ހޮނިހިރު20180922

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތާރީޚް އުމަވީ ދައުލަތުގެ ދުވަސްވަރު ހިގާދިޔަ ބައެއް ހަގުރާމަތައް

އުމަވީ ދައުލަތުގެ ދުވަސްވަރު ހިގާދިޔަ ބައެއް ހަގުރާމަތައް

umavee-haguraama-tha1- އުތުރު އެފްރިކާގެ ބައިތައް ފަތަހަ ކުރެއްވުން

އެފްރިކާގެ އުތުރުގައި މެދުތެރޭ ކަނޑުގެ އައްސޭރިގައިވާ ރަށްތަކުގެ ތެރެއިން މިހަގުރާމައިގައި ފަތަހަ ކުރެއްވި ރަށްތަކަކީ ޓްރިޕޮލީ ނުވަތަ ''ޠަރާބުލުސް''އާއި، ''ފަޒާން''އާއި، މޮރޮކޯގެ ބައެއް ރަށްތަކެވެ. މިބުނި ރަށްތައް ފަތަހަ ކުރެއްވުމުގެ ހާދިސާ ހިގީ ހިޖުރައިން 50ވަނަ އަހަރާއި 69ވަނަ އަހަރާއި ދެމެދުގެ ދުވަސްވަރެއް ގައެވެ.

އެދުވަސްވަރު މެދުތެރޭ ކަނޑުގެ އައްސޭރީގައިވާ ގިނަ ހިސާބުތަކަށް ރޫމީންގެ ނުފޫޒު ވަނީ ފޯރާފައެވެ. އެތެރޭގެ ރަށްތަކަށް ބާރު ފޯރުަވަމުން ދިޔައީ ''ބަރުބަރު''އިންނޭ ކިޔުނު ބައެކެވެ.

މިހަގުރާމައިގައި މުސްލިމުންގެ ލަޝްކަރާއިގެން ''ޢަޤަބާ ބިން ނާފިޢު'' ނިކުމެ،''ޠަރާބުލުސް'' އާއި ފަޒާން ފަތަހަކުރައްވައި ދެކުނަށް ގޮސް ސޫދާންގެ ރަށްތައް ވެސް ފަތަހަ ކުރެއްވި އެވެ. ޢަގަބާ ބިން ނާފިޢު ހަގުރާމައިގެ ބޭސްއެއްގެ ގޮތުގައި ތޫނިސްގައިވާ ''ޤައިރަވާން''އޭ ކިޔުނު ރަށް ކަނޑައެޅުއްވިއެވެ. އެއަށްފަހު ''ބަރުބަރު''ންގެ ބިންތަކާއި ހަމައަށް ވާސިލްވެ އެރަށްތައް ފަތަހަ ކުރެއްވުމަށް މަސައްކަތް ކުރެއްވިއެވެ. ޢަޤަބާ ބިން ނާފިޢު އަވަހާރަވީ ''މަމްސް'' ހަގުރާމައިގެ ތެރޭގައެވެ.

2- މަމްސް ހަގުރާމަ

ރޫމީންނާއި ބަރުބަރުންނާއި ދެކޮޅަށް މުސްލިމުން ކުރި މިހަގުރާމަ ހިގީ ހިޖުރައިން 69 ވަނަ އަހަރުގައި ޢަބުދުލް މަލިކް ބިން މަރުވާންގެ ޚިލާފަތުގައި މަޣުރިބު ނުވަތަ މޮރޮކޯގެ ''ޤައިރަވާން'' އޭ ކިޔޭ ރަށުގައެވެ. ބަރުބަރުން ރޫމީންނަށް އެހީވެ، މުސްލިމުންނާއި ދެކޮޅަށް ހަގުރާމަ ފެއްޓިއެވެ. ހަގުރާމައިގައި މުސްލިމުންގެ ލަޝްކަރުގެ ވެރިއަކަށް ހުންނެވި، ޢަޤަބާ ބިން ނާފިޢު ޝަހީދުވެ ވަޑައިގަތެވެ. އަދި މުސްލިމުންގެ ބޮޑުންގެ ތެރޭގައި ހިމެނޭ އަބުލް މުހާޖިރު ބިން ދީނާރު ވެސް ޝަހީދުވެ ވަޑައިގަތެވެ. އެއަށް ފަހު މުސްލިމުންގެ ލަޝްކަރު ފަހަތަށް ޖެހެމުން ގޮސް ''ޤައިރަވާން''އަށް ވާސިލްވިއެވެ. އެއަށް ފަހު ޤައިރަވާން އެމީހުންގެ ބާރުގެ ދަށަށް ގެންދިޔައެވެ.

ރޫމީންނާއި ބަރުބަރުން ޤައިރަވާން ހިފުމުން ޤައިރަވާންގެ ވެރިއަކަށް ހުންނެވި ޒުހައިރު ބިން ޤައިސް އެޚަބަރާއިގެން ޚަލީފާ ޢަބުދުލް މަލިކްގެ އަރިހަށް ޝާމު ކަރައަށް ވަޑައިގަތެވެ. އެއަށް ފަހު ބޮޑު ލަޝްކަރެއް ތައްޔާރު ކުރައްވައި ޒުހައިރު ބިން ޤައިސް ވެރިއަކަށް ހުންނަވައިގެން ޤައިރަވާން އަށް ވަޑައިގެތެވެ. ހަގުރާމައިގައި ބަރުބަރުންގެ ވެރިއަކަށް ހުންނެވި ''ކަސީލާ'' ގަތުލުކުރައްވައި ޤައިރަވާން އިން ރޫމީންނާއި ބަރުބަރުން ފައްސައި ބޭރުކޮށްލިއެވެ.

3- ޖައިޙޫން ކޯރުގެ ފަހަތުގައިވާ ރަށްތައް ފަތަހަ ކުރެއްވުން

ޖައިޙޫން ކޯރުގެ ފަހަތުގައިވާ ރަށްތައް ކަމުގައި ބެލެވެނީ ''ޠަޚާރިސްތާން''، ''ޞަފާނިޔާން''، ''ޚަވާރިޒަމް''،''އަޝްރޫ''،''ޝާޝް''، ''ޞަޣުދު''، ''ސަމަރުގަންދު'' އަދި ''ބުޚާރީ'' މިރަށް ތަކެވެ. މިއީ އޭރު މިރަށްތަކަށް ވެރިވެގެން ތިބި ''ތުރުކު''ންނާއި ދެކޮޅަށް ކުރެވުނު ހަގުރާމަ އެކެވެ. މިހަގުރާމައިގައި މުސްލިމުންގެ ވެރިއަކަށް ހުންނެވީ ''ޤުޠައިބާ ބިން މުސްލިމް'' އެވެ. ''ތުރުކު''ންގެ ވެރިއަކަށް ހުންނެވީ ''ޚާގާން'' އެވެ.

މިރަށްތައް ފަތަހަކުރެއްވުމަށް ކުރެއްވި މަސައްކަތުގައި ކޮންމެ ރަށެއްގެ ވެރިންނަށް ވެސް އިސްލާމްދީން ޚިޔާރުކުރުމަށް ނުވަތަ ޖިޒީ ދެއްވުމަށް އެދިވަޑައިގަންނެވިއެވެ. މިއިން ކަމަކުން މަނާވެގެންފި ބަޔެއް ނަމަ ހަގުރާމަކޮށް ބަލިކުރެއްވިއެވެ. މިގޮތުން ޖައިޙޫން ކޯރުގެ ވަށައިގެންވާ ހުރިހާ ރަށްތަކެއް ވެސް ފަތަހަކުރެއްވިއެވެ. މިހާދިސާ ހިގީ ހިޖުރައިން 87ވަނަ އަހަރުއެވެ.

މިހާދިސާގައި މުސްލިމުންނަށް ލިބުނު ނަޞްރުގެ ނަތީޖާއަކީ އެރަށްތަކުގެ އަހުލުވެރިންގެ ތެރެއިން ގިނަ ބަޔަކު އިސްލާމްދީން އިޚުތިޔާރު ކުރުމެވެ. އަދި އިސްލާމީ ސަރަހައްދު ޗައިނާއާއި ހަމައަށް ވާސިލްވެގެން ދިޔުމެވެ.

4- ސިންދުގެ ރަށްތައް ފަތަހަ ކުރެއްވުން

ސިންދުގެ ރަށްތަކޭ ކިޔެނީ ''ސިންދު ކޯރު''ގެ ވަށައިގެން އޮންނަ ރަށްތަކަށެވެ. ''ސިންދު ކޯރު އޮންނަނީ އީރާނުގެ ހުޅަގުން ފެށިގެން ގޮސް ހިމާލިޔާ ފަރުބަދަތަކާއި ހަމައަށެވެ. މިހާރު ''ސިންދު ކޯރު''ގެ ބޮޑުބައެއް އޮންނަނީ ޕާކިސްތާނު ގައެވެ. ކުރިން މިކޯރުގެ ބޮޑުބައެއް އޮތީ އިންޑިޔާގެ ދަށުގައެވެ.

''ސިންދު ގެ ރަށްތައް'' ފަތަހަ ކުރެއްވުމަށް ކުރެވުނު ހަގުރާމައިގައި މުސްލިމުންގެ ވެރިއަކަށް ހުންނެވީ މުޙައްމަދު ބިން ޤާސިމް އައްޘަޤަފީ އެވެ. މިހަގުރާމަ ކުރެވުނީ އޭރު ސިންދުގެ ރަށްތަކަށް ވެރިވެގެން ތިބި ''ހަނާދިކާ'' އިންނާއި ދެކޮޅަށެވެ. ހަނާދިކާއިންގެ ވެރިއަކަށް ހުންނެވީ ''ދާހިރު'' އެވެ. މިހަގުރާމަ ހިގީ ''ސިންދު ކޯރު''އާއި ދީބަލް އޭ ކިޔުނު ހިސާބެއްގައި ހިޖުރައިން 90ވަނަ އަހަރުއެވެ.

އިސްލާމްދީން ދިއުމުގެ ކުރިން ސިންދުގެ ރަށްތަކަކީ އަނިޔާވެރިކަން ހައްދުފަހަނަ އަޅާފައިވާ ރަށްތަކެކެވެ. މުސްލިމުން ބޭނުންވީ އެރަށްތައް ފަތަހަކޮށް މީސްތަކުންގެ މެދުގައި އަދުލު އިންސާފު ގާއިމުކޮށް ހެޔޮމަގަށް ގޮވާލާ ބަޔަކަށް އެރަށްތަކުގެ އަހުލުވެރިން ހެދުމަށެވެ. މިހަގުރާމަ ކުރަން ޖެހުނު އެއް ސަބަބަކީ މިއީ އެވެ. ދެވަނަ ސަބަބަކީ ކަނޑު ފޭރޭ ބަޔަކާއި އެކު މުސްލިމު ހުވަފަތް އަންހެނުންނާއި ކުޑަކުދިން ތިބި ވިޔަފާރި މަނަވަރެއް އަތުލައިގަތުމުގައި އޭރު ސިންދުގެ ރަށްތަކުގެ ވެރިއަކަށް ހުރި ދާހިރު ބައިވެރިވުމެވެ. އެއަށް ފަހު އަންހެނުންތައް އަސީރުންނަށް ހަގުރާމައިގެ އަސީރުންގެ ގޮތުގައި ބައިތިއްބިއެވެ. މިޚަބަރު ލިބުމާއި އެކު އަސީރުންގެ ގޮތުގައި ތިބި މުސްލިމުން ސަލާމަތްކުރުމަށްޓަކައި ލަޝްކަރު ތައްޔާރު ކުރައްވައި ހަގުރާމައަށް މުޙައްމަދު ބިން ޤާސިމް ނިކުތެވެ.

މިހަގުރާމައިގައި ދެވުނު ހަމަލާ މުޙައްމަދު ބިން ޤާސިމް ދެބަޔަކަށް ބަހާލިއެވެ. އެއްބައި ދިޔައީ ކަނޑުގެ މަގު ހުރަސްކޮށެވެ. އަނެއް ބަޔަކު ދިޔައީ އެއްގަމުގެ މަގުންނެވެ. އެއްގަމުގެ މަގުން ދަތުރުކުރި ލަޝްކަރުގެ ވެރިއަކަށް ހުންނަވައި ބައެއް ރަށްތައް ފަތަހަ ކުރައްވައި ކުރިއަށް ދަނިކޮށް ''ދީބަލް'' އޭ ކިޔުނު ރަށުގެ ބަދަރުން ކަނޑުގެ މަގުން ދިޔަ ޖަމާޢަތުގެ މީހުންނާއި ބައްދަލުވިއެވެ. އެއަށްފަހު ދެބައިމީހުން އެއްވެ، އުތުރަށް ދަތުރު ކުރައްވައި ''ދާހިރު''ގެ ލަޝްކަރާއި ކުރިމަތި ލެއްވިއެވެ. ހަގުރާމައިގެ މައިދާނުގައި މާގިނަ އިރުތަކެއްނުވެ ދާހިރުގެ ލަޝްކަރުގެ މީހުން ބަލިވެ، ފިލަން ދުއްވައިގަތެވެ. ހަގުރާމަ ނިމުނީ މުސްލިމުންނަށް ނަޞްރުލިބި ގެންނެވެ. އޭރު ''ދާހިރު''ގެ ސިފައިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު މުސްލިމުންގެ އަތްދަށުގައި އަސީރުންގެ ގޮތުގައި ތިއްބެވެ.

މުސްލިމުންނަށް މިހަގުރާމައިގައި ނަޞްރު ލިބުމުގެ ނަތީޖާއެއްގެ ގޮތުން އެހިސާބުގައި އިސްލާމް ދީނަށް ވަންނަމީހުން އިތުރުވެ އިސްލާމީ ދިދަ އުފުލިގެން ދިޔައެވެ. ސިންދުކޯރުގެ ވަށައިގެންވާ ވަރަށް ގިނަ ރަށްތައް އިސްލާމީ ދައުލަތުގައި ބައިވެރިވިއެވެ.

5- ސްޕޭން ފަތަހަ ކުރެއްވުން ( ވާދީ ލަކަތު )

އަންދަލުސް ނުވަތަ ސްޕޭން ފަތަހަ ކުރެއްވުމަށް ކުރެވުނު ހަގުރާމަ ހިގީ ސްޕޭންގެ ''ވާދީ ލަކަތު'' އޭ ކިޔުނު ހިސާބުގައެވެ. މިހަގުރާމަ ހިގީ އުމަވީ ދައުލަތުގެ ޚަލީފާ ވަލީދު ބިން ޢަބުދުލް މަލިކްގެ ވެރިކަމުގައި ހިޖުރައިން 92ވަނަ އަހަރުގެ ޝައުބާންމަހުގެ ތެރޭގައެވެ.

މިހަގުރާމަ ކުރެވުނީ އޭރު ސްޕޭންގެ ރަށްތަކަށް ވެރިވެގެން ތިބި ''ޤޫތު''ންނާއި ދެކޮޅަށެވެ. ހަގުރާމައިގެ ލަޝްކަރުގައި ''ޤޫޠު''ންގެ ވެރިއަކަށް ހުންނެވީ ''ލަޛުރީޤު''އޭ ކިޔޭ މީހެކެވެ. 7000މީހުން އެކުލެވޭ މުސްލިމުންގެ ލަޝްކަރުގެ ވެރިއަކަށް ހުންނެވީ ޠާރިޤު ބިން ޒިޔާދު އެވެ. މިހަގުރާމަ ކުރެވުނު ސަބަބަކީ ސްޕޭންގައި ވެރިކަން ހިންގަމުން ދިޔަ ''ޤޫޠު''ންގެ އަނިޔާވެރި އަމަލުތައް ނިމުމަކަށް ގެނެސް ސްޕޭން ފަތަހަ ކުރެއްވުމެވެ.

މިހަގުރާމައަށް ޓަކައި 7000މީހުންނާއި އެކު ޠާރިޤު ބިން ޒިޔާދު ''ޠާރިޤު ފަރުބަދަ '' ހުރަސް ކުރައްވައި ސްޕޭން އަށް ވަޑައިގެންނެވިއެވެ. ''ޠާރިޤު ފަރުބަދަ''އާއި ހިސާބުން މީސްތަކުންނާއި މުޚާޠަބުކޮށް ޠާރިޤު ބިން ޒިޔާދު ބުނެފައިވަނީ މިފަދައިންނެވެ. '' އެންމެހާ މީސްތަކުންނޭވެ. ފިލަންދާނީ ކޮންތާކަށް ހެއްޔެވެ.؟ފަހަތުންވަނީ ކަނޑެވެ. ކުރިމަތިން ވަނީ ތިޔަބައިމީހުންނާއި އަދާވާތްތެރި މީހުންނެވެ. ހަމަޔަގީނުންވެސް ތިޔަބައިމީހުންނަށް ތެދުވެރި ވުމާއި، ކެތްތެރިވުން ނޫން ގޮތެއް ނެތެވެ.''.

މުސްލިމުން ހަގުރާމައާއިގެން ''ޤޫޠު''ންނާއި ކުރިމަތިލުމަށް އައި ޚަބަރު ލިބުމާއި އެކު ''ޤޫޠު''ންގެ ރަސްކަލަކަށް ހުންނެވި ''ލަޛުރީޤު'' ބޮޑު ލަޝްކަރެއް ތައްޔާރުކުރައްވައި ހަގުރާމައަށް ނިކުތެވެ.

ބުނެވޭގޮތުގައި ''ލަޛުރީޤު''ގެ ލަޝްކަރުގައި 100 ހާހަށް ވުރެ ގިނަ މީހުން ތިއްބެވެ. އެހިނދު ޠާރިޤު ބިން ޒިޔާދު މޫސާ ބިން ނަޞީރުގެ ކިބައިން އެހީއަށް އެދި ވަޑައިގަތުމުން އިތުރު 5000 މީހުން ފޮނުއްވެވިއެވެ. މުސްލިމުންގެ ލަޝްކަރާއި ''ޤޫޠު''ންގެ ލަޝްކަރު ބައްދަލުވީ ''ވާދީ ލަކަތު''އޭ ކިޔޭ ހިސާބުގައެވެ.

މުސްލިމުންނާއި ލަޝްކަރާއި އަޅާބަލާއިރު ''ޤޫޠު''ންގެ ލަޝްކަރު އެތައްގުނައެއް އިތުރެވެ. ނަމަވެސް ''ޤޫޠު''ންގެ ލަޝްކަރުގައި ގިނައިން ތިބީ މެހްމާނުންނާއި، އަޅުންނެވެ. އޭގެ ތެރޭގައި ''ލަޛުރީޤު''އާއި އިދިކޮޅު އެތައް ބަޔަކު ވެސް ތިބިކަމުގައި ބުނެވެއެވެ. އެހެން ކަމުން މުސްލިމުންގެ ހަމަލަ ދިނުމާއި އެކު ''ޤޫޠު''ންގެ ސަފުތައް ރޫޅި ބައިބައިވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން މުސްލިމުންގެ ލަޝްކަރު ފަސޭހަކަމާއި އެކު ''ޤޫޠު''ން ބަލި ކުރެއްވިއެވެ.

މިހަގުރާމައާއި ގުޅިގެން ސްޕޭންއާއި އެހިސާބު ކައިރީގައިވާ އެހެންރަށްތައް ފަތަހަ ކުރުމަށް ނިންމެވިއެވެ. ނަތީޖާއެއްގެ ގޮތުން ''ޤުރުޠުބާ''، ''ޣަރުނާޠާ'' ފަދަ ރަށްތައް ޠާރިޤު ބިން ޒިޔާދު ފަތަހަ ކުރެއްވިއެވެ.

6- ބަލާޠު އައްޝުހަދާއު ހަގުރާމަ

މިހަގުރާމަ ހިގީ ޚަލީފާ ހިޝާމް ބިން ޢަބުދުލް މަލިކްގެ ވެރިކަމުގައި ހިޖުރައިން 114ވަނަ އަހަރުގައި ފްރާންސްގެ ދެކުނުގައި އޮންނަ ''ޕުއޭޓިޔޭ'' ކިޔާ ރަށެއްގައެވެ. ހަގުރާމައިގެ މުސްލިމުންގެ ވެރިއަކަށް ހުންނެވީ ޢަބުދުއް ރަޙުމާން އަލްޣާފިޤީ އެވެ. ފްރާންސަށް ވެރިވެގެން ތިބި ''ފަރަންޖާ''އިން ގެ ވެރިއަކަށް ހުންނެވީ ޝާލް މާރޓަލް އެވެ.

ޢަބުދުއް ރަޙުމާން އަލްޣާފިޤީ އަށް ފްރާންސްގައި ލިބެމުން ދިޔަ ނަޞްރުގެ ސަބަބުން ފްރާންސާއި ޔޫރަޕުގައި ތިބި ކްރިސްޓިއަނުންގެ ހިތުގައި ޔޫރަޕުން ކްރިސްޓިއަނިޓީ ފުހެވިގެން ހިގައިދާނެ ކަމުގެ ބިރު ހީވިއެވެ. އެހެން ކަމުން ޝާލް މާރޓަލްގެ ބެލެހެއްޓުމުގެ ދަށުން ''ފަރަންޖާ''އިން ލަޝްކަރެއް ތައްޔާރުކޮށް މުސްލިމުންނާއި ދެކޮޅަށް ހަގުރާމަ އަށް ނިކުތެވެ.

ހަގުރާމަ ފެށުމަށްފަހު ދެބައިމީހުންގެ ދެމެދުގައި ވަރަށް ވަރުގަދައަށް ހަގުރާމަ ހިނގިއެވެ. ހަގުރާމައިގެ މެދެއްހާ ހިސާބުން 70,000 ހާސް އެކުލެވޭ މުސްލިމުންގެ ލަޝްކަރު ވެރިއަކަށް ހުންނެވި ޢަބުދުއް ރަޙުމާން އަލްޣާފިޤީ ޝަހީދުވެގެން ވެއްޓިވަޑައިގަތެވެ. އެއަށްފަހު މުސްލިމުންގެ ތެރެއިން އެތައް ބަޔަކު ޝަހީދުވެގެން ވެއްޓުނެވެ. މިހަގުރާމައަށް ''ބަލާޠު އައްޝުހަދާއު'' އޭ ކިޔެނީ އެތައްބަޔަކު ޝަހީދުވެ ދިއުމުންނެވެ.( ބަލާޠު: މިބަހުގެ މާނައަކީ ތަޅުންގަނޑުގައި އަޅާ ބާވަތެއްގެ ހިލަ ނުވަތަ މުއްޓެކެވެ. ބަލާޠު އައްޝުހަދާއު އޭ ކިޔެނީ އެތައް ބަޔަކު ޝަހީދުވެ ބިންމަތި އެމީހުންގެ ހަށިތަކުން ފޮރުވި ދިޔުމުންނެވެ. ) އެހެން ކަމުން މިހަގުރާމައިގައި ކާމިޔާބު ލިބުނީ ''ފަރަންޖާ''އިންނަށެވެ. ބުނެވޭގޮތުގައި މިހަގުރާމައިގައި މުސްލިމުން ބަލިވި ސަބަބަކީ ހަގުރާމައިގެ މައިދާން ދޫކޮށް ޣަނީމާ މުދާތައް ހޯދުމަށް މުސްލިމުންގެ ތެރެއިން ބަޔަކު ދިއުމުންނެވެ.

 

* ގުޅުންހުރި ލިޔުންތައް:

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.