އާދީއްތަ20171203

އާކުރެވުނީ: 09:46:14

ޔޫސުފް އަލްޤަރަޟާވީ (3)

Qaradawi03ޤަރަޟާވީގެ މަޤުބޫލުކަމާއި މަޝްހޫރުކަން ބޮޑުވުގެ ސިއްރު

އިސްލާމީ ދުނިޔޭގައި އެތައް ހާސް ދީނީ ޢިލްމުވެރިންކާއި، އެތައް މުފައްކިރުންނެއް އުޅެއެވެ. ނަމަވެސް އެއްވެސް ސަރުކާރެއްގެ ރަސްމީ ބޮޑު މަޤާމެއް ނުފުރުއްވާ ޤަރަޟާވީ ފަދަ ޢިލްމުވެރިއެއްގެ މަޝްހޫރުކަން ބޮޑުވެ، ގިނަ ޢަދަދެއްގެ މުސްލިމުންގެ ތެރޭގައި ޤަރަޟާވީ މަޤުބޫލުވެފައިވަނީ ކީއްވެތޯ އެއީ އުފެދޭނެ ސުވާލެކެވެ. އިސްލާމީ އުއްމަތުގެ ޙާލަތާއި ޢިލްމުވެރިންގެ ކަންތައްތައް ދިރާސާކުރައްވާ ބޭފުޅުން އެކަމުގެ ސަބަބެއް ކަމަށް އަންނަނިވި ކަންކަން ފާހަގަ ކުރެއެވެ.

އެކެއް: އާދަޔާ ޚިލާފު ޢިލްމީ ޤާބިލުކަން
ވަރަށް ގިނަ ދީނީ ޢިލްމުވެރިންނާއި ޚިލާފަށް ޤަރަޟާވީއަކީ، ތަފާތު ދާއިރާތަކުން ޢިލްމުވެރި ބޭފުޅެކެވެ. އެއީ ހަމައެކަނި ނަމާދާއި ރޯދައާއި ޙައްޖުގެ މައްސަލަތަކަށް ޚާއްސަ ބޭފުޅެއް ނޫނެވެ. ޢިބާދާތުގެ ފިޤުހުގެ އިތުރުން، ނަބީބެކަލުންނާއި ރަސޫލުބޭކަލުންގެ ތާރީޚު ދެނެލައްވާ ސަލަފުންގެ ސީރަތަށް މޮޅު، މުޢަމަލާތުގެ ބައިތަކާއި، ޒަމާނީ މައްސަލަތަކުގައި އިސްލާމީފިޤުހުގެ ބަސް ބުނަން އެނގިވަޑައިގަންނަވާ، ޢިލްމުގެ ފަސްމީރު ކުރި ކުރެކެވެ. އިޤްތިޞާދާއި، ބޭސްފަރުވާއާއި، ސައިންސުގެ ފަހުގެ އެހެނިހެން ހޯދުންތަކާއި އެނޫންވެސް ގިނަ އިޖުތިމާޢީ ޢިލްމުތަކުގެ ތެރެއަށް  ވެދެވަޑައިގެން ހުންނެވި ޢިލްމުވެރިއެކެވެ.

ދެއެއް: މެދުމިން ހިފެހެއްޓެވުން
ފިޤުހީ މައްސަލަތަކުގައި، ޚާއްސަކޮށް މުޢާމަލާތުގެ މައްސަލަތަކުގައި ޤަރަޟާވީއަކީ މެދުމިން ގެންގުޅުއްވާ، ޝަރްޢީ އިންތައް ފަހަނައަޅައި ނުގޮސް ޝަރީޢަތުގެ މަގުސަދުތައް އެންމެ ބޮޑަށް ޙިމާޔަތް ކުރެވޭ ގޮތަށް ފަތުވާ ދެއްވާ ބޭފުޅެއްކަމީ ވަރަށްގިނަ ބަޔަކު ފާހަގަކުރާ ކަމެކެވެ. ޙަޤީޤަތުގައި އުންމަތްތަކުގެ ތެރެއިން މެދުމިން އުންމަތްކަމުގައި ލެއްވެވި އިސްލާމީ އުންމަތުގެ މަންހަޖަކީ މިއީއެވެ.

ތިނެއް: މުސްލިމު އުއްމަތުގެ ވިންދާއި ސީދާގުޅުންހުރި ކަންކަމުގައި ބަސްބުނުން
ޤަރަޟާވީއަކީ ހަމައެކަނި މިޞްރު މީހެއް ނޫނެވެ. ހަމައެކަނި ޤަޠަރު މީހެއް ނޫނެވެ. ޤަރަޟާވީގެ ޤައުމަކީ އިސްމާލްދީނެވެ. އެންމެހައި މުސްލިމުންނަކީ އެޤައުމުގެ ރައްޔިތުންނެވެ. މުސްލިމުންގެ ތިންވަނަ ޙަރަމް މަސްޖިދުލް އަޤްޞާ ގެ މައްސަލައާއި، ބޮސްނިއާ އާއި، ކަޝްމީރާއި، ޝީޝާން ގެ މައްސަލައާއި، ސޫދާން އާއި، ސޯމާލިޔާގައި ހިނގަމުންދާ ކަންކަމާއި، އެމެރިކާއި އާއި ޔޫރަޕުގައި އުޅޭ މުސްލިމުންނާއި ގުޅުންހުރި މައްސަލަތަކަށް ދާންދެން ޤަރަޟާވީ އަބަދުވެސް ވަގުތުން ވަގުތަށް ދިރާސާކުރައްވާ އެ މައްސަލަތަކުގައި ވާހަކަފުޅު ދައްކަވާ ހައްދަވައެވެ. އިސްލާމީ ދައުލަތުގެ އާރާއި ބާރާއެކު އަލުން ތެދުކުރުވުމަށް ޤަަރަޟާވީ ވަނީ ވަރަށް ގިނަ މަސައްކަތް ކުރައްވާފައެވެ. އަދިވެސް ދަނީ ކުރައްވަމުންނެވެ. އިންސާނިއްޔަތު ހޯދަން މިއުޅޭ ހިތްހަމަޖެހުމާއި އުފާވެރިކަން މިދުނިޔޭގައި ހޯދޭނީ އިސްލާމްދީން ގެނެސްދެއްވި ނިޒާމް ޤާއިމުވި ދުވަހަކުންކަން ޤަރަޟާވީ ދެނެވަޑައިގަންނަވައެވެ.

ހަތަރެއް: ވެރިންނަށް ޖެހިލުންވެވަޑައި ނުގެންނެވުން
އުފަން ޤައުމު މިޞްރު ދޫކުރެއްވުމާއި، ޤަޠަރުގައި ހުންނަވައި ޤަޠަރު ސަރުކާރުން ވިއަސް އިސްލާމީ އުސޫލުތަކާއި ޚިލާފަށް ކުރާ ކަންކަމާމެދު ސީދާ ގޮތެއްގައި ފާޑުވިދާޅުވަމުން ގެންދަވާކަން އެކަނިވެސް ވެރިންނާއި މެދު ޤަރަޟާވީގެ ޖެހިލުން ކުޑަކަން ހާމަކޮށްދެއެވެ. މުސްލިމު ވެރިންގެ ގޮތުގައި ތިބެ، އިސްމާލްދީނާއި ޚިލާފަށް އަދި މުސްލިމުންގެ ވިންދާއި ޝުޢޫރުތަކާއި ދެކޮޅަށް މަސައްކަތް ކުރާ މީހުންނީ ޤަރަޟާވީ އެންމެބޮޑަށް ފާޑުވިދާޅުވާ މީހުންނެވެ.

އެއްވެސް އުއްމަތެއް ކުރިއަރައި ދިއުމަށް މިނިވަންކަމަކީ ކިހާ މުހިއްމު އެއްޗެއްކަން ޤަރަޟާވީ ދެނެލައްވައެެވެ. ވަރަށްގިނަ އިސްލާމީ ޤައުމުތަކުގައި ޢާންމުންގެ އަސާސީ ޙައްޤުތައް ފޭރިގަނެފައިވާކަމީ އެކަންކަމާއި ދެކޮޅަށް ތެދުވަންޖެހޭނެކަމެއްކަމުގައި ޤަރަޟާވީ ގޮވާލައްވައެވެ. މިނިވަންކަމާއި އަސާސީ ޙައްޤުތައް ހޯދުމަށް ބައެއް އިސްލާމީ ޤައުމުތަކުގައި ކުރަމުންދާ މުޒާހަރާތަކަކީ ޤަރަޟާވީގެ ހިތާއިވިންދުން، ދުލާއި ގަލަމުން އެކަންކަމަށް ތާއީދު ކުރައްވާ ކަންކަމެވެ.

އަދި ޤަރަޟާވީއާއި އޭނާގެ ބޭފުޅުންނާއި ދަރިވަރުން ދަނީ މި ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވަމުންނެވެ. ވެރިންނާއި ދެކޮޅަށް ފަތުވާތައް ދެއްވަން ޖެހުމުން އެކަންވެސް ދަނީ ކުރައްވަމުންނެވެ. ފަލަސްޠީން ގެ ޣައްޒާއާއި ދެކޮޅަށް ޔަހޫދީން ކުރި އަދި ކުރަމުންދާ ހަނގުރާމާގައި ފަލަސްޠީންގެ ރައީސް މަޙްމޫދު ޢައްބާސް ބައިވެރިވާކަމުގެ ތުހުމަތު ވަރަށް ބޮޑަށް ކުރެވުމުން، އެކަން ސާބިތުވާނަމަ އޭނާ ރަޖްމުކުރުމަށާއި، ލީބިޔާގެ ރައްޔިތުންނާއި ދެކޮޅަށް ޤައްޛާފީ ހިންގަމުންދާ ޖަރީމާތަކާއި ގުޅިގެން އޭނާ މެރުމަށް ޤަރަޟާވީ ދެއްވާފައިވާ ފަތުވާއަކީ މަޝްހޫރު ފަތުވާތަކެކެވެ.

ފަހެއް: ސަލަފުންގެ އުސޫލުގައި ހިފެހެއްޓެވުމާއިއެކު އިސްލާމީ ފިޤުހު އާކުރުމަށް މަސައްކަތް ކުރެއްވުން
އިސްލާމްދީނަށް އެންމެ ފުރިހަމަގޮތުގައި ޢަމަލުކުރި ޖީލަކީ ސަލަފުއްޞާލިޙުންކަމީ އެއްވެސް މުސްލިމަކު ދެބަސް ވާނެ ކަމެއް ނޫނެވެ. ޤަރަޟާވީގެ މަންހަޖަކީ އެންމެފުރިހަމަ މާނާގައި އެބޭފުޅުންނަށް ތަބާވުމެވެ. އެއީ ދީނުގެ އުސޫލުތަކުން އެކަހެރިވުމެއްނެތި، އެޒަމާނަކާއި، ތަނާއި އަދި ޙާލަތާއި ގުޅުވައިގެން ކުރަންޖެހޭ ކަންތައްތައް އެގޮތުގައި ކުރުމެވެ. ފިޤުހީ މައްސަލަތަކުގައި ސަލަފުން އިޖްތިހާދު ކުރައްވައި އަހަރެމެންނަށް ނަމޫނާ ދައްކަވާފައިވާ ގޮތަށް މިޒަމާނުގެ މައްސަލަތަކުގައި އަހަރެމެންވެސް އިޖްތިހާދު ކުރުމަކީ ޤަރަޟާވީގެ މަންހަޖެވެ. ސަލަފުންގެ ޒަމާނާއި ގުޅޭގޮތަށް އެބޭފުޅުން ކުރެއްވި އިޖްތިހާދުމަތީ ގަނޑުވެފައި ތިބެ ސަލަފުންގެ ގޮތޭ ބުނުމަކީ ސަލަފުންނަށް ކުރެވޭ ބޭއިންސާފެއްކަމުގައި ޤަރަޟާވީ ދެކިލައްވައެވެ.

ހައެއް: މުސްލިމު އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތް ކުރެއްވުން
މުސްލިމު އުއްމަތަކީ އެއް އުއްމަތެއްކަން، ކީރިތި ޤުރްއާނާއި މާތް ނަބިއްޔުގެ ސުއްނަތުން ވަރަށް ސާފުކޮށް އެނގޭކަމީ ހަމަ ކޮންމެ މުސްލިމަކުވެސް ދަންނަ ޙަޤީޤަތެކެވެ. ނަމަވެސް މި ޙަޤީޤަތް މިހެން އެނގިތިބެ، ޚާއްޞަކޮށް ފިކުރީ ގޮތުން މުސްލިމުން ތަފާތު ބައިތަކަށް ހަދަން ބައެއް މީހުން ކުރާ މަސައްކަތަކީ ޤަރަޟާވީ ބަލައިގަންނަ ކަންކަމެއް ނޫނެވެ. ފަރްޢީ މައްސަލަތަކުގައި ޚިޔާލުތަފާތުވުމަކީ ސަލަފުންގެ ތެރޭގައިވެސް އޮތްކަމެއް ކަމަށާއި، އެއާއި އެކުވެސް އެބޭފުޅުން އުޅުއްވީ އެއް އުއްމަތެއްގެ އަޚުންތަކެއް ފަދައިން ކަމަށްވާއިރު، އެ ނަމޫނާގައި ހިފަންޖެހޭނެކަމަށް ޤަރަޟާވީ ގޮވާލައްވައެވެ.

ހަތެއް: ޒަމާނަށް ލޯހުޅުވިފައިވުން
2011 ސެޕްޓެމްބަރ 09 އަށް ޤަރަޟާވީގެ ޢުމުރުފުޅުން މީލާދީގޮތުން 85 އަހަރު ވެފައި ވީނަމަވެސް، ޤަރަޟާވީގެ ފިކުރު އަދިވެސް ވަރަށް ޒުވާނެވެ. ޢިލްމުހޯދުމަށް އޮތް ލޯބި އެހާމެ ބޮޑެވެ. 2011 ސެޕްޓެމްބަރ މަހުގެ ކުރީކޮޅު މިޞްރުގެ ޙިޒްބު އަލްވަސަޠި ގެ ޒުވާން ކުދިންކޮޅަކާއިއެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވެފައި ވެއެވެ. "ތިމަންނަގެ ޢުމުރުން މިހާރު 85 އަހަރެވެ. އެކަމަކު އަދިވެސް މިދަނީ އުނގެނެމުންނެވެ. މިއަދުވެސް ތިޔަކުދިންގެ ގާތުން އާ ކަލިމައެއް ނުވަތަ އާ މާނައެއް ދަސްވެދާނެއެވެ. އެއީ އެއްވެސް ގޮތަކަށް ޢައިބުކަމެއް ނޫނެވެ. އެކަކު އަނެކަކު ގާތުންނާއި، ފޮތްތަކުންނާއި، މި ހަޔާތުންނެވެ. މިހުރީ ހައްތާވެސް އުނގެނުމުގެ މައިދާންތަކެވެ. އިސްލާމްދީނުގައި ޢިލްމު ލިބިގަތުންވަނީ އެޢިލްމަށް ޢަމަލު ކުރުމާއިއެކުގައެވެ. ހަމައެކަނި އެނގުމަކުން ނުފުދޭނެއެވެ..."

85 އަހަރުފުޅުގެ ޝައިޚުގެ ހިތުގައި އަދިވެސް ހިނގާ ޝުޢޫރަކީ މިއީއެވެ. އެކަމުގެ އަސަރު ޤަރަޟާވީގެ ފަތުވާތަކުން ފެނެެއެވެ. ދީނީޢިލްމަށް ނިސްބަތްވާ ބައެއް ބޭފުޅުން ދެއްވާ ޒާތުގެ، ތަފާތު ޢިލްމުތަކުގައި އަރާތިބިމީހުން ހިނިއަންނަ، ދީނަށް މަލާމާތް ރައްދުވާ ފަދަ ފަތުވާތަކެއް ޤަރަޟާވީގެ ފަރާތުން ދެއްވާތަނެއް ނުފެނެއެވެ. ކޮންމެ ޢިލްމެއްގައިވެސް އެ ޢިލްމަކަށް ޚާއްޞަވެފައިވާމީހުންގެ ބަހަށް ދޭންޖެހޭ ބުރަދަން ޤަރަޟާވީ ދެއްވައެވެ. ޢިލްމުގެ މައިދާނުގައި މުސްލިމުން ކުރިއެރުން ހޯދުމަށާއި، ފަހުގެ އާ ހޯދުންތައް ބޭނުންކޮށްގެން ދީނަށް ޚިދުމަތް ކުރުމަށް ޤަރަޟާވީ މުސްލިމު އާޖީލަށް ގޮވާލައްވައެވެ.

ނިންމުން
ޔޫސުލް އަލްޤަރަޟާވީއަކީ ޢިލްމުވެރި ހީވާގި މުޖައްދިދެކެވެ. މުސްލިމު އުއްމަތް ވޭތުކުރަމުންދާ މިފަދަ ނާޒުކު ދުވަސްތަކެެއްގައި މިފަދަ ރައްބާނީ ޢިލްމުވެރިއަކު މި އުއްމަތަށް މިންވަރު ކުރެއްވި ކަމީ އިލާހީ ބޮޑު ރަޙްމަތެކެވެ. މާތް ﷲ، ޤަރަޟާވީއަށް ފުރިހަމަ ޞިއްޙަތާއި ޢާފިޔަތު ދެއްވައި، ޢުމުރު ދިގު ކުރައްވައި، ޢަމަލުތައް ހެޔޮކުރައްވައި، ފާފަތައް ފުއްސަވައި، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން މިންވަރު ކުރައްވައި، ނަބިއްޔުންނާއި، ޞިއްދީޤުންނާއި، ޝަހީދުންނާއި، ޞާލިޙުންނާއި އެކު އަލްފިރްދައުސް ގައި ލައްވާށި! އަދި ޙައްޤު އެއީ ޙައްޤުގެ ގޮތުގައި އަޅަމެންނަށް ދައްކަވައި ޙައްޤަށް ތަބާވާ ބަޔަކު ކަމުގައި އަޅަމެން ލައްވާށި! އާމީން. وآخر دعوانا أن الحمد لله رب العالمين.   

-ނިމުނީ-

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.