ބުރާސްފަތި20180920

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތާރީޚް އެންމެ ރީތި ވާހަކަ (ހަވަނަ ބައި)

އެންމެ ރީތި ވާހަކަ (ހަވަނަ ބައި)

emme reetii 6 baiއާޚިރުގައި އެމީހުން ޔޫސުފްގެފާނުގެ އަރިހުގައި ސަލާން ޖެހިއެވެ. އެމީހުން އެކަލޭގެފާނުގެ ކިބައިން އެމީހުންނަށް ޞަދަޤާތް ކުރުމަށް އެދުނެވެ. މާތް ﷲ ޞަދަޤާތްދޭމީހުންނަށް ހެޔޮ ދަރުމަ ދެއްވާނެކަން ހަނދާންކޮށްދީގެން އެކަލޭގެފާނުގެ ހިތްޕުޅު މަޑުވޭތޯ މަސައްކަތްކުރިއެވެ. އެމީހުންނަށް ދިމާވެފައިވާ މިނާޒުކު ދަނޑިވަޅުގައި ޔޫސުފްގެފާނު އެމީހުންނަށް އެމީހުންގެ ރަށު ބަހުރުވައިން، ހަރުދަނާކަމާއެކު ވިދާޅުވިއެވެ.

"ތިޔަބައިމީހުންނަށް، ނޭނގިތިބި ހާލު، ޔޫސުފާއި އޭނާގެ އަޚާމެދު ކުރިކަންތައް ތިޔަބައިމީހުން ދެނެތިބީމު ހެއްޔެވެ؟"

އެމީހުން ހައިރާންވެ އަންތަރީސްވެފައިވާ ހާލު ޖަވާބުގައި ބުންޏެވެ. "ކަލޭގެފާނަކީ...!! ކަލޭގެފާނަކީ ޔޫސުފްތޯއެވެ؟"

އެކަލޭގެފާނު ހަރުދަނާކަމާއެކު ވިދާޅުވިއެވެ. "އާނއެކެވެ! ތިމަންކަލޭގެފާނަކީ ޔޫސުފެވެ." އަދި އެކަލޭގެފާނުގެ އަރިހުގައި ހުރި ޝާހީވަންތަ ޒުވާނަކަށް އިޝާރާތްކުރައްވާފައިވާ ވިދާޅުވިއެވެ. "އަދި މިހުންނެވީ ތިމަންކަލޭގެފާނުގެ އަޚެވެ. މާތް ﷲ އަޅަމެން ދެބެއިންގެ މައްޗަށް ދަރުމަވަންތަވޮޑިގެންފިއެވެ. ތަޤުވާވެރިވެ ކެތްތެރިވާމީހާ ދަންނާށެވެ. އިޙްސާންތެރިންގެ ދަރުމަ ﷲ ގެއްލެނި ނުކުރައްވައެވެ."

ޔޫސުފްގެފާނުގެ އަޚުންނަށް ލިބުނު ހައިރާންކަމުން ހޭވެރިވެވުނީ އިރުގަނޑެއް ފަހުންނެވެ. އެމީހުން ލަދުގަނެފައިވާ ހާލު ދެންނެވިއެވެ. "ﷲ ގަންދީ ދަންނަވަމެވެ. މާތް ﷲ އަޅުގަނޑުމެންގެ މައްޗަށް ކަލޭގެފާނު މަތިވެރިކުރައްވައި، މާތްކުރެއްވިއެވެ. އަޅުގަނޑުމެންވަނީ ކުށްވެރީން ކަމުގައެވެ."

އެކަލޭގެފާނުގެ އަޚުން އެތިބީ ބިރުން ރޫރޫ އަޅައެވެ. އެހެންނުވާންވީ ކީއްވެގެންތޯއެވެ؟ އެކަލޭގެފާނަށް ކުރިމަތިވި ހުރިހާ މުޞީބާތެއްގެ ފެށުމުގެ މޭސްތިރިންނަކީ އެމީހުންނެވެ. ނުހަނު ގަދަފަދަ ބަދަލުހިފުމަކުން ބަދަލުހިއްޕެވެން އޮއްވާ އެކަލޭގެފާނު ތަމްސީލްކޮށްދެއްވީ ކީރިތި ނަބިއްޔެއްގެ ރިވެތި އަޚްލާޤެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ އަޚުންނަށް ތަސައްލީދެއްވަމުން ވިދާޅުވިއެވެ.

"މިއަދު ތިޔަބައިމީހުންގެ މައްޗަށް މަލާމާތެއް، ދެރަބަހެއް ނެތެވެ. ތިޔަބައިމީހުންނަށް މާތް ﷲ ފާފަފުއްސަވާށިއެވެ. އެކަލާނގެއީ ރަޙްމަތްލައްވާ އެންމެ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ."

ޔޫސުފްގެފާނު އެކަލޭގެފާނުގެ އަޚުންނާ ކޮނޑާ ކޮނޑުޖައްސަވާ ސަލާމްކުރެއްވިއެވެ. އަދި ހުރިހާ ބޭފުޅުން އެކީ ކީރިތިކުރެއްވިއެވެ. ހިތާމަޔަކުން ނޫނެވެ. ނަމަވެސް އެތައް ދުވަހަކު ނުފެނި ތިބެފައި ފެނުނީތީ އުފަލުންނެވެ. ބޭބެއިންގެ ކިބައިން ކޮއްކޮމެންނާމެދު ގޯސްކަމެއް ހިންގައި ބޭބެއިން އެމީހުންގެ ކުށަށް އިޢުތިރާފްވީތީއެވެ. ކޮއްކޮމެން ބޭބެއިންނަށް މާފުދީ އެމީހުންނާމެދު ހިތްސާފުވީތީއެވެ. ރިވެތި އަޚްލާޤުގެ ރީތި ނިންމުންތަކެއްގެ ސަބަބުން ޢާއިލާއެއް އަލުން ޢާއިލާއަކަށް ވީއެވެ.

ޔޫސުފްގެފާނު އެމީހުންނާއެއްކޮށް ކަންޢާނަށް ވަޑައިގަންނަވަން ކިތަންމެހާވެސް ބޭނުންވެލެއްވިއެވެ. ނަމަވެސް އެކަލޭގެފާނުގެ ޒިންމާގައިވާ އިދާރާ ދޫކޮށްލައްވާފައި ވަޑައިގަންނަވާނީ ކިހިނެއްތޯއެވެ؟ އެހެންކަމުން އެކަލޭގެފާނު އެކަލޭގެފާނުގެ އަޚުންނަށް ވިދާޅުވިއެވެ.

"ބޭބެމެން އަޅުގަނޑުގެ މިގަމީސް ހިފައިގެން ދާށެވެ! އަދި އަޅުގަނޑުގެ ލޮބުވެތި ބައްޕަގެ މޫނުފުޅުމައްޗަށް އެގަމީސް އެއްލާށެވެ! އޭރުން ލޮލަށް ފެންނަ މީހެއްކަމުގައި އެކަލޭގެފާނު އަލުން ވެވަޑައިގެންފާނެއެވެ. އަދި ބޭބެމެންގެ އަހުލުވެރިންގެ އެންމެން ގޮވައިގެން އަޅުގަނޑުގެ ގާތަށް އަންނާށެވެ."

ވަރަށް އަވަހަށް ގާފިލާއެއް ތައްޔާރުކުރެވި ފަލަސްޠީނާ ދިމާއަށް މިސްރާބުޖެހިއެވެ.

މުސްކުޅި ޝައިޚް އެކަލޭގެފާނުގެ ކޮޓަރިކޮޅުގައި އެކަނި އިންނެވިއެވެ. ކަރުނަތައް އެކަލޭގެފާނުގެ ކޮތާފަތްޕުޅު މައްޗަށް އޮހޮރެމުންދިޔައެވެ. ކުއްލިއަކަށް ކީރިތި ކުރެއްވުން ހުއްޓަވާލައްވާފައި ތެދުވެވަޑައިގެންފިއެވެ. ހެދުންކޮޅު ތުރުކުރައްވައި އެކަލޭގެފާނުންގެ ބޭފުޅުންގެ އަނބީންގެ ގާތަށް ބޭރަށް ނިކުމެވަޑައިގެންފިއެވެ. އަދި މޫނުފުޅު އުޑާދިމާއަށް އުފުއްލަވާފައި ވަސްބައްލަވާލެއްވިއެވެ.

އެންމެ ދޮށީ ކުއްޖާގެ އަންހެނުން އިނދެފަ ބުންޏެވެ. "ބަފާބެ، ޔަޢުޤޫބް މިއަދު އޭނާގެ ކޮޓަރިން ނިކުމެވަޑައިގެންފިއެވެ." އެމީހުން އެކަލޭގެފާނުގެ އަރިހުން އާދަޔާޚިލާފުކަމެއްވީތޯ ސުވާލުކުރިއެވެ. އެކަލޭގެފާނުގެ މޫނުފުޅުގެ މަތިން ލުއިލުއި ހިނިވަރުނަކުރެއްވުމުގެ އަސަރެއް ފާޅުވިއެވެ. އެމީހުން އެކަލޭގެފާނުގެ އަރިހުން ސުވާލުކުރިއެވެ.

"މިއަދު ހާލުކޮޅު ކިހިނެއްތޯއެވެ؟"

އެކަލޭގެފާނު ޖަވާބުދެއްވިއެވެ. "ބައްޕައަށް ޔޫސުފްގެ ވަސް އެބަދުވައެވެ. ތިޔަކުދިން ބައްޕަ މޮޔައަކަށް ނުހަދާނެނަމައެވެ."

އެމީހުން މިމުސްކުޅި ޝައިޚުގެ ބަސްތަކާމެދު ޢަޖާއިބުވިއެވެ. އެމީހުން އެކަލޭގެފާނަށް ބުންޏެވެ. "ﷲ ގަންދީ ދަންނަވަމެވެ. ބައްޕަވަނީ ކުރިންވެސް ބައްޕަ ހުންނެވި ކުށް ޚިޔާލުގައެވެ."

އެމީހުން އެކަލޭގެފާނު ގިނިކަންޏާ ދޫކޮށްލުމަށްފަހު ދިޔައެވެ. އެމީހުން އެކަކު އަނެކަކަށް އެމުސްކުޅި ޝައިޚާމެދު އެއްވެސް އުންމީދެއް ނެތް ކަމަށް ބުނަމުންދިޔައެވެ. "އޭނާ އަވަހާރަވާނީ ޔޫސުފްގެ މައްޗަށް ހިތާމަކޮށްކޮށް ގޮހެވެ."

"އެޝައިޚް ވާހަކަދެއްކެވީ ޔޫސުފްގެ ގަމީހާ ބެހޭގޮތުންބާއެވެ؟"

"މަށަކަށް ނޭނގެއެވެ. އޭނާ ވިދާޅުވީ އޭނާއަށް ޔޫސުފްގެ ވަސް ދުވާކަމަށެވެ. ޝައިޚްގެ ބުއްދި ގޯސްވީކަންނޭނގެއެވެ."

އެކަލޭގެފާނު އެދުވަހު ހުންނެވީ ރޯދައަށެވެ. އެމުސްކުޅި ޝައިޚް އެދިވަޑައިގަތީ ރޯދަ ވީއްލެވުމަށް ކިރު ފޮދަކަށެވެ. ރޭގަނޑުވުމުން އެކަލޭގެފާނު ހެނދުންކޮޅު ބަދަލުކުރެއްވިއެވެ.

މިޞްރުން ނުކުތް ގާފިލާ އޭރު ސަހަރާތެރޭ ދަތުރުކުރަނީއެވެ. ޔޫސުފްގެފާނުގެ ގަމީސްކޮޅުވަނީ ގޮވާންތަކުގެ ތެރޭގައި ފޮރުވާފައެވެ. އެގާފިލާ މަޑުމަޑުން އެމުސްކުޅި ޝެއިޚުގެ ގެދޮރާ ކައިރިވަމުން ދިޔައެވެ.

ނާއުންމީދުގެ ބަނަ ކަޅުވިލާތައް ކެހި އެންމެ ވިލާރޮއްޖެއްވެސް ނެތި، އެކަލޭގެފާނުގެ ވިސްނުންފުޅުގެ މުޅި އުދަރެސް އުންމީދުގެ އަލިގަދައިރުން ދިއްލާލައިފިތާ އެތައްއިރެކެވެ. ޝައިޚް އެކަލޭގެފާނުގެ ކޮޓަރިކޮޅުގައި އިޢުތިކާފަށް އިންނަވައި އުޑާދިމާއަށް ދެއަތްޕުޅު އުފުއްލަވައި ވަރަށް ގިނައިރު ވަންދެން ދުޢާކުރައްވައި ވަސްބައްލަވައި ހެއްދެވިއެވެ. އެގަމީސްކޮޅު އެކަލޭގެފާނާ ގާތްވަމުން ދިޔަވަރަކަށް ކީރިތި ކުރެއްވުން އިތުރުވަމުން ދިޔައެވެ.

އުފާވެރިކަމުގެ ޚަބަރުދޭމީހާ އައިސް އެކަލޭގެފާނުގެ މޫނުފުޅުމައްޗަށް އެގަމީސްކޮޅު އެއްލިއެވެ. އެހިނދު މާތް ﷲ ގެ ފަޟްލަވަންތަކަމުން ލޮލަށް ފެންނަ މީހަކު ކަމުގައި އަލުން އެކަލޭގެފާނު ވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ތިޔަކުދީންނަށް ނޭނގޭ ކަންތައްތަކެއް، މާތް ﷲ ގެ ޙަޟްރަތުން ބައްޕައަށް އެނގޭކަމަށް، ބައްޕަ ނުބުނަން ހެއްޔެވެ؟" އެމީހުން ބުންޏެވެ. "ބައްޕާއެވެ. އަޅުގަނޑުމެންގެ ފާފަ ފުއްސެވުމަށް، ބައްޕަ ދުޢާކޮށްދެއްވާށެވެ! އަޅުގަނޑުމެންވީ ކުށްވެރިން ކަމުގައެވެ." އެކަލޭގެފާނު އެކުދިންނާ ދިމާއަށް ބަފައިކުލުނުން ފުރިފައިވާ ހިތަކައިގެން އެނބުރިވަޑައިގެން ވިދާޅުވިއެވެ. "ތިޔަކުދިންގެ ފާފަފުއްސެވުންއެދި ބައްޕަގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ދުޢާކުރާނަމެވެ. އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ."

ވާހަކަ ފެށުނީ ހުވަފެނުގެ ތަޢުބީރަކުންނެވެ. ވާހަކަ ނިމެނީވެސް އެހުވަފެނުގެ ތަޢުބީރުންނެވެ. ވާހަކައިގެ މުދައްބިރު މުޚްބިރު ވާހަކަ ކިޔައިދެއްވަމުން ވަޙީކުރެއްވިއެވެ.

އެއެއްމެން ޔޫސުފްގެފާނުގެ އަރިހަށްގޮސް ވަންހިނދު އެކަލޭގެފާނުގެ މައިންބަފައިން އެކަލޭގެފާނުގެ އަރިހަށް ލަފައިލެއްވިއެވެ. އަދި ވިދާޅުވިއެވެ. "މާތް ﷲ ގެ އިރާދަފުޅާއެކު، އަމާންކަން ލިބިގެންވާ ހާލުގައި މިޞްރަށް ވެދެވަޑައިގަންނަވާށެވެ."

އަދި ޔޫސުފްގެފާނު އެކަލޭގެފާނުގެ މައިބަފައިކަލުން ތަޚުތަށް އުފުއްލެވިއެވެ. އަދި އެއެންމެން އެކަލޭގެފާނަށް ކުރުނީސްކޮށް، ﷲ އަށް ޝުކުރުވެރިވާ ހާލު ސަޖިދައަށް[1] ތިރިވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އަޅުގަނޑުގެ ބައްޕާއެވެ! ކުރީން އަޅުގަނޑަށް ފެނުނު ހުވަފެނުގެ މާނައަކީ މިއީއެވެ. އަޅުގަނޑުގެ ވެރިރަސްކަލާނގެ، އެހުވަފެން ޙައްޤު ތެދުކަމުގައި ލައްވައިފިއެވެ. އަޅުގަނޑު ޖަލުން ނެރުއްވުމުގައާއި، އަޅުގަނޑާއި އަޅުގަނޑުގެ އަޚުންނާ ދެމެދު ޝައިޠާނާ ނުބައިކޮށްފުމަށް ފަހުގައި، ބަދަވީންގެ ދިރިއުޅުމުން ބައްޕަމެން ގެންނެވުމުގައި އެކަލާނގެ އަޅުގަނޑާމެދު އިޙްސާންތެރިވެ ވޮޑިގެންނެވިއެވެ. އަޅުގަނޑުގެ ވެރިރަސްކަލާނގެއީ، އެކަލާނގެ އިރާދަކުރައްވާ ކަމަކަށް އޯގާވަންތަ ރަސްކަލާނގެއެވެ."

އެކަލޭގެފާނަށް ނުހަނު ތުއްޕުޅުއިރު ފެނިވަޑައިގަތް ހުވަފެންފުޅު، އެތައް އުނދަގުލަކާއި ދަތިތަކަކަށްފަހު ޙަޤީޤަތަކަށްވުމުން އެކަލޭގެފާނަށް ކުރެއްވެމުންދާނެ އިޙްސާސްތައް ހިތަށް ގެންނަވާށެވެ. އެކަލޭގެފާނު ޝުކުރުވެރިކަމާއެކު މާތް ﷲ އަށް ދުޢާ ދެންނެވިއެވެ.

"އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ތިމަންއަޅާއަށް ވެރިކަން ދެއްވީމުއެވެ. އަދި ހުވަފެންތައް މާނަކުރަން ދަސްކޮށްދެއްވީމުއެވެ. އިސްވެދިޔަ މިސާލަކާނުލައި، އުޑުތަކާއި، ބިން ހެއްދެވި ރަސްކަލާކޮ! ދުނިޔެއާއި އާޚިރަތުގައި މިއަޅާގެ އެހީތެރިއަކީ، އިބަރަސްކަލާނގެއެވެ. މުސްލިމެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާނދޭވެ! އަދި ޞާލިޙުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!"

ޔޫސުފްގެފާނާއި އެކަލޭގެފާނުގެ ޢާއިލާ މިޞްރުގައި ތިބުމުގެ ހުއްދައަށް އެދިވަޑައިގަތުމަށް ރަސްގެފާނާ ބައްދަލުކުރުމުގެ އިންތިޒާމުތައް އެކަލޭގެފާނު ހަމަޖެއްސެވިއެވެ. ޔޫސުފްގެފާނަކީ މުޅި ރަސްކަމަށްވެސް ލިބިފައިވާ ބޮޑު ނިޢުމަތެކެވެ. މިސަބަބަށްޓަކައި އެކަލޭގެފާނުގެ އަރިހުގައި އެކަލޭގެފާނުގެ ޢާއިލާ މިޞްރުގައި ތިބުމުގެ އިޒުނަ ރަސްގެފާނު ދެއްވެވީ ނުހަނު އުފަލާއެކުއެވެ. އެހިނދު ޔޫސުފްގެފާނު މާތް ﷲ އަށް ޝުކުރުގެ ސަޖިދަ ޖެއްސެވިއެވެ.

ޒުލައިޚާގެ ވާހަކަ

ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގަންނަވާ ފަރާތުން ޤުރްއާނުގައި އެކަމަނާގެ ވާހަކަ ވަނީ ރަސްގެފާނުގެ ދަރުބާރުގައި ނިންމަވާލައްވާފައެވެ. އެކަމަނާ އެކަމަނާގެ ކުށަށް އިޢުތިރާފްވެވަޑައިގަތުމަށްފަހު އެކަމަނާއާމެދު ކަންހިނގައިދިޔައީ ކިހިނަކުންކަމެއް އެނގޭކަށް ނެތެވެ. ނަމަވެސް އެކަމަނާއާ ބެހޭ ވާހަކަތައް ކިޔެއެވެ. ބުނެވޭ ގޮތުގައި އެކަމަނާގެ ފިރިކަލުން އަވަހާރަވުމުން އެކަމަނާ ޔޫސުފްގެފާނާ ކައިވެނި ބައްލަވައިގަތީއެވެ. އޭރު އެކަމަނާވީ ބިކުރުވެރިއަކަށެވެ. އެކަމަނާގެ ފިރިކަލުން މުސްކުޅިކަމުން އަންހެނުންނާ އެފަދަ ގުޅުމެއް ނުބާއްވަވާކަމަށް އެކަމަނާ ވިދާޅުވިއެވެ. އެހެން ވާހަކައެއްގައި ވާގޮތުން ޔޫސުފްގެފާނުގެ މައްޗަށް އެކަމަނާ ހިތާމަކުރައްވާލެއް ގިނަކަމުންގޮސް އެކަމަނާގެ ލޮލުގެ ފެނުން ގެއްލުނީއެވެ. ދެން އެކަމަނާ އެކަމަނާގެ ގަނޑުވަރު ދޫކޮށްލައްވާ މަގުމައްޗަށް ނުކުންނަވައި ރަށުތެރަށް ގިނަވެވަޑައިގަތީއެވެ.

އެކަމަނާގެ ނިމުން ކޮންމެފަދައަކުން ވީނަމަވެސް ޤުރްއާނުގައި އެކަމަނާގެ ވާހަކަ ނިންމަވާލައްވަވާފައިވަނީ އެންމެ އެކަށޭނަ ދަނޑިވަޅުގައެވެ. އެކަމަނާގެ ދިރުއުޅުން ހަތަރު އުދަރެސް ފެނުޖެހޭ ހިސާބުގައެވެ. އަޅުގަނޑުމެންނަށް އެކަމަނާގެ ނިމުން އެނގުމަށްވުރެ މިގޮތުގެ މަތީން އެކަމާނާގެ ހަނދާންތައް ސިކުނޑީގައި މާބޮޑަށް ހަރުލައެވެ.

(ނިމުނީ)

 

ލިޔުންޔެރިޔާގެ ނޯޓު: 

* މިވާހަކަ ލިޔުމުގައި އަޞްލަކަށް ބަލާފައިވަނީ އަލްއިމާމް އިބްން ކަޘީރް ލިޔުއްވާފައިވާ ޤިޞަޞުލް އަންބިޔާއިގެ އިނގިރޭސި ތަރުޖަމާއެކެވެ. ތަރުޖަމާ ކުރައްވާފައިވަނީ މުޙައްމަދު މުޞްޠަފާ ޖަމީޢާ އަލްއަޒްހަރީ އެވެ. އަދި ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާއެވެ.

* މީގެ އިތުރުންވެސް ބައެއް ތަންތަންކޮޅު ލިޔުމުގައި އެހީއެއްގެ ގޮތުގައި މުޚްތަޞަރް އަލްމިޞްބާޙުލް މުނީރު ފީ ތަހްޛީބް ތަފްސީރު އިބްނު ކަޘީރު (އިނގިރޭސި ތަރުޖަމާ) ބެލިފައިވާނެއެވެ.

* މިވާހަކައިގެ ސަބަބު ނުޒޫލް ލިޔުމަށް މަޢުލޫމާތު ނެގީ:

http://www.themuslimwoman.com/chooseyourpath/storyofyusuf.htm

* ޤިޞަޞުލް އަންބިޔާއިގެ އިނގިރޭސި ތަރުޖަމާ، އަޞްލު ލިޔުއްވީ: އިބްނު ކަޘީރު - 194 – 256 ހ. - ތަރުޖަމާ: މުޙައްމަދު މުޞްޠަފާ ޖަމީޢާ އަލްއަޒްހަރީ.

* މިވާހަކައިގެ ތާރީޚީ ފަސްމަންޒަރުގެ މައިގަނޑު އަޞްލަކީ:

http://www.themuslimwoman.com/chooseyourpath/storyofyusuf.htm

* މިފުރުސަތުގައި ނުހަނު ފަރުވާތެރިކަމާއެކު މިލިޔުން އެޑިޓްކޮށްދެއްވާ، އިޞްލާޙްކޮށްދެއްވި އަލްއަޚް އަޙްމަދު ޝަމީން ދޮންމަނިކަށާއި އަލްއަޚް ނޫރުއްސަލާމް އަބޫބަކުރަށް ހިތުގެ އެންމެ ފުންމިނުން، ފަށްފަށުން ޝުކުރު ދަންނަވަމެވެ. މާތް ﷲ ތިޔައިގެ ދެ އަޚުންނަށް ހެޔޮ ޖަޒާ ދެއްވާށިއެވެ.

 


[1] މިނަބީބޭކަލުންނާއި އަދި މީގެ ކުރީގެ ނަބީބޭކަލުންގެ ޝަރީޢަތްތަކުގައި، އިންސާނުންނަށް އެމީހުންގެ މައްޗަށް ވެރިންގެ ގޮތުގައި ލައްވާފައިވާ މީހުންނަށް ސަޖިދަކުރުން ހުއްދަވެގެންވިއެވެ. މިއާދަ އާދަމްގެފާނުގެ ޝަރީޢަތުން ފެށިގެން ޢިސާގެފާނުގެ ޝަރީޢަތާ ހަމައަށް އެފަދައިން އޮތެވެ. ނަމަވެސް ފަހުން އެކަން އަޅުގަނޑުމެންގެ ޝަރީޢަތުގައި ޙަރާމްވެގެންދިޔައީއެވެ. އިސްލާމްދީނުގެ މިޝަރީޢަތުގައި އިންސާނުން ސަޖިދަކުރުން ޚާއްޞަކުރެވިފައިވަނީ ހަމައެކަނި ހުސްޠާހިރުވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއަށެވެ. މިޢިބާރާތުގައިބުނާ ވަހާކަތައް އެއްކުވެރިފައި މިވަނީ ޤަތާދާއާއި އަދި އެހެނިހެންވެސް ބައެއް ޢިލްމުވެރިންގެ ބަސްފުޅުތަކުންނެވެ. އައްޠަބަރީ 16:267 (މުޚްތަޞަރް އަލްމިޞްބާޙުލް މުނީރު ފީ ތަހްޛީބް ތަފްސީރު އިބްނު ކަޘީރު، އިނގިރޭސި ތަރުޖަމާ، އިތުރު ތަފްޞީލް ހޯއްދެވުމަށް އެފޮތުގެ 5:211-222 ބައްލަވާ)

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.