އާދީއްތަ20200524

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތާރީޚް އުމަވީ ދައުލަތުގެ ޚަލީފާކަން ކުރައްވާފައިވާ ބޭފުޅުން

އުމަވީ ދައުލަތުގެ ޚަލީފާކަން ކުރައްވާފައިވާ ބޭފުޅުން

umavee-miskiމުޢާވިޔަތު ބިން އަބީ ސުފުޔާން ރަޟިޔަﷲ ޢަންހުގެ ފުރިހަމަ ނަންފުޅަކީ މުޢާވިޔަތު ބިން އަބީ ސުފްޔާން ޞަޚްރު ބިން ޙަރުބު ބިން އުމައްޔާ ބިން ޢަބުދު ޝަމުސު ބިން ޢަބުދު މަނާފް އެވެ. އާއިލާ ނިސްބަތްވަނީ ގުރައިޝު ވަންހަ އަށެވެ. އުމަވީ ދައުލަތުގެ އުފެއްދެވި ބާނީ އަކީ މިއީއެވެ. އުފަންވެ ވަޑައިގެންނެވީ ހިޖުރައިގެ 20އަހަރު ކުރިންނެވެ.އިސްލާމްވެވަޑައިގެންނެވީ ހިޖުރައިން 8ވަނަ އަހަރުގައި ކީރިތި ރަސޫލާ މައްކާ ފަތަޙަ ކުރެއްވި ދުވަހުގައެވެ. ހިސާބުގެ އިލްމާއި ލިޔަން ދަސްކުރެއްވިއެވެ. ކީރިތި ރަސޫލާގެ އަރިހުގައި ލިޔުއްވަން އުޅުއްވިއެވެ. ރަސޫލާގެ އަރިހުން 130 ހަދީޘް ރިވާކުރައްވާފައި ވެއެވެ.

umavee-miski1- މުޢާވިޔަތު ބިން އަބީ ސުފުޔާން ރަޟިޔަﷲ ޢަންހު

ފުރިހަމަ ނަންފުޅަކީ މުޢާވިޔަތު ބިން އަބީ ސުފްޔާން ޞަޚްރު ބިން ޙަރުބު ބިން އުމައްޔާ ބިން ޢަބުދު ޝަމުސު ބިން ޢަބުދު މަނާފް އެވެ. އާއިލާ ނިސްބަތްވަނީ ގުރައިޝު ވަންހަ އަށެވެ. އުމަވީ ދައުލަތުގެ އުފެއްދެވި ބާނީ އަކީ މިއީއެވެ. އުފަންވެ ވަޑައިގެންނެވީ ހިޖުރައިގެ 20އަހަރު ކުރިންނެވެ.އިސްލާމްވެވަޑައިގެންނެވީ ހިޖުރައިން 8ވަނަ އަހަރުގައި ކީރިތި ރަސޫލާ މައްކާ ފަތަޙަ ކުރެއްވި ދުވަހުގައެވެ. ހިސާބުގެ އިލްމާއި ލިޔަން ދަސްކުރެއްވިއެވެ. ކީރިތި ރަސޫލާގެ އަރިހުގައި ލިޔުއްވަން އުޅުއްވިއެވެ. ރަސޫލާގެ އަރިހުން 130 ހަދީޘް ރިވާކުރައްވާފައި ވެއެވެ.

އަބޫބަކުރުގެ ފާނުގެ ޚިލާފަތުގައި އަބީ ސުފްޔާންގެ ބޭބޭފުޅު ޔަޒީދު ބިން އަބީ ސުފްޔާންގެ އަރިހުގައި ޝާމްކަރަ އަށް ވަޑައިގެންނެވިއެވެ. ޔަޒީދު ބިން އަބީ ސުފްޔާން ދިމިޝްގު ވެރިކަމުގައި ހުންނަވަނިކޮށް އަވަހާރަ ވުމުން ދިމިޝްގުގެ ވެރިކަމަށް މުޢާވިޔަތު ބިން އަބީ ސުފްޔާން އިސްކުރެވުނެވެ. ޢުމަރުގެ ފާނުގެ ޚިލާފަތުގައި ވެސް ދިމިޝްގުގެ ވެރިއަކަށް ހުންނެވިއެވެ. އުޘްމާންގެ ފާނުގެ ޚިލާފަތުގައި މުޅި ޝާމްކަރައިގެ ވެރިއެއްގެ ގޮތުގައި ހުންނެވިއެވެ.

އަލީގެ ފާނު ޚަލީފާކަމަށް އިސްވުމާއި އެކު މުޢާވިޔަތުގެ ފާނު އެކަމާއި ތަޢާރަޟުކޮށް އިދިކޮޅުހެއްދެވިއެވެ. އަދި ދެފަރާތުގެ ދެމެދުގައި ފިތުނަވެރިކަން އުފެދިގެން ދިޔައެވެ. މިގޮތުން އުފެދުނު ފިތުނަވެރިކަން ނިމުމަކަށްއައީ ޚަވާރިޖުންގެ ތެރެއިން މީހަކު ހިޖުރައިން 40 ވަނައަހަރުގެ ރަމަޟާން މަހުގެ 17ވަނަދުވަހު ޢަލީގެ ފާނު ގަތުލުކުރުމުންނެވެ. އެއަށް ފަހު ޢަލީގެ ފާނުގެ ދަރިކަލުން ހިޖުރައިން 41ވަނަ އަހަރުގެ ތެރޭގައި މުޢާވިޔަތު ބިން އަބީ ސުފްޔާން އަށް ބައިޢަތު ހިއްޕެވިއެވެ.

ޚަލީފާކަމުގައި މުސްކުޅިވަންދެން ދެމިހުންނެވިއެވެ. އެއަށް ފަހު ޚަލީފާ ކަމަށް އިސްވީ މުޢާވިޔަތުގެ ފާނުގެ ދަރިކަލުން ޔަޒީދު ބިން މުޢާވިޔަތު އެވެ.އެންމެ ފުރަތަމަ ހަގުރާމަ އަށްޓަކައި މެދުތެރޭ ކަނޑު ހުރަސްކުރެއްވީ ވެސް އަބީސުފްޔާން އެވެ. ގްރީކްއާއި ޔޫރަޕުގެ ބައެއް ރަށްތައް ފަހަތަ ކުރެއްވިއެވެ. ހިޖުރައިން 48ވަނަ އަހަރު ''ގަސްޠަންޠީނިއްޔާ'' އެއްގަމާއި ކަނޑުގެ މަގުން ޙިޞާރު ކުރެއްވިއެވެ.

ދިމިޝްގު އެންމެ ފުރަތަމަ އިސްލާމުންގެ ވެރި ރަށެއްގެ ގޮތުގައި އިޚްތިޔާރު ކުރެއްވީ ވެސް މުޢާވިޔަތު ބިން އަބީ ސުފްޔާން އެވެ. މިސްކިތްތަކުގައި ފުރަތަމަ މިޙްރާބު ބެހެއްޓެވި ބޭފުޅަކީ ވެސް މުޢާވިޔަތު ބިން އަބީ ސުފްޔާން އެވެ. މުއާވިޔަތު ބިން އަބީ ސުފްޔާނަށް ފަހު ޚަލީފާކަމަށް ދަރިކަލުން ޔަޒީދު ބިން މުޢާވިޔަތު އިސްކުރެއްވުމުން ޚަލީފާ ކަމަށް އިސްކުރެއްވުމަށް އޭގެ ކުރިން ބޭނުންކުރެވުނު ''މަޝްވަރާ ކުރުމުގެ ގަވާޢިދު''އާއި ފުރަތަމަ ޚިލާފުވެ ވަޑައިގެންނެވި ބޭފުޅަކަށް ވިއެވެ. އަވަހާރަވެ ވަޑައިގެންނެވީ ހިޖުރައިން 60ވަނަ އަހަރުގައި ދިމިޝްގު ގައެވެ.

2- ޔަޒީދު ބިން މުޢާވިޔަތު

ފުރިހަމަ ނަންފުޅަކީ ޔަޒީދު ބިން މުޢާވިޔަތު ބިން އަބީ ސުފްޔާން އެވެ. މަންމާފުޅަކީ މައިސޫން ބިންތި ބަހްދަލް އެވެ. މުޢާވިޔަތު ބިން އަބީ ސުފްޔާންގެ ދުނިޔޭގައި ޙަސަން ބިން އަބީ ޠާލިބް އަށް ޚަލީފާކަން ދިނުމަށް ނިންމެވި އެވެ. ނަމަވެސް ހިޖުރައިން 50ވަނަ އަހަރު ޙަސަން އަވަހާރަވުމުން މުޣީރާ ބިން ޝުޢުބާ ޔަޒީދު ވެރިކަމަށް އިސްކުރުމަށް އަހުދުކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެކަމާއި މުއާވިޔަތު އެއްބަސްވެ ވަޑައިގެންނެވި އެވެ. މުއާވިޔަތު ޔަޒީދަށް ބައިއަތު ހިއްޕެވުމަށް އެދުމުން މަދީނާގެ އަހުލުވެރިން ފިޔަވައި އެހެން ހުރިހާ މީސްތަކުން ބައިއަތު ހިއްޕެވިއެވެ.

ޔަޒީދު ބިން މުޢާވިޔަތު ވެރިކަމަށް އިސްވުމަށް ފަހު މުސްލިމް ބިން ޢަގަބާ ވެރިއަކަށް ބަހައްޓައިގެން ލަޝްކަރެއް ފޮނުައްވައި މަދީނާގެ އަހުލުވެރިންނާއި ''ޙުއްރާ''އޭ ކިޔުނު ހަގުރާމަކޮށް ނަޞްރު ހޯދިއެވެ. އެހިނދު ނުރުހުންވާ ހާލުގައި މަދީނާގެ އަހުލުވެރިން ޔަޒީދު އަށް ބައިއަތު ހިއްޕެވި އެވެ.

ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 60ވަނަ އަހަރުގެ ރަޖަބު މަހުގެ ތެރޭގައެވެ. އެއީ މީލާދީން 680ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ. ޚަލީފާކަން 3އަހަރު ދުވަހު ކޮށްފައިވެއެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 39ވަނަ އަހަރެވެ.

3- މުޢާވިޔަތު ބިން ޔަޒީދު

ފުރިހަމަ ނަންފުޅަކީ މުޢާވިޔަތު ބިން ޔަޒީދު ބިން މުޢާވިޔަތު ބިން އަބީ ސުފްޔާން އެވެ. ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 64ވަނަ އަހަރުގެ ރަބީޢުލް އައްވަލު މަހުގެ 15ވަނަ ދުވަހުއެވެ. އެއީ މީލާދީން 683ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ބައްޕާފުޅު އަވަހާރަވުމުން ޚަލީފާކަމަށް އިސްވުމަށް ފަހު 40ދުވަސްވަންދެން މީހުންގެ ތެރެއަށް ނިކުމެވަޑައެއް ނުގަންނަވައެވެ. އަވަހާރަވި އިރު އުމުރުފުޅަކީ އެންމެ 23އަހަރެވެ. ޚަލީފާކަން ކޮށްފައިވަނީ ވަރަށް ކުރުމުއްދަތަކަށެވެ. މިއީ ސުފްޔާންގެ ދަރިކޮޅުން ވެރިކަން ކުރެއްވި އެންމެ ފަހު ޚަލީފާއެވެ. ދެންވެރިކަން ކުރަމުން ދިޔައީ މަރުވާންގެ ދަރިކޮޅުގެ ބޭފުޅުންނެވެ.

4- މަރުވާން ބިން ޙަކަމް

ފުރިހަމަ ނަންފުޅަކީ މަރުވާން ބިން ޙަކަމް ބިން އަބީ ޢާސް ބިން އުމައްޔާ ބިން ޢަބުދު ޝަމްސު ބިން އަބުދު މަނާފް އެވެ. މަންމާފުޅަކީ އާމިނަތު ބިން ޢަލްގަމާ ބިން ޞަފްވާން ބިން އުމައްޔާ އެވެ. ވެރިކަމަށް އިސްކުރެވުނީ ހިޖުރައިން 64ވަނަ އަހަރު މުޢާވިޔަތު ބިން ޔަޒީދު އަވަހާރަވުމުން މީސްތަކުން މަރުވާން އަށް ވެރިކަމަށް އިސްވުމަށް ބައިއަތު ހިފުމުންނެވެ.

މަރުވާން ބިން ހަކަމް އަވަހާރަވެފައިވަނީ ހިޖުރައިން 65ވަނަ އަހަރު އުމުރުފުޅުން 63އަހަރު ގައެވެ. ބުނެވޭގޮތުގައި މަރުވާން އަވަހާރަވީ ވިހަވެގެންނެވެ. އަނެއްބަޔަކު ބުނާގޮތުން މަރުވާން އަހަވާރަވީ ޕްލޭގް ޖެހިގެންނެވެ. ޚަލީފާކަން 10މަސްދުވަހު ކޮށްފައި ވެއެވެ.

5- ޢަބުދުލް މަލިކް ބިން މަރުވާން ބިން ހަކަމް

އުފަންވެ ވަޑައިގަތީ ހިޖުރައިން 26ވަނަ އަހަރުގައެވެ. އުޅެބޮޑުފުޅުވީ މަދީނާގައެވެ. ދީންވެރި އަޅުވެރިއެއްގެ ގޮތުގައި ފާގަކުރެވިފައިވެއެވެ. ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 65ވަނަ އަހަރުގެ ރަމަޟާން މަހުގެ 27ވަނަ ދުވަހުއެވެ. އެއީ މީލާދީން 685ވަނަ އަހަރުގެ މާރޗު މަހުގެ ތެރޭގައެވެ. ޚަލީފާކަމަށް އިސްވެވެޑައިގަތީ ބައްޕާފުޅު މަރުވާން ބިން ޙަކަމް އަވަހާރަވުމަށް ފަހުގައެވެ. ހައިބަތު ހުރި ޖާނު ވަރުގަދަ މީހެއްކަމުގައި ވެސް ބެލެވިފައި ވެއެވެ.

ޢަބުދުލް މަލިކް ބިން މަރުވާންގެ ޚިލާފަތުގައި އުމަވީ ދައުލަތުގެ ވެރިކަން ރޫމީ، ފާރިސީ އަދި ޢަރަބި ރަށްތަކުގައި ހިންގާފައިވެއެވެ. އެންމެ ފުރަތަމަ ލިޔާއިރު ފިލިޖެއްސެވުން، ދިރުހަމުގައި ކުރެއްސެވުން، ދީނާރުގެ ލޯލާރި ތަޢާރަފުކުރުން މިއީ ހައްތަހާ ވެސް ޢަބުދުލް މަލިކް ބިން މަރުވާންގެ ވެރިކަމުގައި ހިގާފައިވާ ކަންތައްތަކެވެ. މައްކާގައި ވާ ކައުބާ ނުވަތަ ގެފުޅު ތަޅާލެއްވުމަށް ފަހު މިހާރު ފެންނަށް އެހެރިގޮތަށް ބިނާ ކުރެއްވީ ވެސް އަބުދުލް މަލިކް ބިން މަރުވާންގެ ވެރިކަމުގައެވެ. ''ހަރުޤަލާ''އޭ ކިޔޭ ރަށް ފަތަހަކޮށް ''ވާސިޠު'' އޭ ކިޔޭ ރަށް ބިނާކުރެއްވިއެވެ.

އަބުދުލް މަލިކް ބިން މަރުވާން އާއި ބެހޭގޮތުން އަބޫ އައްޒަނާދު ވިދާޅުވެފައިވެއެވެ. ''މަދީނާގެ ފިގުހު ޢިލްމު ވެރިންނަކީ ސަޢީދު ބިން މަސީބުއާއި، ޢަބުދުލް މަލިކް ބިން މަރުވާންއާއި، ޢުރުވަތު ބިން ޒުބައިރުއާއި، ޤުބައިޞާ ބިން ޛުއައިބު އެވެ''ޢަބުދުލް މަލިކް ބިން މަރުވާން ދުނިޔެދޫކުރެއްވީ ދިމިޝްޤުގައި ހިޖުރައިން 86ވަނަ އަހަރުގެ ޝައްވާލު މަހުގެ ތެރޭގައެވެ.

6- ވަލީދު ބިން ޢަބުދުލް މަލިކް

ފުރިހަމަ ނަންފުޅަކީ ވަލީދު ބިން ޢަބުދުލް މަލިކް ބިން މަރުވާން ބިން ޙަކަމް އެވެ. އުފަންވެވަޑައިގަތީ ހިޖުރައިން 48ވަނަ އަހަރުގައެވެ. ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 86ވަނަ އަހަރުގެ ޝައްވާލު މަހުގެ 14ވަނަ ދުވަހު ބައްޕާފުޅު އަބުދުލް މަލިކް ބިން މަރުވާން އަވަހާރަވުމުންނެވެ.

ވަލީދު ބިން އަބުދުލް މަލިކްގެ ވެރިކަމުގައި ތިއްބެވި ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި މޫސާ ބިން ނަޞީރުއާއި ، ޠާރިޤު ބިން ޒިޔާދު ފަދަ ބޭފުޅުން ހިމެނެއެވެ. ވަލީދުގެ ވެރިކަމުގައި އިސްލާމީ ދައުލަތް އިންޑިޔާ، ތުރުކިސްތާން، އަދި ޗައިނާގެ އިރުމަތީ ހިސާބުތަކަށް ފެތުރިގެން ދިޔައެވެ.

ވަލީދު ބިން ޢަބުދުލް މަލިކު އަކީ އުމުރާނީ ތަރައްގީ އަށް ވަރަށް ލޯބިކުރެއްވި ބޭފުޅެކެވެ. މަދީނާގެ ވެރިއަކަށް ހުންނެވި ބޭފުޅާއަށް މަދީނާގައި މީސްތަކުން ބޭނުންކުރުމަށް ފެންވަޅުތައް ކޮނެ މަގުތައް ހެދުމަށް އަމުރުކުރެއްވިއެވެ. ޖުޒާމްބަލި ޖެހިފައި ތިބޭމީހުން މީސްތަކުންތެރެއަށް ނިކުމެ އުޅުން މަނާކުރައްވައި އެމީހުންނަށް ޚާއްޞަ އިނާޔަތް ދެއްވިއެވެ.

އިސްލާމީތާރީޚުގައި މިޒަމާނުގައި މިފެންނަ ގޮތަށް ފުރަތަމަ ހޮސްޕިޓަލް އުފެއްދެވީ ވެސް އެދުވަސްވަރު އެވެ. ލޯފަން ކޮންމެ މީހަކަށް ބައިތުލް މާލުން އެހީވެދެއްވައި، ނުހިގޭ މީހުންނަށް ޚާދިމުން ކަނޑައެޅުއްވި އެވެ. އަދި ފަގީރުންނަށް ވެސް ބައިތުލްމާލުން އެހީވެދެއްވައި ހެއްދެވިއެވެ.

ރަށުން ބޭރުން ރަށްތަކަށް އަންނަ މީހުން މަޑުކޮށްލައިގެން ތިބުމަށް ނުވަތަ އުޅުމަށް ޚާއްޞަ ގެތައް ބިނާކުރެއްވި އެވެ. މަދީނާގައިވާ މަސްޖިދުއް ނަބަވީ މަރާމާތުކޮށް،، ގުދުސްގައިވާ މަސްޖިދުލް އަޤްޞާ ބިނާކުރެއްވިއެވެ. ދިމިޝްގުގައިވާ ޖާމިއުލް އުމަވީ ނުވަތަ އުމަވީ މިސްކިތް ބިނާކުރެއްވިއެވެ. އުމަވީ މިސްކިތް ބިނާކުރެއްވުމަށް 11މިލިޔަން 200 ހާސް ދީނާރު ހޭދަކުރެއްވި އެވެ. ވަލީދު ބިން އަބުދުލް މަލިކް މިދުނިޔެ ދޫކުރެއްވީ ހިޖުރައިން 96ވަނަ އަހަރުގައި ދިމިޝްގުގައެވެ.

7- ސުލައިމާން ބިން ޢަބުދުލް މަލިކް

ފުރިހަމަ ނަންފުޅަކީ ސުލައިމާން ބިން މަރުވާން ބިން ޙަކަމް އެވެ. އުފަންވެ ވަޑައިގަތީ ހިޖުރައިން 60ވަނަ އަހަރުގައެވެ. ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 69ވަނަ އަހަރުގެ ޖުމާދިލް އާޚިރު މަހުގެ 15ވަނަ ދުވަހު އެވެ. އެއީ މީލާދީން 715 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ސުލައިމާން ބިން ޢަބުދުލް މަލިކް އަކީ ދޫހެލޭ ބޭފުޅެކެވެ. އަދުލު އިންޞާފަށް ލޯބިކުރައްވާ ﷲ މަގުގައި ޖިހާދުކުރުމަށް ފަސްޖެހިވަޑައި ނުގަންނަވާ ބޭފުޅެކެވެ.ޚަލީފާކަމުގެ ދުވަސްވަރު އެކިކަންކަމުގައި އަބަދުވެސް ''ޢުމަރުބިން ޢަބުދުލް ޢަޒީޒު'' އަދި ''ރަޖާއު ބިން ޙައިވާ''އާއި މަޝްވަރާކުރައްވައެވެ. އިރާގުގެ ޖަލުގައި ތިއްބެވި މީހުން ނެރެ މިނިވަން ކުރެއްވިއެވެ. ނަމާދު އޭގެ ވަގުތުގެ ކުރީކޮޅުގައި ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ.

ސުލައިމާން ބިން ޢަބުދުލް މަލިކް ގެ ޚިލާފަތުގައި ''ޤަސްޠަންޠީނިއްޔާ'' މިނިވަން ކުރެއްވުމަށްޓަކައި އޭނާގެ އަޚު ''މަސްލަމާ ބިން ޢަބުދުލް މަލިކް'' ފޮނުއްވިއެވެ. އަދި އެތަން ފަތަހަ ކުރެވެންދެން އެތާގައި މަޑުކުރެއްވުމަށް އެންގެވިއެވެ. މަސްލަމާ ބިން ޢަބުދުލް މަލިކް އެތާގައި މަޑުކޮށް އެތަން ޙިޞާރު ކުރެއްވިއެވެ. ނަމަވެސް ފަތަހައެއް ނުކުރެއްވެއެވެ.ސުލައިމާން ބިން ޢަބުދުލް މަލިކް އަކީ އިލްމުވެރިންނާއި އެކު ވަގުތުތައް ހޭދަކޮށް އެމީހުންގެ ތަގުރީރުތަކާއި، ނަޞޭހަތްތައް އަޑުއެހުމަށް ލޯބިފުޅު ކުރެއްވި ވެރިއެކެވެ. ދުނިޔެ ދޫކުރެއްވީ ހިޖުރައިން 99ވަނަ އަހަރުގައެވެ.

8- ޢުމަރު ބިން ޢަބުދުލް ޢަޒީޒު ރަޟިޔަﷲ ޢަންހު

ފުރިހަމަ ނަންފުޅަކީ ޢުމަރު ބިން ޢަބުދުލް ޢަޒީޒު ބިން މަރުވާން ބިން ޙަކަމް އެވެ. މިއީ މުސްލިމުންގެ 5 ވަނަ ޚަލީފާ ކަމުގައި ބުނެވެއެވެ. އުފަންވެ ވަޑައިގަތީ ހިޖުރައިން 61ވަނަ އަހަރު މަދީނާގައެވެ. ސުލައިމާން ބިން ޢަބުދުލް މަލިކުގެ ޚަލީފާ ކަމުގެ ދުވަސްވަރު ޝާމްކަރައިގައި ވަޒީރެއްގެ ގޮތުގައި ހުންނެވިއެވެ. ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 99ވަނަ އަހަރުގެ ޞަފަރު މަހުގެ 10ވަނަ ދުވަހު އެވެ. އެއީ މީލާދީން 717 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ޚަލީފާ ކަމުގައި 2އަހަރާއި ބައި ވަންދެން ދެމިހުންނެވިއެވެ.

ޢުމަރު ބިން ޢަބުދުލް ޢަޒީޒުގެ ޚަލީފާކަމުގެ ދުވަސްވަރު މީސްތަކުންގެ މެދުގައި އަދުލުވެރި ކަމާއި އިންސާފު ގާއިމު ކުރެއްވިއެވެ. އެހެންކަމުން ޢުމަރު ބިން ޢަބުދުލް ޢަޒީޒު ސިފަ ކުރެވެނީ ޢަދުލުވެރި ވެރިއެއްގެ ގޮތުގައެވެ. އަދި ހެޔޮލަފާ ޞާލިޙު ޚަލީފާއެއްގެ ގޮތުގައެވެ. ޒުހުދުވެރި ބޭފުޅެއްގެ ގޮތުގައެވެ. ބައިތުލް މާލުގައި ހުރި ހުރިހާ މުދަލެއް ﷲގެ މަގުގައި ހޭދަކުރެއްވިއެވެ.

ޝާފިޢީގެ ފާނު ވިދާޅުވެފައިވެއެވެ. '' 5ޚަލީފާއެއް ވެއެވެ. އެއީ އަބޫބަކުރު، އުމަރު، އުޘްމާން، ޢަލީ އަދި ޢުމަރު ބިން ޢަބުދުލް ޢަޒީޒުއެވެ''. އިބްނި ސީރީން ވިދާޅުވެފައިވެއެވެ. ''އެއީ ތެދުމަގު ދައްކައިދޭ އިމާމެވެ.''ޢުމަރު ބިން ޢަބުދުލް ޢަޒީޒު މިދުނިޔެ ދޫކުރެއްވީ ހިޖުރައިން 101 ވަނަ އަހަރުގައެވެ.

9- ޔަޒީދު ބިން ޢަބުދުލް މަލިކް

ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 101ވަނަ އަހަރުގެ ރަޖަބު މަހުގެ 20ވަނަ ދުވަހު އެވެ. އެއީ މީލާދީން 720ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

10- ހިޝާމް ބިން ޢަބުދުލް މަލިކް

ފުރިހަމަ ނަންފުޅަކީ ހިޝާމް ބިން އަބުދުލް މަލިކް ބިން މަރުވާން ބިން ހަކަމް އެވެ. އުފަންވެ ވަޑައިގަތީ ހިޖުރައިން 71ވަނަ އަހަރު ދިމިޝްގު ގައެވެ. ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 105ވަނަ އަހަރުގެ ޝަޢުބާން މަހުގެ 26ވަނަ ދުވަހު އެވެ. މީލާދީން 724ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެއީ އޭނާގެ ބޭބޭފުޅު ޔަޒީދު ބިން އަބުދުލް މަލިކް އަވަހާރަވުމާއި ގުޅިގެންނެވެ.

ހިޝާމް ބިން އަބުދުލް މަލިކްގެ ޚިލާފަތުގައި ހިޖުރައިން 120ވަނަ އަހަރު ކޫފާގެ 14ހާސް މީހުންނާއި އެކު ޒައިދު ބިން އަލީ ބިން ހުސައިން ހިޝާމް ބިން އަބުދުލް މަލިކްއާއި އިދިކޮޅަށް ނިކުންނެވިއެވެ. އެއީ ހިޝާމް ބިން އަބުދުލް މަލިކް ގަތުލުކުރެއްވުމަށްޓަކައެވެ. ޝާމްކަރައިގައި އޮތް ހިޝާމްބިން އަބުދުލް މަލިކްގެ ވެރިކަމުގެ ދުވަސްވަރު އުމަވީ ދައުލަތުގެ އެއްވެސް ޚަލީފާއެއްގެ ޚަޒާނާގައި ނެތްވަރަށް ލާރި ފައިސާ އެއްކޮށްފައި ހުއްޓެވެ. ހޫނު މޫސުމު ދިރިއުޅެއްވުމަށްޓަކައި 4މޭލު ބޮޑުމިނުގައި ''ރަޞާފާ''އޭ ކިޔޭ ތަނެއް ބިނާކުރެއްވިއެވެ. ހިޝާމް ބިން އަބުދުލް މަލިކް ފާހަގަ ކުރެވިފައިވަނީ އަމިއްލަ ފުޅަށް ކަންތައްތައް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އަވަހާރަވެ ވަޑައިގެންނެވީ ހިޖުރައިން 125ވަނަ އަހަރު ''ރަޞާފާ'' ގައެވެ.

11- ވަލީދު ބިން ޔަޒީދު ބިން ޢަބުދުލް މަލިކް

ފުރިހަމަ ނަންފުޅަކީ ވަލީދު ބިން ޔަޒީދު ބިން އަބުދުލް މަލިކް ބިން މަރުވާން ބިން ޙަކަމް އެވެ. ވަލީދު ބިން ޔަޒީދު އުފަންވެ ވަޑައިގަތީ ހިޖުރައިން 88ވަނަ އަހަރުގައެވެ. ވަލީދު ބިން ޔަޒީދު ގެ ބައްޕާފުޅު ޔަޒީދު ބިން އަބުދުލް މަލިކް އަވަހާރަވުމުން ޚަލީފާކަމަށް އިސްކުރެވުނީ އޭނާގެ ބޮޑުބޭބޭފުޅު ހިޝާމް ބިން އަބުދުލް މަލިކް އެވެ. ހިޝާމް ޚަލީފާ ކަމަށް އިސްވެވަޑައިގަތުމަށް ފަހު ވަލީ އަހުދަކަށް ވަލީދު ބިން ޔަޒީދު ކަނޑައެޅުއްވި އެވެ. ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 125ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ ތެރޭގައި ބޮޑުބޭބޭފުޅު ހިޝާމް ބިން އަބުދުލް މަލިކް އަވަހާރަވުމަށް ފަހުގައެވެ. އެއީ މީލާދީން 743ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ޚަލީފާކަމުގައި 1އަހަރާއި 3މަސް ދުވަހު ދެމިހުންނެވިއެވެ.

ވަލީދު ބިން ޔަޒީދު ނުބައިކަންތަކާއި، ރާބުއިމަށް ދެވިހިފާފައިވާތީ މީސްތަކުން އެކަމާއި ނުރުހި ޔަޒީދު ބިން ވަލީދު ބިން އަބުދުލް މަލިކް އަށް ސިއްރުގައި ބައިޢަތު ހިފައި ވަލީދު ބިން ޔަޒީދު ޚަލީފާކަމުން ދުރުކުރެއްވުމަށް ގޮވާލެއްވިއެވެ. އޭރު ވަލީދު ބިން ޔަޒީދު ހުންނެވީ އުރުދުންގެ އިރުމަތީ ހިސާބުގައި އޮންނަ ޢައްމާންގައިވާ ''އަޣުދަފު'' އޭ ކިޔުނު ރަށުގައެވެ. އެޚަބަރު ލިބުމާއި އެކު އެބުރި ''ބުޚަރާއު'' އަށް ވަޑައިގެންނެވިއެވެ.

''ބުޚަރާއު'' އަށް ވަޑައިގަތުމާއި އެކު ޔަޒީދުގެ ޞަހާބީންގެ ތެރެއިން ބަޔަކު އެއްވެ، ނުޢުމާން ބިން ބަޝީރު ގެ ގަނޑުވަރުގައި ވަލީދު ބިން ޔަޒީދު ގަތުލު ކުރެއްވިއެވެ. އެއަށް ވަލީދު ބިން ޔަޒީދުގެ އިސްތަށިކޮޅު ދިމިޝްގަށް ގެންދެވުނެވެ. މިހާދިސާ ހިގީ ހިޖުރައިން 126 ވަނަ އަހަރުގައެވެ.

12- ޔަޒީދު ބިން ވަލީދު ބިން ޢަބުދުލް މަލިކް

ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 126ވަނަ އަހަރުގެ ޖުމާދިލް އާޚިރު މަހުގެ ތެރޭގައެވެ. އެއީ މީލާދީން 477ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ.

13- އިބްރާހީމް ބިން ވަލީދު ބިން ޢަބުދުލް މަލިކް

ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 126ވަނަ އަހަރުގެ ހައްޖުމަހުގެ ތެރޭގައެވެ. އެއީ މީލާދީން 744ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ޚަލީފާކަން ކޮށްފައިވަނީ އެންމެ 70ދުވަހުގެ މުއްދަތަށެވެ. ޚަލީފާކަމަށް އިސްކުރެވުނީ އޭނާގެ އަޚް ޔަޒީދު އަވަހާރަވުމާއި ގުޅިގެންނެވެ.

14- މަރުވާން ބިން މުޙައްމަދު ބިން މަރުވާން ބިން ޙަކަމް

ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 127ވަނަ އަހަރުގެ ޞަފަރު މަހުގެ ތެރޭގައެވެ. އެއީ މީލާދީން 744ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މިއީ އުމަވީ ދައުލަތުގެ އެންމެ ފަހު ޚަލީފާއެވެ. ހިޖުރައިން 126ވަނަ އަހަރު ވަލީދު ބިން ޔަޒީދު ގަތުލުކުރެއްވުމުން އަރްމީނިޔާ ގައި މަރުވާން ބިން މުހައްމަދު ބިން މަރުވާން އަށް ބައިޢަތު މީސްތަކުން ހިފިއެވެ. އަދި ލަޝްކަރައިގެން ދިމިޝްގަށް ވަޑައިގެން އިބްރާހީމް ބިން ވަލީދު ވެރިކަމުން ދުރުކުރައްވައި ހިޖުރައިން 127ވަނަ އަހަރު ވެރިކަމަށް އިސްވި އެވެ.

މަރުވާން ބިން މުހައްމަދު ފާހަގަކުރެވެނީ ހިތްވަރުގަދަ ފަހުލަވާނެއްގެ ގޮތުގައެވެ. ހިޖުރައިން 105ވަނަ އަހަރު ''ގޫނިޔާ'' ކިޔޭ ރަށާއި ހަގުރާމަކޮށް އެރަށް ފަތަހަކުރިއެވެ. ހިޝާމް ބިން އަބުދުލް މަލިކްގެ ދުވަސްވަރު މަރުވާން ބިން ހަކަމް ހިޖުރައިން 114ވަނަ އަހަރު އަރްމީނިޔާ އަދި އާޒަރްބައިޖާންގެ ވެރިކަމަށް އިސްކުރެވުނެވެ. އެއަށްފަހު އަބުލް އައްބާސް އައްސައްފާހް އާއި މަރުވާން ބިން މުހައްމަދު އާއި ދެމެދު މޫޞިލް އާއި އަރްބީލްއާއި ދެމެދުގައި އޮންނަ ޒާބު އޭ ކިޔުނު ހިސާބެއްގައި ހަގުރާމަ ހިނގި އެވެ. މިހަގުރާމައިގައި ބަލިވުމުން މަރުވާން ފިލައިގެން މިސްރަށް ވަޑައިގެންނެވިއެވެ. އެހިނދު އައްސައްފާހު ގެ ކޮއްކޮ ޞާލިހް ބިން އަލީ މަރުވާންގެ ފަހަތުން ދަތުރުކުރައްވައި ބޫޞީރުއޭ ކިޔޭ ހިސާބުގައި މަރުވާން ގަތުލުކުރެއްވި އެވެ.

އުމަވީ ދައުލަތުގެ ވެރިކަން ނިމުމަކަށް އައީ ހިޖުރައިން 132ވަނަ އަހަރުގެ ހައްޖުމަހުގެ 27ވަނަ ދުވަހު ޚަލީފާ މަރުވާން ބިން މުޙައްމަދު ބިން މަރުވާން ގަތުލުކުރެއްވުމުންނެވެ. 5އަހަރާއި 2މަސްދުވަހު ޚަލީފާކަން ކޮށްފައި ވެއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 62އަހަރު އެވެ.

 

* ގުޅުންހުރި ލިޔުންތައް:

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.