ހޯމަ20201130

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތާރީޚް ޙަނަފީ މަޒުހަބު: އެކަލޭގެފާނުގެ ދަރިވަރުން

ޙަނަފީ މަޒުހަބު: އެކަލޭގެފާނުގެ ދަރިވަރުން

hanafy 5އަބޫ ޙަނީފާގެ އަރިހުން ވަރަށް ގިނަ ދަރިވަރުންތަކެއް ދަރިވަރުވިއެވެ. މައި މަޒުހަބަށް ނިސްބަތް ނުވާ ބޭކަލުންގެ ޢަދަދުވެސް 40 އަށް އަރައެވެ. އޭގެތެރެއިން މަޝްހޫރު ބައެއް ދަރިވަރުންގެ ކުރު ތަޢާރަފެއް މިތާގައި ގެނެސްދޭނަމެވެ.

1.އަބޫ ޔޫސުފް

ފުރިހަމަ ނަންފުޅަކީ ޔަޢްޤޫބު ބުނު އިބްރާހީމް އަލްއަންޞާރީ އެވެ. އުފަންވެވަޑައިގަތީ 112.ހ ގައި ކޫފާގައެވެ. އަވަހާރަވެވަޑައިގެންފައި ވަނީ 182.ހ ވަނަ އަހަރުގައެވެ. އެންމެ ފުރަތަމަ ޢިލްމު ހޯއްދެވީ އިބްނު އަބީ ލައިލާގެ އަރިހުންނެވެ. ދެން އެޔަށްފަހު އަބޫ ޙަނީފާގެ އަރިހުންނެވެ. އެކަލޭގެފާނުގެ މައިންބަފައިންނަކީ ފަޤީރު ބަޔެކެވެ. އެ ސަބަބަށްޓަކައި، އަބޫ ޙަނީފާ އެކަލޭގެފާނަށް މާލީގޮތުން ކޮންމެވެސް މިންވަރަކަށް އެހީތެރިވެވަޑައިގެންފައިވެއެވެ. އަދި މަދީނާއަށް ވަޑައިގެން އިމާމް މާލިކުގެ އަރިހުން ހަދީސާއި ފިޤުހު އުނގެނިވަޑައިގަތެވެ. އަބޫ ޔޫސުފަކީ އަބޫ ޙަނީފާގެ ދަރިވަރުންގެ ތެރެއިން ފިޤުހުވެރިކަމުގައި އެންމެ ވިދާލި ބޭފުޅާއެވެ. އެ ސަބަބަށްޓަކައި އެކަލޭގެފާނު އަވަހާރަވެވަޑައިގަތުމަށްފަހު އެކަލޭގެފާނުގެ މަޤާމުގައި މީސްތަކުންނަށް ޢިލްމު ފޯރުކޮށްދެއްވުމަށް އިށީނދެވަޑައިގަތީ އަބޫ ޔޫސުފެވެ. އަބޫ ޙަނީފާގެ ދަރިވަރުންގެ ތެރެއިން، މުޙަންމަދު ބުނުލްޙަސަން ވެސް އަބޫ ޔޫސުފްގެ އަރިހުން ކިޔަވާވިދާޅުވިއެވެ. ހަމަ އެފަދައިން މަޒުހަބުގައި އެންމެ ފުރަތަމަ ފޮތެއް އެކުލަވާލެއްވީ އަބޫ ޔޫސުފެވެ. މާލީ މުޢާމަލާތުގެ ފޮތް "އަލްޚަރާޖް" އާއި "އައްރައްދު ޢަލަލްއައުޒާޢީ" އާއި "އިޚްތިލާފް އަބީ ޙަނީފާ ވަ އިބްނު އަބީ ލައިލާ" ފިޔަވައި، އެކަލޭގެފާނުގެ ގިނަ ފޮތްފޮތް، އެޔަށް ދެވުނު އަޅާލުމުގެ ކުޑަކަމުން އަޅުގަނޑުމެންނާއި ހަމައަށް ނަގުލުކުރެވިފައި ނެތެވެ. މީގެތެރެއިން "އިޚްތިލާފް އަބީ ޙަނީފާ ވަ އިބްނު އަބީ ލައިލާ" އިމާމް ޝާފިޢީ ވަނީ އެކަލޭގެފާނުގެ ފޮތް "އަލްއުންމު" ގައި ނަޤްލުކުރައްވާފައެވެ. ޢައްބާސީ ދައުލަތުގެ 3 ޚަލީފާއިންގެ ވެރިކަމުގައި އެކަލޭގެފާނު ވަނީ ފަނޑިޔާރުކަން ކުރައްވާފައެވެ. އެއީ އަލްމަހްދީ އާއި އަލްހާދީ އަދި ހާރޫނުއްރަޝީދުގެ ދުވަސްވަރުގައެވެ. ހާރޫނުއްރަޝީދުގެ ދުވަސްވަރު އެކަލޭގެފާނު އުއްތަމަ ފަނޑިޔާރުކަމަށް އިސްކުރެވުނެވެ. މި ގޮތުގެމަތިން ހަނަފީ މަޒުހަބުު ފެތުރުއްވުމުގައި އެކަލޭގެފާނު މަސައްކަތްކުރެއްވިއެވެ.

2.މުޙަންމަދު ބިން އަލްޙަސަން  

ފުރިހަމަ ނަންފުޅަކީ މުޙަންމަދު ބިން އަލްޙަސަން ބިން ފަރްޤަދް ބިން އައްޝައިބާނީ އެވެ. އުފަންވެވަޑައިގެންފައިވަނި 132.ހ ވަނަ އަހަރުގެ މެދުތެރޭގައެވެ. އަދި އަވަހާރަވެވަޑައިގެންފައި ވަނީ 189.ހ ވަނަ އަހަރުގައެވެ. ބޮޑުފުޅުވެފައި ވަނީ ކޫފާގައެވެ. އަބޫ ޙަނީފާގެ އަރިހުން ތަޢުލީމު ހާސިލުކުރެއްވި ނަމަވެސް އެކަލޭގެފާނުގެ ޅައުމުރުފުޅުގައި އިމާމް އަބޫ ޙަނީފާ އަވަހާރަވެވަޑައިގަތުމުގެ ސަބަބުން އެކަލޭގެފާނާއި އެކު ގިނަ ދުވަސްތަކެއް ދުނިޔޭގައި ވޭތުކުރެއްވުމުގެ ނަސީބު ލިބިވަޑައި ނުގެންނެވިއެވެ. އެހެންކަމުން ތަޢްލީމު ފުރިހަމަ ކުރެއްވީ އަބޫ ޔޫސުފްގެ އަރިހުންނެވެ. މުޙަންމަދު ބިން އަލްޙަސަން ވެވަޑައިގެންފައި ވަނީ ވަރަށް ވިސްނުންތެރި، ޙިކުމަތްތެރި ބޭފުޅެއްކަމުގައެވެ. މަޒުހަބުުގެ އަޞްލުތަކާއި ފަރުޢުތައް ވެސް ވަރަށް ރަނގަޅަށް ދެނެވަޑައިގަތެވެ. ނަތީޖާއެއްގެ ގޮތުން މަޒުހަބުގެ ވަރަށް ގިނަ ބަޔަކު ޢިލްމަށްޓަކައި އެކަލޭގެފާނުގެ އަރިހަށް އައެވެ. އަދި އެކަލޭގެފާނުގެ ފޮތްތަކަކީ މަޒުހަބުގެ އަސްލު މަރުޖިޢުތައް ކަމުގައި ވިއެވެ. އަދި އެއީ މަޒުހަބުގެ ފިޤުހު ރައްކާތެރިކުރެވިފައިވާ ވަރަށް ބޮޑު މުއްސަނދި ޚަޒާނާއެއް ކަމުގައި ވަނީ ވެފައެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު ފޮތްތަކުގެ ތެރޭގައި ''އަލްމަބްޞޫޠު''، "އަލްޖާމިޢުއްޞަޣީރް"، "އަލްޖާމިލް ކަބީރް"، "އައްޒިޔާދާތު"، "އައްސިޔަރުއްޞަޣީރު"، "އައްސިޔަރުލްކަބީރު" ފަދަ ފޮތްތައް ހިމެނެއެވެ. 433.ހ ވަނަ އަހަރު އަވަހާރަވެވަޑައިގަތް މުޙަންމަދު ބިން އަހްމަދު އަލްމަރޫޒީ ވަނީ މި ހުރިހާ ފޮތްތައް "އަލްކާފީ" ގެ ނަމުގައި ޖަމާކުރައްވާފައެވެ. މި ފޮތަކީ ޙަނަފީ މަޒުހަބު ނަޤްލުކުރުމުގައި އެ ފޮތަކަށް އިޢްތިމާދު ވެވޭ މައި އެއް ފޮތެކެވެ. އެ މަޒުހަބުގެ މަޝްހޫރު ޢިލްމުވެރިޔާ އައްސަރަޚްސީ ވަނީ މި ފޮތް ޝަރަޙަކުރައްވައި އެފޮތަށް "އަލްމަބްސޫޠު" ގެ ނަމުން ނަން ދެއްވާފައެވެ. އަޅުގަނޑުމެންނާއި ހަމައަށް ވާސިލުވެފައިވާ މި ފޮތުގައި 30 މުޖައްލިދު ހިމެނެއެވެ. އައްރަޝީދުގެ ޚަލީފާ ކަމުގެ ދުވަސްވަރު، މުޙަންމަދު ބުނުލްޙަސަން ފަނޑިޔާރުކަމާއި ހަވާލުވެވަޑައިގެންނެވިއެވެ.

3.ޒުފަރު ބިން އަލްހުޒައިލް

ފުރިހަމަ ނަންފުޅަކީ ޒުފަރު ބުން އަލްހުޒައިލެވެ. އުފަންވެވަޑައިގަތީ 110.ހ ވަނަ އަހަރުގައެވެ. އަވަހާރަވެވަޑައިގަތީ 158.ހ ވަނަ އަހަރުގައެވެ. އެކަލޭގެފާނަކީ އަބޫޙަނީފާގެ އެކުވެރިންގެ ތެރެއިން ޢުމުރުގެ ގޮތުން އެންމެ ދޮށި 4 ބޭފުޅުންގެރެއިން އެއް ބޭފުޅެވެ. އަދި އަބޫޙަނީފާ އަވަހާރަވެވަޑައިގަތުމަށް ފަހު މިދެންނެވި ބޭކަލުންގެ ތެރެއިން އެންމެ ފަހުން އަވަހާރަވެ ވަޑައިގަތީ ވެސް މި ކަލޭގެފާނެވެ. ކަންކަން ބަރާބަރަށް ފަހުމްވެވަޑައިގަންނަވާ، ޤިޔާސްކުރެއްވުމަށް ނުހަނު މޮޅު ބޭފުޅެއްކަމުގައި ވިއެވެ. އެ ސަބަބަށްޓަކައި އަބޫ ޙަނީފާގެ ދަރިވަރުންގެ ތެރެއިން އެންމެ ބޮޑަށް ޤިޔާސްގައި ހިއްޕެވީ ވެސް މި ކަލޭގެފާނެވެ. އަދި އިސްތިޙްސާންގެ މައްޗަށް ޤިޔާސް އިސްކުރެއްވިއެވެ. ފަނޑިޔާރުކަމަށް އިސްވެވަޑައިގަތުމަށް ދެކޮޅުހައްދަވައި ޢިލްމު އުނގެނިވަޑައިގަތުމާއި، ޢިލްމު އުނގަންނައިދެއްވުމުގައި ދެމިހުންނެވިއެވެ.

މިބޭފުޅުންގެ އަސަރު

ވިސްނައިވަޑައިވަޑައިގަންނަވަންވީ އެންމެ މުހިންމު އެއް ކަމަކީ މި ތިން ދަރިވަރުންނަކީ އެކަލޭގެފާނުގެ ދަރިވަރުންގެތެރެއިން އެންމެ ފުންނާބު އުސް ތިން ބޭފުޅުންނެވެ. އެކަލޭގެފާނަށް ފަހު ވެސް އިޖުތިހާދުގެ މައިދާނުގައި ދެމި ތިއްބެ ބޭފުޅުންނެވެ. އެހެނަސް އެބޭފުޅުންގެ އިޖުތިހާދުކުރެއްވުން ދެމިގެން ގޮސްފައިވަނި އިމާމް ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި ޤަވާޢިދުތަކުގެ މަތީގައެވެ.

މި ބޭބޭފުޅުންގެ ރައުޔުތައް ބަލައި ދިރާސާކުރި ކޮންމެ ބޭފުޅަކަށް ވެސް އެނގި ހާމަވެގެންދާނޭ ކަމަކީ މި ބޭބޭފުޅުން އިމާމަށް ނިސްބަތްވެ ވަޑައިގެންފައި ވަނީ ދަރިވަރުން އެބައިމީހުން އެ ޢިލްމު ހޯއްދެވި ފަރާތަށް ނިސްބަތްވާ އެންމެ ފުރިހަމަ ގޮތުގެ މަތިން ކަމެވެ. މިހެން މި ދެންނެވީ އެބޭކަލުންނަކީ އަބޫ ޙަނީފާގެ ދަރިވަރުންތަކެއް ކަމުގައި ވިޔަސް އެބޭކަލުން، އެކަލޭގެފާނާއި ހުރިހާ ކަމެއްގައި އެއްބަސްވެވަޑައިގެންފައި ނެތެވެ. ވަރަށް ގިނަ ކަންކަމުގައި ޚިލާފުވެފައި އެބަ ހުއްޓެވެ. އެހެނީ އެފަދަ ޙާލަތްތަކުގައި އެބޭލަކުންގެ ދަލީލު އިމާމްގެ ދަލީލަށްވުރެ ވަރުގަދަ ވުމުގެ ސަބަބުން އެބޭކަލުންގެ ޙުއްޖަތް އިސްވަނީއެވެ. މި ސަބަބަށްޓަކައި މި މަޒުހަބުގައި އެއް މައްސަލައެއްގައި 4 ރައުޔު ވެސް އޮވެދާނެއެވެ. އިމާމްގެ ރައުޔާއި، މި ދެންނެވި ތިން ބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކަށް ރައުޔެކެވެ. އޭގެ ސަބަބަކީ ޤުރުއާނާ ސުންނަތައްފަހު ދެންހުރި މަޞްދަރުތައް ތަރުތީބުކުރެއްވުމުގައި އެބޭބޭކަލުންގެ މެދުގައި ހުރި ތަފާތެވެ. އެއްބޭކަލަކު މައްސަލެއްގައި ޤިޔާސްއަށް ތަބާވެވަޑައިގަންނަވާ އިރު އަނެއްބޭކަލަކު އިސްތިޙްސާނަށް ބުރަވެވަޑައިގަތުމެވެ. ހަމަ އެގޮތަށް އެހެނިހެން ބޭކަލުން ވެސް މައްސަލައެއްގެ ޙުކުމް ނެރުއްވުމުގައި ކޮންމެ ވެސް އެހެން މަޞްދަރަކަށް ބުރަވެވަޑައިގަތުމެވެ. 

(ނުނިމޭ)

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.