Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތައުބާވާމީހުން ކުށްތަކުގައި ޖެހޭނީ ފަރުދާކޮށް މާފު ކުރަންތަ؟ ނޫނީ ފާޅުކޮށް އަދަބު ދޭންތަ؟

ކުށްތަކުގައި ޖެހޭނީ ފަރުދާކޮށް މާފު ކުރަންތަ؟ ނޫނީ ފާޅުކޮށް އަދަބު ދޭންތަ؟

thubaa-01މީހުންގެ ކުށް ހޯދަން އިސްލާމްދީން ނޫޅޭ:

ޙައްދުގެ މައްސަލަތަކުގައި އޮންނަ ވަރަށް މުހިއްމު ޙަޤީޤަތެއް ހާމަކުރަން ބޭނުމެވެ. އެއީ އިސްލާމް ދީން ފަހަރެއްގައިވެސް ޙައްދު ޤާއިމު ކުރަންވެގެން، މީސް މީހުންގެ ފަހަތުން ދުވަމުން ނުދެއެވެ. އަދި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް މީހަކު ކުރިއަސް، އެ ތަންފީޒު ކުރާނެ ކިރިއާވެސް ގޮތެއް އޮތްތޯ ހޯދައި ނުބަލައެވެ.

އަދި ކުށް ފާފަ ކުރާ މީހުން ހޯދަން، ޖާސޫސުކުރާކަށްވެސް ދީން ނާންގައެވެ. އަދި ޒިނޭ ކުރާ މީހުން އަތުލައިގަންނަން، ތަންތާ ކެމެރާ ހަރުކުރާކަށްވެސް ނާންގައެވެ. އަދި އިސްލާމީ ޝަރީޢަތާއި ޚިލާފުވާ މީހުން ހޯދަން، ޖާސޫސް ކުރާ ސިއްރު ފުލުހުންނެއްވެސް އިސްލާމް ދީން ބައިތިއްބާފައި ނެތެވެ.

ކިއެއްތަ އިސްލާމް ދީނުގައި، މީސްމީހުންގެ އަމިއްލަ ދިރިއުޅުމަށް ވަރަށް ބޮޑު ޙުރުމަތްތެރިކަމެއް ދީފައިވެއެވެ. އެގޮތުން މީސްމީހުންނަށް ޖާސޫސްކުރުން ވަނީ ދީނުގައި ޙަރާމް ކުރެވިފައެވެ. މީސްމީހުންގެ ފޮރުވިފައިވާ ކަންތައްތައް ހޯދައި ބެލުން ވަނީ ޙަރާމް ކުރެވިފައެވެ. ވަކި ފަރުދަކުވެސް އަދި ރަސްމީ ފަރާތަކުންވެސް މިފަދަ ކަމެއް ކޮށްގެން ނުވާނެއެވެ.

ޢަބްދުއްރަޙްމާން ބިން ޢައުފް ގެ އަރިހުން ޙާކިމް ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ.

عَنْ عَبْد الرحمَن ابن عَوْف ، أنهُ حَرسَ مَعَ عُمَر بن الخَطاب رَضيَ اللّه عَنْهم ليلة المَدينَة . فبَيْنما هم يَمْشون شَب لهمْ سرَاج فيْ بَيْت فانْطلقُوا يؤمُونه . فَلما دَنوا منْه إذا بَاب مجَاف على قوْم لهم فيْه أصْوات مرْتفعة ولغَط . فقال عُمَر: أتَدْري بيْت منْ هذا ؟ قال: لا، قَال : هَذا بَيْت رَبيْعة بنْ أمية بنْ خَلف وَهُمْ الآن شَرب فمَا تَرَى ؟ قال : أرَى أنْ قدْ أتينَا ما نَهى اللّه عَنه ، قال اللّه : {ولا تَجَسَّسُوا } ، فقَد تَجَسَّسنا فانْصرَفَ عَنْهُم عُمَر

މާނައަކީ: ޢަބްދުއްރަޙްމާން ބިން ޢައުފް ވިދާޅުވިއެވެ. ''އެއް ރެއަކު ޢުމަރުގެފާނާއި އެކީގައި މަދީނާގެ ކަންތައްތައް ބަލަންވެގެން އެ ދެބޭފުޅުން ބޭރަށް ނުކުތެވެ. ދެން އެ ދެ ބޭފުޅުން ހިނގާވަޑައިގަންނަވަމުން ދަނިކޮށް ގެއެއްގެ ތެރެއިން ބައްތި ދިއްލާފައި ވަނިކޮށް ފެނުނީމާ އެ ދިމާލަށް ހިނގައިގަނެ، އެ ގެއާއި އަރާ ހަމަ ކުރިއެވެ. އަދި އެވަގުތު ބަޔަކު މީހުން ތަޅުލައިގެން ގޭތެރޭގައި ތިއްބެވެ. އަދި އެތެރެއިން މީހުންގެ އަޑުފަށްގަނޑު އިވެއެވެ. އެ ހިނދު ޢުމަރުގެފާނު ވިދާޅުވިއެވެ: ''މިއީ ކާކުގެ ގެއެއްކަން އެނގޭހެއްޔެވެ؟'' ޢަބްދުއްރަޙްމާން ދެންނެވިއެވެ:''ނޫނެކެވެ.'' ޢުމަރުގެފާނު ވިދާޅުވިއެވެ: ''މިއީ ރަބީޢާ ބިން އުމައްޔާ ބިން ޚަލަފްގެ ގެއެވެ. އަދި މިހާރު އެ މީހުން އެ އުޅެނީ ރާ ބޮއެގެންނެވެ. ފެންނަނީ ކިހިނެއް ހަދަން ހެއްޔެވެ؟'' ޢަބްދުއްރަޙްމާން ދެންނެވިއެވެ. އަޅުގަނޑަށް ފެންނަނީ، މާތް ﷲ ނަހީ ކުރެއްވި ކަމެއް އަޅުގަނޑުމެންނަށް ކުރެވުނު ތަނެވެ. މާތް ﷲ އަންގަވަނީ ولا تَجَسَّسُوا މި ފަދައިންނެވެ. އެކަމަކު އަޅުގަނޑުމެންނަށް ޖާސޫސް ކުރެވިއްޖެއެވެ. ''އެ ހިނދު ޢުމަރުގެފާނު އެ މީހުން ދޫކޮށްލައްވާފައި ވަޑައިގަތެވެ.'' (ރިވާ ކުރެއްވީ، މުސްތަދްރަކް ގައި އަލްޙާކިމް އަދި މީގެ ސަނަދު ރަނގަޅުކަމަށް ވިދާޅުވި، އަދި ޛަހަބީ މިއާއި އެއްބަސްވެލައްވާ)

عَنْ بْنِ وَهْبٍ :أُتِيَ مَسْعُودٍ هَذَا فُلَانٌ تَقْطُرُ لِحْيَتُهُ خَمْرًا فَقَالَ اللَّهِ قَدْ عَنْ التَّجَسُّسِ وَلَكِنْ إِنْ يَظْهَرْ لَنَا شَيْءٌ نَأْخُذْ بِهِ‏ ‏زَيْدِ‏ ‏قَالَ‏ ‏ ‏ابْنُ‏ ‏فَقِيلَ‏ ‏عَبْدُ‏ ‏إِنَّا‏ ‏نُهِينَا ‏

މާނައަކީ: "ޒައިދް ބިން ވަހްބުގެ އަރިހުން އަބޫދާއޫދް އަދި ޙާކިމް ރިވާކުރެއްވިއެވެ. ވިދާޅުވިއެވެ. ''އިބްނު މަސްޢޫދް އަރިއަހަށް މީހަކު ގެނެވުނެވެ. އަދި ދެންނެވުނެވެ. މީނާ މީ މިވެނި މީހެކެވެ. އަދި މީނާގެ ތުނބުޅިން ހުރީ (އަތުލައިގަތް ވަގުތު) ރާ ތިކި ޖަހަޖަހައެވެ.'' އެ ހިނދު ޢަބްދުއްﷲ ވިދާޅުވިއެވެ. ''ހަމަކަށަވަރުން، ޖާސޫސް ކުރުން (މީސް މީހުންގެ ކުށްތައް ހޯދުން) ވަނީ އަހަރެމެންނަށް މަނާ ކުރެވިފައެވެ. އެކަމަކު ކަމެއް ފާޅުވެ އެނގިއްޖެނަމަ އަހަރެމެން އެކަމަށް އަދަބު ދޭނަމެވެ. '' (ރިވާކުރެއްވީ ޙާކިމް އަދި އަބޫދާއޫދް)

ކުށް ފާފަތައް ފަރުދާ ކުރަން އިސްލާމްދީން ބާރު އަޅާ:

ކީރިތި ރަސޫލާ އަހަރެމެންނަށް ވަރަށް ޞަރީޙަކޮށް އަންގަވާފައި ވަނީ، މުސްލިމެއްގެ ޢައުރައެއް ފެނިއްޖެނަމަ (މީހުންނަށް އެނގެން ބޭނުން ނުވާ، ފޮރުވިފައިވާ ކަންތައް) އެކަން ބޭޒާރު ނުކޮށް، ފަރުދާ ކުރުމަށެވެ. އަދި އަމިއްލައަށްު ކުރެވޭ ފާފައެއްވެސް، މާތް ﷲ އެ ފާފަ ފަރުދާ ކުރެއްވީމާ، ދެން އެކަން އަމިއްލައަށް ހާމަ ނުކުރުމަށެވެ. ހަމަ އެހެންމެ މީހުންގެ ސިއްރުތަކުގެ ފަހަތުން ހިނގައި އެކަންތަކުގެ ވާހަކަ ދެއްކުމަކީވެސް ދީނުގައި ނަހީ ކޮށްފައިވާ ކަމެކެވެ.

ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ: مَنْ سَتَرَ أخَاهُ المُسْلم في الدُنيَا، سَتَرهُ الله فيْ الدُنْيا وَالآخِرة

"ދުނިޔޭގައި އޭނާގެ މުސްލިމް އަޚާ ފަރުދާކޮށްފި މީހާ، މާތް ﷲ، ދުނިޔެއާއި އާޚިރަތުގައިވެސް ފަރުދާކޮށް ދެއްވާނެއެވެ." (ރިވާ ކުރެއްވީ އަބޫ ދާއޫދް)

عَنْ ‏ ‏عُقْبَةَ بْنِ عَامِرٍ ‏ عَنْ النَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏قَالَ :‏ ‏مَنْ رَأَى عَوْرَةً فَسَتَرَهَا كَانَ كَمَنْ أَحْيَا ‏ ‏مَوْءُودَةً

މާނައަކީ: "އުޤްބާ ބިން ޢާމިރް ކީރިތި ރަސޫލާ އަރިހުން ރިވާ ކުރެއްވިއެވެ. ރަސޫލާ ޙަދީޘް ކުރެއްވިއެވެ. "މީހެއްގެ ޢައުރައެއް ފެނި (މީހުންނަށް އެނގެން ބޭނުން ނުވާ، ފޮރުވިފައިވާ ކަންތައް) އަދި އެކަން ފަރުދާކޮށްފި މީހާގެ މިސާލަކީ، ދިރިހުއްޓާ ވަޅުލެވުނު އަންހެން ކުއްޖެއް ސަލާމަތް ކުރާމީހާގެ މިސާލެވެ. (ރިވާކުރެއްވީ އަބޫދާއޫދް، އަލްއަދަބް ބާބުގައި)

މި ޙަދީޘްގެ މުރާދު ކަމަށް، އަލްމަންނާވީ ވިދާޅުވެފައިވަނީ، މީހަކު ލަދުގަންނަ ފަދަ ކަމަކީ، އެކަން ފާޅުކޮށްފިނަމަ އޭނާ މަރުވުންފަދަ ކަމެކެވެ. ވީމާ އެކަން ސިއްރުކޮށް ފަރުދާކޮށް ދިނުމަކީ މީހަކު މަރުން ސަލާމަތްކޮށް ދިނުން ފަދަ ކަމެކެވެ. އަނެއް މުރާދަކީ ފަރުދާކޮށް ދިނުމަކީ ވަޅުލެވޭ ކުއްޖަކު ސަލާމަތް ކުރުންފަދަ ޘަވާބު ލިބޭ ކަމެކެވެ.

އަދި މާޢިޒްގެ މައްޗަށް ޒިނޭގެ ޙައްދު ޤާއިމު ކުރެއްވުމަށްފަހު ކީރިތި ރަސޫލާ ޙަދީޘް ކުރެއްވީ: اجْتنبُوا هَذه القَاذُوْرَات الَّتي نهى اللّه عَزَّ وَجَل عَنْها فَمَنْ ألمَّ فَلْيَسْتَتر بستر اللّه عَزَّ وَجَلَّ، فَإنَّه مَنْ يبد لنَا صَفْحتُه نَقُم عَليْه الحَد

މާނައަކީ: "ކުރުން ﷲ ނަހީ ކުރައްވާފައިވާ މި މުޑުދާރު ކަންތަކުން ކަލޭމެން ދުރުހެލިވާށެވެ. އަދި އެ ކަން ކުރެވިއްޖެ މީހާ ފަހެ، ﷲ އޭނާ ފަރުދާ ކުރެއްވީމާ އެ ކުށް ފަރުދާ ކުރާށެވެ. ހަމަ ކަށަވަރުންވެސް ތިމަންކަލޭގެފާނަށް، އޭނާ ކުޅަ ފާފަ ހާމަކޮށްފި މީހަކަށް ޙައްދު ޤާއިމު ކުރަމެވެ.''

މާޢިޒް ޒިނޭ ކުރީމާ، އެކަމަށް އިޢްތިރާފްވާން މާޢިޒް ކައިރީ ބުނެ ނަސޭހަތް ދިން ހުޒާލް އަށް ރަސޫލާ ޙަދީޘް ކުރެއްވީ ''ކަލޭ އޭނާ ފަރުދާ ކުރިނަމަ މާ ހެޔޮކަން ބޮޑުވީސް'' ކަމުގައެވެ.

ބައެއް މީހުންނަށް ހީވެފައި އޮންނަނީ، މީހަކު ފާފައެއް ކުރާތަން ފެނުމުން އެ ވާހަކަ މީހުންގެ ތެރޭގައި ދައްކާ އޭނާ ފަޟީޙަތް ކޮށްލުމަކީ އެއީ އެކަން ހުއްޓުވަން އޮތް އެންމެ ރަނގަޅު ހަތިޔާރު ކަމުގައެވެ. މީހެއްގެ އަންބެއް ގޯސް ކަމެއް ކުރާކަން މީހަކަށް އެނގިއްޖެނަމަ، އެކަން އެނގުނު މީހާ ދެކޭ ގޮތުގައި އެ ވާހަކަ އެ އަންހެން މީހާގެ ފިރިމީހާ ކައިރީ ބުނުމަކީ އެއީ އޭނާގެ މައްޗަށް ދީނީ ގޮތުން އޮތް ވާޖިބެކެވެ.

ނުބައި ކަމެއް ފެނިއްޖެނަމަ އެކަމެއް އިސްލާހު ކުރަން ޖެހޭނެއެވެ. އެ ގޮތުން މިފަދަ ކަމެއް ޔަޤީންވެ އެނގިއްޖެނަމަ، އެ ކަމެއް ކުރާ މީހަކަށް ވަކިން ނަސޭޙަތް ދެވިދާނެއެވެ. ސީދާ ގޮތެއްގައި ނުވަތަ އޭނާ ދަންނަ އެހެން މީހެއް މެދުވެރިކޮށްވެސް މިކަން ކުރެވިދާނެއެވެ.

ރައްޓެއްސެއްގެ ފިރިމީހާ އެހެން އަންހެން ކުއްޖަކާ ގުޅުން އޮންނަކަން އެނގުނީމާ ބައެއް އަންހެނުން އަވަސްވެގަންނަނީ، އެ ޚަބަރު ރަޙްމަތްތެރިއާއަށް ދިނުމަށެވެ. ނަތީޖާއަކީ ޢާއިލާއެއް ފުނޑުފުނޑުވުމެވެ. ވީމާ އެ ނުކުތީ، ރަޙްމަތްތެރިއާއަށް ރަނގަޅު ނަތީޖާއެއް ނޫނެވެ. ވީމާ މިހެން ހެދުމުގެ ބަދަލުގައި، ފުރަތަމަ އެ ފިރިމީހާއަށް ނަސޭހަތްދީ، އިސްލާޙް ކުރެވޭތޯ ބެލުން ކިހިނެއްވާނެ ހެއްޔެވެ؟ މުސްލިމެއްގެ ކުށެއް ފަރުދާ ކުރުމަކީ ކިހާ މުހިންމު ކަމެއްކަން މަތީގައިވާ ޙަދީޘްތަކުން އެނގެން އެބައޮތެވެ.

އަދިވެސް އެހެން މައްސަލައެކެވެ. އެއީ ނޫސް މަޖައްލާތަކުން މީސް މީހުންގެ -ވަކިން ޚާއްޞަކޮށް މަޝްހޫރު މީހުން- އަމިއްލަ ދިރިއުޅުމުގެ ތެރެއަށް ވަދެ، ކުރެވޭ ކުށްފާފަތައް އެތަކެއް ހާސް ބަޔަކަށް ކިޔައިދީ ފަޟީޙަތް ކުރާ މައްސަލައެވެ. މީހުންގެ ޢައުރަތައް ހޯދައި ނުބެލުމަށް ދީން އަންގަވާފައިވާ އެންގެވުމަށް ކުޑަވެސް އަޅާލުމެއް ނުދީއެވެ. މީހުންގެ ފާފަތައް ފަރުދާކުރުމަށް އަންގަވާފައިވާ އެންގެވުމަށް ކުޑަވެސް ބެލެމެއް ނެތިއެވެ. މީހާއަކީ މަޝްހޫރު ނުވަތަ ޢާއްމު ޝަޚްޞިއްޔަތަކަށް ވިޔަސް އެއީ އޭނާގެ، ސިއްރުތައް ހޯދައި ބަލަން ޖެހޭނެ ކަމެއް ނޫނެވެ.

ޢާއްމުންނަށް ބޭނުންވަނީ، އެ މީހާ މަސައްކަތް ކުރާ ދާއިރާ އާއި ގުޅުން ހުރި ކަންތައްތަކުގެ ވާހަކައެވެ. މީސް މީހުންނަށް ކުރެވޭ ކުށް ފާފަތަކެއް ނޫނެވެ. މި ގޮތަށް މިފަދަ ވާހަކަތައް ޖަހާ މީހުން، ތިމާގެ ދައްތައެއް ނުވަތަ ބޭބެއެއް ނުވަތަ ތިމާގެ މީހެއް، ބަދްއަޚްލާޤީ ކަމެއްކޮށްގެން، އެހެން ބަޔަކު އެވާހަކަ ފަތުރަން ބޭނުން ވާނެހެއްޔެވެ؟ ޖަވާބު އެންމެންނަށްވެސް އެނގެއެވެ.

އަނެއްކޮޅުން، މިފަދަ ވާހަކަތައް ޚަބަރުފަތުރާ ވަސީލަތްތަކުގައި ފެތުރުމަކީ އެއީ މުޖްތަމަޢުން އެފަދަ ކަންތައް ހުއްޓުވޭ ކަމެއްވެސް ނޫނެވެ. ކިއެއްތަ، އެއީ އެފަދަ ކަންތައް ފެތުރޭ ކަމެކެވެ. މީހުންގެ ލަދުހަޔާތް ކެނޑޭ ކަމެކެވެ.

ނޯޓު: މުޖްތަމަޢްގައި ހިނގާ ބައެއްކަހަލަ ކުށްތަކަކީ، ކަމާބެހޭ ފަރާތަށް އަންގަންޖެހޭ ކަންތަކެވެ. މިސާލަކަށް މީހަކު މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަން އެނގިހުރެ އޭނާގެ ކުށް ފަރުދާ ކުރާށޭ ކިޔާފައި، އެކަން ސިއްރުކޮށްގެން ނުވާނެއެވެ. ކަސްބީ ވިޔަފާރި ކުރާ މީހުންގެ ކުށްފަރުދާ ކުރާށޭ ކިޔާފައި އެކަން ސިއްރުކޮށްގެން ނުވާނެއެވެ. ތަންތަން ލޫޓުވާ މީހުން ފަރުދާކުރުމުގެ ނަމުގައި، އެކަން ސިއްރުކޮށްގެން ނުވާނެއެވެ. މިއީ ފަހަރެއްގައިވެސް، ޙަދީޘްގައިވާ ފަރުދާ ކުރުމެއް ނޫނެވެ.

ޙައްދު ޤާއިމުކުރަން އިސްލާމްދީން އަވަސް އަރުވައި ނުގަނޭ:

އެއްވެސް މީހެއްގެ މައްޗަށް ޙައްދު ޤާއިމު ކުރަން އިސްލާމް ދީން އަވަސް އަރުވާލައި ނުގަންނަކަން މާޢިޒްގެ ޙާދިސާއިންވެސް އަހަރެމެންނަށް އެނގިއްޖެއެވެ.

މާޢިޒް ޒިނޭ ކުރުމަށްފަހު، ކީރިތި ރަސޫލާ އަރިއަހަށް އައިސް ޠާހިރުކޮށް ދޭން ދެންނެވިއެވެ. އެހެން ދެންނެވުމުން ރަސޫލާ ޙަދީޘް ކުރެއްވީ، އެނބުރި ގޮސް ތައުބާވެ އިސްތިޣްފާރު ކުރުމަށެވެ. ދެވަނަ ދުވަހުވެސް އައިސް ހަމަ ކުރިން ދެންނެވިހެން ދެންނެވިއެވެ. މިފަހަރުވެސް ރަސޫލާ އޭނާ ފޮނުއްވާލެއްވިއެވެ. މިގޮތަށް ހަތަރަވަނަ ފަހަރު އައުމުން، ޠާހިރުކޮށް ދޭންވީ ކޮންކަމަކުންތޯ އެއްސެވިއެވެ. އެހިނދު މާޢިޒް ދެންނެވީ ޒިނޭއިން ކަމަށެވެ. އެ ވަގުތު ރަސޫލާ، ޞަޙާބީންނާ ސުވާލު ކުރެއްވީ އޭނާ މޮޔަވީތޯއެވެ. މޮޔަ ނޫން ކަމަށް ދެންނެވުނު ހިނދު ސުވާލު ކުރެއްވީ، އޭނާ ރާ ބޮއެފައިވޭތޯއެވެ؟ މީހަކު ތެދުވެ އޭނާގެ އަނގައިން ވަސް ބަލާފައި، ރާބޮއެފައިވެސް ނެތްކަމަށް ދެންނެވުމުން، ޒިނޭ ކުރިންތޯ އައްސަވައި ސުވާލު ކުރެއްވިއެވެ. ޖަވާބުގައި، އޭނާ އާނއެކޭ ދެންނެވުމުން ރަޖަމްކުރަން އެންގެވިއެވެ.

ދެން ރަޖަމް ކުރަން އުޅުމުން އޭނާ ފިލިއެވެ. ނަމަވެސް ޞަޙާބީން އޭނާ ރަޖަމް ކުރިއެވެ. އެހިނދު ރަސޫލާ ޙަދީޘް ކުރެއްވީ ''އޭނާ ތައުބާވެ، ﷲ އޭނާއަށް ތައުބާ ކުރައްވަން ދޫކޮށްލި ނަމަ'' އެވެ. މިއިން އެނގެނީ އޭނާ ފިލައިގެން ދިޔަނަމަ، ކޮންމެހެން އޭނާ ހޯދައިގެން ޙައްދު ޤާއިމް ކުރައްވަން ރަސޫލާ ބޭނުންފުޅު ނޫން ކަމެވެ.

އަދި އެހެން ރިވާޔަތެއްގައި އޮންނަނީ، ''ކަލޭ ފަހަރެއްގައި ދޮން ދިނީކަމަށް ވެދާނެއޭ'' ''ކަލޭ ފަހަރެއްގައި އަތް ލީ ކަމަށް ވެދާނެއޭ'' ފަދަ ބަސްފުޅުތައް ވިދާޅުވެ، އޭނާ ފޮނުއްވާލަން މަސައްކަތް ކުރެއްވި ކަމަށެވެ. ޣާމިދިއްޔާ އޭ ކިޔޭ އަންހެނެއްވެސް އައިސް ތިމަންނައަށް ޒިނޭ ކުރެވިއްޖެއޭ ދެންނެވުމުން، ފޮނުއްވާލައްވަން އުޅުއްވުމުން އެ ކަމަނާ ދެންނެވީ، ކުރީ ދުވަހު މާޢިޒްވެސް ފޮނުއްވި ގޮތަށް ތިމަން ކަމަނާވެސް ފޮނުއްވާލައްވަން އުޅުއްވަނީތޯއެވެ. ދެން ރަސޫލާ އެންގެވީ ވިހައި ނިމިގެން އަންނާށެވެ. ދެން އެންގެވީ ކިރުދީ ނިމިގެން އަންނާށެވެ. ކިރުދީ ނިމިގެން އައިސް ޙައްދު ޤާއިމު ކުރުވަން އެދި ދޫ ނުކުރުމުން ރަޖަމް ކުރުމަށް އަމުރު ކުރެއްވިއެވެ.

މަތީގައި ވަނީ މިވާހަކަ، ޞަޙީޙް މުސްލިމްގެ ޙައްދާއި ބެހޭ ބާބުގެ ''ޒިނޭ ކުރިކަމަށް އަމިއްލައަށް އިޢްތިރާފްވުން'' މިފަޞްލުގައި އައިސްފައިވާ ގޮތެވެ. އެހެން ރިވާޔަތްތަކުގައި ވެސް މިޙަދީޘް ވަރަށް ކުދިކުދި ތަފާތާއެކު އައިސްފައިވެއެވެ. ޖުމްލަމާނަ އަދި މައިގަނޑު ހާދިސާ މުޅިން ހަމަ އެއްގޮތެވެ.

ޙާކިމް ރިވާކުރެއްވި އަޘަރެއްގައި، އަބޫ ބުރްދާ ވިދާޅުވެފައި ވަނީ މަޢިޒާއި ޣާމިދިއްޔާ ހަތަރުވަނަ ފަހަރު ނައިނަމަ، ކީރިތި ރަސޫލާ އެ މީހުން ނުހޯއްދެވީސް ކަމަށެވެ.

މާފުކުރަން އިސްލާމް ދީން ބާރު އަޅާ:

މީހުންގެ ޙައްޤާއި ގުޅުފައިވާ ޙައްދު ޤާއިމު ކުރެވޭ ވައްކަން ފަދަ މައްސަލަތަކުގައިވެސް، އިސްލާމް ދީން އަހަރެމެންނަށް އިރުޝާދު ދީފައިވަނީ، އެ މައްސަލަ ޤަޟީ ކުރިމައްޗަށް ހުށަ ނޭޅޭނަމަ ދެފަރާތް އެއްބަސްވެ މާފު ކުރުމަށެވެ. އެއީ ވައްކަންކުރި މީހާ ނެގި އެތި އަނބުރާ ރައްދުކޮށް ތައުބާވުމަށްފަހުއެވެ. ނަމަވެސް މައްސަލަ ޤާޟީ އާއި ހަމައަށް ގެންދެވިއްޖެނަމަ، މާފު ކުރާނެ ޖާގައެއް ނޯންނާނެއެވެ.

މިކަމާއި ބެހޭ ގޮތުން އައިސްފައިވާ ޙަދީޘެއްގައި ވެއެވެ.  ادرَؤا الحُدُودَ عَنْ المسْلميْن ما اسْتَطَعتُم فَإنْ كَانَ له مَخْرَج فخلُوا سَبيْله. فإن الإمام إن يُخْطئ في العَفْو خيْر منْ أنْ يُخْطئ فيْ العقوبَة

މާނައަކީ: "ކަލޭމެންނަށް ވީ ވަރަކުން މުސްލިމުންގެ ކިބައިން ޙައްދު ދުރު ކުރާށެވެ. ފަހެ ގޮތެއް އޮތިއްޔާ އޭނާ ދޫކޮށްލާށެވެ. ފަހެ އިމާމް މީހާ އޮޅިގެން (ނުޙައްޤު) ޢުޤޫބާތް ދިނުމަށް ވުރެން، އޮޅިގެން (ނު ޙައްޤުން) ޢަފޫކޮށް ދޫކޮށްލުންވެސް ރަނގަޅެވެ.'' (ރިވާ ކުރެއްވީ ތިރްމިޛީ/ ބާބުލް ޙުދޫދް)

އެއްފަހަރަކު މީހަކު ވައްކަން ކޮށްގެން، ކީރިތި ރަސޫލާ އަރިއަހަށް ގެނެވި، އޭނާގެ އަތް ކަނޑަން ޙުކުމް ކުރެވުނެވެ. އަދި އެވަގުތު ކީރިތި ރަސޫލާގެ މޫނުފުޅު މަތިން ދެރަފުޅުވުމުގެ އަސަރު ފާޅުވިއެވެ. އެހިނދު ޞަޙާބީން އެ ކަމާ ސުވާލު ދެންނެވުމުން ޙަދީޘް ކުރެއްވީ، އިމާމާ ހަމައަށް ޙައްދު އޮތް މައްސަލައެއް ހުށައެޅިއްޖެނަމަ، ޙައްދު ޤާއިމު ކުރުން ނޫން ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ސޫރަތުއްނޫރުގެ 22 ވަނަ އާޔަތް ވިދާޅުވުމަށް ފަހު އެންގެވީ މީހުންނަށް މާފުކޮށް ދޫކުރުމަށެވެ. (ކޯޓާ ހަމައަށް އައުމުގެ ކުރިން)

އަބޫ އުމާމާ ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ.

‏‏‏‏أَبُو أُمَامَةَ ‏‏ قَالَ: ‏بَيْنَمَا رَسُولُ اللَّهِ ‏‏ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏فِي الْمَسْجِدِ وَنَحْنُ قُعُودٌ مَعَهُ إِذْ جَاءَ ‏ ‏رَجُلٌ ‏‏ فَقَالَ يَا رَسُولَ اللَّهِ إِنِّي ‏ ‏أَصَبْتُ ‏ ‏حَدًّا فَأَقِمْهُ عَلَيَّ فَسَكَتَ عَنْهُ رَسُولُ اللَّهِ ‏‏ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏ثُمَّ أَعَادَ فَقَالَ يَا رَسُولَ اللَّهِ إِنِّي ‏ ‏أَصَبْتُ ‏ ‏حَدًّا فَأَقِمْهُ عَلَيَّ فَسَكَتَ عَنْهُ وَأُقِيمَتْ الصَّلَاةُ فَلَمَّا انْصَرَفَ نَبِيُّ اللَّهِ ‏‏ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏‏ قَالَ ‏ ‏أَبُو أُمَامَةَ ‏ ‏فَاتَّبَعَ الرَّجُلُ رَسُولَ اللَّهِ ‏‏ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏‏ حِينَ انْصَرَفَ وَاتَّبَعْتُ رَسُولَ اللَّهِ ‏‏ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏أَنْظُرُ مَا يَرُدُّ عَلَى الرَّجُلِ فَلَحِقَ الرَّجُلُ رَسُولَ اللَّهِ ‏‏ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏‏ فَقَالَ يَا رَسُولَ اللَّهِ إِنِّي أَصَبْتُ حَدًّا فَأَقِمْهُ عَلَيَّ قَالَ ‏ ‏أَبُو أُمَامَةَ ‏‏ فَقَالَ لَهُ رَسُولُ اللَّهِ ‏‏ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏أَرَأَيْتَ حِينَ خَرَجْتَ مِنْ بَيْتِكَ أَلَيْسَ قَدْ تَوَضَّأْتَ فَأَحْسَنْتَ الْوُضُوءَ قَالَ بَلَى يَا رَسُولَ اللَّهِ قَالَ ثُمَّ شَهِدْتَ الصَّلَاةَ مَعَنَا فَقَالَ نَعَمْ يَا رَسُولَ اللَّهِ قَالَ فَقَالَ لَهُ رَسُولُ اللَّهِ ‏‏ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏فَإِنَّ اللَّهَ قَدْ غَفَرَ لَكَ حَدَّكَ ‏ ‏أَوْ قَالَ ذَنْبَكَ

މާނައަކީ: ''އަހަރެމެން ކީރިތި ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަ އަރިހުގައި މިސްކިތުގައި ތިއްބާ، މީހަކު އައިސް ދެންނެވިއެވެ.'' އޭ ﷲ ގެ ރަސޫލާއެވެ. އަޅުގަނޑު ޙައްދު ޤާއިމު ކުރެވޭފަދަ ކަމެއް ކޮށްފީމެވެ. ވީމާ އަޅުގަނޑުގެ މައްޗަށް އެކަން ތަންފީޒު ކުރައްވާށެވެ.'' އަދި ކީރިތި ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަ އެއްޗެއް ޙަދީޘްނުކުރެއްވިއެވެ. އަދި ނަމާދު ކުރެވުނެވެ. ދެން ނަމާދު ނިންމަވާފައި ކީރިތި ރަސޫލާ ވަޑައިގަންނަވަން ފެއްޓެވީމާ ފަހަތްޕުޅުން އެމީހާވެސް ދިޔައެވެ. އަދި އެމީހާއަށް ރަސޫލާ ދެއްވާ ޖަވާބެއް އަޑުއަހަން، އަހަރެންވެސް ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ފަހަތްޕުޅުން، ހިނގައިގަތީމެވެ. ދެން އެމީހާ ރަސޫލާއާ އަރާ ހަމަކޮށްފައި، ދެންނެވިއެވެ. ''އޭ ﷲގެ ރަސޫލާއެވެ. އަޅުގަނޑު ޙައްދު ޤާއިމު ކުރެވޭ ކަމެއް ކޮށްފީމެވެ. ވީމާ އަޅުގަނޑުގެ މައްޗަށް ޙައްދު ޤާއިމު ކުރައްވާށެވެ.'' އެ ވަގުތު ރަސޫލާ އޭނާއަށް ޙަދީޘް ކުރެއްވިއެވެ. ''ކަލޭ ގެއިން ނުކުތީ ރަނގަޅަށް ވުޟޫކޮށްގެން ނޫންހެއްޔެވެ؟'' އެ މީހާ ދެންނެވިއެވެ. ''އެހެންނެވެ. ﷲ ގެ ރަސޫލާއެވެ.'' ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ''އެއަށްފަހު ކަލޭ އަހަރެމެންނާއެކު ނަމާދަށް ޙާޟިރުވިން ނޫންހެއްޔެވެ؟'' އޭނާ ދެންނެވިއެވެ. '' އާދޭހެވެ. ﷲ ގެ ރަސޫލާއެވެ. ''ދެން ރަސޫލާ ޙަދީޘް ކުރެއްވިއެވެ.'' ފަހެ ﷲ، ކަލޭގެ ޙައްދު ޢަފޫ ކުރައްވައިފިއެވެ. އެހެން ނޫނީ ޙަދީޘް ކުރެއްވީ ފާފަ ޢަފޫކުރައްވައިފި ކަމަށެވެ.''

ނޯޓު: މި ޙަދީޘްގެ ޝަރަޙައިގައި ނަވަވީ ވިދާޅުވެފައި ވަނީ، މިތާނގައި ޙައްދުގެ މާނައަކީ ތަޢްޒީރު ކުރެވޭ ކުށެއް ކަމަށެވެ. އަދި އެއީ ބޮޑު ފާފައެއް ނޫން ކަމަށެވެ. އެކަން އެނގެނީ ނަމާދުން އެ ފާފަ ފޮހެވުނީތީއެވެ. ޢިލްމުވެރިން އިޖްމާޢުވާ ގޮތުގައި ނަމާދު ކުރިއަސް ޙައްދެއް ނުވެއްޓޭނެއެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ މިތާނގައި ޙައްދުގެ މާނައަކީ ހަމަ ޝަރުޢީ ޙައްދު ކަމަށެވެ. ނަމަވެސް ރަސޫލާ އެ ތަންފީޒު ނުކުރެއްވީ، އޭނާ ޙައްދު ޖެހޭ ސަބަބު ހާމަ ނުކުރާތީ، ރަސޫލާ އެކަން އިތުރަށް އޮޅުން ފިލުއްވަން ބޭނުންފުޅު ނުވާތީއެވެ.

ތައުބާވުމުން ޙައްދު ވެއްޓޭނެތަ؟

މީހެއްގެ މައްޗަށް ޒިނޭގެ ޙައްދު ވާޖިބުވެ، އެކަމުން އޭނާ ތައުބާވެއްޖެނަމަ ޙައްދު ވެއްޓޭނެތޯ؟ މަޖްމޫޢް ފަތާވާގައި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާއާ، ސުވާލު ކުރެވިފައިވެއެވެ. ޖަވާބުގައި އިބްނު ތައިމިއްޔާ ވިދާޅުވެފައިވަނީ ''ޒިނޭ، ވައްކަން، ރާ ބުއިންފަދަ ކަމަކުން، އޭނާ އިމާމާއި ހަމައަށް ގެންދެވުމުގެ ކުރިން ތައުބާ ވެއްޖެނަމަ، -ރަނގަޅު ރައުޔަކީ- ޙައްދު ވެއްޓުމެވެ. އެއީ މަގު ފޭރޭ މީހުންވެސް އަތުލެވުމުގެ ކުރިން ތައުބާވެއްޖެނަމަ ޙައްދު ވެއްޓޭ ފަދައިންނެވެ.''

ދެން ސުވާލު ކުރެވުނީ، ޙައްދުތަކުގެ ތެރެއިން ޙައްދެއް ވާޖިބުވާފަދަ ފާފައެއް މީހަކު ކޮށްފައި، އެ ފާފައިން ތައުބާވެ، އެ ކަމުން ދުރުވެ، އިސްތިޣްފާރުކޮށް ހަދައިފިއްޔާ އޭނާގެ ތައުބާ ކަމުދާނެހެއްޔެވެ؟ ނޫނީ ޖެހޭނީ މިއާއި އެކުއެކީ އޭނާގެ މައްޗަށް ޙައްދު ޤާއިމު ކުރުވަން، ވެރިމީހާ ކައިރިއަށް އަންނަން ހެއްޔެވެ؟ ނޫނީ ބޮޑަށް ރަނގަޅީ، އޭނާ އެ ފާފަ ފަރުދާކޮށް ތައުބާވުން ހެއްޔެވެ؟

ޖަވާބުގައި އިބްނު ތައިމިއްޔާ ވިދާޅުވެފައި ވަނީ ''އޭނާ ރަނގަޅު ތައުބާއަކުން ތައުބާ ވެއްޖެއްޔާ، ﷲ އޭނާގެ ތައުބާ ޤަބޫލު ކުރައްވާނެއެވެ. އަދި އޭނާގެ މައްޗަށް ޙައްދު ޤާއިމު ކުރުވަން ކުށަށް އިޢްތިރާފުވާކަށް ނުޖެހޭނެއެވެ. ހަދީޘްގައި ވަނީ ''މުޑުދާރު ކަންތަކުން ކަމެއް ކުރެވި، ﷲ އޭނާ ފަރުދާ ކުރެއްވުމުން އެކުށް ފަރުދާ ކުރާށެވެ. ހަމަ ކަށަވަރުންވެސް ތިމަންކަލޭގެފާނަށް، އޭނާ ކުޅަ ފާފަ ހާމަކޮށްފި މީހަކަށް ޙައްދު ޤާއިމު ކުރަމެވެ.''

އަދި އަޘަރެއްގައި ވަނީ: ސިއްރުގައި ކުރެވޭ ފާފައަށް ސިއްރުގައި ތައުބާވުމަށެވެ. އަދި ފާޅުގައި ފާފައެއް ކޮށްފިއްޔާ ފާޅުގައި ތައުބާވުމަށެވެ.

ފިރިއަކު ޝައިޠާނާގެ ވަސްވާހަށް ހެއްލިގެން އަނބިމީހާއަށް ޚިޔާނާތްތެރި ވެވުނަސް، އެ ވާހަކަ އެހެން މީހެއް ކައިރީ ބުނެގެން ނުވާނެއެވެ. ޖެހޭނީ ކުރެވުނު ބޮޑު ކުށަށް ތައުބާވެ، އެކަން ފަރުދާކުރާށެވެ. އަންބަކަށްވެސް މިފަދަ ކަމެއް ކުރެވިއްޖެނަމަ، އެކަމަށް ތައުބާ ވީމާ ނިމުނީއެވެ.

އަދި އަލަށް މީހަކާ އިންނަ އިރުވެސް، ކުރީގައި ފާފައެއް ކުރެވިފައި އޮތަސް އެ ވާހަކަ ކިޔައި ދޭކަށް ނުޖެހޭނެއެވެ. ކުރި ފާފަ އޮތީ ސިއްރުވެފައިނަމަ، އެ ވާހަކަ ދެން އަލުން ކޮނެ ނަގައި އަލަތު ފިރިމީހާއަށް ކިޔައި ދިނުމުން އިތުރަށް އުފެދޭނެ އިތުބާރެއް ނޯންނާނެވެ. އުފެދޭނީ ޝައްކެވެ.

ބައެއް މީހުންނަށް ހީވެފައި އޮންނަނީ، ޙައްދު ޖެހޭ އެއްވެސް ކުށެއް ކުރެވިއްޖެއްޔާ، ހަމަ ކޮންމެހެންވެސް ޙައްދު ނުޖައްސުވަންޏާ މީހާ، އިޞްލާޙުވީ ކަމަކަށް ނުވާނެއެވެ. ނަމަވެސް މިފަދަ ވަހުމުތަކަކީ، އެއީ އިޞްލާޙްވިޔަ ނުދިނުމަށްޓަކައި ޝައިޠާނާ ދޭ ވަސްވާސްތަކެވެ. އެހެނީ ޙައްދުޖައްސަން ދާން ކޮންމެ މީހަކުވެސް ލަދު ގަންނާނެއެވެ. ވީމާ ދެން ހިތަށް އަރާނީ ތިމަންނަ، މިހިރީ މުޑުދާރުވެފައި ކަމަށެވެ. ވީމާ އިތުރަށް ގޯސް ކަންތައް ކުރިއަސް ވަކި ތަފާތެއް ނެތް ކަމަށެވެ.

މިއީ ވަރަށް ބޮޑު ކުށް ޚިޔާލެކެވެ. ކޮންމެ ކުށަކީވެސް ތައުބާ ވެވޭނެ ކަމެކެވެ. ބޭނުންވަނީ އެންމެ ތިންފިޔަވަޅެވެ. އެއީ ފާފަ ކުރުން ހުއްޓާލުން ، އެ ކަމަށް އެނބުރު ނާންނަން ޢަޒުމް ކަނޑައެޅުން ، އަދި ކުރެވުނު ފާފައާއި މެދު ހިތާމަ ކުރުމެވެ. ސަތޭކަ މީހުން މެރި މީހާގެ ތައުބާވެސް ޤަބޫލު ކުރެވުނެވެ.

 

Comments