި މީހުންނަށް އެކި މިންވަރަށް އެކި ވަރުގެ ފާފަ ކުރެވޭކަމީ އެނގިފާޅު ކަމެކެވެ. މިއީ އިންސާނުންގެ ޠަބީޢަތެވެ.

މި ކަމަށް އިޝާރާތް ކުރައްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނީ: كلُ ابْن آدَم خَطَّاء وَخَيْرُ الخَطَّائين التَوَّابُون

މާނައަކީ: "ކޮންމެ އާދަމުގެ ދަރިއަކީ، ކުށް ކުރެވޭ މީހެކެވެ. އަދި ކުށް ކުރެވޭ މީހުންގެ ތެރެއިން އެންމެ ހެޔޮ ބަޔަކީ، ތައުބާ ވާ މީހުންނެވެ. (ރިވާ ކުރެއްވީ އައްތިރްމިޛީ، އިބްނު މާޖާ، އަދި އަލްބާނީ ޞައްޙަ ކުރައްވާފައިވާ ޙަދީޘެއް)

އާދަމުގެ ދަރިންގެ ޠަބީޢަތުގައި ކުށް ކުރުމުގެ ޤާބިލްކަން ހުރުމާ އެކުވެސް، ހަވާ ނަފްސަށް ބޯ ނުލަނބައި ﷲ ގެ އަމުރުފުޅުތަކަށް ބޯ ލެނބުމަކީ، އިންސާނުގެ ދަރަޖަ މަތިވެރި ވާ ކަމެކެވެ. މަލާއިކަތުންގެ ތެރެއިން ޚާއްޞަ ނުން މަލާއިކަތުންނަށް ވުރެ ޞާލިޙް މުއުމިނުން މޮޅު އިތުރު ކަމަށް ބައެއް ޢިލްމުވެރިން ވިދާޅު ދައްކަވާ ދަލީލުތަކުގެ ތެރޭގައި މި ނުކުތާ ހިމެނެއެވެ.

ހުރިހާ ފާފައަކުން ވެސް ތައުބާ ވާން ޖެހޭ:

ކުދި ބޮޑު، ސިއްރުގައި އަދި ފާޅުގައި ކުރެވޭ، އެނގިގެން އަދި ނޭނގި ކުރެވޭ، ޤަސްދުގައި އަދި ޤަސްދަކާ ނުލާ ކުރެވޭ، ރުޅި އައިސްގެން ކުރާ އަދި ސަމާސާއަކަށް ކުރާ، މި ހުރިހާ ބާވަތެއްގެ ފާފައަކީ ވެސް ތައުބާ ވާން ޖެހޭ ފާފަތަކެކެވެ. ތައުބާ ވާން ޖެހެނީ ހަމަ އެކަނި، މީހަކު މަރައި ނުވަތަ ޒިނޭކުރުން ފަދަ ބޮޑު ފާފައެއް ކުރެވުނީމަ އޭ، ބައެއް މީހުން ހީކުރެއެވެ. ނަމަވެސް މިއީ މުޅިން ނުބައި ހީކުރުމެވެ. ޒައްރެއް ވަރު ވާ ފާފައެއް އަދި ގެލެކްސީ އެއް ވަރުވާ ފާފައެއް ކުރެވުނަސް ތައުބާ ވާން ޖެހޭނެއެވެ.

ތައުބާ ވާން ޖެހެނީ ހަމަ އެކަނި ޙަރާމް ކަމެއް ކުރެވުނީމާ، އެކަންޏެއް ވެސް ނޫނެވެ. ކިއެއްތަ އަމުރު ކުރެވިފައިވާ ކަމެއް ނުކުރުމަކީ ވެސް ތައުބާ ވާން ޖެހޭނެ ކަމެކެވެ. ރޯދަ ނުހިފުން، ނަމާދު ނުކުރުން، ޒަކާތް ނުދިނުން، ދަރިން ތަރުބިއްޔަތު ނުކުރުން، ބުރުގާ ނޭޅުން، މައިންބަފައިންނަށް ކަމޭ ނުހިތުން، ޢަދުލުވެރި ނުވުން ފަދަ ކޮންމެ ކަމަކީ ތައުބާ ވާން ޖެހޭނެ ކަމެކެވެ. މި ކަންތަކަކީ ކުރަން އަމުރު ކުރެވިފައިވާ ކަންތަކަކަށް ވާހިނދު، މި ކަންތައް ނުކޮށްފިއްޔާ އޮންނާނީ އިދިކޮޅު ޙަރާމް ކަންތައް ކުރެވިފައެވެ.

އިމާމް އައްނަވަވީ ވިދާޅުވެފައި ވެއެވެ. ''ހުރިހާ ފާފައަކުން ތައުބާ ވުމަކީ ވާޖިބު ކަމެކެވެ. އަދި ވަގުތުން ތައުބާ ވުން ވެސް ވާޖިބުވެގެން ވެއެވެ. ފަހަރެއްގާ ވެސް ތައުބާ ވުން ލަސް ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. މީގައި ކުޑަ ފާފައަކަށް ނުވަތަ ބޮޑު ފާފައަކަށް ވުމުގައި ފަރަގެއް ނެތެވެ.''

އަބަދުވެސް އަދި ހުރިހާ ހާލަތެއްގައި ވެސް ތައުބާ ވުން ވާޖިބުވާ ސަބަބަކީ، އެއްވެސް އާދަމުގެ ދަރިންނަކީ ފާފައިން މަޢްޞޫމް މީހެއް ނޫނެވެ. ނަބީ ބޭކަލުންނަށް ވެސް ވަނީ ބައެއް ކަހަލަ ކުދި ކުދި ކުށް ކުރެވިފައެވެ. ވީމާ އާދައިގެ އިންސާނުން މަޢްޞޫމް ވާނީ ކިހިނެއްހެއްޔެވެ؟ ޤުރުއާނާއި ޙަދީޘު ގައިވެސް، ނަބީ ބޭކަލުންނަށް ކުރެއްވުނު ބައެއް ކުދި ކުށް ބަޔާން ކުރައްވާ އަދި އެ ބޭކަލުން އެކަމަށް ތައުބާވެވަޑައިގަނެ، ކީރިތި ކުރައްވާ، އިސްތިޣްފާރު ކުރެއްވި ކަމަށް އައިސްފައި ވެއެވެ. އާދަމްގެފާނު، އައްޔޫބްގެފާނު، ދާއޫދް، މޫސާ، ޔޫނުސްގެފާނު ފަދަ ވާހަކަތަކުގައި މިކަމާ ބެހޭ ތަފްޞީލު ވާނެއެވެ.

ނޯޓް: (އަހުލުއް ސުންނާ ގެ ޢަޤީދާ އަކީ، ހުރިހާ ނަބީ ބޭކަލުންނާއި ރަސޫލު ބޭކަލުންނަކީވެސް މާތް ﷲ އިޚްތިޔާރު ކުރައްވާފައިވާ، ޞާލިޙް، ފާފަތަކުން މަޢްޞޫމް ބައެއް ކަމަށެވެ. އަދި އެ ބޭކަލުންނަށް ކުރެއްވިފައިވާ ބައެއް ކަހަލަ ކުދި ކުށްތަކަކީ އެއީ ﷲ އަށް ނުކިޔަމަންތެރި ވުމުގެ ގޮތުން ކުރެއްވި ކަމެއް ނޫނެވެ. އަދި އެއީ އެ ބޭކަލުންގެ އަޚްލާޤްފުޅަށް ކިލަނބު ކަމެއް ލިބޭފަދަ ކުށްތަކެއްވެސް ނޫނެވެ. އަދި މިފަދަ ކަމެއް ކުރެވިއްޖެނަމަ ﷲ އެކަން އެބޭހަލުންނަށް ބަޔާންކޮށްދެއްވައެވެ. އަދި ވަގުތުން އެ ބޭކަލުން އެކަމަށް ތައުބާވެވަޑައިގަނެއެވެ.)

އަހަރެމެން ބޭރުފުށުގެ ގުނަވަންތަކުން ފާފައެއް ނުކުރަންޏާ، އޮންނާނީ ހިތުން ފާފައެއް ކުރެވިފައެވެ. ހިތުން ފާފައެއް ނުކުރެވެންޏާ އޮންނާނީ، ޝައިޠާނާ ގެ ވަސްވާސްތަކަށް ކޮންމެވެސް ވަރަކަށް ލެނބިފައެވެ. ވަސްވާހެއް ވެސް ހިތަށް ނުވަންނަންޏާ އެ މީހެއްގެ ހިތަށް ކޮންމެވެސް ވަރެއްގެ ޣާފިލް ކަމެއް ނުވަދެ ނުދާނެއެވެ. ނުވަތަ ﷲ އާއި ބެހޭ ގޮތުން އެނގެން ޖެހޭ ޢިލްމެއް، ސިފަފުޅެއް ފަދަ ކަމެއް އޮންނާނީ ނޭނގިފައެވެ. މި ހުރިހާ ކަމަކީވެސް އުނި ކަންތަކެވެ. އަދި މި އުނިކަންތަކަށް ސަބަބުތަކެއް ވެސް އޮވެއެވެ. މިސަބަބުތައް ދޫކޮށް މި ސަބަބުތަކުގެ އިދިކޮޅު ކަންތައް ކުރުމަކީ، ޙާލަތަކުން އަނެއް ޙާލަތަކަށް ރުޖޫޢަވުމެވެ. މިއީ ތައުބާވުމެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.