Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތާރީޚް އެންމެ ރީތި ވާހަކަ (ފަސްވަނަ ބައި)

އެންމެ ރީތި ވާހަކަ (ފަސްވަނަ ބައި)

qis13އެމީހުން އަނބުރާ އައުމަށް ބާރުއެޅުއްވުމުގެ ގޮތުން އެކަލޭގެފާނު ކަމެއް ރޭއްވެވިއެވެ. އެކަލޭގެފާނު އެކަލޭގެފާނު ގެންގުޅުއްވާ ޚާދިމަކަށް ވިދާޅުވިއެވެ. "އެމީހުން އަގަކަށް ގެނައި މުދާ އެމީހުންގެ ތަކެތީގެ ތެރެޔަށް ލާށެވެ. އެއީ އެމީހުންގެ އަހުލުންގެ ގާތަށް އެނބުރިދާހިނދު، އެކަން އެމީހުންނަށް އެނގުމަށްޓަކައެވެ. އެއީ އެމީހުން ތިމަންކަލޭގެފާނުގެ އަރިހަށް އެނބުރި އާދޭތޯއެވެ." އެކަލޭގެފާނު މިހެން ހެއްދެވުމުގެ ބޭނުމަކީ ގޮވާން ގަތުމަށް ބޭނުންވާ މުދާ ނެތިގެން އެމީހުންނަށް ނައިސް ތިބުމުގެ ޢުޒުރު ނުދެއްވުމެވެ. ކަން ވާނީ އެކަލޭގެފާނު ބޭނުންވެވަޑައިގަންނަވާ ގޮތަށް ބާއެވެ؟

އެއަޚުން އެމީހުންގެ ބައްޕަގެ އަރިހަށް އެނބުރި ހިނގައްޖެއެވެ. އެމީހުން ޖަމަލުތަކުގައި ހުރި މުދާތައް ނުބާލާ އެންމެ ފުރުތަމަވެސް އެކަލޭގެފާނާ ސަލާން ގަލާންކުރުމަށްފަހު ހިންހަމަނުޖެހުމާއެކު ދެންނެވިއެވެ. "ބައްޕާއެވެ! އަހަރެމެންގެ ކޮއްކޮ އަހަރެމެންނާއެކު ނުފޮނުވައިފިނަމަ، ދެން އަހަރެމެންނަށް މިނެދިނުން މަނާވީއެވެ. މިނެދޭ މީހުން އެތާ ނެތް މީހުންނަކަށް ނުމިނެދެއެވެ. ބައްޕަ އަހަރެމެންނަށް އިތުބާރުކުރައްވާ އޭނާ އަހަރެމެންނާއެކު ނުފޮނުއްވަނީ ކީއްވެތޯއެވެ؟ އަހަރެމެން އާދޭސް ދަންނަވަމެވެ. އޭނާ އަހަރެމެންނާއެކު ފޮނުއްވައިދެއްވާށެވެ. އަހަރެމެން އޭނާއަށް ކަމޭހިތާނަމެވެ." ޔަޢުޤޫބްގެފާނު އެމީހުންނަށް ނުހަނު މާޔޫސްކަމާއެކު ވިދާޅުވިއެވެ. "މީގެކުރިން ބިންޔާމީންގެ އަޚު ޔޫސުފާމެދު ތިޔަބައިމީހުންނަށް އިތުބާރުކުރި ފަދައިން ނޫނީ، އޭނާއާމެދު ތިޔަބައިމީހުންގެ މައްޗަށް ބައްޕަ އިތުބާރުކުރާނެ ހެއްޔެވެ؟ ﷲ އީ، ރައްކާތެރިކުރައްވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ ރަޙްމަތްލައްވާ، އެންމެ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ." އެކަލޭގެފާނުގެ މިޖަވާބައިގެން އެމީހުންގެ އެދުން ރައްދުކުރެއްވިއެވެ.

އޭގެ އިރުގަނޑެއް ފަހުން، އެމީހުން އެމީހުންގެ ގޮވާން ބަސްތާތައް ހުޅުވިއިރު އޭގެތެރޭގައި އެމީހުން ގޮވާމުގެ ބަދަލުގައި އަގަށް ގެންދިޔަ މުދާތައް ހުއްޓާ ފެނިއްޖެއެވެ. އެމީހުންގެ ބައްޕާފުޅުގެ އަރިހަށް އަވަސް އަވަހަށް ދިޔައެވެ. އަދި ގޮސް ދެންނެވިއެވެ. "ބައްޕާއެވެ! މިއަށްވުރެ މޮޅަށްއަހަރެމެން އެދޭނީ ކޮންކަމެއް ހެއްޔެވެ؟ މިހިރީ އަހަރެމެންގެ މުދާ އަހަރެމެންނަށް ރައްދުކުރެވިފައެވެ. ކޮއްކޮ އަހަރެމެންނާއެކު ފޮނުވައިފިނަމަ އަހަރެމެންގެ އަހުލުންނަށް އިތުރު ކޮއްތު ލިބޭނެއެވެ. އަހަރެމެން އޭނާއަށް ރައްކާތެރިވާނަމެވެ. އަދި ޖަމަލަކަށް އެރުވޭހާ ކޮއްތު އިތުރުކުރާނަމެވެ. އެއީ ބިމުގެ ޚަޒާނާތަކުގެ ވެރިޔާއަށް ދެއްވަން އެހާމެ ފަސޭހަ، އެކަލޭގެފާނުގެ ނިސްބަތުން ނުހަނު މަދު އެތިކޮޅެކެވެ."

އޭގެތެރެއިން މީހަކު އިތުރަށް ޔަޢުޤޫބުގެފާނަށް ވިދާޅުވިއެވެ. "މިޞްރުގެ އެމަތިވެރި ސާހިބާ އަހަރެމެންގެ މުދާ ރައްދުކުރުމުން، އެމަނިކުފާނު އަހަރެމެންގެ ކޮއްކޮއަށް ނުބައިކަމެއް ނޭދޭކަން އެނގެއެވެ. އަދި އެކިޔައިދިންހެން މިކަމުގެ ސަބަބުން އަހަރެމެންނަށް ފައިދާއެއް ނޫނީ ނުވެއެވެ." މިހުރިހާ ވާހަކައެއް އެއްސެވުމަށްފަހުވެސް ޔަޢުޤޫބްގެފާނު ބިންޔާމީން އެމީހުންނާ އެއްކޮށް ފޮނުއްވެވުމަށް އިންކާރުކުރެއްވިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އެމީހުންގެ އަތުގައި ހުރި ގޮވާން ބޭނުންކުރެވެމުން ހުސްވަމުންދެއެވެ. އެންމެ ފަހުން ޔަޢުޤޫބްގެފާނު އެމީހުންގެ ގާތުގައި މިޞްރަށްގޮސް އިތުރަށް ގޮވާން ހޯދައިގެން އައުމަށް އެދިވަޑައިގަތެވެ. އެމީހުން ޔަޢުޤޫބްގެފާނަށް މިޞްރުގެ ސާހިބާ ވިދާޅުވި ވާހަކަ ހަނދުމަކޮށްދިނެވެ. އެމީހުންނަކަށް ބިންޔާމީނާ ނުލައި މިޞްރަކަށް ނޭރޭނެއެވެ. ޔަޢުޤޫބްގެފާނު އިތުރު އެހެން ގޮތެއް ނެތިގެން، ބިންޔާމީން ފޮނުއްވެވުމަށް އެއްބަސްވެވަޑައިގެންނެވިއެވެ. ނަމަވެސް އެއީ އެމީހުންގެ ކިބައިން ޢަހުދުކަށަވަރެއް ހިއްޕެވުމަށްފަހުއެވެ. އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. "ތިޔަކުދީންގެމައްޗަށް ޢަދާވަތްތެރިންގެ ބަޔަކު ގަދަވެއްޖެ ހިނދަކު މެނުވީ، ބިންޔާމީން އަނބުރާ ބައްޕަގެގާތަށް ގެނެސްދޭނެކަމަށް، ﷲ ގެ ޙަޟްރަތުންވާ ޢަހުދެއް ތިޔަކުދީންބައްޕައަށް ގެނެސްދީފުމަށް ދާންދެން ތިޔަކުދިންނާއެކުއެކުއްޖާފުޅެއް ނުފޮނުއްވާނަމެވެ." އެމީހުން އެކަމުގެ މައްޗަށް ޢަހުދުވެ އެއްބަސްވިއެވެ. "އަހަރެމެން މިބުނާ އެއްޗަކަށް ﷲ ހެކިވެވޮޑިގެންވެއެވެ." ޔަޢުޤޫބްގެފާނު އެމީހުންނަށް ހަނދާންކޮށްދެއްވިއެވެ.

ޔަޢުޤޫބްގެފާނު އެކަލޭގެފާނުގެ ބޭފުޅުންނަށް ދަތުރުމަތީގެ ބައެއް ކަންކަމާއި އަދިވެސް އެހެނިހެން ކަންކަމާމެދު ނަޞޭޙަތްތެރިވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އޭދަރިންނޭވެ! ތިޔަކުދިން އެތަނަށްގޮސް އެއްދޮރޯއްޓަކުން ނުވަންނާށެވެ. އަދި ތަފާތު ދޮރޯށިތަކުން ވަންނާށެވެ. މާތް ﷲ ގެ ޙަޟްރަތުން ތިޔަކުދީންނަށް އެއްވެސް ކަމެއް ބައްޕައަކަށް ފުއްދައެއް ނުދެވޭނެއެވެ. ﷲ އަށް މެނުވީ ޙުކުމްކުރެއްވުމެއް ނެތެވެ." އެކަލޭގެފާނު ވާހަކަކޮޅު ކުރުކޮށްލައްވަމުން ވިދާޅުވިއެވެ. "އަހަރެން ވަކީލްކުރަނީ އެކަލާނގެއަށެވެ."

ޔަޢުޤޫބްގެފާނު އެކުދިންނަށާއި އެކުދިން ފައްޓަން އެއުޅޭ ދަތުރަށް ބަރަކާތްލައްވާ އެކުދިންގެ ރައްކާކުރެއްވުން އަދައި ﷲ އަށް ދުޢާދެންނެވިއެވެ. އެއަޚުން މިޞްރަށްކުރާ ދިގު ދަތުރު ފެއްޓިއެވެ. ދަތުރުމަތީގައި އެމީހުން ބިންޔާމީންއާމެދު ކަންތައްކުރީ، ޢަހުދުވި ފަދައިން، ވަރަށް ހެޔޮކޮށެވެ.

ޔޫސުފްގެފާނު އެމީހުންނަށް ދެންނެވީ ވަރަށް ހޫނު މަރުހަބާއެކެވެ. ނަމަވެސް އެއީ ނުހަނު އުނދަގުލާއެކުގައެވެ. ހިތުތެރޭގައި ބިންޔާމީންގެ ގައިކޮޅުގައި ބައްދާލެއްވުމުގެ ޝުޢޫރު ކެކިއުތުރި އަރައަރައި ހުރުމާއެކުއެވެ. އެކަލޭގެފާނު އެމީހުންނަށް ޖާފަތެއް ތައްޔާރުކުރެއްވިއެވެ. އެޖާފަތަށް އިންޞާފުކުރުމަށްޓަކައި އެމީހުން ބޭތިއްބެވީ ޖޯޑު ޖޯޑަށެވެ. ޔޫސުފްގެފާނު އިށީންނެވީ ބިންޔާމީންގެ އަރިހުގައެވެ. ހަމަ އިށީންނަވާއިރަށް ބިންޔާމީން ކީރިތިކުރައްވަން ފައްޓަވައިފިއެވެ. ޔޫސުފްގެފާނު ކީރިތި ކުރައްވާ ސަބަބާމެދު ސުވާލުކުރެއްވިއެވެ. ބިންޔާމީން ޖަވާބުގައި ދެންނެވިއެވެ. "އަޅުގަނޑުގެ އަޚް ޔޫސުފް ހުންނެވިނަމަ އަޅުގަނޑު އިށީނީހީ އޭނާގެ އަރިހުގައެވެ."

އެރޭ ޔޫސުފްގެފާނު ޚާދިމަކު ފޮނުވާ ބިންޔާމީން އެކަލޭގެފާނުގެ އަރިހަށް ގެންދެވިއެވެ. އެކަލޭގެފާނާއި ބިންޔާމީން އެކަނިވުމުން އެކަލޭގެފާނު ބިންޔާމީން ކުރެން އެއްވެސިއެވެ. "ތިމަންކަލޭގެފާނު ތިބާގެ އަޚެއްގެ ގޮތުގައި ބަލައިގަނެފާނަން ހެއްޔެވެ؟" ބިންޔާމީން އަދަބުވެރިކަމާއެކު ޖަވާބުގައި ވިދާޅުވިއެވެ. "ކަލޭގެފާނަކީ މެހެމާނުންނަށް ކަމޭހިއްތަވާ ބޭކަލަކީމުއެވެ. ނަމަވެސް އަޅުގަނޑުގެ އަޚް، ޔޫސުފްގެ މަޤާމާ ކަލޭގެފާނު އެކަށީގެނެއްނުވެއެވެ." ޔޫސުފްގެފާނަށް އިތުރަށްކެތްނުކުރެއްވި، ގަދަޔަށް ކީރިތި ކުރެއްވުނެވެ. އެކަލޭގެފާނު ބިންޔާމީންއަށް ވިދާޅުވިއެވެ. "ލޯބިވާ ކޮއްކޯއެވެ! ބިންޔާމީންއެވެ! ކޮއްކޮ ގެއްލިގެން ތިހޯދާ، ތަކުރާރުކޮށް އެބޭބެއެއްގެ ނަންކިޔަމުންތިޔަދާ ބޭބޭއަކީ މިއީއެވެ." ދެން އެކަލޭގެފާނަށް ދިމާވި ކަންކަމުގެ ވާހަކަ ވިދާޅުވެދެއްވިއެވެ. މިވާހަކަތައް އިވިވަޑައިގަތުމުން ބިންޔާމީން ހިތާމައިން ފުރުނެވެ. އެކަލޭގެފާނުގެ އެއްބަފާ އަޚުން މިކުރި ވިޔާނުދާ ޢަމަލުގައި ބިންޔާމީންވެސް ހިމެނިދާނެތީއެވެ. ޔޫސުފްގެފާނު ބިންޔާމީންއަށް ވިދާޅުވިއެވެ. "އެމީހުން ކުރި ކަންތަކާމެދު ކޮއްކޮ ހިތާމަނުކުރާށެވެ. އަހަރެމެން ދެމީހުން ދުރުގައި ވަކިން އެތައް އަހަރެއް ވޭތުކުރުމަށްފަހު ތަޤްދީރު އަހަރެމެން އެއްތަންކޮށްފިއެވެ. މިއީ މާތް ﷲ ގެ ފަޟްލަވަންތަވެރިކަމެވެ. މިކަން އެހަށް އަހަރެމެން ދެބެއިންގެ ދެމެދުގައިވާ ސިއްރަކަށް ހަދާށެވެ." ބިންޔާމީން ޔޫސުފްގެފާނުގެ ގައިކޮޅުގައި ބައްދަވާލެއްވިއެވެ. އަދި އޭގެ ދެބޭކަލުން އުފާވެރިކަމުގެ ކަރުނަ އެޅުއްވިއެވެ.

އޭގެ އަނެއްދުވަހު، ޔޫސުފްގެފާނުގެ ބޭބެމެންގެ ޖަމަލުތަކަށް ބަރާކުރުމަށް ގޯނިތަކަށް ގޮވާން އަޅަމުންދިޔައިރު، ޔޫސުފްގެފާނު އެކަލޭގެފާނުގެ ޚާދިމަކަށް،މިނަންގެންގުޅުއްވާ ރަސްގެފާނުގެ ރަން ނާޅިކޮޅު ބިންޔާމީންގެ ތަކެތީގެ ތެރެއަށް ސިއްރިއްޔާތުގައި ލުމަށް އަމުރުކުރެއްވިއެވެ. އެއެގާރަބެއިންގެ ގާފިލާ ފުރަން ތައްޔާރުވެ މައިދޮރޯށިން ނުކުންނަން ދިމާކޮށްލާއިރަށް ހުރިހާ ދޮރޯށިތަކެއް ބަންދުކުރެވިއްޖެއެވެ. ދެން ގޮވާމީހަކު ގޮވަން ފަށައިފިއެވެ. "އޭ ގާފިލާގެ ދަތުރުވެރީންނެވެ. ތިއީ ވައްކަންކުރާ ބަޔެކެވެ." އެއީ އާދަޔާ ޚިލާފު ތުހުމަތެކެވެ. ނަތީޖާއެއްގެ ގޮތުން ޔޫސުފްގެފާނުގެ އަޚުންގެ ގާތަށް މީހުން އެއްވާން ފަށައިފިއެވެ.

"ތިޔަބައިމީހުން ގެއްލިގެން ތިޔައުޅެނީ ކޮން އެއްޗެއް ހެއްޔެވެ؟" އެކަލޭގެފާނުގެ ބޭބެއިންގެ ތެރެއިން މީހަކު އެއްސެވެ.

ޖަވާބުގައި އަމަން ބަލަހައްޓާ މީހަކު ބުންޏެވެ. "ރަސްގެފާނުގެ ރަން ނާޅި ކޮޅެވެ. އެހޯދައިފިމީހަކަށް އޮތް އިނާމަކީ ޖަމަލަކަށް ބަރާކޮށް އެރުވޭހާ ގޮވާމެވެ. އަހަރެން އެކަމަށް ޖާމިނުވަމެވެ."

ޔޫސުފްގެފާނުގެ އަޚުން އެބައިމީހުންގެ މަޢުޞޫމްކަން ހާމަކުރަމުން ބުންޏެވެ. "ﷲ ގަންދީ ބުނަމެވެ. އަހަރެމެންއައީ ބިމުގައި ފަސާދަކުރުމަށް ނޫންކަން ތިޔަބައިމީހުންނަށް އެނގިފައިވާނެއެވެ."

ޔޫސުފްގެފާނު އިރުޝާދުދެއްވާފައިވާ ފަދައިން، އަމަން ބަލަހައްޓާ އިސްވެރިޔަކު އެމީހުންނަށް ބުންޏެވެ. "މައްސަލައެއް ނެތެވެ. އެކަމަކު ތިޔަބައިމީހުން ދޮގު ހަދާކަމުގައިވާނަމަ އެނާޅި ވަގަށް ނެގުމުގެ އަދަބަކީ ކޮބައި ހެއްޔެވެ؟"

އެއަޚުން ދިނީ ވަރަށް އެކަށޭނަ ޖަވާބެކެވެ. "އެކަމުގެ އަދަބަކީ، ޖަޒާއަކީ، އެމީހެއްގެ ތަކެތީގެ ތެރެއިން އެމިނާއެތި ފެނުނު މީހެކެވެ. އެމީހަކީ އެކަމުގެ ޖަޒާއެވެ. ޖަޒާދިނުމަށްޓަކައި އެމީހަކު ހިފަހައްޓާނީއެވެ. އަހަރެމެންގެ ޤައުމުގައި އަނިޔާވެރިންނަށް އަދަބުދެނީ އެހެންނެވެ."

އެއިސްވެރިޔާ އެކަމާ އެއްބަސްވެ ބުންޏެވެ. "އަހަރެމެން ތިޔަބައިމީހުންގެ މައްޗަށް ހިންގާނީ މިޞްރުގެ ޤާނޫނުގެ ބަދަލުގައި ތިޔަބައިމީހުންގެ ތިޤާނޫނެވެ. އަހަރެމެންގެ ޤާނޫނުގައި ބުނަނީ އެމީހަކު ޖަލަށް ލުމަށެވެ."

އިސްވެރިޔާ އޭނާގެ ދަށުގައި ތިބި މީހުންނަށް އެގާފިލާ ފާސްކުރަން ފެށުމަށް އެންގިއެވެ. ޔޫސުފްގެފާނު އިންނެވީ އެކަލޭގެފާނުގެ އިސް ތަޚުތުފުޅުގައި އެކަންކަން ބައްލަވާށެވެ. އެކަލޭގެފާނު އިރުޝާދުދެއްވާފައިވަނީ ބިންޔާމީންގެ ތަކެތި އެންމެ ފަހުން ފާސްކުރުމަށެވެ. އަމަން ބަލަހައްޓާ މީހުންނަށް ދޮއްޓަށްތިބި ދިހަ ބޭބެއިންގެ ތަކެތީގެ ތެރެއިން އެނާޅި ނުފެނުމުން އެމީހުން ހިތްހަމަޖެހުނެވެ.

ބާކީ ހުރީ އެންމެ ހަގު ކުއްޖާގެ ތަކެއްޗެވެ. ޔޫސުފްގެފާނު، ފުރުތަމަ ފަހަރަށް، އެމައްސަލައާމެދު ބަހެއް ވިދާޅުވިއެވެ. "އޭނާގެ ތަކެތި އަތްފުނާ އަޅައި ފާސްކުރުމުގެ ބޭނުމެއް ނެތެވެ. އޭނާ ކިބަޔަކުން ވަގެއްގެ ފާޑެއް ނުޖަހެއެވެ."

ނަމަވެސް އެކަލޭގެފާނުގެ ބޭބެއިން އެކަމާ ދެކޮޅުހެދިއެވެ. "އެނާގެ ތަކެތި ފާސްކުރައްވަންދެން އަޅުގަނޑުމެން މިތިބިތަނުން ހިރިވެސްނުލާނަމެވެ. އަޅުގަނޑުމެންނަކީ ޝަރަފުވެރި ބޭކަލެއްގެ ސަރާކަވަން[1] ދަރީންތަކަކީމެވެ. ވަގުންތަކެއްނޫނެވެ."

އަމަން ބަލަހައްޓާ މީހުންތައް ބިންޔާމީންގެ ތަކެތި ފާސްކޮށް، އޭގެތެރެއިން މިނުމަށް ބޭނުންކުރާ ރަސްގެފާނުގެ ރަން ނާޅިކޮޅު އިސާހިތަކު ނަގައިފިއެވެ.

"އޭނާ ވައްކަންކުރިކަމަށްވާނަމަ، މީގެކުރިން އޭނާގެ އަޚަކުވެސްވަނީ ވައްކަންކޮށްފައެވެ." ބޭބޭއިންތައް ކުއްލިއަކަށް އަދި ނުހަނު ބާރަށް ބުންޏެވެ. އެމީހުންގެ މަޤްޞަދަކީ ޔަޢުޤޫބްގެފާނުގެ ބޭފުޅުންގެ ތެރެއިން ވަކި ބަނޑެއްގެ ބޭފުޅުންތަކެއްގެ އަގުވައްޓާލުމެވެ.

އެމީހުންގެ މިނަފްރަތުގެ ބަސްތައް އިވިޑައިގަތުމުން ޔޫސުފްގެފާނަށް ފުން ހިތާމައެއް ލިބިވަޑައިގަތެވެ. ނަމަވެސް އެކަލޭގެފާނުގެ ހިތްޕުޅުގައި އުފެދިގެންދިޔަ ޣީރަތްތެރިކަން އެތެރޭގައި ހިފަހައްޓާލެއްވިއެވެ. އެކަލޭގެފާނު ހިތާހިތާ ވިދާޅުވިއެވެ. "ތިބާއަށް މިއަށްވުރެ މާބޮޑު ކަންކަންދިމާވެ މާހިތިކޮށް ނަތީޖާ ލިބިފައިވެއެވެ. ތިބާޔަށް އަދި މިއަށްވުރެ ހިތާމަވެރި ކަމެއްދިމާވެ، މިއަށްވުރެ ތިބާގެ ނިމުން ނުބައިވެދާނެއެވެ. ތިބާގެ ހިތުގައިވާ މަޤްޞަދުތައް މާތްﷲ މޮޅަށް ދެނެވޮޑިގެންވެއެވެ."

އެމީހުންގެ އެނަފްރަތުން ފުރިގެންވާ ބަސް ބުނުމަށްފަހު އެމީހުންގެ މައްޗަށް ހަނުހިމޭންކަން ވެރިވެއްޖެއެވެ. އެމީހުންގެ ވިސްނުމުގެ މިސްރާބު އެމީހުންގެ ޒާތީ އެދުންވެރިކަމުން ޔަޢުޤޫބްގެފާނަށް ވެވިފައިވާ ވަޢުދަށް އެނބުރުނެވެ. އެމީހުންނަށް މިކުރެވުނު މޮޔަކަމާމެދު ހިތާމަކުރާހާލު ޔޫސުފްގެފާނުގެ އަރިހުން ރަޙުމްކުރުމަށް އެދެންފަށައިފިއެވެ. "އިއްޒަތްތެރި މާތް ކަލޭގެފާނެވެ. އޭނާ ދެކެ ނުހަނު ލޯބިވާ ޤަދަރުވެރި މުސްކުޅި ބައްޕައެއްވެއެވެ. އަޅުގަނޑުމެންގެ ތެރެއިން މީހަކު އޭނާގެ ބަދަލުގައި ހިފަހައްޓަވާށެވެ. އަޅުގަނޑުމެން ކަލޭގެފާނު ދެކެނީ އިޙްސާންތެރީންގެ ތެރެއިންނެވެ."

ޔޫސުފްގެފާނު މަޑުމޮޅިކަމާއެކު ރައްދުގައި ވިދާޅުވިއެވެ. "ﷲ ގެ ރައްކާތެރިކަން އެދެމެވެ. އެމީހެއްގެ އަތުގައި ރަސްގެފާނުގެ ރަން ނާޅިކޮޅު އޮއްވައި ފެނުނު މީހަކު ނޫނީ، އަހަރެމެން ހިފެހެއްޓުމުން ދުރުވެ، ރައްކާތެރިވުން އެދެމެވެ. އެނޫން ގޮތަކަށް އަހަރެމެން ކަންކޮށްފިނަމަ އަހަރެމެންވާނީ އަނިޔާވެރިންގެ ތެރެއިންނެވެ."

ބޭބެއިން ތަކުރާރުކޮށް އެކެލޭގެފާނުގެ ރަޙުމަށް އެދެން ފެށުމުން އަމަންބަލަހައްޓާ މީހަކު އެމީހުންނަށް ބުންޏެވެ. "ވެރިމީހާ ބަސްވިދާޅުވެއްޖެއެވެ. އެކަލޭގެފާނުގެ ބަސްފުޅަކީ ޤާނޫނެވެ."

އެންމެ ދޮއްޓަށް ހުރި ޔަހޫޛާ މިކަމާ ވަރަށް ކަންބޮޑުވެއްޖެއެވެ. އަދި ދެންތިބި މީހުންނަށް ބުނެފިއެވެ. "އަހަރެމެންގެ ބައްޕަ، ﷲ ގެ ޙަޟްރަތުން ޢަހުދު ކަށަވަރު ހިއްޕަވާފައިވާކަމާއި، އޭގެކުރިން ޔޫސުފާމެދު އަހަރެމެން ފަރުވާކުޑަކޮށްފައިވާކަން، ތިޔަބައިމީހުންނަކަށް ނޭނގޭ ހެއްޔެވެ؟ އަހަރެންގެ ބައްޕަ އިޒުނަދެއްވައިފުމަށް ދާންދެން އަހަރެން މިޞްރުގެ ބިން ދޫކޮށެއް ނުލާނަމެވެ." ދެން ވާހަކަކޮޅު ނިންމާލަމުން ވަރަށް ނާއުންމީދާއެކު އިތުރުކޮށްލިއެވެ. "ނުވަތަ ﷲ އަހަރެންގެ މައްޗަށް ނިޔާކުރައްވައިފުމަށްދާންދެނެވެ. އެކަލާނގެއީ ޙުކުމްކުރައްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ."

ބިންޔާމީންގެ ކަންތަކުގެ ނިމުން އަންނާނެ ގޮތެއްގެ އިންތިޒާރީގައި ބީރައްޓެހިންގެ ޚާނާއެއްގައި މަޑުކޮށްގެން ހުރި ޔަހޫޛާއަށް ވާވަރަށް ކާބޯތަކެތި އެމީހުން ބެހެއްޓިއެވެ. ޔަހޫޛާ އެމީހުން ފުރުމުގެ ކުރިން އެމީހުންނަށް ޔަޢުޤޫބްގެފާނާ ބައްދަލުކޮށް އެކަލޭގެފާނު މަސަލަސްވާނޭހެން ވާހަކަދައްކާނޭ ގޮތް ކިޔައިދިނެވެ. "ތިޔަބައިމީހުން އެނބުރި އަހަރެމެންގެ ބައްޕަގެ އަރިހަށްގޮސް ދަންނަވާށެވެ..."

ޔޫސުފްގެފާނު ބިންޔާމީން ބެހެއްޓެވީ އެކަލޭގެފާނުގެ ގަނޑުވަރުކޮޅުގެ މެހުމާންސަރާގައި އެކަލޭގެފާނުގެ ޚާއްޞަ މެހުމާނެއްގެ ގޮތުގައެވެ. އެކަލޭގެފާނު ބިންޔާމީންއަށް އެކަލޭގެފާނުގެ ރޭއްވެވުން ކިޔައިދެއްވިއެވެ. ބިންޔާމީންގެ ރައްކަލަށްޓަކައި އެކަލޭގެފާނުގެ އަރިހުގައި ބެހެއްޓެވުމަށް ރަސްގެފާނުގެ ރަން ނާޅިކޮޅު ބިންޔާމީންގެ ތަކެތީގެ ތެރެއަށް ލެއްވިގޮތް ކިޔައިދެއްވިއެވެ. އެކަލޭގެފާނު ޔަހޫޛާ މަޑުކުރެއްވީތީ އުފާކުރެއްވިއެވެ. އެހެނީ ޔަހޫޛާއަކީ ހިތްހެޔޮ ބޭބެއެކެވެ. ޔަހޫޛާގެ ކަންތައްވެސް ސިއްރިއްޔާތުގައި ބެލެހެއްޓެވުމުގެ އިންތިޒާމުތައް އެކަލޭގެފާނު ހަމަޖެއްސެވިއެވެ.

ޔޫސުފްގެފާނުގެ ބޭބެއިންގެ ތެރެއިން ދެން ތިބިމީހުން ދާން ފުރުޞަތުދެއްވީ އެމީހުންގެ އިޚްލާޞްތެރިކަން އިމްތިޙާންކުރެއްވުމުގެ ބޭނުމުގައެވެ. އެއީ އެމީހުން ދޫކޮށްފައިދިޔަ ދެއަޚުންނަށްޓަކައި އެނބުރި އާދޭތޯ ބެއްލެވުމަށެވެ.

ކަންޢާނުން ފުރައިގެންދިޔައީ އެގާރަ އަޚުންނެވެ. އެނބުރީ އައީ ނުވައެކެވެ. އެނބުރި އައީ މީހުން އެމީހުންގެ ބައްޕާފުޅާ ބައްދަލުކުރީ ހިތާމަވެރި ޚަބަރަކާއިގެންނެވެ. "އަހަރެމެންނަށް އެނގިފައިވާކަމަކަށް ނޫނީ، އަހަރެމެން ހެތްކެއް ނުވަމެވެ. ޣައިބުގައިވާ ކަންތައް ދަންނަބަޔަކު ކަމުގައި އަހަރެމެން ނުވަމުއެވެ." އެމީހުން ޔަހޫޛާ ކިޔައިދިންގޮތަށް ބަހުން ބަހަށް އެކަލޭގެފާނުގެ އަރިހުގައި ދެންނެވިއެވެ. ޔަޢުޤޫބްގެފާނުގެ ބަރަކާތްތެރި މޫނުފުޅުން ޝައްކުގެ ކުލަވަރު ފާޅުވިއެވެ. މިތަން ފެނިފައި އެމީހުން ވަގުތުން ބުންޏެވެ. "ކަލޭގެފާނު އަޅުގަނޑުމެންގެ ވާހަކަ ޤަބޫލުނުކުރައްވާނަމަ އަޅުގަނޑުމެން ގޮސް ތިބި ރަށުގެ މީހުންނާ، އަދި އަޅުގަނޑުމެން އެގާފިލާއެއްގައި ދަތުރުކޮށްފައި އައި ގާފިލާގެ މީހުންނާ ސުވާލުކުރައްވާށެވެ. ޤަބޫލުކުރައްވާށެވެ! އަޅުގަނޑުމެންނީ ތެދުބުނާ ބަޔަކީމުއެވެ."

ނަމަވެސް އެކަލޭގެފާނަށް އެމީހުންގެ ވާހަކަތައް ޤަބޫލުކުރެއްވުންވީ ދަތިކަމަކަށެވެ. އެހެން ނުވާންވީ ކީއްވެގެންތޯއެވެ؟ މީގެ ކުރިން ޔޫސުފްގެފާނާމެދުވެސް އެމީހުންވަނީ ދޮގު ހަދާފަކަން އެކަލޭގެފާނަށްވަނީ އެނގިފައެވެ. އެކަލޭގެފާނު އަނެއްކާވެސް ތަމްސީލްކޮށްދެއްވީ ކެތްތެރިކަމުގެ ލާމަސީލު މާދިރީއެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ކިއެއްތަ! ތިޔަބައިމީހުންގެ ނަފުސުތައް ތިޔަބައިމީހުންނަށް ނުބައިކަމެއް ޒީނަތްތެރިކޮށްދިނީއެވެ. ދެން އޮތީ ރިވެތިވެގެންވާ ކެތްކުރުމެކެވެ. ﷲ އޭގެ ދެކުދިން އެއްކޮށް އަހަރެންގެގާތަށް ގެނެސްދެއްވައިފާށިއެވެ! އެކަލާނގެއީ މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ ރަސްކަލާނގެއެވެ." އެކަލޭގެފާނު މިހާރު އެއިންނެވީ ލިބިވަޑައިގެންނެވި ޚަބަރާމެދު ފިކުރުފުޅުބޮޑުވެ މޮޅީގެސާލެއް ތުރުކުރައްވައިގެންނެވެ. ނަމަވެސް އެކަލޭގެފާނު ކެތްތެރިކަމުންނާއި މާތް ﷲ އަށް ކުރައްވާ އިތުބާރުން ތަސައްލީ ހޯއްދެވިއެވެ.

ބައްޕާފުޅުވަނީ ފުން ހިތާމައެއްގައެވެ. އެކަލޭގެފާނަށް ރާހަތެއް ލިބެނީ ހަމައެކަނި ނަމާދުންނެވެ. އެކަމުގެ ސަބަބުން އެކަލޭގެފާނުގެ އީމާންކަމާއި ކެތްތެރިކަން އިތުރުވެއެވެ. އެތައް އަހަރެއްވަންދެން ޔޫސުފްގެފާނު ގެއްލުނު ކަންމައްޗަށް ކީރިތި ކުރައްވައިފިއެވެ. އަދު އެކަލޭގެފާނު ނުހަނު ލޯބިވާ އެހެން ޞާލިޙް ދަރިޔަކު އެކަލޭގެފާނުގެ ކިބައިން ޖަހައިގަނެވުނީއެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. ކުރިޔަށްވުރެ ކީރިތި ކުރެއްވުން އިތުރުވެއްޖެއެވެ. ނަތީޖާއެއްގެ ގޮތުން އެކަލޭގެފާނުގެ ލޯފުޅު ހުދުވެ ފެނުން ނިހާޔަތަށް ކޮށިވެއްޖެއެވެ.

"މާތް ﷲ ގަންދީ ބުނަމެވެ. ބައްޕަގެ ބަލި ޙާލު ބޮޑުވެއްޖައުމަށް ދާންދެން، ނުވަތަ މަރުވެފައިވާ މީހުންގެ ތެރެއިން ހިމެނިއްޖައުމަށް ދާންދެން، ޔޫސުފްގެ މަތިން ހަނދުމަކުރެއްވުމުގައި ބައްޕަ ފިލާނުދަމުއެވެ. ބައްޕާއެވެ. ބައްޕައަކީ މާތް ﷲ ގެ ކީރިތި ނަބިއްޔެއް އަދި ގަދަފަދަ ރަސޫލެކެވެ. ބައްޕަގެ މައްޗަށް ވަޙީ ބާއްވައިލެއްވެއެވެ. އަދި މީސްތަކުން ބައްޕަގެ އަރިހުން އީމާންކަމާއި ހިދާޔަތު ލިބިގަނެއެވެ. ތިޔަފަދަ ބޭކަލަކު މިފަދައިން އަމިއްލަ ނަފުސު ތިޔަ ހަލާކު ކުރައްވަނީ ކީއްވެގެންތޯއެވެ؟" އެކަލޭގެފާނުގެ އަރިހުގައިތިބި އެކަލޭގެފާނުގެ ބޭފުޅުން މިބީދައިން އެކަލޭގެފާނު ހިތާމަކުރެއްވުން ހުއްޓާލެއްވުން އެދި އާދޭސް ދަންނަވަމުން ދިޔައެވެ. ނަމަވެސް އެކަލޭގެފާނު އެމީހުންނަށް ދެއްވާ ޖަވާބު ސާދާއެވެ. "ބައްޕަ މޮޅިޔާއި، ހިތާމައިގެ ޝަކުވާ ދަންނަވަނީ ހަމައެކަނި ﷲ އަށެވެ. ބައްޕަގެ ހިތާމަޔަށް ތިޔަކުދިން ފާޑުކިޔުމަކުން، އެކަމަށްލުޔެއްނުވެއެވެ."

މިގޮތަށް ދުވަސްތަކެއް ވޭތުވެދިޔުމަށްފަހު އެކަލޭގެފާނު އެކުދިންނަށް ވިދާޅުވިއެވެ. "ބައްޕަ މިކުރާ ހިތާމައިގެ ނިމުމަކީ ބައްޕަގެ ހުރިހާ ކުދީން ބައްޕަގެ ގާތަށް އަނބުރާ އައުމެވެ. ދަރީންނޭވެ! ޔޫސުފާއި އޭނާގެ އަޚް ބިންޔާމީންގެ ޚަބަރެއްވޭތޯ ދާށެވެ! އަދި ﷲ ގެ ރަޙްމަތުން ތިޔަކުދިން އުންމީދު ކަނޑައިނުލާށެވެ. ކާފަރަކު ނޫނީ މާތް ﷲ ގެ ރަޙްމަތުން އުންމީދު ކަނޑައެއް ނުލާނެއެވެ."

މިޞްރަށް ދިޔުމަށް ގާފިލާ މިސްރާބު ޖަހައިފިއެވެ. ބިންތަކުގެ އިއްޒަތްތެރި ވެރިޔާގެ އަރިހަށްދާ އެއަޚުންވަނީ ނިކަމެތިވެ، ފަޤީރުވެ ނުތަނަވަސްވެފައެވެ.

މިޞްރަށް ދެވޭއިރަށް އެމީހުން ޔަހޫޛާއާ ބައްދަލުކުރިއެވެ. އަދި އޭގެ ދިހަ ބެއިން އެއްކޮށް މިޞްރުގެ ބިމުގެ ޚަޒާނާތަކުގެ އިއްޒަތްތެރި ވެރިޔާއާ ބައްދުލުކުރުމަށް ދިޔައެވެ.

ޔޫސުފްގެފާނާ ބައްދަލުވުމާއެކު އެމީހުން އެކަލޭގެފާނަށް ވެދުން ދެންނެވުމަށްފަހު،ދެންނެވިއެވެ.

"އޭ ބިމުގެ ޢިއްޒަތްތެރި ވެރިޔާއެވެ! އަޅުގަނޑުމެންނަށާއި އަޅުގަނޑުމެންގެ އަހުލުވެރިންނަށް ތަދުމަޑުކަން ޖެހިއްޖެއެވެ. އަޅުގަނޑުމެންއައީ ދެރަ މުދަލަކާއިގެންނެވެ. އަޅުގަނޑުމެންނަށް ފުރިހަމަގޮތުގައި މިނެދެއްވައި، އަޅުގަނޑުމެންނަށް ޞަދަޤާތްކުރައްވާށެވެ! ޞަދަޤާތްކުރާމީހުންނަށް މާތް ﷲ ހެޔޮ ޖަޒާ ދެއްވާނެއެވެ."

އާޚިރުގައި އެމީހުން ޔޫސުފްގެފާނުގެ އަރިހުގައި ސަލާން ޖެހިއެވެ. އެމީހުން އެކަލޭގެފާނުގެ ކިބައިން އެމީހުންނަށް ޞަދަޤާތް ކުރުމަށް އެދުނެވެ. މާތް ﷲ ޞަދަޤާތްދޭމީހުންނަށް ހެޔޮ ދަރުމަ ދެއްވާނެކަން ހަނދާންކޮށްދީގެން އެކަލޭގެފާނުގެ ހިތްޕުޅު މަޑުވޭތޯ މަސައްކަތްކުރިއެވެ. އެމީހުންނަށް ދިމާވެފައިވާ މިނާޒުކު ދަނޑިވަޅުގައި ޔޫސުފްގެފާނު އެމީހުންނަށް އެމީހުންގެ ރަށު ބަހުރުވައިން، ހަރުދަނާކަމާއެކު ވިދާޅުވިއެވެ.

"ތިޔަބައިމީހުންނަށް، ނޭނގިތިބި ހާލު، ޔޫސުފާއި އޭނާގެ އަޚާމެދު ކުރިކަންތައް ތިޔަބައިމީހުން ދެނެތިބީމު ހެއްޔެވެ؟"

އެމީހުން ހައިރާންވެ އަންތަރީސްވެފައިވާ ހާލު ޖަވާބުގައި ބުންޏެވެ. "ކަލޭގެފާނަކީ...!! ކަލޭގެފާނަކީ ޔޫސުފްތޯއެވެ؟"

 

(ނުނިމޭ)



[1] ސަރާކަވަން: ވަންހަ ހެޔޮ، ނަސަބު ރަނގަޅު

 

Comments