އާދީއްތަ20180715

އާކުރެވުނީ: 08:43:52

ޙަނަފީ މަޒުހަބު: މަޞްދަރުތައް

hanafy 3

އަބޫ ޙަނީފާގެ ފިޤުހީ ޙުކުމްތައް ނެރުއްވި މަންހަޖު

އަބޫ ޙަނީފާގެ ފިޤުހުވެރިކަން ތަޝްރީޢީ މައިޒާނަށް އައިސްފައިވަނީ އޭގެ ކުރިން އެ މައިޒާނަށް ގެނެވިފައި ނުވާ، މުޅިން ތަނަވަސް މަގަކާއި ފުޅާ މަންހަޖަކާއިގެންނެވެ. އެކަމާއި ބެހޭ ގޮތުން އިމާމް ޝާފިޢީ ވިދާޅުވެފައި ވެއެވެ. "ފިޤުހުގައި އެންމެހާ ޢިލްމުވެރިންނަކީ ވެސް އަބޫ ޙަނީފާގެ ބެލެނިވެރިކަމާއި އެމަންހަޖު ގެނެސްދިން ހަމަނަހަމައިގެ އެހީ އާއި މަދަދުގެ ދަށުގައި ވާ ބައެކެވެ." އަދި އެކަލޭގެފާނާއި މުނާޤަޝާ ކުރެއްވުމަށްފަހު އިމާމް މާލިކް ވިދާޅުވެފައި ވެއެވެ. "ކަށަވަރުން ވެސް އެއީ ވާ މޮޅުފިޤުހު ޢިލްމުވެރިއެކެވެ."

ޝަރުޢީ ދަލީލުތަކުން ޙުކުމްތައް ނެރުއްވުމުގައި އެކަލޭގެފާނު މަންހަޖެއް ގެންގުޅުއްވާފައި ވެއެވެ. އެކަލޭގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. " ތިމަންކަލޭގެފާނު ހިފަނީ ﷲގެ ފޮތުގައެވެ. އެފޮތުން ނުފެނިއްޖެނަމަ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތުގައެވެ. ދެން ޞަޙާބީ ބޭކަލުންގެ ބަސްފުޅުގައެވެ. އޭގެތެރެއިން ތިމަންކަލޭގެފާނު ހިފެން އޮތް ބައެއްގެ ބަސްފުޅުގައި ހިފަމެވެ. އަދި ދޫކޮށްލެވެން އޮތް ބައެއްގެ ބަސްފުޅު ދޫކޮށްލަމެވެ. މި ކަމުގައި އެ ބޭކަލުން ފަހަނައަޅައި ނުދަމެވެ. އެ ހުށަހެޅޭ މައްސަލައެއްގެ އެންމެ ދުރު އަސަރެއް ނުވަތަ ބަސްފުޅެއްވެސް ސާބިތުވަނީ އިބްރާހީމް، ޝަޢްބީ، ޙަސަން، އިބްނު ސީރީން، އަދި ސަޢްދު ބުނުލްމުސައްޔިބާއި ހަމައިން ނަމަ ދެން ތިމަންކަލޭގެފާނު އިޖުތިހާދު ކުރަމެވެ. އެބޭކަލުން ވެސް އިޖުތިހާދު ކުރެއްވި ފަދައިންނެވެ. ﷲގެ ފޮތާއި، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތާއި، ޞަޙާބީ ބޭކަލުންގެ ވިދާޅުވުމާއި، އިޖްމާޢުން ކަމެއް ސާބިތުވާން ނެތް ނަމަ ދެން އޮތީ ޤިޔާސް އާއި، އިސްތިޙްސާން އަދި ޢުރުފެވެ. "

މި ބަސްފުޅާ ބެހޭގޮތުން ސަޢްދު ބުނު މަޒާޙިމް ބުނެފައި ވެއެވެ. "އަބޫޙަނީފާ އެ ވިދާޅުވި ބަސްފުޅުގެ މާނައަކީ އޭގެތެރެއިން އިތުބާރުހުރި ބޭފުޅުން ގެ ބަސްފުޅު ނެންގެވުމަށްފަހު އިތުބާރު ނުކުރެވޭ ފަރާތްތައް ދޫކޮށްލުމެވެ. އަދި މީސްތަކުން މުޢާމަލާތްކޮށްއުޅޭ، އެގޮތެއްގެ މަތީގައި މީސްތަކުންގެ ދިރިއުޅުން ވޭތިކުރަމުންދާ ރަނގަޅުކަންކަން ޤިޔާސްއިން ކަނޑައެޅުއްވުމެވެ. ނުރަނގަޅު ކަންކަން އިސްތިޙްސާން ކުރެއްވެން އޮތްނަމަ އެކަމެއް އިސްތިޙްސާން ކުރެއްވުމެވެ. އިސްތިޙްސާން ކުރެވެން ނެތްނަމަ ދެން މީސްތަކުން އެގޮތަކަށް ޢަމަލުކުރަމުން ދާ ގޮތްތަކަށް ރުޖޫޢަ ވުމެވެ."

ޙުކުމްތައް އިސްތިންބާޠުކުރެއްވުމުގައި އެކަލޭގެފާނު ގެންގުޅުއްވާފައި ވަނީ އަންނަނިވި7  އަޞްލެވެ.

1- ކީރިތި ޤުރުއާން

އެއީ އިސްލާމީ ޝަރީޢަތުގެ އަސާސެވެ. އެންމެހާ ޙުކުމްތައް ސާބިތުކުރުމުގައި ރުޖޫޢަވާން ޖެހެނީ އެ ފޮތަށެވެ. އެހެނީ އެއީ އެންމެ ފުރަތަމަ މަޞްދަރެވެ. މިއީ ފުޤުހުވެރި އެންމެހާ ބޭކަލުންވެސް އެންމެ ފުރަތަމަ ބަރޯސާވެވަޑައިގަތް ތަރަހައެވެ. އެހެނީ ޙުކުމް ސާބިތުކުރުމުގައި އެއީ ޤަޠްޢީ[1] ދަލީލެކެވެ. ޤުރުއާނުން އެ ޙުކުމެއް ސާބިތުވެއްޖެ ނަމަ ދެން އެހެން މަޞްދަރަކަށް ޖާގައެއް ނެތެވެ.  އަބޫ ޙަނީފާ އަކީ ޙުކުމެއް ސާބިތުކުރުމުގައި ޤުރުއާނުން ދަލީލު ލިބޭގޮތް އެންމެ ފުރަތަމަ ބަޔާންކުރެއްވި ބޭފުޅުން ތެރެއިން ބޭފުޅެކެވެ. މި ދެންނެވި ދަލީލުކުރުންތަކުގެ ތެރެއިން އެކަލޭގެފާނާއި އެހެނިހެން އިމާމުންނާއި އެންމެ ފާޅުކަންބޮޑު ގޮތެއްގައި ފަރަގުވާ އެއް ކަމަކީ މަފްހޫމުލް މުޚާލަފާ[2] އެވެ. އެކަލޭގެފާނު އޭގައި ނުހިއްޕަވައެވެ. އެހެނަސް އެހެނިހެން  އިމާމުން ވަނީ އެޔަށް އަމަލުކުރައްވާފައެވެ. ބާވައިލެއްވުމުގައި، ޤުރުއާނުގައި، ޢާންމުކޮށް އައިސްފައި ހުންނަ ވާހަކަތައް، އަޅާކިޔާނުލެވޭ ވަކި މުސްތަޤިއްލު ދަލީލީލެއްގެ މައްޗަށް ނެރުމަކީ، ތަޚްޞީޞްކުރުމެއް ކަމުގައި އެކަލޭގެފާނު ދެކެވަޑައިނުގަންނަވައެވެ. އެކަލޭގެފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ނަސްޚު ވުމެކެވެ. ދަލީލަކުން އެއްޗެއް ސާބިތުމުގައި އެ ދަލީލަކީ އާޙާދު ހަދީސެއް ކަމުގައި ވެގެން ނުވާނެއެވެ. އެދަލީލަކީ އެއީ މުތަވާތިރު ނުވަތަ މަޝްހޫރު ޙަދީސަކަށް ވާން ޖެހޭނެއެވެ.

2- ސުންނަތް

މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތަކީ ކީރިތި ޤުރުއާނުގެ ތަފްސީރެވެ. ނުވަތަ އެ ފޮތުގައިވާ މާނަތަކުގެ ތަފުސީލީ ބަޔާނެވެ. ﷲ ތަޢާލާގެ ރިސާލަތު ފޯރުކޮށްދިނުމުގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ބޭނުން ކުރެއްވި ވަސީލަތެވެ. އޭގައި ނުހިފައިފި މީހަކީ އެކަލޭގެފާނު، ﷲ ތަޢާލާގެ ރިސާލަތު ފޯރުކޮށްދިންކަމަށް އިޤްރާރު ނުވާ މީހެކެވެ. ސުންނަތަކީ އިސްލާމީ ޝަރީޢަތުގެ މަޞްދަރުތަކުގެ ތަރުތީބުން ދެވަނަ މަޞްދަރެވެ. އޭގެމާނަކީ ޤުރުއާނަށްފަހު ދެން ރުޖޫޢަވާން ޖެހޭނީ ސުންނަތަށެވެ. ކީރިތި ޤުރުއާނުން އެކަމެއްގެ ޙުކުމް ނެތިފައި ސުންނަތުން ފެންނަން އޮތްނަމަ ސުންނަތަށް ރުޖޫޢަވާންޖެހޭނެއެވެ. އެހެންކަމުން ދެން ޤިޔާސް އާއި އިސްތިޙްސާން ފަދަ އެހެނިހެން މަޞްދަރުތަކަށް ކަމެއްގެ ޙުކުމް ހޯދުމަށްޓަކައި ރުޖޫޢަވުމެއް ނެތެވެ.

އިސްލާމީ ޝަރީޢަތުގެ މަޞްދަރެއްގެ ގޮތުގައި ސުންނަތަށް ތަބާވުމުގައި އަބޫ ޙަނީފާ ވަނީ ވަރަށް ރަނގަޅު މަންހަޖަކުން ހިންގަވާފައެވެ. އެގޮތުން ހަދީސަށް ޢަމަލުކުރެއްވުމުގައި ނުވަތަ ސުންނަތް ވަކި މުސްތަޤިއްލު ދަލީލަކަށްވުމަށްޓަކައި އެކަލޭގެފާނު ވަނީ ޝަރުތުތަކެއް ކަނޑައަޅުއްވާފައެވެ. އޭގެ ތަފުސީލު އުޞޫލުލްފިޤުހުގެ ފޮތްތަކުން ފެންނަން އެބަ ހުއްޓެވެ. މިތާ ދިގުކުރަން އެވާހަކަ ނުގެންނާނީއެވެ. އެކަލޭގެފާނު ހަމަ އެކަނި ހަދީސްރިވާކުރެއްވިބޭކަލުންގެ ޗޭނުގެ ޞައްޙަކަން ބައްލަވާލައްވައިގެން ފުއްދަވާ ނުލައްވާކަން މި ޝަރުތުތައް ދިރާސާކުރައްވައިފި ބޭފުޅަކަށް އެނގިވަޑައިގަންނަވާނެއެވެ. މިގޮތުން މަތުނު ނުވަތަ ހަދީސް ބަސްފުޅުން ދޭ ޚަބަރު، ހަދީސް ޢިލްމުގެ އަޞްލުތަކާއި ޤަވާޢިދުތަކުގެ އަލީގައި، އެހެން ހަދީސްތަކާއި އަޅާކިޔުމަށް ފަހު ނޫނީ އެ ހަދީސެއް ދަލީލެއްގެ ގޮތުގައި ގަބޫލު ނުކުރައްވައެވެ.

3- އިޖުމާޢު[3]

ކަމަކަށް އިޖުމާޢުވެވި، އެ އިޖުމާޢު އައިސްފައިވަނީ ޞައްޙަ މަގަކުން ކަން ސާބިތުވާނަމަ އިމާމް އަބޫޙަނީފާ އެއީ ޙުއްޖަތެއްކަމުގައި ބައްލަވައެވެ. އެއީ ޞަރީޙައިޖުމާޢެއް[4] ކަމުގައި ވާނަމަ އިމާމްގެ އަރިހުގައި އެއީ ޤަޠްޢީ[5] ޙުއްޖަތެކެވެ. އަދި އެއީ ސުކޫތީއިޖުމާޢެއް[6] ކަމުގައި ވާނަމަ އެއީ ޡަންނީ[7] ޙުއްޖަތެކެވެ. ނައްޞަކާއި ނުވަތަ ޤިޔާސަކާއި ޚިލާފުނުވާ ނަމަ މިފަދަ އިޖްމާޢަށް ޢަމަލު ކުރެވޭނެއެވެ.

4- ޞަޙާބީގެ ބަސްފުޅު

ޞަޙާބީގެ ބަސްފުޅޭ ބުނެވޭ ބަހުގެ މާނައަކީ ޝަރުޢީ މައްސަލައެއްގައި ޞަޙާބީބޭކަލަކު ތަބާވެވަޑައިގަންނަވާ ގޮތެވެ. ނުވަތަ އެ ބޭކަލެއްގެ މަޒްހަބެވެ. އިމާމް އަބޫ ޙަނީފާގެ އަރިހުގައި ޞަޙާބީންގެ މަޒުހަބަކީ ވެސް ޙުއްޖަތެކެވެ. އަދި އެއީ އެޔަށް އަޅުގަނޑުމެން ތަބާވާންޖެހޭ ކަމެއް ކަމުގައި ވަނީ ހިމަނުއްވާފައެވެ. އެހެނީ ޞަޙާބީންނަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އެއް ޒަމާނެއްގައި އުޅުއްވި ބޭކަލުންނެވެ. އެހެންކަމުން ޤުރުއާން އެންމެ ބޮޑަށް ފަހުމްވެ ވަޑައިގެންފައިވާނީ އެބޭކަލުންނަށެވެ. އަދި އާޔަތްތައް ބާވައިލެއްވިފައިވާ ތަފާތު މުނާސަބަތުތަކާއި، ހަދީސްތައް ވެސް އެންމެ ބޮޑަށް ދެނެވަޑައިގަންނަވާނީ އެބޭކަލުންނެވެ. އެބޭކަލުންނަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޢިލްމު އެކަލޭގެފާނަށް ފަހު، އުންމަތަށް ފޯރުކޮށްދެއްވި ބޭކަލުންނެވެ. ޞަޙާބީ ބޭކަލުންގެ ވިދާޅުވުމަށް ޢަމަލުކުރެއްވުމުގައި އެކަލޭގެފާނު ހިންގަވާފައިވާ މަގަކީ، މައްސަލައެއްގައި ޞަޙާބީ ބޭކަލުންގެ، އެއް ރައުޔަށްވުރެ ގިނަ ރައުޔު ހުރިކަމުގައި ވާނަމަ، އޭގެތެރެއިން އެކަލޭގެފާނުގެ އިޖުތިހާދާއި އެއްގޮތް ވިދާޅުވުން ނެންގެވުމެވެ. އެހެނަސް އެ ބޭކަލުންގެ ވިދާޅުވުން ދުލެއް ވެސް ނުކުރައްވައެވެ. އެގޮތީ އެއިން ބޭކަލެއްގެ ވިދާޅުވުން އޮއްވާ އޭގައި ނުހިއްޕަވައި އެ ނޫން އެހެން ބޭކަލެއްގެ ރައުޔުގައި ނު ހިއްޕަވައެވެ. އެކަމަށް އިޝާރާތްކުރައްވަމުން ވިދާޅުވެފައި ވެއެވެ. " ތިމަންކަލޭގެފާން ފެންނަ ބޭކަލުންގެ ބަސްފުޅު ނަގާފައި އެ ނޫން ބޭކަލުންގެ ބަސްފުޅުތައް ދޫކުރަމެވެ. އެހެނަސް އެބޭކަލުންގެ ވިދާޅުވުން މައްސަލައެއްގައި ފެންނަން އޮތްހާ ހިނދަކު އެ ދޫކުރެއްވުމަށްފަހު ތާބިޢީ ނުވަތަ އެނޫންވެސް ޞަޙާބީއަކަށްވުރެ ދުރު ބޭފުޅެއްގެ ވިދާޅުވުމެއްގައި ނުހިފަމެވެ. "

މައްސަލައެއްގައި ތާބިޢީންނާ ހަމައަށް ދާންޖެހި، އެބޭކަލުންގެ މެދުގައި ޚިލާފެއް ހުރިކަމުގައި ވާނަމަ، އެކަމެއްގައި އެކަލޭގެފާނު އިޖުތިހާދު ކުރައްވަނީ، އެބޭކަލުން އިޖުތިހާދުކުރައްވާފައިވާ ފަދައިންނެވެ. މިހާލަތުގައި ފަހަރެއްގައި އެ މައްސަލައިގައި އޭގެތެރެއިން އެއްވެސް ބޭކަލަކު ވިދާޅުވެފައި ނުވާ ރައުޔެއް ވެސް ވިދާޅުވެދާނެއެވެ.

5- ޤިޔާސް

ކީރިތި ޤުރުއާނުގެ ނައްޞެއް ނުވަތަ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތެއް، ނުވަތަ އިޖުމާޢެއް ނުވަތަ ޞަޙާބީ ބޭކަލެއްގެ ވިދާޅުވުމެއް ވެސް ނެތްނަމަ އަދި އެ މައްސަލައަކީ ރައުޔަށް ޖާގަނެތް މައްސަލައެއް ކަމުގައި ވާނަމަ ދެން އަބޫ ޙަނީފާ ޢަމަލުކުރައްވަނީ ޤިޔާސަށެވެ. ޤިޔާސަށް ޢަމަލުކުރެއްވުމުގައި އެކަލޭގެފާނު ހިންގަވާފައިވާ މަގަކީ ޢިއްލާ[8] ނުވަތަ ސަބަބު ހޯއްދެވުމެވެ. ޢިއްލާއަށް ވާސިލުވެވިއްޖެނަމަ، އެކިކަންކަމަށް އެ ޢިއްލާ ހުށަހަޅުއްވާ އެ ފޭތޭތޯ ބައްލަވައެވެ. އަދި އާކަންކަން އަމިއްލަފުޅު ޚިޔާލަށް ގެންނަވައި އެ ޢިއްލާ އެކަންކަމަށް ފެތޭތޯ ބައްލަވައެވެ. މިމަގުން، އެކަމުގައި އެކަލޭގެފާނަށް މާތްﷲ މިންވަރުކުރައްވާފައިވާ، ކަންކަން ހޯދައިގަތުމާއި، އެކި ކަންކަމުގައިވާ އެއްގޮތްކަމާއި ތަފާތުތައް ދެނެގަތުމުގެ ކުޅަދާނަކަމުގެ ބޭނުން ހިއްޕެވިއެވެ.

6- އިސްތިޙްސާން

އިސްތިޙްސާން އަކީ ޤިޔާސްއާއި ޚިލާފު އެހެން ޙުކުމެއް ނެރުމަށްޓަކައި ޤިޔާސްގެ ދާއިރާއިން ބޭރުވުމެވެ. ނަމަވެސް އެއީ ޞައްޙަ ހަދީސަކަށް ރިޢާޔަތްކުރުމުގެ ގޮތުން ނުވަތަ ޒަރޫރީ[9] ކަމަކަށްޓަކައި ނުވަތަ ޢުރުފަކަށްޓަކައި ނުވަތަ މަޞްލަޙަތަކަށްޓަކައެވެ. އެހެނީ ފާޅުކަންބޮޑުޤިޔާސް[10] ބައެއް ޙާލަތްތަކުގައި ނެތުމުގެ ސަބަބުން ފާޅުކަންކުޑަ ޤިޔާސް[11] ޒަރީޢާ އިން އެހެން ޢިއްލާއެއް ހޯދަންޖެހެއެވެ.

އިމާމް އަބޫ ޙަނީފާއަކީ އިމާމުންގެ ތެރެއިން އެންމެ ބޮޑަށް އިސްތިޙްސާންގައި ހިއްޕަވާ ފަރާތެވެ.  އެގޮތުން އިސްތިޙްސާންގެ  އެކި ވައްތަރުތަކަށް އެކަލޭގެފާނު ޢަމަލުކުރެއްވިއެވެ.

7- ޢުރުފް

އެއީ އެކަންކަމުގައި ކީރިތި ޤުރުއާނުގެ ނައްޞެއް، ނުވަތަ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތެއް، އަދި ޞަޙާބީބޭކަލެއްގެ ޢަމަލުފުޅެއް ވެސް ނެތް، އެހެނަސް މުސްލިމުން ރަނގަޅު ހަމައެއްކަމުގައި ބަލައި އެ ގޮތެއްގެ މަތީގައި ޢަމަލުކުރަމުން އަންނަ ގޮތެވެ. ޞައްޙަ ޢުރުފަކަށް އެކަމެއް ވުމަށްޓަކައި، ނައްޞަކާއި ޚިލާފު ނޫން ކަމަކަށް ވާން ޖެހެއެވެ. މި ޝަރުޠު ފުރިހަމަ ވެއްޖެނަމަ ނައްޞުގެ ފަހަތުން އެ ޙުއްޖަތެއްކަމުގައި ބެލެވޭނެއެވެ. ފިޤުހީ ފަރުޢީ ވަރަށް ގިނަ މައްސަލަތަކުގައި އެކަލޭގެފާނު ޢުރުފަށް ޢަމަލުކުރައްވައެވެ. އަދި ކީއްހެއްޔެވެ. އެއްކަމެއް އަނެއް ކަމަކާއި މުޑިއަރާ ޙާލަތްތަކުގައި ޢާންމު ޤަވާޢިދުތަކަށް ޢަމަލުކުރެއްވުމުގެ ބަދަލުގައި ޢުރުފަށް އިސްކަންދެއްވައެވެ. މި ގޮތުން ބަލާއިރު ހުވަޔާއި، ވަރީގެ ލަފްޡުތަކާއި، އަޅުން މިނިވަންކުރުމާއި، އެއްބަސްވުންތަކާއި، ޝަރުތުކަނޑައެޅުންފަދަ ކަންކަމުގައި އެކަލޭގެފާނު ވަރަށް ގިނައިން ޢުރުފަށް ޢަމަލުކުރައްވާފައި ވެއެވެ.

(ނުނިމޭ)

 


 

[1]  ސާބިތުކަން ޔަގީންވެފައިވާ

[2]  މަފްހޫމުލްމުޚާލަފާއަކީ ޙުކުމެއް އައިސްފައިވާ އެއްޗަކާއި ޙުކުމެއް ނާންނަ އެއްޗަކާއި ހުރި ތަފާތެއްގެ ސަބަބުން ދެއެއްޗަށް އެއް ޙުކުމެއް ނާންނާނެ ކަމަށް ދަލީލުކުރާ ކުރުމެވެ.

[3]  ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމަށްފަހު، އުންމަތުގެ މުޖުތަހިދު ދަންނަބޭކަލުންކުރެ އެއްޒަމާނެއްގެ ހުރިހާ ބޭކަލުން އަލަށް އުފެދޭ ކަމެއްގެ ޙުކުމާ މެދު އެއްބަސްވާ އެއްބަސްވުން.

[4]  ކަމެއްގެ ޙުކުމާ މެދު ޒަމާނުގެ ހުރިހާ ޢިލްމުވެރިންގެ ބަސްފުޅު އެއްގޮތްވުމުގެ ސަބަބުން ނަގުލުވާ އިޖުމާޢު.

[5]  ކަނޑައެޅި ބަޔާންވެގެންވާ

[6]  ކަމެއްގެ ޙުކުމާ މެދު ޒަމާނުގެ ބައެއް ޢިލްމުވެރިންގެ ބަސްފުޅު އެއްގޮތްވެފައި އެހެން ބޭކަލުންގެ ކިބައިން އިންކާރުކުރެއްވުމެއް އައިސްފައި ނުވާތީ ނަގުލުވެފައިވާ އިޖުމާޢު.

[7]  ޤަޠްޢީއާއި ޤިޔާސް އަށްވުރެ ވެސް ދަރަޖައިގެ ގޮތުން ދަށް ޙުއްޖަތް.

[8]  ޢިއްލާއަކީ ސަބަބު ނުވަތަ ސިފައެވެ. އަދި އެއްޗެއްގައި ހުރި ވަކި ސިފައަކަށްޓަކައި އެއްޗަކަށް އައިސްފައިވާ ޙުކުމް އެސިފަ ހުރި އެހެން އެއްޗަކަށް ދިނުމެވެ.

[9]  ވަކި ގޮތަކަށް ކަމެއް ކުރުމަށް ޝަރުޢީ ހަމަތަކުގެ މަތިން މަޖުބޫރުވާ މަޖުބޫރުވުން

[10]  ޤިޔާސްގެ ހަމައިން ބަލާއިރު ޙުކުމް ނާންނަ ކަންތައް ޙުކުމް އައި ކަންތަކަށްވުރެ ޙުކުމްއައުމަށް އައުލާވެގެންވުން، މިސާލަކަށް މައިބަފައިންނަށް އުއްފު ވެސް ނުބުނުމަށް އޮންނަ ބަސްފުޅަށް މައިބަފައިން ގައިގައި ޖެހުން ޙަރާންކުރެވޭ ކުރެވުން އެއީ ފާޅުކަން ބޮޑު ޤިޔާސެވެ.

[11]  ޤިޔާސްގެ ހަމައިން ބަލާއިރު ޙުކުމްއައި ކަންތަކާއި ޙުކުމް ނާންނަ ކަންތައް ޙުކުމް އައުމަށް މުނާސަބުވުމުގައި އެއްވަރުވެގެންވުން، ޔަތީމުންގެ މުދާ ކެއުން ޙަރާންކުރެވިފައިވުމާ އަޅާކިޔާ އެ މުދާ އަންދާ ނެތިކޮށްލުން ވެސް ޙަރާންކުރެވޭ ކުރެވުން އެއީ ފާޅުކަންކުޑަޤިޔާސެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.