ހޯމަ20180910

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތާރީޚް އެންމެ ރީތި ވާހަކަ (ދެވަނަ ބައި)

އެންމެ ރީތި ވާހަކަ (ދެވަނަ ބައި)

qis10އެމީހާ އެބާލިދީ ނަގަން ފެށިއެވެ. އަދި އާދަޔާ ޚިލާފަށް ބަރުހެން ހީވެގެން ވަޅަށް ބޯދިއްކޮށްލިއެވެ. އޭނާއަށް ފެނުނު މަންޒަރުގެ ސަބަބުން އޭނާ ސިހިގެންދިޔައެވެ. ބާލިދީގެ ވާފަށުގައި އެލިގެން އެއޮތީ މީހެކެވެ. އޭނާ ވާފަށް އަތުން ދޫވެގެން ނުދާނެހެން ބާރަށް ހިފާހައްޓާލުމަށްފަހު އޭނާގެ ދަތުރުގެ ބައިވެރިންނަށް ގޮވާލިއެވެ. "ޔާރުންނޭވެ! އަހަންނަށް އަތް ގާތްކޮށްލާދޭށެވެ! މިވަޅުން އަހަންނަށް ބޮޑުވެގެންވާ ޚަޒާނާއެއް ފެނިއްޖެއެވެ.  އޭހުރި އުފަލެއްގެ ބޮޑުކަމާއެވެ! މިހުރީ ކުޑަ ފިރިހެން ކުއްޖެކެވެ."

އޭނާގެ ބައިވެރިން ވަޅުގެ ކައިރިއަށް ލެފިލައި އޭނާއަށް ވާފަށުގައި އެލިގެން އޮތް ބީރައްޓެހި ކުއްޖާ ނެގުމުގައި އެހީތެރިވެދީ އެއެންމެން ވެގެން އެކުއްޖާ ވަޅުން ނެގިއެވެ. އެމީހުންގެ ކުރިމަތީގައި ހުއްޓި އެހުންނެވީ ސަމައްތަރު ހެޔޮ ނަޔާ ޒުވާނެކެވެ. އެކަލޭގެފާނުގެ މޫނުމަތި އުޖާލާ ކޮށްދީފައިވަނީ ނިއަނެތި ހިނިތުންވުމެކެވެ. އެމީހުންނަށް ފެނުނީ އެޒުވާނާ އަގުބޮޑު މުދާގަނޑެއްގެ ގޮތުގައެވެ. އެހެނީ އެމީހުންނަށް މުހިންމީ ހަމައެކަނި ފައިސާއާއި މުދަލެވެ. ވަގުތުން ޔޫސުފްގެފާނުގެ ދެފައިންޕުޅުގައި ހިލިހިލާ އަޅުވައި އެމީހުންނާ އެއްކޮށް އެކަލޭގެފާނުގެ ލޯބިވާ ކަންޢާނުން ނެރެ މިޞްރަށް ގެންދިޔައެވެ.

މިޞްރުގެ މުޅި އެޝަހަރުގައި އެކީއެކެއްޗަކަށް ފެތުރިގެން ދިޔައީ އެޚަބަރެވެ. އާދަޔާ ޚިލާފަށް ރީތީ، ޖާނުން ވަރުގަދަ އަޅަކު ނީލަމުގައިވާ ވާހަކައެވެ. މީހުން ޖަމާޢަތް ޖަމާޢަތަށް އަޅުންގެ ބާޒާރަށް ޖަމާވަމުން ދިޔައެވެ. އޭގެތެރެއިން ބަޔެއް މީހުންނަކީ ނީލަމުގައި މިއަޅުމީހާއާމެދު ކަންހިނގާ ގޮތުގެ ކުޅި ސަމާ ދެކެލުމަށް ގޮސްތިބި މީހުންނެވެ. އަނެއް ބަޔަކީ ނީލަމުގައި ބައިވެރިވާން އައިސްތިބި މުއްސަނދި މަހުޖަނުންނާއި އަޝްރާފުންނެވެ. އެރީތި މުދާގަނޑު ދެކިލުމަށް އެމީހުން ބޯދިއްކޮށްކޮށްފައި އުޅެއެވެ. އަދި އެކަކު އަނެކަށްވުރެ މަތީ އަގެއް ކިޔަމުންދެއެވެ. ނީލަމުގެ ފޯރި ގަދަވަމުން ދިޔަ ވަރަކަށް ނީލަން ގޮވާ ކަލޭގެ ހިތުގައި ލިބޭނެ ފައިދާގަނޑާމެދު އުންމީދު އާލާވަމުންދިޔައެވެ. އެންމެ ފަހުން މިޞްރުގެ އިސް ވަޒީރު، ޢަޒީޒު އެހެންމީހުންނަށްވުރެ ބޮޑު އަގެއް ކިޔުއްވައި އެކަލޭގެފާނު ބައްލަވައިގަތެވެ. އަދި އެމަނިކުފާނާއެކު އެމަނިކުފާނުގެ ގަނޑުވަރަށް އެކަލޭގެފާނު ގެންދެވިއެވެ.

ޔޫސުފްގެފާނު އަޅުވެތިކަމުގެ ކަސްތޮޅުގައި ހަމަރަނގަޅަށް ހައްޔަރުވެނިމިއްޖެއެވެ. އެހެނީ، އެކަލޭގެފާނުގެ ލޯބިވާ ބައްޕާފުޅާ ވަކިކޮށްލެއްވި ވަޅަށް އެއްލައިލެވުނެވެ. އަދި ވަޅުން ނެގެވި، އަޅެއްގެ ގޮތުގައި ބާޒާރުގައި މިޞްރުގެ އިސް ވަޒީރު، ޢަޒީޒަށް ވިއްކާލެވި އެމަނިކުފާނުގެ މިލްކަކަށް ވެއްޖެއެވެ. މިހާރު އެކަލޭގެފާނު އެގެންދެވެނީ އެމަނިކުފާނުގެ ގަނޑުވަރަށެވެ. ޔޫސުފްގެފާނަށް މުޞީބާތްތައް ކުރިމަތިވަމުންއައީ އެކަލޭގެފާނަކީ އާދައި މީހަކުނަމަ ކޮޅުނެއްކޮޅަށް ނާއުއްމީދުވެވަޑައިގަންނަވާނޭހާ ފަދައިން ފުލުފުލުންނެވެ.

އަޅުގަނޑުމެންނަށް މުޞީބާތްތަތަކާއި ތުހުމަތްތަކެއްގެ ގޮތުގައި ފެންނަ މިކަންތައްތަކަކީ މަތިވެރިކަމުގެ ހަރުގަނޑުގައި ޔޫސުފްގެފާނުގެ ފުރަތަމަ ހަރުފަތެވެ. ކަންކުރެއްވުމުގައި މާތް ﷲ ބާރުވެތިވެވޮޑިގެންވެއެވެ. އެހެންމީހުން ރޭވުންތައް ރާވައި ކުރިޔަށް ގެންދަމުންދާއިރު އެކަލާނގެ ފުރިހަމަ ތަދުބީރު ހިނގަ ހިނގާ ހުރެއެވެ. އަދި މިފަދައިން އެހެންމީހުންގެ ރޭވުންތައް ނާކަމިޔާބު ކުރައްވައި އެކަލާނގެ ވަޢުދުފުޅު ފުރިހަމަ ކުރައްވައެވެ. މާތް ﷲ ޔޫސުފްގެފާނަށް ނަބީކަން ދެއްވާނެކަމަށް ވަޢުދުވެވޮޑިގެންވެއެވެ. އެކަލޭގެފާނު ބައްލަވައިގަތް މިޞްރުގެ އިސް ވަޒީރުގެ ހިތްޕުޅަށް އެކަލޭގެފާނުގެ މައްޗަށް ކުލުނު ލެއްވިއެވެ. މިއިޝާރާތްކުރާ މީހަކީ އާދައިގެ މީހެއް ނޫނެވެ. މިއީ މިޞްރުގެ ގަނޑުވަރުތެރޭ ބާރުވެރި ޢިއްޒަތްތެރިއެކެވެ.

މިސަބަބަށްޓަކައި އިސް ވަޒީރު އޭނާގެ އަޢުވާނުންނަށް ޔޫސުފްގެފާނުގެ ދުޅަވެފައިވާ ދެފައިންޕުޅުގައި އަޅުވާފައިވާ ހިލިހިލާތައް ނައްޓާލުމަށް އެންގެވުމުން އެކަލޭގެފާނަށް ހިތްހަމަޖެހިވަޑައިގަތުމާއެކު ކުއްލި ހައިރާންކަންވެސް ލިބިވަޑައިގަތެވެ. އަދި އެމަނިކުފާނު ޔޫސުފްގެފާނަށް ކުރައްވާ އިތުބާރާމެދު ޚިޔާނަތްތެރި ވެވަޑައިނުގަތުމަށާއި އެކަލޭގެފާނު ބަސްއައްސަވައިފިނަމަ ދެރަގޮތެއް ނުހައްދަވާނޭކަމަށް ވިދާޅުވުމުން އެކަލޭގެފާނު އިތުރަށް ހައިރާންވެވަޑައިގެންނެވިއެވެ. ޔޫސުފްގެފާނު އެކަލޭގެފާނުގެ ސާހިބާއާ ދިމާއަށް ހިނިވަރުނަކުރައްވާ ޝުކުރުއަދާކުރެއްވިއެވެ. އަދި އެމަނިކުފާނަށް ވަފާތެރިވުމަށް ވަޢުދުވެވަޑައިގަތެވެ.

ދިމާވި ހުރިހާ މުޞީބާތްތަކަކާއި ހިތަމާޔަކަށްފަހު އެންމެ ފުރިހަމަ މާނައިގައި ނޫންނަމަވެސް އެކަލޭގެފާނަށް ބޯހިޔާވަހި ކަމަކާއި އަޅާލުމެއް ލިބިވަޑައިގަތުމުން ޔޫސުފްގެފާނު ހިތްހަމަޖެހިވަޑައިގަތެވެ. އެކަލޭގެފާނު މާތް ﷲ އަށް ތަކުރާރުކޮށް ޝުކުރުކުރައްވައި ޙަޔާތުގެ ޢަޖާއިބުކަމާމެދު ފިކުރުކުރެއްވިއެވެ. މާދުރުނޫން މާޟީއެއްގައި އެކަލޭގެފާނު ފުން އަނދިރި ވަޅަކަށް އެއްލައިލެވުނެވެ. އެތަނުން ދިރިހުންނަވަނިކޮށް ސަލާމަތްވެވަޑައިގެންފާނެކަމާމެދު އުންމީދު ގެއްލުނެވެ. ނަމަވެސް އެވަޅުން އެކަލޭގެފާނު ސަލާމަތްކުރެވި އަޅުވެތިކަމުގެ ދަގަނޑު ހިލިހިލާ އެޅުވުނެވެ. އަދި މިހާރު ގަނޑުވަރެއްގައި ފަރިކުޅުއްވާނޭވަރަކަށް ފަރިކުޅުއްވައިގެން، މިނިވަންކަމާއެކު ހަރަކާތްތެރިވެ އުޅުއްވަންވީއެވެ. މިހުރިހާ އަރާމަކާއި ލައްޒަތެއްގެ ތެރޭގައި ވާއިރުވެސް ކޮންމެދުވަހަކު އެކަލޭގެފާނުގެ މައިންބަފައިންނާއި ކޮއްކޯފުޅު ބިންޔާމީންގެ އަރިހުގައި ވުމަށް ބޭނުންވެވަޑައިގެން ކީރިތި ކުރައްވައެވެ.

ޔޫސުފްގެފާނަށް ޖެހިވަޑައިގަތީ އިސްވަޒީރުގެ އަނބިކަމަނާގެ ޚާއްސަ ޚާދިމަކަށް ވެވަޑައިގަންނަވާށެވެ. އެކަލޭގެފާނު މިމަޤާމު ފުރިހަމަ ކިޔަމަންތެރިކަމާއެކު އަދާކުރެއްވުމުގައި ދެމިހުންނެވިއެވެ. އެކަލޭގެފާނުގެ ރިވެތި އަޚްލާގާއި ހެޔޮ މިޒާޖުގެ ސަބަބުން އެންމެންގެ ހިތްތައް އެކަލޭގެފާނަށް މިލްކުވެވަޑައިގަތެވެ. އެކަލޭގެފާނުގެ ރީތިކަމުގެ ވާހަކައަކީ ޝަހަރުގެ އެންމެންވެސް ދަންނަ އަދި ޢާންމުކޮށް ދެކެވޭ ވާހަކައަކަށް ވެއްޖެއެވެ. މީހުން އެކަލޭގެފާނަށް މުޚާޠަބުކުރަނީ އެމީހުންނަށް ފެނިފައިވާ އެންމެ ރީތި ފިރިހެނާގެ ގޮތުގައެވެ. އަދި އެމީހުން އެކަލޭގެފާނާ ބެހޭގޮތުން ޅެން ހަދައި އުޅުނެވެ.

އެކަލޭގެފާނުގެ ޠާހިރު މޫނުކޮޅުގައިވަނީ ސާފު ރީތިކަމެކެވެ. އެކަލޭގެފާނުގެ އެތެރޭގައިވާ ނަފްސާއި ހިތްޕުޅުގެ ޠާހިރުކަން މޫނުމަތިން ފާޅުވާ ފަދައެވެ. ޝަހަރުގެ ދުރު ހިސާބުތަކުން އެކަލޭގެފާނު ދެކިލުމަށް މީހުން އައިސް އުޅެއެވެ. އަދި އެންމެ ރީތި، އެންމެ މުއްސަނދި އަންހެން ކަނބަލުން ތިބީ އެކަލޭގެފާނު އެމީހުންގެ މިލްކަކަށް ވުމަށް އެދިއެދިއެވެ. ކަން މިހެން ހުރި ކަމުގައިވިޔަސް އެކަލޭގެފާނުގެ ކިބައިން ކިބުރުވެރިކަމެއް ނުވަތަ ބޮޑާކަމެއް ނުފެނެއެވެ. އެއާޚިލާފަށް އެކަލޭގެފާނަކީ އަބަދުވެސް ވަރަށް ސާދާ އަދި އަދަބުވެރި ބޭކަލެކެވެ.

ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް ޔޫސުފްގެފާނުވެސް ޖިސްމާނީ، ނަފްސާނީ އަދި ފިކުރީ ގޮތުން އިތުރަށް ފުރާފުރިހަމަވަމުން އާދެއެވެ. އެކަލޭގެފާނަށް ދުނިޔެއާއި ދުނިޔެކުރިމަތިކުރުވާ އެކިއެކި ކަންކަމާގުޅޭ ޙިކްމަތާއި ޢިލްމުދެއްވާފައިވެއެވެ. އެކަލޭގެފާނަކީ ދޫފުޅު ފަސޭހަ، މުޚާޠަބުކުރެވޭމީހާގެ ސަމާލުކަން އަތުލެއްވުމަށް ކުޅަދާނަ ބޭކަލެކެވެ. އަދި ނަފްސު ކޮންޓްރޯލްކުރައްވައި އަމިއްލަ އެދުންތައް މަތަކުރެއްވުމުގައި ނަމޫނާއެކެވެ. ނަތީޖާއެއްގެ ގޮތުން އެކަލޭގެފާނަކީ މީހުންގެ ޝައުޤު ދަމައިގަންނަފަދަ ހަރުދަނާ ޝަޚްޞިއްޔަތަކަށް ވެވަޑައިގެންފިއެވެ. އެކަލޭގެފާނުގެ ސާހިބަށް އެކަލޭގެފާނަކީ މާތް ﷲ އެމަނިކުފާނަށް ދެއްވާފައިވާ ނިޢުމަތެއްކަން އެނގިވަޑައިގަތެވެ. އަދި ޔޫސުފްގެފާނަކީ ތެދުވެރި، ހަރުދަނާ އަދި ކަންކަން ވަންހަނާކުރެއްވުމެއް ނެތި ވާހަކަ ދައްކަވާ ބޭކަލެއްކަން އެނގިވަޑައިގަތެވެ. މިސަބަބުތަކަށްޓަކައި ޔޫސުފްގެފާނަށް ކަމޭހިއްތަވައި އެކަލޭގެފާނަކީ ގަނޑުވަރުތެރޭ ކަންކަން ބަލަހައްޓާ އެންމެ އިސްފަރާތްކަމަށާއި އެމަނިކުފާނުގެ ދަރިއެއްގެ ގޮތުގައި ދެކިވަޑައިގަތެވެ.

އިސް ވަޒީރުގެ އަނބިކަމަނާ، ޒުލައިޚާ ޔޫސުފްގެފާނަށް ދަހިވެތިކަމާއެކު ލޯ އަޅުއްވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެކަމަނާ ފަރިއްކުޅުއްވަނީ އެކަލޭގެފާނާ އެކުގައެވެ. އެކަމަނާ ވާހަކަ ދައްކަވަނީ އެކަލޭގެފާނާއެވެ. އަދި އެކަލޭގެފާނު ދައްކަވާ ވާހަކަ އަޑުއައްސަވައެވެ. މިފަދައިން އެކަލޭގެފާނާއެކު ހޭދަކުރެއްވޭ ވަގުތު އިތުރުވަމުން އައިއައިހެން އެކަލޭގެފާނާމެދު ވިސްނެވުން ދިޔައީ އިތުރުވަމުންނެވެ.

ޔޫސުފްގެފާނު ގަނޑުވަރަށް ގެންނެވިތާ ވަރަށް ކުރީކޮޅު އެކަމަނާގެ ފިރިކަލުން އެކަމަނާއަށް މުޚާޠަބުކުރައްވާ ވިދާޅުވިއެވެ. "ލޯބިވާ އަނބިކަމަނާއެވެ! މިކުއްޖާފުޅުގެ ހުރުން ރަނގަޅުގޮތަކަށް ހަމަޖައްސަވާށެވެ! އެއީ މީނާ އަހަރެމެންނަށް މަންފާއެއް ކުރޭތޯއެވެ. ނުވަތަ އަހަރެމެން އޭނާ ދަރިއެއްކަމުގައި ހަދާނީއެވެ."

ކަންމިހެން އޮތް ކަމުގައިވިޔަސް ޔޫސުފްގެފާނަށް އެކަލޭގެފާނުގެ ދެވަނަ އިމްތިޙާނާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުގެ ވަޤުތު ކުޑަތަންވަނީއެވެ. އިސް ވަޒީރުގެ އަނބިކަމަނާ، ޒުލައިޚާއަކަށް ޔޫސުފްގެފާނުގެ ފިރިހެންވަންތަކަމުގެ ކުރިމަތީގައި ހިފަހައްޓައެއް ނުލެއްވުނެވެ. އެކަމަނާ އެކަލޭގެފާނާމެދު ހިތްޕުޅާވެ ދިވާނާވެވަޑައިންފައިވާ މިންވަރުން ރޭގަނޑު ހަމަ އެންމެލޮލު ފިޔައެއްވެސް ނުޖެއްސެވެއެވެ. ހަމަ ޔަޤީނުންވެސް އެކަމަނާއަކީ ރީތި ހުސްކުރައްވައި އިންނެވި ޙޫރެކެވެ. އަދި އެހާމެ ބުއްދިވެސް ގަދަމެއެވެ. އެހެންނޫންނަމަ މިޞްރުގެ އިސްވަޒީރު ޤައުމުގައި ރީތި އަންހެނުން ތިއްބާ އެކަމަނާ އިޚްތިޔާރު ކުރެއްވީސް ހެއްޔެވެ؟އެކަމަނާގެ ކިބައިން ބޭފުޅަކު ލިބިވަޑައިނުގަތަސް އެހެން އަންހެނަކާ ކައިވެނި ބައްލަވައިނުގެން އިސްވަޒީރު އެހުންނަވަނީ އެކަމަނާދެކެ ވެވަޑައިގަންނަވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.

ނަމަވެސް އެކަމާނާ އެފަދައެއް ނޫނެވެ. އެކަމަނާއަށް ހަމަ ޙަޤީޤަތުގައިވެސް ޔޫސުފްގެފާނުދެކެ ލޯބި ވެވިއްޖެއެވެ. އެކަމަނާ އިންތިހާ ދަރަޖައަށް ލޯބިކުރައްވާ މީހަކު އެހާގާތުގައި ވާއިރުވެސް އެމީހާއާލޯބިކޮށްލައްވާ، އަދި ކިއެއްތަ؟ އެންމެ ކުޑަމިނުން އޭނާގެ ގައިގައި ބީހިވެސްނުލެއްވޭތީ އެކަމާނާގެ ހިތްޕުޅުގައި ވޭން އަޅައެވެ. ނަމަވެސް އެކަމަނާއަށް ގޮތެއް ހުހެއް ނުވެއެވެ. އެކަމަނާގެ މަޤާމުގައިވާ މީހަކަށް ބޭނުންވާ ކޮންމެ މީހަކުވެސް ޙާޞިލްކުރެއްވިދާނެއެވެ.

މިއަދަކީ ޢާއްމުކޮށް ގަނޑުވަރުތެރޭ ހޭލަމޭލަވެ އުޅޭ ޚާދިމުން މަދު ހިމޭން ދުވަހެކެވެ. ޒުލައިޚާ ކަމަކު ޔޫސުފަގެފާނަށް ވިދާޅުވާ ވާހަކަ ގަނޑުވަރުގެ ޚާދިމަކު އައިސް ބުނުމުން ޔޫސުފްގެފާނު އެކަމަނާގެ އަރިހަށް ދިޔުމަށް އަވަސްވެޑައިގަތެވެ. އެކަމަނާގެ ކޮޓަރިކޮޅުގެ ދޮރުމަތީ މަޑުކުރެއްވުމަށްފަހު އެތެރެއަށް ވެދެވަޑައިގަތުމުގެ އިޒުނައަށް އެދިވަޑައިގަތެވެ. އެތެރެއިން ޖަވާބެއް ނައުމުން އެތެރޭގައި މީހަކު އުޅޭތޯ ބެއްލެވުމަށް އެތެރެއަށް ބޯދިއްކޮއްލެވިއެވެ. އެތެރޭގައި އެކަކުވެސް ނެތުމުން ހައިރާންވެވަޑައިގަތެވެ. ޒުލައިޚާ އެކަލޭގެފާނަށް ވިދާޅުވީ ގަނޑުވަރުގައި ނެތީސް ހެއްޔެވެ؟ އެކަމަނާ ކޮޓަރިކޮޅުގައި ނެތްތޯ ޔަޤީންކޮށްލެއްވުމަށް ކޮޓަރިކޮޅުގެ އެތެރެއަށް ވެންނެވިއެވެ.

ހީވީ ބަޑަށް ހާންތިވެފައިވާ، މިނިކާވަގެއް އޭތީގެ ޝިކާރައިގެ މައްޗަށް ޖެހިގެންހެންނެވެ. ދޮރު ފަހަތުގައި ޒުލައިޚާ ފިއްލަވާ ހުންނަވައި ޔޫސުފްގެފާނު ކޮޓަރިކޮޅަށް ވެންނެވުމުން ދޮރު ލެއްޕެވިއެވެ. އަދި ފަތަރާސީ ގޮތަކަށް ވަޑައިގެން އެކަލޭގެފާނުގެ ކުރިމަތީ ހުއްޓިވަޑައިގަތެވެ. ޔޫސުފްގެފާނު ސުވާލުން ފުރިގެންވާނަޒަރެއް އެކަމަނާއަށް އެއްލެވިއެވެ. އެކަމަނާ އެކަލޭގެފާނުގެ މިސުވާލުތަކަށް ޖަވާބެއްގެ ގޮތުން ކަތި ގޮތަކަށް އެކަލޭގެފާނަށް ބައްލަވާ ލެއްވުމަށްފަހު ތޫލި އަޑަކުން،ޖަޒުބާތީ ރާގެއްގައި،ވިދާޅުވިއެވެ. "އޭ ކުއްޖާފުޅާއެވެ! އަހަރެންގެ ގާތަށް އަންނާށެވެ!" ޔޫސުފްގެފާނަށް އެކަމަނާގެ މިނުބައި މަޤްޞަދު އެނގިވަޑައިގެން، މި ވެއްޓެވުނު އަނދަވަޅުގެ ފުންކަމާ ބިރުވެރިކަން ރޭކާލެއްވުމުން އަނެއް ފަރާތަށް މޫނު އަނބުރާލައްވާ ހަރުދަނާކަމާއެކު ވިދާޅުވިއެވެ. "ﷲ ގެ ރައްކާތެރިކަމަށް އެދެމެވެ. ޚިޔާނަތްތެރިވުމަށް ކަމަނާ ތިޔަ އެދިވަޑައިގަންނަވާ ބޭފުޅަކީ އަޅުގަނޑުގެ ސާހިބާއެވެ. އެފަރާތުން އަޅުގަނޑު ބަލަހައްޓަވާފައިވަނީ، މާތް ރަނގަޅު ގޮތަށެވެ. އަނިޔާވެރިންނެއް ނުދިންނަވާނެއެވެ." ނަމަވެސް އެކަމަނާގެ އެނުބައި ކަނު އެދުންވަނީ އޭގެ އުސްތުނބަށްއަރާ އެކަމަނާގެ ކަންފަތްޕުޅު ބީރުކުރުވާފައެވެ. އެކަމަނާ އެކަލޭގެފާނާ އެނުބައި އެދުމާއިގެން ކުރިމަތިލެއްވިއެވެ. އަދި ޔޫސުފްގެފާނަށްވެސް އެކަލޭގެފާނުގެ ގަދަކީރިތިވަންތަ ރަސްކަލާނގެ ދަލީލް ފެނިވަޑައިނުގެންނެވިނަމަ އެކަލޭގެފާނުގެ ހިތްޕުޅުވެސް އެކަމަނާއަށް ލެނބުނީހެވެ. އެކަމަނާއަކީ ރީތީގެ ގޮތުން އަދި ބުއްދީގެ ގޮތުންވެސް ދެރަ ބޭކަނބަލެއް ނޫނެވެ. ނަމަވެސް މާތް ﷲ ވަނީ އެކަލޭގެފާނު ޚިޔާރުކުރައްވައި މަތިވެރިކުރައްވައި މަޢުޞޫމްކުރައްވާފައެވެ. ނަމަވެސް އެކަލޭގެފާނު އެކަމަނާގެ މިއެދުމަށް އިންކާރުކުރެއްވުމުން އެކަމަނާގެ އެދުންވެރިކަންވީ ހަމައެކަނި އިތުރެވެ. އެކަލޭގެފާނު ބައްލަވަން ނުހުންނަވާ ދޮރާ ދިމާއަށް އަވަސްވެވަޑައިގެންނެވިއެވެ. އެކަމަނާއަށް މިތަން ފެނިވަޑައިގަތުމުން އެކަލޭގެފާނުގެ ފަހަތުން ދުވެވަޑައިގަތެވެ. އަދި ޣަރަޤުވަމުންދާ މީހަކު ދޯންޏެއްގެ މަތިކަންމަތީ ހިފަހައްޓާނޭ ފަދައިން އެކަލޭގެފާނުގެ ގަމީސްކޮޅުގައި އެކަމަނާ ހިއްޕެވިއެވެ. އަދި ދަންމަވާލި ދަންމަވާލީނުން އެކަލޭގެފާނުގެ ގަމީސްކޮޅު ވީދައިލައްވައި އެވީދައިގެން ދިޔަ ބައި އަތުގެ މުށުތެރެއަށް ލެއްވިއެވެ. އެހިނދު އެ ކޮޓެރީގެ ބޭރުންއައި ދެބޭކަލުންނަށްވެސް ދޮރާ ހަމައަށް އެރުނީ އެކުއެކީގައި ހެންނެވެ. ހަމައެވަގުތު ދޮރު ކުއްލިއަކަށް ހުޅުވުނެވެ. އޭރު ދޮރުކުރިމަތީ ހުންނެވީ އެކަމަނާގެ ފިރިކަލުންނާއި އެކަމަނާގެ ތިމާގެ ބޭފުޅެކެވެ. ވަގުތު ކަނޑައަޅުއްވަނީ ވެސް އެކަލާނގެއެވެ. ކަންކަން ތަޤުދީރު ކުރައްވަނީވެސް އެކަލާނގެއެވެ. އިލާހީ ޢަދުލުވެރިކަމުގެ ބޮޑުކަމާއެވެ.

ޔޫސުފްގެފާނު ދޮރު ހުޅުވާލެއްވިއިރު ފެނިވަޑައިގަތީ އެކަމަނާގެ ފިރިކަލުން ކުރިމަތީގައި ހުންނަވަނިކޮށެވެ. އެހީލަތްތެރި ކަމަނާ ވަގުތުން އަތްޕުޅުގައި އޮތް ވީދިފައިވާ ގަމީހުގެ ބައި ދައްކަވާލެއްވުމަށްފަހު ރުޅިވެރި ރާގެއްގައި އެކަމަނާގެ ފިރިކަލުންގެ އަރިހުން ސުވާލުކުރެއްވިއެވެ.

"ސާހިބާގެ އަނބިމީހާއަށް ނުބައި ކަމެއްކުރަން އުޅުނު މީހަކަށް، ޖަލުގައި ހައްޔަރުކުރުން، ނުވަތަ ވޭންދެނިވި ޢުޤޫބާތެއްދިނުން ފިޔަވައި އޮތީ ކޮން ޖަޒާއެއް ހެއްޔެވެ؟"

ފަޟީޙަތުގެ ކުރިމަތީ ޝައިޠާނާ ރާނާދޭ ފާރު ކިތައްމެހާވެސް ބަލިކައްޓެވެ. އެކަމަނާ އެތުހުމަތު ކުރައްވަނީ ޔޫސުފްގެފާނު އެކަމަނާގެ "އިއްފަތްތެރިކަމަށް" އުނިކަމެއް ދެއްވަން އުޅުއްވީ ކަމަށެވެ. ވިދާޅުވާ ކަހަލައެވެ. މިކަމުގައި ތިމަންކަމަނާއަކީ ޔޫސުފްގެ ޝަހްވާނީ އެދުންވެރިކަމުން އަނިޔާ ލިބިފައިވާ މަޢުޞޫމެކެވެ. ޔޫސުފްގެފާނު އެކަމަނާގެ މިބޮޑު ތުހުމަތާމެދު އަންތަރީސްވެވަޑައިންގެންވާ ޙާލުކޮޅު ސާބިތުކަމާއެކު އެކަމަށް އިންކާރު ކުރެއްވިއެވެ.

"ނުބައިކަންތަކަށް އަޅުގަނޑުގެ ކިބައިން އެދިލެއްވީ އެކަމަނާއެވެ."

ވަރަށް ނުތަނަވަސް ދަނޑިވަޅެކެވެ. ގަނޑުވެރުގެ ވެރިޔާ، އާދެ! ޢަޒީޒުގެ އަނބިކަނބަލުން ޒުލައިޚާގެ ބަސްފުޅާއި ގަނޑުވެރުތެރޭ ގެންގުޅޭ އަޅު ޔޫސުފްގެ ބަހެވެ. ޙިކުމަތްތެރި ޢަޒީޒު ހަނުހުންނަވައި އެކަމަނާގެ ތިމާގެ، ދެބެންގެ ދެދަރި ބޭފުޅާއަށް މި ހިނގާދިޔަ ގަބޫލުކުރަންދަތި ކަންތަކާއި އިވިގެންދިޔަ ހައިރާންކުރަނިވި ބަސްތަކާމެދު ގޮތެއް ނިންމެވުމުގެ ފުރުޞަތު ދެއްވިއެވެ. ޒުލައިޚާގެ ތިމާގެ، ދެބެންގެ ދެދަރި ބޭފުޅާ ވިދާޅުވިއެވެ.

"އޭނާގެ ގަމީސް ވީދިފައިވަނީ ކުރިމަތިންނަމަ އެކަމަނާ އެވިދާޅުވަނީ ތެދުފުޅެވެ. އަދި އޭނާވަނީ ދޮގުވެރިންގެ ތެރެއިންނެވެ. އަދި އޭނާގެ ގަމީސް ވީދިފައިވަނީ ފުރަގަހުންނަމަ އެކަމަނާ އެހައްދަވަނީ އިތުރުފުޅެކެވެ. އަދި އޭނާވަނީ ތެދުވެރިންގެ ތެރެއިންނެވެ. އޭ އަޅު ކުއްޖާއެވެ. ގަމީހުން ލައިގެން ތިހުރި ބައި އަހަންނަށް ބާލާފައި ދޭށެވެ."

އެކަމަނާ ބައްލަވަން ހުންނަވަނިކޮށް އެއްއަތުން އަނެއް އަތަށް ގަމީސް ދެވުނެވެ. މިކަމުގައި ހެކިވެރިއެއްގެ ދައުރު އަދާކުރައްވާ އެކަމަނާގެ ތިމާގެ، ދެބެންގެ ދެދަރި ބޭފުޅާ އެވީދައިގެން ގޮސްފައިވާގަމީސް ބެއްލެވުމުން ފެނިވަޑައިގަތީ ފަހަތުން ވީދިފައިވާތަނެވެ. ހެކިތަކުން ދައްކާގޮތުގައި ކުށްވެރިއަކީ އެކަމަނާއެވެ. އެކަމަނާޔާމެދު މާޔޫސްވެފައިވާ ޙާލުކޮޅު އެކަމަނާގެ ފިރިކަލުން އެކަމަނާއަށް ވިދާޅުވިއެވެ. "އެއީ ތިޔަ އަންހެން ކަނބަލުންގެ މަކަރުވެރިކަމުގެ ތެރެއިން ކަމެކެވެ. ތިޔަކަނބަލުންގެ މަކަރުވެރިކަމަކީ ބޮޑުވެގެންވާ ކަމަކެވެ." ދޮގުގެމައްޗަށް ނެގެހެއްޓުނު ޝައިޠާނީ ފާރު އެކީއެކައްޗަކަށް ބިންގަލާއެކު ރެނދުއަޅާ ބިމާހަމަވާން ނެގީ ހަމަ ކުޑަހިނދުކޮޅެކެވެ. ހާމަވީ އަދި ދެމިހުރީވެސް ޙައްޤެވެ.

އިންޞާފަށް ލޯބިކުރައްވާ ޙިކުމަތްތެރި ޢަޒީޒު ޔޫސުފްގެފާނުގެ އަރިހުން އެމަނިކުފާނުގެ އަނބިކަނބަލުންގެ ފަރާތުން މިހިނގައިދިޔަ ނޭއްގާނީ ޢަމަލަށް މާފަށް އެދިވަޑައިގަތެވެ. އަދި އެކަމަނާއަށްވެސް އެކަމަނާ އެކަލޭގެފާނާމެދު ކުރެއްވި ދޮގު ތުހުމަތަށް މާފަށް އެދިވަޑައިގަތުމަށް އިރުޝާދުދެއްވިއެވެ. އެމަނިކުފާނު ވިދާޅުވިއެވެ.

"އޭ ޔޫސުފެވެ. މިކަންތަކުން ދުރުހެލިވެ މިކަމުގެ ވާހަކަ އެހެންމީހުންގެ ގާތުގައި ނުދައްކާށެވެ! އަދި ކަމަނާވެސް ކުރި ކުށަށް އޭނާގެ ގާތުން މާފު އެދޭށެވެ. ކަމަނާވަނީ ކުށްވެރިންގެ ތެރެއިންނެވެ."

ގަނޑުވަރުތެރޭގެ މި ހާދިސާއެއް ވަންހަނާއެއް ނުވިއެވެ. ފާރުތަކުގެ ކަންފަތްތަކުން، ދޮރޯށިތަކުގެ ތުންތުންމަތިން، މަގުމަތީގެ ބާޒާރުތަކުގެތެރެއިން ލާފައި މިވާހަކަ މުޅި ޝަހަރަށް ޢާންމުވެއްޖެއެވެ. ޝަހަރުގައިތިބި ރީތިކަމާއި ޝުހުރަތާއި ޖާހުގެގޮތުން ނަގާކިޔާ އަންހެންތަކުންނަށް ޒުލައިޚާގެ މިޢަމަލުވީ އެކަމަނާއަށް ނުކަތާހާ ބޮޑު ފަޟީޙަތް ނިސްބަތްކޮށް، މަލާމާތް ރައްދުކޮށް އެކަމަނާގެ ނަން ވެއްޔާ މޮޑެލަން ލިބުނު ރަނުގެ ފުރުސަތަކަށެވެ.

"ޢަޒީޒުގެ އަނބިކަމަނާ އެކަމަނާގެ އަޅުކުއްޖާގެ ކިބައިން ނުބައިކަންތަކަށް އެދުނީއެވެ. އެކަމަނާގެ ހިތްވަނީ އެކުއްޖާގެ ލޯބިން ފުރިފައެވެ. އެކަމަނާ ވާކަމަށް،އަހަރެމެން ދެކެނީ ބަޔާންވެގެންވާ ފުރެދުމެއްގައެވެ."

ޒުލައިޚާއަށް މިވާހަކަތައް އިވިވަޑައިގަތުމުން ޠަބީޢީގޮތުން އެކަމަނާގެ ހިތްޕުޅު ނުތަނަވަސްވެގެންދިޔައެވެ. އެކަމަނާއަށް ޔަޤީންވާ ގޮތުގައި ޔޫސުފްގެފާނުހާ ރީތި ފިރިހެނެއްގެ އަވާގައި އަންހެނަކު ނުޖެހި ނުދާނެއެވެ. އެކަމުގައި އެކަމަނާއެއް އަދި ކިއެއްތަ؟ ކޮއިލުތެރޭ ބޭކަނބަލެއް ތަފާތެއް ނުވާނެއެވެ. އެކަލޭގެފާނުގެ ރީތިކަމުގެ ކުރިމަތީގައި އެކަމަނާގެ ނިކަމެތިކަންހުރި މިންވަރު އެއަންހެނުންނަށް އަނގައިދެއްވުމަށްޓަކައި އެކަމަނާ ރޭއްވެވީ އެކަމަނާއަށް ކުރިމަތިވި ފިތުނަވެރިކަން އެއަންހެނުންނަށްވެސް ކުރިމަތި ކުރުވާށެވެ. އެކަމަނާ އެމީހުންނަށް ވަރުގަދަވެގެންވާ ޖާފަތަކަށް ދަޢުވަތުދެއްވިއެވެ. އެއްވެސް އަންހެނަކު އިސްވަޒީރުގެ އަނބިކަމަނާއާ އެއްސުފުރާއެއްގައި ކެއުމުގެ ޝަރަފު ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ. އެމީހުން ދެކުނުގޮތުގައި މިއީ ޔޫސުފްގެފާނާ ސީދާ ބައްދަލުކޮށްލުމަށް ލިބޭނެ ރަނުގެ ފުރުޞަތެކެވެ. ދައުލަތުގެ ވަޒީރުންގެ އަނބިއަނބިކަނބަލުންގެ ތެރެއިން ޒުލައިޚާގެ ގާތް އެކުވެރިންވެސް އެކަމަނާގެ އަރިހުގައި ސަމާސާކުރައްވަމުން، ޔޫސުފްގެފާނު އެކަނބަލުންނަށް ތަޢާރަފުކޮށްދޭ ގޮތުގެ މަތިންނޫނީ އެޖާފަތަށް ވަޑައިނުގްނަވާނޭކަމަށް ވިދާޅުވިއެވެ.

 

(ނުނިމޭ)

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.