އާދީއްތަ20201011

އާކުރެވުނީ: 08:43:52

ތައުބާގެ މާނަ

thaubaa-maanaޢަރަބި ބަހުގައި ތައުބާގެ ލަފްޒީ މާނައަކީ އެނބުރި އައުމެވެ. އެހެން ގޮތަކަށް ބުނާނަމަ، ނުކިޔަމަންތެރި ކަމާއި ފާފައިގެ ތެރޭގައި ހުރެފައި، ﷲ ކިޔަމަންތެރި ވެ، ﷲގެ މަގަށް ރުޖޫޢަވުމެވެ. ތައުބާ މި ލަފްޒަކީ އަޅުތަކަންނަށް އަދި މާތް ﷲ އަށް ވެސް ނިސްބަތް ކުރެވޭ ލަފްޒެކެވެ. އިންސާނުންނަށް ތައުބާ މި ބަސް ނިސްބަތް ކޮށްފިއްޔާ - މިސާލަކަށް ޢަލީ ﷲ އަށް ތައުބާ ވެއްޖެ- އޭގެ މާނައަކީ، އޭނާ ފާފަ ދޫކޮށްފައި ﷲ ގެ ރުއްސެވުމަށް ރުޖޫޢަވުމެވެ. މި ލަފްޒު ﷲ އަށް ނިސްބަތް ކުރެވިއްޖެއްޔާ- މިސާލަކަށް ﷲ ޢަލީގެ މައްޗަށް ތައުބާ ކުރައްވައިފި- އޭގެ މާނައަކީ އެ ކަލާނގެ ރަޙްމަތްފުޅާއި ރުއްސެވުން އެ އަޅާ އަށް އަލުން ދެއްވުމެވެ.ނުވަތަ ތައުބާ ވުމަށް ތައުފީޤު ދެއްވުމެވެ. ނުވަތަ އޭނާއަށް އޮތް ފާފަ ޘަވާބަށް ބަދަލު ކުރެއްވުމެވެ.

''އައްތައްވާބު'' އަކީ މާތް ﷲގެ އިސްމުފުޅުތަކުގެ ތެރެއިން އިސްމުފުޅެއްވެސް މެއެވެ. މީގެ މާނައަކީ ގިނަގިނައިން އަޅުތަކުންނަށް ތައުބާ ކުރައްވާ ތައުބާ ޤަބޫލު ކުރައްވާ ރަސްކަލާނގެއެވެ. ނުވަތަ ކުރެވޭ ކުށަކަށް އަޅަކު ހިތާމަކޮށް ތައުބާ ވާ ކޮންމެ ފަހަރަކު އެ އަޅަކަށް އެކަލާނގެ ރަޙްމަތާއި ރުއްސެވުން އަލުން ދެއްވާ ރަސްކަލާނގެއެވެ. މި އިސްމުފުޅުގެ މާނައަކީ ގިނަ އަޅުތަކުން ތަކެއް އެކަލާނގެއަށް ތައުބާ ވާ ރަސްކަލާނގެ، ކަމަށް ވެސް ބުނެވިފައި ވެއެވެ.

އިންސާނަކު އެއީ ''ތައްވާބު'' އެއް ކަމަށް ބުނެވިއްޖެ ނަމަ، އޭގެ މާނައަކީ ގިނަގިނައިން ތައުބާ ވާ މީހާއެވެ. ބަޤަރާ ސޫރަތުގެ 222 ވަނަ އާޔަތުގައި ވާނީ މިފަދަ މީހުންގެ ވާހަކައެވެ. إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ  

މާނައަކީ: ''ހަމަކަށަވަރުން ﷲ، އެ ކަލާނގެ ކިބަފުޅަށް ގިނަގިނައިން ތައުބާވާ މީހުން ދެކެ ލޯބިވެ ވޮޑިގަންނަނަވަތެވެ. އަދި ޠާހިރުވެ ސާފު ޠާހިރުކަންމަތީ އުޅޭ މީހުން ދެކެވެސް އެކަލާނގެ ލޯބިވެ ވޮޑިގަންނަވާމެއެވެ.''

ތައުބާ ގެ ޝަރުޢީ މާނަ:

ތައުބާ ގެ ޝަރުޢީ މާނަ، ވަރަށް ގިނަ ޢިބާރާތްތަކަކުން ޢިލްމުވެރިން ކުރައްވާފައި ވެއެވެ. އޭގެ ތެރޭގައި:-

1- އިބްނު ޖަރީރް އައްޠަބަރީ ވިދާޅުވަނީ: ''އަޅަކު ﷲ އަށް ތައުބާވުމުގެ މާނައަކީ، އަޅާ އަލުން ﷲ އަށް ކިޔަމަންތެރި ވުމެވެ. އަދި އެކަލާނގެ ރުއްސަވާ ކަންތަށް ކޮށް، ނުރުއްސަވާ ކަންތަކުން ދުރުވެގަތުމެވެ.''

2- ޤުރުޠުބީ ވިދާޅުވަނީ: ''އެއީ ފާފައާ މެދު ހިތާމަކޮށް، ވަގުތުން ފާފަ ދޫކޮށް، އެފަދަ ފާފައެއް ދުވަހަކުވެސް ނުކުރަން ޢަޒުމް ކަނޑައެޅުމެވެ. އަދި މިހުރިހާ ކަމެއްވެސް ﷲ ދެކެ ގަންނަ ލަދެއްގެ ސަބަބުން ކުރުމެވެ."

ޤުރުޠުބީގެ މި ތަޢާރަފް ގައި ތައުބާގެ ގާތްގަނޑަކަށް ހުރިހާ ޝަރުޠެއް ހިމެނިފައިވެއެވެ. އަދި ވަރަށް މުހިއްމު ނުކުތާއެއް ވެސް ފަހަތުގައި އެބަ އޮތެވެ. އެއީ ތައުބާ ވާން ޖެހެނީ ތިމާގެ އަމިއްލަ މަސްލަހަތަކަށް ނުވަތަ ވަޒީފާއަކަށްޓަކައި ނޫން ކަމެވެ. ކިއެއްތަ، ތައުބާ ވަނީ، އޭނާ ﷲ އަށް ނުކިޔަމަތެރި ވެ ހުންނަން ގަންނަ ލަދެއްގެ ސަބަބުންނެވެ.

3- އަލްއަޞްފަހާނީ ވިދާޅުވަނީ: ''ތައުބާ އަކީ ފާފައިގެ ހުތުރު ކަމަށްޓަކައި އެ ފާފަ ދޫކޮށް، ކުރެވުނު ކަންތަކަށް ދެރަވެ ހިތާމަކޮށް، އަލުން އެކަން ނުކުރަން ޢަޒުމް ކަނޑައެޅުމެވެ.''

އަޞްފަހާނީގެ މި ތަޢާރަފަށް އިބްނު ހަޖަރު އަލްޢަސްޤަލާނީ އިތުރު ކުރައްވާ އެހެން ކަމެއް އޮވެއެވެ. އެއީ ''މީސް މީހުންގެ ޙައްޤު އޭގެ ވެރިންނަށް ރައްދުކޮށް، ނުވަތަ އެ މީހުން ލައްވާ ޙައްޤު ކެނޑުވުމެވެ.''

4- އިބްނު ކަޘީރު ވިދާޅު ވެފައި ވަނީ: ''ތައުބަތުއް ނަޞޫހް އަކީ، ފާފަ ކުރުން ވަގުތުން ހުއްޓާލާ، މާޒީވެ ދިޔަ ތަނަށް ހިތާމަކޮށް، މުސްތަޤްބަލުގައި އެކަން ނުކުރަން ޢަޒުމް ކަނޑައެޅުމެވެ. އަދި އާދަމުގެ ދަރިންގެ ޙައްޤުތައް އަދާ ކުރުމެވެ.''

ވީމާ، މަތީގައި ގެނވިފައިވާ ތައުބާގެ ތަޢާރަފު ތަކަށް ބަލާފައި ތައުބާވުމަކީ މިއީ ކަމުގައި ބުނެވިދާނެއެވެ. އެއީ:-

"އަހަރެމެންނަށް އެނގިގެން އަދި ނޭނގި ނަމަވެސް ކުރެވޭ، ކުޑަ އަދި ބޮޑު، މީސްތަކުންގެ ޙައްޤު ގައި އަދި ﷲ ގެ ޙައްޤުގައި ކުރެވޭ، ޤަސްތުގައި އަދި އޮޅިގެން ކުރެވޭ، ކުށް ފާފަތައް ހުއްޓާލުމަށް ފަހު، ކުރެވު ފާފައާއި މެދު ހިތާމަކޮށް، ދެވަނަ ފަހަރަށް އެކަމެއް ނުކުރަން ޢަޒުމް ކަނޑައެޅުމެވެ. އަދި މި އާއެކު އާދަމުގެ ދަރިއެއްގެ ޙައްޤެއް ވާނަމަ އެ ހައްޤު އަދާ ކުރުމެވެ."

އިސްތިޣްފާރު ކުރުން:

އިސްތިޣްފާރު މިލަފްޒަކީ ''ޣަފަރަ'' މި ބަހުން ނެގިފައިވާ ބަހެކެވެ. މާނައަކީ ފަރުދާކޮށް ފޮރުވުމެވެ. އިސްތިޢްފާރު މި ލަފްޒު މި ވަޒަނަށް އައުމުން މާނައަކަށް ވާނީ ފަރުދާކޮށް ފޮރުވުމަށް އެހެން މީހެއް ގެ ގާތު އެދުމެވެ. ވީމާ އިސްތިޣްފާރުގެ މާނައަކީ ފާފަ ފަރުދާކޮށް މާފުކޮށް ދެއްވުން ﷲ ޙަޟްރަތުން އެދުމެވެ.

އިސްތިޣްފާރުގެ ޝަރްޢީ މާނައަކީ: ''ތިމާއަށް ކުރެވުނު ކުށް ފާފަ ފަރުދާ ކުރައްވައި، އެ ކުށް ފާފަތައް މަޢާފް ކުރައްވައި، އެ ފާފަތަކަށް ޢަޛާބު ނުދެއްވުން އެދި ، މާތް ﷲ އަށް ދެންނެވުމެވެ.''

ތައުބާ އާއި އިސްތިޣްފާރަކީ ދާދި އެއް މާނައެކެވެ. ނަމަވެސް މި ދެ ބަހުގައި ތަފާތު އެބަ ވެއެވެ. އިސްތިޣްފާރަށް ވުރެ ތައުބާ އަކީ ފުޅާ އެއްޗެކެވެ. ފަަހަރެއްގާ މީހަކު އިސްތިޣްފާރު ކޮށްފައި ނަމަވެސް ތައުބާ ނުވެ ހުރެދާނެއެވެ. އެހެނީ ތިމަންނަގެ ފާފަ ފުއްސެވުން އެދި ދުޢާ ދެންނެވުން ވާނީ އިސްތިޣްފާރު ކުރުމަށެވެ. ނަމަވެސް އޭނާ ފާފައާ މެދު ހިތާމަކޮށް، ފާފަ ކުރުން ހުއްޓާލާ އަދި މުސްތަޤްބަލުގައި އެކަން ނުކުރަން ޢަޒުމް ކަނޑަނާޅާހާ ހިނދަކު އޭނާ ތައުބާ ވި ކަމަކަށް ނުވާނެއެވެ.

އިނާބާ:

އިނާބާ މި ލަފްޒަކީ ''ނައުބު'' މި މަޞްދަރުން ނެގިފައިވާ ބަހެކެވެ. މީގެ މާނައަކީ ވެސް ރުޖޫޢަ ވުމެވެ. ވީމާ ''އަނާބަ އިލަ ﷲ'' އޭ ބުނުމުގެ މާނައަކީ ﷲ އަށް ރުޖޫޢަ ވުމެވެ. އައްރޫމް ސޫރަތުގެ 13 އަދި އައްޒުމަރު ސޫރަތުގެ 54 ވަނަ އާޔަތުގައިވާ ''މުނީބީނަ'' އަދި ''އަނީބޫ'' ގެ މާނައަކީ މިއީއެވެ.

އިނާބާގެ ޝަރުޢީ މާނައަކީ: އަނދިރި ކަމުން އަލިކަމުގެ ތެރެއަށް ރުޖޫޢަ ވުމެވެ. ނުވަތަ ޣާފިލު ކަމުން ޛިކުރު ކުރުމަށް އެނބުރި އައުމެވެ. ނުވަތަ ޝައިޠާނާގެ މަގުން އިސްލާމް ދީނުގެ މަގަށް އެނބރި އައުމެވެ.

އިބްނުލް ޤައްޔިމް ވިދާޅުވެފައި ވަނީ، އިނާބާ ގެ މާނައަކީ '' ﷲގެ ރުއްސެވުން ހޯދުމަށް އަވަސްވެގަނެ، ހުރިހާ ވަގުތަކުވެސް އެކަލާނގެއަށް ރުޖޫޢަވެ، އިޚްލާޞްތެރި ކަމާއެކު އަޅުކަން ކުރުމެވެ.''

އިސްތިޣްފާރާއި ތައުބާ އާ ހުރި ގުޅުން:

އިސްތިޣްފާރު ތައުބާއާއި ވަކިން އަދި ތައުބާ އާއި އެކީގައިވެސް، ޤުރުއާނާއި ސުންނަތުގައި އައިސްފައިވެއެވެ.

1- އިސްތިޣްފާރާއި ނުލާ ހަމަ އެކަނި ތައުބާ އައިސްފައި ވުން:

فَمَنْ تَابَ مِنْ بَعْدِ ظُلْمِهِ وَأَصْلَحَ فَإِنَّ اللَّهَ يَتُوبُ عَلَيْهِ إِنَّ اللَّهَ غَفُورٌ رَحِيمٌ

މާނައަކީ: ''ފަހެ އަނިޔާވެރިވުމަށް ފަހު ތައުބާވެ އިޞްލާޙް ވެއްޖެ މީހާ، ހަމަކަށަވަރުން މާތް ﷲ އެ މީހާގެ މައްޗަށް ތައުބާ ލައްވާނެތެވެ. ހަމަކަށަވަރުން މާތް ﷲ އީ ފާފަ ފުއްސަވާ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ. '' (އަލްމާއިދާ:39)

وَمَنْ تَابَ وَعَمِلَ صَالِحاً فَإِنَّهُ يَتُوبُ إِلَى اللَّهِ مَتَاباً

މާނައަކީ: ''އަދި ތައުބާވެ ހެޔޮ ޢަމަލު ކޮށްފި މީހާ، ފަހެ ހަމަ ކަށަވަރުން އެ މީހާ އީ ތައުބާވުމަކުން މާތް ﷲ ކިބައަށް ތައުބާވެ ރުޖޫޢަ ވާ މީހެކެވެ." (އަލްފުރްޤާން: 71)

ސުންނަތަށް ބަލާ އިރު:

‏‏اللَّهُ أَفْرَحُ بِتَوْبَةِ عَبْدِهِ مِنْ أَحَدِكُمْ سَقَطَ عَلَى بَعِيرِهِ وَقَدْ أَضَلَّهُ فِي أَرْضِ فَلَاةٍ

މާނައަކީ: ''ކަލޭމެންގެ ތެރެއިން މީހަކު، ފަޅު ސަހަރާއެއްގައި ޖަމަލުގެއްލިފައި ހުއްޓާ(ސަވާރީއެއްގެ ގޮތުގައި ގެންގުޅުނު)، ކުއްލިއަކަށް އޭތިފެނުމުން އުފާވާވަރަށް ވުރެ ބޮޑަށް، އަޅަކު ތައުބާވުމުން ﷲ އުފާވެވޮޑިގަންނަވައެވެ.'' (ބުޚާރީގެ ދުޢާ ބާބުގެ ތައުބާ ފަޞްލު)

 

2- ތައުބާ އާއި ނުލާ ހަމަ އެކަނި އިސްތިޣްފާރު އައިސްފައި ވުން:

فَاسْتَقِيمُوا إِلَيْهِ وَاسْتَغْفِرُوهُ

މާނައަކީ: ''ފަހެ ތިޔަބައި މީހުން އެ ކަލާނގެ ޙަޟްރަތަށް، ތެދުމަގުގައި ތިބޭށެވެ. އަދި އިސްތިޣްފާރު ކުރާށެވެ.'' (ފުއްޞިލަތު: 6)

وَمَا كَانَ اللّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ

މާނައަކީ: ''އަދި އެ މީހުން، ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރަނިކޮށް ވެސް، ﷲ އެ މީހުންނަށް ޢަޛާބެއް ނުދެއްވާހުށިމެއެވެ. (އަލްއަންފާލު: 33)

 

فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّاراً

މާނައަކީ: ''ފަހެ ތިމަން ކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައި މީހުން ހެއްދެވި ރަސްކަލާނގެ ޙަޟްރަތަށް އިސްތިޣްފާރު ކޮށް ދަންނަވާށެވެ. ހަމަ ކަށަވަރުން ވެސް، އެކަލާނގެ އީ، ފާފަ ފުއްސަވާ ރަސްކަލާނގެއެވެ.'' (ނޫޙް :10)

 

3- އިސްތިޣްފާރާއި ތައުބާ އެކު އެކީގައި:

މާތް ﷲ ވަޙީ ކުރައްވަނީ: وَأَنِ اسْتَغْفِرُواْ رَبَّكُمْ ثُمَّ تُوبُواْ إِلَيْهِ

މާނައަކީ: ''އަދި ތިޔަބައި މީހުން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ކިބަފުޅުން، ފާފަ ފުއްސެވުމަށް އެދޭށެވެ. އަދި އެކަލާނގެ ރަސްކަންފުޅަށް ތިޔަބައި މީހުން ތައުބާވާށެވެ. (ހޫދް: 3)

އަދިވެސް ވަޙީ ކުރައްވަނީ: وَاسْتَغْفِرُواْ رَبَّكُمْ ثُمَّ تُوبُواْ إِلَيْهِ إِنَّ رَبِّي رَحِيمٌ وَدُودٌ

މާނައަކީ: ''އަދި ތިޔަބައި މީހުންގެ ޞާޙިބުވަންތަ ކަލާނގެ ޙަޟްރަތުން، ތިޔަބައި މީހުންގެ ފާފަ ފުއްސެވުމަށް އެދޭށެވެ. އެއަށް ފަހު އެކަލާނގެ ކިބައަށް ތިޔަބައި މީހުން ތައުބާވާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަކީ ރަޙީމްވަންތަ އޯގާތެރިވަންތަ ރަސްކަލާނގެއެވެ.'' (ހޫދް: 09)

އަދިވެސް ވަޙީ ކުރައްވަނީ: وَيَا قَوْمِ اسْتَغْفِرُواْ رَبَّكُمْ ثُمَّ تُوبُواْ إِلَيْهِ يُرْسِلِ السَّمَاء عَلَيْكُم مِّدْرَاراً وَيَزِدْكُمْ قُوَّةً إِلَى قُوَّتِكُمْ وَلاَ تَتَوَلَّوْاْ مُجْرِمِينَ

މާނައަކީ: ''އަދި އޭ ޤައުމުގެ މީހުންނޭވެ! ތިޔަބައި މީހުންގެ ޞާޙިބުވަންތަ ކަލާނގެ ޙަޟްރަތުން، ތިޔަބައި މީހުންގެ ފާފަ ފުއްސެވުމަށް އެދޭށެވެ. އެއަށް ފަހު އެކަލާނގެ ކިބައަށް ތިޔަބައި މީހުން ތައުބާވާށެވެ. އޭރުން ވެހިގަންނަ ގޮތުގައި ތިޔަބައި މީހުންގެ މައްޗަށް، އުޑުން ވާރޭ ފޮނުއްވަވާނެތެވެ. އަދި ތިޔަބައި މީހުންގެ ބާރުތެރެއަށް އެކަލާނގެ ބާރު އިތުރު ކުރައްވާނެތެވެ. ކުށްވެރިންގެ ގޮތުގައި ތިބެ، ތިޔަބައި މީހުން ފުރަގަސް ދީ އެނބުރި ނުދާށެވެ.'' (ހޫދް :25)

ސުންނަތަށް ބަލާއިރު: قَالَ ‏ ‏أَبُو هُرَيْرَةَ ‏ سَمِعْتُ رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏يَقُولُ ‏ ‏وَاللَّهِ إِنِّي لَأَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ فِي الْيَوْمِ أَكْثَرَ مِنْ سَبْعِينَ مَرَّة

މާނައަކީ: ''އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނިކޮށް އަހަރެން އަޑުއެހީމެވެ. ޙަދީޘް ކުރެއްވިއެވެ.'' ﷲ ގަންދީ ބުނަމަވެ. އަހަރެން ދުވާލަކު ހަތްދިހަ ފަހަރަށް ވުރެ ގިނައިން، ﷲ އަށް އިސްތިޣްފާރުކޮށް، އެކަލާނގެއަށް ތައުބާ ވަމެވެ.'' (ޞަޙީޙް ބުޚާރީގެ ދުޢާ ބާބު، ރެޔާއި ދުވާލު ރަސޫލުﷲ ޞައްލައްﷲ ޢަލައި ވަސައްލަމަ އިސްތިޣްފާރު ކުރެވުން)

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އިސްތިޣްފާރާއި ތައުބާ އެކުއެކީ އައިސްފި ނަމަ، މާނައަކީ އިސްތިޣްފާރަކީ ތިމާއަށް ކުރެވުނު ފާފަ ފުއްސަވައި، ކުށަށް މަޢާފް ކުރެއްވުން އެދި ﷲ އަށް ދެންނެވުމެވެ. އަދި ތައުބާ އަކީ ކުރެވުނު ފާފައަށް ކުރާ ހިތާމައާއި، މުސްތަޤްބަލުގައި އެކަން ނުކުރަން ކަނޑައަޅާ ޢަޒުމެކެވެ.

އަދިވެސް ބުނެވިފައި ވެއެވެ: އިސްތިޣްފާރާއި ތައުބާ އެކު އެކީގައި އައިސްފި ނަމަ، އިސްތިޣްފާރުގެ މާނައަކީ މާޒީވެ ދިޔަ ފާފައިގެ ނުބައި ކަމުން ސަލާމަތް ވުމަށް އެދި ދެންނެވުމެވެ. އަދި ތައުބާ އަކީ މުސްތަޤްބަލުގައި ކުރެވިދާނެ ނުބައި ކަމަކުން ދުރުހެލި ވުމެވެ.

މި ދެ ބަސް ވަކި ވަކިން އައިސްފި ނަމަ ދެ ބަހުގެ މާނައަކީ ވެސް އެއް މާނައެއް ކަމަށް އިބްނުލް ޤައްޔިމް ''މަދާރިޖުއް ސާލިކީނަ'' ގައި ވިދާޅުވެފައި ވެއެވެ. ވިދާޅުވެފައި ވަނީ އިސްތިޣްފާރަކީ ތައުބާ ކަމަށެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.