ހޯމަ20141020

އާކުރެވުނީ: 08:30:27

ޢުޘްމާން ބިން ޢައްފާން

usmanނަސަބުފުޅު
ފުރިހަމަ ނަންފުޅަކީ ޢުޘްމާން ބިން ޢައްފާން ބިން އަބިލް ޢާޞް ބިން އުމައްޔާ ބިން ޢަބުދު ޝަމުސު ބިން ޢަބުދު މަނާފް އަލްޤުރަޝީ އަލްއުމަވީ އެވެ. އާންމު ކޮށް ކިޔައި އުޅެނީ އަބޫ ޢަބުދުﷲ އެވެ. މަންމާފުޅަކީ އަރްވާ ބިންތި ކަރީޒް ބިން ރަބީޢާ ބިން ޙަބީބް ބިން ޢަބުދު ޝަމްސު ބިން ޢަބުދު މަނާފް އެވެ. މުސްލިމުންގެ ތިންވަނަ ޚަލީފާ އެވެ. ސުވަރުގެ ވަދެވަޑައިގަންނަވާނެ ކަމަށް، ކީރިތި ރަސޫލާ ޚަބަރު ދެއްވާފައިވާ ދިހަ ބޭފުޅުންގެ ތެރޭގައި ޢުޘްމާންގެފާނު ހިމެނި ވަޑައިގަންނަވަ އެވެ. ޛުއްނޫރައިން ނުވަތަ ''ދެނޫރުގެ ވެރިޔާ'' ގެ ލަޤަބް ދެވިފައިވެއެވެ. އެއީ ކީރިތި ރަސޫލާގެ ދެ އަންހެން ދަރިކަނބަލުންނާއި ކައިވެނި ކުރައްވާފައި ވާތީ އެވެ.

ރުޤިއްޔާ އަދި ރުޤިއްޔާ އަވަހާރަވެވަޑައިގަތީމާ އުއްމު ކުލްޘޫމް އާއި ކައިވެނި ބައްލަވައި ގެންނެވިއެވެ.

އިސްލާމްވެ ވަޑައިގަތުމާއި ހިޖުރަކުރެއްވުން

ޢުޘްމާންގެފާނަކީ ކުރީކޮޅު އިސްލާމްދީން ގަބޫލު ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އިސްލާމްވެވަޑައިގަތް އިރު ޢުމުރުފުޅަކީ 34 އަހަރެވެ. އިސްލާމްވެ ވަޑައިގަތީ އަބޫބަކުރުގެފާނުގެ އަތްޕުޅުމައްޗަށެވެ. އެއަށްފަހު އަނބިކަނބަލުން ރުޤިއްޔާ އާއި އެކު ޙަބަޝްކަރައަށް ހިޖުރަ ކުރެއްވި އެވެ. އެއަށްފަހު މަދީނާ އަށް ހިޖުރަކުރެއްވި އެވެ. ސުވަރުގެ ވަދެވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ރަސޫލާ ދެއްވާފައިވާ ދިހަ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ.

ޖިހާދު ކުރެއްވުން

ކީރިތި ރަސޫލާގެ އަމުރުފުޅަށް ޢުޘްމާންގފާނު ބަދުރު ހަގުރާމައިގައި ބައިވެރި ވަޑައެއް ނުގަންނަވައެވެ. އެއީ ރުޤިއްޔާ އާލާސްކަންފުޅާ އޮންނެވުމުގެ ސަބަބުންނެވެ. ރުޤިއްޔާ އަވަހާރަވީ މުސްލިމުންނަށް ބަދުރު ހަގުރާމައިން ނަޞްރު ލިބުނު ދުވަހުއެވެ. އުޙުދު ހަގުރާމަ އަދި ޚަންދަޤު ހަގުރާމައިގައި ބައިވެރިވެ ވަޑައިގެންނެވި އެވެ. ބައިޢަތު އައްރިޟުވާންގައި ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ. އެއީ ޢުޘްމާން ގެ ފާނު އެ ވަގުތު ހުންނެވީ ޤުރައިޝުންގެ ގާތަށް މަންދޫބެއްގެ ގޮތުގައި ވަޑައިގެންނެވެ. ތަބޫކު ހަގުރާމައިގައި މުހިއްމު ދައުރެއް ޢުޘްމާންގެފާނު އަދާކުރައްވާފައި ވެއެވެ.

ރިވާޔަތްތައް

ކީރިތި ރަސޫލާގެ އަރިހުން ވަރަށް ގިނަ ހަދީޘްތައް ޢުޘްމާން ގެ ފާނު ރިވާކޮށްފައި ވެއެވެ. ޢުޘްމާން ގެ ފާނުގެ އަރިހުން ވަރަށް ގިނަ ބޭފުޅުން ހަދީޘްތައް ރިވާކޮށްފައި ވެއެވެ. އޭގެތެރޭގައި އިބްނު މަސްޢޫދު، އިބްނި ޢުމަރު، އިބްނި ޢައްބާސް، އިބްނި ޒުބައިރު، އަބޫ ހުރައިރާ، ޒައިދު ބިން ޘާބިތު އަދި ޢުމުރާން ބިން ޙަޞީން ފަދަ ބޭބޭފުޅުން ހިމެނެއެވެ.

ކުރެއްވި މަސައްކަތްތަކާއި، ކުރިމަތިލެއްވި ހާދިސާތައް

- ޢުޘްމާނުގެފާނަކީ ވަރަށް ލަދުވެތި ބޭކަލެއް ކަމުގައި ވެއެވެ. އެގޮތުން އެއްފަހަރަކު ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައި ވަނީ ''މަލާއިކަތް ބޭކަލުން ވެސް އެ ބޭކަލެއް ދެކެ ލަދުރަކިވެ ވަޑައިގަންނަވާ ބޭކަލެއް ދެކެ ތިމަންކަލޭގެފާނު ލަދުރަކިވެ ވަޑައި ނުގަންނާނެ ހެއްޔެވެ؟''

- ރޫމީ އަންހެނެއްގެ ފެންވަޅެއް ޢުޘްމާންގފާނު ބައްލަވައިގެންނެވިއެވެ. އެއަށްފަހު އެފެންވަޅު މީސްތަކުންނަށް ޞަދަގާތެއްގެ ގޮތުގައި ދެއްވެވި އެވެ. ކުރީގައި އެވަޅަކީ މީހުންނަށް ފެންވިއްކުމަށް ބޭނުން ކުރެވުނު ވަޅެކެވެ.

- ޢުޘްމާންގެފާނު އަކީ އަޅުވެރި ޒުހުދު ވެރި ބޭކަލެކެވެ. ޒުބައިރު ބިން ޢަބުދުﷲ އޭނާގެ މާމަ ވިދާޅުވި ކަމަށް ބުނެފައިވެއެވެ. ''ޢުޘްމާން ގެ ފާނު ދުވާލު ރޯދަ ހިއްޕަވައެވެ. ރޭގަނޑުގެ ކުރީކޮޅުން މަދު ހިނދުކޮޅަކު ނިދިކުރެއްވުމަށްފަހު އަނެއްބައި ހޭދަކުރައްވަނީ އަޅުކަމުގައެވެ''.

- ޢުޘްމާންގެފާނުގެ ޚިލާފަތުގައި ވަރަށް ގިނަ ރަށްތައް ފަތަހަ ކޮށްފައި ވެއެވެ. މިގޮތުން އަރުމީނިޔާ، އާޒަރުބައިޖާން، އެފްރިކާގެ ބައެއް ރަށްތައް އަދި ސައިޕްރަސް ފަތަހަކޮށްފައި ވެއެވެ.

- ޙަފްޞާ އަތްޕުޅުގައި އޮތް ކީރިތި ޤުރުއާންގެ އަސްލު ގެންނަވައި، އެއިން ކޮޕީ ހެއްދެވުމަށް ފަހު، އިސްލާމީ ބޮޑެތި ރަށްތަކަށް، ކޮޕީއެއް ފޮނުއްވިއެވެ. އެއީ މީހުން ޤުރުއާން ކިޔަވައި އުޅޭ ގޮތް ތަފާތުވެ، އޮޅުން ބޮޅުން އަރާކަން ފާހަނގެވެލެއްވުމުންވެ.

- އެންމެ ފުރަތަމަ އިސްލާމީ ކަނޑުގެ ލަޝްކަރެއް ތައްޔާރު ކުރެވުނީ ޢުޘްމާންގެފާނުގެ ޚިލާފަތުގައެވެ.

- ޢުމަރުގެ ފާނަށް ޙަމަލާ ދެއްވައި ޒަޚަމްކޮށްލެއްވުމުން ޚަލީފާކަމަށް އިސްވާނޭ މީހަކު އިޚްތިޔާރު ކުރުމަށް 6 މީހަކު ކަނޑައެޅި އެވެ. އެހިނދު އޭގެ ތެރެއިން ޢަބުދުއް ރަޙުމާން ބިން ޢައުފު އަމިއްލަ އަށް ވަކިވެވަޑައިގެންނެވި އެވެ. ދެން ތިއްބެވި ބޭފުޅުން ޢުޘްމާނު ގެފާނަށް ބައިޢަތު ހިއްޕެވުމުން ޢަބުދުއް ރަޙުމާން ބިން ޢައުފު ވެސް ބައިޢަތު ހިއްޕެވި އެވެ. އެއީ ހިޖުރައިން 24 ވަނަ އަހަރުގެ މުޙައްރަމް މަހުގެ އެކެއްވީ ހޮނިހިރު ދުވަހެވެ. ޚަލީފާ ކަމުގައި ޢުޘްމާންގެފާނު 12 އަހަރު ވަންދެން ހުންނެވި އެވެ.

އަވަހާރަވެ ވަޑައިގަތުން

މުސްލިމުންގެ ތެރޭގައި އުފެދުނު ފިތުނަގަނޑެއްގެ އަނދިރިކަމުގެ ތެރޭގައި، ޢުޘްމާންގެފާނު ޝަހީދުކޮށްލެވުނެވެ. މި ފިތުނައަކީ ޢަބްދުﷲ ބިން ސަބައު އޭ ކިއުނު ޔަހޫދީއަކު، އިސްލާމްވީ ކަމަށް ހެދިގެން(މުނާފިޤުކަންމަތީ ހުރެ) އެކި އެކި މުސްލިމް ޤައުމުތަކަށް ގޮސް ދެބައޮޑުވައި، އުފެއްދި ފިތުނައެކެވެ. ޝަހީދުވެވަޑައިގަތް އިރު އުމުރުފުޅަކީ 82 އަހަރެވެ. އޭރު ހުންނެވީ ޤުރުއާން ކިޔަވާ ވިދާޅުވާށެވެ.

* ގުޅުންހުރި ލިޔުންތައް:

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.