ހުކުރު20170519

އާކުރެވުނީ: 06:25:19

ޔޫސުފް އަލްޤަރަޟާވީ (2)

Qaradawi02ލިޔުއްވާފައިވާ ފޮތްތައް
ޤަރަޟާވީ ގެ މަސަކަތްޕުޅުގެ ބުރަކަމާއި އެކުވެސް ލިޔުންތެރިކަމާއި ދުރަކަށް ޖެހިވަޑައެއް ނުގަންނަވައެވެ. ޤަރަޟާވީ ލިޔުއްވާފައިވާ ހަމަ ކޮންމެ ފޮތަކީވެސް އިސްލާމީ ދުނިޔޭގައި މަޤުބޫލުކަން ހޯދާފައިވާ ޢިލްމީ ޚަޒާނާ އެކެވެ. 120 އާއި ގާތުގެ ޢަދަދަކަށް ފޮތް ލިޔުއްވާފައިވާއިރު އޭގެ ތެރެއިން ގިނަ ފޮތްތައްވަނީ ދުނިޔޭގެ ގިނަބަޔަކު ވާހަކަދައްކާ މަޝްހޫރު ބަސްތަކަށް ތަރުޖަމާ ކޮށްފައެވެ. މިގޮތުން މުޅި ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ ފޮތްތަކުގެ ތެރޭގައި:

- الحلال والحرام في الإسلام ( އިސްލާމްދީނުގައި ޙަލާލާއި ޙަރާމް.. މިފޮތުގައި ޢާއްމު ދިރިއުޅުމުގައި މުސްލިމެއްގެ ހިތުގައި ދީނުގެ ޙަލާލާއި ޙަރާމާއި ގުޅޭގޮތުން އުފެދިދާނެ ވަރަށް ގިނަ ސުވާލުތަކުގެ ޖަވާބު ވެއެވެ.)

- فوائد البنزك هي الربا الحرام (ބޭންކް އިންޓަރެސްޓް އެއީ ޙަރާމް ރިބާ.. މިއީ ޤުރްއާނާއި ސުންނަތުގައި ޙަރާމް ކުރައްވާފައިވާ ރިބާއާއި ބޭންކް އިންޓަރެސްޓާއި ހުރިގުޅުން ވަރަށް ރަނގަޅަށް ބަޔާން ކޮށްދެއްވާފައިވާ ފޮތެކެވެ.)

- فقه الزكاة  (ޒަކާތުގެ ފިޤުހު.. ޒަކާތާއި ގުޅުންހުރި މިޒަމާނުގެ އެތައް މައްސަލަތަކާއި، އިސްލާމީ އިޤްތިޞާދާއި ގުޅުންހުރި އެތައް މަޢުލޫމާތެއް މިފޮތުގައި ވެއެވެ.)

- في فقه الأولويات دراسة جديدة في ضوء القرآن والسنة (ޤުރްއާނާއި ސުންނަތުގެ އަލީގައި މުސްލިމުން އިސްކަން ދޭންޖެހޭކަންތައްތަކުގެ މައްޗަށް ލިޔުއްވާފައިވާ ފޮތެއް)

- ملامح المجتمع الذي ننشده ( ނަމޫނާ އިސްލާމީ މުޖްތަމަޢެއްގެ އަސާސުތަކާއި ސިފަތަކުގެ މައްޗަށް ލިޔުއްވާފައިވާ ފޮތެއް)

- تاريخنا المفترى عليه ( މުސްލިމުންގެ ތާރީޚާއި.. އެތާރީޚު އޮޅުވާލުމަށް ކުރެވިފައިވާ މަސައްކަތްތަކާއި، ތާރީޚީ ޙަޤީޤަތްތަކެއް މިފޮތުގައި ވެއެވެ.)

- القدس قضية كل مسلم ( މުސްލިމުންގެ ފުރަތަމަ ޤިބްލަ، އަދި ތިންވަނަ ޙަރަމާމެދު މުސްލިމުން ޢަމަލުކުރަންޖެހޭ ގޮތުގެ މައްޗަށް ލިޔުއްވާފައިވާ ފޮތެއް..)

- الفتوى بين الانضباط والتسيب (ފަތުވާ ދިނުމުގައި ބަލަން ޖެހޭ މިންގަޑުތަކުގެ މައްޗަށް ލިޔުއްވާފައިވާ ފޮތެއް)

- فقه الجهاد (ޖިހާދުގެ ފިޤުހު.. މިފޮތުގައި ޖިހާދުގެ މާތްކަމާއި، ޖިހާދުގެ ބާވަތްތަކާއި، ޖިހާދާއި ގުޅޭގޮތުން މިޒަމާނުގައި އުފެދިފައިވާ ބޮޑު ޚިލާފުތަކާއި އެކަންކަމުގެ ރަނގަޅުގޮތް ވަރަށް ސާފުކޮށް ގެނެސްދެއްވާފައި ވެއެވެ.)

މީގެ އިތުރަށް ވަކި ދާއިރާއެއް އިސްތިސްނާކުރެއްވުމެއް ނެތި ވަރަށް ގިނަ ޢަދަދަކަށް އިސްލާމީ ޢަޤީދާއާއި ފިޤުހާއި އަޚްލާޤާއި ސުލޫކާއި، ތާރީޚާއި ޙަޟާރަތާއި އަދި ބަހާއި އަދަބީ ދާއިރާގެ ފޮތްތައް ވެސް ލިޔުއްވާފައިވެއެވެ.

ޤަރަޟާވީގެ ފޮތްތަކުން އެންމެ ބޮޑަށް ފާހަގަކުރެވެނީ ކޮންމެ މައުޟޫއެއް ނެންގެވިކަމުގައި ވިޔަސް މައުޟޫ ވަށާޖައްސަވާލެއް ފުރިހަމަކަމާއި، އިސްލާމީ އެވޭލާ ފިޤުހުހާއި ޒަމާނީ މައްސަލަތަކާއި ގުޅުވާލައްވާލެއް ހުނަރުވެރިކަމާއި، އަމިއްލަ އިޖުތިހާދުފުޅުތަކުގެ ހަރުދަނާކަމާއި ކޮންމެ މައުޟޫއެއްގައި ވެސް ކިޔުންތެރިޔާގެ ހިތުގައި އުފެދޭނެ ހުރިހާ ސުވާލަކަށް ޖަވާބުލިބޭނޭ ގޮތުން ގެންގުޅުއްވާ ޝާމިލު ލިޔުންތެރިކަމެވެ.

ޤަރަޟާވީގެ ފިކުރާއި މަންހަޖު
ޤަރަޟާވީގެ މަންހަޖާއި ބެހޭގޮތުން އެންމެ ކުރުކޮށް ބުނާނަމަ ބުނެވޭނީ އެއީ "މެދުމިނުގެ އުސޫލު" ކަމުގައެވެ. މެދުމިނުގެ އުސޫލަކީ އެކަން އިސްލާމީ އުއްމަތުގައި ފެތުރުމަށް ރެއާއިދުވާލު މަސައްކަތް ކުރައްވާ މަންހަޖެވެ. ދީނާއިމެދު ފަރުވާލެއް ނުބެހެއްޓުމާއި، ދީނީކަންކަމުގައި ހައްދުފަހަނައަޅައި ދިއުމާއި މި ދެގޮތް ދޫކޮށް އިސްލާމްދީން ގޮވާލާ މެދުމިނުގެ އުސޫލުގައި ހިފެހެއްޓުމަށް ޤަރަޟާވީގެ ފޮތްތަކުގައްޔާއި، ޚުޠުބާތަކާއި ދަރުސްތަކުގައި ބާރުއަޅުއްވާފައިވެއެވެ. ޤަރަޟާވީގެ އަރިހުގައި މެދުމިނަކީ އިސްލާމްދީން ގެނެސްދެއްވި މެދުމިނެވެ. މާތް ނަބިއްޔު صلى الله عليه وسلم ދެއްކެވި ތެދުމަގެވެ.

އެއްވެސް ހާލެއްގައި ދީނީ އުސޫލުތައް މުގުރައި، ހުޅަނގުގެ މާއްދިއްޔަތަށް އަޅުކަންކުރުމުގެ ތެރެއަށް މުސްލިމުން ޣަރަގު ކުރުމަށް މަގުފައިކުރުވާ މެދުމިނެއް ނޫނެވެ. އިސްލާމީ ފިޤުހުގައި ޢިލްމުވެރިން އިޚްތިލާފުވެފައިވާ ވަރަށް ގިނަ މައްސަލަތަކުގައި މީސްތަކުންނަށް އެންމެ ލުއިފަސޭހަ، ނަމަވެސް ދީނުގެ އުސޫލުތަކުން ބޭރުނުވާ ރައުޔުތައް ޤަރަޟާވީ ގެންގުޅުއްވާކަން ފާހަގަ ކުރެވެއެވެ. ފަހުގެ ހޯދުންތަކާއި ވަސީލަތްތައް އާވަމުންދާ ފަދައިން އެކަމަކާއި ގުޅޭ ގޮތުން ދޭންޖެހޭ ފަތުވާތައްވެސް ތަވާފުވާނެކަމަށް ޤަރަޟާވީ ދެކިލައްވައެވެ. އިސްލާމްދީނަކީ ހުރިހައި ޒަމާނަކާއި ހުރިހައި ތަނަކާއި ހުރިހައި ޙާލަތަކަށް ފެތޭ ދީނެއްކަމަށް ބުނުމަކުން ހަމައެކަނި ނުފުދޭނެކަމަށާއި، ޝަރްޢީ އުސޫލުތަކުން ބޭރުނުވެ އިޖްތިހާދުކުރުމުގެ ދޮރު އަބަދުވެސް އޮންނަންވާނެކަމަށް ޤަރަޟާވީ ވަކާލާތުކުރައްވައެވެ.

އިޖްތިހާދުގެ ދާއިރާގައި ކުރީގެ ޢިލްމުވެރިން ކުރެއްވި އިޖްތިހާދާއި ނެރުއްވި ޙުކުމްތަކަކީ މުޤައްދަސް އެއްޗެހި ނޫންކަމާއި، އެއީ އެއިރުގެ ޙާލަތަށް އެންމެ މުނާސަބު ރައުޔުތައް ކަމަށް ވިއަސް އެނޫން ޒަމާނެއްގައި އެނޫން މުޖުތަމަޢެއްގައި އެ ރައުޔުތަކަށް ޢަމަލުކުރުން ލާޒިމު ކުރާނަމަ އެކަމުގެ ސަބަބުން މީސްތަކުންނަށް ދީނަކީ އުނދަގޫ އެއްޗަކަށް ވެދާނެކަމުގައި ދެކެލައްވައެވެ. ނަމަވެސް އޭގެ މާނައަކީ ދީނުގެ އަސާސުތައް ބަދަލުކުރުމެއް ނޫނެވެ. ދީނުގެ އެންމެ އަސާސީ ކަންކަމުގައި އެއްވެސް ދެ ޢިލްމުވެރިއަކު ޚިލާފުވެފައެއް ނެތެވެ.

ޔަހޫދީންނާއި މުސްލިމުންގެ ޢަދުއްވުން ޤަރަޟާވީދެކެ ގަންނަ ބިރު
"އަލްމަސްޖިދު އަލްއަޤްޞާގެ ދިފާޢުގައި ހަނގުރާމަކޮށް ޝަހީދުވުމަކީ ތިމަންނަގެ ވަރަށްބޮޑު އެދުމެކެވެ...އަލްއަޤްޞާގެ ދިފާޢުގައި ދުޝްމަނުންނާއި ދެކޮޅަށް އަމިއްލަ ނަފްސު ޤުރްބާންކޮށް ޙަމަލާދީ ޖާނުން ފިދާވާ މުސްލިމުންނަކީ ޝަހީދުންނެވެ.. އެމެރިކާއާއި ހުޅަނގުގެ ބާރުވެރި ޤައުމުތަކުން މުސްލިމުންނާއި މެދު ކިރަނީ ތަފާތު މިންގަޑަކުންނެވެ... ޢިރާޤާއި، އަފްޣާނިސްތާނާއި، ޗެޗްނިޔާގައި މުސްލިމުންގެ ޢަދުއްވުންނަށް ލިބޭނީ ނާކާމިޔާބެވެ.. މި އުއްމަތުގެ މާތް ނަބިއްޔު މުޙައްމަދު صلى الله عليه وسلم އަށް ދަށުދަރަޖައިގެ ބަސްތައް ރައްދުކުރަނީ އެކަންކުރާ ބައެއްގެ ޖާހިލުކަމުންނެވެ..."

މިފަދަ ވާހަކަތައް ހުކުރު ޚުޠުބާއާއި ޓީވީ ޕޮރޮގްރާމް ތަކުގައި ކެނޑިނޭޅި ދައްކާ މީހަކާއިމެދު ޞިހްޔޫނީ ޔަހޫދީންނާއި، މުސްލިމުންގެ ޢަދުއްވުން އެއްވެސް ހާލެއްގައި ނުރުހޭނެއެވެ. ޚާއްސަކޮށް އެމީހެއްގެ ބަސް އަހައި، އެމީހެއްގެ ޙަރަކާތަކަށް ބަލަބަލައި އެތައް ބަޔަކު ތިބި، އެތައް ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ މީހަކު މިޒާތުގެ ވާހަކަ ދައްކައި އުޅޭނަމަ އެކަން އެއްވެސް ހާލެއްގައި މުސްލިމުންގެ ޢަދުއްވުންނަކަށް ބަލައެއް ނުގަނެވޭނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ބައެއް ޤައުމުތަކުން ވަނީ އެޤައުމުތަކަށް ޤަރަޟާވީ އެރުން މަނާކޮށްފައެވެ.

ޤަރަޟާވީއާއި ބެހޭގޮތުން ދެކެވޭ ވާހަކަތައް
ޤަރަޟާވީ ފަދަ ޢިލްމީ އަދި ފިކުރީ މައިދާނުގައި ފުންނާބު އުސް ބޭފުޅަކާއި ބެހޭގޮތުން ދެކެވޭނެ ވަރަށް ގިނަ ވާހަކަތައް ހުންނާނެއެވެ. އިމާމު އަލްބުޚާރީއާއި އިމާމުޝާފިޢީ އަދި އެނޫންވެސް މި އުއްމަތުގެ ކުރީގެ ފަޤީހުންނާއި މުޙައްދިޡުންނާއި ބެހޭގޮތުންވެސް ތަފާތު ވާހަކަތައް ދެކެވޭ ފަދައިންނެވެ.

މިކަމަކީ އިންސާނީ ހުރިހައި މުޖުތަމަޢެއްގައިވެސް ހުރި ސިފައެކެވެ. ﷲ މަތް ކުރެއްވި ރަސޫލުންނާއި ނަބިއްޔުންނާއި ބެހޭގޮތުން ދެކެވޭ ވާހަކަތަކަކީ، އެއްވެސް އިންސާނަކު އެހެން ހުރިހައި އިންސާނުންގެ ޙަސަދައާއި ރުޅިވެރިކަމުން ސަލާމަތް ނުވާނެ ކަމުގެ ހެއްކެކެވެ. ޤަރަޟާވީދެކެ ހިތްހަމަ ނުޖެހޭ އެއްބަޔަކީ ޒަޔަނިސްޓް ޔަހޫދީންނާއި، އިސްލާމްދީނާއި ޢަދާވާތްތެރި ޢަލްމާނީންނެވެ. މި މީހުންގެ ހިތްހަމަ ނުޖެހުގެ ސަބަބު ހަމަ ކޮންމެ މީހަކަށްވެސް ހާމަވެއެވެ.

އިސްލާމީ އުއްމަތުގައިވެސް ޤަރަޟާވީ ގެ ފަތުވާތަކާއި ބައެއް ޢަމަލުތަކާއި މެދު ހިތްހަމަ ނުޖެހޭ މީހުން އުޅެތެވެ. މިކަމުގެ މައިގަނޑު ސަބަބަކީ ޤަރަޟާވީ ގެ ފޮތްތައް ކިޔުމަކާއިނުލައި، ޤަަރަޟާވީގެ މަންހަޖާއި ފިކުރު ދިރާސާ ކުރުމެއްނެތި ޔޯލަކޮށް ދެކެވޭ ވާހަކަތައް ޤަބޫލު ކުރުމެވެ. ނަމަވެސް މުސްލިމު އުއްމަތުގެ މުޢުތަބަރު ޢިލްމުވެރިންނަކީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް އިޙްތިރާމްކުރައްވާ، އެއްބޭފުޅެއްގެ އިޖްތިހާދު ބަލައިގަންނަ ބޭފުޅުންނެވެ. އަންނަނިވި ޙާދިސާ އަކީ މިކަމުގެ ވަރުގަދަ ހެއްކެކެވެ.

ޔޫސުފް އަލްޤަރަޟާވީ ލިޔުއްވި "އަލްޙަލާލު ވަ އަލްޙަރާމް ފީ އަލްއިސްލާމް" މިފޮތުގައި ދީނުގައި ހުއްދަނޫން ކަންތައްތަކެއް ހުއްދަކުރައްވައި ޤަރަޟާވީ ފަތުވާދެއްވާފައިވާކަމަށް ބުނެ، ސަޢޫދީ ޢަރަބިއްޔާގައި އެ ފޮތް ހުއްދަ ނުކުރުމަށް، ޝެއިޚް އިބްނު ބާޒު –رحمه الله– ކުރެން ގިނަ ބަޔަކު އެދުނެވެ. (ޝައިޚް އިބްނު ބާޒް އަކީ މި ފަހުގެ ތާރީޚުގައި މުސްލިމު އުއްމަތް ދުށް، އުއްމަތުގެ ލޯބި ލިބިފައިވާ މަޤުބޫލު މަދު ޢިލްމުވެރިންކުރެ ޢިލްމުވެރިއެކެވެ.)

އެހެންވެ ޝެއިޚް ބިން ބާޒު ޝެއިޚް ޤަރަޟާވީ އެފޮތުގައި ގެންނަވާފައިވާ ބައެއް ރައުޔުފުޅުތަކުން ރުޖޫޢަވެވަޑައިގެންދެއްވުން އެދި ސިޓީފުޅެއް ފޮނުއްވިއެވެ. ޝެއިޚް ޤަރަޟާވީ އޭގެ ޖަވާބުގައި ފޮނުއްވި ސިޓީގައި ލިޔުއްވާފައިވެއެވެ. އެމީހެއްގެ އިޖުތިހާދަށް ބުރަވާ ގޮތަށް މެނުވީ ﷲ ގެ ދީނަށް އުޅުމާއި އެމީހަކު ލޯބިވާ މީހަކަށްޓަކައި ތިމާއަށް ޙައްޤުކަމުގައި ފެނުން ގޮތް ދޫކޮށްލުމަކީ އިންސާނާއަށް ލިބިފައިވާ ޙައްޤެއް ކަމުގައި ވީ ނަމަ، އެމީހަކަށްޓަކައި އަހަރެންގެ އިޖުތިހާދު ދޫކޮށްލާނެ އެންމެ ފުރަތަމަ ބޭފުޅަކީ ތިޔަ ލޮބުވެތި ޝެއިޚެވެ.

އަދި މީގެ އިތުރަށް އެ ފަތުވާތަކަކީ ހަވާ ނަފްސު އެދޭ އެދުމުގެ މަތިން ދީފައިވާ ފަތުވާ ތަކެއް ނޫންކަމަށާއި، ޝަރްޢީ އުސޫލުތަކުގެ މަތީ ކޮށްފައިވާ އިޖްތިހާދެއްގެ ނަތީޖާ ކަމަށް ޝެއިޚް ޤަރަޟާވީ އެސިޓީގައި ވިދާޅުވެފައިވެއެވެ. އެހިސާބުން ޝައިޚް އިބްނު ބާޒު ޝެއިޚް ޤަރަޟާވީގެ އިޖްތިހާދަށް އިޙްތިރާމްކުރުމުގެ ގޮތުން އެފޮތުން އެއްވެސް ބައެއް އުނިކުރުމަކާއިނުލައި، އެފޮތް ސަޢޫދީ ޢަރަބިއްޔާގައި ޢާއްމުކުރުމަށް ހުއްދަ ދެއްވިއެވެ. ޢިލްމުވެރިންގެ މަންހަޖަކީ މިއެެވެ. އެދެބޭފުޅުންގެ މެދުގައި ބަދަލުކުރެވިފައިވާ އެދެސިޓީ އިން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ކުރައްވާ ޤަދަރާއި އިޙުތިރާމް، ދެބޭފުޅުންގެ ދެމެދުގައި އޮތް ލޯތްބާއި އެކުވެރިކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ.

-ނުނިމޭ-

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.