އަންގާރަ20201201

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތާރީޚް އެންމެ ރީތި ވާހަކަ (ހަތަރުވަނަ ބައި)

އެންމެ ރީތި ވާހަކަ (ހަތަރުވަނަ ބައި)

emme reetii  4 baiރާއަރުވާ މީހާ ޖަލުގެ ފާރަވެރިންނާއި ގަނޑުވަރުތެރޭ ބައެއް ބޮޑުންނާއެކު ހުރަގެއަށް ފޭބިއެވެ. އަދި ޔޫސުފްގެފާނާ ބައްދަލުކުރިއެވެ. އޭނާ ޔޫސުފްގެފާނަށް ދެންނެވިއެވެ. "އޭ ޔޫސުފެވެ! އޭ ތެދުވެރިޔާއެވެ! ރަސްގެފާނަށް ފެނިވަޑައިގަތް ހިކި ހަތްގެރި ވެގެން ކާ ފަލަ ހަތްގެރިއާއި ރޯ ހަތްކުރާގަނޑާއި ހިކި ހަތްކުރާގަނޑުގެ ހުވަފެނުގެ ތަޢުބީރު އަހަރެމެންނަށް އޮޅުންފިލުވައިދޭށެވެ! އެއީ އަހަރެން އެބޭފުޅުންގެ އަރިހަށް އެނބުރިގޮސް ކިޔައިދިނުމަށްޓަކައެވެ. އެއީ އެބޭފުޅުންނަށް އެކަން އެނގުމަށްޓަކައެވެ."

"ވިދިވިދިގެން ހަތް އަހަރުވަންދެން ތިޔަބައިމީހުން ރަނގަޅަށް ގޮވާންކުރާނެއެވެ. ތިޔަބައިމީހުން ކެއުމަށް ބޭނުންކުރާ މަދު އެތިކޮޅު ނޫނީ ތިޔަބައިމީހުން ކަނޑާ ގޮވާމެއް ކުރާގަނޑުގައި ބަހައްޓާށެވެ. ދެން އެއަށްފަހު ތަދުމަޑު ހަތް އަހަރު އަންނާނެއެވެ. ތިޔަބައިމީހުން ރައްކާކުރި މަދުއެތިކޮޅެއް ނޫނީ، އެއަހަރުތަކަށް ބަހައްޓާފައިހުރި ތަކެތި ތިޔަބައިމީހުން ކައިހުސްކުރާނެއެވެ. ދެން އެއަށްފަހު، މީސްތަކުންނަށް ވާރޭފެން ގިނައިން ލިބޭނެ އަހަރެއް އަންނާނެއެވެ. އަދި އެއަހަރުގައި އެމީހުން ދިޔަފެލާ ތަކެތިން ދިޔަފެލާނެއެވެ." ޔޫސުފްގެފާނު ވަރަށް ތަފްޞީލުކޮށް ހުވަފެންފުޅުގެ ތަޢުބީރާއި އެތަޢުބީރާއި ގުޅޭ ލަފައެއް ރާ އަރުވާ މީހާއަށާއި އޭނާއާ އެއްކޮށް އައި ފާރަވެރިންނާއި ގަނޑުވަރުތެރޭ ބޮޑުންނަށް ވިދާޅުވެދެއްވިއެވެ.

ރާއަރުވާ މީހާ ޔޫސުފްގެފާނަށް އިންތިހާޔަށް ޝުކުރުދެންނެވުމަށްފަހު އުފަލުންހުރެ ރަސްގެފާނުގެ އަރިހަށް މިޚަބަރައިގެން ގޮއްސިއެވެ. ރަސްގެފާނަށް ޔޫސުފްގެފާނުގެ ތަޢުބީރު އިވިވަޑައިގަތުމުން އޭގެ ފުރިހަމަކަމާއި ޔޫސުފްގެފާނު އެއާ ގުޅުވައިގެން ވިދާޅުވެދެއްވި ލަފައިގެ ޙިކުމަތްތެރިކަމާމެދު ހައިރާންވެވަޑައިގަތެވެ.

ރަސްގެފާނު ޢަޖާއިބުވެވަޑައިގަތެވެ. މި ހުވަފެން ތަޢުބީރުކޮށްދިނީ ކޮންފަދަ މާތް ބޭކަލެއްބާއެވެ؟ އޭނާއަކީ އެމާތް މަނިކުފާނުގެ ހުރަގޭގައި ހުންނަންވާވަރަށްވުރެ އަގުބޮޑު ބޭކަލެއްކަމުގައި ފެނިވަޑައިގެން ވަގުތުން ޔޫސުފްގެފާނު ޖަލުން މިނިވަންކޮށް އެމަނިކުފާނުގެ އަރިހަށް ގެނައުމަށް އަމުރުނެރުއްވިއެވެ. އަދި އެކަމަށް މަންދޫބެއް ޢައްޔަންކުރައްވާ އޭނާއަށް ވިދާޅުވިއެވެ. "ކަލޭ ތިމަންމަނިކުފާނުގެ އަރިހަށް އެކަލޭގެފާނު ގެންނާށެވެ." ލަހެއް ފަހެއްނުވެ ރަސްގެފާނުގެ މަންދޫބު އެކަލޭގެފާނު މިނިވަންކުރުމަށް ދިޔައެވެ.

ނަމަވެސް ޔޫސުފްގެފާނު އޭނާ އައިބޭނުމަށް ފުރަގަސްދެއްވައި ވިދާޅުވިއެވެ. "ތިބާގެ ސާހިބުމީހާ، ރަސްގެފާނުގެ އަރިހަށް އެނބުރި ދާށެވެ! އަދި އެމަނިކުފާނުގެ އަރިހުން އެކަނބަލުންގެ އަތްތައް ކޮށްޓަވައިލެއްވި ކަނބަލުންނާމެދު ސުވާލު ދަންނަވާބަލާށެވެ. އަޅުގަނޑުގެ ވެރިރަސްކަލާނގެ އެކަނބަލުންގެ މަކަރުވެރިކަން މޮޅަށް ދެނެވޮޑިގެންވެއެވެ." އޭނާ ކުރުނުކޮށް އެކަލޭގެފާނުގެ އަރިހުން އޭނާއާއެއްކޮށް ރަސްގެފާނުގެ އަރިހަށް ވަޑައިގަތުމަށް ދެންނެވިއެވެ. ނަމަވެސް އެކަލޭގެފާނު އެކަލޭގެފާނުގެ މަޢުޞޫމްކަން ސާބިތުވަންދެން ހުރަގެއިން ނުކުމެވަޑައިގަތުމަށް އިންކާރުކުރެއްވިއެވެ. ޔޫސުފްގެފާނާ ބެހޭގޮތުން ފެތުރިފައިވާ އަޑުތަކުގެ ސަބަބުން ފަހަރެއްގައި މީހުންނަށް ޔޫސުފްގެފާނު ހުރަގެޖެއްސެވުނީ ނުބައި ޖަރީމާއެއް ހިންގަވައިގެން ކަމަށް ހީވެދާނެއެވެ. ނުވަތަ ޔޫސުފްގެފާނު އެކަނބަލުންގެ އަތްތައް ޒަޚަމްކުރެއްވީ ކަމަށް ހީވެދާނެއެވެ. ނުވަތަ އެކަނބަލުންގެ އިއްފަތްތެރިކަން ފޭރިވަޑައިގަތީކަމަށް ހީވެދާނެއެވެ. ނުވަތަ އޭގެ އިތުރުންވެސް އިތުރު ތުހުމަތެއް އެކަލޭގެފާނާމެދު ކުރެވިފައި އޮވެދާނެއެވެ.

ކޮންމެއަކަސް އެމަންދޫބަށް އަނބުރާ ރަސްގެފާނުގެ އަރިހަށް ދާންޖެހުނީ ޔޫސުފްގެފާނު ނުލައެވެ. ރަސްގެފާނު އެމަންދޫބާމެދު ކޯފާ އިސްކުރައްވައި ވިދާޅުވިއެވެ. "ޔޫސުފްގެފާނު ކޮބައިހެއްޔެވެ؟ ތިމަންމަނިކުފާނު އެކަލޭގެފާނު ޙާޟިރުކުރުވުމަކަށް ތިޔަ މަންދޫބަށް އަމުރުނުކުރައްވަމު ހެއްޔެވެ؟" އެމަންދޫބު އިސްޖަހައިގެން ހުރެ ރަސްގެފާނަށް ދެންނެވިއެވެ. "އެކަނބަލުންގެ އަތްތައް ކޮށްޓެއްވި ކަބަލުންނާމެދު އެކަލޭގެފާނުގެ މަޢުޞޫމްކަން ސާބިތުވަންދެން ޖަލުން ނުކުމެވަޑައިގަތުމަށް އެކަލޭގެފާނު އިންކާރުކުރައްވައެވެ."

ރަސްގެފާނު ވަގުތުން އަމުރު ނެރެއްވިއެވެ. "ދައުލަތުގެ ވަޒީރުންގެ އަނބިއަނބިކަނބަލުންނާއި އިސްވަޒީރުގެ އަނބިކަނބަލުން ހަމަ މިހާރު މިދަރުބާރަށް ޙާޟިރުކުރުވާށެވެ!" ރަސްގެފާނަށް ޔޫސުފްގެފާނަށް އަނިޔާއެއް ވެފައިވާހެން ހީފުޅުވިއެވެ. ނަމަވެސް އެއީ ސީދާ ކިހިނެއްކަމެއް އެނގިވަޑައެއްނުގަންނަވައެވެ.

ރަސްގެފާނު އަމުރުކުރެއްވުމާއެކު ގަނޑުވަރުގެ ޚާދިމުންނާއި ސިފައިން އެއަމުރު ތަންފީޒުކުރުމަށް އަވަސްވެގަތެވެ. އިސާހިތަކު އިސްވަޒީރުގެ އަނބިކަނބަލުން، ޒުލައިޚާއާއި ދައުލަތުގެ ވަޒީރުންގެ އަނބިއަނބިކަނބަލުން ދަރުބާރަށް ޙާޟިރުވެއްޖެއެވެ. ރަސްގެފާނު އެކަނބަލުންނާ ސުވާލުކުރެއްވިއެވެ. "ތިޔަކަނބަލުންނާއި ޔޫސުފްގެފާނުގެ ވާހަކައަކީ ކޮބައިހެއްޔެވެ؟ އެކަލޭގެފާނާމެދު ތިޔަކަނބަލުންނަށް އެނގިވަޑައިގަންނަވަނީ ކޮންވާހަކައެއް ހެއްޔެވެ؟ ތެދެއްތަ؟ އެކަލޭގެފާނު..."

ރަސްގެފާނަށް މިހާހިސާބަށް ވިދާޅުވޭއިރަށް އެއިގެތެރެއިން ކަނބަލަކު ރަސްގެފާނުގެ ވާހަކަފުޅު މެދުކަނޑާލެއްވުމަށްފަހު ކުއްލިއަކަށް ވިދާޅުވިއެވެ. "ﷲ ގެ ހުސްޠާހިރުވަންތަކަމާއެވެ!"

ދެވަނަ ކަނބަލަކު ކުރިން ވާހަކަދެއްކެވި ކަމަނާއަށް އެހެންއެވިދާޅުވީ ކީއްވެގެންކަން ބަޔާންކޮށްދެއްވަމުން ވިދާޅުވިއެވެ. "އެކަލޭގެފާނުގެ އަރިހުން އެއްވެސް ނުބައިކަމެއްވާ ކަމަކަށް އަޅުގަނޑުމެން ނުދަންނަމެވެ."

"އެކަލޭގެފާނަށް ލިބިވަޑައިގަންފައިވަނީ މަލާއިކަތުންގެ މަޢުޞޫމްކަމެވެ." އިތުރު ކަނބަލަކު އެކަލޭގެފާނަށް ތަޢުރީފުކުރައްވަމުން ވިދާޅުވިއެވެ.

އެކަނބަލުންނަށް ކަންވީގޮތް އެނގިވަޑައިގަންނަވާތީ ޒުލައިޚާއާ ދިމާއަށް ބައްލަވަމުންދިޔައެވެ. ރަސްގެފާނަށްވެސް މިކަމުގެ ޙަޤީޤަތް އެނގިވަޑައިގަންނަވަނީ ޒުލައިޚާއަށްކަން ޝައްކުވެވަޑައިގަންނަވާތީ އެކަމަނާއަށް ކަޅިއެއް އެއްލެވިއެވެ. ރަސްގެފާނު އެކަމަނާ ފެނިވަޑައިގަތުމުން ހައިރާންވެވަޑައިގަތެވެ. ކުރިން ހަފްލާތަކުގައި ހިނިވަރުވަކުރައްވަމުން، ފަތަރާސީކަމާއެކު މީސްމީހުންގެ ސަމާލުކަން އަތުލައްވަމުން ވަޑައިގެންނެވި ޗާލު ކަމަނާއަށް އަދުވެފައިމިވަނީ ކީއްހެއްޔެވެ؟ އެކަމަނާގެ އޮމާން މޫނުފުޅަށްވަނީ ރޫޖެހި ހަންގަނޑު ހިކިފައެވެ. އެކަމަނާގެ ރޫފަހެޔޮ ތުނި ހަށިކޮޅުވަނީ އަނަރޫފަވެފައެވެ. އެމަނިކުފާނުގެ އިސްވަޒީރުގެ އަނބިކަމަނާއަށް މިވީ ކިހިނެއް ހެއްޔެވެ؟

ހިތްތައް އެފުށްމިފުށަށް ޖައްސަވާ އިލާހުގެ ކުޅަދުންވަންތަކަމާއެވެ. ޒުލައިޚާ ދެން ވިދާޅުވި ބަސްފުޅު ވިދާޅުވީކީ ރަސްގެފާނުދެކެ ބިރުފުޅުންނެއް ނޫނެވެ. އަދި އެތާ ޙާޟިރުވެތިއްބެވި ކަނބަލުންނަށް ޙަޤީޤަތް އެނގިވަޑައިގަންނަވާތީ އެކަނބަލުން އެކަމަނާ ފަޟީޙަތްކޮށްލައްވާފާނެތީ އެއްވެސް ނޫނެވެ. ޒުލައިޚާ ވިދާޅުވިއެވެ. "މިހާރު ޙައްޤު ތެދު ފާޅުވެއްޖެއެވެ. އެކަލޭގެފާނުގެ ކިބައިން ނުބައިކަމަކަށް އެދުނީ އަޅުގަނޑެވެ. އަދި އެކަލޭގެފާނުވަނީ ތެދުވެރިންގެ ތެރެއިންނެވެ." އެކަމަނާ މިހެން މިވިދާޅުވީ އަދިވެސް އެކަމަނާގެ ހިތްޕުޅުގައި ޔޫސުފްގެފާނުގެ ހަނދާންތައް ވާތީއެވެ. އެކަލޭގެފާނު ނަހަމައިން ޖަލަށް ލެއްވުނީތީ އެކަމަނާ ކަރުނަ ނާޅުއްވާ ދުވަހެއް އޭގެ ފަހަކުން ނުދެއެވެ. ޚަލްޤުތަކުގެ ތެރެއިން އެފަރާތަކާމެދު އެކަމަނާ ހަމައެކަނި އަޅާލައްވާ ޚަލްޤަކީ ޔޫސުފްގެފާނެވެ. އަދި މިފަދައިން އެކަލޭގެފާނަށް އެކަލޭގެފާނުގެ ޣައިރު ޙާޟިރުގައި އެކަމަނާ ކެއްސެއް ނުދެއްވާކަން އެންގެވުމަށްޓަކައި އެކަލޭގެފާނުގެ ކުށެއްނެތްކަން ހާމަކުރެއްވިއެވެ.

ރަސްގެފާނު ޔޫސުފްގެފާނަށް އެކަލޭގެފާނުގެ ކުށެއްނެތްކަން ސާބިތުވެއްޖެކަމަށް އަންގަވައި އެކަލޭގެފާނަށް ރަސްކަމުގެ ދަރުބާރަށް ވަޑައިގަތުމަށް އަމުރުނެރުއްވިއެވެ. އަދި މިކަން ކުރުމަށް ކުރިންވެސް ޔުސުފްގެފާނުގެ އަރިހަށް ފޮނުއްވެވި މަންދޫބު ޢައްޔަންކުރެއްވިއެވެ. ރަސްގެފާނު އޭނާއަށް އެންގެވިއެވެ. "އެކަލޭގެފާނު ތިމަންރަސްގެފާނުގެ ޚިދުމަތަށް ޚާއްޞަކުރުމަށްޓަކައި ތިމަންރަސްގެފާނުގެ އަރިހަށް ގެންނާށެވެ!"

ރަސްގެފާނުގެ މަންދޫބު ޔޫސުފްގެފާނުގެ އަރިހަށް ހުރަގެއަށް ފޭބިއެވެ. އޭނާ އެކަލޭގެފާނަށް އެކަލޭގެފާނުގެ އެއްވެސް ކުށެއް ނެތްކަން ސާބިތުވެއްޖެކަމާއި ރަސްގެފާނުގެ އަމުރުފުޅާ ބެހޭގޮތުން ޚަބަރުދިނެވެ. އަދި އެއަށްފަހު އޭނާ އެކަލޭގެފާނަށް ސުވާލެއް ދެންނެވިއެވެ. "ކަލޭގެފާނު ތަކުރާރުކޮށް ކަލޭގެފާނުގެ ކުށެއް ނެތްކަން ސާބިތުވަންދެން ޖަލުން ނުކުމެ ވަޑައިގަތުމަށް އިންކާރު ކުރެއްވީ ކީއްވެގެންތޯއެވެ؟ ރަސްގެފާނު ކަލޭގެފާނަށް ފުރުތަމަ ވިދާޅުވިއިރު ވަޑައިނުގަންނަވައި ތަޙްޤީޤަކަށް އެދިވަޑައިގަތީ ކީއްވެގެންތޯއެވެ؟" ޔޫސުފްގެފާނު ޖަވާބުގައި ވިދާޅުވިއެވެ. "އެއީ އަޅުގަނޑު ޣައިބުގައި ޢަޒީޒަށް ޚިޔާނަތްތެރިނުވާކަމާއި، އަދި ޚިޔާނަތްތެރިންގެ މަކަރުވެރި ރޭވުން މާތް ﷲ ފަހިކޮށް ނުދެއްވާނެކަން އެމަނިކުފާނަށް އެނގުމަށްޓަކައެވެ. އަދި އަޅުގަނޑުގެ ނަފްސުވެސް އެތުހުމަތުން ބަރީއައެއް ނުކުރަމެވެ. ހަމަކަށަވަރުން ނަފްސަކީ، އަޅުގަނޑުގެ ވެރިރަސްކަލާނގެ ރަޙްމަތްލައްވައިފިނަމަ މެނުވީ، ނުބައިކަންތަކަށް އަބަދުވެސް އަމުރުކުރާ އެއްޗެކެވެ. އަޅުގަނޑުގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ."

މަންދޫބު ޔޫސުފްގެފާނު ރަސްގެފާނުގެ ދަރުބާރަށް ގެންދެވިއެވެ. ރަސްގެފާނަށް ޔޫސުފްގެފާނު ފެނިވަޑައިގަތުމުން މިއީ އާދައިގެ ބޭކަލެއް ނޫންކަން އިޙްސާސްވެ ވަޑައިގަތެވެ. ރަސްގެފާނަށް ޔޫސުފްގެފާނުގެ މަތިވެރި ޞިފަފުޅުތައް ފެނިވަޑައިގަތެވެ. ރަސްގެފާނު ޔޫސުފްގެފާނާ ވާހަކަފުޅުދެއްކެވީ ރަސްގެފާނުގެ މާދަރީބަސްފުޅުންނެވެ. ޔޫސުފްގެފާނަކީ އެބަހަށާއި އެޤައުމަށްވެސް ބީރައްޓެހި ބޭކަލަކަށްވާއިރުވެސް ޖަވާބުދެއްވާލެއް ފަޞާޙަތްތެރިކަމާއި ބަލާޣަތްތެރިކަމުން ރަސްގެފާނަށް ޔޫސުފްގެފާނުގެ މުޘައްޤަފުކަމާއި ޢިލްމުވެރިކަން އެނގިވަޑައިގަތެވެ.

ދެކެވެމުން ދިޔަ ވާހަކައިގެ މިސްރާބު ރަސްގެފާނަށް ފެނިވަޑައިގަތްހުވަފެންފުޅާ ދިމާއަށް އެނބުރުނެވެ. ޔޫސުފްގެފާނު އަންނަން އޮތް ތަދުމަޑު އަހަރުތަކަށް ތައްޔާރުވުމަށް ރަސްގެފާނަށް ލަފާދެއްވިއެވެ. އަދި މިތަދުމަޑުކަން ކުރިމަތިވާނީ ހަމައެކަނި މިޞްރަށް ނޫންކަމަށާއި ކައިރި އެހެން ބިންތަކާއި ރަށްތަކަށްވެސް މި ތަދުމަޑުކަމުގެ އަސަރު ފޯރާނެކަން ބަޔާންކޮށްދެއްވިއެވެ.

ރަސްގެފާނަށް ޔޫސުފްގެފާނުގެ ޤާބިލްކަމާއި ޢިލްމުވެރިކަން ފެނިވަޑައިގަތުމުން އެކަލޭގެފާނަށް މަތީ މަޤާމެއް ހުށަހެޅުއްވިއެވެ. ރަސްގެފާނު ވިދާޅުވިއެވެ. "ކަލޭގެފާނީ، މިއަދު ތިމަންރަސްގެފާނުގެ އަރިހުގައި އިތުބާރުކުރެވޭ އަމާނަތްތެރިޔަކީމުއެވެ." ޔޫސުފްގެފާނު ވިދާޅުވިއެވެ. "މިޞްރުގެ ބިމުގެ ޚަޒާނާތަކުގެ ވެރިޔަކަށް އަޅުގަނޑު ލައްވާށެވެ! އަޅުގަނޑަކީ އެއަށް ރައްކާތެރިވާ، އެއާބެހޭ ކަންތައްތައް ދަންނަ މީހަކީމެވެ." އެކަލޭގެފާނު މިމަޤާމު ޚިޔާކުރެއްވީ އެއްވެސް ހާލެއްގައި އަމިއްލަ ފައިދާގަނޑެއް ހޯއްދަވާކަށް ނޫނެވެ. ނަމަވެސް އެކަލޭގެފާނު މިމަޤާމު ޚިޔާކުރެއްވީ، ހަތްއަހަރު ވަންދެން ބަނޑުހައިހޫނުކަން ތަޙައްމަލްކުރަމުން ގެންދާނެ ޤައުމުތަކަކަށް އެހީތެރިވެވަޑައިގެން އިންސާނިއްޔަތަށް ޚިދުމަތްކޮށްދިނުމުގެ މާތް މަޤްޞަދުގައެވެ.

އެކަލާނގެ އެކަލާނގެ އަޅާގެ ކެތްތެރިކަމުގެ ދަރުމަ ދުނިޔޭގައި ދެއްވިގޮތް ބައްލަވާށެވެ! ޖަލުގައި ނިކަމެތިކުރެވި ދެރަކޮށްލެވި ހިތްދަތިކަން އިޙްސާސްކުރެއްވިއެވެ. ނަމަވެސް އަދު އެކަލާނގެ ރަޙްމަތްފުޅުގެ އަރާމުކަން އިޙްސާސްކުރައްވަނީއެވެ. ވިސްނަވާށެވެ. އެކަލޭގެފާނު ޖަލަށް ނުލެވުނުނަމަ އެމަތިވެރި މަޤާމެއް ނުލިބުނީހެވެ. ޒުލައިޚާ ހިތްޕުޅުން އެކަލޭގެފާނު އެވައްޓާލެވުނީ އަރައިވަޑައިނުގެންނެވޭނޭފަދަ ފުން ވަޅުގަނޑަކަށެވެ. ނަމަވެސް މާތް ﷲ ގެ ރަޙްމަތްފުޅުން އަދު އެހުންނެވީ ކުރިއަށްވުރެވެސް އުހުގައެވެ. އެހެނީ ކޮންމެ ޢިލްމުވެރިޔެއްގެ މައްޗަށް ހުރިހާކަމެއް މޮޅަށް ދެނެވޮޑިގަންނަވާ ކަލާނގެ ވޮޑިގެންވެއެވެ. އެކަލާނގެ ތަޤްދީރުގެ ފުރިހަމަކަމާއެވެ. ތަދްބީރުގެ މޮޅުކަމާއެވެ.

ޒަމާނުގެ ބުރަފަތި އެނބުރެމުން ދެއެވެ. ތިޔާގިކަމުގެ ހަތްއަހަރުގައި ގޮވާންކުރުމާއި ގޮވާންކެނޑުމާއި ގޮވާން ރައްކާކުރުމުގެ ކަންކަން ހިންގަމުންދިޔައީ ޔޫސުފްގެފާނުގެ ބެއްލެވުމުގެ ދަށުންނެވެ. އެއާ ޖެހިގެންއައި ހަތްއަހަރު މުޅި އެސަރަޙައްދަށް، ޔޫސުފްގެފާނުގެ އަމިއްލަ ޤައުމުކަމުގައިވާ ކަންޢާނަށްވެސް، ބަނޑުހައިހޫނުކަމާއި ތަދުމަޑުކަން ފެތުރިގެން ދިޔައެވެ. ރަސްގެފާނުގެ ބިމުގައި ގޮވާން ގިނަ ޢަދަދަކަށް ރައްކާކުރެވިފައިވުމާއެކު، ކައިރި ދަތި ޤައުމުތަކަށް އެކަށޭނަ އަގެއްގައި ގޮވާން ވިއްކުމަށް ޔޫސުފްގެފާނު އެމަނިކުފާނަށް ލަފާއެރުވިއެވެ. ރަސްގެފާނު މިލަފައާމެދު ރުހިވަޑައިގަތެވެ. އަދި އެސަރަޙައްދުގައި މިއުފާވެރި ޚަބަރު ފެތުރިގެން ދިޔައެވެ.

މިޚަބަރު ލިބިވަޑައިގަތުމާއެކު ޔަޢުޤޫބްގެފާނު، ބިންޔާމީން ފިޔަވައި އެކަލޭގެފާނުގެ ދެންތިބި ދަރީން މިޞްރަށް ކޮއްތު ގަތުމަށް ފޮނުއްވެވިއެވެ. މިޞްރު ބަސް ނުދަންނަ ބީރައްޓެހި ދިހަ ބެއިން މާދުރު ހިސާބަކުން އައިސްއުޅޭ ވާހަކަ ޔޫސުފްގެފާނަށް އިވިވަޑައިގަތެވެ. އެމީހުން އެމީހުން ބޭނުންވާ ކޮއްތު ގަތުމަށް ޔޫސުފްގެފާނުގެ އަރިހަށް ދިޔުމާއެކު ޔޫސުފްގެފާނަށް ވަގުތުން އެއީ އެކަލޭގެފާނުގެ އެއްބަފާ އަޚުންކަން އެނގިވަޑައިގެންނެވިއެވެ. ނަމަވެސް އެކަލޭގެފާނުގެ ބޭބޭއިންނަށް އެއީ އެކަލޭގެފާނުކަމެއް ނޭނގުނެވެ. އެނގޭނީވެސް ކިހިނަކުންތޯއެވެ؟ އެމީހުންގެ ހިތުން ޔޫސުފްގެފާނުވަނީ މީގެ އެތައް އަހަރެއްކުރިން ފުން އަނދިރި ވަޅުގަނޑަކަށް އެއްލާލެވި ގެއްލިފައެވެ.

ޔޫސުފްގެފާނު އެމީހުންނަށް ވިދާޅުވީ ހޫނު މަރުހަބާއެކެވެ. އެމީހުންނަށް އެމީހުންގެ ކޮއްތު ފޯރުކޮށްދެއްވުމަށްފަހު އެމީހުން އައީ ކޮންތާކުންތޯ ސުވާލުކުރެއްވިއެވެ. އެމީހުން ޖަވާބުގައި އެކަލޭގެފާނަށް ދެންނެވިއެވެ. "އަހަރެމެންނަކީ މަތިވެރި ނަބީބޭކަލެއްގެ އެގާރަ ބެއިންނެވެ. އަހަރެމެންގެ ތެރެއިން އެންމެ ހަގަށްހުރި ކޮއްކޮ އަހަރެމެންގެ މުސްކުޅި ބައްޕައަށް އަތްގާތްކޮށްދޭން ގޭގައި މަޑުކުރީއެވެ."

މިވާހަކަ އިވިވަޑައިގަތުމުން ޔޫސުފްގެފާނުގެ ދެލޯފުޅު ކަރުނައިން ފުރުނެވެ. ކަންޢާނާއި އެކަލޭގެފާނުގެ ލޮބުވެތި މައިންބަފައިންނާއި ކޮއްކޯފުޅު ބިންޔާމިން ދުށުމުގެ އެދުން ހިތްޕުޅުތެރޭ އުތުރި އަރައިގަތެވެ. "ތިއީ ތެދުވެރީން ހެއްޔެވެ؟" އެކަލޭގެފާނު ސުވާލުކުރެއްވިއެވެ.

އެމީހުން ނުހަނު ނުތަނަވަސްކަމާއެކު ޖަވާބުގައި ދެންނެވިއެވެ. "އަހަރެމެން ކަލޭގެފާނަށް ދޮގެއް ހަދަންވީ ކީއްވެ ހެއްޔެވެ؟"

"ތިޔަބައިމީހުން ތިބުނަނީ ތެދުކަމުގައިވާނަމަ، ތިޔަބައިމީހުން ދޫކޮށްފައި އައި ތިޔަބައިމީހުންގެ އެއްބަފާ އަޚު ތިމަންކަލޭގެފާނުގެ އަރިހަށް ގެންނާށެވެ! ތިމަންކަލޭގެފާނު ހަމަޔަށް މިނެދެއްވާކަމާއި، ތިމަންކަލޭގެފާނީ، އެންމެ ހެޔޮގޮތުގައި މެހެމާނުންނަށް ކަމޭހިއްތަވާ ފަރާތެއްކަން ތިޔަބައިމީހުން ނުދެކެމު ހެއްޔެވެ؟" އެކަލޭގެފާނު އެކަލޭގެފާނުގެ ވާހަކަކޮޅު ނިންމަވާލެއްވީ އިންޒާރަކާއެކުވެ. "ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ އަރިހަށް އޭނާ ނުގެނެސްފިނަމަ، ތިމަންކަލޭގެފާނުގެ އަރިހުން ތިޔަބައިމީހުންނަށް މިނެދިނުމެއް ނެތެވެ. އަދި ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ އަރިހަށް ނާންނާށެވެ!"

އެކަލޭގެފާނުގެ މިއަމުރުފުޅަށް އެމީހުންގެ ލޮލާއި ބޮލުން ކިޔަމަންވާނެކަމުގެ ޔަޤީންކަން އެކަލޭގެފާނަށް އެމީހުން އެރުވިއެވެ. އެމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. "އޭނާގެ ބައްޕަގެ އަރިހުން އޭނާ ގެނެވޭތޯ އަހަރެމެން ގަދައަޅާ މަސައްކަތް ކުރާނަމެވެ. އަހަރެމެން އެކަން ކުރާނަމެވެ!"

އެމީހުން އަނބުރާ އައުމަށް ބާރުއެޅުއްވުމުގެ ގޮތުން އެކަލޭގެފާނު ކަމެއް ރޭއްވެވިއެވެ. އެކަލޭގެފާނު އެކަލޭގެފާނު ގެންގުޅުއްވާ ޚާދިމަކަށް ވިދާޅުވިއެވެ. "އެމީހުން އަގަކަށް ގެނައި މުދާ އެމީހުންގެ ތަކެތީގެ ތެރެޔަށް ލާށެވެ. އެއީ އެމީހުންގެ އަހުލުންގެ ގާތަށް އެނބުރިދާހިނދު، އެކަން އެމީހުންނަށް އެނގުމަށްޓަކައެވެ. އެއީ އެމީހުން ތިމަންކަލޭގެފާނުގެ އަރިހަށް އެނބުރި އާދޭތޯއެވެ." އެކަލޭގެފާނު މިހެން ހެއްދެވުމުގެ ބޭނުމަކީ ގޮވާން ގަތުމަށް ބޭނުންވާ މުދާ ނެތިގެން އެމީހުންނަށް ނައިސް ތިބުމުގެ ޢުޒުރު ނުދެއްވުމެވެ. ކަން ވާނީ އެކަލޭގެފާނު ބޭނުންވެވަޑައިގަންނަވާ ގޮތަށް ބާއެވެ..؟


(ނުނިމޭ)ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.