ހޮނިހިރު20180922

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތާރީޚް އިސްލާމްދީން އައުމުގެ ކުރިން ޢަރަބިންގެ ޙާލަތް

އިސްލާމްދީން އައުމުގެ ކުރިން ޢަރަބިންގެ ޙާލަތް

islam-kuiri-arab-3

އިސްލާމްދީން ޢަރަބިންގެ ތެރެޔަށް އައުމުގެ ކުރިން ވެސް އެމީހުންގެ ތެރޭގައި ތަފާތު ދީން ތަކާއި، އާދަކާދަތަކާއި، ވަރުގަދަ ރަސްރަސްލަކުންނާއި ވަރުގަދަ ހަޟާރަތެއް އޮތެވެ. މިލިޔުމުގައި މިބަލާލަނީ ކީރިތިރަސޫލާ ރަސޫލުކަމާގެން ފޮނުއްވުމުގެ ކުރިން ޢަރަބިންގެ ތެރޭގައި ހުރި ބައެއް ކަހަލަ ކަންތައްތަކަށެވެ.

ދީންތައް

ޢަރަބިންގެ ތެރޭގައި އޭރު ތަފާތު ވައްތަރުގެ ދީންތައް ހުއްޓެވެ.

1- ބުދުދީން: އިސްލާމްދީން އައުމުގެ ކުރިން ޢަރަބިންގެ ގިނަމީހުން އަޅުކަން ކުރަނީ ބުދަށެވެ. އެމީހުންގެ ކޮންމެ ޤަބީލާ އަކަށް ވެސް ޚާއްޞަ ބުދެއްހުރެއެވެ. މިބުދުތައް ބަހައްޓާފައިހުންނަނީ ގެފުޅުގެ ވަށައިގެންނެވެ. މިބުދުތަކަށް އަޅުކަން ކުރިނަމަވެސް މާތްﷲ ވޮޑިގެން ވާކަން އެމީހުން ޤަބޫލުކުރެއެވެ. ބުދުތައް ބޭނުން ކުރަނީ މާތް ﷲ އާއި އެމީހުންނާއި ގުޅުވާދޭ ވަސީލަތެއްގޮތަށެވެ.

2- ސަމާވީ ދީންތައް: ބުދު ދީނުގެ އިތުރުން ޢަރަބިންގެ ތެރޭގައި ޔަހޫދީންނާއި ނަސާރާއިން ވެސް އުޅުނެވެ. ޔަހޫދީން އެންމެ ގިނައީ ޔަމަނުގައެވެ.

ސިޔާސީ ނިޒާމު

islam-kuiri-arab-1އެމީހުންގެ ތެރޭގައި މިހާރު މި އޮންނަހެން ދައުލަތެއް ނޯވެއެވެ. އޭގެ ސަބަބުން ޤާނޫނު ހެދުމާއި މީހުން ކުރާކަންތަކަށް އަދަބުދީ ހަދާނެ ވަކި ސަރުކާރެއް ނޯވެއެވެ. އަދި އަނިޔާ ލިބޭމީހުންގެ ޙައްޤުތައް ހޯދައިދީ އެމީހުންނަށް ބަދަލު ދީ ހަދާނެ ބާރެއްވެސް ނޯވެއެވެ. މިކަންތައްތައް އޮންނަނީ ހަމައެކަނި ޤަބީލާ ތަކުގެ އަތް މަތީގައެވެ. ބާރުގަދަ ޤަބީލާއަކަށް އަބަދުވެސް އޮންނަނީ މޮޅު ގޮތެވެ. ހަމަ އެގޮތަށް އެއްބަޔަކު އަނެއްބަޔަކާއި ބައިވެރިވެގެން ކަންތައްތައް އިސްލާޙުކޮށް އުޅުމުގެ އުސޫލެއް ވެސް ނޯވެއެވެ. ހަމަ އެކަނި އޮންނަނީ ލޭގެ ގުޅުމެވެ. މި ގޮތަށް އެމީހުން ޤަބީލާއާއި ބައިވެރިވެ، ދިޔަ ދިނުމުގަޔާއި އަސީރުން މިނިވަން ކުރުމުގައި ބައިވެރިވެއެވެ. އަދި ބައެއް ފަހަރު މި ޤަބީލާ ތަކުގެ މެދުގައި ފިތުނަޔާއި، ޢަދާވަތް ތެރިކަން އުފެދި ނިމުމެއް ނެތް ހަނގުރާމަ ތައް ކުރެވެއެވެ. އޭގެ މިސާލަކީ އައުސު ވަންހަޔާއި ޚަޒުރަޖު ވަންހައާއި ދެމެދު ހިނގި ދެކޮޅުވެރިކަމާއި ޢަދާވަތެވެ.

އަޚްލާޤީ މިންގަޑު

އޭރު އަރަބިންނަކީ އަނިޔާވެރިކަން ބޮޑުބައެކެވެ. ފަޤީރުންނަށާއި ނިކަމެތިންނަށް އެމީހުންގެ ހައްޤު ތަކެއްނުލިބެއެވެ. ކުޅިވަރާއި މަޖަލާއި ރާބުއިމާއި އަންހެން ކުދިންގެ ޢިއްފަތް ފޭރި ގަތުން މިއީ ޢާއްމު ކަންކަމެވެ. މުދާ ފޭރުމާއި ރިބާކެއުން ވެސް ވަނީ އިންތިހާ އަށް ގޮސްފައެވެ.

އާދަ ކާދަތައް

އަރަބިން ގެ ތެރޭގައި ބައެއް ކަހަލަ ރީތި އާދަ ކާދަތަކެއްވެސް ހުއްޓެވެ. ކެއުން ބުއިމުގަޔާއި ހެދުން އެޅުމުގައި ބައެއް ކަހަލަ ރީތި އާދަތައް ހުއްޓެވެ. އެމީހުންގެ މެދުގައި ފާހަގަ ކުރެވޭ ތަފާތު ޢީދު ތައް ހުއްޓެވެ. މި އާދަކާދަތަކަކީ އިސްމާޢީލް ގެފާނުގެ ޝަރީޢަތުން އެމީހުން ނަށް ލިބިފައިވާ ކަންކަމެވެ. އަނެއްބައި އާދަ ތަކަކީ އެމީހުންގެ ތެރޭގައި ދިރި އުޅުނު ޔަހޫދީންނާއި ނަޞާރާއިންގެ ފަރާތުން ލިބިފައިވާ އާދަކާދަ ތަކެވެ. ވިޔަފާރި ދަތުރުތަކުގައި އަންނަ ބައެއް މީހުންގެ ފަރާތުންވެސް ވަރަށް ގިނަ ސިފަތައް އެމީހުންނަށް ލިބިފައިވެއެވެ. މީގެ ތެރެއިން ބައެއްކަހަލަ ކަންތައްތަކަކީ ވަރަށް ހުތުރު ދަށުދަރަޖައިގެ އާދަތަކެކެވެ. އެގޮތުން އަންހެން ކުދިން ދިރިތިއްބާ ވަޅުލުމަކީ އޭރު ޢަރަބިންގެ ތެރޭގައި ހިނގަމުންއައި ވަރަށް ހުތުރު ކަމެކެވެ.

ޢާއިލީ ނިޒާމު

1- ކައިވެނި

ޢަރަބިންގެ ތެރޭގައި ކައިވެނީ ގެ ތަފާތު ވައްތަރުތައް ހުއްޓެވެ. އޭގެ ތެރޭގައި ހަމަ މިހާރުވެސް މި ކައިވެނި ކުރާގޮތަށް އިންނަން ބޭނުންވާ ފިރިހެންމީހާ އަންހެން ކުއްޖާގެ ބައްޕަގެ ވަލީ ހޯދުމަށްފަހު ވަކި ރަނެއް ދިނުމުން ކުރެވޭ ކައިވެނި ހުއްޓެވެ. އިސްލާމް ދީން އައުމަށް ފަހު ވެސް މިގޮތަށް ކައިވެނި ކުރުން ހުއްދަވިއެވެ. އެކަމަކު އޭގެ ބައެއް ހައްދުތަކާއި އުސޫލުތައް ކަނޑައެޅުނެވެ. ހަމައެއާއިއެކު އޭރުހުރި ކައިވެނީގެ ބައެއްވައްތަރުތައް އިސްލާމް ދީން އައުމަށްފަހު މަނާވިއެވެ. މީގެތެރޭގައި ފިރިހެންމީހާ އޭނާގެ އަންހެން ދަރިފުޅު އެހެން ފިރިހެނަކާއި ކައިވެނި ކުރުން ހިމެނެއެވެ. މި ކައިވެނީ ގެ ޝަރުތަކީ އެ ފިރިހެން މީހާގެ ދަރިފުޅު އަނެއްމީހާ އާއި ކައިވެނި ކުރުމެވެ. އިސްލާމް ދީން ވަނީ މި ވައްތަރުގެ ކައިވެނި ނަހީ ކުރައްވާފައެވެ. ހަމަ އެގޮތަށް 4 އަބިންނަށް ވުރެން ގިނަ އަބިން ގެންގުޅުން މިއީ އަރަބިންގެ ތެރޭގައި އޭރު އޮތް ނަމަވެސް އިސްލާމް ދީން އައުމަށް ފަހު މަނާ ކުރެވިފައިވާ ކަންތަކެވެ.

2- ވަރި

އޭރު ޢަރަބިންގެ ތެރޭގައި ވަރި ކުރުން އޮވެއެވެ. ނަމަވެސް އެމީހުންނަށް ވަރި ކުރަން ވަކި ޢަދަދެއް ނޯވެއެވެ. ފިރިމީހާ ބޭނުން އިރަކު އޭނާގެ އަންހެނުން ވަރި ކުރުމަށް ފަހު ރުޖޫޢަ ކުރުން ހުއްދައެވެ. މިގޮތަށް އެމީހުން ކިތަންމެ ފަހަރަކުވެސް ވަރި ކޮށްފާނެއެވެ. މީގެ ސަބަބުން އަންހެނުން ނަށް ވަރި ކުރުމަށް ފަހުވެސް އެހެން ފިރިހެނަކާއި ކައިވެނި ކުރެވޭކަށް ނޯވެއެވެ. އަބަދުވެސް ހުންނަން ޖެހެނީ ވަރި ކުރި މީހާގެ ބާރުގެ ދަށުގައެވެ. އަދި ފިރިހެން މީހާ އަށް އޭނާ ވަރި ކުރި އަންހެން މީހާ އެހެން މީހަކާއި އިނުން މަނާ ކުރުމުގެ ބާރު ލިބިގެން ވެއެވެ.

3- މުދާ ވާރުތަ ކުރުން

މުދާ ވާރުތަ ކުރުމުގެ ނިޒާމަކީވެސް އޭރު ޢަރަބިންގެ ތެރޭގައި އޮތް ކަމެކެވެ. ނަމަވެސް ވާރުތަ މުދާ ލިބެނީ ހަމައެކަނި އަހުގައި ހަނގުރާމަ ކުރާ، އެމީހުންގެ ބޮޑެތި ދަރިންނަށެވެ. އަންހެނުންނާއި ކުޑަކުދިންނަށް ވާރުތަ މުދަލުން ބައެއް ނުލިބެއެވެ. ނަމަވެސް އިސްލާމް ދީން އައުމަށްފަހު މިގޮތްއުވާލައި ކުޑަކުދިން ނަށާއި އަންހެނުންނަށް ވާރުތަ މުދަލުން ބައެއް ލިބޭ ގޮތް ހަމަޖެއްސިއެވެ.

މުޢާމަލާތު

އިސްލާމް ދީން އައުމުގެ ކުރީގައި ވެސް ޢަރަބިންގެ ތެރޭގައި ކޮމްޕެނީތަކާއި، ލޯނު ދިނުމާއި، ރަހުނާއި ގަނެވިއްކުން އޮތެވެ. ނަމަވެސް މީގެ ބައެއް ކަންތައް ތައް އިސްލާމް ދީން މަނާ ކުރެއްވިއެވެ. އޭގެ ތެރޭގައި ރިބާ ކެއުމާއި ވިއްކާ މުދަލެއްގައި އަތްލުމުން އެ މުދަލެއް ގަތުން މަޖުބޫރު ކުރުވާ ވައްތަރު ހިމެނެއެވެ.

މި ހުރިހާ ކަންތަކަކުން ވެސް އަޅުގަނޑު މެންނަށް އެނގެނީ އިސްލާމް ދީން އައުމުގެ ކުރިން ޢަރަބިން ނަކީ އެމީހުންގެ ތެރޭގައި މުޖުތަމަޢް އަކަށް ކަމުދާ ކަހަލަ ރަނގަޅު އަސާސީ މިންގަނޑު ތަކެއް ނެތް ބައެއް ކަމެވެ. ނިކަމެތިންނަށް އެމީހުންގެ ޙައްޤު ތައް ނުލިބުމާއި ހަމަ ނުޖެހުމާއި ލޭ އޮހޮރުވުމާއި ހަނގުރާމަ ކުރުން ގިނަ ބައެއް ކަމެވެ. އެ މީހުންގެ ވެއްޓަކީ އަމާން ކަމެއް އިންސާފެއް ޢަދުލެއް ނެތް ވެއްޓެކެވެ. ފަހެ މިފަދަ ޙާލަތެއް ގައި އެމީހުން ވަނިކޮށް އެމީހުން ނަށް ޙައްޤުގެ މަގަށް ގޮވާލާ ސީދާ ވެގެންވާ ތެދުމަގު ދެއްކެވުމަށްޓަކައި ރަސޫލަކު މާތްރަސްކަލާނގެ ފޮނުއްވިއެވެ. ސަލާމާއި ޞަލަވާތްލެއްވި ކައުއިތުރު ރަސޫލާ އެއްކައު ވަންތަކަމަށް ގޮވައިލައްވައި، މީސްތަކުންގެ މެދުގައި ލޯބި ޖައްސަވައި އިސްލާމީ ދައުލަތް އުފެއްދެވިއެވެ. އިސްލާމީ ދައުލަތަކީ ޢަޤީދާ އާއި ޝަރީޢަތާއި ފުރިހަމަ ނިޒާމެއްގެ ލާމަސީލު ނަމޫނާއެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.