ބުދަ20181031

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތާރީޚް ރަމަޟާން މަހުގައި ހިނގާފައިވާ މުހިންމު ބައެއް ކަންތައްތައް

ރަމަޟާން މަހުގައި ހިނގާފައިވާ މުހިންމު ބައެއް ކަންތައްތައް

ramadaan-haadhisaa-tha

-ހިޖުރައިގެ 13 އަހަރުކުރިން

ކީރިތި ރަސޫލާގެ މައްޗަށް ޤުރުއާން ބާވާލެއްވުން ފެށްޓުނީ ރޯދަމަހުގައެވެ. ޤުރުއާނެކޭ އެއްފަދައިން، ސަމާވީ ދީންތަކުގެ ފޮތްތައްވެސް ބާވާލައްވަން ފެށްޓިފައިވަނީ ރަމަޟާން މަހުގައެވެ. އެގޮތުން އިބްރާހީމްގެ ފާނަށް ބާއްވާލެއްވި ޞުޙުފު ނުވަތަ ފަތްފުށްތަކާއި، ތައުރާތާއި، އިންޖީލާއި، ޒަބޫރުވެސް ބާވާލެއްވުނީ މިމަހުގައެވެ.

- ހިޖުރައިގެ 3 އަހަރުކުރިން

ރަސޫލާގެ ބޮޑުބޭބޭފުޅު، އަބޫޠާލިބު އަވަހާރަވީ ރޯދަމަހުގައެވެ. އޭގެ ދުވަސްކޮޅެއްފަހުން، އެކަލޭގެފާނުގެ އަނބިކަނބަލުން ޚަދީޖާ ބިންތި ޚުވައިލިދް ހަމަމިމަހުގައި ދުނިޔެދޫކުރެއްވިއެވެ.

 

- ހިޖުރައިން 1 ވަނައަހަރު

ޙަމްޒާ ބިން ޢަބްދުލް މުއްޠަލިބު އިސްކުރައްވައި މުހާޖިރުންގެ 30 މީހުން ހިމެނޭ ގުރޫޕެއް 'ސައިފުލް ބަޙްރް ' އޭ ކިޔޭހިސާބަކަށް ރަސޫލާ ފޮނުއްވެވިއެވެ. އެއީ އަބޫ ޖަހްލުގެ ވެރިކަމުގެ ދަށުގައިވާ، 300 މީހުންގެ ޤާފިލާއަކަށް ހުރަސް އެޅުއްވުމަށްޓަކައެވެ. މަޖްދީބިން ޢަމްރުލް ޖުހަނީ ނެތްނަމަ، އެފަހަރު އަބޫޖަހްލާއި މުސްލިމުންނާއި ދެމެދު ކުރިމަތިލުމެއް ހިނގީސްކަމަށް ތާރީޚު ލިޔާ މީހުން ދެކެއެވެ. މުސްލިމުންގެ މީހަކަށް އިސްލާމުންގެ ދިދަ ފުރަތަމަ ޙަވާލުކުރެވުނީ މިފަހަރުއެވެ.

- ހިޖުރައިން 2 ވަނައަހަރު

އިސްލާމުންގެ ލަޝްކަރާއި ކާފަރުންގެ ލަޝްކަރާއި ދެމެދު ފުރަތަމަ ހަނގުރާމަ ކުރެވުނީ މިފަހަރުއެވެ. ބަދްރުގެ ނަމުން ނަންދެވިފައިވާ މިހަނގުރާމައިގައި މުސްލިމުންގެ ލަޝްކަރު 313 މީހުންނާއިގެން، ގާތްގަނޑަކަށް 1000 ހާ މީހުން ހިމެނޭ ކާފަރުންގެ ލަޝްކަރު ބަލިކުރިއެވެ. މިހަނގުރާމައިގައި ނަޞްރުލިބުނީ މުސްލިމުންނަށެވެ. ޤުރައިޝުންގެ 70 ވަރަކަށް މީހުން މިހަނގުރާމައިގައި މަރުވިއެވެ.

- ހިޖުރައިން 2 ވަނައަހަރު

އިސްލާމްދީނަށް އެންމެ ފުރަތަމަކޮޅު ވެންނެވި ޞަޙާބީންކުރެ ބޭކަލެއްކަމުގައިވާ ޢުބައިދާ ބިން އަލްޙާރިޘް ބިން އަލްމުއްޠަލިބް އަވަހާރިވިއެވެ.

- ހިޖުރައިން 3 ވަނައަހަރު

ޢަލީގެފާނުގެ ދަރިކަލުން އަދި ކީރިތި ރަސޫލާގެ ކާފަދަރިކަލުން އަލްޙަސަން އުފަންވެވަޑައިގަތެވެ. މީސްތަކުންކުރެ، އިތުރު އެކަލޭގެފާނުގެ މޫނުފުޅާއި އެންމެ އެއްގޮތް މޫނުފުޅެއް ލިބިވަޑައިގެންފައިވަނީ އަލްޙަސަން އަށްކަމަށް ބުނެވެއެވެ.

- ހިޖުރައިން 4 ވަނައަހަރު

ރަސޫލާ ޒައިނަބްގެފާނާއި ކައިވެނި ބައްލަވައިގަތެވެ. ޒައިނަބުގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީ '' އުއްމުލް މަސާކީން '' ގެ ނަމުންނެވެ. އެއީ އެކަމަނާ ފަޤީރުންނަށް ކާންދެއްވާ، ޞަދަޤާތް ކުރައްވާލެއް ގިނަކަމުންނެވެ. ކާވެންޏަށްފަހު މާކަ ގިނަ ދުވަހަކު، ޒައިނަބުގެފާނު ދުނިޔެއަކު ނޫޅުއްވައެވެ. ކާވެނީގެ ފަހުން 2 މަސް ނުވަތަ 3 މަހުގެ ތެރޭގައި އެކަމަނާ އަވަހާރަވެއްޖެއެވެ.

- ހިޖުރައިން 5 ވަނައަހަރު

ބަނީ އަލްމުޞްޠަލަޤު ހަނގުރާމަ ހިނގީ މިއަހަރުއެވެ. ބަނީ މުޞްޠަލަޤުގެ މީހުން ، އިސްލާމުންނާއި އިދިކޮޅަށް ހަނގުރާމައަށް އެއްވާކަމުގެ ޚަބަރު ރަސޫލާއަށް ލިބިވަޑައިގަތުމުން، އެމީހުން ޣަފުލަތެއްގެ ތެރޭގައި ތިއްބާ ކުއްލިއަކަށް ޙަމަލާ ދެއްވާ އެމީހުން ބަލިކުރެއްވިއެވެ. މިހަނގުރާމައިގައި މުސްލިމުންގެ ތެރެއިން މަރުވެފައިވަނީ އެންމެ މީހެކެވެ.

- ހިޖުރައިން 6 ވަނައަހަރު

އަބޫބަކްރުގެފާނު އިސްކުރައްވައި، ނަޖިދުގެ ރަށްބޭރުގައި އުޅޭ ބަނީ ފުޒާރާގެ މީހުންނާއި ހަނގުރާމަކުރެއްވުމަށް އިސްލާމުންގެ ލަޝްކަރެއް ރަސޫލާ ފޮނުއްވެވިއެވެ. މިމީހުންގެ ބައެއް މީހުން ޤަތުލުކޮށް، ބައެއް އަސީރުން މުސްލިމުން ގެނައެވެ. ފަހުން މައްކާގައި ހައްޔަރުވެފައިވާ މުސްލިމުންގެ ބަޔަކު ސަލާމަތް ކުރުމަށްޓަކައި، މިމީހުން ދޫކޮށްލެވުނެވެ.

 - ހިޖުރައިން 8 ވަނައަހަރު

ޚާލިދުބިން އަލްވަލީދު ވަޑައިގެން، މައްކާގައި ހުންނަ އަލްޢުއްޒާ ބުދު ތަޅާލެއްވިއެވެ.

- ހިޖުރައިން 8 ވަނައަހަރު

ޝިރްކާއި ޝިރްކުގެ ވަކިތަކުން މައްކާ ޠާހިރުކުރުމަށްޓަކައި، އެރަށް ފަތަޙަކުރެވުނެވެ. އެއަށްފަހު ، ފައުޖުތަކުގެ ގޮތުގައި މީސްތަކުން އިސްލާމްދީނަށް ވަންނަން ފެށްޓިއެވެ

- ހިޖުރައިން 8 ވަނައަހަރު

މަނާތު ބުދު ތަޅާލެއްވުމަށްޓަކައި ސަޢްދު ބިން ޒައިދް އަލްއަޝްހަލީ ފޮނުއްވުނެވެ. މިއީ ޖާހިލީ ޒަމާނުގައި އައުސްއާއި ޚަޒްރަޖު ވަންހައާއި އެމީހުންނަށް ތަބާވާ މީހުން މާތްކޮށް ހިތައިގެން އުޅުނު ބުދެކެވެ. 20 ޞަޙާބީންނާއިގެން ވަޑައިގެން، ސަޢްދު މިބުދު ތަޅާލެއްވިއެވެ.

- ހިޖުރައިން 8 ވަނައަހަރު

ޢަމްރޫ ބުނުލް ޢާޞް ވަޑައިގެން ސުވާޢްއޭ ކިޔުނު ބުދު ހަލާކުކޮށްލެއްވިއެވެ.

- ހިޖުރައިން 9 ވަނައަހަރު

ތަބޫކުން ޙިމްޔަރުގެ ރަސްރަސްކަލުންގެ ފުށުން ރަސޫލާއަށް ސިޓީފުޅެއް ލިބިވަޑައިގަތެވެ. އޭގައިވަނީ ޙިމްޔަރުގެ ރަސްރަސްކަލުން އިސްލާމްދީން ޤަބޫލުކުރެއްވިކަމުގެ ޚަބަރެވެ. އަލްޙާރިޘް ބިން ޢަބްދު ކަލާލްއާއި، އަންނުޢްމާންއާއި، މުޢާފިރްއާއި ހަމަދާންއަކީ އެސީފުޅުގައި އިސްލާމްވަޑައިގަތްކަމަށް ހާމަކުރެވިފައިވާ ބައެއް ރަސްރަސްކަލުންނެވެ.

- ހިޖުރައިން 9 ވަނައަހަރު

ރަސޫލާ ތަބޫކުން އެނބުރިވަޑައިގަތްފަހުން، ޘަޤީފުވަންހައިގެ މީހުން، އިސްލާމްދީނަށް ވަންނަންވެގެން އެކަލޭގެފާނުގެ އަރިއަހަށް އައެވެ. މިވަފުދުގެ ބޮޑަކަށް ހުންނެވީ ޢަބްދު ޔާލައިލް ބިން ޢަމްރޫ އެވެ.

- ހިޖުރައިން 8 ވަނައަހަރު

ޢާމުލް ވުފޫދުއޭ ކިޔުނު އަހަރުގައި، ޖަރީރް ބިން ޢަބްދިﷲ އަލްބަޖަލީ އިސްލާމުވެވަޑައިގަތުމަށް ރަސޫލާގެ އަރިހަށް ވަޑައިގަތެވެ. އޭނާ ވަޑައިގަންނަވާތަން ފެނިވަޑައިގެން ރަސޫލާ ޚުޠުބާގައި ވިދާޅުވީ ތިޔަބައިމީހުންނާއިދިމާއަށް މިދިމާއިން ޔަމަނުގެ އެންމެ މީހުންކުރެ މީހަކު އެބަ އާދެއެވެ. ދަންނާށެވެ. އޭނާގެ މޫނުމަތީގައި ރަސްކަލެއްގެ މޫނުފުޅުގެ ޢަލާމާތް އެބަހުއްޓެވެ.

- ހިޖުރައިން 13 ވަނައަހަރު

ޢުމަރުގެ ފާނުގެ ޚަލީފާކަމުގައި، އަލްބުވައިބް އޭ ކިޔުނު ހަނގުރާމަކުރެވުނެވެ. މިއީ އަލްޖިސްރު ހަނގުރާމައިން މުސްލިމުން ބަލިވުމަށްފަހު ކުރެވުނު ހަނގުރާމައެކެވެ. އަލްބުވައިބުގައި މުސްލިމުންގެ ޤާޢިދަކަށް ހުންނެވީ އަލްމުޘައްނާބިން އަލްޙާރިޘާ އެވެ. މިހަނގުރާމައިން މުސްލިމުން މޮޅުވިއެވެ.

- ހިޖުރައިން 14 ވަނައަހަރު

ތަރާވީސް ނަމާދު ޖަމާޢަތުގައި ކުރުމަށްޓަކައި، ޢުމަރުގެފާނު މުސްލިމުން އެއްކުރެއްވިއެވެ. އޭގެކުރިން މީހުން ތަރާވީސްކޮށް އުޅުނީ ވަކިވަކިންނެވެ.

- ހިޖުރައިން 38 ވަނައަހަރު

މިއަހަރުގެ ރަމަޟާންމަހުގެ 17 ވަނަ ދުވަހު، ޢަބްދުއްރަޙްމާން ބިން މުލްޖިމް އޭ ކިޔުނު ޚަވާރިޖުންގެ މީހަކު ޢަލީގެފާނު އަވަހާރަކޮށްލިއެވެ. އެހާހިސާބުން ޚުލަފާއުއް ރާޝިދޫންގެ ވެރިކަން ނިމިގެންދިޔައެވެ.

- ހިޖުރައިން 38 ވަނައަހަރު

ޞަފްވާން ބިން ބައިޟާއު އޭ ކިޔުނު ޞަޙާބީ އަވަހާރަވިއެވެ. އޭނާއަކީ ބަދުރު ހަނގުރާމައިގައި ބައިވެރިވެވަޑައިގަތް، މުހާޖިރުންގެ ބޭކަލެކެވެ. އޭނާ އަވަހާރަވިއިރު، ދަރިކަލެއް ނެތެވެ.

- ހިޖުރައިން 50 ވަނައަހަރު

އަލްމުޣީރާ ބިން ޝުޢުބާ އަވަހާރަވީ މުޢާވިޔަތުގެ ވެރިކަމުގެ ކޫފާގައި ހުންނަވަނިކޮށެވެ.

- ހިޖުރައިން 56 ވަނައަހަރު

ޢުމުރުފުޅުން 60 އަހަރުފުޅުގައި ޢާއިޝަތުގެފާނު އަވަހާރަވިއެވެ. އެކަމަނާއަކީ ކީރިތި ރަސޫލާ އެންމެ ބޮޑަށް ލޯބިފުޅުވެވަޑައިގެންނެވި އަނބިކަނބަލުންނެވެ. ޢާއިޝަތުގެފާނަކީ ޢިލްމުގައި އަރާހުންނެވި ބޭކަނބަލެކެވެ.

- ހިޖުރައިން 75 ވަނައަހަރު

ކޫފާގެ ވެރިކަމަށް، އަލްޙައްޖާޖު ބިން ޔޫސުފް އައްޘަޤަފީ ، ރަސްގެފާނު ޢަބްދުލް މަލިކް ބިން މަރުވާން އިސްކުރެއްވިއެވެ. ޙައްޖާޖަކީ ވަރަށް ހަރުކަށި ބޭފުޅެއްކަމުގައި ބެލެވެއެވެ. އޭނާގެ ވެރިކަމުގައި ކޫފާގައި ވަރަށް ގިނައިން ލޭއޮރުވުން ހިނގާފައިވެއެވެ. ޙައްޖާޖު އަވަހާރަވީވެސް ރޯދަމަހެއްގައެވެ.

- ހިޖުރައިން 92 ވަނައަހަރު

ޠާރިޤް ބިން ޒިޔާދު އަންދަލުސް ފަތަޙަ ކުރެއްވިއެވެ.

- ހިޖުރައިން 112 ވަނައަހަރު

މުސްލިމުންގެ ވަރުގަދަ ޤާއިދެއްކަމުގައިވާ އަލްޖައްރާޙް ބިން ޢަބްދިﷲ

އަވަހާރަވިއެވެ.

- ހިޖުރައިން 124 ވަނައަހަރު

ޙަދީޘް ޢިލްމުގެ އަރާހުންނެވި ޢިލްމުވެރިއެއްކަމުގައިވާ މުޙައްމަދް ބިން މުސްލިމް ބިން ޢުބައިދިﷲ އަލްޤުރަޝީ އައްޒުހްރީ، ޢުމުރުފުޅުން 75 ގައި އަވަހާރަވިއެވެ.

- ހިޖުރައިން 129 ވަނައަހަރު

އަބޫމުސްލިމް އަލްޚުރާސާނީއޭ ކިޔުނު މީހަކު، ޢައްބާސްގެ ދަރީންގެ ދައުލަތަކަށް ގޮވާލައްވަން ފެށްޓެވިއެވެ. މިކަމުގެ ތެރޭގައި މުސްލިމުންގެ އެތައް ބައެއްގެ ލޭ އޮހޮރިގެން ދިޔައެވެ.

- ހިޖުރައިން 129 ވަނައަހަރު

ޚަވާރިޖުންނާއި ޔަޒީދު ބިން ޢުމަރު ބިން ހުބައިރާ އާއި ދެމެދު ކުރެވުނު ވަރުގަދަ ހަނގުރާމައަށްފަހު، ކޫފާ ޚަވާރިޖުންގެ ބާރުގެދަށުން ސަލާމަތް ކުރެވުނެވެ. އެއީ މަރްވާން ބިން މުޙައްމަދުގެ ވެރިކަމުގައެވެ.

- ހިޖުރައިން 168 ވަނައަހަރު

ހާރޫނުއް ރަޝީދުގެ ވެރިކަމުގައި، މުސްލިމުންނާއިއެކު ވެފައިވާ ޢަހްދާއި ރޫމުން ޚިލާފުވިއެވެ. އެމީހުން ޞުލްޙަވެރިކަމާއިއެކު ތިބީ އެންމެ 32 މަސްވަންދެނެވެ. ދެން މުސްލިމުން އެމީހުންނާއި ހަނގުރާމަކޮށް، ނަޞްރު ހޯދިއެވެ.

- ހިޖުރައިން 241 ވަނައަހަރު

ޤުރުއާނަކީ މަޚްލޫޤެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި އުފެދުނު މައްސަލަ ގަނޑުގެ ތެރޭގައި އަލްއިމާމް އަޙްމަދު ބިން ޙަންބަލް ޖަލުގައި ހައްޔަރުކުރެވުނެވެ. ޤުރުއާނަކީ ޚަލްޤުކުރެވުނު އެއްޗެއްކަމަށް ވިދާޅުވެ އެންމެ ބޮޑަށް ބާރު އެޅުއްވި އެއްބޭކަލަކީ ޚަލީފާ މައުމޫނެވެ. އަދި މިގޮތަށް ބުނުމަށް މީސްތަކުންނަށް އޭނާ މަޖުބޫރުކުރެއްވިއެވެ. އަޙްމަދު ބިން ޙަންބަލް ދެކެވަޑައިގަތީ މިމައްސަލައިގައި އެހެން ގޮތަކަށެވެ. މައުމޫނަށްފަހު، މުޢްތަޞަމްވެސް އަޙްމަދު ބިން ޙަންބަލް އަށް ކަންތައް ކުރައްވަމުން ގެންދެވީ މައުމޫނެކޭ އެއްފަދައިންނެވެ. ނަމަވެސް، މިއަހަރުގެ ރޯދަމަހުގެ 25 ވަނަ ދުވަހު، އޭނާ އަޙްމަދު ބިން ޙަންބަލް ޖަލުންދޫކޮށްލެއްވިއެވެ.

- ހިޖުރައިން 428 ވަނައަހަރު

މަޝްހޫރު ޑޮކްޓަރެއްކަމުގައިވާ އިބްނު ސީނާ އަވަހާރަވީ މިއަހަރުގެ ރޯދަމަހުގައެވެ. އޭރު އޭނާގެ ޢުމުރަކީ 48 އެވެ. އިބްނު ސީނާއަކީ ބޭސްވެރިކަމުގެ އިތުރުން، ފަލްސަފާއާއި މަންޠިޤުގައިވެސް އަރާ ހުންނެވި ޢިލްމުވެރިއެކެވެ.

- ހިޖުރައިން 597 ވަނައަހަރު

އަލްއިމާމް އިބްނުލް ޖައުޒީ ( ޖަމާލުއްދީން އަބުލް ފަރަޖް ޢަބްދުއްރަޙްމާން ބިން ޢަލީބިން މުޙައްމަދު ބިން ޖަޢްފަރުލް ޖައުޒީ ) އަވަހާރިވިއެވެ. އޭރު އޭނާގެ ޢުމުރުފުޅަކީ 87 އެވެ.

- ހިޖުރައިން 658 ވަނައަހަރު

ތަތާރުން މުސްލިމުންގެ ރަށްތަކަށް އަރާ، މީހުން މަރަމުންދަނިކޮށް، މުސްލިމުންނަށް އެމީހުން ހުއްޓުވުނީ ޢައިނު ޖާލޫތު ހަނގުރާމައިގައެވެ. ޢައިނުޖާލޫތަކީ، ބީސާންއާއި ނާބްލްސްއާއި ދެމެދު އޮންނަ ހިސާބެކެވެ. މިތަނުގައި ކުރެވުނު ހަނގުރާމައިން މުސްލިމުން މޮޅުވިއެވެ. އެއީ މަޝްހޫރު ޤާއިދު ޤުޠުޒް ގެ ޤިޔާދަތުގެ ދަށުން ކުރެވުނު ހަނގުރާމައެކެވެ.

- ހިޖުރައިން 666 ވަނައަހަރު

މުސްލިމުން އިންޠާކިޔާ ފަތަޙަކުރިއެވެ. އެއީ އަލްސުލްޠާނު އަލްމަލިކިއްޡާހިރުގެ ޒަމާނެވެ.

- ހިޖުރައިން 672 ވަނައަހަރު

ޢަރަބި ބަހުގެ ރޮނގުން މަޝްހޫރުކަން ހޯއްދަވާފައިވާ ޢިލްމުވެރިޔާ އިބްނު މާލިކް އައްނަޙަވީ އަވަހާރިއެވެ. އޭނާގެ އެންމެ މަޝްހޫރު އެކުލަވާލެއްވުމަކީ '' އަލްފިއްޔަތު އިބްނި މާލިކް ފިއްނަޙްވި ވައްޞަރްފި '' އެވެ.

- ހިޖުރައިން 1393 ވަނައަހަރު

އެދުވަސްކޮޅު ދުނިޔޭގައި ހުރަސްކުރަން އޮތް އެންމެ ބޮޑު ފެނުގެ ހުރަސް ސުވޭސް ކެނަލް ހުރަސްކުރުމަށްފަހު މިޞްރު ސިފައިން ، ސައިނާގައި އިސްރާއީލު ސިފައިން ތިބި މަރުކަޒުތަކަށް ޙަމަލާދިނެވެ. އަދި ޢަދުއްވުންގެ މައްޗަށް ނަޞްރު ހޯދާ، ސައިނާ އަނބުރާ މިޞްރުގެ ބާރުގެ ދަށަށް ގެނައެވެ. މިއީ މިޒަމާނުގައި ހަނގުރާމައިގައި މުސްލިމުންނަށް ލިބުނު އެންމެ ބޮޑު ކާމިޔާބުކަމަށް ބެލެވެއެވެ.

ހިޖުރައިން 1398 ވަނަ އަހަރު

މިޞްރުގެ މުފުތީކަމަށް އައްޝައިޚުޖާދުލް ޙައްޤު ޢަލީ ޖާދުލްޙައްޤު ހަމަޖެއްސުނެވެ. އޭގެ ފަހުން ވަޒީރުލް އައުޤާފުކަމަށްވެސް އޭނާ ޢައްޔަން ކުރެވުނެވެ.

ހިޖުރައިން 1420 ވަނައަހަރު

ޢުމުރުފުޅުން 90 ގައި، އައްޝައިޚު އަބުލްޙަސަން އައްނަދަވީ އަވަހާރަވިއެވެ. އޭނާއަކީ އިންޑިޔާ ބައްރުގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި އިސްލާމުދީން ފެތުރުއްވެވުމަށް އޭނާ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައިވެއެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.