ބުދަ20180912

އާކުރެވުނީ: 08:43:52

ތައުބާއި ގުޅޭ ބައެއް މައްސަލަތައް

1thaubaa-10-massala- ބައެއް ފާފަތަކުން ތައުބާ ވުން:

އިންސާނުންގެ މައްޗަށް ވާޖިބުވެގެން ވަނީ، ކުރެވޭ ކުދި ބޮޑު ހުރިހާ ފާފައަކުން ތައުބާ ވުމެވެ. އެއްފަހަރާ ﷲ އަށް ކިޔަމަންތެރިވެ އެކަލާނގެ މަގަށް ރުޖޫޢަވުމެވެ.

ނަމަވެސް މީހަކު ބައެއް ފާފަތައް ކުރުން މަތީ ދެމިހުރެ، އަނެއްބައި ފާފަތަކަށް ތައުބާ ވިޔަސް، އޭނާ ތައުބާ ވީ ކަންތައް ﷲ ޤަބޫލު ކުރައްވާނެ ކަމަށް ޢިލްމުވެރިން ވިދާޅުވިއެވެ. މީގެ މިސާލަކީ ނަމާދު ނުކުރާ އަދި މަސްތުވާތަކެތި ބޭނުން ކުރާ މީހެއްގެ ހިތަށް އީމާންކަން ވަދެގެން ތައުބާ ވާން ބޭނުންވެގެން، ނަމާދު ކުރަން ފެށުމެވެ. ނަމަވެސް ދެވިހިފާފައި ހުރުމުގެ ސަބަބުން މަސްތުވާ ތަކެއްޗާއި ދުރަށް ނުދެވެނީއެވެ. ކުރިން ނަމާދު އެޅިފައިވާތީ އެކަމަށް ވާ ތައުބާ، އިރާދަ ކުރެއްވިއްޔާ ﷲ ޤަބޫލު ކުރައްވާނެއެވެ. ނަމަވެސް މަސްތުވާތަކެތި ބޭނުން ކުރާތީ އެކަމުން ލިބޭ ފާފަ ތައުބާ ނުވާހާ ހިނދަކު ދާނީ ފާފަވެރިވަމުންނެވެ.

ޣީބަ ބުނާ އަދި ބުރުގާ ނާޅާ އަންހެނަކު ތައުބާވެ ބުރުގާ އެޅުމުން، ބުރުގާ ނާޅައި ހުރި ދުވަސްތަކަށް ވީ ތައުބާ ވާނީ ރަނގަޅު ތައުބާ އަކަށެވެ. ޣީބަ ބުނުން ހުއްޓާ ނުލުން އެއީ އޭނާއާ ތައުބާ އާ ދެމެދު ވާ ހުރަހެއް ނޫނެވެ. ރިޝްވަތު ކައި އަދި ރިބާ ކާ މީހަކަށް ހަމަ އެކަނި ރިބާ ކެއުމުން ތައުބާ ވެވިދާނެއެވެ. ރިޝްވަތު ކެއުން ހުއްޓާ ނުލުން އެއީ އޭނާއާ ތައުބާ އާ ދެމެދު ވާ ހުރަހެއް ނޫނެވެ.

ނަމަވެސް އެއް ވައްތަރެއްގެ ދެ ކަމުގެ ތެރެއިން، އެއް ކަންތައް ކުރަމުން އަނެއް ކަމަށް ތައުބާއެއް ނުވެވޭނެއެވެ. މިސާލަކަށް، ރާ އަދި ކޮކެއިން ބޭނުން ކުރާ މީހަކު، ރާ ބުއިން ހުއްޓާ ނުލާ ތިމަންނަ މިއަދުން ފެށިގެން ކޮކެއިން ބޭނުން ކުރުން ހުއްޓާލައި ތައުބާ ވެއްޖައީމޭ ބުންޏަސް، އޭނާ ތައުބާ ވި ކަމަކަށް ނުވާނެއެވެ. ނުވަތަ ޒިނޭ ކުރާ މީހަކު ޒިނޭ ކުރުން މަތީ ދެމިހުރެ، ތިމަންނަ މިވެނި މީހަކާ ޒިނޭ ކުރުމުން ތައުބާވެއްޖައިމޭ ބުންޏަސް އޭނާ ތައުބާ ވި ކަމަކަށް ނުވާނެއެވެ. އޮފީހުންނާއި އަދި ހަވީރު މަސައްކަތް ކުރާ ފިހާރައިން ވައްކަން ކުރާ މީހަކު، ތިމަންންނަ ހަމަ އެކަނި ފިހާރައިން ވައްކަން ކުރުން ހުއްޓާލައިފީމޭ ބުންޏަސް އެއީ ތައުބާ ވި ކަމަކަށް ނުބެލެވޭނެއެވެ.

މީގެ މާނައަކީ ފަހަރެއްގައި ވެސް، ބައެއް ފާފަތަކަށް ތައުބާ ވެފައި ބައެއް ފާފަތައް ކުރުމަށް ގޮވާލާ ހިތްްވަރު ދިނުމެއް ނޫނެވެ. ރަނގަޅު އަދި ފުރިހަމަ ގޮތަކީ ތައުބާ ވާން ޖެހޭފަދަ ފާއެއް، އެއް ގޮތަކަށް ނުވެސް ކުރުމެވެ. ނަމަވެސް އެކި މީހުންގެ އީމާންކަން، އަދި ވަސްވާހާއި ހަވާ ނަފްސަށް ހެއްލޭ އަވަސް މިން ތަފާތެވެ. އަދި ދީނުގެ ޙުކުމްތައް އެނގޭ މިންވަރުވެސް ތަފާތެވެ. ވީމާ އެންމެންނަކީ އެއްވަރަކަށް ތަޤްވާވެރި ބައެއް ނޫނެވެ.

ފާފަތައް ދޫކޮށް ތައުބާ ވުމުގައި ވެސް ކަން އޮތީ ހަމަ މިހެންނެވެ. ބައެއް މީހުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހުރިހާ ފާފައަކުން ތައުބާ ވެ މުޅިން ސާފު މީހަކަށް ވެއެވެ. އަނެއް ބައި މީހުން މަޑު މަޑުން އިސްލާހު ވަމުން، ފުރަތަމަ ބޮޑެތި ޙަރާމް ކަންތައް ކުރުން ހުއްޓާލާ ތައުބާވެއެވެ. އަނެއް ބައި މީހުން ބޮޑެތި ފާފަތަކަށް ތައުބާ ވެ ކުދި ފާފަތަކަށް ތައުބާ ނުވެވި ވެސް ތިބެއެވެ.

ކޮންމެ އަކަސް، އަހަރެމެން ޢަމަލު ބަހައްޓަން ވީ ގޮތަކީ އެއްވެސް ފާފައެއް ނުކުރުމެވެ. އަދި ފާފަ ކުރެވިއްޖެނަމަ ހުރިހާ ފާފައަކުން ވެސް ތައުބާ ވުމެވެ. އެހެން ނުހެދުނު ނަމަ ބޮޑެތި ފާފަތަކުން އަވަހަށް ތައުބާވުމެވެ. އަދި ކުދި ފާފަތަކުގައި ދެމި ނުތިބުމެވެ. އެހެނީ ޢިލްމުވެރިން ވިދާޅުވަނީ ކުދި ފާފަތައް ކުރުން މަތީ ޤަސްދުގައި ދެމި ހުރުމަކީ ބޮޑެތި ފާފައަށް ބަދަލު ވާ ކަމެއް ކަމަށެވެ.

 

2- ޙައްޤުތައް ހަވާލު ކުރުމާއި ޙައްޤު ކެނޑުވުން:

ތައުބާވާ ފާފަ ގުޅިފައި ވާނީ، ﷲ ގެ ޙައްޤުފުޅަކާއި ނުވަތަ އިންސާނެއްގެ ޙައްޤަކާއެވެ. ﷲ ޙަރާމް ކުރައްވާފައިވާ ކަމެއް ކޮށް، ނުވަތަ އަމުރު ކުރައްވާފައިވާ ކަމެއް ނުކުރުމުން، ތައުބާ ވާން ބޭނުންނަމަ އޮތް ހާ ވެސް ކަމަކީ، އެކަމާ މެދު ހިތާމަކޮށް، ފާފަ ކުރުން ހުއްޓާލާ، އަދި ފާފައަށް އެނބުރި ނާންނަން ޢަޒުމް ކަނޑައެޅުމެވެ. އަދި ކުރި ފާފައަކީ ކައްފާރާ ދީ ނުވަތަ ޤަޟާ ކުރަންޖެހޭ ފަދަ ކަމެއް ނަމަ، ކައްފާރާ ދީ އެ ކަމެއް ޤަޟާ ކުރަން ޖެހޭނެއެވެ. މީގެ މިސާލަކީ، ރޯދަ ނުހިފާ ދޫކޮށްފިނަމަ އެ ރޯދަ ޤަޟާ ކުރަން ޖެހޭނެއެވެ. ހުވާކޮށްފައި އެ ހުވަޔާ ޚިލާފުވެއްޖެނަމަ ތައުބާވެފައި އަދި އެކަމަށް ދޭން ޖެހޭ ކައްފާރާ ދޭން ޖެހޭނެއެވެ. އަދި ނަމާދެއް ދޫކޮށްފިނަމަ ނަމާދު ޤަޟާ ކުރަން ޖެހޭނެއެވެ.

ނޯޓް: ''ގިނަ ދުވަސްތަކެއް ވަންދެން ނަމާދު ނުކޮށް ހުރެފައި ތައުބާ ވުމުން، ކުރީގެ ހުރިހާ ނަމާދެއް ޤަޟާ ކުރަން ޖެހޭނެތޯ؟ ނުޖެހޭނެތޯ؟ މިއީ ޢިލްމުވެރިންގެ އަރިއަހުގައި ވަރަށް ބޮޑަށް ޚިލާފު އުފެދިފައިވާ މައްސަލައެކެވެ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ ކުރީގެ ނަމާދުތައް ޤަޟާ ކުރަން ނުޖެހޭނެ ކަމަށެވެ. އަނެއް ބައި ޢިލްމުވެރިން ވިދާޅުވަނީ ކުރަން ޖެހޭނެ ކަމަށެވެ. އަނެއް ބައި ޢިލްމުވެރިން ވިދާޅުވެފައި ވަނީ ކުރުން ވާޖިބު ނޫނަސް، ބޮޑަށް ރައްކާތެރި ވުމުގެ ގޮތުން ، ނަމާދު ޤަޟާ ކުރުމަށެވެ.''

ނަމަވެސް މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ ތިން ޝަރުޠު ފުރިހަމަ ކުރުމުގެ އިތުރުން، މީހުންގެ ޙައްޤުތައް އޭގެ ވެރިފަރާތައް ރައްދު ކޮށް، ޙައްޤު ކަނޑުވަން ޖެހޭ ކަމެއް އޮތް ނަމަ ޙައްޤު ކަނޑުވަން ޖެހެއެވެ.

ވަގަށް ނެގި އެއްޗެހި، ފޭރިގަތް މޮބައިލް، އޮޅުވާލައިގެން ކުރި ވިޔަފާރިން ލިބުނު ފައިދާ، ގެއްލުން ދީ ހަލާކުކޮށްލި އެއްޗެހީގެ ބަދަލު، އެ ޙައްޤު ވާ މީހުންނަށް ދޭން ޖެހެއެވެ. އަދި މީހަކު މަރާފައި ވާނަމަ، މަރުވި މީހާގެ ގޭ މީހުންނަށް ޤިޞާޞް ހިފުމުގެ ފުރުސަތު ލިއްބައި ދޭން ޖެހޭނެވެ. ފުރުޞަތު ލިބުމުން އެ މީހުން މަޢާފްކޮށްފިއްޔާ މަޢާފް ލިބުނީއެވެ.

ޙައްޤު އަދާ ކުރަން، ކުރެވެން އޮތް މަސައްކަތެއް ކުރުމާއެކުވެސް، ވެރިފަރާތް ނޭނގިގެން، އެ ވެރިފަރާތް އުޅޭތަން ނޭނގުމުން، އަތުގައި ފައިސާ ނެތުމުން ފަދަ ސަބަބެއް މެދުވެރިވެގެން، ޙައްޤު އަދާ ކުރަން ނުކުޅެދިއްޖެއްޔާ، އިރާދަ ކުރެއްވިއްޔާ ﷲ އޭނާގެ ފާފަ ފުއްސަވައި ދެއްވާނެއެވެ.

 

3- ޙަރާމް ކަމަކުން ހޯދި ފައިސާ އަށް ހަދާނެ ގޮތް:

މިސާލަކަށް މީހަކު ރާ ވިއްކައިގެން، ނުވަތަ ޒިނޭކޮށްގެން، ޖުވާ ކުޅެގެން، ޙަރާމް ލަވަ ކިޔައިގެން، ޙަރާމް ފިލްމު ކުޅުން ފަދަ ކަމެއް ކޮށްގެން ހޯދި ފައިސާ އަތުގައި ވަނިކޮށް، ތައުބާ ވާން ބޭނުމިއްޔާ މި ފައިސާއަށް ހަދާނީ ކިހިނެއްހެއްޔެވެ؟ ޖަވާބަކީ، ބައެއް ޢިލްމުވެރިން ވިދާޅުވަނީ މި ފައިސާ އެބައެއްގެ އަތުން އަތުލި މީހުންނަށް، އަނބުރާ ދޭން ޖެހޭނެ ކަމަށެވެ. މިސާލަކަށް ރާ ވިއްކާފައި ތައުބާ ވާ މީހާ ހޯދި ލާރި، ރާ ފުޅި ގަތް މީހާއަށް އަނބުރާ ދޭން ޖެހޭނެއެވެ. ހަށިވިއްކައިގެން ލާރި ހޯދާ އަންހެން މީހާ، އޭނާ އާ އެކު ޒިނޭ ކުރި މީހުންނަށް އެ މީހުން ދިން ލާރި ދޭން ޖެހޭނެއެވެ. މިހެން ވިދާޅުވާ ޢިލްމުވެރިންގެ ޙުއްޖަތަކީ، މި ފައިސާއަކީ ޝަރީޢަތާ ޚިލާފަށް ހޯދި ލާރިއަށް ވާތީ އޭނާއަށް އެ ޙައްޤު ނުވާނެ ކަމަށެވެ.

ނަމަވެސް އިބްނުލް ޤައްޔިމް ވިދާޅުވެފައި ވަނީ، މި މައްސަލާގައި ރަނގަޅު ރައުޔަކީ މި ރައުޔެއް ނޫން ކަމަށެވެ. ރަނގަޅު ރައުޔަކީ، މި ފައިސާ އިން ސަލާމަތް ވުމުގެ ނިޔަތުގައި ޞަދަޤާތް ދިނުމަށް ބުނާ ރައުޔެވެ. އިބްނު ތައިމިޔާ ވެސް އިޚްތިޔާރު ކުރެއްވި ރައުޔަކީ މިއީއެވެ. މީހަކު ޙަރާމް ކަމެއް ކުރަން ހޭދަ ކުރި ފައިސާ އަނބުރާ އޭނާއަށް ދެވޭނީ ކޮން ހަމައަކުންތޯ؟ އިބްނުލް ޤައްޔިމް ސުވާލު ކުރައްވައެވެ. ހަށިވިއްކާ އަންހެނާ ތައުބާ ވާން ވީމާ އޭނާ ހޯދި ފައިސާ ޒިނޭ ކުރި ފިރިހެނުންނަށް ދިނުން އަދި ރާ ގަތް މީހާއަށް އަނބުރާ އެ ފައިސާ ދިނުން ވާނީ، ޙަރާމްކަންތަކަށް ބާރު އަޅައި އެހީވުން ކަމަށް ވެސް އިބްނުލް ޤައްޔިމް ވިދާޅުވެއެވެ.

ޝައްކެއްވެސް ނެތް ގޮތުގައި، ﷲ ގެ އަމުފުޅާއި ޚިލާފުވެގެން ހުރެ ބޮޑެތި ޙަރާމް ކަންތައް ކޮށްގެން ގިނަ ފައިސާތަކެއް ޖަމާ ކުރުމަށް ފަހު، ތައުބާވެ، އެކަމަކު އެ ފައިސާ އިން އުޅުމަކީ ހުއްދަ ވާނެ ކަމެއް ނޫނެވެ. ވީމާ މިފަދަ ފައިސާއެއް ޖެހޭނީ، ކޮންމެވެސް ޢާއްމު މަސްލަހަތަކަށް ޚަރަދުކޮށް ހުސް ކޮށްލާށެވެ. ޞަދަޤާތެއްގެ ނިޔަތަކު ނޫނެވެ.

 

4-ޢަމަލުން ނުވަތަ ބަހުން ގެއްލުން ލިބުނު މީހާ ކިބައިން ޙައްޤު ކަނޑުވަން ޖެހޭނެހެއްޔެވެ؟

ޣީބާ ބުނުން، ދޭތެރެ ޖެއްސުން، ހުތުރު އެއްޗެހި ކިއުން، މަލާމާތް ކުރުން، އަދި ޤަޛްފު ކުރުން ފަދަ ކަމަކުން ތައުބާ ވާ މީހަކު، ތައުބާ ވުމުގެ އިތުރުން މި ޢަމަލުން ނުވަތަ ބަހުން ގެއްލުން ލިބުނު މީހާ ކިބައިން ޙައްޤު ކަނޑުވަން ޖެހޭނެހެއްޔެވެ؟

ޝާފިޢީ، ޙަނަފީ، މާލިކީ މަޛްހަބު އަދި ޖުމްހޫރު ޢިލްމުވެރިން ވިދާޅު ވަނީ، މަތީގައިވާ ފަދަ ކަމެއް ނުވަތަ ބަހެއް މީހަކަށް ރައްދުކޮށްފިނަމަ، އެ މީހަކަށް ތިމާ ދެއްކި ވާހަކަ އަންގައި އަދި ޙައްޤު ކަނޑުވަން ޖެހޭނެއެވެ. މިބޭފުޅުންގެ ދަލީލަކީ، މީހެއްގެ މައްޗަށް ޙައްޤެއް އޮތިއްޔާ އެ ޙައްޤު ކެނޑުވުމަށް، އަންގަވައި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ޙަދީޘެވެ.

ނަމަވެސް، ޝައިޚުލް އިސްލާމް އިބްނު ތައިމިޔާ އަދި އިބްނުލް ޤައްޔިމް ވިދާޅުވަނީ، މަތީގައިވާ ފަދަ ބަހެއް ނުވަތަ ކަމެއް ކޮށްފައި ވާނަމަ، ތެދުވެރި ތައުބާއަކުން ތައުބާ ވުމުން ފުދޭނެ ކަމަށެވެ. ހައްޤު ވެރިއާ ގާތަށް ގޮސް ޙައްޤު ކަނޑުވަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް އޭނާ ޣީބަ ބުނި ތަނުގައި ނުވަތަ ޤަޛްފު ކުރިތަނެއްގައި، ޣީބަ ބުނެވުނު މީހާއަށް ތަޢްރީފުކޮށް، ޤަޛްފު ކުރެވުނު މީހާގެ ޝަރަފްވެރި ވާހަކަ ދައްކައި، އެ މީހުންގެ ނަމަށް އެޅުނު ހުތުރު ނަން ފިލުވަން ޖެހޭނެއެވެ.

މި ބޭފުޅުން ޙުއްޖަތަކަށް ވިދާޅު ވަނީ، މީހަކަށް ޣީބަ ބުނެފައި ނުވަތަ ޤަޛްފް ކޮށްފައި އޭނާ ގާތަށް ގޮސް މިކަންތައް ކޮށްފީމޭ ބުނުމުން ނުކުންނާނެ ފައިދާއެއް ނޯންނާނެ ކަމަށެވެ. ނުކުތިއްޔާ ނުކުންނާނީ ނުބައި ނަތީޖާއެކެވެ. އެއީ ދެ މީހުންގެ ދެމެދުގައި ރުޅިވެރިކަން އުފެދި، ފަހަރެއްގައި ތަޅާފޮޅުމަކަށް ބަދަލުވެ، ނުވަތަ ޣީބަ، އަދި ޤަޛްފު ކުރެވުނު މީހާގެ ހިތުގައި ވޭނާއި ރުޅިވެރިކަން އިތުރު ވުން ފަދަ ނަތީޖާތަކެވެ.

 

5- ތައުބާ ވުމަށްފަހު، އޭނާ ފާފަ ކުރުމުގެ ކުރީގައި ހުރި ހާލަތަށް ދޭތަ؟

މީހަކު ﷲ ގެ ޙަޟްރަތުގައި ވަކި ދަރަޖައެއް ލިބިފައި ހުއްޓާ ފާފައެއް ކުރުމުން އެ ދަރަޖައިން ތިރީ ދަރަޖައަކަށް ވެއްޓޭނެއެވެ. ނަމަވެސް އޭނާ ތައުބާވެއްޖިއްޔާ ހަމަ ކުރީގެ މަތީ ދަރަޖަ ނުވަތަ މަޤާމަށް އެރޭނެހެއްޔެވެ؟ މި ސުވާލުގެ ޖަވާބުގައި ކުރީގެ ޢިލްމުވެރިން ވަނީ ޚިލާފުވެވަޑައިގެންފައެވެ. އަދި އެތައް ޚިޔާލެއް މި މައްސަލައާ ބެހޭ ގޮތުން ފާޅު ކުރެވިފައި ވެއެވެ. ނަމަވެސް މި މައްސަލާގައި އޮތް އެންމެ ރަނގަޅު ބަހަކީ ޝައިޚުލް އިސްލާމް އިބްނު ތައިމިޔާ ވިދާޅުވެފައިވާ ބަސްފުޅެކެވެ.

ވިދާޅުވިއެވެ: ''ރަނގަޅު ރައުޔަކީ، ތައުބާވާ މީހުންގެ ތެރޭގައި އޭނާ ފާފަ ކުރުމުގެ ކުރީގައި ހުރި ދަރަޖައަށް ނުދާ މީހުންވެސް ތިބެއެވެ. އަދި އެ ދަރަޖައަށް ދާ މީހުންވެސް ތިބެއެވެ. އަދި ބައެއް މީހުން ފާފަ ކުރުމުގެ ކުރީގައި ހުރި ދަރަޖައަށް ވުރެ މަތީ ދަރަޖައަކަށް ދެވި ކުރިއަށް ވުރެ ރަނގަޅު މަޤާމަކަށް ދެވޭ މީހުންވެސް ތިބެއެވެ. ދާއޫދުގެފާނު ތައުބާވެވަޑައިގަތުމަށް ފަހު، ކުރިއަށް މަޤާމް މަތިވެރިވެ، ހެޔޮކަން ބޮޑެވެ. ވީމާ މިހެން މިކަން އިޢްތިމާދު ވާނީ ތައުބާ ވުމަށް ފަހު ތައުބާ ވާ މީހާގެ ހާލު ހުންނަ ގޮތާއި، އޭނާ ފާފައާއި ދުރުވެ ރައްކާތެރިވެ ހުންނަވަރާއި، ހެޔޮކަންތައް ކުރާ ވަރާއި ޢަޒުމުގެ މައްޗަށެވެ. ތައުބާވުމަށް ފަހު ކުރިއަށް ވުރެ މިކަންތައްތައް ރަނގަޅު ނަމަ، ކުރިއަށް ވުރެ ރަނގަޅުވެ ދަރަޖަ މަތިވެރިވީއެވެ. މިކަންތައްތައް ހުރީ ކުރިއެކޭ އެއް ވަރަކަށް ނަމަ، ތައުބާވުމަށް ފަހުވެސް އޭނާ ހުންނާނީ ހަމަ ކުރީ ހުރި ދަރަޖައިގައެވެ. މިކަންތައްތައް ހުރީ ފާފަ ކުރި އިރަށް ވުރެ ދަށްކޮށް ނަމަ، ތައުބާވުމަށް ފަހު އޭނާގެ ދަރަޖަ ހުންނާނީ ކުރިއަށް ވުރެ ދަށުގައެވެ.''

މި މައްސަލައަށް މިސާލެއް ޖައްސަވަމުން އިބްނުލް ޤައްޔިމް ވިދާޅުވެފައި ވަނީ، މީގެ މިސާލަކީ މީހަކު ޖަމާޢަތުގައި ނަމާދު ކުރަން ސީދާ މަގަކުން މިސްކިތަށް ދަނިކޮށް، ފަހަތުން މިހަކު އައިސް ދެވުނަ ނުދޭން ހެދުމުގައި ހިފައި ހައްޔަރު ކުރީއެވެ. މިފަދަ މިހަކު ކަންތައް ކުރާނީ ދެގޮތަކަށެވެ. ފުރަތަމަ ގޮތަކީ މިސްކިތަށް ދެވުނަ ނުދޭން ހިފެހެއްޓުމުން އެކަމާ އަޅާ ނުލާ، ދެކޮޅެއްވެސް ނަހަދާ އެތާ މަޑު ކުރުމެވެ. މިއީ ތައުބާ ނުވާ މީހާގެ މިސާލެވެ. ދެވަނަ ގޮތަކީ އޭނާ އަތުން ސަލާމަތް ވެގެން ނަމަދަށް ދިއުމެވެ. މިއީ ތައުބާ ވާ މީހާގެ މިސާލެވެ.

މި މީހާ ހަދާނީ ތިން ގޮތެކެވެ. ފުރަތަމަ ގޮތަކީ ހިފެހެއްޓުނު ވަގުތުކޮޅު އަނބުރައި ހޯދުމަށްޓަކައި ކުރިން ހިނގިވަރަށް ވުރެ ބާރަށް، އަވަސް އަވަހަށް ދުވެފައި ނަމަވެސް މިސްކިތަށް ދިއުމެވެ. މި މީހާއަށް ކުރިން ދެވެން އޮތް ގަޑިއަށް ނުވަތަ އެއަށް ވުރެވެސް އަވަހަށް ދެވިދާނެއެވެ. ދެވަނަ ގޮތަކީ ހަމަ ކުރިން ވެސް ހިނގަމުން އައި ބާރު މިނުގައި އަނެއްކާވެސް ހިނގަން ފެއްޓުމެވެ. ތިންވަނަ ގޮަތަކީ ފަރުވާ ކުޑަވެ، ކުރިއަށް ވުރެ މަޑުން ހިނގާފައި މިސްކިތަށް ދިއުމެވެ. މި މީހާއަށް ފަހަރެއްގައި އޮންނާނީ ފުރަތަމަ ސަފު ގެއްލިފައެވެ. ނުވަތަ ޖަމާޢަތް ގެއްލިފައެވެ. ނުވަތަ ނަމާދުގެ ފުރަތަމަ ވަގުތުވެސް ގެއްލިދާނެއެވެ.

އަދި އެހެން މިސާލެއް ވެސް ޖައްސަވާފައި ވެއެވެ. އެއީ ބަލިވެގެން ބޭސް ފަރުވާ ކުރުމެވެ. މީހަކު ބަލިވުމަށް ފަހު ރަނގަޅަށް ބޭސް ފަރުވާ ކުރެވިއްޖެނަމަ ހަށިގަނޑުގެ ދިފާޢީ ބާރު ގަދަވެ، ޖަރާސީމުތަކަށް ވަދެވޭ ހުރިހާ ދޮރުތަކެއް ބަންދުވެދާނެއެވެ. އަދި ކުރިން ހުރި ޞިއްޙަތަށް ވުރެ، ފުރިހަމަ ޞިއްޙަތެއް ލިބި ހަށިގަނޑު ވަރުގަދަ ވެދާނެއެވެ. މިއީ ރަނަގަޅު ތައުބާއެއް ވެ، ފާފަތަކާ ދުރުވެ ހުންނަ މީހާގެ މިސާލެވެ. އެހެން މީހަކު ބަލިވީމާ، މޮޅޫ ނޫން ޙަކީމެއް ގާތަށް ގޮސް އާދައިގެ ބޭހެއް ނަގައިފިއްޔާ، ވަގުތީ ފަރުވާއެއް ލިބިދާނެއެވެ. އަދ ކުރީ ހުރި ޞިއްޙަތު ނުލިބި، ފަހަރެއްގާ މުސްތަޤްބަލުގައި އަލުން ބަލި ޖެހުމުގެ ފުރުސަތުވެސް ބޮޑު ވާނެއެވެ. މިއީ، ތައުބާވެފައި ނަމަވެސް ކުރީގެ ދަރަޖައަށް ނުދެވޭ މީހާގެ މިސާލެވެ.

 

6- ކުރެވިފައިވާ ފާފަތައް ބޮޑު ކަމުން ނުވަތަ ކުރެވިފައިވާ ފާފަ ގިނަކަމުން އުންމީދު ކަނޑާލުން:

ތިމާއަށް ކުރެވިފައިވާ ފާފަތައް ބޮޑު ކަމުން ނުވަތ ފާފަތައް ގިނަ ކަމުން ތައުބާ ނުވެވޭނެއޭ ހިތުމަކީ ވަރަށް ބޮޑު ގޯހެކެވެ. އަދި ތައުބާވެފައި އޮތް ކަމެއް ފަހުން ކުރެވުނަސް، ދެވަނަ ފަހަރަށް ތައުބާ ނުވެވޭނެއޭ ހިތުމަކީ، އިބިލީހުގެ ވަސްވާހުން ވާކަމެކެެވެ. އެއީ އިންސާނުންގެ ހިތުގައި މާޔޫސްކަން އުފައްދައި ތައުބާ ވުމާ މީހާ ދުރުކޮށް، މަޑުމަޑުން ދީނާއި ދުރަށް ގެންގޮސް އެއްކޮށް މަގުފުރައްދަން ޝައިޠާނާ ކުރާ ކަމެކެވެ.

ކިތަންމެ ގިނަ ފާފައެއް ކުރެވުނަސް، އަދި ކިތަންމެ ބޮޑު ފާފައެއް ކުރެވުނަސް، އުންމީދު ކަނޑާ ނުލާ ތައުބާވާށެވެ. ތައުބާގައި ދެމި ނުހުރެވިއްޖެނަމަ އަލުން އަނެއްކާ ކުރިއަށް ވުރެ ވަރުގަދަ ޢަޒުމަކާ އެކު ތައުބާ ވާށެވެ.

އައްޒުމަރް ސޫރަތުގެ 53 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ: قُلْ يَا عِبَادِي الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعاً إِنَّهُ هُوَ الْغَفُورُ الرَّحِيمُ 

މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަޙްމަތާމެދު އުއްމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ އެންމެހާ ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ."  (އައްޒުމަރް 53)

ޔޫސުފް ސޫރަތުގެ 87 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ: وَلا تَيْئَسُوا مِنْ رَوْحِ اللَّهِ إِنَّهُ لا يَيْئَسُ مِنْ رَوْحِ اللَّهِ إِلاَّ الْقَوْمُ الكَافِرُونَ  

މާނައަކީ: ''އަދި މާތް ﷲ ގެ ރަހްމަތްފުޅާމެދު އުންމީދު ކަނޑާނުލާށެވެ. ހަމަކަށަވަރުން ކާފިރުވީ މީހުން ނޫނީ، މާތް ﷲ ގެ ރަޙްމަތް ފުޅާމެދު ކަނޑާ ނުލާނެއެވެ.''

ފާފަ ކޮށްފައި ތައުބާވެފައި އަނެއްކާ ފާފާ ކުރެވިފައި އަނެއްކާ ތައުބާ ވާ މީހުންގެ ހިތަށް ހަމަޖެހުމެއް ގެނެސްދޭނެ ހަދީޘެއް މިތާނގައި ގެންނާނަމެވެ.

ޞަޙީޙް މުސްލިމްގެ ''ތައުބާ'' ބާބުގެ ''ތައުބާ އަދި ފާފަ ތަކުރާރުވިޔަސް ތައުބާ ޤަބޫލު ކުރެއްވުން '' މި ބައިގައި އޮންނަ ޙަދީޘެއް ގައި އޮވެއެވެ: عَنْ ‏ ‏أَبِي هُرَيْرَةَ ‏ عَنْ النَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏فِيمَا يَحْكِي عَنْ رَبِّهِ عَزَّ وَجَلَّ قَالَ أَذْنَبَ عَبْدٌ ذَنْبًا فَقَالَ اللَّهُمَّ اغْفِرْ لِي ذَنْبِي فَقَالَ تَبَارَكَ وَتَعَالَى ‏‏ أَذْنَبَ عَبْدِي ذَنْبًا فَعَلِمَ أَنَّ لَهُ رَبًّا يَغْفِرُ الذَّنْبَ وَيَأْخُذُ بِالذَّنْبِ ثُمَّ عَادَ فَأَذْنَبَ فَقَالَ أَيْ رَبِّ اغْفِرْ لِي ذَنْبِي فَقَالَ تَبَارَكَ وَتَعَالَى عَبْدِي أَذْنَبَ ذَنْبًا فَعَلِمَ أَنَّ لَهُ رَبًّا يَغْفِرُ الذَّنْبَ وَيَأْخُذُ بِالذَّنْبِ ثُمَّ عَادَ فَأَذْنَبَ فَقَالَ أَيْ رَبِّ اغْفِرْ لِي ذَنْبِي فَقَالَ تَبَارَكَ وَتَعَالَى أَذْنَبَ عَبْدِي ذَنْبًا فَعَلِمَ أَنَّ لَهُ رَبًّا يَغْفِرُ الذَّنْبَ وَيَأْخُذُ بِالذَّنْبِ اعْمَلْ مَا شِئْتَ فَقَدْ غَفَرْتُ لَكَ قَالَ ‏ ‏عَبْدُ الْأَعْلَى ‏ ‏لَا أَدْرِي أَقَالَ فِي الثَّالِثَةِ أَوْ الرَّابِعَةِ ‏ ‏اعْمَلْ مَا شِئْتَ 

މާނައަކީ: "އަބޫހުރައިރާ ރިވާ ކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނުގެ ކީރިތިވަންތަ މަތިވެރިވެވޮޑިގެންވާ މާތް ރަސްކަލާނގެ ވަޙީ ކުރެއްވި ކަމަށް ޙަދީޘް ކުރެއްވިއެވެ. '' ﷲ ވަޙީ ކުރެއްވިއެވެ. އަޅަކު ފާފައެއް ކުރުމަށް ފަހު ބުނެފިއެވެ. އޭ ﷲ އެވެ. އަހަރެންގެ ފާފާ ފުއްސަވައި ދެއްވާފާނދޭވެ! އެ ހިނދު ކީރިތިވަންތަ ﷲ ވަޙީ ކުރެއްވިއެވެ. އަހަރެންގެ އަޅާ ފާފައެއް ކޮށްފައި، އަދި އޭނާގެ ފާފަ ފުއްސަވާ ދެއްވައި، އަދި (ނުވަތަ) އެ ފާފައަށް ޢަޛާބު ދެއްވާ ކަލަކު ވޮޑިގަންނަވާކަން ހަނދާންކޮށްފިއެވެ. ދެން އަނެއްކާ ފާފައެއް ކޮށްފައި އޭނާ ބުނެފިއެވެ. އޭ ﷲ އެވެ. އަހަރެންގެ ފާފާ ފުއްސަވައި ދެއްވާފާނދޭވެ! ދެން އެ ހިނދު ކީރިތިވަންތަ ﷲ ވަޙީ ކުރެއްވިއެވެ. އަހަރެންގެ އަޅާ ފާފައެއް ކޮށްފައި، އަދި އޭނާގެ ފާފަ ފުއްސަވާ ދެއްވައި، އަދި (ނުވަތަ) އެ ފާފައަށް ޢަޛާބު ދެއްވާ ކަލަކު ވޮޑިގަންނަވާކަން ހަނދާންކޮށްފިއެވެ. ދެން އަނެއްކާ ފާފައެއް ކޮށްފައި އޭނާ ބުނެފިއެވެ. އޭ ﷲ އެވެ. އަހަރެންގެ ފާފާ ފުއްސަވައި ދެއްވާފާނދޭވެ! ދެން އެ ހިނދު ކީރިތިވަންތަ ﷲ ވަޙީ ކުރެއްވިއެވެ. އަހަރެންގެ އަޅާ ފާފައެއް ކޮށްފައި، އަދި އޭނާގެ ފާފަ ފުއްސަވާ ދެއްވައި، އަދި (ނުވަތަ) އެ ފާފައަށް ޢަޛާބު ދެއްވާ ކަލަކު ވޮޑިގަންނަވާކަން ހަނދާންކޮށްފިއެވެ. އޭ އަޅާއެވެ. ކަލޭ ބޭނުން ކަމެއް ކުރާށެވެ. ތިމަންރަސްކަލާނގެ ކަލޭގެ ފާފަ ފުއްސަވައި ދެއްވައިމީމެވެ.''

ﷲ އަކީ ފާފަ ފުއްސަވާ އޯގާވަންތަ ރަސްކަލާނގެއެވެ. އަދި އެކަލާނގެއަކީ އަޅުތަކުންގެ ބޭރުފުށުގެ ޢަމަލުތަކާއި ހިތުގައި ފޮރުވިފައިވާ ކަންތައްތައްވެސް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ވީމާ، ކުޅޭ ކުޅޭ ކަމަކަށް ހަދައިގެން އިޚްލާޞްތެރި ކަމެއް ނެތި ތައުބާ ވާ ކަމަށް ހެދުމަކީ ވަރަށް ވެސް ނުބައިކަން ބޮޑު ކަމެކެވެ.

 

7- ޒިނޭކޮށް ނުވަތަ މަސްތުވާތަކެތި ބޭނުން ކުރި މީހަކަށް ތައުބާ ވެވޭނެހެއްޔެވެ؟

ޒިނޭކުރުން އަދި ރާ ބުއިން ފަދަ ކަންކަމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ނަމަވެސް މީހަކަށް މި ބޮޑު ޙަރާމް ކަންތައް ކުރެވިއްޖެއްޔާ ދެން އޮތީ ތައުބާ ވުމެވެ. ﷲ އަކީ އެކަލާނގެ އަޅުތަކުންނަށް ރަޙުމް ބަހައްޓަވާ، އޯގާތެރިވަންތަ ރަސްކަލާނގެއެވެ. ވީމާ ފާފަ ކިތަންމެ ބޮޑަސް، އިޚްލާޞްތެރި ތައުބާއަކުން ތައުބާ ވެއްޖެނަމަ، މާތް ﷲ އެ މީހެއްގެ ފާފަ ފުއްސަވައި ދެއްވާނެކަން ޤުރުއާނާއި ސުންނަތުން ސާބިތުވެއެވެ.

މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ރަޙުމް ބަހައްޓަވާ މިންވަރު ތަސައްވުރު ކޮށްލަން، މި ވާހަކަ ކިޔާލާށެވެ. ޙަދީޘްގައި މިވާ ތަމްޘީލް ކުރުމަކީ ފަހަރެއްގައި ވެސް ﷲ ގެ ސިފަފުޅަކާއި އިންސާނެއްގެ ސިފަ އެއްގޮތް ކުރުމެއް ނޫނެވެ. އެއީ މުސްލިމުންގެ ސިކުނޑިއަށް މައްސަލަ ތަޞައްވުރު ކުރަން ފަސޭހައަކަށް ރަސޫލާ ޖެއްސެވި މިސާލެކެވެ.

ހަނގުރާމައިގައި ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި ހުރި އަންހެނަކު، އޭނާގެ ދަރިފުޅު ނުފެނިގެން ހޯދަމުން ދަނިކޮށް، އެ ކުއްޖާ ފެނުމުން އުރައި މޭމަތީގައި ބައްދައި ކިރުދޭން ފެށުމުން ރަސޫލާ އެއްފަހަރަކު އެކަލޭގެފާނުގެ ޞަޙާބީންނާ ސުވާލު ކުރެއްވިއެވެ. އެ އަންހެނާ އޭނާގެ ދަރިފުޅު އަލިފާނަށް އެއްލާލަފާނެހެއްޔެވެ؟ އެ ހިނދު ޞަޙާބީން، ނޫނެކޭ ދެންނެވިއެވެ. އަދި އޭނާއަށް ވެގެން އެކަން ވިޔަ ނުދޭނެ ކަމަށްވެސް ދެންނެވިއެވެ. ދެން ރަސޫލާ ޙަދީޘް ކުރެއްވީ ''މި އަންހެން މީހާ އޭނާގެ ދަރި ދެކެ ބަހައްޓާ ރަޙުމަތަށް ވުރެ ބޮޑަށް، މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ރަޙްމަތް ބަހައްޓަވައެވެ.'' (ޞަޙީޙް ބުޚާރީ، އަލް އަދަބް ބާބު)

 

ސޫރަތުލް ފުރްޤާން ގެ 68-71 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ: وَالَّذِينَ لا يَدْعُونَ مَعَ اللَّهِ إِلَهاً آخَرَ وَلا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلاَّ بِالْحَقِّ وَلا يَزْنُونَ وَمَنْ يَفْعَلْ ذَلِكَ يَلْقَ أَثَاماً * يُضَاعَفْ لَهُ الْعَذَابُ يَوْمَ الْقِيَامَةِ وَيَخْلُدْ فِيهِ مُهَاناً * إِلاَّ مَنْ تَابَ وَآمَنَ وَعَمِلَ عَمَلاً صَالِحاً فَأُوْلَئِكَ يُبَدِّلُ اللَّهُ سَيِّئَاتِهِمْ حَسَنَاتٍ وَكَانَ اللَّهُ غَفُوراً رَحِيماً * وَمَنْ تَابَ وَعَمِلَ صَالِحاً فَإِنَّهُ يَتُوبُ إِلَى اللَّهِ مَتَاباً 

މާނައަކީ: ''އަދި އެބައި މީހުންނަކީ މާތް ﷲ އާ އެކު އެހެން އިލާހަކަށް އަޅުކަންކޮށް ގޮވާ ނަހަދާ މީހުންނެވެ. އަދި މާތް ﷲ ހުރުމަތްތެރި ކުރައްވާފައިވާ ފުރާނައެއް ޙައްޤު ގޮތެއްގައި ނޫނީ ޤަތުލު ނުކުރާ މީހުންނެވެ. އަދި ޒިނޭ ނުކުރާ މީހުންނެވެ. އެއިން ކަމެއް ކޮށްފި މީހާ އެކަމުގެ ޢުޤޫބާތާއި ބައްދަލު ކުރާނެއެވެ. * އެ މީހަކަށް ޤިޔާމަތް ދުވަހު، ޢަޛާބު ދެގުނައަށް އިތުރު ވެގެން ދާނެއެވެ. އަދި އިހާނަތިކަން ލިބި ނިކަމެތި ކުރެވިގެންވާ ހާލު އެ ޢަޛާބު ތެރޭގައި އެ މީހަކު ދެމިހުންނާނެއެވެ. * ތައުބާވެ، އީމާންވެ، ހެޔޮ ޢަމަލަކުން ޢަމަލު ކުރި މީހަކު މެނުވީއެވެ. ފަހެ އަބައި މީހުންނާ މެދު މާތް ﷲ، އެބައިމީހުންގެ ކުށްފާފަތައް ހެޔޮކަންތަކަށް ބަދަލު ކުރައްވާނެތެވެ. މާތް ﷲ އީ ފާފަ ފުއްސަވާ ރަޙްމަތްވަންތަ ކަލާނގެ ކަމުގައި ވެއެވެ. * އަދި ތައުބާވެ ހެޔޮ ޢަމަލު ކޮށްފި މީހާ، ފަހެ ހަމަ ކަށަވަރުން އެ މީހާ އީ ތައުބާވުމަކުން މާތް ﷲ ކިބައަށް ތައުބާވެ ރުޖޫޢަ ވާ މީހެކެވެ."

ޝިރުކުކޮށް، މީހުން މަރައި، ޒިނޭކޮށް ހަދާ މީހުންނަށް ވަރުގަދަވެގެންވާ ޢަޛާބު މާތް ﷲ ދެއްވާނެ ކަން، ފުރަތަމަ ދެ އާޔަތުން އެބަ އެނގެއެވެ. ދެން ތިންވަނަ އާޔަތުގައި އެވަނީ މިއިން ކަމެއް ކޮށްފައި ވާ މީހަކު ތައުބާވެއްޖެނަމަ، ﷲ އެ މީހެއްގެ ފާފަ ފުއްސަވައި ދެއްވާނެ ކަމުގެ އުފާވެރި ޚަބަރެވެ.

އަލްމާއިދަތު ސޫރަތުގެ 38 ވަނަ އާޔަތުގައި ވައްކަން ކުރާ މީހުންގެ ޙުކުމް ބަޔާން ކުރެއްވުމަށް ފަހު، 39 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައި ވަނީ: فَمَنْ تَابَ مِنْ بَعْدِ ظُلْمِهِ وَأَصْلَحَ فَإِنَّ اللَّهَ يَتُوبُ عَلَيْهِ إِنَّ اللَّهَ غَفُورٌ رَحِيمٌ

މާނައަކީ: ''ފަހެ އަނިޔާވެރި ވުމަށްފަހު ތައުބާވެ އިޞްލާޙްވެއްޖެ މީހާ، ހަމަކަށަވަރުން މާތް ﷲ އެ މީހާގެ މައްޗަށް ތައުބާ ލައްވާނެތެވެ. ހަމަކަށަވަރުން މާތް ﷲ އީ ފާފަ ފުއްސަވާ، ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.''

ކިތަންމެ ގިނަ ފާފައެއް ކުރެވުނަސް، އެ ފާފަތައް ނު ފޮހެވޭނެ ކަމަށް ހިތައި އުންމީދު ކަނޑާނުލުމަށް އަންގަވައި ﷲ ވަޙީ ކުރައްވަނީ: قُلْ يَا عِبَادِي الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعاً إِنَّهُ هُوَ الْغَفُورُ الرَّحِيمُ

މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަޙްމަތާމެދު އުއްމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ އެންމެހާ ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ." (އައްޒުމަރް 53)

 

8- ކުށް ކުރެވުނީމާ ޖެހޭނީ، ފަރުދާކޮށް މާފު ކުރަންތަ؟ ނޫނީ ފާޅުކޮށް އަދަބު ދޭންތަ؟

މި މައްސަލައާ ބެހޭ ގޮތުން، އިތުރަށް ކިއުއްވުމަށް މިޞަފްޙާއަށް ވަޑައިގަންނަވާށެވެ.

 

9- ވާޖިބު ތައުބާ އާއި، ވުން އެދެވިގެންވަ ތައުބާ:

ތައުބާ ވުން ވާޖިބު ވާނީ ޙަރާމް ކަމެއް ކުރުމުން ނުވަތަ ކުރެވުމުން އަދި، ވާޖިބު ކަމެއް ދޫކުރުމުން ނުވަތަ ދޫކުރެވުމުންނެވެ. ތައުބާ ވުން އެދެވިގެންވަނީ (މުސްތަޙައްބު) މަކްރޫހަ ކަމެއް ކުރުމުން ނުވަތަ ކުރެވުމުން، އަދި މުސްތަޙައްބު ކަމެއް ކުރުމުން ނުވަތަ ކުރެވުމުނެވެ.

 

10- ތެދުވެރި ތައުބާ:

ސޫރަތުއް ތަޙްރީމްގެ 8 ވަނަ އާޔަތުގައި ވާ ފަދަ ''ތެދުވެރި ތައުބާ'' އަކީ ކޮބައިހެއްޔެވެ؟ ތެދުވެރި ތައުބާ ނުވަތަ ތައުބަތުއް ނަޞޫޙް އަކީ، އިޚްލާޞް ތެރިކަމާ އެކު އުނިކަމެއް ނެތި، ތައުބާ ގެ ޝަރުޠު ހަމަ ވާ ތައުބާއެވެ. އަދި ދެވަނަ ފަހަރަށް އެ ކުށް ނުކުރަން، ނަފްސަށް ނަސޭހަތްތެރިވާ ވަރުގެ ތައުބާއެވެ.

ޢުމަރުގެފާނު އަރިއަހު ''ތައުބަތުއް ނަޞޫޙް'' އަކީ ކޮބައިތޯ؟ ސުވާލު ދެންނެވުމުން ވިދާޅުވީ ''އެއީ ގެރީގެ އުރަމައްޗަށް އަނބުރާ ކިރު ރުޖޫޢަ ނުވާފަދައިން، ފާފައަކުން ތައުބާ ވެފައި އެ ފާފައަށް ރުޖޫޢަ ނުވުމެވެ.''

ޙަސަނުލް ބަޞްރީ ވިދާޅުވެފައި ވަނީ: އެއީ ''ހިތުން ދެރަވެ، ދުލުން އިސްތިޣްފާރު ކޮށް، ގުނަވަންތަކުން ފާފަ ކުރުން ހުއްޓާލާ، މުސްތަޤްބަލުގައި ފާފައަށް ރުޖޫޢަ ނުވާން ޢަޒުމް ކަނޑައެޅުމެވެ.''

އަދިވެސް ހަމަ ޙަސަނުލް ބަޞްރީ ވިދާޅުވެފައި ވަނީ '' ތެދުވެރި ތައުބާއަކީ، ކަލޭ ފާފަ ކުރަން ލޯބި ވި ވަރަށް، އެ ފާފަ ދެކެ ނަފްރަތު ކުރުމެވެ. އަދި ފާފަ ހަނދާން ވާ ހިނދު އިސްތިޣްފާރު ކުރުމެވެ.''

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.