ބުރާސްފަތި20200806

އާކުރެވުނީ: 08:43:52

ޢުމަރު ބިން އަލްޚައްޠާބު

umarނަސަބުފުޅު

ފުރިހަމަ ނަންފުޅަކީ ޢުމަރު ބިން އަލްޚައްޠާބު ބިން ޢަބުދުލް ޢުއްޒާ ބިން ޤުރަޠު ބިން ރަޒާޙް ބިން ޢުދައްޔު ބިން ކަޢުބު ބިން ލުއައްޔު އަލްޤުރަޝީ އަލްޢަދަވީ އެވެ. މަންމާފުޅަކީ ޙިންތިމާ ބިންތި ހާޝިމް ބިން މުޣީރާ ބިން ޢަބުދުﷲ ބިން ޢުމަރު ބިން މަޚުޒޫމް (އަލްމަޚްޒޫމިއްޔާ) އެވެ. އާންމުކޮށް ކިޔައި އުޅޭ ނަމަކީ އަބޫ ޙަފްޞް އެވެ. ގުރައިޝުންގެ ތެރޭގައި މާތް ޝަރަފުވެރި ބޭފުޅެކެވެ. ގުރައިޝުން ހަގުރާމައެއް ކުރައްވާނަމަ ސަފީރެއްގެ ގޮތުގައި ކަނޑައަޅުއްވަނީ ޢުމަރުގެ ފާނު އެވެ. އުފަންވެވަޑައިގެންފައި ވަނީ ޢާއްމުލް ފީލު (އެތުގެ އަހަރު) ގެ 13 އަހަރު ފަހުންނެވެ. މާނައަކީ ޢުމަރުގެފާނު ކީރިތި ރަސޫލާއަށް ވުރެ ތޭރެ އަހަރު ހަނގުފުޅެވެ.

މިއީ މުސްލިމުންގެ ދެވަނަ ޚަލީފާއެވެ. ޢުމަރުގެފާނުގެ ދަރިކަނބަލުން ޙަފްޞާ އާއި ކީރިތި ރަސޫލާ ކައިވެނި ބައްލަވައިގެންފައި ވެއެވެ. ޢުމަރުގފާނާއި ބެހޭގޮތުން ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ '' އެކިއެކި އުއްމަތްތަކުގައި ދޫހެލޭ ވާހަކަ ދެއްކުންތެރިން ވެއެވެ. ތިމަން ކަލޭގެފާނު ގެ އުއްމަތުގައި އެފަދަ މީހަކުވާނަމަ އެއީ ޢުމަރު އެވެ''.

އިސްލާމްވެ ވަޑައިގަތުން

ޢުމަރުގެފާނުގެ ހިތުގައި އިސްލާމީ ނޫރު ބިންވަޅު ނެގިގެން ދިޔައީ ކީރިތި ރަސޫލާ ސޫރަތު އަލްޙާއްޤަތު ކިޔަވާ ވިދާޅުވެވަޑައިގަތް އަޑުއައްސަވަނިކޮށެވެ. ކީރިތި ޤުރުއާނުގެ ބަސްމަގުގެ ރީތިކަމާއި މެދު އަޖާބުވެ ވަޑައިގެން، 'އެއީ ޝާއިރެއްގެ ބުނުމެކޭ، އަމިއްލަ ނަފްސަށް ވިދާޅުވިއެވެ. އެހިނދު ކީރިތި ރަސޫލާ وَمَا هُوَ بِقَوْلِ شَاعِرٍ قَلِيلاً مَا تُؤْمِنُونَ
ވިދާޅުވިއެވެ. މާނައީ '' އެއީ ޝާއިރެއްގެ ބަހެއް ވެސް ނޫނެވެ. ތިޔަބައިމީހުން އެއަށް އީމާނެއް ނުވަމުއެވެ''. ދެން ޢުމަރުގެ ފާނު ވިދާޅުވީ ''އެހެންވީއިރު އެއީ ކާހިނެއްގެ ބުނުމެކެވެ'' އެހިނދު ކީރިތި ރަސޫލާ وَلَا بِقَوْلِ كَاهِنٍ قَلِيلاً مَا تَذَكَّرُونَ މިއާޔަތުން ފެށިގެން ގޮސް ސޫރަތު އަލްޙާއްޤަތު ނިމެންދެން ކިޔަވާ ވިދާޅުވި އެވެ. އާޔަތުގެ މާނައީ ''އަދި އެއީ ކާހިނެއްގެ ބަހެއް ނޫނެވެ. ތިޔަބައިމީހުންނަށް އެއިން އިބުރަތެއް ނުލިބެއެވެ''.

ޢުމަރުގެ ފާނު އިސްލާމްވެ ވަޑައިގަތުމުގެ ކުރިން ކީރިތި ރަސޫލާ ޤަތުލުކުރެއްވުމަށް އަޒުމު ކަނޑައަޅައިގެން ނިކުންނެވި އެވެ. އެހިނދު މަގުމަތިން ބައްދަލުވި މީހަކަށް ޢުމަރުގެ ފާނުގެ މަގުޞަދު ހާމަކުރެއްވި އެވެ. އެހިނދު އެމީހާ ޢުމަރުގެ ފާނުގެ ކޮއްކޯފުޅު ފާޠިމަތު ބިންތި އަލްޚައްޠާބު އާއި އޭނާގެ ފިރިކަލުން ސަޢީދު ބިން ޒައިދު އިސްލާމްވި ޚަބަރު ދެއްވި އެވެ. އަދި އެދެމީހުންނަށް ޚިބާބު ބިން އަލްއަރުތު ކީރިތި ގުރުއާން އުގަންނައިދެމުންދާ ވާހަކަ ދެންނެވިއެވެ. އެހިނދު ޢުމަރުގެ ފާނު ވަޑައިގަތް ފާޠިމަތުގެ ކަންކަށީގައި ޖެއްސެވުމުން މޫނުން ލޭއޮހޮރިގެން ދިޔައެވެ. އެހިނދު ވިދާޅުވި އެވެ. ''އޭ ޚައްޠާބު ގެ ދަރިކަލުންނޭވެ. ކަލާ ބޭނުން ކަމެއް ކުރައްވާށެވެ. އަހަރެން އިސްލާމްވެއްޖައީމެވެ.'' އެހިނދު ޢުމަރުގެ ފާނުގެ ހިތްޕުޅު މަޑުމޮޅިވެ، ޤުރުއާނުގެ ސޫރަތް ލިޔެވިފައި އޮތް ގަނޑު އަތުލައްވައިގެން އޭތި ކިޔަން ބޭނުންފުޅުވިއެވެ. ނަމަވެސް ޢުމަރުގެ ފާނު ހިނައި ތާހިރު ވަންދެން ފާޠިމަތު ބިންތި އަލްޚައްޠާބު، އެކަން މަނާކުރެއްވި އެވެ. ދެން ޢުމަރުގެ ފާނު ހިނައި ތާހިރުވެވަޑައިގަތުމަށް ފަހު ކީރިތި ޤުރުއާން ކިޔަވާން ފެއްޓެވިއެވެ.

ޢުމަރުގެފާނު އިސްލާމްވެ ވަޑައިގަތުން މައްކާގެ މަގުތަކުގައި މުސްލިމުން އުފާކޮށް ހަރުއަޑުން ތަކުބީރު ކިޔައި ހަދައި އުޅުނެވެ. އިސްލާމްވެ ވަޑައިގަތީ ކީރިތި ރަސޫލާގެ ރަސޫލުކަމަށް ހަ ވަނައަށް ވީ އަހަރުގައެވެ. ޢުމަރުގެފާނު އިސްލާމްވެ ވަޑައިގަތުމުން މުސްލިމުންގެ އަދަދު 40 ހަމަވީ އެވެ. ބައެއް ބުނުންތަކުގައި މުސްލިމު ފިރިހެނުންގެ އަދަދު 40 ހަމަވީ ކަމުގައި ވެއެވެ. އަނެއްބައި ބުނުންތަކުގައި ވަނީ މުސްލިމު އަންހެނުންނާއި ފިރިހެނުން އެކު ޖުމުލަ 40 ހަމަވީ ޢުމަރުގެ ފާނު އިސްލާމްވެ ވަޑައިގަތުމުން ކަމަށެވެ.

ކީރިތި ރަސޫލާ ޢުމަރުގެ ފާނަށް ނިސްބަތްކޮށް ''އަލްފާރޫޤު'' ގެ ލަޤަބް ދެއްވިއެވެ.. މިބަހުގެ މާނަ އަކީ ''ވަކިކުރާ މީހާ'' އެވެ. މިހެން ކިޔުނީ ހައްޤާއި ބާޠިލު ޢުމަރުގެ ފާނު ވަކިކުރެއްވުމުންނެވެ. އިބްނި މަސްޢޫދު ވިދާޅުވެފައި ވެއެވެ. '' ޢުމަރުގެ ފާނު އިސްލާމްވެ ވަޑައިގަތުމަކީ ފަތަޙަ އެކެވެ. އެކަލޭގެ ފާނު ހިޖުރަކުރެއްވުމަކީ ނަޞްރެކެވެ. އެކަލޭގެ ފާނު ވެރިކަމަކީ ރަޙުމަތެކެވެ. ޢުމަރުގެ ފާނު އިސްލާމްވެ ވަޑައިގަންނަވަން ދެން އަހަރެމެން ވީ ގެފުޅުގައި ނަމާދުކުރުމަށް ނުކުޅެދިފައެވެ. ފަހެ އުމަރުގެ ފާނު އިސްލާމްވެ ވަޑައިގަތުމުން އަހަރެމެންނަށްޓަކައި މުޝްރިކުންނާ ތޮޅިވަޑައިގަތެވެ. އަދި އަހަރެމެންނަށް ގެފުޅުގައި ނަމާދުކޮށް އުޅެވުނެވެ. ''

ހިޖުރަ ކުރެއްވުން

ކީރިތި ރަސޫލާ ޞަހާބީންނަށް ހިޖުރަ ކުރެއްވުމުގެ އިޒުނަ ދެއްވި ހިނދު ޢުމަރުގފާނު އެކަމަށް އަޒުމު ކަނޑައަޅައި ހެދުން ތުރުކުރެއްވި އެވެ. ކަނޑިކޮޅާއި، ތީރުތަކެއް ހިއްޕަވައިގެން ކައުބަތުﷲ ގެފުޅަށް ވަޑައިގެން ޠަވާފު ކުރައްވައި ނަމާދު ކުރެއްވި އެވެ. އޭރު ގެފުޅުގެ ހަރިންމަ ތެރޭގައި ތިބި ޤުރައިޝުންގެ މީހުންނާއި ގާތްވެލައްވައި، ކެރޭ މީހަކު ވިއްޔާ މުބާރަޒާ ކުރަން ވާދީ ފަހަތަށް އަންނަން ވިދާޅުވެ ގޮން ޖެއްސެވިއެވެ. ނަމަވެސް އެކަކަށް ވެސް ނުކެރުނެވެ. ޢުމަރުގެފާނު ހިޖުރަ ކުރެއްވީ ކީރިތި ރަސޫލާގެ ކުރިންނެވެ. ޢުމަރުގފާނު ފިޔަވައި ފުރަތަމަ ހިޖުރަކުރެއްވި ހުރިހާ މުސްލިމުން ހިޖުރަކުރެއްވީ ސިއްރިޔާތުގައެވެ. ނަމަވެސް ޢުމަރުގފާނު ހިޖުރަކުރެއްވީ ހިޖުރަކުރާކަން ޤުރައިޝުންނަށް ވެސް އަންގަވައި ފާޅުގައެވެ.

ޖިހާދު ކުރެއްވުން

ބަދުރު ހަގުރާމަ، އުޙުދު ހަގުރާމަ، ޚަންދަޤު ހަގުރާމަ، އަދި ބައިޢަތު އައްރިޟުވާން ގައި ޢުމަރުގެ ފާނު ބައިވެރިވެ ވަޑައިގެންނެވިއެވެ. ކީރިތި ރަސޫލާއާއި ކުރިމަތި ވަޑައިގެންނެވި ހުރިހާ ކުރިމަތިލުންތަކެއްގައި ޢުމަރުގެފާނު އަރިހުގައި ބައިވެރިވެ، ވަޑައިގެންނެވި އެވެ. ބަދުރު ހަގުރާމައިގެ ދުވަހު އަސީރުން ޤަތުލުކުރަންވަން މަޝްވަރާ ދެއްވީ ޢުމަރުގެފާނުއެވެ.

ކުރެއްވި މަސައްކަތްތަކާއި، ކުރިމަތިލެއްވި ހާދިސާތައް

- ޢުމަރުގެ ފާނުގެ ޚިޔާލު ފުޅާއި ނުވަތަ ދެއްވާ މަޝްވަރާއާ އެއްގޮތްވާ ގޮތުގެ މަތިން 3 ފަހަރަކު މާތްﷲ އާޔަތް ބާވައިލައްވާފައި ވެއެވެ.

- އަމީރުލް މުއުމިނީންގެ ލަޤަބު ފުރަތަމަ ދެއްވުނީ ޢުމަރުގެ ފާނަށެވެ. ތަރާވީޙު ނަމާދު ކުރެއްވުމަށް ޓަކައި ފުރަތަމަ މީސްތަކުން ޖަމާކުރެއްވީ ވެސް ޢުމަރުގެފާނު އެވެ. އިސްލާމީ ދައުލަތުގެ ފުރަތަމަ ގާޟީ އަކީ ވެސް ޢުމަރުގެ ފާނު އެވެ. އަދި ވެރިކަމުގެ ދުވަސްވަރު ގާޟީ ކަމުގެ މަގާމު އުފައްދަވައި ބޭފުޅުން އައްޔަން ކުރެއްވި އެވެ.

- ކީރިތި ރަސޫލާގެ ހިޖުރައާއި ގުޅުވައިގެން، ހިޖުރީ ތާރީޚު ޖައްސަވަން ފުރަތަމަ ފެއްޓެވީ ވެސް ޢުމަރުގފާނު އެވެ. ރާބުއިމާއި، ޅަދަރިން ވިއްކުމާއި، ޖުވާކުޅުން ފަދަ އަމަލުތައް މަނާކުރެއްވި އެވެ.

- ޢުމަރުގެ ފާނުގެ ޚިލާފަތުގައި ވަރަށް ގިނަ ރަށްތައް ފަތަހަ ކޮށްފައި ވެއެވެ. މިގޮތުން އިރާޤު، ޝާމްކަރަ، މިޞްރު، އަރުމީނިޔާ، އާޒަރުބައިޖާން، ފާރިސްކަރަ، ޚޫޒިސްތާން ފަދަ ރަށްތައް ފަތަޙަކުރެއްވި އެވެ.

- ކޮންމެ ރެއަކު ރައްޔިތުންގެ ހާލު އަހުވާލު ބައްލަވައި ހެއްދެވިއެވެ. އެގޮތުން ބަނޑުހައިވެފައިވާ ކުޑަކުއްޖަކު ފެނިވަޑައިގެންފިނަމަ އެކުއްޖަކަށް ބަޑުފުރާނަ މުއްތިކުރެވޭނެ ގޮތް ހަމަޖައްސަވައި ދެއްވި އެވެ. އަޅާލާނޭ މީހަކު ނެތް މުސްކުޅިޔަކު ދިމާވެވަޑައިގެންފިނަމަ އެމީހަކަށް އަޅާލާނޭ އެހީތެރިއަކު ހޯއްދަވައި ދެއްވި އެވެ.

- މީސްތަކުންނަށް ދީލަތި ބޭފުޅެއް ކަމުގައި ޢުމަރުގެފާނު ފާހަގަވެފައި ވެއެވެ.

ވިދާޅުވެފައިވާ ވިދާޅުވުންތައް

- ޢުމަރުގެ ފާނު ވިދާޅުވެފައި ވެއެވެ. ''ހިސާބު ބެއްލެވުމުގެ ކުރިން ތިޔަބައި މީހުން އަމިއްލަ ނަފްސުތައް ހިސާބުކުރާށެވެ. އަދި ތިޔަބައިމީހުންނަށް ކުރެވިފައިވާ ހެވާއި ނުބައި ކަންތައް ވަޒަންކުރާށެވެ. ފަހެ މާދަމާ(މަރުވުމަށް ފަހު) ހިސާބު ބެއްލެވުމުގެ ކުރިން މިއަދު ތިޔަބައިމީހުންގެ ނަފުސުތައް ހިސާބުކޮށްލުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ފަހެ އެއީ ބޮޑުވެގެންވާ ހުށަހެޅުމަށް ތައްޔާރުވުމަށްޓަކައެވެ''.

- އަޙުނަފް ބިން ގައިސް ރިވާކުރައްވާފައި ވެއެވެ. ޢުމަރުގެ ފާނު ވިދާޅުވިއެވެ. '' އޭ އަޙުނަފް އެވެ. ބާރު އަޑުން ހުނުން ގިނަކޮށްފި މީހާގެ ހައިބަތު ކުޑަވެއްޖެއެވެ. ސަމާސާ ކޮށްފި ނަމަ އެކަން މަދުކުރާށެވެ. އެއްޗެއް މާބޮޑަށް ހާސިލް ވެއްޖެނަމަ އެމީހަކަށް އެކަން އެގިދަސްވެއްޖެ އެވެ. ވާހަކަ މާގިނަވެއްޖެ ނަމަ އެމީހެއްގެ ކުށްތައް ގިނަވެއްޖެ އެވެ. ކުށްތައް މާގިނަވެއްޖެ ނަމަ އެމީހެއްގެ ލަދުރަކިކަން ކުޑަވެއްޖެ އެވެ. ލަދުރަކިކަން ކުޑަވެއްޖެނަމަ އެމީހަކު ފާފައިން ދުރުވެހުރުން މަދުވެއްޖެ އެވެ. ފާފައިން ދުރުވެހުރުން މަދުވެއްޖެ މީހާ ( އެބަހީ ފާފަ ގިނައިން ކުރާމީހާ ) ގެ ހިތް މަރުވެފައިވާ ފަދަ އެވެ''.

އަވަހާރަވެ ވަޑައިގަތުން

މުޣީރާ ބިން ޝުޢުބާގެ އަރިހުގައި އަބޫލުއުލުލު އޭ ކިޔޭ މަޖޫސީ ކުއްޖަކު ގެންގުޅުނެވެ. އެއްދުވަހަކު ޢުމަރުގެފާނު އާއި އަބޫލުއުލުލު އާއި ބާޒާރުގެ ތެރެއިން ބައްދަލުވެ، އަބޫލުއުލުލު ޢުމަރުގެ ފާނުގެ ކިބައިން އޭނާގެ މުސާރަ އަށް އެއްޗެއް އިތުރުކޮށްދެއްވުމަށް މުޣީރާ އަށް ދެންނެވުމަށް އެދުނެވެ. އެހިނދު ޢުމަރުގެ ފާނު އަބޫލުއުލުލު ކުރެން ސުވާލު ކުރެއްވި އެވެ. ''ކަލޭގެ މުސާރައަކީ ކިހާވަރެއް؟'' ފައިރޫޒު ބުންޏެވެ ''އެންމެ ދީނާރެކެވެ''. އެހިނދު ޢުމަރުގެ ފާނު އަބޫލުއުލުލުގެ ކިބައިން އުޑި އެއް ހެދުމަށް އެދިލެއްވި އެވެ. އަދި އަބޫލުއުލުލު އެކަމާއި އެއްބަސްވި، އުޅަނގާއި އިރުމަތީގައި ވެސް އޭގެ ވާހަކަ ދެކެވޭހާ މޮޅު އުޑިއެއް ހަދާނެ ކަމުގައި ބުންޏެވެ.

ޢުމަރުގެފާނު ފަތިސް ނަމާދަށް ނިކުމެވަޑައިގެން ސަފުތައް ތަރުތީބު ކުރައްވައި ތަކުބީރު ވިދާޅުވާން ފެއްޓެވިއެވެ. އެހިނދު ފައިރޫޒު އައިސް ޢުމަރުގެ ފާނު ގެ ހަށިކޮޅަށް ތިން ފަހަރު ހަންޖަރު ހަރައިލިއެވެ. ޢުމަރުގެ ފާނު ގެ ހަށިކޮޅަށް ހަމަލާ ދެއްވީ ކާކުކަން އެގުނު ހިނދު ވިދާޅުވި އެވެ. ''މުސްލިމު ނޫންމީހެއްގެ އަތް މައްޗަށް އަހަރެން ޤަތުލުވި ކަންމައްޗަށް ﷲ އަށް ޝުކުރު ކުރަމެވެ.''

އެއަށްފަހު ޢުމަރުގެފާނު ދަރިކަލުން އަބުދުﷲ ގެ ކިބައިން، ދަރަނިތައް އަދާކުރެއްވުމަށް އެދިވަޑައިގަތެވެ. އެއަށްފަހު ޚަލީފާއަކަށް އިސްވުމަށް ހޮވުމަށް 6 ބޭފުޅަކު ކަނޑައެޅުއްވި އެވެ. އަދި އެއިން މީހަކަށް ޢުމަރުގެފާނުގެ ދަރިކަލުން އަބުދުﷲ ވުމަށް އިންކާރު ކުރެއްވި އެވެ. މިގޮތުން ކަނޑައެޅުއްވި 6 ބޭފުޅުންނަކީ ޢުޘްމާން ބިން ޢައްފާން، ޢަލީ ބިން އަބޫ ޠާލިބު، ޢަބުދުއް ރަޙުމާން ބިން ޢައުފު، ޒުބައިރު ބިން ޢައްވާމް، ޠަލްޙާ، އަދި ސަޢުދު ބިން އަބީ ވައްޤާޞް އެވެ.

އެއަށްފަހު ހަކީމަކު ގެންނެވިއެވެ. ހަކީމްވެރިޔާ ބުއިމެއް ޢުމަރުގެ ފާނަށް ދެއްވި އެވެ. ދެވަނަ ފަހަރު ބުއިން ދެއްވި ތަނާހެން ޢުމަރުގެ ފާނު އަވަހާރަވިއެވެ. ޢުމަރުގެފާނު ފަސްދާނު ލެވިފައިވަނީ ހިޖުރައިން 23 ވަނަ އަހަރުގެ މުޙައްރަމުގެ ތެރޭގައެވެ. އޭރު އުމުރުފުޅަކީ 63 އަހަރެވެ. ޚަލީފާކަމުގައި 10 އަހަރާއި ދެތިން މަސް ހޭދަކުރައްވާފައެވެ.

* ގުޅުންހުރި ލިޔުންތައް:

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.