އަންގާރަ20201201

އާކުރެވުނީ: 08:43:52

އައްޝައިޚް އަލްއަލްބާނީ

albaaniއުފަންވެވަޑައިގަތުން:

ޝައިޚް އަލްބާނީގެ ފުރިހަމަ ނަންފުޅަކީ މުޙައްމަދު ނާޞިރުއްދީން ބިން އަލްޙާއްޖު ނޫޙް އަލްއަލްބާނީ އެވެ. މަޝްހޫރު ނަންފުޅަކީ އަލްބާނީއެވެ. ޝައިޚް އަލްބާނީ އުފަންވެވަޑައިގަތީ ހިޖުރައިން 1333 ވަނަ އަހަރު (1914-މ)، އަލްބާނިޔާގެ (އަލްބޭނިއާ) އޭރުގެ ވެރިރަށް އަޝްގޫދްރާ އޭ ކިއުނު ރަށެއްގައެވެ. ޢާއިލާ އަކީ މާއްދީގޮތުން ފަޤީރު އެހެންނަމަވެސް ޢިލްމީގޮތުން މުއްސަނދި، ދީންވެރި ޢާއިލާއެކެވެ. ބައްޕާފުޅަކީ އެ ރަށުގެ މީހުން ދީނީ ކަންތައްތައް އޮޅުން ފިލުވުމަށް ދާ މަރްޖިޢްއެކެވެ.

އަލްބާނީ ވަރަށް ތުއްޕުޅު އިރު ބައްޕާފުޅާއެކު އަލްބާނިޔާ ދޫކުރައްވައި، ސޫރިއާގެ ދިމިޝްޤަށް ހިޖުރަކުރެއްވައި، އެތާނގައި ވަޒަންވެރިވެވަޑައިގަތެވެ. އެ ދުވަސްވަރަކީ އަލްބާނިޔާގައި އޭރު ރަސްކަލަކަށް ހުންނެވި އަޙްމަދު ޒާޣޫ، އިސްލާމީ އާދަކާދަތައް ދޫކުރައްވައި ހުޅަނގުގެ ޢިލްމާނީ ނިޒާމާއި ދިމާއަށް މިސްރާބުޖެހި ދުވަސްކޮޅުވެސް މެއެވެ.

ދިމިޝްޤަށް ވަޑައިގެން އެތާނގެ "މަދްރަސަތުލް އިސްޢާފުލް ޚައިރީ" އިން އިބްތިދާއީ ތަޢްލީމު އުނގެނިވަޑައިގަތެވެ.

އަލްބާނީގެ ބައްޕާފުޅު ދެކެވަޑައިގަތް ގޮތުގައި، އޭރުއޮތް ނިޒާމީ ތަޢްލީމަކީ ދީނީގޮތުން އެހާ ރަނގަޅު ފެންވަރެއްގެ ޢިލްމެއް ލިބޭނެ އެއްޗެއް ނޫނެވެ. އެހެންވެ އަލްބާނީ އިބްތިދާއީ ނިންމެވުމުން، ނިޒާމީ ތަޢްލީމު ދޭ މަދަރުސާއަކަށް ފޮނުއްވުމުގެ ބަދަލުގައި، ޚާއްޞަ ޕުރޮގުރާމެއްގެ ދަށުން ޤުރުއާނާއި ތަޖުވީދާއި ޢަރަބިބަހުގެ ޢިލްމުތައް ކަމުގައިވާ ނަޙޫ ޞަރުފް، އަދި ޙަނަފީ މަޛްހަބުގެ ފިޤުހު އުނގަންނަވައި ދެއްވިއެވެ.

އެ ގޮތުން އަލްބާނީ، ބައްޕާފުޅުގެ ބެއްލެވުމުގެ ދަށުން، ޙަފްޞް ޢަން ޢާޞިމްގެ ރިވާޔަތަށް، ކީރިތި ޤުރުއާން ހިތު ދަސްކުރެއްވިއެވެ. އަދި އޭރުގެ ޝައިޚެއް ކަމުގައިވާ ޝައިޚް ސަޢީދުލް ބުރުހާނީގެ އަރިއަހުން ފިޤުހު ޢިލްމާއި، ބަސް އަދި ބަލާޣާ ކިޔަވާ ވިދާޅުވިއެވެ. ހަމަ މިދުވަސްވަރު އަލްބާނީ ވަޑައިގަތީ، ޢައްލާމާ ބަހުޖަތުލް ބައިޠާރުގެ ޢިލްމީ ދަރުސްތައް އަޑުއައްސަވަމުންނެވެ.

ބައްޕާފުޅަކީ ގަޑިހަދާ މީހެއް ކަމުން، އަލްބާނީވެސް ވަރަށް ފުރިހަމަ ގޮތެއްގައި ގަޑިހެދުމުގެ މަސައްކަތް ދަސްކުރައްވައި، މި ދާއިރާއިން މަޝްހޫރު މީހަކަށް ވެވަޑައިގަތެވެ. ގަޑިހެދުމުގެ މަސައްކަތް ވެގެން ދިޔައީ، ދިރިއުޅުއްވެވޭ ވަރުގެ އާމްދަނީއެއް ލިބޭ އަދި އަނެއްކޮޅުން ފޮތް ކިޔަވާވިދާޅުވުމާއި ޢިލްމު ހޯދުމުގެ ވަގުތުވެސް ލިބޭ މަސައްކަތަކަށެވެ. ސޫރިއާއަށް ވަޑައިގަތުމުން ޢަރަބި ބަސް އެނގިވަޑައިގެން، ދީނީ ޢިލްމުގެ އަސްލު މަޞްދަރުން ޢިލްމު ނެންގެވުން އަލްބާނީއަށް ފަސޭހަވެވަޑައިގެން ދިޔައެވެ.

ޙަދީޘް ޢިލްމާއި ދިމާއަށް މިސްރާބުޖެއްސެވުން:

ޙަދީޘް ޢިލްމުގެ ތެރެއަށް ނުފީނައި، ހަމައެކަނި ޙަނަފީ މަޛްހަބު ނަކަލު ކުރުމަށް އަލްބާނީގެ ބައްޕާފުޅު އިރުޝާދު ދެއްވިއެވެ. ނަމަވެސް އަލްބާނީ ޙަދީޘް ޢިލްމާއި ދިމާލަށް މިސްރާބު ޖެއްސެވިއެވެ. ޢުމުރުން ވިހަ އަހަރުގައި، އޭރުގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ މުޙައްމަދު ރަޝީދު ރިޟާގެ ބެއްލެވުމުގެ ދަށުން ނެރޭ އަލްމަނާރު މަޖައްލާގެ އަސަރު، އަލްބާނީގެ ފިކުރާއި ވިސްނުމަށް ކުރިއެވެ.

ޙަދީޘާއި ގުޅޭ އެންމެ ފުރަތަމަ ކަމަކަށް އަލްބާނީ ކުރެއްވި ކަމަކީ، ''އަލްމުޣްނީ އަން ޙަމްލިލް އަސްފާރި ފީ ތަޚްރީޖި މާ ފިލް އިޙްޔާއި މިން އަލްއަޚްބާރި'' އޭ ކިޔޭ ފޮތެއް ގައި ހުރި ޙަދީޘްތަކާއި ބެހޭ ގޮތުން ލިއުއްވުމެވެ. އޭރު ޢުމުރުފުޅަކީ ވިހި އަހަރެވެ.

މި ކަމުގެ ސަބަބުން ދިމްޝްޤުގެ ޢިލްމުވެރިންގެ މެދުގައި އަލްބާނީއަކީ އެނގި ދަންނަ މީހަކަށް ވިއެވެ. އެހެންވެ އެތާނގެ "އައްޡާހިރިއްޔާ" ކުތުބުޚާނާއިން އަލްބާނީ ހުންނަވާނެ ވަކި ކޮޓަރިއެއްވެސް ޚާއްޞަކޮށް ދިނެވެ. އަދި ބޭނުން ވަގުތަކު އެތަނަށް އައިސްގޮސް ފަސޭހެ ކުރުމަށްޓަކައި އެތާނގެ ތަޅުދަނޑިއެއްވެސް ހަވާލު ކުރެވުނެވެ.

ފޮތް ލިއުއްވުމުގެ ތެރެއަށް އަލްބާނީ ވަދެވަޑައިގަތީ ޢުމުރުފުޅުން ވިހީގެ އަހަރު ތަކުގެ ތެރޭގައެވެ. އެ ގޮތުން އެންމެ ފުރަތަމަ ލިއުއްވީ ފިޤުހު ޢިލްމާއި ގުޅުން ހުރި ފޮތެކެވެ. އެ ފޮތުގެ ނަމަކީ "ތަޙްޛީރުލް މަސާޖިދަ މިން އިއްތިޚާޛިލް ޤުބޫރަ މަސާޖިދަ'' އެވެ. މިއީ ޤަބުރުތައް މިސްކިތުގެ ގޮތުގައި ހެދުމާއި، ޤަބުރު ހުންނަ ތަންތާނގައި މިސްކިތް ބިނާ ކުރުމަކީ ހުއްދަވާނެ ކަމެއް ނޫންކަން ބަޔާންކޮށް ދީފައިވާ ފޮތެކެވެ. އެތަކެއް ފަހަރު މި ފޮތްވަނީ އާ ކުރެވި އާ ޗާޕުތަކެއް ނެރެވިފައެވެ. ޙަދީޘް ތަޚްރީޖު ކުރުމުގެ ދާއިރާގައި ލިއުއްވި އެންމެ ފުރަތަމަ ފޮތަކީ، "އައްރައުޟުއް ނަޟީރު ފީ ތަރުތީބި ވަ ތަޚްރީޖި މުޢްޖަމުއް ޠަބަރާނީ އައްޞަޣީރް" އޭ ކިޔޭ ފޮތެކެވެ.

ޝައިޚް އަލްބާނީ ސަލަފީ މަގުން ހިންގެވުމުށް މެދުވެރިވި އެންމެ ބޮޑު ސަބަބަކީ، ކީރިތި ރަސޫލާގެ ޙަދީޘްފުޅާއި ބެހޭ ޢިލްމުގެ ތެރެއަށް ފީނައިވަޑައިގަނެ އެ ޢިލްމުގެ އުނގެނިވަޑައިތުމެވެ. އަދި ސަލަފީ މަދަރުސާގެ މަޝްހޫރު ޢިލްމުވެރިން ކަމުގައިވާ ޝައިޚުލް އިސްލާމް އިބްނު ތައިމިޔާ، އިބްނުލް ޤައްޔިމް ފަދަ ބޭފުޅުންގެ ފޮތްތައް، ކިޔާ ވިދާޅުވުން ވެގެން ދިޔައީ، އަލްބާނީ ސަލަފީ މަގުގައި އިތުރަށް ސާބިތުވެވަޑައިގަތް ކަމަކަށެވެ.

ސޫރިއާގައި ސީދާ ތައުޙީދާއި، ސީދާ ސުންނަތުގެ ދަންމަރު ހިއްޕަވައިގެން އަލްބާނީ ތެދުވެވަޑައިގަތެވެ. އަދި އެ ތާނގެ ގިނަ ޢިލްމުވެރިންތަކަކާއި ބައްދަލު ކުރައްވައި، ބިދްޢަތަކާއި ވަކި މަޛްހަބަކަށް ތަޢައްޞުބު ވުމުގެ ނުރަނގަޅުކަން ބަޔާން ކޮށްދެއްވިއެވެ. އަދި ސޫރިއާގައި ވަރަށް ބޮޑަށް ފެތުރިފައި އޮތް ޚުރާފާތާއި، ޞޫފީ ގޮތްތަކާއި އަދި ތަފާތު ބިދުޢަތަކާއި، ޢިލްމީ ހަނގުރާމަ ކުރެއްވިއެވެ.

ނަތީޖާއަކަށް ވެގެން ދިޔައީ، އަލްބާނީގެ ގޮވާލެއްވުމާއި ހިތް ހަމަ ނުޖެހުނު މީހުން އަލްބާނީ އާއި ޒާތީ ގޮތުން ޖައްސާލާ، އަދި ޢާއްމުން އަލްބާނީ ދެކެ ނަފްރަތު ކުރުވަން ''އެއީ މަގުފުރެދިފައިވާ ވައްހާބީ" އެކޭ ފަދަ އަޑުތައް ފެތުރުމެވެ.

އަދި އަލްބާނީގެ ފިލާވަޅުތައް އަޑު ނޭހުމަށްވެސް ބަޔަކު މީހުން ގޮވާލިއެވެ. ނަމަވެސް ދިމިޝްޤުގައި އޭރު ތިއްބެވި ބޮޑެތި މަޝްހޫރު ޢިލްމުވެރިން އަލްބާނީއަށް ހިތްވަރު ދެއްވާ، އަލްބާނީ ގޮވާލައްވާ ސަލަފީ މަގުގައި ކުރިއަށް ވަޑައިގަތުމަށް ނަޞޭޙަތްތެރިވިއެވެ. މީގެ ތެރޭގައި ޢައްލާމާ ބަހްޖަތު އަލްބައިޠާރު، އައްޝައިޚް ޢަބްދުލްފައްތާޙް (ސޫރިޔާގެ މުސްލިމް ޒުވާނުން ޖަމްޢިއްޔާގެ ރައީސް)، އައްޝައިޚް ތައުފީޤު އަލްބިޒްރާ ފަދަ ޢިލްމުވެރިން ހިމެނިވަޑައިގަންނަވައެވެ.

ދީނަށް ގޮވާލެއްވުމުގެ މަސައްކަތް:

އިސްލާމް ދީނަށް ގޮވާލެއްވުމުގައި، ޝައިޚް އަލްބާނީ ވަރަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. އެގޮތުން :-

- ކޮންމެ ހަފްތާއަކު ދެ ދުވަހު، ޝައިޚް އަލްބާނީ ދީނީ ޢިލްމުގެ ފިލާވަޅުތަކެއް ދެއްވިއެވެ. މި ފިލާވަޅުތަކަށް ދީނީ ޢިލްމު އުނގެނޭ ދަރިވަރުންނާއި ޔުނިވާސިޓީތަކުގެ އުސްތާޒުންވެސް ޙާޟިރުވިއެވެ. މި ފިލާވަޅުތަކުގައި އަލްބާނީ ކިޔަވާ ދެއްވި ފޮތްތަކުގެ ތެރޭގައި މި އަންނަނިވި ފޮތްތައް ހިމެނެއެވެ.

- ޢަބްދުއްރަޙްމާން ބިން ޙަސަން ބިން މުޙައްމަދު ބިން ޢަބްދުލްވައްހާބުގެ "ފަތްޙުލް މަޖީދް".

- ޝައުކާނީގެ "އައްރައުޟަތުއް ނަދިއްޔާ ޝަރްޙުއް ދުރަރުލް ބަހިއްޔާ"

- ޢަބްދުލް ވައްހާބް ޙައްލާފްގެ "އުޞޫލުލް ފިޤްހު".

- އިބްނު ކަޘީރުގެ "އަލްބާޢިޘުލް ޙަޘީޘް ޝަރްޙު އިޚްތިޞާރު ޢުލޫމުލް ޙަދީޘް".

- މުޙައްމަދު އަސަދުގެ މިންހާޖުލް އިސްލާމް ފިލްޙުކްމި.

- ސައްޔިދު ސާބިޤުގެ ފިޤްހުއް ސުއްނާ.

ހަމަ އެހެންމެ ކޮންމެ މަހަކު އަލްބާނީ ސޫރިޔާގެ ތަފާތު ރަށްރަށަށް ދަތުރު ކުރައްވައި، ދީނީ ދަރުސްތައް މީހުންނަށް އުނގަންނަވައި ދެއްވިއެވެ. އަދި ބައެއްފަހަރު އުރުދުން އަށް ވަޑައިގަނެ އެތާގައިވެސް ޢިލްމު އުނގަނަންވައި ދެއްވިއެވެ. އަދި ފަހުން އުރުދުންގައި އުޅުއްވަން ފެއްޓެވިއެވެ. މި ކަމުގެ ނަތީޖާއަކަށް ވީ ބަޔަކު މީހުން ސޫރިޔާ ސަރުކާރު ކައިރީ ކުޓުވާ އަލްބާނީ އާ ދެކޮޅުވެރި ކުރުވުމެވެ.

އުނދަގުލަށް ކެތް ކުރެއްވުން:

1960 ވަނަ އަހަރުގެ ކުރީކޮޅު ސޫރިޔާ ސަރުކާރުން ދިޔައީ، ޝައިޚަށް ފާރަލަމުންނެވެ. ނަމަވެސް ޝައިޚް އަލްބާނީއަކީ އެއްގޮތަކަށްވެސް ސިޔާސީ ކަންތަކުގެ ތެރެއަށް ވަދެވަޑައިގަތް ބޭފުޅެއް ނޫނެވެ. ސަރުކާރުގެ ފިއްތުންތަކާއި ހެދި ތަފާތު ދަތި އުނދަގޫ ޝައިޚަށް ފޯރަމުން ދިޔައެވެ. އެގޮތުން ދެ ފަހަރެއްގެ މަތިން ހައްޔަރު ކުރެވުނެވެ. ފުރަތަމަ ހައްޔަރު ކުރެވުނީ، 67 ވަނަ އަހަރު ދެ މަސް ދުވަސް ވަންދެން "ދިމިޝްޤު ކިއްލާ'' ގައެވެ. އެ ކިއްލާއަކީ ޝައިޚުލް އިސްލާމް އިބްނު ތައިމިޔާވެސް ހައްޔަރު ކުރެވުނު ކިއްލާއެވެ. 67ގެ ޢަރަބި އިސްރާއީލް ހަނގުރާމަ ފެއްޓުމުން ސޫރިޔާ ސަރުކާރަށް، އަލްބާނީ މިނިވަން ކުރަން ފެނުމުން، މިނިވަން ކުރެވުނެވެ.

ނަމަވެސް ހަނގުރާމަ ގަދަވީމާ އަނެއްކާވެސް ހައްޔަރު ކުރެވުނެވެ. މިފަހަރު ހައްޔަރު ކުރެވުނީ ދިމިޝްޤުގެ އުތުރުގައި ހުންނަ "ޙިސްކާ" ޖަލުގައެވެ. މި ޖަލުގައި ޝައިޚް އަށް މަސް ދުވަސް ހޭދަ ކުރެއްވިއެވެ. ޖަލުގައި މި ހޭދަ ކުރެއްވި ދުވަސްވަރު މުންޛިރީގެ "މުޚްތަޞަރު ޞަޙީޙް މުސްލިމް" ގައި ހުރި ޙަދީޘްތަކާއި ބެހޭ ހޯދުންތައް ހޯދައި އެ ފޮތް ތަޙްޤީޤު ކުރެއްވިއެވެ. އަދި ތަފާތު ބޮޑެތި ޝަޚްޞިއްޔަތުތަކާއި ޖަލުގައި ހުންނެވި ދުވަސްވަރު ބައްދަލު ވެވަޑައިގަތެވެ.

ކުރެއްވި މަސައްކަތްޕުޅުތަކާއި އިނާމުތައް:

1- ދިމިޝްޤު ޔުނިވާސިޓީން 1955 ވަނަ އަހަރު ނެރުނު، އިސްލާމީ ފިޤުހު އިންސައިކްލޮޕީޑިއާ ގެ ގަނެ ވިއްކުމާއި ބެހޭ ޙަދީޘްތައް ތަޚްރީޖު ކުރުން، ޝައިޚާއި ހަވާލު ކުރެވުނެވެ.

2- ސޫރިއާއާއި މިޞްރާއި އެއްކޮށްލެވުނު ދުވަސްވަރު، ޙަދީޘް ޢިލްމާ ބެހޭ ހޯދުންތައް ހޯދައި ފޮތް ލިޔަން އުފެއްދުނު ކޮމިޓީގެ މެންބަރަކަށް އަލްބާނީ ހޮވިވަޑައިގަތެވެ.

3- އިންޑިއާގެ ސަލަފިއްޔާ ޔުނިވާސިޓީގެ ޙަދީޘް ކިޔަވައިދޭން، އަލްބާނީ އަރިއަހުން އެ ތަނުން އެދުނެވެ. ނަމަވެސް އެ ދުވަސްވަރު އިންޑިއާ ޕާކިސްތާން ހަނގުރާމަ ހިނގަމުން ދިއުމުގެ ސަބަބުން އަނބިކަނބަލުންނާއި ކުދިން، އެކުގައި ގެންދިއުން އުނދަގޫވީމާ، އިންޑިއާއަށް ދާން އުޒުރުވެރިވެވަޑައިގަތެވެ.

4- ސުޢޫދިއްޔާގެ ވަޒީރުލް މަޢާރިފް ހިޖުރައިން 1388 ވަނަ އަހަރު، އަލްބާނީ މައްކާއަށް ވަޑައިގެން މައްކާ ޔުނިވާސިޓީގެ އިސްލާމީ ދިރާސާތަކާއި ބެހޭ ބައި ހިންގަވައި ދެއްވުމަށް އެދިވަޑައިގަތެވެ. ނަމަވެސް ކަން ދިމާވި ގޮތުން ވަޑައި ނުގަނެވުނެވެ.

5- ހިޖުރައިން 1395 ވަނަ އަހަރާއި 1398 ވަނަ އަހަރާއި ދެމެދު، މަދީނާގެ އިސްލާމީ ޔުނިވާސިޓީގެ މަތީ މަޖްލީހުގެ މެންބަރަކަށް އުޅުއްވިއެވެ.

6- ސްޕޭންގެ މުސްލިމް ކިޔަވާކުދިންގެ އިއްތިޙާދުން އެރުވި ދަޢްވަތަކަށް، ސްޕޭނަށް ވަޑައިގެން "ޢަޤީދާގައްޔާއި ޙުކުމްތަކުގައި ޙަދީޘްގެ ޙުއްޖަތް" މި މައުޟޫއަށް މުޙާޟަރާއެއް ދެއްވިއެވެ.

7- ޤަޠަރަށް ވަޑައިގެން، ''އިސްލާމް ދީނުގައި ސުންނަތުގެ މަޤާމް'' އާ ބެހޭ ގޮތުން ވާހަކަ ދެއްކެވިއެވެ.

8- ޝައިޚް ބިން ބާޒް ގެ މަންދޫބެއްގެ ގޮތުގައި، މިޞްރު، މަޣްރިބް، އަދި އިނގިރޭސިވިލާތުގައި، ޤުރުއާނާއި ސުންނަތުގައި ހިފަހައްޓައި ފުރިހަމަ ތައުޙީދަށް ގޮވާލަން ވަޑައިގަތެވެ.

9- ކުވައިތު، އިމާރާތަށް ވަޑައިގެން ތަފާތު މުޙާޟަރާތައް ދެއްވިއެވެ. އަދި ޔޫރަޕުގެ ގިނަ ޤައުމުތަކަކަށްވެސް ވަޑައިގެން އެތަންތާނގެ އިސްލާމުންނާ ބައްދަލު ކުރެއްވިއެވެ.

10- 1999 ވަނަ އަހަރު މަލިކް ފައިޞަލްގެ އިސްލާމީ ދިރާސާތަކަށް ދެވޭ އިނާމުވެސް ވަނީ، ޝައިޚް އަލްބާނީއަށް ލިބިވަޑައިގެންފައެވެ.

ލިއުއްވި ފޮތްތައް:

ޝައިޚް އަލްބާނީ ވަނީ ޢިލްމީ ގޮތުން ނުހަނު އަގު ހުރި ފޮތްތަކެއް ލިއުއްވާފައެވެ. އަދި އެހެން މީހުން ލިޔެފައިވާ އެތައް ފޮތެއް ތަޙްޤީޤު ކުރައްވާފައި ވެއެވެ. އޭގެ ތެރޭގައި :-

ހ- ސިލްސިލަތުލް އަޙާދީޘް އައްޟަޢީފާ (ޟަޢީފް ޙަދީޘްތައް)

ށ- ސިލްސިލަތުލް އަޙާދީޘް އައްޞަޙީޙާ (ޞަޙީޙް ޙަދީޘްތައް)

ނ- ދިފާޢު ޢަން އަލް ޙަދީޘް އައްނަބަވީ ވައް ސީރާ (ޙަދީޘާއި ސިޔަރަތުގެ ދިފާޢުގައި ލިއުވިފޮތެއް)

ރ- ތަޙްރީމް އާލާތުއް ޠަރަބް (މިއުޒިކް ސާމާނު ޙަރާމް ކަމާ ބެހޭ ފޮތެއް)

ބ- ޞަޙީޙް އައްސީރަތު އައްނަބަވިއްޔާ (ސިޔަރަތުގައި އައިސްފައިވާ ޞައްޙަ ޙަދީޘްތައް ވަކި ކުރައްވައި ލިއުވިފޮތެއް)

ޅ- އައްރައްދުލް މުފްޙަމް (މިއީ މޫނު ބުރުގާ އެޅުން ވާޖިބު ކަމަށް ބުނާ މީހުންނަށް ރައްދު ދެއްވާ، އެއީ ވާޖިބު ކަމެއް ނޫންކަން (މޫނު ބުރުގާ) ބަޔާން ކުރައްވައި ލިއުއްވި ފޮތެއް)

ކ- މަނާސިކުލް ޙައްޖު ވަ އަލްޢުމްރާ (ޙައްޖު ޢުމްރާގެ އަޅުކަމާ ބެހޭ ފޮތެއް)

އ- އައްތައުޙީދު އައްވަލަން ޔާ ދުޢާތުލް އިސްލާމް (ދީނަށް ގޮވާލާ މީހުން ފުރަތަމަ އަހައްމިއްޔަތުކަން ދޭންވީ ތައުޙީދަށް ގޮވާލުން ކަން ބަޔާން ކޮށްދެއްވާ ފޮތެއް)

ވ- އަޙްކާމުލް ޖަނާއިޒް ވަ ބިދަޢިހާ (ޖަނާޒާގެ ޙުކުމްތަކާއި އޭގައި މީހުން ކުރާ ބިދްޢަ ކަންތަކާ ބެހޭ ފޮތެއް)

ފ- ތަލްޚީޞު ޞިފަތު ޞަލާތިއް ނަބިއްޔު (ކީރިތި ރަސޫލާ ނަމާދު ކުރެއްވި ގޮތް ބަޔާން ކޮށްދެއްވާފައި ފޮތެއް)

ދ- ފިތްނަތުއް ތަކްފީރު (މީހުން ކުފުރު ކުރުމުގެ ބޮޑު ކަމާއި ބެހޭ ފޮތެއް)

ތ- އާދާބުއް ޒިފާފް (ކައިވެނީގެ ރޭގެ އަދަބުތަކާއި ބެހޭ ފޮތެއް)

ލ- އައްތަވައްސުލް ޢަންވާޢިހީ ވަ އަޙްކާމިހީ (މާތް ﷲ ފިޔަވާ އެހެން ފަރާތެއްގެ ވާގިވެރިކަން ހޯދުމާ އެއީ ކޮންކަހަލަ ކަމެއްކަން ބަޔާން ކޮށްދޭ ފޮތެއް)

މިއީ ސަތޭކައާއި ގަތް ކުރާ ޢަދަދެއްގެ ފޮތް ހުރި ލިސްޓެއްގެ ތެރެއިން ހޮވާލި ވަކި ވަކި ފޮތްތަކެކެވެ. މިތާނގައި ނަން ނުގަނެވޭ އެތަކެއް ފޮތެއް، ޝައިޚް އަލްބާނީ ލިއުއްވާފައި ވެއެވެ.

އެހެން ޢިލްމުވެރިން ވިދާޅު ވަނީ:

ޝައިޚް އަލްބާނީ އާ ބެހޭގޮތުން، ޝައިޚް ބިން ބާޒް އަރިއަހު ސުވާލު ދެންވެނު ހިނދު ވިދާޅުވީއެވެ. ''މި ޒަމާނުގައި، ޢައްލާމާ މުޙައްމަދު ނާޞިރުއްދީން އަލްއަލްބާނީ ފަދަ ޙަދީޘް ޢިލްމުވެރިއެއް، މި އުޑު ދަށުން އަހަރެން ނުދެކެމެވެ." ދެން ކޮންމެ ސަތާކަ އަހަރެއްގައި މި ދީނަށް އާ ރޫޙެއް ގެނެސްދޭނެ މީހެއް މާތް ﷲ ފޮނުއްވަވާނެ ކަމަށް އޮންނަ، ރަސޫލާގެ ޙަދީޘްފުޅާއި ބެހޭގޮތުން، ބިން ބާޒާއި ސުވާލު ދެންނެވި، އަދި މި ޒަމާނުގައި އެ މީހަކީ ކޮބައިތޯ ދެންނެވުނެވެ. އެހިނދު ބިން ބާޒް ވިދާޅުވީ މި ޒަމާނުގައި އެފަދަ މީހަކީ އަލްބާނީ ކަމަށެވެ.

އަލްބާނީ އާ ބެހޭ ގޮތުން، ފަޟީލަތުއްޝައިޚް ޢަބްދުލް މުޙްސިން އަލްޢައްބާދު ވިދާޅުވީ "އަލްބާނީއަކީ މާތް ﷲ ގެ މަގަށް ގޮވާލާ، ބިދްޢަތަކާއި ހަނގުރާމަ ކުރައްވާ، ސަލަފީ ޢަޤީދާއަށް ނަސްރު ދީ، ކީރިތި ރަސޫލާގެ ސުންނަތް ދިފާޢުކޮށް، އެ ސުންނަތާ ބެހޭ ގޮތުން ލިޔެ އެކަމަށް ޢުމުރު ހޭދަ ކުރި މަދު ޢިލްމުވެރިންގެ ތެރެއިން ބޭފުޅެކެވެ. އަދި އެއީ ފާހަނގަ ކުރެވޭ ޢިލްމުވެރިންގެ ތެރެއިން ބޭފުޅެކެވެ. އަލްބާނީއަކީ ތަފާތު މީހެއްކަން ޢާއްމުންނާއި ޚާއްޞުންވެސް ދަނެއެވެ. އަދި ޝައްކެއްވެސް ނެތް ގޮތުގައި އެ ފަދަ ޢިލްމުވެރިއެއް ގެއްލި ދިއުމަކީ އިސްލާމީ އުއްމަތަށް ކުރިމަތިވި މުޞީބާތެކެވެ. އަދި އަލްބާނީ ދީނަށްޓަކައި ކުރެއްވި އަގުހުރި މަސައްކަތްޕުޅަށް މާތް ﷲ ހެޔޮ ޖަޒާ ދެއްވާށިއެވެ. އަދި ތަނަވަސް ސުވަރުގެއިން ގޮވަތި ދެއްވާށިއެވެ."

އަލްބާނީ އާ ބެހޭގޮތުން ޝައިޚް ޢުޘައިމީން ވިދާޅުވެފައި ވަނީ "އަހަރެން ޝައިޚް އަލްބާނީއާއި ބައްދަލުވި މަދު މުނާސަބާތަކުން އަހަރެންނަށް އެނގުނީ، ޝައިޚް ވަރަށް ބޮޑަށް ސުންނަތަށް ޢަމަލު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމެވެ. އަދި ޢަޤީދާގެ މައްސަލަތަކުގައި ނުވަތަ އަޅުކަންތަކުގައި ވިޔަސް ހުންނަ ބިދުޢަ އާއި ހަނގުރާމަ ކުރައްވާ ކަމެވެ. އަދި އަހަރެން ޝައިޚްގެ ފޮތްތައް ކިއުމުން އެނގިފައިވަނީ އެއީ ޙަދީޘް ޢިލްމުގެ ބޮޑު މިންވަރެއް ލިބިލައްވާފައިވާ ބޭކަލެއް ކަމެވެ. އަދި ޝައިޚް ލިއުއްވި ފޮތްތަކުގެ ހެޔޮ ފައިދާ ވަނީ ގިނަ ބަޔަކަށް ކޮށްފައެވެ."

ޢާއިލާ :

ޝައިޚް އަލްބާނީ ހަތަރު އަންހެނަކާއި ކައިވެނި ބައްލަވައިގަތެވެ.

ފުރަތަމަ އަނބިކަމަނާ އަށް ލިބިވަޑައިގަތީ ޢަބްދުއްރަޙްމަން، ޢަބްދުއްލަޠީފް، ޢަބްދުއްރައްޒާޤް އެވެ.

ދެވަނަ އަނބިކަމަނާ އަށް ލިބިވަޑައިގަތީ ޢަބްދުލްމަންޞޫރް، ޢަބްދުލްމުހައިމިން، މުޙައްމަދު، ޢަބްދުލްއަޢްލާ، އަނީސާ، އާސިޔާ، ސަލާމާ، ޙައްސާނާ، އަދި ސަކީނާއެވެ.

ތިންވަނަ އަނބިކަނބަލުންނަށް ލިބިވަޑައިގަތީ ހިބަތުﷲ އެވެ. ހަތަރުވަނަ އަނބިކަނބަލުން "އުއްމުލް ފަޟްލު" އަށް ކުއްޖެއް ލިބިވަޑައި ނުގަނެއެވެ. އަދި އަލްބާނީގެ ޙަޔާތުގެ އެންމެ ފަހުދުވަސް ޖެހުނު އިރު އެކުގައި ހުންނެވީ ހަމަ އެކަނި މި ކަމަނާއެވެ.

އަލްބާނީ މުސްލިމުންނަށް ކުރެއްވި ވަޞިއްޔަތް :

މާތް ﷲ އަށް ޙަމްދާއި ޘަނާއަށް ވިދާޅުވުމަށްފަހު ވަޞިއްޔަތުގައި ވެއެވެ. "މި ބިންމަތީގައިވާ ކޮންމެ މުސްލިމަކަށް ވަކިން ޚާއްޞަކޮށް ޤުރުއާނާއި ސުންނަތުގެ މަގަށް ގޮވާލާ ސަލަފުއްޞާލިޙް ގެ ގޮތުގައި ހިފަހައްޓާ އަޚުންނަށް، އަހަރެންގެ އަމިއްލަ ނަފްސަށް ވަޞިއްޔަތް ކުރުމަށްފަހު ކުރަން އޮތް ވަޞިއްޔަތަކީ، އެންމެ ފުރަތަމަ މާތް ﷲ އަށް ތަޤުވާވެރި ވުމަށެވެ. ދެން އެއަށްފަހު ފައިދާ ހުރި ޢިލްމު ލިބިގަތުމަށެވެ. އަދި އެ ކުރާ ކޮންމެ ޞާލިޙް ޢަމަލަކީވެސް ޤުރުއާނާއި ސުންނަތުގެ މަގުން ކައްސާލާފައި ނުވާ ކަމެއްކަން ޔަޤީން ކުރުމަށެވެ. އަދި މުސްލިމުންގެ ޖަމާޢަތުން ނުކުމެ އެ މީހުންނާއި ދެކޮޅުވެރި ވެ ނުގަތުމަށް އަހަރެން ގޮވާލަމެވެ. އަދި އެ ކަމުގެ ނުރައްކާތެރި ކަމުގެ އިންޒާރު ދެމެވެ. އަދި އަހަރެމެންނާއި ޚިލާފު ވާ މީހުންނަށް ނަޞޭޙަތް ދިނުމުގައި މަޑުމައތިރި ރީތި ގޮތްތަށް ބޭނުން ކުރުމަށް ގޮވާލަމެވެ.

އަލްބާނީގެ އެންމެ ފަހު ވަޞިއްޔަތް :

އެކެއް :

އަހަރެންގެ އަންހެނުންނަށް އަދި ދަރިންނަށް އަދި ރައްޓެހިންނަށް އަދި އަހަރެން ދެކެ ލޯބިވާ ކޮންމެ މީހަކަށް ވަޞިއްޔަތް ކުރަމެވެ. އަހަރެންގެ މަރުގެ ޚަބަރު ފޯރައިފިނަމަ، އަހަރެންނަށް ފާފަ ފުއްސަވާ ރަޙްމަތް ލެއްވުން އެދި ދުޢާ ކުރާށެވެ. އަދި އަހަރެން މަރުވުމުން އެކަމާއި ދެރަވެގެން ހަޅޭކެއް ލަވައި އަޑު ގަދަ ނުކުރުމަށް ވަޞިއްޔަތް ކުރަމެވެ.

ދޭއް :

އަދި އަހަރެން ވަޅު ލުމުގެ ކަންތައް ވީހާ އަވަސްކުރާށެވެ. އަދި އަހަރެންގެ ތިމާގެ މީހުންނާއި ރައްޓެހިންގެ ތެރެއިން، ކަށުކަމާކެމީގެ ކަންތަކަށް ފުދޭވަރަށް ވުރެ އިތުރު މީހުންނަށް، އަހަރެންގެ މަރުގެ ޚަބަރު ނުދިނުމަށެވެ. އަދި އަހަރެން ހިނެވުމުގެ ކަންތައް، އަހަރެންގެ އަވައްޓެރި އަދި އިޚްލާޞްތެރި އެކުވެރިއެއް ކަމުގައިވާ " ޢިއްޒަތު ޚުޟުރު އަބޫ ޢަބްދުﷲ " ހަވާލުވާށެވެ. އަދި އެކަމުގައި އޭނާއަށް އެހީވެދޭނެ މީހެއް އޭނާ އިޚްތިޔާރު ކުރާށެވެ.

ތިނެއް :

ވަޅު ލާން އަހަރެން އެދޭތަނަކީ އެންމެ ކައިރީގާ އޮތް ޤަބުރުސްތާނެކެވެ. އެއީ އަހަރެންގެ ސަންދޯއް ކާރަކަށް ލައިގެން ގެންދަން ޖެހި އަދި ޖަނާޒާ ފަހަތުން ދާ މީހުންވެސް ކާރަށް އަރައިގެން ދަތުރު ކުރަން ޖެހުނަ ނުދިނުމަށްޓަކައެވެ. އަދި އަހަރެން އެދެނީ، މުސްތަޤްބަލުގައި ކޮނެ ނަހަދާނެކަމަށް ބެލެވޭ ކަހަލަ ދުވަސްވީ ޤަބުރުސްތާނެއްގައި އަހަރެން ވަޅުލުމެވެ.

ހަތަރެއް :

އަދި އަހަރެން މަރުވާ ރަށެއްގައި ތިބި ބަޔަކު، ރަށުން ބޭރުގައި ތިބި އަހަރެންގެ ދަރިންނަށް އަދި އެހެން ބަޔަކަށްވެސް، އަހަރެންގެ ވަޅުލުމުގެ ކަންތައް ނިންމުމަށްފަހު ނޫނީ ، މަރުގެ ޚަބަރު ނާންގާށެވެ. އެއީ އެ މީހުންގެ ޢާޠިފިއްޔަތު ހިލި އަދި އަހަރެން ވަޅުލުން ލަސްވިޔަ ނުދިނުމަށްޓަކައެވެ.

ފަހެއް :

އަހަރެންގެ ހުރިހާ ފޮތެއް، އެއީ ޗާޕު ކުރެވިފައި ހުރި ފޮތް ކަމުގައި ވިޔަސް އަދި އަތުން ލިޔެފައި ހުރި ފޮތް ކަމުގައި ވިޔަސް، މަދީނާގެ އިސްލާމީ ޔުނިވާސިޓީއަށް ދިނުމަށް ވަޞިއްޔަތް ކުރަމެވެ. އެހެނީ އެތަނަކީ އެތާނގެ މުދައްރިސެއްގެ ގޮތުގައި އަހަރެން ހޭދަ ދުވަސް ކުރި ދުވަސްތަކުގައި، ޤުރުއާނާއި ސުންނަތަށް ގޮވާލުމުގެ ފޮނި ހަނދާންތަކެއް ކުރެވޭ ތަނެކެވެ. އަދި އެ ފޮތްތަކުން އެތަނަށް ދާ މީހުންނާއި ދަރިވަރުންނަށް މަންފާއެއް ކުރާނެ ކަމަށް އެދި ދުޢާ ކުރަމެވެ. އަދި އެމީހުންގެ ހެޔޮ ދުޢާއާއި އިޚްލާޞްތެރި ކަމުން އަހަރެންނަށް މަންފާ ކުރާނެ ކަމަށް އެދެމެވެ.

އަވަހާރަވުން :

މި ޒަމާނުގެ މުޙައްދިޘް އަދި މި ޖީލުގެ މުޖައްދިދުލް އިސްލާމަކީ ޝައިޚް އަލްބާނީއެވެ. (ދީން އަލުން ދިރުވައި އާ ރޫހެއް ގެންނާނެ މީހެއް ކޮންމެ ސަތޭކަ އަހަރަކުން އެއް އަހަރު، މާތް ﷲ ފޮނުއްވާނެ ކަމަށް ޙަދީޘެއްގައި އޮވޭ) ޝައްކެއްވެސް ނެތް ގޮތުގައި ޝައިޚް އަލްބާނީއަކީ އިސްލާމް ދީނަށް އަގުނުކުރެވޭފަދަ ގިނަ ގުނަ ޚިދުމަތްތަކެއް ކުރެއްވި ޢިލްމުވެރިއެކެވެ. އެގޮތުން އެތަކެއް ފޮތެއް ލިއުއްވައި، ހަމަ އެކަނި ޞައްޙަ ޙަދީޘްގައި ހިފުމަށް މުސްލިމުންގެ ސަމާލުކަން ގެނުއްވިއެވެ. އަދި ތަފްސީރުތަކާއި ފިޤުހު ފޮތްތަކާއި ވަޢްޡާއި އިރުޝާދުގެ ގޮތުގައި ދައްކާ ވާހަކަތަކުގައި ހުރި ޟަޢީފް ޙަދީޘްތަކާއި ވަޟްޢީ ޙަދީޘްތައް ހޯދާ ބަލައި އެ ކަހެރި ކުރުމަށް ގޮވާލިއެވެ. އަދި ރަސޫލާ ޙަދީޘް ނުކުރައްވާ ވާހަކައެއް އެކަލޭގެފާނަށް ނިސްބަތް ކުރުމުގައި އެއްވެސް ވަރެއްގެ ދުލެއް ނުވަތަ ފަސޭހަކަމެއް ދީގެން ނުވާނެކަން މުސްލިމުންނަށް ހަނދާންކޮށް ދެއްވިއެވެ.

އަލްބާނީ އަވަހާރަވީ 22 ޖުމާދިލް އާޚިރާ 1420 ވީ ހޮނިހިރު ދުވަހުގައެވެ. އެއީ މީލާދީ ތާރީޚުން 1999 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހެވެ. މާތް ﷲ ސުވަރުގޭގެ މަތިވެރި ނިޢްމަތް ޝައިޚަށް ދެއްވާފާނދޭވެ!

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.